ބޮޑުހުޅާއި އެއިގެ މަޤްޞަދު

މާލޭ ގައި މަޝްހޫރު ބޮޑު ހުޅަކީ ޙަޤީޤަތުގައި ސިޔާސީ ހުޅެކެވެ. ބޮޑު ހުޅަކީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި ހެންވޭރުގޭ އަލް ވަޒީރު ޙަސަން ހަކުރާ މަނިކުފާނާ ދެމެދުގައި ހިނގި ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން އުފަންވި ބޮޑު ހުޅެކެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާފައެވެ.

ސުމުއްވުލް އަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އެއްގަމުގޭ އަލްއަމީރު ޙަސަންފާމުދޭރިކިލެގެފާނުންގެ ދޮންދީދީ އާ ކައިވެނި ބައްލަވައިގެން އެތަކެއްބޭފުޅުން ތިއްބަވަނިކޮށް ދޮންދީދީ ގަދަކަމުން ކިލެގެފާނު އަރިހުން ވަރިވެވަޑައިގެން ހެންވޭރުގޭ އަލް ވަޒީރު ޙަސަން ހަކުރާ މަނިކުފާނާ ކައިވެނި ބައްލަވައިގަތުމަކީ ވެސް މިދެބޭފުޅުންގެ ދެމެދުގައި މިފަދަ ހުޅެއް ރޯވުމަށް ދިމާވި ވަރަށް ވެސް މުނާސިބު ސަބަބެކެވެ.

ބޮޑުހުޅުގެ ކުރިން ދިވެހި ތަޚުތުގައި ރެދަލި ކުރައްވަމުން ވަޑައިގެންނެވީ ނޫރައްދީން ބަންޑާރައިންނެވެ. މި ރަދުންގެ އަނބިކަނބަލުންގެ ތެރޭގައި ހެންވޭރުގޭ އަލް ވަޒީރު ޙަސަން ހަކުރާ މަނިކުފާނުގެ ދަރިކަނބަލެއްވެއެވެ. މިގޮތުން ރަސްގެފާނާއި ހަކުރާ މަނިކުފާނާ ވަރަށް ގުޅުން ބޮޑެވެ. މީގެ ސަބަބުން ބޮޑު ވަޒީރުކަމުން އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ވަކިވެ ވަޑައިގަތުމަށް މަޖުބޫރުވިއެވެ. ބޮޑު ވަޒީރުކަމުން ވަކި ކުރެއްވުމުން ކިލެގެފާނު މާލޭގެ ރައްޔިތުންގެ ތާއީދާއި ހަވަރުގެ ތާއީދު ލިބިގެން ފެށި ޙަރަކާތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ނޫރައްދީނު ބަންޑާރައިން ރަސްކަމުން އަޒުލުކުރިއެވެ. އަދި އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުއްޘާނީ ރަސްކަމަށް އިސްކުރިއެވެ. މިހާ ހިސާބުން އަނެއްކާވެސް އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބޮޑު ވަޒީރުކަން ފެށުނީއެވެ.

އެއިރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރި ވަމުން އައީ މައިގަނޑު ދެޕާރޓީ އެކެވެ. އެއީ އަތިރީގޭ ޕާރޓީ އާއި ކަކާގޭ ޕާރޓީ އެވެ. އަތިރީގޭ ގައި ވެރިކަމާ ދެކޮޅަށް ސިއްރާއި ފައުޅުގައި ވާހަކަ ދެކެވެއެވެ. ކޮންމެއަކަސް މާގިނަ ދުވަސްތަކެއް ނުވެ މިފަހަރުވެސް އަލްއަމީރު އިބްރާހިމް ދޮށިމޭނާކިލެގެފާނު ބޮޑުވަޒީރުކަމުން ވަކި ކުރައްވައި އަލް އަމީރު މުޙައްމަދު ރަންނަބަނޑޭރިކިލެގެފާނަށް ބޮޑުވަޒީރުކަން ދެއްވުމުގެ ސަބަބުން ކަކާގޭ ޕާރޓީ މާ ބޮޑަށްވެސް ގަދަވެއްޖެއެވެ. މުޙައްމަދު ރަންނަބަނޑޭރިކިލެގެފާނަކީ ހެންވޭރުގޭ އަލް ވަޒީރު ޙަސަން ހަކުރާ މަނިކުފާނާ އެއްބައިގައި އުޅުއްވާ ބޭފުޅެކެވެ.

މީގެ ސަބަބުން އަތިރީގޭ ޕާރޓީން ސަރުކާރާ ދެކޮޅަށް ފައުޅުގައި ޙަރަކާތްތައް ފެށިއެވެ. އެހެން ނަމަވެސް ހަވަރާއި ރައްޔިތުން މިފަހަރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނުންގެ ބަސް ޤަބޫލެއްނުކުރިއެވެ. ނާއިބު ތުއްތުގެ ބަސް ޤަބޫލުކޮށް، ރައްޔިތުން މާ ރުހޭ ޕާރޓީއަކަށް ކަކާގޭ ޕާރޓީ އޮތީ ވެފައެވެ. މިސަބަބާހެދި އިބްރާހިމް ފާމުލަދޭރިކިލެގެފާނަށް ކީރިތި މަހާ ރަދުން ބަލިކުރެވޭނެ ގޮތެއްނުވުމުން އެންމެފަހުން އަތިރީގޭ ޕާރޓީން، އިބްރާހިމްފާމުލަދޭރިކިލެގެފާނުގެ އެކުވެރީންގެ ބަޔަކާއެކު މާލޭގައި ގަޑުބަޑެއް އުފެއްދިއެވެ. މިގޮތުން ވޯރާ ވިޔަފާރި ވެރީންނަށް އަނިޔާ ކޮށް ވަޅިއަޅައި ޒަޚަމްދީ، އެމީހުންގެ މުދަލަށް ގެއްލުން ފޯރުވައި ހެދިއެވެ. އެއަށް ފަހު މާލޭގެ އެކިތަންތަނުގައި ހުޅުޖަހަން ފެށިއެވެ. އެހެންކަމުން ތާރީޚުގައި މަޝްހޫރު ބޮޑު ހުޅުގެ ކޮމާންޑަރަކީ އަތިރީގޭ ސުމުއްވުލް އަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ.

ބޮޑު ހުޅު ފެށީ ބުޗާ ދޮންތުއްތު އެވެ. ބޮޑުހުޅު ފަށަންވެގެން އެންމެ ފުރަތަމަ ރޯކުރީ އޭނާގެ ގޭގައެވެ. އަދި މީގެ އިތުރުން، އޮރިޔާން ޙާލުގައި ތިބެގެން ނުފެންނަ ފަންޑިތަހަދައިގެން މާލޭގެ އެތައް ގެއެއް އަންދައި ހެދިއެވެ. މިކަމުގެ ސަބަބުން ބައެއް މީހުންވެސް އެނދިކަމުގައި ވިއެވެ.

ސިޔާސީ ކަންތައް ތަކުގައި ޖަހާ މިފަދަ ހުޅުތައް ރޯކުރާ މީހުން އަބަދުވެސް އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. އެއީ އެ ހުޅުގެ ސިޔާސީ ފައިދާ ހޯދުމަށްޓަކައެވެ. ހުޅު ރޯކުރުމުގެ ޙަޤީޤީ މަޤްޞަދަކީ ވެސް ސިޔާސީ ގޮތުން ދިމާވާ ހައިޖާނެއްގައި ރައްޔިތުންގެ ހަމްދަރުދީ ލިބިގަނެ ތިމާމެންނާ ދެކޮޅު މީހުންނާ މެދު، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމެވެ. މިއީ ކޮންމެ ޒަމާނެއްގައި ވެސް މިކަން ހިނގާ ގޮތެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!