އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 17

ތޫނޑިޔަރު ދޮން އަހުމަދު ގާދިރު ކަލޭގެފާނު

ރާއްޖޭގައި ދެމިގެން އަންނަ އިލްމީ ސިލްސިލާގެ ބައްޕަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ކާފަ ކަމަށްވާ ދޮރޮބައިގެދަރު ފެހެލާނޑާގެ ވާހަކަ ކުރީގެ ބާބުގައި އިސްވެ ހިގާއްޖެއެވެ. މި ބާބުގައި ބަލައިލާނީ ބޮޑު ފަނޑިޔާރުގެ ބައްޕަ އެދުރު ހަސަން ނާއިބު ރަނަހަމައިދި ތަކުރުފާނުގެ އުސްތާޒު އަދި ބޮޑު ފަނޑިޔާރުގެ މާފަ ތޫނޑިޔަރު ދޮން އަހުމަދު ގާދިރު ކަލޭގެފާނަށެވެ. މި ދޮން އަހުމަދު ގާދިރު ކަލޭގެފާނަކީ އެދުވަސްވަރުގެ އައްޑޫގައި އެންމެ އިސްކޮށް ހުންނެވި އިލްމުވެރިޔާއެވެ. އިލްމީ ގޮތުންނާއި އިދާރީ ގޮތުން އަތޮޅަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ކަމަށް ތާރީޚުން ސާބިތުވާ ބެއިކަލެކެވެ.

ތޫނޑިޔަރު ދޮން އަހުމަދު ގާދިރުގެ ބައްޕައަކީ ބިސްފަތި ރަނަހަމައިދި ކަލޭގެ އެވެ. މި ރަނަހަމައިދި ކަލޭގެ ބައްޕައަކީ ސ. ހިތަދޫ އޮޑައްސަލު ކޮޑަގެދަރު ކޮޑަކަތީބު ކަލޭގެ ފުތް ބޮޑުގާ އޮށާނަ ކަލޭގެއެވެ. ބިސްފަތި ރަނަހަމައިދިއަކީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަހުމޫދު ނާއިބުގެ ދަރިކޮޅުގެ ބޭފުޅެކެވެ. މި ބިސްފަތި ރަނަހަމައިދިގެ މަންމަޔަކީ އައްޑޫ މަރަދޫ ދަނޑިވެރި ފާތިން ކާނލޯ އެވެ. ބިސްފަތި ރަނަހަމައިދި ކައިވެނި ކުރެއްވީ އައްޑޫ ހިތަދޫ ތޫނޑިއަރު އަންހެނަކާއެވެ. ދޮން އަހުމަދު ގާދިރު ލިބިވަޑައިގަތީ މިބަނޑުންނެވެ. ތޫނޑިޔަރަކީ މީދޫގެ އާއިލާތަކާއި ގުޅިފައިވާ ގެއެކެވެ. މީދޫގެ އިހުގެ ބައެއް ފޮތްތަކުގައި ތޫނޑިޔަރަކީ މީދޫގެ ވަގުފު ތަނެއް ކަމުގައި ލިޔެފައި އޮވެއެވެ.

ތޫނޑިޔަރު ދޮން އަހުމަދު ގާދިރު ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެއެވެ. އަދި ބައްޕަ ރަނަހަމައިދި ތަކުރުފާނު މީދޫ އަންހެނަކާއި ކައިވެނިކުރައްވައިގެން އަހުމަދު ގާދިރު ގޮވައިގެން މީދޫއަށް ދިރިއުޅުން ބަދަލު ކުރައްވައިފިއެވެ. ރަނަހަމައިދި ތަކުރުފާނަށް މީދޫ ބަނޑުން ލިބިވަޑައިގަތީ ތޯހިރު ގާދިރެވެ. އާއްމުކޮށް މަޝްހޫރުވެފައިވާ ގޮތުންނަމަ މީދޫ ހިރު ގާދިރެވެ. މިއީވެސް ތާރީޚުން އެނގެން އޮތް ގޮތުން ވަރަށް ބޮޑު އިލްމުވެރި ދަންނަ ބޭކަލެކެވެ.

ބިސްފަތި ރަނަހަމައިދި ތަކުރުފާނަކީ ކުރީންވެސް ބަޔާން ކުރެވުނު ފަދައިން ޔޫސުފު ނާއިބުގެ އައުލާދަށް ނިސްބަތްވާ ބެއިކަލެކެވެ. މީނާ އަކީ އޭރު މުޅި ދެކުނުގައިވެސް ހުރި އެންމެ ކުޅަދާނަ މާލިމީއެވެ. ނަން އަރައި ހުރި ވިޔަފާރިވެރިއެކެވެ. މީނާގެ ކުދީންގެ ނަމުގެ ފަހަތަށް ގާދިރު ކިޔައިފައި ވަނީ ޔޫސުފު ނާއިބަށް ނިސްބަތްކޮށްފައެވެ. ޔޫސުފު ނާއިބަކީ ޔޫސުފު ގާދިރީ ކަމުގައި ވާތީއެވެ. މީނާއަށް ބިސްފަތި ރަނަހަމައިދިއޭ ކިޔައި ލަގަބު ދިނީ ހިލާލީ ދަރިކޮޅުގެ ސުލަތާން ކަޅު މުހައްމަދުގެ ރަސްކަމުގައި 1520 ގެ އަހަރުތަކުގެ ތެރޭގައެވެ.

ތޫނޑިޔަރު ދޮން އަހުމަދު ގާދިރުގެ އުސްތާޒުންނަކީ މަހުމޫދު ނާއިބުގެ ދޮން އުމަރު ނާއިބު ތަކުރުފާނުގެ ދޮން މަހުމޫދު ނާއިބު ޚަތީބާއި މަހުމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ހަސަން ޚަތީބެވެ.  މި ދެބައިކަލުންގެ އުސްތާޒަކީ މަހުމޫދު ނާއިބުގެ ދޮން އުމަރު ނާއިބު ތަކުރުފާނެވެ. މިތަކުރުފާނުގެ އުސްތާޒަކީ މިތަކުރުފާނުގެ ބައްޕަ މަހުމޫދު ނާއިބެވެ. ތޫނޑިއަރު ދޮން އަހުމަދު ގާދިރާއިއެކު މަހުމޫދު ނާއިބު ޚަތީބާއި ދޮން ހަސަން ޚަތީބުގެ އަރިހުން ކިޔެވި މީހުންގެ ތެރޭގައި ހެނެއިކަމަނާރު ދޮން ޔޫސުފާއި މަހުމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ހަސަން ޚަތީބުގެ ކަޅިހާރު އަބޫބަކުރު ޚަތީބާއި މަހުމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ހަސަން ޚަތީބުގެ ކަޅިހާރު ދޮން ސީދިކަލޭގެ އާއި މަހުމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ހަސަން ޚަތީބުގެ ކަޅިހާރު ދޮން ޔޫސުފު ޚަތީބު ވެސް ހިމެނިގެންވިއެވެ.

މިއެންމެހައި ބޭކަލުންނަކީވެސް އިލްމުވެރިކަމަށް އަރައި ތިބި ބޭކަލުންނެވެ. މީގެތެރެއިންވެސް އެންމެ މަޝްހޫރު ބެއިކަލެއްކަމުގައިވީ ދޮން އަހުމަދު ގާދިރު ކަލޭގެފާނެވެ. އޭގެ ސަބަބަކަށްވީ މި ކަލޭގެފާނުގެ އަރިހުން މީދޫ އާއި ހިތަދޫ އާއި މަރަދޫ އާއި ގަމުގެ ވަރަށް ގިނަ ބަޔަކު ކިޔަވައިފައި ވުމާއި މުޅި އަތޮޅުގެ އެދުރު ކަލޭގެފާނުގެ ނަމުން މުޚާތަބު ކުރެވެން ފެށުމުންނެވެ. ފުވައްމުލަކުން ފެހެލާނޑާގެ ދަރިކަލުން ހަސަން ނާއިބު މީދޫއަށް ވަޑައިގަތީވެސް މިކަލޭގެފާނުގެ އަރިހުން ކިޔެވުމަށެވެ. މި ހަސަން ނާއިބަކީ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ބައްޕައެވެ.

ދޮން އަހުމަދު ގާދިރުގެ އުމުރުގެ ބޮޑުބައި ހޭދަކުރެއްވީ މީދޫގައެވެ. އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދޮން ފާތިމާގެ ދޮން މުހައްމަދު އެދުރު ތަކުރުފާނުގެ އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރު ތަކުރުފާނުގެ ދޮން ހުސައިން ޚަތީބު ތަކުރުފާނުގެ ދޮން މުހައްމަދު ޚަތީބު ތަކުރުފާނުގެ ދޮން އަލީ އެދުރު ތަކުރުފާނުގެ ދޮން މަހުމޫދު ނާއިބު ތަކުރުފާނުގެ ދޮންބުބޫގެ ދޮންފާތުމާގެ ކެއުޅާރާ ހައްވާބީއާ އެވެ. މި ބަނޑުން ދޮން އަހުމަދު ގާދިރަށް ލިބިވަޑައިގަތީ ދިޔަރެހިގެދަރު ސަންފާބީ އާއި ހަނދެއިގިރި ތަކުރުފާނެވެ.

ތޫނޑިޔަރު ދޮން އަހުމަދު ގާދިރު މީދޫގައި ކިޔަވައިދޭން ހުންނެވި ހުންނެވުމުގައި އެކަލޭގެފާނުގެ އަރިހުން އިލްމު އުނގެނުނު މީހުންގެ ތެރެއިން ތާރީޚުގައި ފާހަގަ ކުރެވިފައިވާ މަޝްހޫރު މީހުންނަކީ ދޮރޮބައިގެދަރު ބީފާނުގެ އެދުރު ހަސަން ނާއިބު ރަނަހަމާދި ތަކުރުފާނު، ހެނެއިކަމަނާރު ދޮން ޔޫސުފުގެ ދޮން އީސާ ކަލޭގެފާނު، ހެނެއިކަމަނާރު ދޮން ޔޫސުފުގެ އުމަރު ތަކުރު، ހެނެއިކަމަނާރު ދޮން މަރްޔަމްބޫގެ ދޮން އަލީ ޚަތީބު، ހެނެއިކަމަނާރު ފަޑިޔަތްކަލޭގެ، ހާނެއިގޭ ދޮން މުހައްމަދު (މީނާ ކިޔެވީ މާލިމީކަން)، ކަޅިހާރި އަބޫބަކުރު ޚަތީބުގެ ދޮން އަހުމަދު ޚަތީބު، ކަޅިހާރި އަބޫބަކުރު ޚަތީބުގެ ކުންނިޔަރު ދޮން ހަސަން ޚަތީބު، ކަޅިހާރި އަބޫބަކުރު ޚަތީބުގެ ދޮން މަހުމޫދު، ކަޅިހާރި އަބޫބަކުރު ޚަތީބުގެ ދޮން ދޮނަބޫ އެވެ. މީން ކޮންމެ މީހެއްގެ ޚިދުމަތުގެ ވާހަކަ މީދޫގެ ވަނަވަރު ފޮތްފޮތުގައި ބަޔާން ވެގެންވެއެވެ.

ދުވަސްވަރަކީ ހިލާލީ ދަރިކޮޅުގެ މަޝްހޫރު ކަޅު މުހައްމަދު ރަސްގެފާނުގެ ދުވަސްވަރެވެ. މާލޭގައި ރަސްކަމުގެ ކޮއިލު ތެރޭގައި ކޯޅުންތައް ބޮޑުވެގެން ދިޔަ ދުވަސްވަރެކެވެ. އެދުވަސްވަރު އައްޑޫ މަސަލަސްކޮށް ބޭއްވުމުގެ ގޮތުން ދޮން އަހުމަދު ގާދިރު ކަލޭގެފާނު ވަރަށް މުހިއްމު ނިންމެވުންތަކެއް ނިންމެވިއެވެ. ޔޫސުފު ނާއިބާއި ހަމައިން ފެށިގެން ދީނުގެ ކަންކަމުގެ ހުކުމް ނެރޭ ތަނަކީ މީދޫ ކަމަށް ވިޔަސް  މީދޫ ދޫކޮށް އަހުމަދު ގާދިރުގެ މާމަގެ ރަށް ކަމަށްވާ މަރަދޫއަށް ވަޑައިގެން ދީނުގެ ހުކުމްތަކާއި އިދާރީ ނިންމުންތައް ނިންމުމުގެ މަރުކަޒަކަށް މަރަދޫ ހައްދަވައިފިއެވެ. ދޮން އަހުމަދު ގާދިރު މީދޫ ދޫކުރައްވައި މަރަދޫ އަށް ވަޑައިގެން އެ ކަލޭގެފާނުގެ މީދޫ އަނބި ކަމަނާ ހުސްވުމުން މީދޫ ހާނެއިގެ މުހައްމަދު ކަލޭގެ އާއި ކައިވެނި ކުރައްވައިގެން އެތަނުން ކެއުޅާރު ހުސައިން ތަކުރުފާނާއި ކެއުޅާރު ބޮޑު ރަނަހަމައިދި ތަކުރުފާނާއި ކެއުޅާރު ވަތަބަނޑޭރި ތަކުރުފާނު ލިބިވަޑައިގެންނެވިއެވެ.

ދޮން އަހުމަދު ގާދިރުގެ މި ނިންމެވުން ނިންމެވީ އަތޮޅުގެ ގިނަ ރަށްރަށާއި މީހުން ތިބީ އަތޮޅުގެ ހުޅަނގު ބިތުގެ ރަށްރަށުގައި ކަމަށްވެފައި މަރަދޫ އަކީ އެރަށްފަތީގެ މެދުގައިވާ ރަށް ކަމުގައިވާތީ ބެލެހެއްޓުން ފަސޭހަ ކަމަށްޓަކައެވެ. މިކަލޭގެފާނަކީ ހިތަދޫގައި ވެސް އަދި މަރަދޫގައިވެސް ބޮޑު އާއިލާއެއް އޮތް ބެއިކަލަކަށް ވުމާވެސް އެކުގައެވެ. މީދޫގައި ވަރަށް ގިނަ މީހުންނަށް ކިޔަވައިދެއްވައި އިލްމުވެރީންކަމުގައި ވެފައިވާތީ ދޮން އަހުމަދު ގާދިރު ދެން އިސްކަން ދެއްވީ މަރަދޫގައި އިލްމީ ސިލްސިލާއެއް ފެށުމަށެވެ. މިގޮތުން މަރަދޫގައި ކިޔަވައިދެއްވިއެވެ. މިކަލޭގެފާނުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަރަދޫގައި ވެސް ދަންނަބޭކަލުންތަކެއް އުފެދުނެވެ. އެބޭކަލުންގެ ސިލްސިލާ މީލާދީން އަށާރަ ސަތޭކައިގެ ފަހުގެ އަހަރުތަކާއި ހަމައަށް ދެމިގެން އައެވެ.

މަރަދޫގައި ދޮން އަހުމަދު ގާދިރު ހުންނެވި ހުންނެވުމުގައި ވިދާޅުވި ކަމަށް ދޫދޫމަތިން ކިޔެމުން އަންނަ ވާހަކައެއް އޮވެއެވެ. މަރަދޫގައި އަތޮޅު ހިންގުން އޮންނަހައި ދުވަހަކު ރާއްޖެއާއި އަތޮޅުގެ ކަންކަން އޮންނާނީ އޮމާންކޮށް ކަމަށާއި އެނޫން ދުވަހެއްގައި ރާއްޖެ އާއި އަތޮޅު ވެސް ހަލަބޮލިވާނެ ކަމަށް ދޮން އަހުމަދު ގާދިރު ވިދާޅުވި ކަމަށް ވެއެވެ. މިއީ ސާބިތު ވާހަކައަކަށް ނުވިޔަސް މަރަދޫ ރަތްވިލާގެ ތަޅާލައި ރަސްމީކޮށް ހިތަދޫއަށް އަތޮޅުވެރިކަން ބަދަލު ކުރި ދުވަސްވަރު މިވާހަކަ ބައެއް މީހުން ދައްކައި އުޅުނެވެ.

އެދުވަސްވަރު އައްޑޫ ވިލިގިލި އޮތީ ކޮންމެވެސް ބަލިމަޑުކަމަކާއި ވިދިގެން ފަޅުވެފައެވެ. އެހެންވެ ވިލިގިލި ފަޅުރަށެއްގެ ގޮތުގައި ދެންވެސް ބޭއްވުމާއެކު އެއީ މަރަދޫގައި އިލްމު ފެތުރުމުގެ މަސައްކަތަށް ޚަރަދު ހިންގާން މަރަދޫ ރައްޔިތުންނަށް ވަގުފު ރަށެއްގެ ގޮތުގައި ހަމަޖެއްސެވީވެސް ދޮން އަހުމަދު ގާދިރު ކަލޭގެފާނެވެ. މިކަލޭގެފާނުގެ މަސައްކަތް ފާހަގަކޮށް މަރަދޫގައި އެކަލޭގެފާނަށް ކިޔައި އުޅުނީ ދަންނަ ގާދިރީ ކަލޭގެފާނެވެ. މިގާދިރީ ކަލޭގެފާނު ފަސްދާނުލެވިފައިވަނީ މަރަދޫގައެވެ. މިކަލޭގެފާނާއި އެކު އެކަލޭގެފާނުގެ އެއްބަފައި ބޭކަނބަލަކުވެސް މަރަދޫގައި ފަސްދާނު ލެވިގެންވެއެވެ. އެބައިކަނބަލަކަށް ކިޔަނީ ގާދިރީ ކަމަނާއެވެ.

އެދުރު ހަސަން ނާއިބު ރަނަހަމައިދި ތަކުރުފާނު

ހަސަން ނާއިބު ތަކުރުފާނަކީ ދޮރޮބައިގެދަރު ފެހެލާނޑާ  މުހައްމަދު އިބުނު ސުލްތާނުލް މިސްރީގެ ދަރިކަލުންނެވެ. މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ބައްޕައެވެ. މީދޫއަށް ވަޑައިގަތީ އިލްމު އުނގެނުމަށް ތޫނޑިޔަރު ދޮން އަހުމަދު ގާދިރު ކަލޭގެފާނުގެ އަރިހަށެވެ. އެކަލޭގެފާނުގެ ދަރިވަރުންގެ ތެރެއިން އިލްމަށް އެންމެ އަރައި ހުންނެވީ މި ހަސަން ނާއިބެވެ. ހަސަން ނާއިބު ކައިވެނި ކުރެއްވީ ދޮން އަހުމަދު ގާދިރަށް މީދޫ ކެއުޅާރާ ހައްވާބީގެ ބަނޑުން ލިބިވަޑައިގަތް ސަންފާބީއާއެވެ.  އެޒަމާނުގައި އޮންނަ އާދަކާދައިގެ މަތިންނެވެ. އިލްމުވެރިއެއްގެ އަންހެން ދަރިކަނބަލެއްގެ ކައިވެންޏަށް އެންމެ އެކަށީގެންވާ މީހަކީ އޭނާގެ ދަރިވަރުންގެ ތެރެއިން އެންމެ އަރައިހުރި ދަރިވަރުކަމަށް ގަބޫލު ކުރެވިފައި އޮންނަ އުސޫލުގެ މަތިންނެވެ.

ހަސަން ނާއިބުގެ ކިޔެވުމަށްފަހު އެ އިލްމު އެހެން މީހުންނަށް އުގަންނަވައި ދެއްވުމަށް ވަރަށް މަސައްކަތް ކުރެއްވިއެވެ. ކިޔަވައި ދިނުމުގައި ގިނަ މީހުންނާ ތަފާތުކޮށް ފަސޭހައިން ކުދީންނަށް ފަހުމްވާ ގޮތަށް އެކަން ކުރެއްވިއެވެ. ކިޔަވައިދިނުމުގެ އެންމެ ފަސޭހަ އުސޫލުތައް މިކަމުގައި ބޭނުން ކުރެއްވި ކަމަށް ގަބޫލު ކުރެވެއެވެ. އެހެނީ ކުދީންނަށް ފަސޭހައިން ފަހުމް ކޮށްދިނުމުގައި އެފަދަ ދެވަނައެއް ނުވާކަމުން އަލްހިބްރުލް ފައްހާމާ ހަސަން ނާއިބު ރަނަހަމައިދި ތަކުރުފާނު މިނަމުން މުޚާތަބު ކުރެވެއެވެ.

ކިޔެވުމަށްޓަކައި މީދޫއަށް ވަޑައިގެންނެވި ފަހުން ދެން މުޅިންވެސް އެ ތަކުރުފާނު އުޅުއްވީ މީދޫގައެވެ. އެގޮތުން އެރަށުގެ ނާއިބުކަންވެސް ކުރެއްވިއެވެ. އަދި އުތީމު ބޮޑު ތަކުރުފާނުގެ ރަސްކަމުގައި 1574 ގައި މާލޭގައިވެސް ދުވަސްތަކެއް ހޭދަކުރެއްވިއެވެ. ބޮޑު ތަކުރުފާނު ހަސަން ނާއިބަށް ފަނޑިޔާރުކަން ހުށައެޅުއްވުމުން މި ތަކުރުފާނު ވަނީ އެކަމާއި ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެން އައްޑޫ މީދޫގައި ހުންނެވުމުގެ އިޒުނައަށް އެދިވަޑައިގެންފައެވެ. ބޮޑުތަކުރުފާނު މި އިޒުނަ ދެއްވީ ވާދޫ ދަންނަ ތަކުރުފާނު މާލެ ވަޑައިގަތުމުންނެވެ. އެދުވަސްވަރު ބޮޑު ތަކުރުފާނު ވަނީ އައްޑޫގެ ކަމުވޮށިގެންވާ ވަރަށް ގިނަ ބަޔަކަށް ކޮލި ލަގަބު ދެއްވައިފައެވެ. ހަސަން ނާއިބުގެ ޅިޔަނުން ކަމުގައިވާ ބޮޑު ރަނަހަމައިތި ތަކުރުފާނާއި ވަތަބަނޑޭރި ތަކުރުފާނާއި ހަނދެއިގިރި ތަކުރުފާނަކީ އެދުވަސްވަރު ބޮޑު ތަކުރުފާނު ދެއްވި ލަގަބު ނަންތަކެކެވެ.

އައްޑު އަތޮޅުގެ ދެކުނުން އޮންނަ ފޯޅަވައްސަށް ބަޔަކު ފޮނުއްވާން ބޮޑު ތަކުރުފާނުގެ ދަރިކަލުން ކަލާފާނު ކުރެއްވި މަސައްކަތް ކާމިޔާބު ނުވެފައި ވަނިކޮށް އެ މަސައްކަތް އެންމެ ފަހުން ކާމިޔާބުވީ މިތަނުން ހަނދެއިގިރި ތަކުރުފާނުގެ މާލިމީ ކަމުގެ ދަށުގައި ފޮނުއްވި ފަހަރުއެވެ.  ރަނަހަމައިދި ތަކުރުފާނާއި ވަތަބަނޑޭރި ތަކުރުފާނު މި އޮޑީގައި ފޯޅަވައްސަށް ވަޑައިގެންނެވީ ފަންޑިތަވެރިންގެ ގޮތުގައެވެ. އޭރު މިފަދަ ކަންކަމަށް މި ތިންބެއިންނަށް ވުރެ ވަކިން ކުޅަދާނަ އެހެން ބަޔަކު މުޅި ރާއްޖޭގައިވެސް ތިބި ކަމަކަށް ނުވެއެވެ.

ކަލާފާނުގެ ދައުރުގައި މާލޭގައި ހައްޔަރުވެފައި ހުރި ފަރަންސޭސި ސައްޔާހު ޕިރާޑުގެ ލިޔުންތަކުން ފޯޅަވައްސަށް ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ މާލިމީގެ ދަށުގައި ބަޔަކު ފޮނުވިކަން ބަޔާން ކުރެވިފައިވެއެވެ. އަދި ޕިރާޑު އަމިއްލައަށްވެސް ދާން އުޅެ އެކަން ނުވީ އޭނާ ފިލައިފާނެތީ ކަލާފާނު އެކަމަށް އެއްބަސްވެވަޑައި ނުގަތުމުން ކަމަށްވެސް ބަޔާން ވެގެންވެއެވެ. މި ފޯޅަވަހީގެ ދަތުރާއި މިކަމާއި ބެހޭ ގޮތުން ޕިރާޑު ލިޔުނު ލިޔުންތައް ވަރަށް ފަހަކުން މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީ ތަރުޖަމާ ކުރިއެވެ. އެ ތަރުޖަމާގައި ދެކުނުގެ މީހުންނަށް ނުބައިބަސް ބުނެފައިވާ ބުނުމާއި މެދު ފަހުގެ ބާބެއްގައި އަދި ވާހަކަތަކެއް އަންނާނެއެވެ.

ހަސަން ނާއިބުގެ ޅިޔަނުންނަށް ބޮޑު ތަކުރުފާނު ކޮލި ނަންތައް ދެއްވި ފަދައިން ހަސަން ނާއިބަށް ވެސް ކޮލި ނަން ދެއްވުމުގައި ދޮއްތޮޑަފި އާއިލާގެ އާއިލީ ގުޅުންތަކަށް ރިއާޔަތް ކުރެއްވިކަމެއް ނުވަތަ ނޫންކަމެއް ތާރީޚަކުން ނޭގެއެވެ.  ހަސަން ނާއިބު ރަނަހަމައިދި ތަކުރުފާނު އުފަންވެވަޑައިގަތީ ފުވައްމުލަކަށް ކަމުގައިވިޔަސް އަދި މަންމަޔަކީ ފުވައްމުލަކު ދޮރޮބައިގެދަރު ބީފާނު ކަމަށް ވިޔަސް މި ތަކުރުފާނު މަޝްހޫރުވެގެންވަނީ މީދޫ ހަސަން ނާއިބު ތަކުރުފާނުގެ ނަމުންނެވެ.

ހަސަން ނާއިބަށް މީދޫ ދިޔަރެހިގެދަރި ސަންފާބީގެ ބަނޑުން ލިބިވަޑައިގަތީ ތިން ކުދިންނެވެ. އެއީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނާއި ސިއްތީފާނާއި ކުޑައިބީ އެވެ. މި ބެއިފުޅުންގެ ވާހަކަ ދެން ލިޔާ ބާބެއްގައި ބަޔާން ކުރާނަމެވެ.  އަލްހިބްރުލް ފައްހާމާ އެދުރު ހަސަން ނާއިބު ރަނަހަމައިދި ތަކުރުފާނު ފަސްދާނުލެވިފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނުގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!