އަތިރަގޭ އަލިމަނިކުފާނުގެ އޮޑީގެ ފަހުދަތުރާއި ބޮޑުޖަގަޑާ 3

ސިލޯނުގައި ތިއްބައި ލިބުނު ޚަބަރު

ސުވާދީބު ޖުމްހޫރިއްޔާގެ ނަމުގައި ހިތަދޫ އަބްދުﷲ އަފީފު އިސްކޮށް ހުރެގެން އިނގިރޭސީންގެ މަދަދާއެކު އައްޑޫގައި އައު ދައުލަތެއް އުފެއްދިކަމުގެ ޚަބަރު ލިބުނީ އޮޑީގެ މީހުން ސިލޯނުގެ ގާލީގައި ތިއްބައެވެ. މި ދައުލަތެއް އިއުލާންކުރީ 3 ޖެނުއަރީ 1959 ގައެވެ. މިޚަބަރު ލިބުނީ ރާއްޖެއަށް ފުރާން ތައްޔާރުވެގެން ތިއްބައެވެ. އޭރު އަލިމަނިކުފާނުގެ ޚިޔާލުހުރީ މާލެއަށް ޖައްސާލާފައި އައްޑުވަށް ދިއުމަށެވެ. އަލިމަނިކުފާނުގެ ކުއްޖަކު މާލޭގައި ކިޔަވާންހުރެއެވެ. އެހެންވީމާ ކޮންމެހެންވެސް މާލެއަށް ދާން އަލިމަނިކުފާނު ހުރީ ބޭނުންވެގެންނެވެ.

އޮޑީގައި ދެންތިބި މީހުން މިގޮތާއި އެއްބަހެއް ނޫނެވެ. މާލެއަށް ނުދާން އެމީހުން ބޭނުންވާ އޮތީ ދެސަބަބެކެވެ. ސިލޯނުން ވިޔަފާރިކޮށްގެން އެނބުރި ރާއްޖެދާ އޮޑިފަހަރުން އެދުވަސްވަރު އޮބިނޯންނަވަރަށް ޓެކްސް ނަގާތީ މާލެއަށް ހިގައްޖެނަމަ ރަށަށް ގެންދާނޭ އެއްޗެއް ނުހުންނާނޭކަން ކަށަވަރުވުމަކީ އެއްސަބަބެވެ. އަނެއްސަބަބަކީ ސުވާދީބުގެ ނަމުގައި ދައުލަތެއް އުފެއްދީމާ އައްޑޫން މިގޮތަށް މާލެއަރާބަޔަކަށް ބޮނޑިއެއް ލިބުމުގެ ބިރެވެ. މިވާހަކަ މިގޮތަށް ދައްކައިގެން މާލެއަށް ނުގޮސް ސީދާ އައްޑުވަށްދާން އަލިމަނިކުފާނު އެއްބަސްކުރުވައިފިއެވެ. މިނޫންގޮތަކަށް އަމަލުނުކުރާނޭކަމަށް ހުވާވެސް ކުރުވައިފިއެވެ.

ރާއްޖެ އާދެވުން

އަލިމަނިކުފާނުގެ ހުވަޔަށްފަހު ސިލޯނުން ފުރައިގެން ދަތުރުކޮށްފައި އައިސް ހަފުތާއެއްފަހުން ރާއްޖޭގެ ސަރަހައްދަށް އާދެވިއްޖެއެވެ. އޭރު ވައި ހިނދި އޮޑީގެ ދުވެލި މަޑުވެއްޖެއެވެ. ހަތްވަނައަށް ވީދުވަހު އިރުއޮއްސޭން ކައިރިވެފައިވަނިކޮށް ރަށެއް ފެނިއްޖެއެވެ. ކޮންތަނެއްތޯ ބަލަން ކުނބަށްއެރި މީހާ ބުންޏެވެ. ވަކި ރަށެއް ނޭގެއެވެ. ވަކިރަށެއް ބަލައިލަން ކައިރިކުރަމާ ބަހީއެވެ. އިރުއޮއްސުނުއިރުވެސް އެއީ ކޮންރަށެއްކަން ނޭގުނެވެ. އިރުއޮއްސި އަނދިރިވުމުން ރަށުގެ މަލަމަތިން ބައްތިއެއްގެ އަލި ފެނެއެވެ.

މިހިސާބުން އޮޑީގެ ތެރޭގައި ހަލަބޮލިކަން އުފެދިއްޖެއެވެ. އެއްބަޔަކު ބުންޏެވެ. ތިޔައީ މާލެއެވެ. އަނެއްބަޔަކު ބުނެއެވެ. ތިޔައީ ފޮއްތެޔޮމުލި ކަމަށްވެސް ވެދާނެއެވެ. ފޮއްތެޔޮ މުއްޔަކީ ވ. އަތޮޅު އިރުމަތީ ފަރާތު ފަރެވެ. މިއީ ކޮންމެ ތަނެއްކަމަށްވިޔަސް ވަރިހަމަކޮށްފައި އޮޑި ދުއްވީ އެދިމާލަށެވެ. މިގޮތަށް ދުއްވަނިކޮށް ކަނޑުމަތި އަޅައިފިއެވެ. ވައިބާރު ވެއްޖެއެވެ. އޮޑި ދުއްވޭ ވަރެއްނުވެއެވެ. އޮޑީގެ ތެެރެއަށް ރާޅުފޮނުވެސް އަރައެވެ. ކަނޑުމަތި އެޅުމުގެ އާފާތް ބޮޑުވެގެން ދެން ހެދިގޮތަކީ ތައްޓުމަތީގައި އޮތް ކާއްޓެއް ނަގައި ޑަބިޔަލަކާ އެއްކޮށް ވާގަނޑަކުން ބަނދެފައި ކަނޑަށް އެއްލައިލީ އެވެ. އެހިސާބުން ކަނޑުމަތި އޮބާލައިފިއެވެ. ފަތިސްވިއިރު އޮޑިހުރީ ގާދޫކޮލާއި ދިމާލުން ފަރާއި ވަރަށް ގާތުގައެވެ.

މާލޭ ފަޅަށް ވަނުން

އިރު އެރުއެރުމުން އަލިމަނިކުފާނު ބުންޏެވެ. ކުދީންނޭވެ. ކޮންމެގޮތެއްވިޔަސް މިތިބީ މާލެ ކައިރީގައެވެ. ދެވެންހުރި ތަނަކަށް ދެވޭނެތާއެވެ. ކަލޭމެން ކުދީން އުޅުނީ މާލެ ނުދާން ވެގެންނެވެ. އެކަމަކު އާދެވުނީ މާލެއަށެވެ. މާލެ ދިއުމަކުން ވަކި ގެއްލުމެއް ނުވާނެއެވެ. އެހެންވީމާ ދެން ހަދަންވީ ގޮތަކީ މާލެއަށް ފައިބާފައި ދެން ރަށަށް ދިއުމެވެ. ފަޅުވެރިން ބުނެފިއެވެ. އަތޮޅު މީހުން މާލެއާ ޖަގަޑާ ހަދައިގެން ތިއްބައި ތިޔަތަނަށް ފައިބާކަށް ބޭނުމެއް ނޫނެވެ. މިއަރާރުމެއްގައި ތިއްބައި އޮޑި ގާދޫކޮލުން ވަދެއްޖެއެވެ.

އޮޑިދޮށަށް މީރުބަހުރު އައިސް އަހައިފިއެވެ. ތިޔައީ ކޮންރަށެއްގެ ކާކުގެ އޮޑިއެއްހެއްޔެވެ. އޮޑިން ޖަވާބުދިނެވެ. މިއީ އައްޑުއަތޮޅު މީދޫ އަތިރަގޭ އަލިމަނިކުފާނުގެ އޮޑިއެވެ. މީގައި މިތިބީ އައްޑުއަތޮޅު މީހުންނެވެ. މީރުބަހުރު އަންގައިފިއެވެ. ކަލޭމެން ގަލު ބޭރަށްދާށެވެ. މީރުބަހުރުގެ އެންގުމަށް އޮޑި ގޮސް މަޑުކުރީ ގަލު ބޭރަށެވެ. އެތަނުގައި ތިބޭތާ އެއްދުވަސްފަހުން އަނެއްކާވެސް މީރުބަހުރު ގޮސް ބުންޏެވެ. ކަރަންޓީނު ފިލީއެވެ. ކަލޭމެން މާލޭގެ ފަޅަށް ވަންނާށެވެ. އޭރު ވައި ހުރިގޮތުން ސީދާ މާލެއަށް ދުއްވޭނެ ގޮތެއްނުވިއެވެ.

ހޭރިޔާ ކުރަމުންގޮސް މާލެއާ ކައިރި ކުރެވުނީ އެދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. ކައިރިކުރެވުނީ މާތިލަމަތި ކިޔާ ދިމާލަށެވެ. އެއީ ވިލިގިއްޔާއި ދިމާލުން އޮންނަ ތިލަގަނޑަކަށް ކިޔާނަމެކެވެ. އެތަނަށް އޮޑީގެ ނަގިލި ވައްޓާލައިގެން އެރޭ މަޑުކޮށްގެން ތިބީއެވެ. ޖެހިގެން އައިދުވަހު އަނެއްކާ މީރުބަހުރު އައިސް ބުންޏެވެ. ކަރަންޓީނު މުޅިން ފިލީއެވެ. ކަލޭމެން ފެންވަރަން މާލެ ފޭބިއަސް އެންމެރަގަޅެވެ. ކަލޭމެންގެ މައްސަލައެއް އޮތީކީވެސް ނޫނެވެ. ތިޔައީވެސް މިގައުމުގެ ރައްޔިތުންނެވެ.

މާލެއަށް ފޭބި މީހުން

މާލެއަށް ފޭބުމުގެ ހުއްދަ ލިބުމުން އޮޑީގެ ބޮއްކުރައިން ފަސްމީހަކު މާލެއަށް ފައިބައިފިއެވެ. އެމީހުންނަކީ އަތިރަގޭ އަލިމަނިކުފާނު، އައްޓިއަރި އަހުމަދުދީދީ، ބޭބެއަލިޔަގެ ހުސޭނު އަދިވެސް އިތުރު ދެމީހެކެވެ. އަލިމަނިކުފާނު ފޭބިގޮތަށް ކޮންމެވެސްތާކަށް ހިގާއްޖެއެވެ. އޭރު އަލިމަނިކުފާނުގެ ދޮށީ ފިރިހެންދަރިފުޅު މުހައްމަދު ވަހީދު ހުންނަނީ މާލޭގައި ކިޔަވާށެވެ.

މާލެއަށް ފޭބިމީހުންނާއި އަތިރިމަތިން ދިމާވީ ފުވައްމުލަކު އޮޑިއެއްގެ ބަޔަކާއެވެ. މާލޭގެ ޚަބަރުދަބަރު އޮޅުން ފިލުވައިލީމާ ފުވައްމުލަކު އޮޑީގެ މީހުން ބުންޏެވެ. ވަރަށް ސަކަރާތެވެ. ޚަބަރުގެ ވާހަކައެއް ނެތެވެ. މިފަހަރު ޓެކްސް ނެގީ މާގިނައިންނެވެ. ޓެކްސް ނެގިނެގީނުން ސިލޯނުން ގެނައި އެތިކޮޅަށް ދާންދެން ހުސްކޮށްފިއެވެ. އަންނައުނުގަޑުވެސް ނަގައިފިއެވެ. އެހެންވެގެން މިތިބީ މުޅީން ނިކަމެތިވެފައެވެ.

މި ލިބުނު ޚަބަރަކުން ރަށުތެރެއަށް ނުގޮސް އަވަސްއަވަހަށް ބޮއްކުރާއަށް އަރައިގެން އޮޑިދޮށަށް ގޮސް ބުންޏެވެ. މިތިބީ ލަނޑު ލިބިފައެވެ. ދެން ހެދޭނެ ގޮތެއް ނެތެވެ. މިތިބެވެނީ ފޭރޭ ރާއްޖެއަށް އާދެވިފައެވެ. އަލިމަނިކުފާނު އަންގާފައި އޮތީ މެންދުރު ބާރަޖަހާއިރު އޭނާ ބަލައި ދިއުމަށެވެ. ބާރަ ޖެހުމާއެކު ބަޔަކު އަލިމަނިކުފާނު ބަލައިގޮސް ގޮވައިގެންގެނެސް ފުރަން ތައްޔާރުކޮށްފިއެވެ. ނަގިލިނަގައި ރިޔާނެގުމަށް ތައްޔާރުވިތަނާ އަލިމަނިކުފާނު ބުންޏެވެ. ތިޔަހެނަކުން އަދި ނުދެވޭނެއެވެ. މިއީ އަހަރެންގެ އަމިއްލަ އޮޑިއެވެ. ކަލޭމެންނާއި ބެހޭއެއްޗެއްވެސް ނޫނެވެ. ފަޅުވެރިން ބުންޏެވެ. އަލިމަނިކުފާނު ފަދައިން އަހަރެމެންވެސް މިބަލަނީ މިއީ އަމިއްލަ އެތިގަޑެއްގެ ގޮތުގައެވެ.

އަލިމަނިކުފާނު ބުންޏެވެ. އަހަރެންގެ ދަރި މުހައްމަދު ވަހީދުއާ ބައްދަލުކޮށްފައި ނޫނީ ނުފުރާނަމެވެ. ގެނައި ފައިސާވެސް ހުރީ މާލޭގައެވެ. ދެން މާލެ އާދެވޭނެ ކަމުގެ އުއްމީދެއް އޮތީވެސް ނޫނެވެ. އެހެންވީމާ އަހަރެން މިތަނަށް ކަނޑަށް ވައްޓާލާފައި ކަލޭމެން އޮޑިޔާއިގެން ދާނެތަނަކަށް ދާށެވެ. އަހަރެންގެ މައްސަލައެއް ނެތެވެ. ޝަކުވާއެއްވެސް ނުކުރާނަމެވެ. ގައިމުވެސް އައްޑޫއަށް ދާކަށް ބޭނުމެއް ނޫނެވެ.

އަލިމަނިކުފާނުގެ ދަރިފުޅު މުހައްމަދު ވަހީދު ހުރީ ސަރުކާރުގެ ހޮސްޓެލް ދާރުލްއިގާމާގައެވެ. އެއީ ރާއްޖެތެރޭ ކުދިން މާލޭގައި ކިޔަވާންތިބޭ ގެއެވެ. އައްޑޫ ބަގާވާތާއި ގުޅިގެން އައްޑޫ ހުރިހާ ކުދީން އެތަނުން ނެރެ ސަރުކާރުން މަގުމަތިކޮށްލައިފިއެވެ. މަގުމަތިވީމާ މުހައްމަދު ވަހީދު ގެންދިޔައީ ޖައުފަރު ކަމާލުއްދީން އޭނާގެ ގެއަށެވެ. އެއީ މައްޗަންގޮޅީ އެވަރލާސްޓް ކިޔާގެއެވެ. އެގޭގައި ތެލިތަށިފަދަ ތަކެތި ދޮވެދީ ބާޒާރުކޮށް މިޒާތުގެ މަސައްކަތްކޮށްގެން އުޅެނިކޮށް ބޮޑުފެންވަޅުގޭ ސީދީއަށް މިކަން މޭރުންވެގެން ބޮޑުފެންވަޅުގެއަށް ގެންގޮސްފިއެވެ. ސީދީއަކީ މުހައްމަދު ވަހީދުގެ މާފަ ދެށިނާގެ އިބްރާހިމްދީދީގެ ދެބޭންގެދަރި މީހެކެވެ. އަލިމަނިކުފާނު މާލެ ފޭބިއިރު މުހައްމަދު ވަހީދު ހުރީ މިގޮތުން ސީދީގެ ބެލުމުގެ ދަށުގައި ބޮޑުފެންވަޅުގޭގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!