ދާންދޫ ދޮންތައްޚާނުގެ އޮޑި ފައްތައިލުމާއި މީދޫ އަހައްމައިދީ ޝަހީދުވުން 3
އަހައްމައިދީ ދިރިއުޅުނުގޮތް
އާމްދަނީ ހޯދުމަށް އަހައްމައިދި ކުރި މަސައްކަތަކީ އޮޅުދޫ ކަރައަށް ވިޔަފާރި ދަތުރު ކުރުމެވެ. އުމުރުގެ ދުވަސްތަކުގައި ގިނައިން އުޅެފައިވަނީ ގއ. ދާންދޫ ގައެވެ. އެރަށުގައި އުޅުނުގެޔަކީ ވާރުގޭ ދޮންހޮއްކޮ ކަލޭގެފާނުގެ ދޮންތައްޚާނުގެ ގެއެވެ. އަހައްމައިދިއާއެކު ދާންދޫގައި އޭނާގެ ރައްޓެހި މީދޫ ދެމީހަކު އުޅުނެވެ. އެއީ ފަންނިއަރި އަހައްމައިދީ އާއިި މަނިކާބެއްޔާގެ އައްލާއެވެ. މި ދެމީހުންގެ މަސައްކަތަކީ އަހައްމައިދީ އޮޅުދޫ ކަރައަށް ދިއުމަށް ބޭނުންވާ ސާމާނު ހޯދައި ދަތުރަށް ތައްޔާރުކުރުމެވެ.
އަހައްމައިދި އެންމެފަހުން މީދޫއަށް ދިޔައީ އޭނާގެ ބައްޕަ އަލިބެއްޔާ ނިޔާވި ޚަބަރު ލިބުމުންނެވެ. އަލިބެއްޔާ ނިޔާވީ 1940 ގައެވެ. ހެންވޭރުގޭ މުހައްމަދު އަބްދުއްސަމަދު ދީދީ ލިޔުއްވާފައިވާ ގޮތުގައި އަލިދީދީ 113 އަހަރަށްވުރެ ގިނަދުވަހު ދުނިޔޭގައި އުޅުނެވެ. މިއަލިބެއްޔާއަކީ މަޝްހޫރު ދޮށީދީދީގެ މާމަދަރިއެކެވެ. ދޮށީދީދީގެ އަހުމަދުދީދީގެ އަލިދީދީއެވެ. ބައްޕަ ނިޔާވެގެން އެފަހަރު ރަށަށްގޮސްފައި އަހައްމައިދީ މީދޫން ފުރިއިރު އަނބިމީހާ އިނީ ބަލިވެއެވެ. ވިހެއުމަށް ބޭނުންވާ ތަކެތި ހަވާލުކޮށް ފޮނުވީ ކުންނިއަރު އަބްދުﷲ ދީދީއެވެ. އެތަކެތި ހިފައިގެން އެދީދީ ދަތުރުކުރި އޮޑި އައްޑޫ ކަނޑުގައި ބެހުނީއެވެ. ރަށަށް ދެވުނުއިރު އާމިނައިދީ ވިހައިފިއެވެ.
އަހައްމައިދި ޝަހީދުވިއިރު އޭނާގެ ވަރަށް ގިނަ މުދައު ދާންދޫގައި ހުއްޓެވެ. އެތަކެތި ބަލާ އައުމަށް އަންގައިގެން އެކަންކުރެވުނީ ވަރަށް ގިނަ ދުވަހުންނެވެ. އަހައްމައިދީގެ ބޮޑުފޮށީގައި ދަތުރު ލިޔުންތަކެއް ހުއްޓެވެ. އެހެން ފޮތެއްވެސް އޮތެވެ. އެފޮތުގައި ލަވަތަކެއްވެސް ލިޔެފައިވެއެވެ. އެހެންވީމާ އަހައްމައިދިއަކީ އަދަބިއްޔާތަށް ލޯބިކުރި މީގެއްކަން އެގެއެވެ.
ޖަޕާނު މީހުން ބަދަލުދިނުން
ހަގުރާމައިގެ ދުވަސްވަރު ޖަޕާނު މީހުން ފެއްތިކަން ޔަގީންވާ ދިވެހި ދެއޮޑިޔަކީ ހިތަދޫ ޔާހުންބަރާހާއި ދާންދޫ ދޮންތައްޚާނު އޮޑިއެވެ. މި ދެެއޮޑިން ގާތްގަޑަކަށް 80 މީހުން މަރުވިއެވެ. މި ދެއޮޑިޔާއި އޭގައިހުރި މުދަލުގެ ބަދަލާއި މަރުވެދިޔަ މީހުންގެ މަރުގެދިޔަ ޖަޕާނުން ދިވެހިސަރުކާރާއި ހަވާލުކުރި ވާހަކައެއް ދެކެވުނެވެ. އެކަމަކު މިފައިސާ އޭގެ ހައްގުވެރީންނަކަށް ނުލިބެއެވެ.
މިކަމާއި ބެހޭގޮތުން މަޝްހޫރު ލިޔުންތެރިއެއްކަމަށްވާ އަބްދުލްހަކީމް ހުސައިން މަނިކު ލިޔުއްވިއެވެ. ސިލޯނުގެ ކޮޅުނބުގެ ވާކަންނަރު ފިހާރައިގެ ބޮޑު ސޭޓް ނާނާބަހީއަށް މިފައިސާގެ ހަގީގަތް ވަރަށް ބޮޑަށް އެގެއެވެ. ނާނާބަހީއަކީ މާލޭގައިވެސް ވިޔަފާރިކުރި މީހެކެވެ. މާލޭ ފިހާރައިގެ ނަމަކީ އަލީބަހީ މޫސާޖީ ފިހާރައެވެ. މިއީ މަޝްހޫރު މޫސާޖީ ފިހާރައެވެ. މީނާއަކީ މުހައްމަދު އަމީނުގެ ވަރަށް ބޮޑު ރައްޓެއްސެކެވެ. އެފަދައިން އަބްދުލްހަކީމް ހުސައިން މަނިކުގެވެސް ގާތް ރައްޓެއްސެކެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުމަރުހަލާގައި އިނގިރޭސި ސިފައިން އަލުން ސިންގަޕޫރު ހިފައި ޖަޕާނު ސިފައިން ފައްސާލުމަށްފަހު އައްބެޔާގެ އިބްރާހިމް ދީދީ އާއި ސިއްކަގޭ މުހައްމަދު މަނިކުފާނު މިނިވަންކޮށް ރާއްޖެއަށް ފޮނުވާލިއެވެ. އަދި ޔާހުންބަރާސް އޮޑިއަށް ވީގޮތާއި މަރުވިމީހުންނާއި ލިބުނު ގެއްލުންތަކުގެ ތަފްސީލު ހިމެނޭ ލިޔުމެއްވެސް މި ދެމީހުންނާ ހަވާލުކުރިއެވެ. މިލިޔުމަކީ ހަނގުރާމަ ނިމުމަށްފަހު ޖަޕާނު ސިފައިންގެ ފަރާތުން ގެއްލުން ލިބުނު މީހުންނަށް ބަދަލު ނަގައިދިނުމުގެ ވިސްނުމެއްގައި ތައްޔާރުކުރި ލިޔުމެކެވެ.
ދާންދޫ ދޮންތައްޚާނުގެ އޮޑިން ދަތުރުކުރި އެކަކުވެސް ސަލާމަތެއް ނުވެއެވެ. އެއިން ދަތުރުކުރި މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި ދެންތިބީ މުޅިންވެސް ހުވަދޫ މީހުންނެވެ. ހުވަދޫ ނޫން މީހަކަށް ހުރީ މީދޫ އަލިބެއްޔާގެ އަހައްމައިދިއެވެ. މި އޮޑިން މީހަކު ސަލާމަތް ނުވިޔަސް މިއޮޑިއާ ބެހޭ މައުލޫމާތު އެއްކޮށް މިއީ ޖަޕާނު ސިފައިންގެ އަނިޔާއެއްކަމަށް ރިކޯޑުކޮށް އިނގިރޭސި އެޑްމިރަލްޓީގެ ފަރާތުން މައްސަލަ އޮތީ ފައިލްކޮށްފައެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ޖަޕާނު ސިފައިންގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް ބަދަލު ނަގައިދިނުމުގެ ހަރަކާތެއް ފެށިއްޖެއެވެ. އިނގިރޭސިން ހުށައެޅި ޕެކޭޖުގެ ތެރޭގައި ރާއްޖެއަށް ލިބުނު ގެއްލުންތައްވެސް ހިމެނެއެވެ. އޭގެތެރޭގައި ޔާހުންބަރާސް އޮޑި އާއި ދޮންތައްޚާނުގެ އޮޑިން ދަތުރުކުރި މީހުންގެ މަރުގެދިޔައާއި އޮޑީގެ އަގާއި މުދަލުގެ އަގުވެސް ހިމެނެއެވެ. މިކަންކުރީ އޭރު ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައިވާ ގައުމަކަށްވާތީއެވެ.
މައްސަލައިގެ އެއްކޮޅުގައި އޮތީ އިނގިރޭސިވިލާތް ކަމުގައިވާތީ އިސާހިތަކު މިކަން ހަމަޖެހިއްޖެއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މިބަދަލު ރާއްޖެއަށް ދިނީ އިނގިރޭސިންނެވެ. މިބަދަލު ހަވާލުކުރީ ދިވެހި ދައުލަތް އޭރު ހިންގަވަން ހުންނެވި އަތިރީގޭ މުހައްމަދު އަމީނާއެވެ. އިނގިރޭސި ސަރުކާރުން 1947 ގައި މުހައްމަދު އަމީނަށް ފަސް ލައްކަ ސްޓާރލިން ޕައުންޑް ހަވާލުކުރިއެވެ. އެއީ ޔާހުންބަރާސް އޮޑިން ދަތުރުކުރި މީހުންނާއި އެމީހުންގެ އާއިލާތަކަށް ތިން ލައްކަ ޕައުންޑާއި ދޮންތައްޚާނުގެ އޮޑިން ދަތުރުކުރި މީހުންގެ އާއިލާތަކަށް ދެ ލައްކަ ޕައުންޑެވެ.
ބައި މިލިޔަން ޕައުންޑަކީ އެދުވަސްވަރު ވަރަށްވެސް ބޮޑު އަދަދެކެވެ. މީގެ ތެރެއިން އެންމެ ލޯ ލާރިއެއްވެސް އޭގެ ހައްގުވެރިންނަކަށް ނުލިބެއެވެ. މުހައްމަދު އަމީނު ކުރެއްވިކަމަކީ ސިއްކަގޭ މުހައްމަދު މަނިކުފާނާއި އައްބެޔާގެ އިބްރާހިމް ދީދީ ދާޚިލިއްޔާއަށް ހާޒިރުކޮށް އިނގިރޭސިން އެދެމީހުންނަށް ދީފައި އޮތް ލިޔުން އަތުލީއެވެ. އެލިޔުން އަތުލީމާ އެދެމީހުންނަށް ފަހުންވެސް މި ފައިސާ ހޯދުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނެތުނީއެވެ.
ފައިސާތައް ހޭދަވިގޮތް
މިފައިސާތައް ލިބުނު ދުވަސްވަރަކީ މުހައްމަދު އަމީނު އިންޑިޔާގެ ބޮމްބޭއަށް ވަރަށް ގިނައިން ވަޑައިގެން އުޅުއްވި ދުވަސްވަރެކެވެ. އެދުވަސްވަރު ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން ޝީލާއޭ ކިޔުނު އަންހެނަކީ ވަރަށްވެސް ރީތި އަންހެނެކެވެ. ފިލްމީ ދާއިރާގައި އެންމެ ފުންނާބު އުސް ނޫންނަމަވެސް މަޝްހޫރު ތަރިއެކެވެ. އެދުވަސްވަރު ޝީލާ އާއި އެނޫންވެސް ފިލްމީ ތަރިންނަށް ބޮމްބޭގެ އަގު ބޮޑު ހޮޓާތަކުގައި މުހައްމަދު އަމީނު ޖާފަތް ދެއްވައި އުޅުއްވިއެވެ. އަދި ނުވިތާކަށް ތާޖް ހޮޓެލް ފަދަ ހޮޓާތަކުން ފިލްމީ ތަރިންނަށް ކޮޓަރި ހަމަޖައްސަމުން ގެންދެވިއެވެ. ބުނެވޭ ގޮތުގައި ޔާހުންބަރާސް އޮޑި އާއި ދޮންތައްޚާނު އޮޑިއަށް ލިބެން ޖެހޭ ބަދަލު މުހައްމަދު އަމީނު ޚަރަދު ކުރެއްވީ މިމަގުންނެވެ.
ދިވެހި ދައުލަތަށް ފުރަތަމަ ފަހަރަށް އިންޖީނު އެޅި އާގުބޯޓެއް ބައްލަވައިގަތީވެސް ހަމައެދުވަސްވަރު މުހައްމަދު އަމީނެވެ. އެބޯޓުގެ ނަމަކަށް ހެއްދެވީވެސް ޝީލާ އެވެ. އެއީވެސް ފިލްމީތަރި ޝީލާގެ ޝަރަފާއި ހަނދާނުގައި ކުރެއްވި ކަމެކެވެ. އެބޯޓަކީ ވަރަށް ބާވެފައި އޮތް ކުޑަވަރެއްގެ ބޯޓެކެވެ. އެއަކުން ދިވެހި ދައުލަތަށް ކުރި ފައިދާއެއް ނެތެވެ. ބޯޓު ބައްލަވައިގަތް ކަމަށްވަނީ ދައުލަތުގެ ފައިސާއިންނެވެ.
މާލޭގައި އެދުވަސްވަރު ރީތިކަމަށް މަޝްހޫރު އަންހެން ބޭފުޅުންނަށް މުހައްމަދު އަމީނުގެ އަމިއްލަ ޚަރަދާއި ސަރުކާރުގެ ބައިތުލްމާލުންވެސް ނަންގަވައިގެން ރީތި ގެތަކެއް ބިނާ ކޮށްދެއްވިއެވެ. ސޯސަންގެއާއި ބިއްލޫރި ޖެހިގެއަކީވެސް މިމަގުން ބިނާކުރެވުނު ގޭގެއެވެ. އެދެގެ ފަހުން ސަރުކާރަށް ނެންގެވީ އިބްރާހިމް ނާސިރެވެ. މިހުރިހާ ޚަރަދުތަކަށް ބަލާއިރު ޔާހުންބަރާހާއި ދޮންތައްޚާނު އޮޑިން މަރުވި މީހުންގެ މަރުގެ ދިޔައިގެ ބަދަލުގައި ޖަޕާނުން ލިބުނު ބައި މިލިއަން ޕައުންޑް ހޭދަވެގެންދާކަށް މާގިނަ ދުވަހެއް ނުނަގާނެކަން ކަށަވަރުވެއެވެ.
ބޮޑުހަގުރާމައިގެ ތެރޭގައި ބަނޑަށް ދިވެހިން މަރުވަމުން ދިޔައިރު ކާޑު ގަންނަން ދައުލަތުން ފައިސާ ނަންގަވައިގެން ސިލޯނަށް ވަޑައިގެންނެވި ހަސަން ފަރީދު ކުރެއްވިކަމަކީ އެފައިސާއަށް ކެންޑީން ރީތި ގެއެއް ބައްލަވައިގަތުމެވެ. އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނަވަނީ މިސްރުގައެވެ. ދިވެހި ރައްޔިތުން ބަނޑަށް މަރުވިއަސް އެކިލެގެފާނަށް ދައުލަތުގެ ބައިތުލްމާލުން މަހަކު ފަންސަވީސް ހާސް ރުފިޔާ ދިޔައީ ފޮނުވަމުންނެވެ. އެހެންވީމާ މުހައްމަދު އަމީނާއިމެދު ނާނާބަހީ ކިޔައިދިން ވާހަކަޔަކީ ދޮގެއްކަމަށް ކަޑައެޅޭނެ ޖާގައެއް ނެތެވެ. އެދުވަސްވަރު ދިވެހި ގައުމު ހިންގާންތިއްބެވި ވެރީންގެ ނަޒާހަތްތެރިކަން ހަމަކޮންމެ ކަމެއްގައިވެސް ފެންނާންއޮތީ މިކަހަލަ ގޮތަކަށެވެ. (ނިމުނީ)
ފަހުގެ ޚިޔާލުތައް