ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 6
އޮޑީގައި އަހުމަދު ދީދީ ފިޔަވައި ދެން މާލިމީ ފާޑުގެ މީހަކަށް ހުރީ ހުޅުދޫ ކަރާންކަލޭގެ އަލިތައްކާނެވެ. މީނާ ބުންޏެވެ. މުސްކުޅިން ބުނާތީ އަހަމެވެ. މިގޮތް ވެއްޖިއްޔާ ޒާތްޒާތަށް އެގޮތްމިގޮތަށް އޮޑި ދުއްވާން އުޅޭކަށް ނުވާނެއެވެ. ކާބޯތަކެއްޗާއި ދަރާއި ފެން ހުސްނުވަނީސް އެންމެ އަވަހަށް ހިކިފަސްތާކުޖެހި މީހުންނާއިގެން ވާނީ ސަލާމަތްވެގަންނާށެވެ. މިގޮތް ވިސްނައިގެން އަހުމަދު ދީދީވެސް ކަންތައް ކުރާށެވެ. ނިންމުންތައް ނިންމާށެވެ.
އަހުމަދު ދީދީ ޖަވާބުދިނެވެ. އަލިބެއްޔާއެވެ. މިތަންގަނޑުން ހުޅަނގަށްގޮސް ރަނގަޅު މީހުން ތިބޭ ތަންތަނަކީ އަރަބުސްތާނުގެ އޮމާނާއި ޔަމަނު ފަދަ ތަންތަނެވެ. މިތަންތަނަށް ދެވޭތޯ އަދި ރަތްކަނޑުގެ އަނގަމަތީން ވަންނާންކަމަށް އުޅެނިކޮށް ސުއްކަތުރާ މުއްޔަށް ލައްވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. އެހިސާބުގައި ކަނޑުގެ އަޑީން އުފުލިގެން މައްޗަށް އަރާފައިވާ ފަރުބަދަތަކާއި އެނޫންވެސް ފަރުފަރު ވަރަށް ގިނަވާނެއެވެ. އެހެންވީމާ މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
މިހެން ކިޔާފައި އޮޑީގެ ތެރެއިން މުސްކުޅި ފޮތެއް ނެރެގެން ސުއްކަތުރާގެ ނުރައްކާތެރިކަމުގެ ވާހަކަވެސް ބަލައި ކިޔައިދީފިއެވެ. އަދި ބުންޏެވެ. އަހަރެމެންގެ ދޮންބޭބެ (އެޅެހިށިގޭ ދޮންމަނިކު) އާގުބޯޓަކުން އެހިސާބުން ދަތުރެއްކޮށްފައި ސުއްކަތުރާއޭ ކިޔުނު ހިސާބުގެ ކަނޑުގެ ގަދަކަމާއި ނުރައްކާތެރިކަމުގެ ވާހަކަ ކިޔައިދިނެވެ. މިހެންވީމާ މިއަދު އަހަރެމެން ދެން ކުރާންވީ ކީއްހެއްޔެވެ. އަލިތައްކާނު ބުންޏެވެ. ދެކުނަށް ދުއްވައިފިއްޔާ ދެން އޮތީ އެފްރިކާއޭ ކިޔުނު ފުށިކަރައެވެ. އެތަނަކީ ލަފާބަޔަކު އުޅޭ ތަނެއްކަމަށް ނީވެއެވެ. ތަންކޮޅެއް ކުރީން ހުވަދުއަތޮޅު ފިޔޯރީ ބަޔަކު ބެހިގެން ތިޔަތަނަށް ދެވުނު އޮޑިއެއްގެ ވެރިޔަކަށް ހުރިމީހާގެ ބޯ ކެނޑި ވާހަކައެއްވެސް ފިޔޯރީ ދޮންދީދީ ދައްކާތީ އެހީމެވެ. އެމީހުންނަށް މީހުންގެ މުދައު ހަލާލުވަނީ ވެރިމީހާގެ ބޯ ކެނޑީމަޔޯލައެވެ.
މުސްކުޅީން ބުނާތީ އަޑުއަހާ ގޮތަކީ ތިޔަ ކަރައިގައި ލަފާ މީހުން ތިބޭ އަމާން ތަންތަނަކީ ދިވެހިރުއް ހުންނަ ތަންތަނެވެ. އެތަންތަނުން ނަން ކިޔާން އެނގޭ ތަންތަނަކީ ލާމާއި ޒަންޖިބާރު (ޒެންޒިބާރު) އަދި މުމްބާސާއެވެ. އަދިވެސް އަހަމެވެ. ލާމު އޮންނަނީ އީކުއޭޓަރުން ދެކުނު ތިންވަނަ ދަރަޖައިގެ ތެރޭގައެވެ. ދެން އެންމެން ވާހަކަ ދައްކައި ސައްލާކޮށްފައި ލާމަށް ދާންކަމަށް ގަސްތުކޮށްފިއެވެ. އޭރު ރާއްޖޭގެ ހުޅަނގު ފަރާތަށް ވިއްސަކަށް ދަން ބޭރުވެފައި ހުރިކަމަށް މިންވަރުކޮށް އަންދާޒަކަށް ގިޔާސްކޮށްގެން މިތަނުން ދަތުރު ނަގައިގެން ލާމަށް ދާންކަމަށް އޮޑިދީލައި ކަލާނގެ ކިބަޔަށް ހިތް ނިޔަތް ޚަލާސްކޮށް ފާތިހާސަލަވާތް ކިޔަވައި ހަދައިފިއެވެ.
ދެން އައީ އެއްދުވަހުން އަނެއްދުވަހަށް ފިލާ އަޅަމުން އޮޑީގެ މިސްރާބާއި ޕޮޒިޝަން އަދި ދުވެލީގެ މިންވަރު ބަލަމުންނެވެ. މި މިސްރާބަށް ހުރެ އީކުއޭޓަރާ ހަމައަށް ދެކުނު ވީމާ ދެން ދުއްވީ އިރުމަތީން ދެފަރާތަށެވެ. އެއްދުވަހު އިރު ދެކުނަށެވެ އަނެއްދުވަހު ދެކުނަށެވެ. މިހެންގޮސް ސީޝެލްސްއޭ ކިޔުނު ޖަޒީރާތަކުގެ ހުޅަނގަށް އެޅިއްޖެހެން ހީވިތާ ދެ ދުވަހަކުން ކަނޑުގެ ލޮނުގަނޑުގައި ކުޑަކޮށް ހުދުކުލަޖަހައި އެފްރިކާޔާއި ގާތްވެއްޖެކަމުގެ އަލާމާތްތައް ފެންނާން ފަށައިފިއެވެ. މިހެންވީތަނާ ދެ އާގުބޯޓެއްވެސް ފެނުނެވެ. އެމީހުންނަށް ހަންޖަހައިވެސް ގާތެއް ނުކުޅައެވެ.
އެމީހުން ދިޔަ މިސްރާބުގެ ގޮތުން އޮޑީގެ މީހުންގެ ވިސްނުމަށް އައީ އެއީ އިންޑިޔާގެ ބޮންބޭއިން ޒެންޒިބާރަށް ދާ ބޯޓުފަހަރު ކަމުގައެވެ. ހަންޖެހީމާ ގާތް ނުކުރީވެސް ވާނީ އެފްރިކާ ބައްރާއި ކައިރިކަމުން ކަމަށެވެ. މިހައިތަނަށް ދިޔައިރުވެސް ވައި މަޑެއް ނުވެއެވެ. ވައިބާރުކަމުން ރިޔާ ކުޑަކޮށް ރޭނިދި ނުނިދައި ކަނޑުގަދަކަމުން ގަންނާކުރައްވާ ބިރަކުން އެމީހަކު ދަންނަ ހެޔޮއެއްޗެއް އަބަދު ކިޔަވަކިޔަވައި އެންމެންމެ ނަމާދުކޮށް އެކަކު އަނެކަކަށް ހިތްހެޔޮކޮށް ހިކިފަސްތަނެއްގައި ޖެހޭންދެން ފެންމަތީގައި ހުރޭތޯ ދުއާކޮށް މިހެން އުޅެމުންގޮސް ރަބީއުލްއާޚިރު މަހު ހަތާވީސް ވިލޭރޭ އެފްރިކާގެ މަލަމަތި ފެނިއްޖެއެވެ.
މިއިރު އޮޑިހުރީ އީކުއޭޓަރުން ދެކުނު އެއްދަރަޖަ ސާޅީހަށް ފައިބާފައެވެ. މިދުވަހު ހެނދުނު އިރުގެ ދަޅައިގެ އުފާވެރިކަމުގެ ހިނި ދުނިޔެ ހީގަތްއިރު ކަނޑުމަތީގައި އޮޑީގެ މީހުންހެން ބިރުވެރިކަމުގެ ހާލުގައި މިހައިދުވަހު އުޅުނު ބަޔަކަށް ހިކިފަސްތަނެއް ފެނުނީމާ އަންނާނޭ ހިނި އެމީހުންވެސް ތިބީ އައިސްފައެވެ. މިފެންނަނީ އެފްރިކާ ކަރައިގެ ސޮމާލިޔާގެ ކިސްމާޔޫއޭ ކިޔުނު ތަންގަނޑުގެ ގޮނޑުދޮށެވެ. ކަލާނގެ ކިބަޔަށް ޝުކުރު އަދާކޮށްފައި އޮޑި ހުޅަނގަށް ހަދައިފިއެވެ. އޮޑީގައި މިހާރު ފެންވެސް މަދުވެ ހަ ރުނބާ ފެނަށް ވެއްޖެއެވެ. ކައްކައި ކަޔެއް ނޫޅެއެވެ. މިރެއިގެ އިރު އޮއްސޭންދެންވެސް އަދި މިރެއިވެސް އޮޑި ދުއްވީ ދެކުނަށެވެ.
އެއިގެ ފަހު ދުވަހު އަލިވީއިރު ކަރަޔެއް ނުފެނެއެވެ. ދެން އަނެއްކާ ހުޅަނގަށް ހަދައިފިއެވެ. މެންދުރަކާ ގާތްވިއިރު ކަރަ ފެނިއްޖެއެވެ. މިދުވަހު ފިލާއެޅިއިރު ފެނުނީ ލާމާއި ހަމަވެއްޖެ ކަމަށެވެ. ހަވީރުވެގެން އަައިއިރު ލާމުގެ ކޯރު ފެނިއްޖެއެވެ. މިތަނާއި ގާތްވެ ބެލިއިރު ކޯރުން ދަށްވެއްޖެއެވެ. ހޭރިޔާކޮށްވެސް ކޯރަކަށް ނޭރުނެވެ. ކަނޑުގެ ފެންގަނޑު އެކީ ދެކުނަށް ދެމޭވަރުން ހީވަނީ އަޖައިބެއްހެންނެވެ. ދެން ދެވުނުހައި ކައިރިޔަކަށްގޮސް އަނދިރި ނުވަނީސް ނަގިލި ލައިފިއެވެ. މިޔަކީ ކޮންމެހެން ލާމުކަން ރަނގަޅަށް ކަށަވަރުވެގެން ކުރިކަމެއްވެސް ނޫނެވެ. ޗާޓުން ބަލައިފައި ހީވީގޮތަށް ހެދީއެވެ.
ކެންޔާގެ ލާމޫގައި
މިރެއި މިތާގައި ތިއްބައި ފަތިސްވެގެން އައިއިރު އެކިކަންކަމުގައި އެކިހަލަ އުޅަނދުތަކުގައި މީހުން ނިކުންނާން ހެދީމާ ކަރާންކަލޭގެ އަލިތައްކާނު ޒާތެއްގެ އިންޑިޔާ ބަހަކުން އޭ ކޯން ޖަންޖީރާއޭ ގޮވައި ހަޅޭލާން ފެށީމާ އެމީހުން ލާމޫ ލާމޫ މިހެން ގޮވައިފިއެވެ. ދެން ހެނދުނު މިކޯރުން ވަދެވޭތޯ މަސައްކަތްކޮށް އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެއީ ކޯރުގެ އަނގަމަތީން ވައިޖެހޭކަމާއި ބޭރުއޮއި ބާރުކަމުންނެވެ. އެތެރެ އޮޔަށް ކިރިޔާވެސް ވަނީ ދިޔަވަރުބޮޑުވެ ހަމަވާއިރުގައެވެ. ދިޔަވަރު ބޮޑުވަނީވެސް ހަނދުއޮއްސޭއިރަށެވެ. މިބޮޑުވެ ކުޑަވުން ހުރީވެސް ރާއްޖެޔާ އެއްކަހަލަ ގޮތަކަށް ނޫނެވެ. މާބޮޑަށް ބޮޑުވެ މާބޮޑަށް ހިކެއެވެ.
މިތާގައި މިސަކަރާތެއް ގަންނާން ތިބޭތާ ތިންދުވަސްވީފަހުން ކަތިރިޔައު ނަގާފައި އައި ބޮޑު ބައްތެއްޔެއް އޮޑިދޮށަށް އަތުވެއްޖެއެވެ. މީގައި ތިބީ ބަބުރުންނެވެ. ވެރިޔަކަށް ހުރީ އަލީއޭ ކިޔުނު ބަބުރެކެވެ. މިބައިމީހުން ވާހަކަ ދައްކަނީ އިންޑިޔާ ވައްތަރުގެ ބަހަކުންނެވެ. މިބައިމީހުން ވާހަކަ ދައްކައި ހަދައިފައި ބުންޏެވެ. ތިމަންނާމެންނަށް ވިހި ރުފިޔާ ދެނިކޮށް ތިޔަ އޮޑި ކޯރުން ވައްދައިދީފާނަމެވެ. އޮޑީގެ މީހުން ބުނެފިއެވެ. އަހަރެމެންނަކީ އަތަކު ފައިސާއެއް ރުފިޔާއެއް ހުރި ބަޔަކީމުއެއް ނޫނެވެ. މިތާކަށް އަންނާން ގަސްތުކޮށްގެން އައީއެއް ނޫނެވެ. މިކަރައިގެ ބަޔަކީމެއްވެސް ނޫނެވެ. އަހަރެމެންނަކީ ރާއްޖޭގެ މީހުންނެވެ. އެތާގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރަނިކޮށް ވިއްސާރަޖެހި ބެހިގެން ވަރަށް ހާލުބޮޑުވެގެން ކާބޯތަކެތި ހުސްވެގެން މިތަނަށް އާދެވުނީއެވެ. ދުވަހަކު ނުވަދެވުނަސް ދޭނެ ރުފިޔާއެއް ނެތެވެ.
އެބައިމީހުން ބުނެފިއެވެ. ތިޔަހެންވިއްޔާ އޮޑީގެ ވެރިޔަކަށް ހުރި މީހަކު މިބައްތެއްޔަށް ފައިބައިގެން މިތާގެ ސަރުކާރުގައި ތިޔަބައިމީހުންގެ ހާލުގެ ވާހަކަ ދައްކާން ދަމާ އަންނާށެވެ. ދެން އެޅެގޭ އަހުމަދު ދީދީ އާއި ކަރާންކަލޭގެ އަލިތައްކާނާއި ދެމީހުން މިބައްތެއްޔަށް ފައިބައިގެން މިމީހުންނާއެކު އެއްގަމަށް ހިގައްޖެއެވެ. ބައްތެލީގެ މީހުން މިވެރީން ގޮވައިގެން އެތާގެ ކަސްޓަމަށް ގޮސް އެތަނުގައި ތިބި އިނގިރޭސީންނަށް ހާލުގެ ވާހަކަ ބަޔާންކޮށްދީފިއެވެ. ކަސްޓަމުގެ ވެރީންގެ ތެރެއިން ފަހަރަކު މީހެއްގެ ކައިރިޔަށް ހިނގަމުންގޮސް އެންމެފަހުން އެތާގެ އެންމެ އިސްވެެރިޔަކަށް ހުރި މީހާގެ ކައިރިޔަށްވެސް ހިނގައްޖެއެވެ.
މިމީހާޔަކީ ފާރިސީއެކެވެ. ވަރަށް ޚަބަރު އަހައި އޮޅުން ފިލުވިއެވެ. ކަނީ ކޮން އެއްޗެއްތޯ އާއި ބޮނީ ކޮން އެއްޗެއްތޯ އެހިއެވެ. މިމީހުން ބުންޏެވެ. ކަނީ ކާށީގެ ހަލުވާއެވެ. ބޮނީ ކާށީގެ ފެނެވެ. ދެން މިތާގެ ވެރީން ސައްލާކޮށްފައި ބުނެފިއެވެ. މާދަން ދުންބައްތެލި ފޮނުވައިގެން އޮޑި ވައްދައިދީފާނަމެވެ. އެކަކު މިތާގައި އޮވެފައި އަނެކަކު އޮޑިޔަށް ދާށެވެ. ދެން މިތާގެ ރެސްޓޯރަންޓަކަށް މި ދެމީހުން ފޮނުވައިގެން ރަގަޅަށް ކާންވެސް ދީފިއެވެ. މިތާގައި އިސްލާމުންވެސް ވަރަށް ގިނައެވެ. އޮޑީގައި ތިބީ އިސްލާމުންކަން އެނގުނީމާ މީގެ ތެރެއިން އަތްމަތި ތަނަވަސް ބައެއް މީހުން އޮޑިޔަށް ގެންދާން މޭވާޔާއި އެނޫންވެސް ކާބޯތަކެތި ދީފިއެވެ.
ދެން ހަމަ އެއައި ބައްތެލީން ދެމީހުން އޮޑިޔަށް ހިގައްޖެއެވެ. މިދިޔައީ އޮޑީގައި ޚަބަރު ބުނެފައި އެކަކު ފައިބާން ކަމަށެވެ. ބައްތެލީގެ މީހުން ކުލި އަތުލާން އުޅުނީމާވެސް ސަރުކާރުގެ މީހުން އެކަންތައް މަނާކޮށްފިއެވެ. ދެން އޮޑިޔަށް ގޮސް މިތާގެ ވާހަކަތައް ކިޔައިދިނީމާ އޮޑީގައި ތިބި މީހުން ވަރަށް އުފާކުރިއެވެ. އޮޑިޔަށް ދިޔައީ ހަނޑުލާއި ރޯމަހާއި ތަރުކާރީގެ ބާވަތްބާވަތާއި މޭވާޔާއި ދުފާތަކެއްޗާއި ހަވާދާއި ހިފައިގެންނެވެ. މިއީ ސަރުކާރުން ދިން ތަކެއްޗެވެ. ބައްތެލީގެ ބަބުރުންވެސް ތިމަންމެނަށް ހަދިޔާދޭންވާނެއޭ ކިޔައިގެން ދެބައިކުޅައެއްބަޔަށް ހުސްވެފައި ހުރި ހަކުރު ރުނބަޔެއް އަތުލިއެވެ. މިރުނބާގަނޑާއެކު ދިވެހިން ގޮވައިގެން ފޭބިފަހަރު ކަސްޓަމާއި ދުރަށް ބައްތެލި ލަފައި ކަސްޓަމަށް ސިއްރުން ކަހަލަ ގޮތަކަށް އެރުނބާގަނޑު އެއްގަމަށް ފޮނުވައިލިއެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް