ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 1

ކޮންމެ ގައުމެއްގައިވެސް އެތަނެއްގެ ވެރިންގެ ވަނަވަރާއި ބަހާއިއަމަލަކީ އެގައުމެއްގެ ތާރީޚެވެ. ރަށު ފެންވަރުން ބަލައިފިނަމަ އެއީ އެރަށެއްގެ ތާރީޚެވެ. މިއުސޫލުން ވިސްނާއިރު މީދޫގައި ވެރިކަންކުރި މީހުންގެ ބަހާއިއަމަލަކީ މީދޫގެ ތާރީޚެވެ. އެތަކެތި ބަލައި ފުރޮޅައި ދެނެގަތުމަކީ ފަހުތިބީންނަށް ކުރެވިދާނެ އަދި ކުރަންވެސް ޖެހޭ ކަމެކެވެ.

މީދޫގެ ތާރީޚުގައި މުހައްމަދު ފެންނާމަނިކުފާނުގެ ދައުރަކީ ވަރަށްވެސް ކުލަގަދަ ދައުރެކެވެ. ފެންނާމަނިކުފާނުގެ ޝަޚުސިއްޔަތަކީވެސް ވަކިން ކުލަމަޑު އެއްޗެއްނޫނެވެ. ފެންނާމަނިކުފާނާއި ބެހޭގޮތުން އަދި އޭނާގެ ޚިދުމަތްތަކާއި ބެހޭގޮތުން ވަރަށްގިނަ ލިޔުންތައް ވަނީ ލިޔެވިފައެވެ. އޭގެތެރޭގައި ގިނައީ ފެންނާމަނިކުފާނުގެ ބޭފުޅުންނާއި އެބޭފުޅުންގެ ބޭފުޅުންގެ ލިޔުއްވުންތަކެވެ. މިހުރިހާ ލިޔުންތައް ހާވައި ބަލައި ހެދިއިރު އެއްކަމެއް ފާހަގަ ކުރެވެއެވެ. ލިޔެވިފައި ހުންނަނީ މުޅިންވެސް އެއްވާހަކަތަކެކެވެ. އާއިލީ ވަނަވަރެވެ. ތައުލީމީ ސަނަދުތަކާއި ވެރިކަމުގެ ބޮޑެތި ނިންމުންތަކެވެ.

ފެންނާމަނިކުފާނަކީ މާއިހުގެ މީހެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގެ އާރާއިބާރު ހުރިނެތްގޮތާއި އެމަނިކުފާނުގެ ބަސްމޮށުންތެރިކަމުގެ އެކޮޅުމިކޮޅު ފެނިދެނިވި ބައެއްމީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އެމަނިކުފާނުގެ ނިންމެވުންތަކުން ހުރިހާބާވަތެއްގެ އަސަރުކުރި މީހުންވެސް އެބަތިއްބެވެ. އެހެންވީމާ ފެންނާމަނިކުފާނާއި ބެހޭގޮތުން ދެކެވޭ ބައެއްވާހަކަތަކުގެ ދޮގުތެދު ކަށަވަރު ކުރުމާއެކު މީގެކުރިން ލިޔެވިފައިނުވާ ބައެއްވާހަކަތައް ގެނައުމަކީ މީދޫގެ ތާރީޚަށް އިތުރުވެގެންދާ ސަފުހާތަކަކަށްވާނެއެވެ. ކުރާން މިއުޅެނީ އެމަސައްކަތެވެ.

ފެންނާމަނިކުފާނަކީ ކުޅަދާނަ ބަސްމޮށުންތެރިއެކެވެ. ހާޒިރުޖަވާބު ދިނުމުގައި ލާމަސީލު މީހެކެވެ. ދުރަށް ވިސްނާ މުފައްކިރެކެވެ. މީސްމީހުންގެ ގޮތާއިބާވަތް އެނގިހުރެ އެވެރިންނާއި މުއާމަލާތްކުރި މީހެކެވެ. މިހެންވުމުން އެކިދުވަހު އެކިކަންކަމުގެ ތެރޭގައި ފެންނާމަނިކުފާނަށް ބުނެވިފައި ހުންނަ ބަސްތަކާއި ކުރެވިފައި ހުންނަ ކަންކަމަކީ ލިޔެވިފައި ނެތެއްކަމަކު ވަރަށް ގިނަ މީހުން ކިޔަމުން ދައްކަމުން އަންނަ ވާހަކަތަކެކެވެ. މީދޫ ޑޮޓްކޮމްގައި ފެންނާމަނިކުފާނުގެ ލާނެތްފަރާތް މި ސުރުޚީގެ ދަށުގައި ލިޔާންކަމަށް ގަސްތުކުރަނީ ފެންނާމަނިކުފާނާއި ބެހޭގޮތުން މިހާތަނަށް އެއްކުރެވިފައިހުރި މިޒާތުގެ ހުރިހާ ވާހަކަތަކެކެވެ.

ހުޅުދޫ އެޅެހިށިގޭ ދޮންމަނިކު ސައިޒު ކުރުން

އެޅެހިށިގޭ ދޮންމަނިކަކީ މަހުޖަނެކެވެ. އޮޑިދޯނިފަހަރު ދުއްވި މީހެކެވެ. އިލްމީ މީހެކެވެ. ދުނިޔޭގެ އެކޮޅުމިކޮޅު ދެނަހުރި ލޯ ހުޅުވިފައިހުރި އާލިމެކެވެ. ވިޔަފާރީގެ ތަޖުރިބާކާރެކެވެ. ބޭރުގައުމުތަކަށް ދަތުރުކުރި ސާދާގަރެކެވެ. ދޮންމަނިކަކީ އޭނާގެ ބައްޕަގެ ފަރާތުން ފެންނާމަނިކުފާނާއި ދެބެންގެދަރި މީހެކެވެ.

އިހުޒަމާނުގައި ކޮންމެ ރަށެއްގައިވެސް ބޮޑު މާލޫދާއި ކުޑަމާލޫދާއި މިހެންގޮސް ރަށު އެންމެން ބޮޑެތި ކޭންތައް ކައްކައިގެން އެއްބަޔަކު އަނެއްބަޔަކާ އިސްތިގުބާލުކުރާ ޚާއްސަ ދުވަސްތަކެއް ގެނެއެވެ. މިފަދަ ކޭންތައް ކައްކަނީ ވާދަވެރި ގޮތެއްގައެވެ. ކޮންމެބަޔަކުވެސް އަނެއްބަޔަކަށްވުރެ މޮޅަށް ފުރިހަމައަށް މިކަންކުރުމުގެ ރޫހެއްގައެވެ.

މިކަހަލަ ދުވަހެއްގައި ފެންނާމަނިކުފާނު ތައްޔާރުވަމުން ދިޔައީ އޭނާގެ ގެ ކަމަށްވާ ބަނޑިހިގޭގައި ވަރުގަދަ ކޭމެއް ތައްޔާރު ކުރުމަށެވެ. ކަންދިމާކުރިގޮތުން ބަނޑިހިގޭގައި ހަވާދެއް ނެތެވެ. މިހެންވެ ހަވާދު ގަންނަން ފެންނާމަނިކުފާނު ފޮނުވީ ދޮންމަނިކުގެ ގާތަށް ހުޅުދޫއަށް ފެންނާމަނިކުފާނުގެ ނޯކަރެކެވެ. މި ނޯކަރަކީ އޮނބޮރާގެ ކުދީންގެ މަންމައެވެ. މިދައިތަގެ އަތަށް ހިކިމަހުގެ ބޮނޑިވަރެއް ދީފައި ފެންނާމަނިކުފާނު ބުންޏެވެ. ތިޔަތަކެތި ހިފައިގެން ދޮންމަނިކުގެ ގާތަށްގޮސް ބުނާށެވެ. މިހިރީ ތިމަންނާގެ ފަރާތުން ފޮނުވި މަހެވެ. މިތަކެތި ބަހައްޓައިފައި މިޔާއެކަށޭނަ މިންވަރަކަށް ހަވާދު ދޭށެވެ.

ނޯކަރު ދައިތަ މަސްބޮނޑި ބޯމަތީގައި ބަހައްޓައިގެން ނިކަންހަރުކޮށް ހިނގާފައި ހުޅުދޫއަށްގޮސް އެޅެހިށިގޭގެ ފެންޑާއަށް އެރިއިރު ދޮންމަނިކު އިނީ އުނދޯލީގައެވެ. މިދައިތަ ބުންޏެވެ. މިއައީ ފެންނާމަނިކުފާނު ފޮނުއްވީމާ ހަވާދުކޮޅެއް ބަލައެވެ. މިމަސްކޮޅު ބަހައްޓަވައިފައި އަވަހަށް ހަވާދުކޮޅެއް ދެއްވަންވީއެވެ. ނިކަން ފުންވިސްނުމެއްގެ ތެރޭގައި އިރުކޮޅަކު އިންނުމަށްފަހު ދޮންމަނިކު ވަކި އެއްޗެކޭ ނުބުނެ އެތެރެއަށް ވަދެއްޖެއެވެ. އިރުކޮޅަކުން ބޭރަށް ނުކުތީ ޑަބިޔާ ފާޑުގެ އެއްޗަކާއި އެކުގައެވެ. ނުކުމެފައި ބުންޏެވެ. މިހިރީ ހަވާދެވެ. މިތަކެތި ހިފައިގެން އަވަހަށް ބަނޑިހިގެއަށް ގޮސް ފެންނާމަނިކުފާނަށް ދަންނަވާށެވެ. ހަވާދު މިދިނީ މުޅިން ހިލެއެވެ. މަސްވެސް ފެންނާމަނިކުފާނަށެވެ. ތިޔަމަސް ތިމަންނާ ބޭނުމެއް ނޫނެވެ. ފެންނާމަނިކުފާނަކީ މަހަށްދާ ކެޔޮޅެއް ނޫނެވެ. މަހަށް ފުރާ ދޯންޏެއްގެ ވެރިއެއްނޫނެވެ. އެހެންވީމާ ފެންނާމަނިކުފާނަށް ހަލާލުގޮތުގައި މަސްލިބޭނެ ގޮތެއް ތިމަންނާޔަކަށް އެނގިގެން ނުވެއެވެ. އެހެނެއް ނޫނެވެ. ފެންނާމަނިކުފާނަކީ ރަށުގެ ނާއިބު މީހާއެވެ. ރިޝްވަތުގެ ގޮތުގައި މަސް ލިބިފައި ހުރެދާނެއެވެ. މީހުންގެ އަތުން އަސްބުން ފޭރިގެންފައިވެސް ހުރެދާނެއެވެ. މިދެގޮތުންކުރެ ގޮތަކަށް ލިބިފައި ހުއްޓަސް ތިޔަމަސް ހަލާލެއް ނުވާނެއެވެ. މިއެޅެހިށިގޭގެ ގާފޮޅުން އެތެރެއަށް ހަލާލު ނޫން އެއްޗެއް ތިމަނާޔަށް އެނގިހުރެގެން ނުވައްދާނަމެވެ. އެހެންވީމާ މިވާހަކަ ފެންނާމަނިކުފާނަށް ދަންނަވާށެވެ.

ނޯކަރު ދައިތަ މަހާއިހަވާދު ހިފައިގެން ކުރިއަށްވުރެވެސް ހަލުވި ހިނގުމެއްގައި ބަނޑިހިގެއަށްގޮސް ދޮންމަނިކު ބުނި ވާހަކަތައް އަކުރުން އަކުރަށް ފެންނާމަނިކުފާނަށް ދަންނަވައިފިއެވެ. ނިއްކުރިއަށް ހައެއްކަ ރޫއަރުވައިފައި އާނ އެހެންދޯއޭ ތިޔަކަން ބަލައިލާހުށީމޭ ކިޔައިފައި ހިނގައިގެންފިއެވެ. މިތަން ދެކޭންހުރި އަނބިމީހާ އެޅެގޭ އައިމިނާދި ބުންޏެވެ. ބަލަބަލަ ބާވެފައިއޮތް ކޮނޑުކެނޑިއެއް ލައިގެން ކޮންތާކަށް ދާންކަމަށް ހެއްޔެވެ. މިސުވާލަށް ޖަވާބުދެމުން ފެންނާމަނިކުފާނު ބުންޏެވެ. މީހުން ލައިއުޅެނީ ކޮނޑުކެނޑިއާއި ބައުކެނޑި އެވެ. ކޮނޑުކެނޑި ބައުވެ ތަންތަން ވީދުނީމާ އެވީ ބައުކެނޑިއަކަށެވެ. މިއީ ބައުކެނޑިއެކެވެ. ހޮޅިވާހަކަ ނުދައްކައި ހިމޭނުން ހުންނާށެވެ. މިހެން ބުނެފައި ނުކުމެގެންދިޔައީ ހުޅުދޫއަށެވެ.

ހަރުކޮށް ހިނގާފައި ފެންނާމަނިކުފާނު ދިޔައީ ހުޅުދޫ މުދިންތައްޚާނުގެ ގެއަށެވެ. ފެންނާމަނިކުފާނު ލައިގެންހުރި ހެދުމާއި ދުވަހުގެ ވަގުތަށް ވިސްނާފައި މުދިންތައްޚާނު ސުވާލުކުރިއެވެ. ބަލަބަލަ މާނުވަގުތެއްގައި މާނުރަސްމީ ގޮތަކަށް ކޮންވަޑާމެއް ހެއްޔެވެ. ފެންނާމަނިކުފާނު ބުންޏެވެ. މިރޭ ބަނޑިހިގޭގައި މާލޫދު ކޭމެއް އެބައޮތެވެ. ކޮންމެގޮތެއް ހައްދަވައިފައިވެސް ވަޑައިގަންނަވަން ވާނެއެވެ. ދެވެރިންގެ އެކުވެރިކަމާއި މުދިންތައްޚާނުގެ ގަދަރަށް ބަލާފައި ނޯކަރަކު ނުފޮނުވައި ތިމަން އަމިއްލައަށް ހިނގާފައި މިއައީ ދައުވަތު ދޭންވެގެންނެވެ.

މުދިންތައްޚާނު ބުންޏެވެ. ތިޔަވީ ވަރަށް ދެރަގޮތެކެވެ. މިރޭ އެޅެހިށިގޭގައިވެސް ކޭމެއް އެބައޮތެވެ. އެތަނަށް އައިސްދޭށޭ މާކުރިން ދޮންމަނިކުއޮތީ ވިދާޅުވެފައެވެ. އެހެންވީމާ ދޮންމަނިކު ވިދާޅުވެފައިވަނިކޮށް އެތަނަށް ނުގޮސް ބަނޑިހިގެއަށް ދާނީ ކިހިނަކުން ހެއްޔެވެ. އެހެންވީމާ މާފުކުރާށެވެ. މިޖަވާބު ލިބުނީމާ ކުޑައިކޮށް ހިނިއައިސްފައި ފެންނާމަނިކުފާނު ބުންޏެވެ. މިއަދާއި ހަމައަށް ތިމަންނާ ހީކުރަނީ މުދިންތައްޚާނަކީ ނިކަން އަޅުވެރި ޒާހިދު މީހެއްކަމަށެވެ. ހަރާންތަކެއްޗާއި ހަލާލުތަކެތި ވަކިކޮށް ދެނެގަންނަން އެނގޭ ބުއްދިވެރިއެއް ކަމަށެވެ. އެކަމަކު މިވީ އެހެނަކުން ނޫންތާއެވެ. އެކައްޗެއްވެސް އެނގޭ ކަމަކަށް ނުވިއެވެ. މުދިންތައްޚާނު ވަރަށް ހައިރާންވެ ހުރެގެން ބުންޏެވެ. ތިމަން އަޅުވެރިނުވެފައި މިހާރު ކޮބައިހެއްޔެވެ. އިހަށް ތިމަންނާއަށް ދައުވަތު ދިންމީހާގެ ދައުވަތު ގަބޫލުކޮށް ފަހުން ދައުވަތުދިން މީހާގެ ދައުވަތަށް ނޫނެކޭ މިބުނީވެސް ތެދުވެރިވާން ވެގެންނެވެ.

މިހިސާބަށް ވާހަކަ ދިޔައިމާ ފެންނާމަނިކުފާނު ބުންޏެވެ. އެޅެހިށިގޭ ދޮންމަނިކަކީ އޮޑި ދުއްވާ މީހެކެވެ. އެއޮޑިއަށް މީހުން އަރުވާތަކެތިން ހައްގުނޫން މިންވަރަށް ނާލު އަތުލައި ބައެއްފަހަރަށް ނާލު ދައްކާން ނުކުޅެދުނީމާ އެމުދާތައްވެސް ފޭރިގަނެއެވެ. އެވަރުމީހެއްގެ ގޭގައި ހަލާލުއެއްޗެއް ނުހުންނާނެއެވެ. ހުންނާނެ ގޮތެއްވެސް ނެތެވެ. އެހެންވީމާ ހަލާލުނޫން ތަކެތި ކާން އެޅެހިށިގެއަށް މުދިންތައްޚާނު ކަހަލަ ދީންވެރި ތެދުވެރިޔަކު ހިގައިދާނެ ކަމަށް ގަބޫލު ނުކުރެވުނީއެވެ. އެކަމަކު އެއީ ދެން ކުށް ހީއެއްތާއެވެ. ތިޔަ އުޅެނީ ހަރާން އެއްޗެއް ނުކެވިގެންނެވެ. މިހެން ބުނެފައި ފަހަތަށް އެނބުރި ބަލާލުމެއްވެސް ނެތި ފެންނާމަނިކުފާނު ނުކުމެގެން ހިގާއްޖެއެވެ.

އަޑުއިވުނު ވާހަކަތަކާއި ހެދި މުދިންތައްޚާނު މުޅިން ހައިރާންވެ ދޮންމަނިކަށް މިވާހަކަ ކިޔައިދޭން ބޭނުންވެއްޖެއެވެ. ދޮންމަނިކަކީ މުޅި ހުޅުދޫގައިވެސް ވަލީވެރިއެއްގެ ދަރަޖާގައިހުރި މީހެކެވެ. އެފަދަ މީހަކާއިމެދު ފެންނާމަނިކުފާނު މިދެއްކި ވާހަކަތަކަކީ ކޮންމެހެންވެސް ދޮންމަނިކަށް އެނގެންޖެހޭނެ ވާހަކަތަކެކެވެ. މިޚިޔާލުގައި މުދިންތައްޚާނު ނުކުމެގެންގޮސް އެޅެހިށިގެއަށް ވަދެއްޖެއެވެ. ދޮންމަނިކާއި ބައްދަލުވީމާ މުދިންތައްޚާނު ބުންޏެވެ. ދާދިދެންމެއަކު ފެންނާމަނިކުފާނު އައިސް މިރޭ ބަނޑިހިގެއަށް ގޮސްލަދޭން ތިމަންނާގެ ކައިރިން އެދިއްޖެއެވެ. ތިޔަކަންވާކަށް ނެތޭ މިރޭ މިގެއަށް އައިސްދޭށޭ ދޮންމަނިކު އޮތީ ވިދާޅުވެފައޭ ބުނީމާ ދޮންމަނިކަކީ ހަރާންތަކެތި ގެންގުޅޭމީހެކޭ ހަރާންތަކެތި ކާކަށްނުވާނެޔޭ ކިޔައިފައި މިވެނިއެވެނި މޭރުމަކުން ވާހަކަދައްކާފައި ހިގާއްޖެއެވެ. އެހެންވެ ނުހުރެވިގެން މިއައީ އެވާހަކަތައް ދަންނަވާން ކަމަށެވެ.

އަޑުއަހާން ހުރެފައި ކުޑައިކޮށް ހިނިއައިސްފައި ދޮންމަނިކު ބުންޏެވެ. ފެންނާމަނިކުފާނު އެއައީ ހިތުން ތިމަންނާއަށް ޖަވާބު ދޭންވެގެންނެވެ. މިރޭ މިގެއަށް އަންނަން މުދިންތައްޚާނަށް ދައުވަތު ލިބިފައިވާނެކަން ފެންނާމަނިކުފާނަށް ޔަގީންވާނެއެވެ. މުދިންތައްޚާނުގެ ކައިރިއަށް ތިޔައައީ އެކަން އެނގިހުރެ އުދާސްތައް ބޭރުކޮށްލަން ވެގެންނެވެ. އަދި އެވާހަކަ ވީހާވެސްއަވަހަށް ތިމަންނާގެ ކަންފަތާހަމައަށް ގެނައުމުގެ ބޭނުމުގައެވެ. އެކަން މިހާރު ވެއްޖެއެވެ. މުދިންތައްޚާނު ބުންޏެވެ. އެވަރަކުން ފެންނާމަނިކުފާނު ރުޅިއައީ ކީއްވެގެން ބާވައެވެ. ދޮންމަނިކު ޖަވާބު ދިނެވެ. އެވީގޮތަކީ ބަނޑިހިގޭގައި ހަވާދުނެތިގެން ހަވާދު ގަންނަން ފޮނުވިމީހާ ގެނައި ހިކިމަސް އަނބުރާ ފޮނުވާލީމައެވެ. ތިމަން ބުނީމެވެ. ފެންނާމަނިކުފާނަކީ މަހަށްދާ ކެޔޮޅެއްް ނޫނެވެ. ދޯންޏެއްގެ ވެރިއެއްވެސް ނޫނެވެ. އެހެންވީމާ ރަނގަޅުގޮތުގައި ލިބިފައިހުރި މަހެއް ފެންނާމަނިކުފާނުގެ އަތުގައި ނުހުންނާނެއެވެ. އެހެން ބުނެގެން އެމަނިކުފާނު އެއައީ ތިމަންނާގެ އަތުގައިވެސް ހަލާލުއެއްޗެއް ނުހުންނާނެކަން ބުނެދިނުމަށެވެ. (ނުނިމޭ)

You may also like...

1 Response

  1. safuwan says:

    ފެންނާ މަނިކުފާނުގެ މިފަދަ ވާހަކަ ތަކާއި މަހާވަރާ ތަކަކީ އެއިގެ ޒާތުގައި މާސްޓަރ ޕީސްއެކެވެ. ވީމާ އެމަނިކުފާނުގެ ހުރިހާ ވަހަކައެއް އެއްކޮށް ލިޔާން ޖެހެއެވެ. މިއީ މުޅި ދިވެހިންގެ ވާހަކައިގެ ތެރެއަށް ވައްދާން ޖެހޭ ވަރަށް ފުރިހަމަ މިސާލު ތަކެއްވެސް މެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!