އަތިރަގޭ އަލިމަނިކުފާނުގެ އޮޑީގެ ފަހުދަތުރާއި ބޮޑުޖަގަޑާ 4

އޮޑީގެ ކުނބަށް އަލިމަނިކުފާނު ބަނުން

އައްޑުވަށް ދާން ބޭނުމެއްނޫނޭ ފަޅުވެރިންގާތު ބުނެފައި އަލިމަނިކުފާނު ކަނޑަށް ފުންމާލަން ތައްޔާރުވެއްޖެއެވެ. އެވަގުތު ފަޅުވެރީންގެ ތެރެއިން ކުންނިއަރު އިބްރާހިމްދީދީ އާއި ކަލޯގެ އަހުމަދާއި ސަންފާގެ މަނިކާ ހެދިގޮތަކީ ހިފައި ހައްޔަރުކޮށް އޮޑީގެ ކުނބަށް ބަނީއެވެ. އެހިސާބުން އަލިމަނިކުފާނު އާދޭސްކުރާން ފަށައިފިއެވެ. ބުންޏެވެ. މާލެއަށް ބާލައިދޭށެވެ. އޭރުން މާދަމާރޭ ފުރޭނެގޮތް ހަމަޖައްސައިދޭނަމެވެ. އޮޑީގައިތިބި މީހުންގެ ޝަކުވާ ސަރުކާރުގައި ނުކުރާނެކަމަށް ހުވައިވެސް ކުރިއެވެ. އައްޑޫއަށް އޮޑި ގެންގޮސްދޭނެ ރަގަޅު މާލިމީއަކު ހޯދައިދޭ ވާހަކަވެސް ބުންޏެވެ. އޭރު މާލޭގައި ހުޅުދޫ މާލިމީ ހުސައިން ހުރިކަން އެގެއެވެ. އޭނާ ހުރީ ރަށަށް ދާނެ އޮޑިއަކާއި ދިމާނުވެގެން މާލޭގައެވެ. އަލިމަނިކުފާނު މިވަރަށް އާދޭސްކުރީމާ ދެތިންގަޑިއިރަށް މިހެން ބަހައްޓައިފައި އޭނާ ދޫކޮށްލައިފިއެވެ.

އަލިމަނިކުފާނު މިނިވަންވީމާ މީނާ ފައިބައިގެންގޮސްވަނީ މައްޗަންގޮޅީ ރާވީގެއަށެވެ. އެެގެއަށްގޮސް ނ.ތ މުހައްމަދުދީދީގެ ކައިރީގައި މިހުރިހާ ވާހަކައެއް ކިޔައިދިނީމާ ހަރުކޮށް ހިގާފައި މި މުހައްމަދުދީދީ ދާޚިލިއްޔާއަށް ގޮސް ރިޕޯޓުކޮށްފިއެވެ. ނ.ތ މުހައްމަދުދީދީއަކީ މާލޭގެ ބޮޑެކެވެ. ސަރުކާރުގެ ވެރިއެއްވެސްމެއެވެ. އެހެންވީމާ ދާޚިލިއްޔާއިން މިމައްސަލަ ބަލައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

ފަޅުވެރީން އެރޭ ނިދާފައިތިއްބައި އަލިބެއްޔާގެ މުހައްމަދުދީދީއަށް ހުވަފެނުގައި ފެނުނީ ސިންތިއާއޭ ކިޔުނު ސިފައިންގެ ލޯންޗު އައިސް އެންމެން ނަގައި ހައްޔަރުކޮށްގެން ބަނޑޭރިގެއަށް ގެންދިޔަތަނެވެ. މި ހުވަފެނުގެ ވާހަކަ އެއްވެސް މީހެއްގެ ކާރީގައި އޭނާ ނުބުނެއެވެ. އެކަމަކު ކަންތައް ވެދާނެގޮތަކާ ދޭތެރޭ ފިކުރު ބޮޑުވެފައި ހުރީއެވެ.

މާދަމާ ރޭ ފުރޭނެކަމުގެ އުފަލުގައި ސިއްރު ސިއްރުން އޮޑީގެ މަދުބަޔަކު މާލެއަށް ފައިބައިފިއެވެ. އަލިބެއްޔާގެ މުހައްމަދުދީދީ އާއި ފޭދޫ ޕާރޓީ މުހައްމަދުވެސް ފޭބިއެވެ. ސިލޯނުން ދިވެހިރާއްޖެއަށް އާދެވުނުއިރު އޮޑީގައި އަދިވެސް ކޮންމެވެސް ވަރަކަށް ހިކިމަހާއި ބޮއްޔާއި ރޯނު ހުއްޓެވެ. މާލެ ފައިބާފައި އެތަކެތި ބާޒާރަށް ވިއްކާލައިފިއެވެ. މި ވިޔަފާރިން ލިބުނީ ވަރަށް މަދު ފައިސާކޮޅެކެވެ. އޭރު މަސްމާރުކޭޓު ހުންނަނީ އެމްޓީސީ ބިލްޑިންގް މިހާރު އެހުރިތާގައެވެ. ފަޅުވެރިން މަސްމާރުކޭޓަށް ވަދެ މާނިޔަ މަހެއްގެ އަގު އަހައިލިއިރު އެންމެ ބޮޑު މަހެއްގެ އަގަކީ ދެރުފިޔާއެވެ. މަސްކާހިތްވެފައި ތިބިވަރުން ދެރުފިޔާ ދީފައި މަހެއް ގަނެގެން އޮޑިއަށް އަރައި އޮޑީގެ ކައްކާ ކަޅޮބެއްޔާއާއި ހަވާލުކޮށްފިއެވެ.

ސިފައިންގޮސް މީހުން ހައްޔަރުކުރުން

އިރުއޮއްސިއްޖެއެވެ. އޮޑީގެ މީހުން ފެންވަރައި ނަލަހެދިގެން އިޝާނަމާދުކޮށް އެކިމީހުން އެކިކަންކަމާއިގެން މަޝްއޫލް ވެއްޖެއެވެ. އަލިބެއްޔާގެ މުހައްމަދުދީދީ އާއި އައްޓިއަރި އަހުމަދުދީދީ އާއި އަލިބެޔާގެ ހުސޭނާއި ތިންމީހުން ތިބީ ވާހަކަ ދައްކާށެވެ. ކުއްލިއަކަށް އިންޖީނެއްގެ އަޑު އިވޭންފަށައިފިއެވެ. އެމީހުން އެކަކުއަނެކަކަށް ބުންޏެވެ. ސިންތިޔާ އަންނަނީއެވެ. ސިންތިޔާއަކީ އިންޖީނުލީ ކުޑަކުޑަ ބައްތެއްޔެކެވެ. އޭރު މާލޭގައި އޮންނަނީ އިންޖީނުއެޅި އުޅަނދަކަށް ސިންތިޔާ އެކަންޏެވެ. އައްޓިއަރި އަހުމަދުދީދީ ބުންޏެވެ. ތިޔަ ސިންތިޔާއެއް އެ އަންނަނީ ހެޔޮކަމަކާއިގެނެއް ނޫނެވެ. އަލިބެއްޔާގެ މުހައްމަދުދީދީ ބުންޏެވެ. އަހައްމާބޭއެވެ. އަހަރެމެންގެ ކަންތައް މިނިމުނީއެވެ. ސިންތިޔާ އެއަންނަނީ އަހަރެމެން ބަނދެ ހައްޔަރު ކުރާންވެގެންނެވެ.

މިހެން ކިޔާފައި ތެދުވެ ފިލާގަނޑުގައި ފައިންޖަހާފައި ބުންޏެވެ. ބަނދެ ހައްޔަރު ކުރުމުގެ ކުރިން ގައިގައި ހުރި ބާރެއްވެސް ދައްކައިލަންވާނެއެވެ. ކައިގެން ވަރުޖައްސައިލަން އަންނަހަރޭ ކިޔާފައި ދުވެގޮސް ބަދިގެއަށް ވަދެ މަސް ކާންފަށައިފިއެވެ. ފަޅުވެރިން ކާންތިއްބައި ސިންތިޔާ ފުރަތަމަ ދިޔައީ ވިލިގިއްޔާއި ދިމާލަށެވެ. ވަކިހިސާބަކުން އަނބުރާލާފައި އައިސް އޮޑީގެ ކައިރިއަށް މަޑުކޮށްފިއެވެ. އަނެއްކާވެސް ތަންކޮޅަކަށް ދުއްވާފައި ދެވަނަފަހަރަށް އޮޑިދޮށަށް އަތުވެއްޖެއެވެ.

މިފަހަރު މަޑުކޮށްފައި ސުވާލުކުރިއެވެ. މިއީ ކާކުގެ އޮޑިއެއްހެއްޔެވެ. އޮޑީގެ ވެރިޔާ ކޮބައިހެއްޔެވެ. ސުވާލުކުރާން ފެށީމާ ސަންފާގެ މަނިކާ ޖަވާބުދިނެވެ. އޮޑީގެ ވެރިންނަކީ މާދަރިގޭ އަބްދުﷲ ދީދީ އާއި މުދިން މުހައްމަދުދީދީއެވެ. މަނިކާގެ ޖަވާބު އަޑުއިވިގެން އޮޑީގެ ތެރެއިން އެހެންމީހަކު ބުންޏެވެ. މަނިކާ އެކިޔާ ނަންތަކަކީ އޮޑީގެ ވެރިންގެ ނަންތަކެއް ނޫނެވެ. އެއީ އޮޑީގެެ ފަޅުވެރީންނެވެ. އޮޑީގެ ވެރިޔަކީ މަނިކާއެވެ.

އެވަގުތު ސިފައިން މަނިކާ އޮޑިން ބާލައިފިއެވެ. އެންމެ ފުރަތަމަ ބޭލި މީހަކީ މަނިކާއެވެ. ދެން މީހަކަށްފަހު މީހަކު ބާލަމުންގޮސް އެންމެފަހުން ބޭލީ ޕާރޓީ މުހައްމަދާއި އަލިބެއްޔާގެ މުހައްމަދުދީދީއެވެ. އެދެމީހުން ތިބީ އޮޑީގެ ފަލްކާ މަތީގައި ހަމަޖެހިލައިގެން ރޭގަނޑުގެ ކެއުމުގައެވެ. ކުއްލިއަކަށް ސިފައިންގެ މީހަކު އެދިޔަގޮތަށް ގޮސް އެ ދެމީހުންގެ ބޮލުގައި އެތިފަހަރެއް ޖަހާފައި ބުންޏެވެ. ހަމަ މިހާރު ފައިބާށެވެ. މިހެން ބުނީމާ ދެމީހުންވެސް ބައްތެލިގަޑަށް ފުންމާލައިފިއެވެ. ބައްތެލިގަޑު އޮތީ ސިންތިޔާގެ ފަހަތުގައި ބަނދެފައެވެ. މި މީހުން އަތް ދޮވުނީވެސް ބައްތެލިގަޑަށް ފުންމާލާއިގެން ތިބެ މޫދަށް އަތްބާނައިގެންނެވެ. ކައިގެން ފެންފޮދެއް ބޮވޭނޭހާ ވަގުތުކޮޅެއްވެސް ނުލިބުނެވެ.

ބަނޑޭރިގޭގައި ކުރި ތަހުގީގު

އޮޑީގެ އެންމެން ގެންދިޔައީ ބަނޑޭރިގެއަށެވެ. އޭރު ބަނޑޭރިގެ ހުންނަނީ މިހާރުގެ ބަންޑާރަކޮށި ހުރިތާގައެވެ. ކުށްވެރިން ގެނެސް އަށިގެޔަށްލުމާއި ތަހުގީގުކުރުމާއި މިޒާތުގެ ކަންކަން އޮންނަނީ އެތާގައެވެ. ބަނޑޭރިގޭ ފާރު ކައިރީގައި އެއްކޮޅުން އަނެއްކޮޅަށް އެންމެން އަތުރާފައި ކޮންމެމީހަކުވެސް ބެހެއްޓީ އަނެކަކު ސިއްރުން ބުނާއެއްޗެއްގެ އަޑު ނީވޭ ހިސާބު ދުރުގައެވެ. އިރުގަނޑެއްފަހުން މީދޫ ދިހަ މީހެއްގެ ނަން ގޮވައިފިއެވެ.

ބަނޑޭރިގެޔަށް ފުރަތަމަ ވެއްދި މީހުންނަކީ މުދިންބޭބެ، މާދަރިގޭ ބޭބެ، ސަންފާގެ މަނިކާ، ވަށޮދިޔަގެ ބެއްޔާ، އެޅަތޮށިގޭ ހަސަންބެއްޔާ، އައްޓިއަރި އަހައްމާދީ، ކުންނިއަރި އިބްރާހިމްދީދީ، މިސްކިތްދޮރެގޭ އަހައްމާބޭ އަދި އަލިބެޔާގެ ހުސޭނު މިއެވެ. ނަން ގޮވުމަށްފަހު ވެއްދީ ފަހަރަކު މީހެކެވެ. ސުވާލު ކުރީވެސް ފަހަރަކު މީހަކާއެވެ. އެންމެނާއި ސުވާލު ކުރުމަށްފަހު ބައެއްމީހުން ހައްޔަރުކޮށް އަނެއްބަޔަކު ދޫކޮށްލައިފިއެވެ.

އޭރު ރޭގަޑު ބާރަ ޖެހުމުން މާލޭގެ ހުރިހާ ބޮކިތައް ނިވޭނެއެވެ. ބޮކި ނިވުމުގެ ކުރިން އެރޭގެ ޝަރީއަތްވެސް މިބީދަޔަކުން ނިންމާލައިފިއެވެ. ދޫކުރެވުނު މީހުން ދިޔައީ އޮޑިއަށެވެ. އޮޑިއަށް ދިޔައިރު އޮޑީގެ ރިޔަލެއްނެތެވެ. ރިޔާ ވަނީ ސިފައިންގެ ބެލުމުގެ ދަށުން ބަނޑޭރިގެޔަށް ގެންގޮސްފައެވެ. ރޭގަޑު ކެއުމަށް ކައްކާފައިހުރި އެތިކޮޅުވެސް ނެތެވެ. ކާތަކެތި ހުރީ އޮޑީގެ ތައްޓު މައްޗަށް އުކާލައިިފައެވެ. އެރޭ ތިބެން ޖެހުނީ ނުކައެވެ.

އަނެއްދުވަހު ހެދުނު އޮޑިދޮށަށްގޮސް ސިފައިން އެންގީ ކަނޑިންމައިން އެތެރެއަށް ވަނުމަށެވެ. ދެވޭނެ ގޮތެއް ނެތުމުން ސިފައިން ހެދި ގޮތަކީ އޮޑީގައި ވާޖަހާފައި ގެންގޮސް ކަނޑިންމައިން ވައްދައިދިނީއެވެ. ދެން ކޮންމެ ދުވަހަކުވެސް ގެންދަނީ ތަހުގީގަށެވެ. ތަހުގީގުގައި ކުރާ ސުވާލަކީ ކުށްވެރިޔަކު ހުރިއްޔާ ބުނެލާށެވެ. ކުށްވެރިއަކަށް ވާގޮތެއް ނޭގެއެވެ. މިކަމުން ސަލާމަތް ނުވެގެން ލަސްވެގެން އެއްބަޔަކު ގަސްތުކުރީ ހުރިހާ މީހުންނަކީވެސް ކުށްވެރީން ކަމުގައި ބުނެ ހައްޔަރު ވުމަށެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!