މީދޫ ދެކުއްޖަކު މުހިއްދީން ވާވެއްދި ގޮތުގެ ވާހަކަ
ދުވަސްވަރަކީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރެވެ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ގަމަށް މަސައްކަތު ދިއުމާއި ގަމު ހަސްފަތާލަށް ދައްކަން ދިއުން އޮތް ދުވަސްވަރެވެ. މީދުން ގަމަށް ދާ މީހުން ގޮވައިގެން އެންމެ ފުރަތަމަ ދަތުރު ކުރަން ފެށި އިންޖީނު ބައްތެލީގެ ދަތުރު ފެށި ދުވަސްވަރުވެސް މެއެވެ. އެއީ ސޯމާ ބޯޓް ނަމަކަށް ކިޔުނު އިންޖީނު ބައްތެއްޔެވެ. މިހާރުގެ ގޮތަށް ކިޔާ ނަމަ ލޯންޗެވެ.
ސޯމާ ބޯޓުގައި ދަތުރު ކުރުމަކީ ރަށުގެ ބައެެއް ޒުވާން ކުދީން ވަރަށް ގަޔާވާ ކަމެކެވެ. ޚާއްސަކޮށް މިބޯޓްގައި ގަމަށްދާން ވަކީން ފޯރީ ހުރެއެވެ. ގަމަށް ދިޔައީމާ މީރު ކާ އެއްޗިއްސާއި ޑޮންޑޮން ފުޅިއާއި ސިރިންޖާއި ބެޑްމިންޓަން ބޯޅައާއި ޕިންޕޮން ބޯޅަ ފަދަ ކުޅޭ އެއްޗެހި ލިބޭނެއެވެ. ސޯމާ ބޯޓް ގަމަށް ފުރިދުވަހެކެވެ. ދަތުރުގެ މެދުން ކުއްލިއަކަށް ބޯޓުގެ ތެރެއިން ފެނުނީ ހުއްދަ ނެތި އަރައިގެން އުޅުނު ލާނެތް ފާޑުގެ ދެ ކުއްޖެކެވެ. މިކުދީންގެ އުމުރުން ވާނީ 10 ވަރަކަށް އަހަރެވެ. މިކުދީން ފެނުނީ ދަތުރުގެ މެދަކަށް ވެސް ދެވުނު ފަހުން ކަމަށް ވީމާ ބޯޓު އަނބުރާނުލައި ކުރިއަށް ދިޔައީ އެވެ.
ގަމާއި ކައިރިކުރުމަށްފަހު މި ދެކުދީން ބޯޓްގައި ތިބޭން އަންގާފައި އެހެން އެންމެން އެއްގަމަށް ފައިބައިފިއެވެ. އޭރު ގަމަށް ފޭބޭނީ ހުއްދައެއް އޮވެގެންނެވެ. ގަމަށް މަސައްކަތު ދާން ރަޖިސްޓަރީ ކޮށްފައި އޮތުމާއި ދޯނި އަޅަން ދިއުން ނުވަތަ ހަސްފަތާލަށް ދާން ރަށު އޮފީހުން ހުއްދަ ސިޓީ ލިބިފައި ތިބި ބަޔަކަށް ވާން ޖެހެއެވެ. ކޮންމެއަކަސް ފަޅުވެރިންވެސް ބޯޓުން ފޭބުމުން މިދެ ކުދީން ބޯޓްގައި ތިބެގެން ސައްލާ ކޮށްފިއެވެ. ގަމަށް ފައިބައިގެން ސިކުއިރިޓީ ޕޯސްޓުން އެތެރެވާނެ ގޮތަކާއި މެދުގައެވެ. އެއިގެ ތެރެއިން ވަންނިވަންނިއަރިގޭ އިބުރާ ބުނެފިއެވެ. ތިމަންނާ މޮޅު ގޮތެއް ބުނެފާ ނަމެވެ. އެކަމަކު ކާމިޔާބު ވާނީ ސިކިއުރިޓީ އިންޗާރޖް ޕާކިސްތާނުގެ މުހިއްދީނު ހުރި ގަޑިއަކާއި ދިމާވެއްޖެ ނަމައެވެ. ދެންހުރީ ކަތީބު ކަލޭގެ ދަރި ފާތިހާއެވެ. މިސައްލާއެއް ކޮށްފައި މިދެކުދީން ބޯޓުން ފައިބައިގެން ރަށު ތެރެއަށް މިސްރާބު ޖަހައިފިއެވެ.
މިހެން އުޅެނިކޮށް ސިކިއުރިޓީ ޕޯސްޓާ ހަމަވެގެން ފުރަތަމަވެސް ދިމާވީ މުހިއްދީނާ އެވެ. މި މުހީއްދީނަކީ އިސްކޮޅުން ބިޔަ ވަރުގަދަ ޕަޓާނެކެވެ. ރުންކުރު ނުލަފާ މީހެކެވެ. މީނާގެ ނުހޮރޮއްޕާނުގެ ބޮޑުކަމުގެ ވާހަކަޔަކީ މުޅި އަތޮޅުގައިވެސް މަޝްހޫރު ވާހަކައެކެވެ. މީނާގެ އަތްދަށުން ބެޗުމަކީ އެކަކަށްވެސް ކުރެވޭކަމެއް ނޫނެވެ. މިކުދީން ފެނުމުން މުހިއްދީނު އަހައިފިއެވެ. ތިޔައީ ކޮން ކުދީންނެއް ހެއްޔެވެ. އަދި ގަމަށް އައިސްގެން އުޅެނީ ކީއްކުރަންހެއްޔެވެ. މިދެ ކުދިން ބުނެފިއެވެ. ތިމަންނާމެން މިއައީ މީދޫ އެވެނި ނަމެއް ކިޔާ މިވެނި ކަމަނާއެއްގެ ސަލާން މުހިއްދީނަށް ދަންނަވާން ކަމަށެވެ. މުހިއްދިނަށް އެކަމަނާ ސަލާމް ބުނި ކަމަށާއި ، މުހިއްދީނަށް ކުކުޅެއްވެސް ފޮނުވަން އުޅުނު ކަމަށް ބުނެފިއެވެ. ކުކުޅު ހިފޭގޮތް ނުވީމާ ކުކުޅު ނުގެނެވުނީއެވެ. މި އަންހެން ކަމަނާއަކީ މުހިއްދީނު މާބޮޑެއްކޮށް ހިތާވާ އަންހެނެކެވެ. މިކަމަނާއަކީ ވަލިއަރިޔަގޭ ވައްލު އެވެ. މިސިއްރު މި ދެ ކުދިންގެ ތެރެއިން އިބުރާއަށް އޮންނަނީ އެނގިފައެވެ. އެއީ ގަމަށް ދާ އޭނާގެ ޅިޔަނު މި ވާހަކަ އިބުރާގެ އެއްބަނޑު ދައްތައެއްގެ ކާރީގައި ދެއްކި އަޑު އަހާފައި އޮތުމުންނެވެ.
މުހިއްދީނު ވީ އުފަލަކުން ބުންޏެވެ. ކަލޭމެން ކުދީން ބޭނުމީ ކޮން ކަމެއް ހެއްޔެވެ. މި ކުދިން ބުނެފިއެވެ. އެންމެ ބޭނުމީ ކޮންމެ މީހަކަށް އިންޖެކްޝަން ސިރިންޖެވެ. ދެން ބޭނުމީ ޕިންޕޮން ބޯޅަ އާއި ބެޑްމިންޓަން ބޯޅައެވެ. މިއަޑު އަހާފައި މި ކުދިން ގަމަށް އެތެރެވާން މުހިއްދީން އިސާހިތަކު ހުއްދަ ދީފިއެވެ. މިމީހުން ގޮސް ހޮސްޕިޓަލްގެ ދަސްބިން ހާވައިގެން ސިރިންޖާއި އައިވީ ހޮޅިވެސް ނަގައިފިއެވެ. އެއަށްފަހު މުހިއްދީނު މިވެރިން ގޮވައިގެން ގޮސް ޖިމްނޭޒިއަމް ތެރެއަށް ވަދެ ބޭނުން ވަރަކަށް ޕިންޕޮން ބޯޅަ އާއި ބެޑްމިންޓަން ބޯޅަ ނަގާށޭ ބުނެފިއެވެ. މިހެން ބުނެފައި ދޮން އިނގިރޭސިއަކު އާދޭތޯ ބަލަން ބޭރުގައި މީނާ ހުރެއްޖެއެވެ. އެއަށްފަހު ނަފީއަށް ގެންގޮސް މުހިއްދީނުގެ ޚަރަދުގައި ޑޮންޑޮން ފުޅި އާއި ކޮއްޔާ ޖެހި ބިސްކޯދު ވެސް ދިނެވެ.
މި ދެކުދިން ރަށުން ފުރީ ގޭ މީހުންނަށް ވަގަށެވެ. ބޯޓަށް އެރީ ބޯޓުގެ މީހުންނަށް ވެސް ވަގަށެވެ. ބޯޓަށް އަރައިގެން އުޅެނީ ހާލު ދެރަވެގެން އެނދަކަށް ލައިގެން ބަލި މީހަކު ބޯޓަށް އެރުވިއިރު އޭގައި ހިފަން ތިބި މީހުންނަށް ހެދިގެންނެވެ. އެވަގުތު ބޯޓްގެ ފަޅުވެރީންނާއި ޕަސެންޖަރުންވެސް ތިބީ ހާސް ކަމެއްގެ ތެރޭގައެވެ. އެހެންވެ ބޯޓްގެ މީހުންނަށް މިކުދީން ހެދި ނެހެދިއެއް ނޭގުނީއެވެ.
މުހިއްދީނު ހިތާވާ ކަމަނާގެ ނަން ބުނެފައި އެކަމަނާ މުހިއްދީނަށް ވިއްކިއިރު އެ ކަމަނާ އަކަށްވެސް ރޭކާލުމެއް ނެތެވެ. ލިބުނު ހަދިޔާބަދިޔާ ހިފައިގެން އައިސް ރަށުގެ އެކުވެރި އެފުރައިގެ ކުދީންނަށް މެޓާ ބެހިއިރު އެކަމަނާއަށް ދިން އެއްޗެއްވެސް އޮތީކީ ނޫނެވެ. މި ކުދީންގެ ހުޝިޔާރުކަމުން ކާމިޔާބުކުރި ދަތުރުގެ ވާހަކަ އަކީ އެދުވަސްވަރު އެންމެ މަޝްހޫރު ވާހަކަ ކަމަށް ވިއެވެ.
އެދުވަސްވަރު އައްޑޫ މީހުން ބޮއެ އުޅުނީ ޑޮންޑޮންއެއް ނޫނެވެ. އެމީހުން ބުއީ ލަމަނޭޓް އެވެ.