އަތިރަގޭ އަލިމަނިކުފާނުގެ އޮޑީގެ ފަހުދަތުރާއި ބޮޑުޖަގަޑާ 2

މަސްވިއްކުމާއި ޖާފަތަށް ދިއުން

އަލިމަނިކުފާނު ސުވާލުކުރިއެވެ. މިދަންވަރު މިތަނަށް އައީ ކީއްކުރަންހެއްޔެވެ. އޭނާ ބުންޏެވެ. މިއައީ މަސްގަންނާން ވެގެންނެވެ. ބޭނުންވަނީ ސަރުކާރަށް ސިއްރުން މަސްގަންނާށެވެ. އޮޑީގެ މީހުން ބުނެފިއެވެ. މަހެއް ނުވިއްކާނަމެވެ. ކަލޭ ރާބޮއެގެން ރަލުން ފެންވަރައިގެންދާށެވެ. މިއަޑު އަހާފައި އަލިމަނިކުފާނު ބުންޏެވެ. ކުދީންނޭ ތިޔަހެން ނުހަދައި މިސޮރަށްވެސް މަސްކޮޅެއް ވިއްކައިލާށެވެ. މިހެން ބުނެގެން އޭނާއަށްް މަސްކޮޅެއް ވިއްކައިފިއެވެ.

ޖެހިގެން އައިރޭ އަނެއްކާވެސް އެމީހާ އޮޑިދޮށަށް އައިސް މަސްވިއްކުމަށް އެދިގެންފިއެވެ. އެރޭ އޮޑީގެ މީހުން ފަންސަވީސް ހަންދަރު މަސް ވިއްކައިފިއެވެ. މީނާ ވީއުފަލުން އޮޑީގެ އެންމެނަށް ކެއުމަކަށް ދައުވަތު ދީފިއެވެ. ގެއަށް ދާނޭ މަގުވެސް ބުނެދީފިއެވެ. ފަހުދުވަހު މެންދުރު އޮޑީގެ މީހުން ފެންވަރައި ނަލަހެދިގެން ގަޔަށް އަތަރު އޮއްސައިގެން މިޖާފަތަކަށް ހިގާއްޖެއެވެ. އެކިމީހުން ދިޔައީ އެކިމަގުން ކުދި ގްރޫޕުތަކަށް ބަހާލައިގެންނެވެ. މިހެންހެދީ މިރަށުގެ މީހުންނަށް ނުބައި ގޮތަކަށް ވިސްނާން ފުރުސަތު ނުދިނުމަށެވެ. އެގެއަށް ދިޔައިރު ސުފުރާ ހުރީ ތައްޔާރުވެ ފަތުރާފައެވެ. އޭގައި ނެތް އެއްޗެއް ނެތެވެ. އެހާވެސް ތަކެތި ގިނައެވެ.

އޮޑީގެ މީހުންގެ ތެރެއިން ޖާފަތަށް ނުދެވުނީ ތިންމީހަކަށެވެ. އެއީ މާދަރިގޭ ބޭބެ އާއި ކަލޯގެ އަހުމަދާއި ސަންފާގެ މަނިކާއެވެ. މިތިން މީހުންނަށް ނުދެވުނީ ބަނދަރާއި ކާރީގައިވާ ފެންހޮޅިއަކުން ފެންވަރާން ތިއްބާ އެތަނަށް ފުލުހުން ގޮސް ހައްޔަރުކުރުމުންނެވެ. އެމީހުން މިނިވަންވީ އަނެއްދުވަހުއެވެ.

ޖާފަތުން ނިމިގެން އޮޑިޔަށް ދާންވެގެން ހިގައިގަތްތަނާ ކޮންމެވެސް ބަޔަކު ޔާލު މިނިހާއޭ ކިޔައިގެން އެއިގެ ތެރެއިން ތިންމީހަކު މަޑުކުރުވައިފިއެވެ. އެހެންމީހުން މިއަޑު އިވޭކަމަކަށް ނުހެދިއެވެ. އެކިމީސްމީހުން އެކިދިމަދިމާލަށް ގޮސް ފިލައި ރައްކާވެއްޖެއެވެ. މިއިން އެކަކަށްވެސް އަނެކަކު ދިޔަ ތަނެއް ނޭގެއެވެ. މިބައިމީހުންނަށް އޮޑި ދޮށަށް ދެވުނީ އެދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.

އަލިބެއްޔާގެ މުހައްމަދުދީދީ އާއި އައްޓިއަރި އަހުމަދުދީދީއާ ދެމީހުން ދިމާވެގެން އެކުގައި އޮޑިއަށް ދާން އަތިރިމައްޗަށް ދިޔައިރު ދަންނަ މީހަކާއި ދިމާވިއެވެ. އެމީހާގެ ކައިރީގައި ބުނެގެން ބޮއްކުރާގަޑެއް ހޯދައިގެން އޮޑިއަށް ގެންގޮސްދޭށޭ ބުނެފިއެވެ. ރޭގަނޑަށް ވުމުން އޭނާ ހުރީ ބިރުންްނެވެ. ރާޅުތަކުގެ ބޮޑުކަމުން އޮޑިދޮށަށް ދެވޭވަރެއް ނުވިއެވެ. އޮޑިދޮށަށް ނުދެވިގެން އަނބުރާލާފައި އައީއެވެ. ދެން މިސްކިތަކަށްގޮސް އެތާގައި ތިއްބައި ނިދާގަޑިޖެހުމުން އިމާމު މީހާ އައިސް ކަދުރު ފަންގަޑެއްދީފައި ބުންޏެވެ. ކަލޯމެން ނިދައިލާށެވެ. އެރޭ އެތާގައި ތިބެފައި ހެނދުނު ބޮއްކުރާ ލަފާ ތަނަށް ދިޔައީއެވެ.

ހައްޔަރުވުން

ބޮއްކުރާ ލަފާތަނަށް ދިޔައިރު ބޯފެންބަލައި ބޮއްކުރާ ކައިރިކުރަނީއެވެ. އެމީހުން ފޭބުމާއެކު ފުލުހުންގޮސް އޭގައިތިބި ހަތަރުމީހުންވެސް ހައްޔަރުކޮށްފިއެވެ. އަދި އޮޑިއަށްގޮސް އޮޑީގައިތިބި މީހުންވެސް ހައްޔަރުކޮށްފިއެވެ. މިމަންޒަރުބަލަން ދުރުގައި މިދެމީހުން ތިއްބައި ކުއްްލިއަކަށް ފުލުހުންއައިސް އެދެމީހުންވެސް ހައްޔަރުކޮށްފިއެވެ. ފުލުސްމަރުކަޒަށް ގެންދިޔަގޮތަށް ކެއުމެއް ބުއިމެއް ނުލިބެއެވެ.

ފުލުހުން ކުރާކަމަކީ ބަސްދަންނަ މީހުންނާއި އެކިއެކި ސުވާލުކޮށް ޚަބަރު އެހުމެވެ. އެމީހުންނާއި ކުރާ ސުވާލުތަކަކީ ކަލޭމެންނަކީ ކޮންބައެއްތޯ އާއި ކޮންތަނަކުން އައި ބައެއްތޯއެވެ. އަދި މިތަނަށް އައުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ޖަވާބު ދިނީމަވެސް ކުރަނީ ހަމަ އެސުވާލެވެ. މިގޮތަށް އެއްދުވަހު ތިބެއްޖެއެވެ. ޖެހިގެން އައިދުވަހު ފަޅުވެރިން ރުޅިގަދަވެއްޖެއެވެ. ވަށޮދިޔަގެ ބެއްޔާ އާއި އެގޭ ހަސަންބެއްޔާ ރުޅިގަދަވެގެން ބުންޏެވެ. ކަލޭމެން ދައްކަނީ ތަކުންތާކުޖެހޭ ވާހަކައެއްނޫނެވެ. މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ކާންނުދެނީހެއް އަގައިންވެސް ނުބުނާނަމެވެ. ފުލުހުން ބުންޏެވެ. ތިމަންމެންނަކީވެސް ފަގީރު ބަޔަކީމެވެ. މިތާގައި މިތިބެނީ ކުޑަކުޑަ އެތިކޮޅެއް ލިބިގެންނެވެ. ފަޅުވެރިން ބުންޏެވެ. ކަލޭމެންނަކީ ފަގީރުންކަމުގައިވިޔަސް އަދި މުއްސަދީންކަމުގައިވިޔަސް އަހަރެމެންނަށް ފަރުވާލެއް ނެތެވެ.

ފަޅުވެރިން މިޒާތަށް އަޑުގަދަކުރާންފެށީމާ ޕާން ގެނެސްދީފިއެވެ. ކޮންމެ މީހަކުވެސް އެއިން ޕާންފޮއްޗެއް ކައިފިއެވެ. އެވަރުންވެސް ލިބުނީ ހުސް ޕާންކޮޅެކެވެ. ސައިފޮދެއްވެސް ނުލިބުނެވެ. އެއްވެސްމީހެއްގެ އަތުގައި އޭރު ފައިސާއެއް ނެތެވެ. އެހެންވީމާ ކާއެއްޗެއް ގަނެވޭނެ ގޮތެއްވެސް ނެތެވެ. މިގޮތުގައި ހަތްދުވަހު މިތާގައި ތިބޭންޖެހުނެވެ.

ހަތްވަނައަށްވީރޭ ދަންވަރު ނިދާންތިބެފައި މާދަރިގޭ ބޭބެ ހަޅޭލަވައިގެންފައި ބުންޏެވެ. މިތާގައި ކޮންމެވެސް އެއްޗެއް އެބައުޅެއެވެ. ހަންޑި އެބައުޅެއެވެ. ފުރޭތައެބައުޅެއެވެ. އެހެން ކިޔާފައި ތެޅިފޮޅެނީއެވެ. އެންމެން ހޭލައިގެން ތެދުވެެއްޖެއެވެ. އެތަނަކީ އަނދިރިކަމުން އެކައްޗެއްވެސް ފެންނަ ތަނެއްނޫނެވެ. މިހާލެއްގައި އެންމެންވެސް ފަތިސްވާންދެން ހޭލައިތިބެއްޖެއެވެ. ހެނދުނު ފުލުހުން އައިސްް ޕާންކޮޅެއް ދިނީމާ ކައިގެން ދެންވެސް ތިބީއެވެ.

މިހުރިހާ ކަމެއްވާއިރު މިގްރޫޕުގައި އަލިމަނިކުފާނެއް ނެތެވެ. ހައްޔަރުވުމުގެ ކުރީން އަލިމަނިކުފާނާއި މިބައިމީހުންނާ ދެމެދު ވަރުގަދަ ޒުވާބެއް އޮތީ ހިގައިފައެވެ. މިޒުވާބެއްގެ ސަބަބަކީ އެހާތަނަށް ވިޔަފާރިވެސް ކުރެވިފައިވުމާއެކު ފުރައިގެން އަވަހަށް ރަށަށް ދިޔުމަށް ފަޅުވެރިން ބާރު އެޅުމާއި މިކަމަށް އަލިމަނިކުފާނު ނޫނެކޭ ބުނުމެވެ. އަލިމަނިކުފާނު ބޭނުންވަނީ މާލެއަށްވެސް ދިއުމަށެވެ. މިޒުވާބެއް ހިގާފައި އޮތުމާއި މިހުރިހާ އަޒާބެއް ފަޅުވެރީންނަށް ލިބޭއިރު މިކަން ބަރުދާސްތުކުރަން އަލިމަނިކުފާނު ނެތުމުގެ ސަބަބުން ފަޅުވެރިން ތިބީ އަލިމަނިކުފާނު ދެކެ އިންތިހާއަށް ރުޅިއައިސްފަ އެވެ.

މިމީހުން ހައްޔަރުވުމުގެ ސިއްރަކީ އަލިމަނިކުފާނު ފުލުހަށް ރިޕޯޓުކުރުން ކަމަށް އެންމެނަށްވެސް އޮތީ ގަބޫލު ކުރެވިފައެވެ. މިތާގައި ހައްޔަރުވެގެން ތިބެންޖެހޭ އެހެންއެއްވެސް ސަބަބެއްނެތެވެ. ކޮންމެވެސްމީހަކު ރިޕޯރޓެއް ކޮށްގެން ކަމަށް ތުހުމަތު ކުރެވޭއިރު އެމީހަކީ އަލިމަނިކުފާނު ކަމަށްވެސް ޔަގީން ކުރެއެވެ. މިގޮތުގައި ތިބޭތާ ހަތްވަނައަށް ވީދުވަހު މެންދުރު އަލިމަނިކުފާނު އަތުވެއްޖެއެވެ. ފާޑަކަށް ހީލާފައި ބުންޏެވެ. ކުދީންނޭވެ. މިހާދުވަސް ވާންދެން މިތާގައި ތިބެގެން ތިޔަކުރަނީ ކީއްހެއްޔެވެ. އަލިމަނިކުފާނުގެ އަނގައިން މިބަސް ރަނގަޅަށް ބޭރުނުވަނީސް ފަޅުވެރިން ރުޅިވެރިކަމާއެކު ނުކިޔާކަށް އެއްޗެއް ނެތެވެ. އައުގުރާނައަށް ދާންދެން ގޮވައިފިއެވެ. އަލިމަނިކުފާނު އިތުރުއެއްޗެކޭ ނުބުނެ ހުރެފައި ހިގާއްޖެއެވެ.

އަލިމަނިކުފާނު ދިޔައީ ގާލީއަށެވެ. އެތަނަށްގޮސް ފުލުހުންގެ ވެރިޔަކަށް ގުޅައިގެން ފަޅުވެރިން ހައްޔަރުކުރުވިގޮތަށް އެމީހުން މިނިވަންވެސް ކުރުވައިފިއެވެ. ހަފުތާއެއް ވާންދެން ބަންދުގައި ތިބޭން ޖެހުމުން ހުރިހާ ފަޅުވެރިން ހިތްވަރުއެލި ބަލިކަށިވާނޭ ކަމަށް އަލިމަނިކުފާނު ހީކުރިއެވެ. ކޮންމެއަކަސް ފަޅުވެރިން މިނިވަންވުމުން އެންމެން ދިޔައީީ އޮޑިއަށެވެ. ދެތިން ދުވަހެއްގެ ތެރޭގައި އެބަނދަރުން ފުރައިފިއެވެ. ދެންގޮސްވަނީ ގާލީ ބަނދަރަށެވެ. އޮޑީގައި ބާކީ ހުރި މުދާތައް ވިއްކައިލީ ގާލީއަށެވެ. އެހާތަނަށް ދިޔައިރު ވިޔަފާރީގެ ކަންތައް އޮތީ މުޅީން ނިމިފައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!