އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 12

މިސްކިތްތަކުގެ ބޯގަ އާއި ދަރިކޮޅުތައް

ކޯގަންނު މިސްކިތްތަކުގެ ވަގުފަކީ ހަމައެކަނި ވަކިބަޔަކު މަންފާ ލިބިގަތުމަށް އޮތް ވަގުފެއް ނޫނެވެ. މިސްކިތަށް ލިބޭ ރުއްގަސް ނުވަތަ މީދޫގައި ކިޔާގޮތަށް ކައްވަތަށް ލިބޭ ރުއްގަހުގެ މަންފާއިން މިސްކިތްތައް ބަލަހައްޓައި އާބާތުރަ ފިލުވައި ޚަރަދު ހިންގުމަކީވެސް މި ވަގުފުތަކުގެ އެއް ބޭނުމެވެ. ކުރީގެ ބާބުގައި ބަޔާން ކުރެވުނު ފަދައިން ކޯގަންނަކީ ބައެއްގެ ވަގުފު ބިމެކެވެ. އެހެންވީމާ އެ ބިން ބެލެހެއްޓުމަކީވެސް ކުރަން ޖެހިފައި އޮންނަ ކަމެކެވެ. މިގޮތުން ކޯގަންނުގެ ހަތް މިސްކިތް ބެލެހެއްޓުމާއި މަރާމާތުކުރުން ހަމަޖެހިފައި އޮތީ ތިރީގައި މިލިޔާ ގޮތަށެވެ.

ކޯގަންނު މިސްކިތުގެ ރުއް ބަހައި އުޅުނީ ފަސް ފުރާޅަށެވެ. ދެކުނު ފުރާޅު ކަޅު ކަމަނާރާއި އަބޫގެ ދޮން ހައްވާގެ ދަރީންނަށެވެ. އުތުރު ފުރާޅު ދޮރުތީބީގެ އަށާއި މާވަގެދަރަށެވެ. ހުޅަނގު ފުރާޅު އުހުނިއަރަށެވެ. އިރު ފުރާޅު ކެއުޅާރާއި ކަޅިހާރާއި ދެމީހުންގެ އައުލާދަށެވެ. މިއީ ތަންކޮޅެއް ފަހުގެ ކަޅިހާރާ އެކެވެ. އުތުރު ފުރާޅު ހެނެއިކަމަނާރަށެވެ. ކޯގަންނު މިސްކިތުގެ ދޮރުތަކާއި ދޮރާށިތައް ހެނެއިކަމަނާރުގެ ދަރީންނަށާއި ކެއުޅާރާއި ކަޅިހާރަށެވެ. އުތުރު އަށި މާވަގެ ދަރަށެވެ. ދެކުނު އަށި އަބޫގެ ދޮން ހައްވާގެ ދަރީންނަށެވެ.

ބޯދާ މިސްކިތުގެ ހުޅަނގު ފުރާޅު އުހުނިއަރަށެވެ. ދެކުނު ފުރާޅު ރަންފުތު ފަނޑިޔާރު ކަލޭގެފާނުގެ މަންމަ ދޮން މަރިޔާގެއަށެވެ. އިރު ފުރާޅު ކަޅިހާރާއި ކެއުޅާރާއި ދެމީހުންނަށެވެ. އުތުރުފުރާޅު ހެނެއިކަމަނާރަށެވެ. އިރުފުރާޅާއި ދޮރުއަށި ދޮންމަރިޔަމްބޫގެ ދޮން އަލީކަލޭގެއަށެވެ. އަނެއް އަށި މުލަކު ޚަތީބު ކަލޭގެއަށެވެ.

އަތަހަރާ މިސްކިތް ބެހިފައި އޮތީ ސާދަ ބަޔަށެވެ. ދޮން އީސާކިލެގެފާނާއި މާވަޑިތަކުރުފާނަށް ދެ ބައެވެ. އަނެއް ބާރަ ބައި އޮތީ މަސްމަހަށް ބަހަައިލައިފައި ކޮންމެވެސް އައުލާދަކަށް ކޮންމެވެސް އެއް މަހެއްގެ ނަފާއެވެ. މުހައްރަމް މަސް ފަންނިއަރު ދޮންއީސާ ކަލޭގެފާނަށެވެ. ސަފަރުމަސް މަރިޔަމް ބީފާނަށެވެ. ރަބީއުލްއައްވަލް މަސް މާވަޑި ތަކުރުފާނަށެވެ. ރަބީއުލްއާޚިރު މަސް ދޮންބީގެ މުހައްމަދު ޚަތީބު ތަކުރުފާނަށެވެ. ޖިމާދުލްއައްވަލް މަސް ދޮން އައިސާބީގެ ޚަތީބު އަލީ ތަކުރުފާނަށެވެ. ޖިމާދުލްއާޚިރާ މަސް ދޮންތަކުރުފާނަށެވެ. ރަޖަބު މަސް ސަންފާބީގެ އަލީ ތަކުރުފާނަށެވެ. ޝައުބާން މަސް މުލަކު ޚަތީބު ކަލޭގެފާނަށެވެ. ރޯދަ މަސް އަލީ ފަނޑިޔަތް ތަކުރުފާނަށެވެ. ޝައްވާލުމަސް އަބޫބަކުރު ޚަތީބު ތަކުރުފާނަށެވެ. ޒުލްގައިދާމަސް މުކުރި ކަލޭގެފާނަށެވެ. ޒުލްހިއްޖާ މަސް ކުޑައިބީފާނަށެވެ.

ކިލެގެ މިސްކިތް އެންމެފަހުން އާބާތުރަ ފިލުވީ އީސާ ހެމަތާރިކަލޭގެ އާއި އަޑަފިކަލޭގެ އާއި ދެމީހުންނެވެ. މި މިސްކިތުގެ ތަކެތި ބަހަނީ ހަތަރު ބަޔަށެވެ. އެއީ އީސާ ހެމަތާރިކަލޯ އަށް ދެ ބައި އަޑަފިކަލޭގެ އަށް ދެބައެވެ.
އަޑަފިކަލޭގެއަށްވީ ދެ ބައިން އެއްބައި ފަނޑިޔައް ކަލޭގެއަށެވެ. އަނެއްބައި ކުޑަރަނަހަމާދި ތަކުރަށެވެ. އީސާ ހެމަތާރިކަލޯ އަށް ވީ ދެ ބައިން އެއް ބައި ވައްލިއަރި މުރާދަކަލޭގެއަށެވެ. އަނެއްބައި ވައްލިއަރު ދޮންބުބޫ އަށެވެ.

އީސާ ހެމަތާރި ކަލޭގެ އަށް އުފަންދަރިއަކު ނެތެވެ. މި ކަލޭގެ ހެއި ބުއްދި ހަމަވެ ތަސައްރަފު ފުދޭ ހެޔޮ ހާލުގައި ހުރެ ބުނިކަމަށް ވަނީ ތިމަންނައަށް މިސްކިތުން ވީބައި ވަޅާއި އެނޫނަސް މިލްކުވެގެންވީ ކޮންމެ އެއްޗެއް މުރާދު ކަލޭގެއާއި ދޮންބުބޫއާ ދެމީހުންނަށް ދީފީމެވެ.

ދެށެނާމިސްކިތުގެ ވަނަވަރު ގުޅެނީ އާމިނާބީގެ ދެށެމިނާތަކުރުފާނާއެވެ. މިސްކިތުގެ ނަފާ ބެހިގެން ދިޔައީ މިތަކުރުފާނުގެ ދަރިކޮޅުމީހުންނެވެ. މި މިސްކިތުގެ ވެސް ބައިދީފައި އޮތީ ބާރަ ބަޔަށެވެ.

ކަޅިހާރި މިސްކިތް ބާވެ ނެތިގެންދާން ކައިރިވެފައިވަނިކޮށް ފަހުން ބިނާކުރެއްވީ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނާއި އެތަކުރުފާނުގެ މީދޫ ބަނޑު ތިން ފިރިހެން ބޭފުޅުންނެވެ. އެއަށްފަހު  މި މިސްކިތަށް ކިޔަނީ ފަނޑިޔާރު މިސްކިތެވެ. މިސްކިތުގެ ހުޅަނގު ފުރާޅު އައްނާއިބު އިބްރާހިމް ފަނޑިޔައް ތަކުރުފާނަށެވެ. ދެކުނުފުރާޅު އަހުމަދު ޝިހާބުއްދީން ނާއިބު ތަކުރުފާނަށެވެ. އިރުފުރާޅު ބޮޑު ފާތުމާފާނަށެވެ. އުތުރު ފުރާޅު ހުސައިން ފަނޑިޔާރު ތަކުރުފާނަށެވެ.
ފަނޑިޔާރު މިސްކިތުގެ ތިން އަށި ނުއުފަން ތިން ދަރިކަލުންނަށެވެ. އެތިން ދަރިކަލުންނީ ދޮންބުއި ނާއިބު ކަލޭގެފާނާއި ދޮން އީސާ ނާއިބު ކަލޭގެ ފާނާއި ދޮން ކަދީދާބޫ އެވެ.

ރާވެރީން މިސްކިތް ބަހާލެވިފައި އޮތީ ބާރަ ބަޔަށެވެ. އެއީ ހިޖުރީ ކޮންމެ މަހެއް ކޮންމެވެސް ދަރިކޮޅަކަށް ވާގޮތަށެވެ. ރޯދަ މަސް ކައްޓިޔަރި ދޮންމޫސާ ކަލޯއަށެވެ. ޝައްވާލު މަސް މީދޫ އީސާކަލޯއަށެވެ. މިކަލޯގެ ދަރިންނީ ބިއްދަރިގޭ ކޮއްޔާކަލޯ އާއި އެޅެދިޔަ އައިސާއެވެ. ޒުލްގައިދާމަސް ދޯބޮރާގެ މާލިމީއަށެވެ. ޒުލްހިއްޖާމަސް މާކޮޑާ އަދެއްލަ ކަލޭގެއަށެވެ. އަދެއްލަކަލޯގެ ދަރިންނީ ފައިވަޅު މުހައްމަދުގެ ދަރީންނެވެ. މިއީ އަބޮކޮރާގެ ދަރީންނެވެ. އަބޮކޮރާގެ ދަރިންނަކީ އަބޮކޮރާގެ ކައިދަގެ ހުސެންކަލޭގެ ދަރި އެދުރުއަލި ކަލޭގެ ދަރި ދޮހޮވާގެ ހަސަނާއެވެ.

ކިރުމާއި ފޮރުވުމުގެ އާދަ

ނަދުރު ބުނެގެން ކޯގަންނަށް އަންނަ ބީރައްޓެހިންގެ އަތުން ހަދިޔާ ބަދިޔާ ލިބުމުގެ އާދަ ފެށުނީވެސް އެދުވަސްވަރުއެވެ. ނަދުރު ބުނުމުގެ ތެރޭގައި ކިރުމާއި ފޮރުވުމާއި މިޒާތުގެ އެތައް ކަމެއް ހިމެނިގެންވިއެވެ. މީން ކޮންމެ ކަމަކީ އިހު ބަޔާން ކުރެވުނު ފަދައިން އަރަބި ކަރައިން އައިސްފައިވާ ޚުރާފާތުގެ އާދަތަކުގެ ތެރެއިން ހިމެނިގެންވީ ކަންކަމެވެ. ފަހުން މިއީ އިޖުތިމާއީ ދުޅަހެޔޮކަމާއި ގުޅިފައި އޮތް މަންފާ ކުރަނިވި ކަމަކަށް ވުމުން މިކަންކަން އިތުރަށް ދިރުވައި މިއީ ހެޔޮކަން ބޮޑުވެގެންވާ ކަމެއް ކަމުގައި ބަލަމުން އައެވެ.

މެދުޒިޔާރަތަށް ނަދުރު ބުނެގެން އަންނަ މީހުން މީދޫގެ ފަގީރުންނާއި މިސްކީނުންނަށް ސަދަގާތް ދީހަދައެވެ. ބަލި މީހާގެ ބުރަދަނާއި އެއްމިންވަރަކަށް ކާބޯތަކެތިން ސަދަގާތް ދެއެވެ. މެދުޒިޔާރަތާއި ކޯގަންނަށް ޒިޔާރަތްކުރާ މީހުން މައިގަޑު ގޮތެއްގައި ކުރާ އޮންނަނީ ދެ ކަމެކެވެ. އެއީ ފޮރުވުމާއި ކިރުމެވެ. ފޮރުވުމާއި ކިރުން އޮންނަނީ އާޝޫރާ ދުވަހުއެވެ. އާޝޫރާ ދުވަސް ފިޔަވައި ވަރަށް މަދުން އެހެން ދުވަސް ތަކުގައި ވެސް މިކަންތައް ކުރެއެވެ. އާޝޫރާ ދުވަހަކީ މުހައްރަމް މަހުގެ 10 ވަނަ ދުވަހެވެ. އާޝޫރާ ދުވަހަކީ އިސްރާއީލްގެ ދަރިން ފިރުއައުނުގެ އަނިޔާވެރިކަމުން ސަލާމަތް ކުރެއްވި ދުވަހެވެ. ހުސައިނުގެފާނު ކަރުބަލާގައި ޝަހީދު ކުރެވުނު ދުވަހެވެ.

ފޮރުވުމާއި ކިރުމުގައި އިސްކޮށް ހުންނަނީ މީދޫގައި އޭރަކު ހުންނަ ދީނީ އިލްމު ވެރިޔެކެވެ. އެމީހަކު ސަލަވާތްކިޔަވައި އެނޫންވެސް ހެޔޮ ތަކެތި ކިޔައި ހެދުމަށްފަހު ފޮރުވާ މީހެއްގެ ފޮރުވާން ޖެހޭ ގުނަވަނެއްގައި ފޮތިގަނޑެއް އަޅައި އެ ބައްޔަކުން ޝިފާ ދެއްވުން އެދި ދުއާ ކުރާނެއެވެ.

ފޮރުވުމަކީ ގުނަވަނަކަށް ބައްޔެއް ޖެހުމުން އެކަމުން ސަލާމަތް ވުމަށް އެދި ކުރާ ސަދަގާތެކެވެ. މި ކަން ކުރާގޮތަކީ ފޮރުވާ ގުނަވަނެއް ނިވައި ކުރެވޭ ވަރުގެ ތާހިރު ފޮތިގަޑެއް ހޯދައި ފޮރުވާ ގުނަވަނެއްގައި އެފޮތިގަޑު އަޅައި ނިވައިކުރުމެވެ. އެ ގުނަވަނެއް ނިވައި ކުރެވޭވަރަށް ފޮތިގަޑު ފަށްޖަހައި ގުނަވަނާއި އެއްވަރަށް ސައިޒު ކުރާނެއެވެ. ދެން ފޮތިގަޑު ބާއްވާނީ ޒިޔާރަތް މިސްކިތުގެ ފެންޑާގައެވެ. އެއަށްފަހު ފޮތިގަޑުގެ މަތީގައި ފޮޅި އަތުރައި ފޮތިގަޑު ނިވާކުރަނީއެވެ.

ފޮރުވުމަށް ބޭނުންކުރަނީ ވަކި ގޮތަކަށް ފިހެފައި ހުންނަ ފޮޅިއެވެ. މިއަށް ކިޔަނީ ފޮރުވާ ފޮޅިއެވެ. މިފޮޅި ހުންނަނީ ވަރަށް ތުނިކޮށް ފިހެފައެވެ. ވަށް ބުރަށް ހުންނަ ފޮޅީގެ ކުލައަކީ ރީދޫކުލައެވެ. އެފޮޅި އަކީ ހަނޑޫ މުގުރައިގެން ހަނޑުލުން ތައްޔާރުކުރާ އެއްޗެކެވެ. މި ފޮޅި ފިހެނީ ހަދެއްގައެވެ.

ނަދުރު ބުނެގެން މީދޫއަށް އަންނަނީ ބޮޑިބަތާއި ކަނދި އަދި ދޮންކެޔޮ ފަދަ ތަކެއްޗާއި އެކުގައެވެ. މަދުމަދުން ފައިސާ ވެސް ގެނެއެވެ. އެތަކެތި ހިފައިގެން ދަނީ ކޯގަންނު މިސްކިތަށެވެ. ކޯގަންނަށް ދާއިރު ރަށުގެ ދީނީ އިސްމީހަކު ހުންނާނެއެވެ. ކޯގަންނު މިސްކިތުގެ އިރު ދެކުނު ކަނާއި ދިމާލުގައި ކިރަން ބޭނުންކުރާ ދަގަނޑެއް ހުންނާނެއެވެ. މި ދަގަނޑު ހުންނަނީ ބިމަށް ޖަހާފައެވެ. ދަގަނޑުގެ މަތީން ހުންނަނީ ގުދު ކޮށް ފައެވެ. ދަގަނޑުގެ ކޮޅުގައި ބުޅިގަނޑެއް ހަރުކުރެވިފައިވެއެވެ.

ބޮޑުވެގެންވާ ތިލަފަތަކަށް މި ދަގަނޑު ހެދުމަށްޓަކައި ހުރަސް ދަގަނޑެއް އޮވެއެވެ. އެދަގަނޑު އޮންނަނީ ކޯގަންނު މިސްކިތުގެ ފެންޑާގައެވެ. ދަގަނޑުގެ ދެކޮޅުގައްޔާއި މެދުގައި ބޮޅުތަކެއް ހުރެއެވެ. ދަގަނޑުގެ މެދުގައިވާ ބޮޅު އަޅުވާނީ ބިމުގައި ޖަހާފައިވާ ދަގަނޑުގެ ކޮޅުގައިވާ ބުޅިގަނޑުގައެެވެ. ކިރާ މީހުން އައުމުން ޒިޔާރަތް މިސްކިތުގައި އޮންނަ ދަގަނޑު ނަގައި ބިމުގައި ހުންނަ ދަގަނޑުގައި އެލުވާނެއެވެ. އެ ދެދަގަނޑު ގުޅާލުމުން ފެންނާނީ ތިލަފަތެއްގެ ގޮތުގައެވެ.

ދަގަނޑުގެ އެއްކޮޅުގައި އެލުވާނީ އިށީދެގެން އިނދެވޭ ވަރުގެ ކުޑަ އުނދޯއްޔެކެވެ. ދެން އެ އުނދޯލީގައި ކިރަން އުޅޭ މީހާ ނުވަތަ ކުއްޖާ ބައިންދާނެއެވެ. ދަގަނޑުގެ އަނެއްކޮޅަށް އަރުވާނީ ކާބޯތަކެއްޗެވެ. އެތަކެތި ހުންނާނީ ބޮޑެތި ތަށިތަކަށް އަޅާފައި ފޮތިގަޑުތަކުން ބަނދެފައެވެ. ބަނދެފައިހުންނަ ތަކެއްޗަށް ބޮޚުސާއޭ ކިޔައެވެ. މިތަކެތި ދަގަނޑުގެ އެއްކޮޅަށް އަރުވައި އެކުއްޖެއްގެ ނުވަތަ މީހެއްގެ ބަރުދަނާ ހަމަވުމުން ކިރައި ނިމުނީއެވެ. ދެން އެތަކެތި ފަގީރުންނާއި މިސްކީނުންނަށް ސަދަގާތް ކުރަނީއެވެ.

ކޯގަންނުގެ ޚާއްސަކަން އުވުން

ކޯގަންނުގެ ޚާއްސަކަން އުވި ވަގުފުގެ އުސޫލުތައް މުގުރި ހަމަ ކޮންމެ އައުލާދެއްގެ ކޮންމެ މީހަކުވެސް ވަޅުލެވޭ އާއްމު ގަބުރުސްތާނަކަށް  ބަދަލުވީ މީލާދީން ނަވާރަސަތޭކައިގެ މެދުތެރޭގައެވެ. ކޯގަންނު ނޫން އެހެން ތަންތަނުގައި ރަށު މީހުން ވަޅުލުމުގެ ކަންތައް މުޅިން ނިމުމަކަށް އައީ 1970 ގެ އަހަރުތަކުގެ ތެރޭގައެވެ. ނަދުރު ބުނެގެން ބީރައްޓެހީން ކޯގަންނަށް ގޮސް ކިރުމާއި ފޮރުވުމުގެ އާދަ މުޅިން އުވިގެން ދިޔައީ 1990 ގެ އަހަރުތަކުގެ ތެރޭގައެވެ.

މިކަން މިމަގުން ހިގުމުގެ މައިގަޑު ސަބަބަކީ އާދަތައް ބަދަލުވުމާއި ވިސްނުން ބަދަލުވުމެވެ. މިއަދުގެ ކޯގަންނަކީ ރާއްޖޭގެ އެހެނިހެން ގަބުރުސްތާނުތަކެކޭ އެއްފަދައިން ޕަބްލިކް ގަބުރުސްތާނެކެވެ. މިތަނަކީ 800 އަހަރަށް ވުރެ ދިގު ތާރީޚެއް ލިބިގެންވާ ތަނެއްކަމާއި އޭގެ ތެރެއިން ބޮޑު ބައެއްގައި މިއީ ޕްރައިވެޓް ގަބުރުސްތާނެއްކަން ދެނެތިބީ މިކަމާއިމެދު ހޯދައި ބަލައި ފިކުރު ކުރާ ވަރަށް މަދުބައެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *