ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 2
ފެންނާމަނިކުފާނާއި ދޮންރަހާގެ އަބްދުﷲ ދީދީގެ ހައްޖު ދަތުރު
ދޮންރަހާގެ އަބްދުﷲ ދީދީއަކީ ހިތަދޫ މީހެކެވެ. އެއީ އައްޑުއަތޮޅުގައި އޭރު ހުރި އެންމެ ތަނަވަސް ވިޔަފާރިވެރިޔާއެވެ. އޮޑިދޯނިފަހަރު ހުއްޓެވެ. ކަންކަން މޭރުންވެ ލޯ ހުޅުވިފައި ހުރި މީހެކެވެ. އަބްދުﷲ ދީދީ އެންމެފުރަތަމަ ހައްޖަށް ދިޔަދަތުރުގައި ފެންނާމަނިކުފާނުވެސް ބައިވެރިވިއެވެ. އެއީ ފެންނާމަނިކުފާނުގެ ދެވަނަ ހައްޖު ދަތުރެވެ. މި ދަތުރުގައި ފެންނާމަނިކުފާނުގެ އަނބިމީހާ އެޅެގޭ އައިމިނާދިވެސް ބައިވެރިކުރިއެވެ.
އޭރު ހައްޖަށް ދިއުން އޮންނަގޮތަކީ އޮޑިފަހަރުގައި އެންމެ ފުރަތަމަ ދާނީ އޮޅުދޫކަރައަށެވެ. އެތަނުން ދާނީ އިންޑިއާގެ ދެކުނު ބިތަށެވެ. ދެން ރޭލުގައި އިންޑިޔާގެ ހުޅަނގު އުތުރުގެ ކޮންމެވެސް ތާކަށް ގޮސް ތިބެފައި އެތަނުން އާގުބޯޓުގައި ދާނީ ހިޖާޒުކަރައިގެ ޖިއްދާއަށެވެ. ފެންނާމަނިކުފާނުގެ ޓީމު ޖިއްދާއަށް ދިޔައީ މިމަގުންނެވެ. މިދަތުރުގައި ވަރަށް ގިނަދުވަސް ހޭދަވިއެވެ. އެހެންކަމުން ދަތުރުމަތީގައި ވަރަށް ގިނަ ތަންތަނަށް ދެވި ވަރަށް ގިނަކަންކަމާ ދިމާވިއެވެ. މިކަންކަމުގެ ތެރޭގައި ފެންނާމަނިކުފާނުގެ ލާނެތްކަންވެސް ވަރަށް ބޮޑަށް ހާމަވެގެން ދިޔައެވެ. ދަތުރު ނިންމާފައި އެނބުރިއައިސް އަބްދުﷲ ދީދީގެ މައިގަނޑު ވާހަކަޔަކަށް އޮތީ ފެންނާމަނިކުފާނުގެ ލާނެތްކަމާއި މޮޅެތި ތަދުބީރު ކުރުންތަކާއި ބެހޭ ގޮތުން މީހުންނަށް ވާހަކަ ކިޔައިދިނުމެވެ.
އިންޑިޔާގެ މަދަރާސީއޭ ކިޔުނު ރަށުގައި ތިބެފައި އެއްދުވަހަކު ފެންނާމަނިކުފާނާއި ދޮންރަހާގެ އަބްދުﷲ ދީދީއާ ދެވެރިން ފައިސާ މާރުކުރުމާއި ބަދަލުކުރުމުގެ ނިޔަތެއްގައި ބޭންކަކަށް ވަދެއްޖެއެވެ. މިތާގެ ލޮބީ އޭރިޔާގެ ގޮނޑިގޮނޑީގައި މީގެ ދެވެރިން ފޫހަރައިލައިގެން ތިއްބާ ތަބަކަށް ދެ ސައިތަށި ލައިގެން ޚާދިމަކު މިވެރިންނާ ދިމާލަށް އެބަހަރައާދެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. އަބްދުﷲ ދީދީއެވެ. ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ޚާދިމުކަލޭގެ އެހެރަގެން އަންނަނީ ދެވެރީންނަށް ސައި ހިފައިގެންނެވެ. މިއަޑުއިވިފައި އަބްދުﷲ ދީދީ ޗޮކެއް ކަނޑާލާފައި ބުންޏެވެ. ހީވާގޮތް ދޮތައެވެ. ކަލެއާއި މަށާއި ދެމީހުންނަކީ މިދުނިޔެއަށް ނޭވާލައި އުޅޭ މަޚުލޫގުންކަމެއްވެސް މިކަރައިގެ ބަޔަކަށް އެނގެނީކީ ނޫނެވެ. އެހެންވީއިރު ދެވެރިންނަށް ކޮން ސައެއް ހެއްޔެވެ. ހުވަފެން ނުދެކި ހިމޭނުން ހުރެވޭތޯ ބަލާށެވެ.
ފެންނާމަނިކުފާނު ބުންޏެވެ. ބަލަން ހުންނާށެވެ. އެ ސައި ބޯހުށީ އަހުރެމެންނެވެ. މިހެން ހަމަ ބުނެވުނުތަނާ ޚާދިމު ކަލޭގެ މިވެރިންނާ އަރާ ހަމަވެއްޖެއެވެ. ފަސްދީފައި ދާން ހެދީމާ ފެންނާމަނިކުފާނު ދެތިން ފަހަރަކު ކަރުވެސް ކެހިލިއެވެ. އެކަމަކު މިކަލޭގެއަށް ރޭކާލުމެއް ނެތެވެ. މިމަންޒަރު ބަލަން ހުރެފައި އަބްދުﷲ ދީދީ ހަމަ ބިނދިބިނދިފައި ހެނީއެވެ. އާނ އެހެންވިއްޔާ ދެން ބަލަން ހުންނާށޭ ކިޔާފައި ފެންނާމަނިކުފާނު ތެދުވެގެން އެދިޔަގޮތަށް ގޮސް ޚާދިމުކަލޭގެ ކުރިމައްޗަށް އަރައި ސައި ތަބައް އަތުލާން ދިމާކޮށްފިއެވެ. ޚާދިމުކަލޭގެ ވެސް ދުލެއް ނުކުރިއެވެ. ދެވެރިން ތަބަކުގައި ހިފަހައްޓައިގެން ތިބެ ދެކޮޅަށް ވާންކުރަނީއެވެ. މިމަންޒަރު ބަލަން ބޭންކު މެނޭޖަރު އޭނާގެ ކެބިންގެ ދޮރުމަތީގައި އެބަހުއްޓެވެ. މިކަމެއް މިހިނގީ މެނޭޖަރުގެ ކެބިންގެ ކުރިމަތީގައެވެ.
ޚާދިމުކަލޭގެއަށް މެނޭޖަރު އެބަފެނެއެވެ. މިސަޔަކީ މެނޭޖަރަށް ގެންދާ ސަޔެވެ. ފެންނާމަނިކުފާނު ދޫނުކުރީމާ އެންމެފަހުން ހަދާނެގޮތް ހުސްވެގެން މެނޭޖަރާ ދިމާލަށް ޚާދިމުކަލޭގެ ބެލިވަގުތެއްގައި އިޝާރާތުން ދެން ދޫކޮށްލާށޭ މެނޭޖަރު އަންގައިފިއެވެ. ކޮންމެގޮތެއްވިޔަސް މިވަރަކުން ސަޔާއި ހެދި މިހިފަނީ ކަސްޓަމަރެކެވެ. އެހެންވީމާ ބޭންކުގެ ހުރުމަތަށްޓަކައި ދޫކޮށްލާށޭ އެންގީއެވެ. އޭރު ފެންނާމަނިކުފާނަށް އެއީ ކާކުކަމެއް ނޭގެއެވެ. މެނޭޖަރުގެ އިޝާރާތެއް ލިބުނީމާ ސައިތަބައް ފެންނާމަނިކުފާނުގެ އަތަށް ދޫކޮށްލާފައި ޚާދިމުކަލޭގެ އައިކޮޅަށް އެނބުރި ހިގާއްޖެއެވެ.
ތަބައް ހިފައިގެންގޮސް އަބްދުﷲ ދީދީގެ ކައިރީގައި އިށީދެފައި ފެންނާމަނިކުފާނު ބުންޏެވެ. ދީދީއަށް ހީވާގޮތް ދޮތައެވެ. ތިޔައީ ހިތަދޫ އޮޑެއްސަލާއި ދެންވެސް އަތޮޅުގައި ހުރިއްޔާ ހުރި ފަޅުރަށްރަށާއި ބިންބިމުގެ ވެރިޔާ ކަމާއި ތިމަން މިއީ މީދޫގެ ނާއިބު މީހާ ކަމާއި މުޅި މީދޫއަކީ ތިމަންގެ މިލްކެއްކަން ނޭގޭ އިންސާނަކު މިއުޑުދަށުގައި ހުންނާނެ ހެއްޔެވެ. ޔަގީނެވެ. ނުހުންނާނެއެވެ. އަދި އަމްދުން އެކަން ނޭގޭވަރުގެ ގަމާރު ބަޔަކު މިވަރުގެ ބޭންކެއް ހުޅުވައިގެން ނުތިބޭނެއެވެ. އެކަން މިހައިރު ޔަގީންވެސް ވީއެވެ. މިހިރީ ބޭންކުން އަހަރެމެން ދެވެރިންނަށް ގެނައި ސަޔެވެ. އާނއެކެެވެ. މިހިރީ މަދަރާސީގެ ބޮޑު ބޭންކުން ފެންނާމަނިކުފާނާއި ދޮންރަހާގެ އަބްދުﷲ ދީދީއާއި ދެވެރިންގެ ޝަރަފުގައި ފޮނުވި ސަޔެވެ. ދެންވެސް ހާސަރު ދިގުނުކޮށް ނުހީ އިނދެ ސައި ބޮވޭތޯ ބަލާށެވެ.
މަދަރާސީގައި ތިބެފައި މި ޓީމު ބޮމްބޭއަށް ދިޔައީ ރޭލުންނެވެ. މިއީވެސް ދިގު ދަތުރެކެވެ. ރޭލުގެ ޑިއްބާ ތެރޭގައި ފެންނާމަނިކުފާނުގެ ދެމަފިރިންގެ އިތުރުން ދެން ދިވެއްސަކަށް ހުރީ އަބްދުﷲ ދީދީ އެވެ. ދެންތިބީ މުޅިންވެސް އިންޑިޔާ މީހުންނެވެ. މީގެ ތިން މީހުންނަށް ފޫހަރައިލައި ބުރަކަށި ޖައްސާލަން ލިބުނީ ދެބުރިއަށް އަތުރާލާފައި ހުރި ބަންކު ބެޑުތަކެއްގެ ތިރިންނެވެ. މިހެން ތިއްބާ މަތީބައިގައި އޮތް މީހެއްގެ ފޮށިން ތަންގަޑެއް ފޭވެ އޭގެ ތެރެއިން ބައެއް ތަކެތި ތިރިއަށް އެބަހަރަ ފައިބައެވެ. މިތަކެއްޗެއް ފައިބަނީ ފެންނާމަނިކުފާނުގެ އަންހެނުންގެ ގަޔަށެވެ. މިތަން ބަލަން އޮވެފައި ފެންނާމަނިކުފާނު ތެދުވެ މިތަކެތި ނަގައި ދުރަށް ހޫރާލައިފިއެވެ. ދެންވެސް ފޭބުމެއް ނުހުއްޓުނެވެ. އެންމެފަހުން ވަރަށް ނުރުހި ހުރެގެން އައްޑޫ ބަހުން އަޑުގެ ކޮޅަށް ބަވައިގެންފިއެވެ. ބަލަގަ މީދަ މީހާއެވެ. ކަލެއަށް ތިމަންމެން މީ ކޮންބައެއްކަން ހަމަ ނޭގެނީހެއްޔެވެ. މީދޫ ބޯނުގޭގެ ހޫނުކަންވެސް ނޭގެނީ ހެއްޔެވެ.
މިޒާތަކުން ބަވައިގަތީމާ އަބްދުﷲ ދީދީ ބުންޏެވެ. ބަލަގަ މުހުއްމައިދިއެވެ. ތިޔަ ގޮވެލިފަތި ތިޔަ ގޮވަނީ އައްޑޫ ބަހުންނެވެ. މީގައި މިތިބީ ކަރައިގެ އަހުލުވެރިންނެވެ. އެވެރިންނަށް ތިޔަކިޔާ އެއްޗެއް މޭރުން ވާނެހެއްޔެވެ. ނުވާނެއެވެ. އެހެންވީމާ ތިޔައީ ދެން ކޮން ބޭކާރު ކަމެއް ހެއްޔެވެ. ފެންނާމަނިކުފާނު ޖަވާބުދިނެވެ. މޭރުންވުމުގައި އޮންނަނީ ދެބަޔެކެވެ. އެއްބަޔަކީ ކިޔާ އެއްޗެއް މޭރުންވުމެވެ. އަނެއްބަޔަކީ މީހާގެ ހަރަކާތާއި އަޑުގެ ބާރުމިނުން މޭރުންވާ މޭރުންވުމެކެވެ. އެހެންވީމާ މަ މިކިޔާ އެއްޗެއް ނޭގުނަސް އަދި ބޯނުގެއަކީ ކޮންތަނެއްކަން ނޭގުނަސް މަ މިހިރީ ރުޅިއައިސްފައިކަން މިވެރިންނަށް އެގޭނެއެވެ. އެވަރުން މަގޭ މަގްސަދު ހާސިލްވީއެވެ. މިހެން ކިޔާފައި މަތީގައި އޮތް މީހާގެ ފޮށި އަތުގެ ކޮޅަށް ހޫރާލައިފިއެވެ.
މި ދަތުރުގައި ބޮމްބޭގައި މިވެރިން ތިބިތިބުމުގައި ބައިސިކޯފޭ ކިޔުނު ކުޅިވަރެއް ބެލި ވާހަކަވެސް މީހުން ކިޔައެވެ. މިއެއްޗެއް ބެލުމަށްފަހު ހައްގަށް އީމާނަށް ބުނާ ތެދޭ ގޮހޮރުގެ ފުލޭ އެހައިވެސް މަންޒަރު ސާފޭ ފެންނާމަނިކުފާނު ބުނިކަމަށް އަބްދުﷲ ދީދީއާ ހަވާލާދީ މީހުން ކިޔައެވެ. އެކަމަކު މިބައިސިކޯފެއްގެ ބާވަތުން އެވާހަކައަކީ މިކަހަލަ ތަނެއްގައި ލިޔަން އެކަށީގެން ނުވާ ވާހަކައަކަށްވާތީ އެބައި ދޫކޮށްލީއެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް