ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 3

މާލިންބޭ ދަބަރާ

އަތިރަގޭ އަލިމަނިކުފާނުގެ ގޭގައި ކޮންމެވެސް ކަހަލަ އާބާތުރަފިލުވުމުގެ މަސައްކަތެއް ކުރި ދުވަހެކެވެ. މިކަންތަކުގައި ޝާމިލްވެގެން ތިބީ އަލިމަނިކުފާނުގެ އިތުރުން އެދުރުގޭ އަބްދުލް މުހުސިނާއި މިނޫންވެސް ދެތިން މީހެކެވެ. އައްޑު އަތޮޅާއި ވަރަށް ގާތުގައި އިނގިރޭސި ސިފައިންގެ މަތިންދާބޯޓު އުފުލާމަނަވަރެއް އޮތެެވެ. މިހެންވެ އެދުވަހަކީ އައްޑުއަތޮޅުގެ މަތިން ނިކަން ގިނައިން މަތިންދާބޯޓު އުދުހުނު ދުވަހެކެވެ. ބައެއްފަހަރު އެއްބޯޓަށް ވުރެ ގިނަބޯޓު އެކުވެގެން ގްރޫޕު ގްރޫޕަށް ވެސް އުދުހެމުން ދިޔައެވެ.

މަތިންދާބޯޓުގެ އުދުހުން މިޒާތަކަށް ހުރުމާއި މި ބޯޓުތަކުގެ އަޑު ކަނޑައިގެންދާ އިރެއް ނައުމުން އަލިމަނިކުފާނު ބުނެފިއެވެ. ހީވާގޮތުން މިއަދަކީ ވިލާތު ފެންނާމަނިކުފާނު ވަޑައިގަންނަވާ ދުވަހެވެ. މިހައިވަރެއް ވިލާތު މީހުން އެދައްކަނީ އެވެރިންގެ ފެންނާމަނިކުފާނުގެ ޝަރަފުގައިކަން ޔަގީނެވެ. އަލިމަނިކުފާނު މިބުނުމެއް ބުނީ ފެންނާމަނިކުފާނަކީ މީދޫގެ ވެރިމީހާ ކަމަށްވެފައި އެމަނިކުފާނަކީ ކަންދެއްކުމަށް ނިކަން އިސްކަންދޭ މީހެއްކަމަށް ރަށު މީހުން ގަބޫލުކުރާތީ ފެންނާމަނިކުފާނަށް ނިސްބަތްކޮށްފައި މީހުންނަށް ހެވޭ ޒާތުގެ އެއްޗެއް ބުނުމަށެވެ. އަލިމަނިކުފާނަކީ ވެސް ނިކަން ލާނެތް މީހެކެވެ.

އަލިމަނިކުފާނު މިބުނުމެއް ބުނުމުން މިތަނުން މީހަކު މާނޫންކަމަށް ހެދިގެން ގޭދޮށަށް ގޮސްފައި އެބައަންނަމޭ ކިޔައިފައި މާހަރެއްކޮށް ހިގާފައިގޮސް ބަނޑިހިގެއަށް ވަދެ މިވާހަކަ ފެންނާމަނިކުފާނުގެ ކަންފަތަށް އިއްވައިފިއެވެ. ބޮޑަށް ބުރަވެވެނީ ފެންނާމަނިކުފާނާއި ހަމައަށް މިވާހަކަ ގެންދިޔައީ އެދުރުގޭ އަބްދުލް މުހުސިނު ކަމަށެވެ. މިވާހަކަ ހަމައިވުމާއިއެކު މަޑުވެސްނުކޮށް ފެންނާމަނިކުފާނު ނުކުމެއްޖެއެވެ. މީނާ ބަލައިލިއިރު އެންމެ ގިނަބަޔަކު އެއްވެތިބީ ބޮނޑޮހޫރެހި ކިޔާ ހަތަރުއަނގޮޅީގައެވެ. މަތިންދާބޯޓު އުދުހުން ގިނަކަމުން މީގެ ކުޅިވަރު ދުށުމަށް ވަރަށް ގިނަބަޔަކު އެތަނަށް ޖަމާވެގެން ތިއްބެވެ.

ފެންނާމަނިކުފާނުވެސް މައްޗަށް ބަލަމުން މަތިންދާބޯޓުތަކުގެ ކުޅިވަރު ބަލަމުން މިތާކަށް އަތުވެއްޖެއެވެ. އައިސްބުނެފިއެވެ. ކަލޭމެންނަށް އޭގެތެރެއިން އެއްވެސް ބޯޓެއް ވަކިކޮށް އެއިގެ ނަން އެގޭ ހެއްޔެވެ. މިވެރިން ޖަވާބުދިނެވެ. ނޭގެއެވެ. މިޒާތުގެ ބޯޓުތަކަށް ނަންވެސް ދީފައި ހުރޭ ހެއްޔެވެ. ފެންނާމަނިކުފާނު ބުންޏެވެ. އާނއެކެވެ. ނަންހުރީ ދީފައެވެ. އަހުރެންނަށް އެނަންތައްވެސް އެގެއެވެ. މިހެން ބުނެފައި ތަންކޮޅެއް ކަޅުފާޑެއްގެ ކުލައަކަށްދާ ބޯޓެއް ދައްކާފައި ބުންޏެވެ. އެހެރަދަނީ މާލިންބޭ ދަބަރާއެވެ. ދެން ނިކަން އޮފުއެރުންގަދަ ރިހިކުލައިގެ ބޯޓެއް ދައްކާފައި ބުންޏެވެ. ދެން އެހެރަދަނީ މޫސާ އަންވަރު ވިދާ ގިރިޓީއެވެ. މިހެން ބުނެފައި މަޑުވެސްނުކޮށް މިތަނުން ހިގާއްޖެއެވެ.

މާލިންބެއޭ މި ބުނިބުނުމެއް ރައްދުވަނީ އަލިމަނިކުފާނަށެވެ. އޭނާއަކީ މާލިމީއެކެވެ. މާލިމީއޭ ނުކިޔައި މާލިންބެއޭ އެބުނީ ވީހާވެސްބޮޑަށް ދެރަކޮށްލުމުގެ ގޮތުންނެވެ. އެދުވަސްވަރު ހުޅުދޫއާއި މީދޫގައި ގެންގުޅުނީ އެންމެ ދެ ބައިސިކަލެވެ. އެތަނުން އެއްބައިސިކަލު ދުއްވަނީ އަލިމަނިކުފާނެވެ. އެބައިސިކަލަކީ ވަރަށް ބާވެ ދަބަރުގެ އަސަރު ފާޅުވާން ހުންނަ ބައިސިކަލެކެވެ. އެހެންވީމާ މާލިންބޭ ދަބަރާއޭ އެބުނީ އަލިމަނިކުފާނާއި އޭނާގެ ބައިސިކަލަށް ނިސްބަތްކޮށްފައެވެ. އަނެއް ބައިސިކަލަކީ ހުޅުދޫ އަލަދަޑިގޭ މޫސާ އަންވަރުގެ ބައިސިކަލެވެ. އެއީ ވަރަށް އާ ވަރަށް ވިދުންގަދަ ރީތި ބައިސިކަލެކެވެ. މޫސާ އަންވަރު ވިދާ ގިރިޓީއޭ އެބުނީ މޫސާ އަންވަރުގެ އަބުއިކަމާއި އޭނާގެ ބައިސިކަލުގެ ރީތިކަމަށް ނިސްބަތްކޮށްފައެވެ. ވާހަކައިގެ ޚުލާސާއަކީ އަތިރަގޭ އަލިމަނިކުފާނަކީ އަނގަ ފުޅާކުރިއެއްކަމަކު އެއްވެސް މީހެއް ނޫނެވެ. މީހަކަށްވާ މީހަކާއި ޖެހޭއިރު ހަމަ ސުމެއްގެ މީހެކެވެ.

ކޮންމެއަކަސް އަލިމަނިކުފާނުގެ ދުލުން ފެންނާމަނިކުފާނަށް މަލާމާތުގެ ބަހެއް ބޭރުވިކަމަށް ބުނެ މީހަކުގޮސް ކުޓުވީމާ ލަސްތަކެއް ނުވެ ފެންނާމަނިކުފާނުވެސް ނުކުމެ ހަމައެބީދައިން އަލިމަނިކުފާނަށް އޮތީ މަލާމާތްކޮށްފައެވެ. އެކަކު އަނެކަކަށް މަލާމާތްކުރިއިރު ފެންނާމަނިކުފާނަކީ އަލިމަނިކުފާނުގެ އަނބިމީހާ ފަޅަގަނޑިގޭ ފާތުމައިދިގެ ބޮޑު ބޭބެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *