މީދޫއަށް އެންމެ ފުރަތަމަ ކަރަންޓު ލިބުނުގޮތް

ކަރަންޓުގެ އަލިކަން އައްޑުއަތޮޅަށް ފުރަތަމަ ތަޢާރަފުވީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު (1941 އިން 1945 އަށް) އައްޑުއަތޮޅުގައި އިނގިރޭސީން ދިފާޢީ މަރުކަޒެއް ބިނާކޮށްގެން ތިބި ދުވަސްވަރު އެމީހުންގެ ބޭނުމަށެވެ. ބުނެވޭގޮތުގައި އޭރު އަދި މާލެއަށް ކަރަންޓުގެ އަލިކަން ތަޢާރަފެއް ނުވެއެވެ. މާލެއަށް ފުރަތަމަ ކަރަންޓު ތަޢާރަފުވީ 20 ޑިސެމްބަރ 1949 ރޭގައެވެ. މާލޭގައި އިލެކްޓްރިކްގެ އަލިން އެންމެ ފުރަތަމަ ދިއްލައިލި ބިނާއަކީ އޭރު “ނާދީ ތަމައްދުނު” ހިނގަމުންދިޔަ ޢިމާރާތެވެ. އެއީ މިހާރު “ކީރިރތި ޤުރުއާނާ ބެހޭ މަރުކަޒު” ހިނގަމުންދާ ޢިމާރާތެވެ. އެ ހިސާބުން ފެށިގެން ކަރަންޓްގެ ޚިދުމަތް މާލޭގައި ފުޅާވެ ތަރައްޤީވަމުން އައިސް 27 ނޮވެމްބަރ 1959 ދުވަހު ކަރަންޓްގެ ކަންތައް ހިންގައި ބެލެހެއްޓުމަށްޓަކައި މާލޭގައި އިންޖީނުގެއެއް ހުޅުވައި ހިންގާންފެށި އެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑުއަތޮޅުގައި ޤާއިމްވެ ތިބި އިނގިރޭސީން ފައިބައިގެން ދިއުމުން އައްޑުއަތޮޅުގައި ކަރަންޓުގެ އަލިކަން ބޭނުންކުރުންވަނީ ހުއްޓިފައެވެ. ނަމަވެސް 1957 ވަނަ އަހަރު އަލުން އިނގިރޭސީން އައްޑުއަތޮޅަށް އައުމާއެކު އަނެއްކާ ވެސް އައްޑުއަތޮޅަށް ކަރަންޓުގެ އަލިކަން ތަޢާރަފުވެގެން ދިޔައެވެ. ކުރީފަހަރު އިނގިރޭސީން ވަޒަންވެރިވެގެން ތިބީ އައްޑުއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަކާއި ފަޅުރަށްތަކުގައި ކަމަށް ވިޔަސް މިފަހަރު އިނގިރޭސީން ޤާއިމްވެ ތިބީ ގަމާއި ހިތަދޫގެ މާމެންދޫ ސަރަޙައްދުގައެވެ. މި ދުވަސްވަރު އައްޑުއަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި އަމިއްލަ ފަރުދުންގެ މަސައްކަތުން އެކިރަށްރަށަށް ކަރަންޓުގެ އަލިކަން ފޯރުވައި ދެމުން ދިޔައެވެ. މާލެއާއި އައްޑުއަތޮޅު ފިޔަވައި ދިވެހިރާއްޖޭގައި އެންމެފުރަތަމަ އަށް ކަރަންޓުގެ އަލިކަން ލިބުނު ރަށަކީ ޅ. ނައިފަރެވެ. އެ ރަށުގައި ކަރަންޓުލެވުނީ 31 މާރޗް 1964 ދުވަހުއެވެ.

އައްޑުއަތޮޅުގެ އެހެން ރަށްރަށަށް ކޮންމެވެސް މިންވަރަކަށް ކަރަންޓުގެ އަލިކަން ފުރަތަމަ ލިބުނުއިރު، މީދޫގައި އެއްވެސް މިންވަރަކަށް މި ޚިދުމަތް ދެވިފައިނުވެއެވެ. އެހެންކަމުން މި ޚިދުމަތް މީދުއަށް ދެއްވުމަށް އިސްނެންގެވި ބޭފުޅަކީ މީދޫ ވަށޮދިޔަގެ މުޙައްމަދު ތައްޚާނު ނުވަތަ ޢާއްމުކޮށް މީހުން ކިޔާ ގޮތުންނަމަ ވަށޮދިޔަގެ ބެއްޔާއެވެ. ބެއްޔާ ގަމުގެ ނަފީ މެދުވެރިކޮށް 5 ކިލޯވަޓްގެ ޖަނަރޭޓަރެއް ގަނެގެން މީދުއަށް ގެންދިޔައީ 1972 ވަނަ އަހަރެވެ. ބުނެވޭގޮތުގައި ބެއްޔާ މި ޖަނަރޭޓަރު ގަނެގެން ގެންދިއުމުގެ ކުރީގައިވެސް އެ ދުވަސްވަރު ގަމަށް މަސައްކަތު ދިޔަ މީހުންގެ އަތުން ޗަންދާ ނަގައިގެން މީދޫގައި ކަރަންޓުލުމަށް ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ރަށުގެ ވެރީންގެ ފަރާތުން ކުރިއެވެ. ނާފިޒު އިސްވެ ހުރެ ކުރި މަސައްކަތުން ޖެނެރޭޓަރެއް ފައިދާނުވުމުން ފައިސާދިން މީހުން ވެސް އެންމެފަހުން އެކަން ދޫކޮށްލީއެވެ.

މަތީގައި ދެންނެވުނު ވަށޮދިޔަގެ މުޙައްމަދު ތައްޚާނު ނުވަތަ ވަށޮދިޔަގެ ބެއްޔާއަކީ މަޝްހޫރު ވަށޮދިޔަގެ މާލިމީގެ ދަރިކަލުން ވަށޮދިޔަގެ ޢަބްދުލްކަރީމްގެ ދަރިކަލެކެވެ. މި މުޙައްމަދު ތައްޚާން އުފަންވީ 1916 ވަނަ އަހަރު މީދޫގައެވެ. ދިރިއުޅުމަށްޓަކައި ވިޔަފާރިކުރުމާއި އަމިއްލަ އޮޑިފަހަރު ގެންގުޅުމާއި އަދިވެސް ތަފާތު ގިނަގުނަ މަސައްކަތްތައް ކޮށް ކާމިޔާބުތައް ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެތެރޭގައި އެންމެފުރަތަމަ އިންޖީނު ދޯނި މީދުއަށް ތަޢާރަފުކުރުމާއި، އަމިއްލައަށް ސިންގަޕޫރަށް ދަތުރުކޮށް ސިންގަޕޫރުން މުދާ ސީދާ ރަށަށް އެތެރެކޮށް ވިޔަފާރިކުރުން ހިމެނެއެވެ.

ބެއްޔާގެ ކަރަންޓު ޚިދުމަތް ރަށަށް ދޭން ފެށުމާއެކު ގޭގެޔަށް ކަރަންޓުލައި ދިނުމުގެ މަސައްކަތް އަމިއްލަ މީސްމީހުން ހިލޭ ސާބަހަށް ކުރަމުން ދިޔައެވެ. މި މީސްމީހުންގެ ތެރޭގައި ހިމެނެނީ ގަމުގައި މަސައްކަތްކުރުމުގެ ތެރެއިން މިބާވަތުގެ މަސައްކަތް ހިސާބަކަށް ދަސްކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމުގައިވާ މުޙައްމަދު ދީދީ (ޗޯޓާބޭބޭ) އާއި، އެޅަބެއްޔާގެ ޙަސަން ލަޠީފު އާއި، ބަންޑާރަދަޑިގޭ އަޙްމަދު ދީދީ އެވެ.

މީދޫގެ ގޭގެޔަށް ކަރަންޓްލައިދިނުމަށްޓަކައި ކަރަންޓް ސަޕްލައި ގޭގެޔާއި ހަމަޔަށް ގެންގޮސްފައި ވަނީ ވަޅުލައިގެނެއް ނުވަތަ މުޑިޖަހައިގެންނެއްވެސް ނޫނެވެ. ސަޕްލައި ދަމައިލައިފައިވަނީ ގޭގޭ ފާރުމަތީން ރުއްރުކާއި އެހެނިހެން ގަސްގަހުގައި އައްސައިގެންނެވެ.

ކަރަންޓް ފީގެ ގޮތުގައި މީދޫގެ ގޭގެއިން ފުރަތަމަ ނަގަމުންދިޔައީ އެގެއްގައި ބޭނުންކުރަމުންދިޔަ ބޮތްކާއި ހޮޅިބުރީގެ އަދަދަށް ބަލައި ކޮންމެ ބޮއްކަކަށް ނުވަތަ ހޮޅިބުރިއަކަށް މަހަކު 1 ޝިލިންގް ގެ ނިސްބަތުންނެވެ. ގިނަ ގޭގޭގައި އެދުވަސްވަރު ބޭނުންކުރީ 2 ފޫޓު ހޮޅިބުރިއެވެ. ބޮކީގެ ބަދަލުގައި ހޮޅިބުރި އޭރު ބޭނުންކުރީ ހޮޅިބުރިން ލިބޭ އަލިކަން ރީތިވެފައި ކަރަންޓުގެ އަގަށް ދައްކަންޖެހޭ ފީގެ މިންވަރުކުޑަވީމާކަމަށް ވަރަށްބޮޑަށް ލަފާކުރެވެއެވެ. އަލިކުރަން ބޭނުންވާ ބޮތްކާއި، ހޮޅިބުރި ފިޔަވައި ކަރންޓް ބޭނުންކުރާ އިތުރު އެއްވެސް އެއްޗެއް އެދުވަސްވަރަކު މީދޫގައި ބޭނުމެއް ނުކުރެއެވެ. އިންޖީނުގެއިން އާއްމުގޮތެއްގައި އެދުވަސްވަރު ކަރަންޓް ދޫކުރަމުން ގެންދިޔައީ އިރުއޮއްސި 6.00 ން ރޭގަނޑު 11.00 އަށެވެ.

މީދުގައި 1972މ. ވަނަ އަހަރު ފެށުނު ބެއްޔާގެ އިންޖީނުގޭގެ ޚިދުމަތް އައްޑުއަތޮޅުން 31 މާރޗް 1976 ގައި އިނގިރޭސިން ފޭބުމަށް ފަހު މެދުކެނޑިގެން ދިޔަ ދުވަސްތަކެއް ވެސް ދިޔައެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އަލުން މީދޫއަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ. ދުވަސްތަކަކަށް ފަހު ބެއްޔާގެ އިންޖީނު ގަނެގެން މީދޫ ޕެރިސް ޢަބްދުﷲ އިބްރާހިމް ދީދީ ކަރަންޓުގެ ޚިދުމަތް ދޭންފަށައިފިއެވެ. އަދި އޭގެ ފަހުން މީދޫ ސައިގޭ މުޙައްމަދު ސަޢީދު އަމިއްލަ ޖަނަރޭޓަރެއް ގެންނަވައި ރަށަށް ކަރަންޓުގެ ޚިދުމަތް ދޭންފެށިއެވެ. ނަމަވެސް ދުވަސްތަކަކަށް ފަހު މި ޖަނަރޭޓަރު ވެސް ޕެރިސް ޢަބްދުﷲ އިބްރާހިމް ދީދީ ގަނެގެން ދެ ޖަނަރޭޓަރުން ކަރަންޓުގެ ޚިދުމަތް ފޯރުވައި ދެމުން ދިޔައެވެ.

އަމިއްލަ މީހުންގެ ކަރަނޓުގެ ޚިދުމަތް ނިމުމަކަށް އައީ 1992 ވަނއަހަރު ސަރުކާރުން ދެއްވި ޖަނަރޭޓަރަކުން ރައްޔިތުންގެ ކަރަންޓުގެ ގޮތުގައި އަމިއްލަ މީހަކާއި ޙަވާލުކޮށްގެން ކަރަންޓުގެ ޚިދުމަތް ދޭން ފެށުމުންނެވެ. އެއީ އިލްޔާސް އިބްރާހިމްގެ އެޓޮލްސް މިނިސްޓަރުކަމުގެ ދުވަސްވަރު އެ މަނިކުފާނު ހަމަޖައްސަވައި ދެއްވި 35 ކިލޯވަޓްގެ ޖެނެރޭޓަރެކެވެ. މި ޚިދުމަތް ދޭން ޙަވާލުވި އަމިއްލަ ފަރުދަކީ މީދޫ އެންދެރިމާގޭ ޢަބްދުއް ޞަމަދު އެވެ.

ދެން ދުވަސްތަކަކަށް ފަހު، ސަރުކާރުން ރަށްރަށުގައި 24 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ހިންގި، “ދި އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް” ގެ ދަށުން ޖަޕާނުސަރުކާރުގެ ހިލޭ އެހީގައި، ކަރަންޓްގެ ޚިދުމަތް މީދޫ އާއި ހުޅުދޫއަށް، އެއް އިންޖީނުގެއެއް މެދުވެރިކޮށް 1997 ގައި ދޭން ފެށުނެވެ. މިޕްރޮޖެކްޓްގެދަށުން މީދޫގައި އިންޖީނުގެ ޢިމާރާތްކުރީ މީދޫ އާއި ހުޅުދޫގެ ދެމެދުގައި، އަތޮޅު މަދަރުސާގެ ފުރަގަހުންނެވެ. މި އިންޖީނުގޭގައި ޖަޕާނު ސަރުކާރުން 165 ކިލޯ ވޯޓުގެ 3 ޖެނެރޭޓަރ ބަހައްޓައިފައިވެ އެވެ.

You may also like...

1 Response

  1. Waseem says:

    ވަށޮދިޔަގެ އިންޖީނުގެއަކީ ފެންވަރުގެ ތަނެކެވެ. ތިރީން ގާފޮޅެއް ރާނާފައި އޭގެ މަތިން ފިލާ ޖަހައިފައި ޓިނުން ހިޔާކޮށްފައި ހުރި ޒަމާނީ ވަންތަ ތަނެކެވެ. ގާތަގަޑަކަށް ދިހަ ފޫޓު ފަނަރަ ފޫޓުގެ ތަނެކެވެ. އެ އިންޖީނުގެ ހުރީ މިހާރު ބަންދުކޮށްފައި ހުރި ސައި ހޮޓާ ހުރިތަނުގައެވެ. ފަސްކިލޯވޮޓްގެ ޖެނެރޭޓަރެއް ބަހައްޓަން މާވަރުގަދަ ފައުންޑޭޝަނެއް ބޭނުމެއް ނުވެއެވެ. އެކަމަކު ގަމުގެ ބޮޑެތި ޖެނެރޭޓަރުތައްވެސް ބަހައްޓާފައި ހުންނަނީ ބޮޑެތި ފައުންޑޭޝަނުގެ މަތީގައި ކަމުން ބެއްޔާގެ ޖެނެރޭޓަރު ބެހެއްޓީ އަޑިއަށް ފަސްފޫޓު ކޮނެފައި ފަސް ފޫޓު ފަސްފޫޓުގެ ވަރުގަދަ ކޮންކްރީޓު ފައުންޑޭޝަނެއްގެ މަތީގައެވެ. އިންޖީނުގެއާ މެދު ދައްކާނެ ވާހަކައެއް ނެތެވެ. އެހާވެސް ފުރިހަމައެވެ. ދެރައީ ކަރަންޓުގެ މިންވަރު ދަށްކަމުންނެވެ. އިރުއޮއްސުނީމާ ދޭންފަށާ ކަރަންޓުން ހޮޅިބުރިތައް ވަގުތުކޮޅަކަށް ދިއްލޭނެއެވެ. ދެން ފަނޑުވަމުން ފަނޑުވަމުން ގޮސް ގިނަފަހަރަށް ހުންނާނީ ނިވިފައެވެ. މިއީ ތެލުގެ ޚަރަދު ކުޑަކުރަންވެގެން ޖެނެރޭޓަރުގެ ރޭސް ދަށްކޮލީމާ ވާގޮތެކެވެ. ޖެނެރޭޓަރު ހިންގަން ހަވާލުކޮށްފައި ހުންނަ މީހަކީ ވައްލިޔަރި ގާސިމެވެ. މީނާ ހަދާގޮތަކީ ޖެނެރޭޓަރު އިސްޓާޓުކޮށްފައި އިރުކޮޅަކުން ކަރަންޓު ދޫކޮށްފައި ބައިގަޑިއެއްހާއިރު އެތާގައި ހުރެފައި ދެން ކުޑައިކޮށް ރޭސް ދަށްކޮށްލައިފައި ނުކުމެގެން ދަނީއެވެ. ގިނަފަހަރަށް މީނާ އިންނާނީ ވަށޮދިޔަގެ ބޭރު ފެންޑާގައެވެ. މިހެން އިންދާ ކުދިވެރިން ހަދާގޮތަކީ ސިއްރު ސިއްރުން އިންޖީނުގެއަށް ވަދެ ރޭސް މަތިކޮށްލަނީއެވެ. ދެން ކުއްލިއަކަށް ދުންހޮޅިން ކަޅުދުންތަކެއް ނުކުމެ ޖެނެރޭޓަރުގެ އަޑުގަދަވެ ހޮޅިބުރިތަކުގެ އަލިގަދަވީމާ ގާސިމް ދުވެފައި އަންނައިރު ކުދީންތައް ރައްކާވެދާނެއެވެ. އަނެއްބައިރޭރޭ ޖެނެރޭޓަރަށް ލޯޑު ބޮޑުވާނެހެން ގޭގޭގެ ޓިނު ފުރާޅަށް ވެސް ކަރަންޓުދެއެވެ. މިހެންވީމާ މުޅިރަށުން ކަރަންޓު ކެނޑިދާނެއެވެ. މި ޖެނެރޭޓަރުގެ އަޑު ވަރަށްވެސް ގަދައެވެ. އިސްޓާޓުކުރާ ވަގުތު އަރުބެ މިސްކިތުގައި އިންނަ މީހާއަށް އޭގެ އަޑު އިވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *