އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 8

ރަށްރަށް ފަޅުވުމުގެ އެހެން މިސާލުތައް

ފުވައްމުލައް އެތަކެއް ފަހަރު ފަޅުވިއެވެ. ފަޅުވި އަދަދާއި ބެހޭ ގޮތުން ޚިލާފު ތަކެއްވެއެވެ. ބުނެވޭގޮތުގައި ތިން ފަހަރު ފަޅުވިއެވެ. އަދި ހަތް ފަހަރު ފަޅުވި ކަމަށްވެސް ބުނެވެއެވެ. މީގެތެރެއިން ތިންފަހަރު ބަޔާން ކޮށްލާނަމެވެ. ފުރަތަމަ ފަހަރު ފުވައްމުލައް ފަޅުވެފައި ވަނިކޮށް އެރަށް ކޮށައި އިމާރާތްކޮށް އާބާދުކޮށް ވަޒަން ވެރިވި މީހަކީ އަލީ އަޑަފިކަލޭގެ އާއި އޭނާގެ އެކުވެރީންގެ ބައެކެވެ. މި އަލީ އަޑަފި ކަލޭގެފާނު ބިނާކުރެއްވި މިސްކިތުގެ ނަމަކީ ކެޑޭރެ މިސްކިތެވެ.

ދެވަނަ ފަހަރު ފުވައްމުލައް ފަޅުވެފައި ވަނިކޮށް ރަށް ކޮށައި އިމާރާތްކޮށް އާބާދުކޮށް ވަޒަން ވެރިވި މީހަކީ ދޮން އަބާކިރާއި އޭނާގެ އެކުވެރީންގެ ބައެކެވެ. މީނާ ބިނާކުރި މިސްކިތުގެ ނަމަކީ އަބާކިރު ކަލޭގެ މިސްކިތެވެ. މީނާ މަޝްހޫރުވެފައިވަނީ ހުވަދޫ އަބާކިރުގެ ނަމުންނެވެ. ތިންވަނަ ފަހަރު ފުވައްމުލައް ފަޅުވެފައި ވަނިކޮށް މިފަހަރު ރަށް ކޮށައި އިމާރާތްކޮށް އާބާދުކޮށް ވަޒަން ވެރިވި މީހަކީ މުލަކު މޫނުފާކު މުދިން ކަލޭގެފާނެވެ.

ފުވައްމުލައް ފަޅުވަނީ ކޮންމެ ވެސް ވަބާއެއްގައި ގިނަ އަދަދަކަށް މީހުން މަރުވާން ފެށުމުން މީސްތަކުން ރަށް ދޫކޮށްފައި ދޯނި ފަހަރުގައި އެކި ރަށްރަށަށް ދިއުމުންނެވެ. މިގޮތުން ޔަގީންކަމާއެކު އައްޑު އަތޮޅު މީދޫއަށް ދިޔަކަން އެގެއެވެ. މުލަކުން ފުރައިގެން މީދޫއަށް ދިޔަ ދޯނިފަހަރުތަކުގައި ގިނަ އަދަދަކަށް މަރުވެފައިވާ މީހުން ތިބެއެވެ. މަރުނުވެ ދިރި ތިބޭމީހުން ވެސް ތިބެނީ ގަދަފަދަ ހުމެއްޖެހި ވަރަށްބޮޑަށް ހާލު ދެރަވެފައެވެ. މިގޮތަށް މަރުވެގެން ގެނެވޭ ހުރިހާ މީހުން ވަޅުލެވިފައިވަނީ މީދޫގެ މާކަންމަތި ކިޔާ ސަރަހައްދުގައެވެ. އެތަނަށް ފުވައްމުލަކު މީހުންކިޔައި އުޅެނީ މުލަކު ކައްބިމެވެ. އެތަނަކީ ކޯގަންނުގެ ހުޅަގު ފަރާތުގައިވާ ވަކި ޚާއްސަ ސަރަހައްދެކެވެ. އެ ބިން މިހާރުވެސް އެގެން އެބައޮތެވެ.

އައްޑުއަތޮޅު ހިތަދޫއަކީ ހަތް ފަހަރު ފަޅުވެފައި އަލުން އާބާދުވެފައިވާ ރަށެއް ކަމަށް ބުނެވެއެވެ. މީގެ ތެރެއިން އެންމެ ފަހުން ފަޅުވި ހާދިސާއާ މެދުގައި ނޫނީ އެއްވެސް ކަހަލަ މައުލޫމާތެއް ނެތެވެ. އެފަހަރު ފަޅުވި ކަމަށް ހިތަދޫ މީހުން ލިޔެ އުޅެނީ ބޮޑު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު ކަމުގައެވެ. އެފަހަރު ފަޅުވެފައި އަށާރަ އަހަރު އޮތް ކަމަށް ވެސް ލިޔައެވެ.

އެދުވަސްވަރު ހިތަދޫ ފަޅުވުމާއި ބެހޭ ގޮތުން ދޫދޫމަތިން ދެކެވެމުން އަަންނަ ވާހަކަތައް އަސްލަކަށް ބައްލަވައިގެން މުހައްމަދު އިބްރާހިމް ލުތުފީ އާއި ސިއްކަގޭ ދޮންމަނިކުފާނު ފަދަ ބޭފުޅުން ލިޔުންތައް ލިޔުއްވާފައިވެއެވެ. އެފަޅުވުމަކަށް ފަހު ހިތަދޫ އަލުން އާބާދުކޮށްފައިވަނީ ހަމަ ބޮޑުރަސްގެފާނުގެ ރަސްކަމުގައި މީދޫ މީހުންނެވެ. މިކަމުގައި އިސްކޮށް އުޅުއްވީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރުގެ ދަރިކަނބަލުން ބޮޑު ފާތުމާފާނެވެ.

އައްޑު އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ ހަ ރަށުގެ ތެރެއިން ފަޅުވެފައި އަލުން އާބާދުނުވާ ހަމައެންމެ ރަށެއްވެސް ނުވެއެވެ. މަރަދޫ ފަޅުވިއެވެ. ފޭދޫ ފަޅުވިއެވެ. ހުޅުދޫ ވެސް ފަޅުވިއެވެ. މިހާރު މީހުން ދިރިނޫޅޭ ރަށްރަށުގެ ތެރެއިން ގަމާއި ވިލިގިއްޔަކީ ކުރިން މީހުން ދިރިއުޅެފައި ފަހުން ފަޅުވެފައިވާ ރަށްރަށެވެ. ގަން ފަޅުވީ އެރަށުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށްޓަކައި އެރަށުގެ ރައްޔިތުން ފޭދޫއަށް ބޭލުމުންނެވެ. ފޭދޫ ފަޅުވީ އެރަށު މީހުން މަރަދޫފޭދޫއަށް ބަދަލުކުރުމުންނެވެ.

ވިލިގިލި ފަޅުވި ދުވަސްވަރު އެގޭކަށް ނެތެވެ. ވިލިގިލީގައި މީހުން ދިރިއުޅުނުކަން ސާބިތުވާ އެންމެ ބޮޑު ހެއްކަކީ އިހުގެ ގަބުރުސްތާނެއް އޮތުމެވެ. ވިލިގިލީގައި މީހުން ދިރިއުޅުނުކަމަށް އިޝާރާތްކުރާ ތާރީޚީ އަނެއް ހެއްކަކީ މީދޫ އީސަބުތަކުރުގެ ކަތީބު އިސްމެހެލިމަނިކާގެ ބޮޑުބޭބެއެއް ކަމުގައިވާ ގާސިމް މަނިކާ ވިލިގިލީގައި މަރުވެ އެރަށު ގަބުރުސްތާނުގައި ވަޅުލެވިފައިވާ ކަމަށް މީދޫގެ ތާރީޚީ ފޮތްތަކުގައި ބަޔާންވެގެން ވުމެވެ.

އައްޑު އަތޮޅު މަރަދޫ ފަޅުވިކަން ތާރީޚުން އެނގެއެވެ. ކޮންމެވެސް ސަބަބަކާއި ހެދި މަރަދޫ މީހުން ރަށުން ފައިބައިގެންގޮސް ޖެހިގެން އޮންނަ ހަންކެޑެގައި ދުވަސްކޮޅަކު އުޅެފައި އަލުން މަރަދޫއަށް ދިޔައީއެވެ. އެއީ އައްސުލްތާން މުހައްމަދު މުއީނުއްދީން އެއްވަނައިގެ ރަސްކަމުގައެވެ. އެއީ މީގެ ދުއިސައްތައެއްހާ އަހަރު ކުރިއެވެ.

ގދ. ގައްދޫއަކީ ވަރަށްފަހުން ފަޅުވެފައި އަލުން އާބާދުވި ރަށެކެވެ. ގައްދޫ ފަޅުވެފައިވަނިކޮށް އެރަށް އާބާދުކޮށް ފުރަތަމަ ފަހަރަށް ހުކުރުކުރެއްވީ މީދޫ އަލްގާޒީ އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނެވެ. ހުކުރު ކޮށްދެއްވުމަށް ފަނޑިޔާރު ތަކުރުފާނު ގައްދޫއަށް ވަޑައިގަތީ 1857 ގައެވެ. އޭގެފަހުން ގައްދޫގައި މީހުން އަމާން އޮމާންކަމާއެކު ދިރިއުޅޭތާ ޒަމާންތަކެއް ފަހުން އަނެއްކާވެސް ގައްދޫ ނާމާންވިއެވެ. މިކަންތައް ބޮޑުވެގެން މީދޫ ކުދުރަނިޔަގެ ބެއްޔާ އެރަށަށް ފަންޑިތަ ހަދަން ގެންދިޔައެވެ. ކުދުރަނިޔަގެ ބެއްޔާ އަކީ އިބްރާހިމް މަޖުދުއްދީންގެ ކޮއްކޮ ކުދުރަނިޔަގެ ފާތުމެއިފާނުގެ ކުދުރަނިޔަގެ ޚަތީބު މޫސާ ތައްކާނުގެ މުހައްމަދު މަނިކުފާނެވެ.

ގދ. ވާދޫވެސް ފަޅުވިއެވެ. އެރަށަށް އެރިކަމަށްވަނީ ބިރުވެރި ފުރޭތައެކެވެ. މި ފުރޭތައިގެ ނުލަފާކަމުން އެއަތޮޅު މީހުން މިފުރޭތައަށް ކަނޑަހަލަގަލު އެދުރުކަލޭގެ ނަމުން ނަންކިޔާ ކަމަށް ބުނެވެއެވެ.

މީދޫ އަލުން އާބާދުކުރުން

މީދޫ އަލުން އާބާދުކުރީ މީލާދީން 1180 ވަނަ އަހަރުއެވެ. އާބާދުކުރުމުގައި އިސްވީ ޔޫސުފު ނާއިބުގެ ދަރިކަލުން ޔަހުޔާ ނާއިބުގެ އެންގެވުމަށް ފުވައްމުލަކު ހާނެއިކަލޭގެ އެވެ. މިއީ ހާނެއިގެ ދޮންސީދި ކަލޭގެ ދޮން އަލި ކަލޭގެއެވެ. މި ދޮން އަލިކަލޭގެ މަޝްހޫރުވެގެންވަނީ ހާނެއި ކަލޭގެ ނަމުންނެވެ.

މީނާ މިކަމަށް އިސްވި ސަބަބެއްކަމަށް ބުނެވެނީ ޔަހުޔާ ނާއިބުގެ ދަރިކަނބަލުން ދޮން ޚަދީޖާބޫގެ ކައިވެންޏަށް ފުވައްމުލަކުން ވަރަށް ގިނަބަޔަކު އެދެން ފެށީމާ ކައިވެނީގެ ރަނަކީ މީދޫ އަލުން އާބާދު ކުރުންކަމަށް ޔަހުޔާ ނާއިބު ކަނޑައެޅުއްވުމެވެ. ދޮން ޚަދީޖާބޫއަކީ ޔޫސުފު ނާއިބުގެ ފުރަތަމަ ކާފަ ދަރިކަނބަލުންނެވެ. ފުރާވަރަށް އެރިއިރު އަރަބި ސިފަތައް ލިބިގެން ހުންނެވި ވަރަށްވެސް ޗާލު ކަނބަލެކެވެ. އެހެންވީމާ މީދޫ އާބާދުކުރުމުގެ ބުރަ މަސައްކަތް ހާނެއި ކަލޭގެ ކޮނޑުގައި އަޅައިގެން ދޮން ޚަދީޖާބޫގެ ކައިވެންޏަށްޓަކައި މިކަން ކުރީއެވެ. މީނާއަކީ އޭރު ފުވައްމުލަކުގައި މިޒާތުގެ ކަންކަމަށް އެންމެ ކެރިކުޅަދާނަވެގެން ހުރި ޒުވާނާ ކަމަށް ބުނެވެއެވެ.

އެންމެ ފުރަތަމަ މީދޫއަށް ދިޔައީ ހާނެއި ކަލޭގެ އާއި އޭނާގެ ބައްޕަ ދޮންސީދި ކަލޭގެ އާއި މި ދެމީހުންނަށް އެހީވާނެ ޖަމާއަތެއްގެ ބައެކެވެ. މިމީހުން ކުރިކަމަކީ މަގު ކޮށައި ދިހަވަރަކަށް ގެ އަޅައި މާމިސްކިތާއި ކޯގަންނުގައި ހުރި މިސްކިތުގެ އާބާތުރަ ފިލުވައި ނުބައި ރޫހުތަކުގެ ބިރުވެރިކަން ފިލުވައިލުމަށް ފަންޑިތަ ހެދުމެވެ. ހާނެއި ކަލޭގެ ބައްޕަ ދޮން ސީދިކަލޭގެ އަކީ ފަންޑިތަވެރިކަމަށް އަރައި ހުރި އެދުރެކެވެ. މީނާގެ ފުރަތަމަކަމަކަށްވީ ފަޅުތެރެއިން ބޮޑެތި ހިރި ނަގައިގެން އެ ހިރިތަކުން ކޯގަންނުގައި ހިރިގަލުގެ އުސްމިންބަރެއް ހަދައި އެ މިންބަރުގެ މަތީގައި ތަކުބީރު ކިޔައި ބަންގި ގޮވައި އެނޫންވެސް ކިޔެވެލި ކިޔަވައި ފަންޑިތަ ހެދުމެވެ.

ދޮންސީދިކަލޭގެ މުޅިއެކު ސާޅީސްރެ އާއި ސާޅީސް ދުވަހު ކޯގަންނު ހިރިގަލުގެ މިންބަރުގައި ފަންޑިތައިގެ ކިޔެވެލި ކުރިއަށް ގެންދިޔައެވެ. އެސަރަހައްދުގައި އާދަޔާ ޚިލާފަށް ކާޅު ގިނަވެފައި ކާޅު ހޭރޭއިރު ނާމާން ބިރުވެރި އަޑެއް ހުންނަ ކަމަށްވެއެވެ. ސާޅީސްވަނައަށް ވީދުވަހު ކުއްލިއަކަށް ކާޅުތައް ގެއްލިފައި ދެން ފެނުނީ ބޯދާ މިސްކިތުގެ ފުރާޅު މައްޗަށް ހުދުކުލައިގެ އާވައްތަރެއްގެ ދެ ދޫންޏެއް އައިސް ތިރިކޮށްލި ތަނެވެ. ސައިޒުގެ ގޮތުންނާއި ބައްޓަމުގެ ގޮތުން އެއީ ކާޅާއި ދާދި އެއްގޮތް ދޫންޏެކެވެ.

މިތަން ފެނިފައި ދޮންސީދިކަލޭގެ ބުންޏެވެ. މިހިސާބުން ރަށް އަމާންވީއެވެ. ކިޔެވެލިވެސް ނިމުނީއެވެ. ކާޅުތަކުގެ ދުވަސް ދިޔައީއެވެ. ދެން މިރަށުގައި އުޅޭނީ އެފެންނަ ދޫނިތަކެވެ. އެއީ ދޮންދޫންޏެވެ. ދޮންސީދިކަލޭގެ ދޮންދޫންޏެވެ. މިދޮންދޫނި ރަށުގައި އުޅޭހާ ދުވަހަކު މިރަށް ދެން ފަޅެއް ނުވާނެއެވެ. މިދުވަހުގެ ކުރިން ދޮންދޫންޏަކީ މީދޫގައިވެސް އަދި އައްޑޫ އެހެން ރަށެއްގައިވެސް އުޅުނު ދޫންޏެއް ނޫނެވެ. މިދުވަހުގެ ފަހުން އައްޑޫގެ ރަށްރަށުގައި އުޅޭން ފެށީ ދޮންދޫންޏެވެ. ކާޅެއްވިޔަސް ބާޒެއްވިޔަސް އެޒާތުގެ އުނދަގޫކުރާ ދޫންޏަކަށް އައްޑޫގެ ޖައްވުން މިދުވަހަށްފަހު ޖާގައެއް ނޯވެއެވެ. ދޮންދޫނިތައް އެއްވެގެން އެޒާތުގެ ދޫންޏެއް ފަހައިލައެވެ.

ދޮންސީދިކަލޭގެ ފަންޑިތައިގެ ބުރު ނިމުނީމާ މިކަމަށް ބޭނުންކުރި ހިރިގަލުގެ މިންބަރުގައި ވަރަށް ފުންކޮށް ކަނޑައިގެން ހިޖުރީ އަހަރު ލިޔެފައިވެއެވެ. އެއީ ހިޖުރައިން 576 އެވެ. މީލާދީން 1180 އެވެ. މިކަން ކުރުމަށްފަހު މި ޖަމާއަތުގެ މީހުން އެނބުރި ފުވައްމުލަކަށް ގޮސް ދޮން ޚަދީޖާބޫއާ ހާނެއި ކަލޭގެ ކައިވެނިކޮށްގެން މިދެމަފިރިންނާއި ދޮންސީދި ކަލޭގެ އާއިލާ އާއި ފުވައްމުލަކުން އެނޫންވެސް ބަޔަކާއި ވާދޫން ބަޔަކާއި އެކީ މީދޫއަށް ފައިބައި އަލުން ވަޒަންވެރިވީ އެވެ. މި މީސްކޮޅު ވަޒަންވެރިވީ އިހު ކަޅިހާރުގެ ހުރި ސަރަހައްދުގައެވެ. މާމިސްކިތާއި ކޯގަންނު ކައިރީގައެވެ. އެހެންކަމުން ފަހުގެ މީދޫގައިވެސް އެންމެ ބޯދާ ސަރަހައްދަކީ އެއީއެވެ. މިމީހުން ވަޒަންވެރިވުމާއެކު އައްޑޫ ގަމުންނާއި ހިތަދޫންވެސް ބަޔަކު އައިސް ވަޒަންވެރިވެއްޖެއެވެ.

މީދޫ އަލުން އާބާދުކުރަން ދިޔަ މީހުންގެ ތެރޭގައި އިހު މީދޫގައި އުޅުނު މީހުން ވަރަށް މަދެވެ. މައިގަޑު ގޮތެއްގައި ތިބީ އެނޫން މީހުންނެވެ. މިސަބަބަށްޓަކައި އިހުގެ ދަރިކޮޅުތަކާއި ފަހުގެ ދަރިކޮޅުތައް ނުގުޅި ހުސްތަންކޮޅެއް އައުމަށް މަގުފަހިވެފައިވެއެވެ. މީދޫ ފަޅުވުމަށް މެދުވެރިވީ ނާމާންކަން އޮވެގެން ކަމަށް ގަބޫލު ކުރެވޭތީ އަލުން އާބާދު ކުރުމަށްފަހު ފަންޑިތަވެރިޔާ ދޮންސީދި ކަލޭގެ ކޮންމެ ރަޖަބު މަހެއްގެ ހަތާވީސް ވަނަ ދުވަހު މައުލޫދެއް ކިޔަން ފެށިއެވެ. އެ މައުލޫދަށް ކިޔަނީ ލައްބު މައުލޫދެވެ. މިއީ ރަށް ފަޅުވިޔަ ނުދިނުމަށް ކޮންމެ އަހަރަކުވެސް ކިޔަން ޖެހޭނެ މައުލޫދެއް ކަމަށް އޭނާ އެންގި ކަމަށްވެއެވެ.

ކޮންމެ ހޯމަވިލޭރެޔަކާއި ހުކުރުވިލޭރެއަކު މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ތުންޖީނާ ސަލަވާތް ކިޔަވަން ޖެހޭނެ ކަމަށްވެސް އެންގިއެވެ. މިކަން މިމަގުން ވަރަށް ފަހަކާ ޖެހެންދެން އައީ ކުރަމުންނެވެ. މީގެ އިތުރަށްވެސް ރަށް އަމާންކުރުމަށް ތަފާތު ދުވަސް ދުވަހު ތަފާތު ކަންކަން އައީ ކުރަމުންނެވެ. އެވާހަކަ ކުރީގެ ބާބެއްގައި ބަޔާން ކުރެވިފައިވާތީ ކުރުކޮށްލީއެވެ.

މީދޫ އަލުން އާބާދުކުރި މީހުންނަށް ޚާއްސަ ލަގަބެއް ދެވުނެވެ. އެއިން ކޮންމެ މީހެއްގެ ނަމުގެ ކުރިއަށް ރަށްކޮށި މިހެން ކިޔާން ފެށުނެވެ. ފަހުން އެނަން ބޭނުން ކުރެވުނީ އެމީހުންގެ އައުލާދަށް ނިސްބަތްކޮށްފައެވެ. މިޒަމާނަށް އައިއިރު ރަށްކޮށި އައުލާދު އެގެން އޮތީ ހަމައެކަނި މީދޫގެ ތާރީޚު ލިޔެފައިވާ ފޮތްތަކުންނެވެ. އެފޮތްތަކުގައި ވަރަށް ތަފްސީލުކޮށް ދަރިކޮޅުތައް ބަޔާން ކުރެވިފައިވެއެވެ. މިއީ ދަރިކޮޅުތައް ލިޔުމުގެ ބާބަކަށް ނުވާތީ މިހިސާބުން ވާހަކަ ކުރުކޮށްލީއެވެ.

ހާނެއިކަލޭގެ އާއި ދޮންސީދި ކަލޭގެ އަލުން މީދޫ އާބާދުކޮށް މާމިސްކިތުގެ އާބާތުރަ ފިލުވައި ކޯގަންނުގައި ހުރި ބޯދާ މިސްކިތްވެސް އާކުރުމަށްފަހު މިމަގުން މިކަންކަން ކުރިކަން ބަޔާންކޮށް ފަތެއް ލިޔެ އެފަތް މާމިސްކިތުގައި ބޭއްވިއެވެ. އެފަތް އޮތީ މިސްކިތުގައި ހުންނަ ކުޑަ ފޮށްޓެއްގެ ތެރޭގައެވެ. އޭގެފަހުން އެތަކެއްފަހަރު މަތީން މިސްކިތް އާކުރެވުނެވެ. އެއިން ކޮންމެ އާކުރުމެއްގައިވެސް މި ފަތް ސަލާމަތުން އޮވެއެވެ. އެހެންނަމަވެސް އެންމެފަހުން 1945 ގައި މިސްކިތް އާކުރި ފަހަރު އެފަތާއި އެނޫންވެސް ގަދީމީ އާސާރުތައް ވަނީ ނެތިގެން ގެއްލިގެން ގޮސްފައެވެ. މިކަމުގައި އިސްކޮށް އުޅުނު މީހަކީ ދެށިނާގެ އިބްރާހިމް ދީދީއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!