އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 7
ނަދުރު ބުނުމުގެ އެހެން މިސާލެއް
މިއީވެސް ފޯކްލޯރުގެ ތެރެއިން މީދޫގައި ނަދުރު ބުނުމާއި ބެހޭ ވާހަކައެކެވެ. ފަންނިއަރި ކަލޭގެއަކީ ފޭރާންކުރާ މީހެކެވެ. މީނާ ފޭރާންކުރަން ދަނީ އިސްމެހެލާހެރައަށެވެ. އާދައިގެމަތިން އެއްދުވަހަކު ފޭރާންކުރުމުގެ މަސައްކަތުގައި އަވަދިނެތި އެބައުޅެއެވެ. ވަރަށް ހޫނުގަދަ ދުވަހެކެވެ. ވައިރޯޅިއެއްގެ ހިލަމެއްވެސް ނެތެވެ. ކުއްލިއަކަށް ފިނި ވައިރޯޅިއެއް ބީހިލައިފިއެވެ. ވީއަރާމަކާއި އުފަލެއްގެ ބޮޑުކަމުން ބޭއިޚުތިޔާރުގައި ބުނެވުނު ބަހަކީ އަދި މިކަހަލަ އެއްރޯޅި އަންނާދޭނވެއެވެ. ބަސް ބޭރުވުމާއެކު ހަމަކުއްލިއަކަށް އެރި ނަގޫރޯޅިއެއްގައި މިކަލޭގެ ބިމުން ލުހި އިސްމެހެލާހެރައިގެ އެންމެދިގު ރުކަށްވުރެވެސް މަތީން ހިއްލާލައިގެންގޮސް ފުއްޓަރު ފަރާތުން ބޭރުވެއްޖެއެވެ. މީނާއަށް ހޭވަރިކަންވީއިރު ތިރިން ފެންނާންއޮތީ ކަނޑެވެ.
ގަތްބިރެއްގެ ބޮޑުކަމުން ކުއްލިއަކަށް ނަދުރެއް ބުނެފިއެވެ. އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން ބިންމަތީގައި ފައި ޖެހިއްޖެނަމަ އެޖެހުނު ތަނެއްގައި ފެންގަނޑެއް ގާއިމުކުރާން ކަމަށް ވައުދުވެއްޖެއެވެ. މާގިނަ އިރުތަކެއްނުވެ މަޑުމަޑުން ތިރިވަމުން ތިރިވަމުން އައިސް ބިންމައްޗަށް ތިރިވެއްޖެއެވެ. މީނާގެ ފައި ބިންމަތީގައި ޖެހުމުން އެތަން ވަރަށް ރަގަޅަށް ފާހަގަކޮށް ވަޅެއްކޮނެ ވަށައިގެން ގާޖަހައި މީސްތަކުންނަށް ބޭނުންކުރެވޭނެ ގޮތް ހަދައިފިއެވެ.
މިވަޅު ހުންނަނީ މީދޫގެ އިރު އުތުރު ސަރަހައްދު ނުވަތަ މާއެޅެ އޭރިއާގެ އަޑިގަނޑުގައެވެ. މިވަޅު މިހާރުވެސް އެބަހުއްޓެވެ. މިއީ ހިރިގަލުން ހަދާފައިވާ ވަރަށް ކުޑަކުޑަ ވަޅެކެވެ. ވަރަށް ވެސް ފެން މީރު ކަމަށް މީހުން ބުނެއުޅެއެވެ.
ނަދުރު ބުނުމާއި އެފަދަ ކަންކަން ތައާރަފުވި ގޮތް
ފެންގަނޑު ގާއިމުކުރުން ފަދަ ނަދުރަކީ ފެންލިބުން ދަތި އަރަބި ކަރައިގައި ޒާތްޒާތުގެ ތަރީގާތަކާއި ޚުރާފާތަށް ތަބާވާ މީހުން ބުނެ އުޅޭ ކަހަލަ ނަދުރެކެވެ. އެހެންކަމުން ފަންނިޔަރިކަލޭގެ ބުނިކަމަށް ވާރިދުވެގެން އަންނަ ނަދުރު އަރަބިކަރައިގެ އޭރުގެ އާދަކާދަތަކާއި ގަބޫލުކުރުންތަކާއި އޮތީ ގުޅިފައެވެ. ޔޫސުފު ނާއިބު އައްޑޫއަށް ވަޑައިގެން އިސްލާމްދީން ތައާރަފު ކުރެއްވި އިރު އަރަބި ކަރަޔާއި ރާއްޖެއާއި ދަތުރުފަތުރުގެ ގޮތުންވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް ގުޅުމެއް ނެތެވެ. ދިވެހިން ބޭރަށް ދަތުރުކޮށް އުޅުނީ އޮޅުދޫ ކަރަޔާއި އުތުރު ކަރަޔަށް އެކަންޏެވެ. އެހެންނަމަވެސް އިސްލާމްދީން އައުމާއެކު މިކަން ބަދަލުވެއްޖެއެވެ. އެއަށްފަހު ގިނައިން ދަތުރުކޮށް އުޅުނީ ހަޒުރަމައުތަށާއި އަސޭ ކަރަޔަށެވެ. ސުއްކަތުރާ އާއި ޒެންޒިބާރަށް ދިޔުންވެސް އޮވެއެވެ.
އިސްލާމްވުމާއި ގުޅިގެން ބަދަލު އައީ ދިވެހީންގެ އަގީދާއަށް އެކަންޏެއް ނޫނެވެ. ކެއިން ބުއިމާއި ހެދުން އެޅުމާއި މުއާމަލާތު ކުރުމަށްވެސް އިންގިލާބު އައެވެ. ބުދު ދީނުގައި ތިބިއިރު މައިގަޑު ކެއުމަކީ ފެހި ރޯއްޖެވެ. ދަނޑުވެރިކަމުން ހޯދާ ތަކެއްޗެވެ. އޭރު މަސްވެރިކަން ނުކުރާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މަސްވެރިކަމަކީ ވަރަށް އާދައިގެ ގޮތަކަށް އޮތް ކަމެކެވެ. ބުދުދީނަށް ތަބާވެގެން ތިބޭ ބައެއްގެ މެދުގައި ދިރޭތަކެތި މަރައިގެން ކެއުމަކީ އެދުވަސްވަރު އާއްމު ކަމަކަށް ނުވާނެއެވެ. މަސްވެރިކަން އޮތް ކަމަށް ގަބޫލު ކުރެވެނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. މަސްވެރިކަން ފުޅާވެގެން ދިޔައީ އަދި އެކަމުގެ ހުނަރުތައް ލިބިގަތީ އިސްލާމްވުމަށް ފަހު ހަޒުރަމައުތުންނެވެ.
ދިވެހިން ކަޅުބިލަ މަހުގެ މަސްވެރިކަން މިއަދުވެސް ކުރަމުން ދަނީ ހަޒުރަމައުތުގައި އެކަން ކުރާ ގޮތަށެވެ. އެންދަމައިގެން ކަނޑަށް ނިކުމެ އައިނު ހޯދައިގެން ދޮށި އަޅައިގެން ހުސްބުޅީގައެވެ. ޔަމަނުގެ މުކައްލާގައި މިކަން ކުރަނީ މިގޮތަށެވެ. ފަރުމަސް ހިފުމުގައި ދިވެހިން ބޭނުންކުރާ ދާއެޅުން އައީވެސް ހަޒުރަމައުތުންނެވެ. ކޮންމެ ވައްތަރެއްގެ ދަލެއް ކަމުގައިވިޔަސް މުކައްލާގައި އެކަން ކުރަނީ ހަމަ ދިވެހިން ކުރާ ގޮތަށެވެ. އާކަމެއް ނެތެވެ.
ހަޒުރަމައުތުގައި އޮތީ ގާދިރީ ތަރީގާ އާއި ފަހުން ބާއަލަވީ ތަރީގާ ކަމަށް ވެފައި ކަޅުބިލަ މަހާއި މި ތަރީގާތަކުގެ އިމާމުންގެ ވަލީވެރިކަމާއި ބެހޭ ގޮތުން އެމީހުން ކިޔައި އުޅޭ ވާހަކައެއް އައްޑޫގައިވެސް ކިޔައެވެ. އެއީ ކޮންމެވެސް އަންހެން ސާހިބާއަކު ގޮދަން ފުށްގަޑެއް މޮޑުއްވަނިކޮށް މާބޮޑަށް ދިޔާވެގެން އެންމެފަހުން މަހެއްގެ ސިފަޔަށް ފުށްގަޑު ބައްޓަން ކުރެއްވީމާ މަސް ދިރިގެން އަތުތެރެއިން ދޫވެގެން ދިޔަ ވާހަކައެވެ. އަތުތެރެއިން ދޫވެގެން ދިޔައިރު ދެއަތުގެ އިނގިލި ކޭއްތުނު ރޮނގުތައް ކަޅުބިލަމަހުގެ ދެ އަރިކަށިންވެސް ފާޅުވެ އެގެން ހުންނަ ވާހަކައެވެ. ވާހަކައިގެ ބާވަތުން މިއީ ޚުރާފާތަށް ތަރުހީބު ދިނުމަކަށް ވެދާނެތީ އެއީ ކޮން ސާހިބާއެއްކަން ނުލިޔެ މިހިސާބުން ކުރުކޮށްލީއެވެ.
ތަރީގާތަކުގެ އީމާނާއި ގުޅިގެން ތައާރަފުވި ކަންކަމުގެ ތެރެއިން އެއްކަމަކީ ނަދުރު ބުނުމެވެ. ހަމަ ކޮންމެ ކަމަކަށްވެސް ނަދުރު ބުނުމެވެ. ހަޒުރަމައުތުގައި އެންމެ ގިނަބަޔަކު ނަދުރު ބުނެ އުޅެނީ ހޫދު ނަބީކަލޭގެފާނުގެ މަގުބަރާ ނުވަތަ ޒިޔާރަތަށެވެ. މިއީ ހަޒުރަމައުތުގެ ވެރިރަށް މުކައްލާއަށް ވުރެ ގާތަގަޑަކަށް ސަތޭކައެއްހާ ކިލޯމީޓަރު އުތުރުގައި ހުންނަ މަގުބަރާއެކެވެ. ހޫދު ނަބީކަލޭގެފާނަކީ އާދު ބާގައިގެ މީހުންގެ ތެރެއަށް ފޮނުއްވުނު ނަބީ ކަލޭގެފާނެވެ.
މިކަހަލަ ނަދުރުތައް ދަސްކޮށްގެން އައްޑޫ ފުވައްމުލަކު މީހުން ނަދުރު ބުނަމުން އައީ ކޯގަންނު މެދުޒިޔާރަތަށެވެ. މަގުބަރާތަކުގެ ވަލީވެރިންގެ ކިބައިން ކަންކަން ފުދޭކަމަށް ގަބޫލުކޮށްގެން ކާފަރުންގެ މަގުބަރާއަށް ގޯނާކުރުންވެސް މީގެ ތެރެއަށް އޮތީ އިތުރުވެފައެވެ. ކެހެޅާ އާއި ބެހެޅާގެ މަހާނައަށް ގޯނާކުރުމުގެ އާދަ އައީ މިގޮތުން ކަމަށް ގަބޫލު ކުރެވެއެވެ.
ގާދިރީންނާއި ބާއަލަވީންގެ ފުށުން ޚުރާފާތުގެ ކަންކަން ދަސްވުމުގެ އިތުރަށް މަސައްކަތްތެރިކަން ވެސް ދަސްވިއެވެ. މިއަދުވެސް ދެކުނުގައި ކަނބުރުވެރިކަން ކުރަނީ ހަޒުރަމައުތުގައި މިކަން ކޮށް އުޅޭ ގޮތަށެވެ. އޮޑި ދޯނިފަހަރު ބަނުމުގެ ގޮތްގަޑުވެސް އައީ ހަމަ އެހިސާބުންނެވެ. ކުނާވިޔުމާއި ފޭރާންކުރުންވެސް އަދި ދިވެހި ބޭސްވެރިކަމޭ މިކިޔާ ބައިވެސް އައީ ހަޒުރަމައުތުންނެވެ. މިކަން ޔަގީންވަނީ އެތާގައި މި މަސައްކަތް ކޮށްއުޅޭ ގޮތާއި ދިވެހިން މިކަންކަން ކުރާގޮތާއި ހަމައެއްވެސް ތަފާތެއް ނެތުމުންނެވެ. ދޯނި މިނަންވެސް އައީ އެތަނުންނެވެ. ބޮޑެތި މުނާސަބާތަކާއި ގުޅުވައިގެން ދެކުން ކުރުމުގެ އާދަވެސް އެތަނުންނެވެ. ދެކުން ކުރުމުގައި އެންމެ އާއްމުކޮށް ބޭނުންކުރާ ކުބުސް ފިހުމުގެ އާދަވެސް ހަމަ ހަޒުރަމައުތުންނެވެ. އާދަ އެކަންޏެއް ނޫނެވެ. ނަންވެސް ހަޒުރަމައުތުންނެވެ.
ދެކުން ކުރުމާއި ކުބުސް ފިހުމަކީ މުޅި އައްޑޫގައިވެސް ވަރަށް ފަހަކާޖެހެންދެން ކުރަމުން އައި ކަމެކެވެ. އާ ދޯންޏެއް ނުވަތަ އޮޑިއެއް ބަނދެ ނިމުމުން ދެކުން ކުރުން އޮވެއެވެ. އާ އިމާރާތެއް އަޅައި ނިމުމުންވެސް ދެކުން ކުރެއެވެ. މިކަމުގައި ބޭނުން ކުރާ ކުބުހަކީ ކޭކު ޒާތަށް ފިހެފައި ހުންނަ ފޮނި އެއްޗެކެވެ. ވަރަށްވެސް މީރު އެއްޗެކެވެ. ކުބުހާއި ގުޅުވައިގެން މީދޫގައި އޯޑަނާއޭ ކިޔުނު މީހެއްގެ ނިމުން އައިގޮތުގެ ވާހަކަ މިހާރުވެސް ކިޔައި އުޅެއެވެ. މި ބާބަކީ ރަށުގެ ތާރީޚަށް އަލިކަން ގެނެސްދޭ އެކި ފޯކްލޯރުތައް ވެސް ހިމަނައިގެން ކުރިއަށް ގެންދާ ބާބަކަށްވާތީ ކުބުހާއި އޯޑަނާގެ ފޯކްލޯރުވެސް ލިޔާން ކަމަށް ގަސްތު ކުރަމެވެ.
އައިސާކާލެގެ އޯޑަނާގެ ވާހަކަ
އައިސާކާލެގެ އޯޑަނާ އުޅުނީ މީލާދީން ސަތާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ މީގެ ތިންސަތޭކަ ވަރަކަށް އަހަރު ކުރިއެވެ. އޯޑަނާއަކީ ވަރަށްވެސް ބޮޑު ވަގެކެވެ. ވައްކަމެއް ކޮށްލައިގެން އެކަމުގެ ހިތްހަމަޖެހުން ނުލިބެނީސް ލޮލަށް ނިންޖެއްވެސް ނާންނަކަމަށްވެއެވެ. ގޭގޭގެ ބަދިގެތައް ފަޅައި ކުބުސް ނެގުމަކީ މީނާގެ އާއްމުކަމެކެވެ. ހުޅުދޫގައި މާވަރުގަދަ ބިޔަ އޮޑިއެއް ބަނދެ ނިމިގެން ހުރިހާ ގެޔަކުން ދެކުން ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ކުރީރޭ ހުޅުދޫއަށް އަރައި ހަތަރު ފަސް ގެއެއްގެ ބަދިގެ ފަޅައި ހުރިހާ ކުބުސްތަކެއް ނަގައި ގޯންޏަކަށް އަޅައިގެން ކަމުން މީދޫއާއި ދިމާލަށް އޯޑަނާ އެބަހަރަ އާދެއެވެ.
ފަހަތުން މީހަކު ކަރުކެހިލީމާ އެއީވެސް ކުބުހުގެ އެދުމުގައި އަންނަ މީހެކޭ ހިތައި ގޯނީގެ ތެރެއިން ކުބުހެއް ނަގައި ބޯމަތިން ފަހަތަށް އެއްލާލައިފިއެވެ. ތަންކޮޅަކަށް ދެވުނުތަނާ އަނެއްކާވެސް އެމީހަކު ކަރުކެހިލައިފިއެވެ. މިފަހަރުވެސް ކުބުހެއް އެއްލާލައިފިއެވެ. ކަރުކެހޭ މީހާއާއި ދިމާލަށް މިގޮތަށް ކުބުސް އުކަމުން ގޮސް އޯޑަނާގެ ގެއާއި ހަމައަށް ދެވުނު އިރު ކުބުސް ހުސްވެއްޖެއެވެ.
ފަހަތުން އަންނަނީ ކާކުތޯ ބަލައިލީ ދެނެވެ. ފަހަތުގައި ހުރީ އިންސާނެއް ނޫނެވެ. ފުރޭތައެކެވެ. އޯޑަނާއަކީ ބިރުކުޑަ މީހަކަށްވާތީ ބަލާކަށް ނުހުރެ ބަނޑުމުސާރަޔަށް ފުރޭތައާއި ބައްދައިފިއެވެ. މިގޮތަށް ބައްދަމުން އެކަކު އަނެކަކު ބިންމައްޗަށް ގުޅަޔަކަށް ޖަހަމުން ދަނިކޮށް އޯޑަނާ ވަރުބަލިވެއްޖެއެވެ. އެހިސާބުން އޯޑަނާގެ މައްޗަށް ފުރޭތަ ގަދަވެ މީނާ މަރައި ދެލޯވެސް ލުހެލައިފައި އައިސާކާލެގެ މަގުމަތީ ފުޅަފުގެ ދަނޑިއެއްގައި އޯޑަނާގެ ހަށިގަޑު އެކޮޅުކޮޅުން އެލުވައިފައި ފަތިސްވުމުގެ ކުރިން ފުރޭތަ ބަޗައިފިއެވެ. އިރުއަރައި އަލިވެ މީސްތަކުންނަށް ފެނުނުއިރު އޯޑަނާގެ ކަންތައް އޮތީ ނިމިފައެވެ.
މިއީ ފޯކްލޯރަކަށް ވިޔަސް އޯޑަނާއަކީ އުޅުނު މީހެކެވެ. އޭނާގެ އަސްލު ނަމަކީ މުހައްމަދެވެ. މީދޫގެ އިހުގެ ދަރިކޮޅު ފޮތުގައި އައިސާކާލެގެ އޯޑަނާއޭ ކިޔުނު މުހައްމަދެއްގެ ވާހަކަ އާދެއެވެ. އެއީ ވާރުތަވެގެން ވަރަށް ގިނަ މުދައު ލިބުނު ނުވަތަ ލިބޭން އޮތް މީހެއްކަމަށް ވެސް ބަޔާންވެގެންވެއެވެ. އެހެންވީމާ ކުބުސް ވަގަކަށް އޯޑަނާ ވުމަކީ ވަރަށްވެސް އެކަށީގެންނުވާ ކަމެކެވެ. ތިން ހަތަރު ދަރިކޮޅެއްގެ ވާރުތަ މުދާ ލިބުމަކީ ޚަޒާނާއެއް މިލްކުވުން ފަދަ ކަމެކެވެ. އެކަހަލަ މީހަކަށް ހަސަދަލައިގެން ތިބޭ މީހުން ވަރަށް ގިނަވާނެއެވެ. އަދި އޯޑަނާ މަގުން އެކަހެރި ކުރެވިއްޖެނަމަ އެ މުދާތައް ވާރުތަވާ އެހެން މީހަކު ނުވަތަ ބަޔަކުވެސް ތިބެދާނެއެވެ. އެކަހަލަ ފުރުސަތެއް ލިބޭން އޮތް މީހަކު އޯޑަނާ މަރައިފައި ފުރޭތައޭ ކުބުހޭ ކިޔައިގެން މޮޅު ވާހަކައެއް ހަދައިލީ ކަމަށް ވުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ.
މީދޫގައި އޮތް ހަޒުރަމައުތު އަވަށުގެ ވާހަކަ
ހަޒުރަމައުތުން އައްޑޫއަށް އައީ ހަމައެކަނި ކަންކަމުގެ އާޖުފާޖެއް ނޫނެވެ. ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މީހުންވެސް އައެވެ. އެއްފަހަރަކު އައި އަރަބި ނަވަކުން ދޮޅަހަކަށް އަންހެނުންވެސް އައެވެ. އެމީހުން ބޭތިއްބީ ރަށުގެ ވަޒަންވެރީންނާއި ވަކިން ރަށުގެ އިރުމަތީ ފަރާތުގައި ހައެއްކަ ގެ އަޅައިފައެވެ. މި ސަރަހައްދަށް އަރުބު ކިޔައި ނަންދެވުނީ އެހެންވެގެންނެވެ. އަރުބު ސަރަހައްދުގައި މާމޮޅަށް ތަރުކާރީ އާއި މޭވާގަސް ހެދޭ ތަންކޮޅެއް އޮތްކަން ފާހަގަކުރެވި އެ ތަންކޮޅަށް ކައިއަރި ކިޔައި ނަންދެވުނީވެސް މިކަމުގެ ތެރެއިން ކަމަށް ބުނެވެއެވެ. ގޭގޭގައި ގަސް އިންދުމަށްޓަކައި ކައިއަރިން ފަސް ނަގައިގެން ގެނައުމަކީ ވަރަށް ފަހަކާޖެހެންދެންވެސް ބައެއް މީހުން ކޮށްެއުޅުނު ކަމެކެވެ.
އަރުބު ނުވަތަ އަރުބެ އަވަށުގެ ނަން އައިގޮތް ތާރީޚުން އޮޅުން ފިލާން އޮތަސް ހަޒުރަމައުތުން އައިކަމަށް ބުނާ މީހުންނަށް ވީގޮތް އޮޅުން ފިލާކަށް ނެތެވެ. އެމީހުން އެނބުރި ދިޔައީކަމެއް ނޫނީ ރަށު މީހުންނާއި ގުޅިގެން ރަށުގެ އާބާދީގައި ހިމެނުނީކަން ސާފުވާކަށް ނެތެވެ. ދަނޑުވެރިކަމަށް ރަށުގެ ވަކި ސަރަހައްދެއް ޚާއްސަ ވުމާއި އެސަރަހައްދުގެ ބިމުގެ ތާސީރު މީސްތަކުންނަށް އޮޅުންފިލުމުގައި އަރުބު އަވަށުގައި އުޅުނުކަމަށް ބުނާ އަރަބީން ވަނީ ދައުރެއް އަދާކޮށްފައެވެ.
އަރުބު ސަރަހައްދުގައި މިސްކިތެއް ބިނާކުރީ މާފަހުންނެވެ. އެތާގައި މިސްކިތެއް ބިނާކޮށް އެއީ އަރުބެ މިސްކިތޭ ކިޔައި ނަންދިނީ މީލާދީން 1883 ގައި ދެށިނާގެ އަހުމަދު މަނިކެވެ. މިއީ ދަނޑުވެރިކަން ކުރުމަށް ދަޑުމަތި ސަރަހައްދުގައި އުޅޭ މީހުންނަށް ފަސޭހައަކަށް ބިނާކުރި މިސްކިތެކެވެ. އަހުމަދު މަނިކަކީ ގާޒީ އިބްރާހިމް މަޖުދުއްދީނުގެ ބޭފުޅެކެވެ.(ނުނިމޭ)
ފަހުގެ ޚިޔާލުތައް