އަތިރަގޭ އަލިމަނިކުފާނުގެ އޮޑީގެ ފަހުދަތުރާއި ބޮޑުޖަގަޑާ 7

ގެ ތަޅައިލި މަންޒަރު

ގެއަށް ހަމާލާދިނީމާ އަލިމަނިކުފާނަށް ވަފާތެރި މީހުންގެ ތެރެއިން ދޮންބީގެ އިބިރިހިންމަނިކާ އާއި ހަސަންބާގެ މުހައްމަދުފުތާގެ ހިތްވަރުން ކުޑައިރުކޮޅަކަށް މިހަމަލާތައް އޮބަހައްޓައިގެން ދިފާއުކުރިއެވެ. މިތަން ދެކޭން ގަނޑުވަރު ކަލޯބެއްޔާ ހުރެފައި މޮޅު ތަދުބީރެއްކޮށް އިބިރިހިންމަނިކާގެ ފުރަގަހުން އޭނާގެ ގައިގައި ބައްދައި މައިތިރިކޮށްފިއެވެ. އެވަގުތު އެހެން ބަޔަކުގޮސް އަވަސްއަވަހަށް އިބިރިހިންމަނިކާ ބަނދެލައިފިއެވެ. ހަސަންބާގެ މުހައްމަދުފުތާ ވެސް މައިތިރިކުރީ މިގޮތަށެވެ. އެދެމީހުން ބަނދެވުނީމާ ދެން ގެ ތެޅުމަށް ހުރަސްއަޅާނެ ފަހުލަވާނަކު ނެތެވެ.

އެހިސާބުން ވާދޫގެ މޫސާކަލޯ ހެދިގޮތަކީ ފުންމައިގެންގޮސް ގޭގެ ފުރާޅު މައްޗަށް އަރައި އީޓުތައް ތަޅަންފެށީއެވެ. މިތަން ދެކޭން ތިބި މީހުން މޮލަކީ ބޭ ކުރި ކަމަކީ އީޓު ތަޅައި ނިންމާލީއޭ ކިޔައިގެން ލަވަ ކިޔަމުން ގެންދިޔައެވެ. ލަސްތަކެއްނުވެ ގެ ތަޅައި ބިމާއި ހަމަކޮށްފިއެވެ. ބަދިގެ އަންދައިލީއެވެ. މިކަން ހިގިއިރު އަލިމަނިކުފާނުގެ ކުދިންގެ ތެރެއިން މުހައްމަދު ވަހީދު ފިޔަވައި ހުރިހާ ކުދީން ދިރިއުޅުނީ އެކުދިންގެ މާމަ ކައިރީގައި ފަޅަގަނޑިގޭގައެވެ. އޭރު ވަހީދާ، އިބްރާހިމް ވަހީދު، އަހުމަދު ވަހީދު، އަބްދު ﷲ ވަހީދު އަދި ހަފުސާ މިއެންމެހައި ކުދިން މީދޫގައި ތިއްބެވެ.

އަލިމަނިކުފާނުގެ އަންހެނުން ފާތުމައިދި ދިރިއުޅެނީ އަލިމަނިކުފާނުގެ ގޭގައެވެ. ގެ ތަޅާލަން ވަދެ ފާތުމައިދި ނަމާދުގޭގައި ކިޔަވަން ހުއްޓާ ގަދަބާރުން މަގުމައްޗަށް ނެރުނީ އިސްމެހެލިކަލޭގެ އަހައްމަދާއެވެ. ގެ ތަޅައިލުމުގެ ކުރިން ތަށްޓާއި އަންނައުނާއި އެބާވަތުގެ ތަކެތި އުކައިލުމުގެ ބުރެއްވެސް ދިޔައެވެ. ރަން ހުރިކަން އެގޭތީ އެތަކެތި ފެނޭތޯވެސް އުޅުނެވެ. އެކަމަކު މިފަދަ ދުވަހެއް އަތުވެދާނެކަމަށް އަލިމަނިކުފާނު އަބަދުވެސް ގަބޫލުކުރާތީ ރަންރިހީގެ ޖަމާ ހުރީ އަމާނާތެއްގެ ގޮތުން ހުޅުދޫ އެޅެހިށިގޭ އަބްދުލް މުހުސިނާއި ހަވާލުކޮށްފައެވެ.

އަނިޔާވި މީހެއްގެ ވާހަކަ

ރައްޔިތުން ނުކުމެ މިކަމެއް ކުރިއިރު އޭގެތެރެއިން އެންމެ އިސްކޮށް ހުރިކަމަށް ގިނަ މީހުން ބުނާ މީހަކީ އެޅެބެއްޔާގެ އަބްދުﷲ ދީދީއެވެ. މިދީދީގެ ކޮއްކޮ އެޅެބެއްޔާގެ ހަސަންދީދީ އޭނާގެ އަންހެނުން ތުނޑާގެ ފާތުމައިދި ގޮވައިގެން ނުކުމެ ހުރީ މަންޒަރުދެކޭން ބަނޑިހިގޭ އިބުރާގެ ކުރިމަތީން ދުރުގައެވެ. އޭރު އެދެމަފިރީންގެ ދޮށީ ދަރިފުޅު ޖުނައިދަށް ފާތުމައިދި އިނީ ބަލިވެއެވެ. މިހެންތިއްބައި އިސްމެހެލިކަލޭގެ އަހައްމަދާ އައިސް ބުންޏެވެ. މިތަނުގައި ހިމޭނުން ހުންނަންޏާ އެއީ ރައްޔިތުންނާއި ދެކޮޅު މީހެކެވެ. ތިމަންނާއަކީ ރައްޔިތުންނާއި ދެކޮޅު މީހެއްނޫނޭ ހަސަންދީދީ ހަމަ ބުނުމާއެކު އޭނާގެ އަތުގައި ހިފާފައި ދަމަމުން އަލިމަނިކުފާނުގެ ގެއަށް ވައްދައިފިއެވެ.

އޭރު ގޭގެ ފާރެއް ވައްޓާންވެގެން ބަޔަކު ދަގަނޑުހޮޅިއެއްގައި ހިފަހައްޓައިގެން ތިއްބެވެ. ހަސަންދީދީ ގޮސް ހިފީ ހޮޅީގެ ކޮޅުގައެވެ. މިހިފުމެއް ހިފިތަނާ ފާރުގެ ބައެއް މަތިން ލުހިގެންއައިސް ހޮޅީގެ އަނެއް ކޮޅުގައިޖެހި ހަސަންދީދީ ހުރިކޮޅު މައްޗަށް އެރި ވަގުތު ޖެހުނީ އެދީދީގެ ކަންކަށިމަތީގައެވެ.

ހަސަންދީދީއަކީ އަލިމަނިކުފާނުގެ ގެ ތެޅުމުގެ ތެރޭގައި އަނިޔާ ލިބުނު ހަމައެކަނި މީހާއެވެ. ހަސަންދީދީއަށް ލިބުނީ ވަރަށްވެސް ބޮޑު އަނިޔާއެކެވެ. ހެއެއްވެސް ނެތެވެ. ވަގުތުން ނަގައިގެން ދިޔައީ އަންހެނުންގެ ގެއަށެވެ. ހަސަންދީދީ ހޭއެރި ވަގުތު އޭނާގެ ބޭބެ އެޅެބެއްޔާގެ އަބްދުﷲދީދީ ކައިރީގައި ހުއްޓެވެ. އޭނާ ކުރެން ހަސަންދީދީ ސުވާލު ކުރިއެވެ. އަލިބެއްޔާގެ ގެ ތަޅައިލަން އަހަރެން ދިޔައިން ހެއްޔެވެ. އަސްތާ ކޮއްކޯއޭ ތިޔަޒާތުގެ ވިޔާނުދާ ވާހަކަ ނުދައްކައި ހިމޭނުން އޮންނާށޭ ބުނެ އަބްދުﷲ ދީދީ ޖަވާބު ދީފިއެވެ. ހަސަންދީދީގެ ދަތްޕިލާ އޭރު އޮތީ ފުނޑުފުނޑު ވެފައެވެ. މި ޒަޚަމްތަކުން ފަސޭހަވީ ގަމުގެ ހަސްފަތާލަށް ގޮސްގެން ވަރަށް ގިނަ ދުވަހުންނެވެ.

ދުނިޔޭގެ ކަން ހިނގާ މަގަކީ މިއެވެ. މި ހަސަންދީދީ ފަހުން ދިރިއުޅުނީ އަލިމަނިކުފާނުގެ ވަހީދާއާއި ކައިވެނިކޮށްގެން އެގޭގައެވެ. އަލިމަނިކުފާނުގެ ގޭގައެވެ. މިހައިރު އެހުރި ގެޔަކީ ކުރީގެ ގެ ތަޅާލުމުން ފަހުން ރާނައި ފައްކާކުރި ގެއެކެވެ. ހަސަންދީދީގެ 8 ކުދިންގެ ތެރެއިން ހަގަށްތިބި ފަސް ކުދިންގެ މާފަޔަކީ އަލިމަނިކުފާނެވެ.

ވާހަކަ ނިންމައިލުން

އަލިމަނިކުފާނު ދެކެ މީދޫ ރައްޔިތުން އައި ރުޅިއަކީ ހައްގު ރުޅިއެކެވެ. އެކަން އަލިމަނިކުފާނުވެސް ގަބޫލު ކުރިއެވެ. އަލިމަނިކުފާނު ކަންތައް ކުރިގޮތުން މީދޫގެ ޒުވާނުންގެ ތެރެއިން ދެމީހަކު މަރުވެ އިތުރު އެތައް ބަޔަކަށް އޮތީ އަނިޔާ ލިބިފައެވެ. އެއީ ނުވާކަމަކަށް ހެދޭނެ ގޮތެއް ނެތެވެ.

އަލިމަނިކުފާނުގެ ގެ ތަޅައިލުން ރަށުފެންވަރުގައި ވެސް އަދި އަތޮޅު ފެންވަރުގައިވެސް ވެގެންދިޔައީ ބޮޑު މައްސަލައަކަށެވެ. ދެށިނާގެ އިބްރާހިމްދީދީ ބޭނުންވީ މިކަން ސުވާދީބު ސަރުކާރުން ތަހުގީގު ކުރުމަށެވެ. ނާފިޒުވެސް އެގޮތް ބޭނުންވެއެވެ. އެއީ ފެންނާމަނިކުފާނުގެ އަތެއް އޮތްކަން ސާބިތުކޮށްދިނުމަށެވެ. ކޮންމެއަކަސް އެކިމީހުން މިފަދަ ތަހުގީގަކަށް އެދޭން ފެށީމާ ސުވާދީބުގެ ރައީސް އަބްދުﷲ އަފީފު މީދޫއަށް ތަހުގީގު ޓީމެއް ފޮނުއްވައިފިއެވެ. މި ޓީމުގެ ވެެރިޔަކީ ހުޅުދޫ ބޮޑު އިބިރިހިންބެއްޔާގެ އަހައްމައިދިއެވެ.

އަހައްމައިދީގެ ތަހުގީގަށް ފެންނާމަނިކުފާނުވެސް ހާޒިރުކުރިއެވެ. ފެންނާމަނިކުފާނުގެ ޖަވާބަކީ އޭނާގެ ބައިވެރިވުމެއް ނެތްކަމަށާއި ރައްޔިތުން ކުރި ކަމެއްކަމަށެވެ. މިއަޑު އިވިފައި އަހައްމައިދި ބުނިކަމަށް މަޝްހޫރުވެގެންވެއެވެ. ތިޔަވާހަކަ މިހިރަ ލަކުޑި މޭޒުވެސް ގަބޫލެއް ނުކުރާނެއެވެ. ކޮންމެއަކަސް މިކަމުގައި އެއްވެސް މީހަކު ކުށްވެރިއެއް ނުވިއެވެ. ތަހުގީގުން ނިންމީ ރައްޔިތުންގެ އަމަލެއްކަމުގައެވެ. އެކަމަކު އެޅެބެއްޔާގެ އަބްދުﷲ ދީދީ އާއި ހަސަންކާރި މުހައްމަދު ވަހީދު އެހެން މައްސަލައެއްގައި ކުށްވެރިވެގެން ހިތަދުވަށް ގެންދިޔައެވެ. އެމީހުންގެ ކުށަކީ ހުކުރު ޚުތުބާކިޔާން ދެށިނާގެ އިބްރާހިމްދީދީ މިންބަރުގައި އިންދައި އޭނާ އެތަނުން ބޭލުމެވެ.

އަލިމަނިކުފާނަކީ ރަށުގެ ވެރިމީހާގެ ދަނބިދަރިއެވެ. އެހެންވެ އޭނާގެ ފުރާނަޔަށް ރައްކާތެރިކަން ލިބުނެވެ. އެރައްކާތެރިކަމަކީ ދެށިނާގެ އިބްރާހިމްދީދީ އާދޭސްކޮށްގެން އަފީފު ވަޑައިގެން އަލިމަނިކުފާނު ހިތަދޫއަށް ގެންދެވުމެވެ. މީދޫގެ ޖަގަޑާ މައިތިރިވަންދެން އަލިމަނިކުފާނު ހުރީ ހިތަދޫގައެވެ. މި ގެންދެވުމެއް އަފީފު ނުގެންދެވިނަމަ މީދޫ ރައްޔިތުން ތިބީ އަލިމަނިކުފާނުގެ ދުވަސް ދުއްވައިލާ ގޮތަށެވެ.

ގެ ތަޅައިލިކަމަށް ވިޔަސް ފުރާނަ ސަލާމަތްވުމުން އަލިމަނިކުފާނު ހުރީ އުފަލުންނެވެ. މިކަމަކީ ފުރާނަ ސަލާމަތްވުން ދުރު ނުރައްކާތެރިކަމުގެ ކޮޅުނެތްކޮޅުގެ ހާދިސާއެއްކަން އަލިމަނިކުފާނަށް ކަށަވަރުވެގެންވެއެވެ. އަލިމަނިކުފާނުގެ ގެ ރައްޔިތުން ނިކުމެ ތަޅައިލީމާ އެކަން ފެންނާމަނިކުފާނުގެ ބޮލުގައި އެޅުވުމަށް އޭނާގެ ކޮއްކޮ ނާފިޒު މަސައްކަތް ކުރިކަން ސާބިތުވެއެވެ. މިކަން ސާބިތުވަނީ ނާފިޒު މާލެއަށް ފޮނުވާފައިހުރި ސިޓީތައް ފަހުން ފެނުމާއި އެސިޓީތަކުގައިވާ މައިގަޑު ވާހަކަ އޭރު މާލޭގައި ނެރޭ ވިޔަފާރި މިއަދު ނޫހުގައި ޝާއިއުކޮށްފައިވާތީ އެވެ.

އަލިމަނިކުފާނުގެ އޮޑިއަށް ވީގޮތަކީ މިދަތުރު ނިންމާފައި ހުޅުދޫ ބަނދަރުގައި ދުވަސްކޮޅަކު ބޭއްވުމަށްފަހު ހުޅުދޫއަށް އެހެލީއެވެ. އޮޑި ހަލާކުވެ ނެތިގެން ދިޔައީ އެގޮތަށް އެހެލާފައި ހުއްޓައެވެ. މިހާދިސާއަށްފަހު އެއްވެސް އުޅަނދެއް ނުދުއްވައި ވަރަށް ގިނަޒަމާން ވުމަށްފަހު އަލިމަނިކުފާނުގެ މުސްކުޅި އުމުރުގައި އައުބޯޓެއް ބަނދެގެން އައްޑުވާއި މާލެއާ ދެމެދު ދުއްވިއެވެ. ނަމަކީ ފެރީބޯޓެވެ. މިބޯޓު ދުއްވުމުގައި އިސްކޮށް އުޅުނީ އަލިމަނިކުފާނުގެ ގެ ތަޅައިލުމުގެ ތެރޭގައި އަނިޔާވި އެޅެބެއްޔާގެ ހަސަންދީދީއެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!