އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 6

މީދޫ ފަޅުވިކަން ޔަގީންވާ ހެކިތައް

މީދޫގެ އިހުގެ ދަރިކޮޅުތައް ދެމިގެންއައި ގޮތާއިމެދު ތަހުލީލީ ސިކުނޑިއަކުން ވިސްނައިފިނަމަ މީދޫ އޮތީ މަދުވެގެން އެއްފަހަރުނަމަވެސް ފަޅުވެފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އިހުގެ ދަރިކޮޅުތައް ވަރަށް ދުރުން ދެމިގެން އައިސް ވަކިހިސާބަކުން އަންނަނީ ހުސް ތަންކޮޅެކެވެ. އެ ހުސްތަންކޮޅަށް ފަހު އަނެއްކާވެސް ދަރިކޮޅުތަކުގެ ސިލްސިލާ ފެންނާން އެބައޮތެވެ. ފަހުގެ ސިލްސިލާތަކުގެ ތެރެއިން އިހުގެ ސިލްސިލާތަކާއި ގުޅުވައިލެވެނީ އެންމެ ދަރިކޮޅެކެވެ. މިކަމުން އެގެނީ މީދޫ ފަޅުވުމަށްފަހު އަލުން އާބާދުކުރި މީހުންގެ ތެރޭގައި ހިމެނުނީ އިހު އުޅުނު ދަރިކޮޅުތަކުގެ ތެރެއިން ދަރިކޮޅަކަށް ނިސްބަތްވާ ބައެއް ކަމެވެ. ދެންތިބީ މީދޫއާ ނުގުޅޭ ބައެއް ކަމެވެ.

މީދޫ ފަޅުވުމަށްފަހު އަލުން އާބާދުކުރުމާއެކު ކޯގަންނުގައި މަގާމެއް ހަދާފައިވެއެވެ. އެއީ މިޒަމާނުގައި ކިޔާގޮތަށްނަމަ މޮނިއުމެންޓެކެވެ. އެ މޮނިއުމަންޓަކީ ކޯގަންނުގައި މިހާރުވެސް އެހެރަ ހިރިގަލުގެ މިންބަރެވެ. އެ މިންބަރުގައި އަރަބި ވިޔައަކުރުން ވަރަށް ފުންކޮށް ހިޖުރީ އަހަރެއް ޖަހައިފައިވެއެވެ. އެ ތާރީޚު ވަރަށް ފަހަކާ ޖެހެންދެން ފެންނާން ހުއްޓެވެ. އެ އަހަރަކީ 576 އެވެ. ހިޖުރީ ސަނަތުން 576 އެއީ މީލާދީން 1180 އެވެ. އެއީ މީދޫ އަލުން އާބާދު ކުރި އަހަރެވެ. އެކަމާއި ގުޅޭ ވާހަކަ އަދި ފަހުން އަންނާނެއެވެ. މި ތާރީޚު ފުހެވިގެންދިޔައީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު ކޮންމެވެސް ބަޔަކު މިންބަރުގައި ތަށިމުށިޖަހައި އެ ތަށިމުށިތައް ފަހުން ކޮށައިލުމުގެ ތެރޭގައެވެ.

މީދޫގެ ހުޅަނގު ބިތުން ޖަންގަލީގެ ތެރޭގައި ވީރާނާވެ ގެއްލިފައި ހުރި މިސްކިތެއްގެ އާސާރު 1880 ގެ ތެރޭގައި ފެނިފައިވެއެވެ. ފަހުން އެ މިސްކިތްވަނީ އަލުން އިމާރާތް ކުރެވިފައެވެ. އެއީ މިހާރު ފެންނަން އެހެރަ ޒިޔާރަތް މިސްކިތެވެ. ޒިޔާރަތް މިސްކިތަކީ ޔޫސުފު ނާއިބުގެ ޒަމާނުގައި ބިނާކުރެވުނު މިސްކިތެކެވެ. އެހެންނަމަވެސް މީދޫ ފަޅުވުމަށްފަހު އަލުން އާބާދުކުރިއިރު މިސަރަހައްދު ދެންވެސް ފަޅުވެފައި ޖަންގަލީގެ ގޮތުގައި އޮތުމުން އެހެން މިސްކިތެއް ހުރިކަން ދެނަހުރި މީހަކު ނެތި އެ މިސްކިތުގެ މަތިން އޮތީ ހަނދާން ނެތިފައެވެ. މިސްކިތުގެ ތާރީޚު އެނގެންފެށީ ގަނޑުވަރު ކައްދާދީގެ އަލި ދީދީ އެ މިސްކިތް އާ ކުރެއްވި ހިސާބުންނެވެ. އަލި ދީދީގެ ބައްޕައަކީ ރަހާގެ އިބްރާހިމް މަނިކުފާނެވެ. އަލި ދީދީ ބޮޑަށް މަޝްހޫރުވެގެންވަނީ ކުބެއްޔާގެ ނަމުންނެވެ.

ޒިޔާރަތް މިސްކިތް ހުރި ސަރަހައްދަކީ ކުރީ ޒަމާނުގައި ބޮޑެތި ގަސްތައް ހެދިފައިވާ ޖަންގައްޔެކެވެ. އެ ސަރަހައްދުން އަތިރިއަށް ފޭބުމަށްޓަކައި ކުބެއްޔާ އާއި އޭނާގެ ބޮޑުބޭބެ ގަނޑުވަރު އަހުމަދު ދީދީ މަގެއް ހެދުމަށްޓަކައި ގަސްތައްކޮށައި ސާފުކުރުމުގެ ތެރޭގައި މިސްކިތެއްގެ އާސާރު ފެނުނީއެވެ. އެ ސަރަހައްދުގައި މިސްކިތެއްގެ އާސާރު ހުރުމާއި ޒިޔާރަތެއް ހުރުމާއި ގިނަ އަދަދެއްގެ މަހާނަ ވެސް ހުރުމުން ކުބެއްޔާއާއި ގަނޑުވަރު އަހައްމައިދި އަށް ޔަގީންވީ އެއީ ކުރީ ޒަމާނުގައި ގަބުރުސްތާނެއް ކަމެވެ.

ކެހެޅާ އާއި ބެހެޅާ ވާހަކަ
ރަށުގެ ހުޅަނގު ފަރާތުގައި ބިނާކުރި މިސްކިތެއް ގެއްލި ހަނދާންނެތުމަށް މެދުވެރިވިއިރު ހަމަ އެސަރަހައްދާއި ދާދި ގާތުން އަތިރިމަތީގައި ހުރި އެއަށްވުރެ މާޒަމާންވީ މަހާނަތަކެއް ފާހަގަކުރަމުން މިއަދާއި ހަމައަށް އައިކަމީ ބައެއް މީހުން ސުވާލުކުރުން އެކަށީގެންވާ ކަމެކެވެ. ރަށުގެ ހުޅަނގު ދެކުނު ފަރާތުން ދޫކެޑެ ސަރަހައްދޭ ކިޔުނު އަތިރިމަތީގައި ހުޅުދޫއާއި ދާދިގާތުގައި ކެހެޅާ އާއި ބެހެޅާގެ މަހާނައޭ ކިޔޭ ދެ މަހާނައެއް ޖެހިޖެހިގެން ހުރެއެވެ. މިއީ މީދޫ އިސްލާމްވުމުގެ މާކުރިން އުޅުނު އެއްބަފައި ދެބެއިންނެވެ. އެއީ ކެހެޅިޔަ އާއި ބެހެޅިޔަ އެވެ. ރަށު މީހުން ކިޔާގޮތުންނަމަ ކެހެޅާ އާއި ބެހެޅާ އެވެ. މިހިސާބުން މި ދެމަހާނައާއި ގުޅޭގޮތުން ކިޔަމުން އަންނަ ފޯކްލޯރެއް މިތާގައި ބަޔާންކުރުމަށް ގަސްތު ކުރަމެވެ. މިއީވެސް ތާރީޚަށް އަލިކަމެއް ގެނެސްދޭ ވާހަކައެއް ކަމަށް ފެންނާތީއެވެ.

ކެހެޅާ އުޅުނީ މީދޫގައެވެ. ބެހެޅާ އުޅުނީ ހުޅުދޫގައެވެ. އެދުވަސްވަރު މީދޫ އާއި ހުޅުދޫ އޮތީ މިހާރު މިފެންނަ ގޮތަކަށް ނޫނެވެ. ހުޅުދޫ އާއި މީދޫއަކީ އެއްފަޅެއްގެ ތެރޭގައި ވަކީން އޮންނަ ދެރަށެވެ. މީދޫ ތަންކޮޅެއް ބޮޑުވެފައި ގަސްގަހާގެހި ހެދުން އިތުރެވެ. ހުޅުދޫގައި އެކަމެއް ނޯވެއެވެ. މީދޫގެ ވެރިޔަކީ ކެހެޅާ އެވެ. ހުޅުދޫގެ ވެރިޔަކީ ބެހެޅާ އެވެ. މި ވެރިކަމާއި މި މުދައުވެރިކަމަކީ މިދެބެއިންގެ ބައްޕަގެ ފަރާތުން ވާރުތަވި ކަންތަކެވެ. ދެބެއިންގެ ބައްޕަގެ ޒަމާނުގައި ދެރަށް ވެސް އޮތީ އޭނާގެ ދަށުގައެވެ. ބައްޕަ ނިޔައުވެގެން ތަރިކަ ބެހިއިރު މުދަލާއި ވެރިކަމުގެ ބޮޑުބައި ލިބުނީ ދޮށީ ދަރި ކެހެޅާއަށެވެ. ހަގު ދަރި ބެހެޅާއަށް ލިބުނީ ކުޑަ ބައެވެ.

ކެހެޅާ އާއި ބެހެޅާގެ ބަފަޔަކީ ސެހެޅާ އެވެ. މިއީ ގަމުގައި ހުންނަ ބުދުދީނުގެ ބޮޑު ހާމުދުރުގެ ކޮއްކޮއެވެ. ހުޅުދޫ އާއި މީދޫގެ ވެރިކަން އޮތީ އޭނާއަށެވެ. ސެހެޅާ އެންމެ ފުރަތަމަ އިނީ މީދޫ ހަނިހަދަރި ބީބީ ކަމަނާއާއެވެ. މިކައިވެނިން ލިބުނީ ކެހެޅާއެވެ. ބީބީ ކަމަނާ މަރުވުމުން ސެހެޅާ އިނީ ހުޅުދޫ ދިޔަގަލިފީށެ ކުމަހައިދި ކަމަނާއާއެވެ. މިކައިވެނިން ލިބުނީ ބެހެޅާއެވެ. ބެހެޅާގެ އުމުރުން ހަތް އަހަރުގައި މިދެބެއިންގެ ބަފާ ސެހެޅާ މަރުވެއްޖެއެވެ. އޭރު ދޮށީދަރި ކެހެޅާ އަށް ވިހި ބާވީސް އަހަރެވެ. އެހެންވީމާ ބަފާގެ ވެރިކަމާއި މުދާތަކުގެ މައްޗަށް ކެހެޅާ އިސްވެ ކޮއްކޮ ބެހެޅާއާއި ދޮން އަމާ ކުމަހައިދި ކަމަނާ ހުޅުދޫއަށް ފޮނުވައިލީއެވެ.

ގަދަފަދަވެގެންވީ ވިއްސާރައެއްގައި ހުޅުދޫ ވަރަށް ބޮޑަށް ގިރައިގެން ހިގާއްޖެއެވެ. އުޅޭން އުނދަގޫ މިންވަރަށް ރަށް ދަތިވެއްޖެއެވެ. އޭރުގެ ހުޅުދޫ އޮންނަނީ މިހާރުގެ މީދޫ މޫސާގެފައްނާއި ދިމާލުން ހުޅަނގު ދެކުނަށް ފަޅުތެރޭގައެވެ. ހުޅުދޫ އޮތްތާގައި ފަހުން އޮންނަނީ ވަރަށް ބިޔަ ގަލެކެވެ. މިގަލުގެ ނަމަކީ ބޮޑު ގަލާއެވެ. އޮރިޖިނަލް ބޮޑު ގަލާ އަކީ އެއީއެވެ. މީދޫ އުތުރުފަރާތުން ކޯގަންނު ސަރަހައްދުގެ ފަރުމަތީގައި އެއޮންނަ ގަލަށް ބޮޑުގަލާއޭ ކިޔައި އުޅުނެއްކަމަކު އެއީ އޮރިޖިނަލް ބޮޑު ގަލާއެއް ނޫނެވެ.

ހުޅުދޫ ގިރަމުންގޮސް މުޅި ރަށް ނެތިގެން ހިގައިދާނޭ ކަމުގެ ބިރު ބޮޑުވުމުން ފަތެއްލިޔެފައި ބެހެޅާ އޭނާގެ ބޭބެ ކެހެޅާއަށް ފޮނުވައިފިއެވެ. ފަތެއް ފޮނުވާން ޖެހުނު ސަބަބަކީ މުދަލުގެ ކަންކަމުގައި އުފެދުނު އަރައިރުންތަކުގެ ސަބަބުން ދެ މީހުން އެކަކު އަނެކަކާއި ވާހަކަދައްކައި ނޫޅޭކަމުންނެވެ. މި ފަތުގައި ލިޔެފައިވާ އެއްޗެއްގެ ޚުލާސާއަކީ މިއެވެ. އޭ ބޭބޭ ކެހެޅާއެވެ. އަހުރެންގެ ރަށް ހުޅުދޫ ގިރަމުން ގިރަމުންގޮސް މިހައިރު ނެތިގެން ދިއުމުގެ ނުރައްކާ ކުރިމަތި ވެއްޖެ އެވެ. ރަށުގައި އުޅެވޭކަށް ނެތެވެ. މިފެށޭ ހުޅަނގު މޫސުން ނިމޭއިރު ރަށް އޮންނާނެކަމެއްވެސް ނޭގެއެވެ. އެހެންވީމާ  އެއްބަފާކަމުގެ ކުލުނު އިސްކޮށް އަހުރެންނާއި އަހުރެންގެ ރައްޔިތުން މީދޫގެ ދެކުނުން ތަންކޮޅަކަށް ފައިބައި ތިބުމުގެ ރުހޭ ބަސް ދިނުން އެދެމެވެ.

މި ފަތަށް ކެހެޅާ ޖަވާބު ލިޔުނެވެ. އޭ ކޮއްކޯ ބެހެޅާއެވެ. ހުޅުދޫގައި އުޅެވޭނެ ގޮތެއް ނެތިއްޔާ މީދޫގެ ދެކުނު ކޮޅުން އެއޮތް ފިނޮޅަށް ފައިބާށެވެ. އެތަނުގައި ކޮއްކޯ އާއި ކޮއްކޯގެ ރައްޔިތުންނަށް ދަތިކަމެއް ނޯންނާނެއެވެ. ކެހެޅާގެ ރުހޭ ބަސް ލިބުމާއެކު ބެހެޅާ އޭނާގެ ރައްޔިތުން ގޮވައިގެން މީދޫގެ ދެކުނު ފަރާތުގައިވާ ފިނޮޅަށް ފައިބައިފިއެވެ.

ދަނޑުވެރިކަމުގެ ނަފާ އޮތީ މީދޫއާވީ ކޮޅުގައި ކަމުން ބެހެޅާ އަނެއްކާވެސް ބޭބެ ގާތުން ބޮޑު ކަމަކަށް އެދިއްޖެއެވެ. މިފަހަރު އެދުނީ ރުއްގަސް ހެދިފައިވާ ތަންކޮޅެއް ދިނުމަށެވެ. މިކަމަށް ކެހެޅާ ހަމަ ފާޅުގައި ނޫނެކޭ ބުނެ އިންކާރުކޮށްފިއެވެ. ބުންޏެވެ. ތިޔަކަމެއް ނުވާނެއެވެ. އެކަމަކު ރުއްގަސް ދީފާނަމެވެ. އެތަކެތި ގެންގޮސް ތިޔަ ފިނޮޅުގައި އިންދާށެވެ. އިންދައިގެން ތިޔަ ފިނޮޅު އާރޯކުރާނެ މިންވަރަކަށް ކުރިޔަސް ތިމަންނާގެ މައްސަލައެއް ނެތެވެ. އެކަމަށް ރުހޭބަސް ދީފީމެވެ.

ފިނޮޅެއްގައި ރުއްގަސް އިންދައިގެން އޭގެ މަންފާލިބެން ދުވަސްތަކެއް ނަގާނެއެވެ. މިހެން ހުރިހުރުމުގައި ބޭބެއާ ދޭތެރޭ ނުނިޔަތް ލުމާއި ހަސަދަލުން ފިޔަވައި އެހެންކަމެއް ބެހެޅާއަކަށް ނުކުރެވެއެވެ. ކެހެޅާގެ ތަނަވަސް ދިރިއުޅުން އެބަފެނެއެވެ. ހަޖަމު ކުރެވޭވަރަށް ވުރެ ބެހެޅާގެ ހިތުތެރޭގައި ހަސަދައިގެ އަލިފާން ރޯވެއްޖެއެވެ. މިހުރިހާ އެއްޗެއްގެ މިލްކުވެރިޔަކީ ދެބެއިންގެ ބައްޕައެވެ. ބައްޕަ މަރުވީމާ މުއްސަނދިކަން މިއޮތީ ބޭބެ ފޭރިގެންފައެވެ.

ކޮންމެއަކަސް ފިނޮޅު އާބާދުވުން ލަސްވީމާ އަދި ފެހިވުން ކުޑަވީމާ އިތުރު ތަނަވަސްކަމާއި ފަސޭހަކަމަށްޓަކައި އާދޭސްކުރުން ފިޔަވައި އިތުރު ގޮތެއް ބެހެޅާއަކަށް ނެތެވެ. ހަމަ ދޫނުކޮށް އާދޭސްކުރަނީއެވެ. ފިނޮޅާއި ޖެހިގެން އަދި މީދޫއާ އިންވެގެން އޮންނަ ދޫކެޑެ ތިމަންނާއަށް ދޭށެވެ. މީގެ ފަހުން ދެން އިތުރު ކަމަކަށް ދުވަހަކުވެސް ނުކިޔާނަމެވެ. މިވާހަކަ ނުހުއްޓީމާ އެންމެފަހުން ދޫކެޑެ ސަރަހައްދު ބެހެޅާއަށް ދީފިއެވެ. މިދިނުމެއް ދިނީމާ ދުވަސްކޮޅަކު ނައިސް ހުރެފައި އަނެއްކާވެސް ބެހެޅާ އަތުވެއްޖެއެވެ. ބުންޏެވެ. މިވަރުންވެސް ނުވާނެއެވެ. އަދިވެސް ދޭށެވެ. މީދޫ ހުޅަނގުފަރާތުން އެއޮތް ރުއްދަނޑު ދެނިކޮށް ވެދާނެއެވެ. ބޭނުމީ އެސަރަހައްދެވެ. މިއެދުމަށް ކެހެޅާ ނޫނެކޭ ބުނެފިއެވެ. މިކަމާ ރުޅިގަދަވެގެން ބެހެޅާ އަރާރުންވެގަތީމާ ކެހެޅާ ހެދިގޮތަކީ ކުރިން ދީފައި އޮތް ބިންވެސް ނެގީއެވެ. އެގޮތުން ކަލޭގެ ކިބައިން ދޫކެޑެ ވަކިކޮށްފީމޭ މިތަނުން ފެއްސިގަންނާށޭ ވެސް ބުނެފިއެވެ.

ދެބެއިންގެ މި ބައްދަލުވުން އޮތީ ކެހެޅާފައްނު ކަނދުގަސް ދޮށުގައެވެ. އެއީ ވަރަށް ބިޔަ ގަހެކެވެ. މިގަހަކީވެސް ކެހެޅާގެ މުދަލެވެ. އެއީ ފިނި ވައިރޯޅި ޖެހޭ ހިތްފަސޭހަ ތަނެކެވެ. ކޮންމެއަކަސް މިދެކެވުނު ވާހަކައަކުން ދެބެއިން އަރާރުންވަމުން ގޮސް އެންމެ ފަހުން އެކަކު އަނެކަކާ ދެކޮޅަށް އަތް އިސްކޮށްފިއެވެ. ދެބެއިންގެ މެދުގައި ހަނގުރާމަ ފެށިއްޖެއެވެ. ހަނގުރާމަ ހިނގީ ކެހެޅާފައްނު ގޮނޑު ދޮށުގައެވެ. އެއީ މިހާރު ހުޅުމީދޫ އިންޖީނުގެ އެހެރަ ހިސާބުގެ އަތިރިމައްޗެވެ. ކައިރީގައި ތިބި މީހުންނަށް އެންގިޔޯލައެވެ. ކަލޭމެން މިކަމާ ބެހިގެން ނުވާނެއެވެ. ދެމީހުންގެ ތެރެއިން ގަދަވާ މީހަކީ އަނެއް މީހާގެ ސާހިބުމީހާއެވެ. ދެރަށުގެ ވެރިކަންވެސް އޭނާއަށެވެ. ކޮންމެއަކަސް ދެބެއިން ތަޅައިފޮޅަމުންގޮސް އެކަކުވެސް ގަދަނުވެ ދެމީހުންމެ އެކަކު ޖެހި އެތިފަހަރުން އަނެކަކު މަރުވެއްޖެއެވެ. ކެހެޅާ މަރުވީ ބެހެޅާ އަތުންނެވެ. ބެހެޅާ މަރުވީ ކެހެޅާ އަތުންނެވެ.

ކެހެޅާ އާއި ބެހެޅާގެ މަހާނަ ހުންނަނީ އެއްމަހާނަ އަނެއް މަހާނަ އާއި ޖެހިގެންނެވެ. ވަރަށް ފަހަކާއި ޖެހެންދެން މި ދެމަހާނަ އެގެން ހުއްޓެވެ. ދެ މާހާނަ ވެސް ހުރީ ކެހެޅާފައްނު ބޮޑު ކަނދުގަސް ދޮށުގައެވެ. ދޫކެޑެ އަތިރިއަށް ފައިބާއިރު ވާތްފާރާތުން އަތިރިއާއި ގާތުގައެވެ.

ބޯދާ ޒަމާނުން ފެށިގެން މީހުން ބުނެ އުޅޭ ބަހެއް އޮވެއެވެ. މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަންތައް ބަލައި ނުގަތީމާ ބުނާނެއެވެ. ކެހެޅާފައްނު ކަނދުގަސް ދޮށުން ވީވަރުވެސް ނުވީއެވެ. ކުރީ ޒަމާނުގައި ކުދީން ކުޅިވަރު ކުޅޭއިރު ކެހެޅާ އާއި ބެހެޅާގެ މަހާނައަށް ނަދުރު ބުނާނެއެވެ. މިއީ އެހެން ނަދުރުތަކާއި ތަފާތު ގޮތަކަށް ބުނާ ނަދުރެކެވެ. ނަދުރު ބުނެފައި ހަދާ ގޮތަކީ ކާއްޓަކުން މި ދެ މަހާނައިގައި ޖަހަނީ އެވެ. ނޫނީ މަހާނަ މަތީގައި ފަންތޮށިގަޑަކުން ޖަހަނީއެވެ.

މުދައުވެރިކަމާއި ދުނިޔޭގެ ޖާހަތާއި ގުޅުން ހުރި ކަންކަން ބޭނުންވެގެން ކެހެޅާގެ މަހާނަޔަށް ކޮންމެވެސް ނުހޮރުއްޕާނެއް ކުރަނިކޮށް އެކަން ހާސިލުވާކަމަށް ބުނެއުޅެއެވެ. މިކަމުގެ އެދުމުގައި އައްޑޫ އެހެން ރަށްރަށާއި ފުވައްމުލަކުން ވެސް މީހުން އާދެއެވެ. އޭރު ދެ މުހުތާދެއްގައި މީދޫއަށް ދިޔުން އޮވެއެވެ. އެއީ ދަރީންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިގެން ބުނާ ނަދުރު ފުއްދުމަށް ކުރާ ދަތުރެވެ. މި ނަދުރު ފުއްދާނީ މީދޫ ކޯގަންނު ގަބުރުސްތާނުގައި އެ ދަރިއެއްގެ ބަރުދަނަށް ކާބޯތަކެތި ކިރައި އެތަކެތި ފަގީރުންނާއި މިސްކީނުންނަށް ބަހައިގެންނެވެ. ދެން ދުނިޔޭގެ އުފަލާއި މުދަލާއި ލޯތްބަށް އެދިގެން ބުނާ ނަދުރު ފުއްދުމަށް ކުރާ ދަތުރެވެ. މިނަދުރު ފުއްދާނީ ކެހެޅާގެ މަހާނައަށް ކޮންމެވެސް ގޯނާއެއް ކޮށްގެންނެވެ

ކުރީ ޒަމާނުގައި އީދު ކުޅިވަރު ކުޅޭއިރު ހުޅުދޫ އާއި މީދޫ މީހުން އެއްބަޔަކު އަނެއްބަޔަކާ އަރާރުންވެ ތަޅައިފޮޅާނެއެވެ. އެހެންވާ ފަހަރު ބަލަން ތިބޭ މީހުން ބުނާނެއެވެ. ހީވަނީ މިއީ ކެހެޅާ އާއި ބެހެޅާ ހެންނެވެ. އެއްގެއެއްގެ ދެބެއިން އެކަކު އަނެކަަކާ ޒުވާބުކޮށް އަތް އިސްކުރީމާވެސް މީހުން ބުނާނެއެވެ. ތިޔައީ ކެހެޅާ އާއި ބެހެޅާ ހެއްޔެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *