އަތިރަގޭ އަލިމަނިކުފާނުގެ އޮޑީގެ ފަހުދަތުރާއި ބޮޑުޖަގަޑާ 1

ވާހަކައިގެ ފެށުން

މިއީ މީދޫގެ ތާރީޚުގައި ހިގާފައިވާ އެންމެ ބޮޑު ގަޑުބަޑުގެ ވާހަކައެވެެ. ވަފާތެރިކަމާއި ހަރާންކޯރުވުމާއި މިހެންގޮސް ހުރިހާ އަސަރުތަކެއް އެކުލެވޭ ވާހަކައެކެވެ. ވާހަކައިގެ މައިގަޑު ގުޅިފައިވަނީ އަތިރަގޭ އަލިމަނިކުފާނާއެވެ. އަސްލަކީ މީދޫ ރައްޔިތުންނަށް އަލިމަނިކުފާނު ދިން ކޮޅުކެއްސެވެ. ވާހަކައިގެ ނިމުމަކީ އަލިމަނިކުފާނު މީދޫގައި ބިނާކޮށްފައިހުރި ގަޑުވަރެއްކަހަލަ ގެ ރައްޔިތުން ނިކުމެ ތަޅައިލުމެވެ. ތާރީޚަކީ ގިނަފަހަރަށް ހިތި އެއްޗެކެވެ. ބައެއް މީހުންނަށް ބައެއްކަހަލަ ސަބަބުތަކާހެދި ހަޖަމުކުރަން ދަތިވާނެއެވެ.

އަތިރަގޭ އަލިމަނިކުފާނަކީ ހުޅުދޫ މީހެކެވެ. ދިރިއުޅުނީ މީދޫގައެވެ. އެއީ މީދޫ އައިސާދަރު އާމިނާމަނިކެ އާއި ފިޅިހެރަ މޫސާތައްޚާނުގެ މުހައްމަދުތައްޚާނު ކައިވެނިކޮށްގެން ލިބުނު ހުސެންއަބޫ، ހުޅުދޫ އަތިރަގޭ ހައްވާމަނިކެއާ ކައިވެނިކޮށްގެން ލިބުނު އަލިމަނިކުފާނެވެ. އަލިމަނިކުފާނު ކައިވެނިކުރީ މީދޫ ދެށިނާގެ އިބްރާހިމްދީދީދީގެ ފާތިމަތު ދީދީއާއެވެ. އަލިމަނިކުފާނަކީ އުފެއްދުންތެރި ތަނަވަސް ވިޔަފާރިވެރިއެކެވެ. އޮޑި ދޯނިފަހަރު ހުއްޓެވެ. މޮޅު މާލިމީއެކެވެ. މީދޫގެ ވެރިންނަށް އޭރު ތިބީ މީނާގެ ބަފައިބެއާއި އެ ބަފައިބެގެ ބޭބެ ފެންނާމަނިކުފާނާއި ކޮއްކޮ ނާފިޒެވެ.

މައްސަލަ ޖެހުނު ދަތުރު

އަލިމަނިކުފާނުގެ މައިގަޑު މަސައްކަތަކީ ވިޔަފާރިކަމު ބޭރަށް ދަތުރުކުރުމެވެ. މިގޮތުން އެއްފަހަރަކު ސިލޯނަށް ފުރަން ތައްޔާރުވެއްޖެއެވެ. އެއީ 1958 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭރު އަދި ސުވާދީބު ޖުމްހޫރިއްޔާ އިއުލާނެއް ނުކުރެެއެވެ. އެކަމަކު އައްޑުވާއި މާލެއާދޭތެރޭ ފިތުނައިގެ އަލިފާންއޮތީ ރޯވެފައެވެ. އޮޑިއަށް ބޯފެނާއި ކާތަކެތި ލައިފިއެވެ. ދަތުރަށް ބޭނުންވާ ދަރާއި އެހެނިހެންވެސް ސާމާނު ލައިފިއެވެ. ފަޅުވެރިންނާއި ދަތުރުވެރިންވެސް އެމީހުންގެ ފޮށިތަންމަތި އޮޑިއަށް އަރުވައިފިއެވެ. ވިޔަފާރި މުދާވެސް ލައިފިއެވެ. އެއީ ހިކިކަނޑުމަހާއި ރިހާކުރެވެ. ބޮއްޔާއި ރޯނެވެ. ކާއްޓާއި އައްޑޫ ބޮނޑިއެވެ. ހުއްކަރާއި އާރޮހެވެ. ކުފުރާ އާއި އަސާރައެވެ. މާލިމީއަކީ އޮޑިވެރިޔާ އަލިމަނިކުފާނެވެ. މިދަތުރުގައި ފުރީ މީދޫގެ ސާޅީސް މީހުންނެވެ. އެއީ އެދުވަސްވަރު ރަށުގައި ތިބި އެންމެ ހީވާގި ހަރަކާތްތެރި ޒުވާނުންނެވެ.

އޮޑިން ދަތުރުކުރި މީހުން

މި އޮޑިން އޮޅުދޫ ކަރަޔަށް ދިޔައީ ސާޅީސް މީހުންގެ ތެރޭގައި އަތިރަގޭ އަލިމަނިކުފާނާއި އަލިބެއްޔާގެ މުހައްމަދުދީދީ، އައްޓިއަރި އަހުމަދުދީދީ، އަލިބެޔާގެ ހުސޭނު، އެޅަތޮށިގޭ މުހައްމަދު ތައްޚާނު (ވަށޮދިޔަގެ ބެއްޔާ)، އެޅަތޮށިގޭ ހަސަން ތައްޚާނު، ބޭބެއަލިޔަގެ ހުސޭނު، ދޮން އަލިބެޔާގެ ހުސޭނު، ކުންނިއަރި އިބްރާހިމްދީދީ، ކަދީދަގެ ކަޅާ (ކަޅޮބެއްޔާ)، މުހައްމަދު ނަޖީބު (މުދިންބޭބެ)، މާދަރިގޭ އަބްދުﷲ ދީދީ (މާދަރިގޭ ބޭބެ)، މިސްކިތްދޮރެގޭ އަހުމަދުދީދީ، ސަންފާގެ މަނިކާ، ކަލޯގެ އަހުމަދު، ދޮންފުތާގެ ތުއްތޫ، އެޅަފުތާބެއްޔާގެ ރަޝީދު، ބަނޑިހިގޭ އަބްދުލް ގަނީ، މިމީސްމީހުން ހިމެނުނެވެ.

އެދުވަސްވަރު ސިލޯނަށް ދަތުރުކުރާނަމަ ފުރަތަމަ ދާން ޖެހެނީ މާލެއަށެވެ. އައްޑޫން ފުރައިގެން ސިލޯނަށް ދަނީ ސުރައްޔާނަށް ދަތުރުކޮށްގެންނެވެ. ނަމަވެސް މިދަތުރު ތަފާތެވެ. އައްޑޫން ފުރައިގެން ފުރަތަމަ ދިޔައީ ހުވަދުއަތޮޅަށެވެ. ސިލޯނަށް މިސްރާބުޖެހީ ހުވަދުއަތޮޅުންނެވެ. ހުވަދޫގައި ތިބެފައި ފުރީ ކެރައްދޫ ކަނޑުން ނިކުމެގެންނެވެ. ކެރައްދޫ ކަނޑަކީ ނިލަންދޫ އާއި ކެރައްދޫ އާއި ދޭތެރެއިން ނިލަންދޫގެ އުތުރުގައިވާ ކަނޑެވެ.

ދުވަސްވަރަކީ ރިޔަލުގެ ދުވަސްވަރެވެ. އައްޑޫ އޮޑިފަހަރު އާއްމުގޮތެއްގައި ސިލޯނަށް ދަތުރުކުރަނީ މާލެއަތޮޅާއި ހަމަކޮށްފައި ސުރައްޔާނަށް ދީލާލައިގެންނެވެ. އޭރުން އުތުރަށް ދާންޖެހޭ މިންވަރަށް ހުންނާނީ ދެވިފައެވެ. އައްޑޫގައި ތިބެފައި ސިލޯނަށް ދާނަމަ އެވަރަށް އުތުރުކުރުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެކެވެ. މިފަދައިން ދަތުރުކުރުމުން މޫސުން ރަގަޅުނަމަ ޖެހިގެން އަންނަ ދުވަހު ނޫނީ ދެވަނަ ދުވަހު ތިބޭނީ ސިލޯނުގައެވެ. ސަމުގާގެ މިސްރާބުންނަމަ ދުއްވާނީ އައްޔޫގު އީރާނަށެވެ. ނުވަތަ ސާޅީއަށެވެ. މިގޮތަށް ދަތުރުކުރެވޭނީ އަރުޟާއި ތޫލާއި އެއްވަރުވާގޮތަށެވެ. މިމިސްރާބަށް ދާނީ މާލެ ނުވަދެ ސިލޯނަށް ދަތުރުކުރާނަމައެވެ.

ސިލޯނަށް ދެވުން

ހުވަދޫގައި ތިބެފައި ފުރިފަހުން ހިކިފަސްތަނެއް ނުފެނި ބަރާބަރު ހަފުތާއެއް ފާއިތުވުމަށްފަހު ކޮންމެވެސްތަނެއް ފެނާން ފަށައިފިއެވެ. ފަޅުވެރިއަކު ކުނބަށް އަރާފައި ބުންޏެވެ. ދުރުން އެފެންނަ ތަނެއް އަދި އެގޭވަރެއް ނުވެއެވެ. އޮޑީގެ އެހެން ފަޅުވެރިން ބުނެފިއެވެ. ތިޔަތަނެއް ބަލާފައި ނޫނީ ދުލެއް ނުކުރާނަމެވެ. މިހެން ކިޔާފައި އެދިމާލަށް އޮޑި އަނބުރާލައިފިއެވެ. ވަކި ވަރަކަށް ކައިރިވުމުން އެއީ ކޮންތަނެއްކަން އެގިއްޖެއެވެ. އެމީހުން ކިޔާ ގޮތުންނަމަ އެއީ ވެލިގަމެވެ. އެއީ އޮޅުދޫކަރައިގެ ވެލަގަމްވިހެރާއެވެ. އެތަނާ ކައިރިކުރެވުނުއިރު އިރުއޮއްސެނީއެވެ.

ކޮންތަނެއްކަން ޔަގީންވުމާއެކު އަލިމަނިކުފާނު ބުނެފިއެވެ. ގާލީއާއި ދިމާލަށް އޮޑި އަނބުރައިލާށެވެ. ފަޅުވެރީން މިކަމާ ދެކޮޅުހަދައިފިއެވެ. އަލިމަނިކުފާނު ބުންޏެވެ. އެހެންވިއްޔާ ކަލޭމެން ހަދާއެއްޗެއް ހަދާށެވެ. މިތަނަކީ އަހަރެން ދުވަހަކުވެސް އައިތަނެއްނޫނެވެ. މިތަނަށް ވަންނާކަށްވެސް އަދި ނިކުންނާކަށްވެސް ނޭގެއެވެ.

އޮޑި ކައިރިކުރެވުނުއިރު ބޮއްކުރާގަޑެއްގައި މަހަށް ނިކުމެގެން އުޅުނު މީހަކާ ދިމާވެއްޖެއެވެ. މިވަރުގެ އޮޑިޔަކާއިގެން މިތަނަށް ވަދެވޭނެތޯ ސުވާލު ކުރީމާ މަސްވެރިކަލޭގެ ބުންޏެވެ. އާނއެކެވެ. ދެން ވަންނާނޭ މަގުދައްކައިދޭށޭ ބުނީމާ ހިކިމަސްކޮޅެއް ދިނުމަށް ޝަރުތުކޮށްފައި މީނާ މަގުދައްކައިފިއެވެ.

މަގުދެއްކީ ދެފަރުބަދައެއްގެ ދޭތެރެއިންނެވެ. މިތަނުން ދުއްވާފައިގޮސް ކޯރެއްގެ ތެރެއަށެވެ. އެތާގެ އައްސޭރިފަށަށް ބިޔަ ރާޅުތައް މުގުރައެވެ. އެތަނަށް ވަދެ އެރޭ ނިދައިފިއެވެ. ހެދުނު ހޭލައިގެން އެއްގަމަށް ފައިބައި ފެންވަރައި ތާޒާވެލައިގެން މުދާތައް ނެރެ ވިޔަފާރި ކުރާންވެސް ފަށައިފިއެވެ.

މިގޮތުގައި ތިންދުވަސް ވެއްޖެއެވެ. ތިންވަނައަށްވީރޭ ބޮއްކުރާގަޑެއްގައި ނިކަން ދޮން ބޮޑުމީހަކު އައިސް އޮޑިއާއި ކާރިކޮށްފައި ގޮވައި ލޮއްކާ ކޮބައިހޭ އަހައިފިއެވެ. ލޮއްކާ ނުވަތަ ލޮކުމިނިހާއަކީ އޮޑީގެ ބޮޑުމީހާއެވެ. އޮޑިން ޖަވާބު ދިނެވެ. ލޮއްކާ އެބައޮތެވެ. މިހެން ކިޔާފައި އަލިމަނިކުފާނަށް އެންގުމުން މީނާ ބޭރަށް ނިކުމެއްޖެއެވެ. އެހިނދު އެމީހާ އަލިމަނިކުފާނަށް ފޯރުކޮށްދިނީ ރާ ފުޅިއެކެވެ. އަވަސްއަވަހަށް އަލިމަނިކުފާނު ބުންޏެވެ. ކަލޭ ތިޔަފުޅި ބޮއިލާށެވެ. ތިޔައީ އަހަރެން ބޮއިއުޅޭ ޒާތުގެ އެއްޗެއް ނޫނެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!