ޚަލީފާ ހާރޫނުއްރަޝީދަށް ހަދިޔާކުރެވުނު ފިނިފެންމާގަހުގެ ވާހަކަ

ޚަލީފާ ހާރޫނުއްރަޝީދަށް ރޫމީންގެ ރަސްގެފާނު ޝާލިމާން ފޮނުއްވި ފިނިފެންމާގަހެއްގެ ވާހަކަ ވާރިދުވެފައި ވެއެވެ. އެ މަނިކުފާނު މިގަސް ޙަވާލުކުރެއްވީ އެ މަނިކުފާނުގެ ބަގީޗާބަލަހައްޓާމީހާއާއެވެ. ޙަވާލުކުރެއްވުމަށްފަހު ވިދާޅުވީ ފަރުވާތެރިކަމާއެކު މިގަސް އިންދުމަށްފަހު، ފުރަތަމަ އަޅާ ފިނިފެންމާ އެ މަނިކުފާނަށް ގެނެސް ދެއްވުމަށެވެ. ބަގީޗާބަލަހައްޓާމީހާ މިގަސް ގެންގޮސް ފަރުވާތެރިކަމާއެކު ބަގީޗާގެ އެންމެ ރީތި ހިސާބުގައި އިންދިއެވެ.

ޖެހިގެން އައި ދުވަހު ކާޅެއް އައިސް މިގަސް ކާލައިފިއެވެ. ތުރުތުރުއަޅާ ހާލު، ބަގީޗާބަލަހައްޓާމީހާ މި ޚަބަރު ޚަލީފާ ހާރޫނުއްރަޝީދަށް އަރުވައިފިއެވެ. އެމަނިކުފާނު ބަގީޗާބަލަހައްޓާ މީހާ ކައިރީ ވިދާޅުވީ ކަންބޮޑު ނުވުމަށެވެ. އެކަމުގެ ސަބަބުން ކާޅަށް ލިބޭނެ އަދަބަކީ ގަހުގެ އަޖަލު ކާޅަށް ވެސް މެދުވެރިވުމެވެ.

މަދު ދުވަސްތަކެއްގެ ފަހުން ހަރުފައެއް އައިސް ކާޅު މަރާލައިފިއެވެ. ބަގީޗާބަލަހައްޓާމީހާ މިޚަބަރު ގެންގޮސް ޚަލީފާއަށް އަރުވައިފިއެވެ. މިއަޑު އައްސަވާފައި އެމަނިކުފާނު އަނެއްކާ ވެސް ވިދާޅުވިއެވެ. ހަރުފައިގެ އަޖަލަކަށް ވާނީ ވެސް ހަމަ ކާޅަށް ދިމާވިގޮތެވެ.

އަނެއްދުވަހު ބަގީޗާބަލަހައްޓާމީހާ ބަގީޗާތެރޭ މަސައްކަތް ކުރަނިކޮށް ހަރުފަ ފެނުނެވެ. ހަރުފަ ފެނުމުން އޭނާ އެތަނުން ކޯރާޑިއެއް ނަގައި ހަރުފައިގެ ގައިގާ ޖަހުމުން އޭތި މަރުވެއްޖެއެވެ. މިފަހަރުވެސް ޚަލީފާ ވިދާޅުވީ އޭނާގެ އަޖަލަކަށް ވާނީވެސް ހަރުފައަށް ދިމާވިގޮތް ކަމެވެ.

ދުވަސްކޮޅެއްފަހުން ބަގީޗާބަލަހައްޓާމީހާއަށް ކޮންމެވެސް ކުށެއް ކުރެވިގެން ޖަލައް ލެވުނެވެ. ޖަލުގައި ބެހެއްޓުމަށް ފަހު އެކުށުގެ އަދަބެއްގެ ގޮތުން ކަނޑައެޅިފައިވަނީ އޭނާ ދަންޖެއްސުމަށެވެ. ދަންޖެއްސުމަށް ހަމަޖެހިފައިވާ ދުވަހު، އޭނާ ޚަލީފާ ހާރޫނުއްރަޝީދާ ބަދަލުކޮށް ދެއްވުމަށް އެދުނެވެ.

ބައްދަލުވުމުން އޭނާ ޚަލީފާއަށް ހަނދުމަކޮށް އެރުވީ ގަހަށް ދިމާވިގޮތާއި، ކާޅުގެ އަޖަލު ނިމިގެން ދިޔަގޮތާއި، އަދި ހަރުފައަށް ދިމާވި ގޮތެވެ. އެހެންކަމުން އެމަނިކުފާނު ވެސް އެފަދަ އަޖަލެއް ޖެހިވަޑައިގަތުމަށް ބޭނުންފުޅުނޫންނަމަ އޭނާއަށް މަޢާފްކޮށް ދެއްވުމަށެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!