ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -4

މިފޮޓޯއިން ފެންނަނީ ވާރުގެ(އަތޮޅުއޮފީސް)ގެ އިރުމަތިން ފާލަން ސަޙައްދު ނުވަތަ މާވަށްދިހެރޭ އެވެ. ބޮޑުފާލަން ސަރަޙައްދުން ދެން ބަޑިޖަހާދޯނި ދިޔައީ ދެކުނަށް ރޯޝަނީމަގާއި ދިމާލުން ދޯނި ނުބީހޭ ހިސާބަށެވެ. މިފަރާތަށް ދޯނި ދާތަން ފެނުމުން ފަސްބާޑީގެ ރައްކާތެރިކަން ހޯދައިގެން ތިބި މީހުންނަށް އެތާނގައި ތިބެވޭނޭގޮތެއް ނުވިއެވެ. އެއީ މިފަރާތްގަނޑުގައި އޮންނަ ދޯންޏަކުން ބަޑީގެ ޙަމަލާދީފިނަމަ ފަސްބާޑީގެ ރައްކާތެރިކަމެއް ނުލިބޭގޮތަށް އެހިސާބު ހާމައަށް އޮންނާނެތީއެވެ. މިހެންވުމުން ފަސްބާޑީގެ ރައްކާތެރިކަން ހޯދައިގެން ތިބި މީހުން އެތަންދޫކޮށް ދުވެފައިދިޔައީ ބޮޑުއަށިގެ ނުވަތަ މަދަރުސަތުލް އަމީރު އިބްރާހީމްގެ ޢިމާރާތުގެ ކަރިއަށެވެ. އެއްބަޔަކު ޢިމާރާތުގެ އެތެރެއަށެވެ. އޭރު ރަށުގެ ވެރިންގެ އަމުރަށް ރައްޔިތުންގެތެރެއިން ގިނަބަޔަކުވަނީ ރޭއްސުރެ މިޢިމާރާތަށް ގެނެސްފައެވެ. ބަޑިޖަހާދޯނި މިތާނގައި އޮވެގެންވެސް ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކޮށް ސުވައިދީބުގެ ދިދަ ތިރިކުރުމަށާއި އޭރުން އެއްވެސްމީހަކު ކުށްވެރިނުވާނެ ކަމަށާއި މިހެންނުހެދިނަމަ ދެރަގޮތެއް މެދުވެރިވެދާނެކަމަށް އަޑުގަދަކުރާގެ ޛަރީޢާއިން ގޮވައި އިންޒާރުދީ އޭގެފަހުން ބަޑިޖަހަމުން ގެންދިޔައެވެ.

ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރައްވައި މާފަށް އެދިލައްވައިގެން ތިނަދޫ އަތިރީގޭ މޫސާ ފަތުޙީ، އެ ދޯނިކައިރިއަށް ދުރުވީ މިތާނގައި ދޯނި އޮއްވައި މޫދަށް އެރިލައްވައިގެންނެވެ. އެއްގަމަކުންނޫނެވެ. މޫސާ ފަތުޙީ ދުރުވަނިކޮށް އޮޅިގެން އެދިމާލަށް ބަޑީގެ ބޭނުންކުރެވުމުން އޭނާ ސަލާމަތްވީ ފައިއޮޅިގެން ބިންމައްޗަށް ވެއްޓިލެއްވުމުން ކަމަށް ބައެއް ލިޔުންތަކުގައި ވަނީ އެކަން ހިނގިގޮތަކަށް ނޫނެވެ. މޫސާ ފަތުޙީގެ ގެ ހުންނަނީ ރޯޝަނީމަގުގެ ދެކުނުގައެވެ. ބަޑިޖަހަމުންދިޔައީ އުތުރުފަރާތުން ފާލަންކައިރި ސަރަޙައްދަށެވެ. އޭރު މޫސާ ފަތުޙީގެ އަތިރީގޭގެ އިރުމަތީ ގޮނޑުދޮށާއި ގާތުގައިވާ އޮޑިހަރުގެއެއްގައި ބައެއްމީހުން ބަޑިޖަހާތަން ބަލަންތިއްބެވެ. ބަޑިޖަހާ ދޯންޏަށްވެސް މި މީހުންތައް ފެނެއެވެ. މޫސާ ފަތުޙީ ބަޑިޖަހާދޯނި ދޮށަށް ދުރުވީ އެދޯނީގައި ހުންނެވި މުޙައްމަދު ޢިމާދުއްދީން ހަރުގެ ކައިރީ ތިބި މީހުންނަށް ހަނާއަޅުއްވައި އިޝާރާތުން “އަންނާށޭ” ވިދާޅުވަމުން ގެންދަވާތީވެ، ޢިމާދުއްދީން އެ ވިދާޅުވަނީ މޫސާ ފަތުޙީއަށް ކަމަށް އެތާނގައި ތިބި މީހުންނަށް ވިސްނިގެން އެމީހުން ގޮސް އެވާހަކަ މޫސާ ފަތުޙީއަށް ނަންގަތީމައެވެ. އޭރު މިތާނގައި ތިނަދޫ ޓޯކިޔޯވިލާ އާދަމްތަކުރުފާނާއި ދުންތަރި އިބްރާހީމް ޝާކިރާއި، ލާޓް މުޙައްމަދު ނިޒާރާއި މިނޫން ބަޔަކުވެސް ތިއްބެވެ.

Huvadhoo 15މަތީގެ ފޮޓޯއިން ފެންނަނީ އަލިފާންރޯކޮށް އަންދާލި ހަވަރުތިނަދޫ އޮޅަދީދީ ކަތީބުގެ ހަރުގެއެވެ. މިއީ ހަވަރުތިނަދޫ އަތިރިމަތިން ދެކުނުކޮޅު ސަޙައްދަށް ފެށިގެންދާ ހިސާބެވެ. އެފޮޓޯގައި ދުރުން އެފެންނަނީ ބަރާސީލު އަވަށެވެ. އަދި ތިރީގެ ފޮޓޯއިން ފެންނަނީ އެދުވަސްވަރު ބަރާސީލުގައި ތިބި ބަލިމީހުންގެ ގެތަކުން ބައެއް ގޭގެއެވެ.

ރޯޝަނީމަގާއި ދިމާލުން މިތާނގައި ދޯނި އޮވެގެން ބޮޑުވަޒީރުގެ އެންގެވުމަށް ސިފައިންގެ ބޭކަލެއްކަމަށްވާ ހުޅުލޭ މޫސަ، އެދިމާލުން އަތިރިމަތީގައިވާ އޮޅަދީދީ ކަތީބުގެ އޮޑިހަރުގޭގައި އަލިފާން ރޯކުރުމާއެކު ވައިޖެހޭ މިޞްރާބުގެ ގޮތުން އެ ހަރުގެއާއި، އެހަރުގެ ކައިރީގައިވާ ކަޓި އިބްރާހީމްބޭގެ އޮޑިހަރުގެ ދެ ހަރުގެއާއި، މޫސާ ފަތުޙީގެ އޮޑިހަރުގެވެސް މުޅިން އަނދައިގެންދިޔައެވެ. މިހަރުގެތަކުގައި އަލިފާންރޯކޮށްލިއިރު އެތަންބަލަން ތިނަދޫ ދުންތަރި އިބްރާހީމް ޝާކިރާއި، ތިނަދޫ ލާޓް މުޙައްމަދު ނިޒާރާއި، އެނޫން ބަޔަކުވެސް ތިއްބެވެ. މިދުވަހުގެ އެވަގުތު ހުޅުލޭ މޫސަ ފޮނުއްވައިގެން ހަވަރުތިނަދޫ ބަރާސީލު ގެތަކުގައި އަލިފާންރޯކޮށް އަންދާލިކަމަށް ބައެއް ލިޔުންތަކުގައި ހުންނަނީ ކަން ހިނގިގޮތަކަށްނޫނެވެ. ހަވަރުތިނަދޫގެ ބަލިބަޔަކު އޭރު ވަޒަންވެރިވެ ދިރިއުޅޭ ބަރާސީލު ދަނޑިފަނުގެ ގެތައް އެއްކޮށް އަނދައި ސުންނާފަތިވެގެން ދިޔައީ ހަވަރުތިނަދޫ މީހުން އެރަށްދޫކޮށް ދިޔުމަށް އަމުރުކުރެއްވިފަހުންނާއި މިދުވަހުގެ އަނެއްދުވަހު ރަށުތެރޭގެ ގިނަ ތަންތާނގައި އަލިފާންރޯކުރުމުގެ ސަބަބުން ރަށުގެ އެތަންމިތަނަށް އަލިފާން ފެތުރި ތަންތަން އަނދައިގެންދިޔުމުގެ ސަބަބުންނެވެ.

Huvadhoo16ފޮޓޯގައިވަނީ ތިނަދޫ ޑައިމަންޑްވިލާ ޢަލީ ރަޝީދާއި، އެދުވަސްވަރުގެ ދިވެހިދައުލަތުގެ ދިދައާއި، އެދުވަސްވަރުގެ ސުވައިދީބުގެ ދިދައެވެ.

ރޯޝަނީމަގާއި ދިމާލުން ބަޑިޖަހާދޯނި ނުބީހޭ ހިސާބުގައި އޮތުމަށްފަހު ދެން ދޯނިދިޔައީ ބޮޑުފާލަން ކައިރިއަށެވެ. އޭރުވެސް ބަޑިޖަހަމުންދެއެވެ. މުޅި ހަވަރުތިނަދޫ ގުގުމަމުންދިޔަ ސަބްމެޝިން ބަޑީގެ އަޑު މަޑުވެގެންދިޔައީ ބޮޑުފާލަންކައިރީ ދޯނި އޮއްވައި ފާލަމުގެ އެއްގަމުގައިވާ ބޮޑުދިދަދަނޑީގެ ކުރީގައި އައްސާފައިވާ ސުވައިދީބު ސަރުކާރުގެ ދިދަ މޮހާލައި އެ ދިދަ ތިރިކޮށް ދިވެހިދައުލަތުގެ ދިދަ ނެގުމުންނެވެ. މިކަންކުރެއްވީ ތިނަދޫ ޑައިމަންޑްވިލާ ޢަލީ ރަޝީދެވެ.

ޢަލީ ރަޝީދު މަޢުލޫމާތު ދެއްވަނީ “ހަވަރުތިނަދޫއަށް “ސިލްވަރކްރެސްޓް” ދިޔަ ދުވަހުގެ ރެއިންފެށިގެން ބޮޑުއަށިގެ މަދަރުސަތުލް އަމީރު އިބްރާހީމްގެ ޢިމާރާތުގެތެރޭގައި ރަށުގެ ފިރިހެނުންގެތެރެއިން ބަޔަކު ތިބިކަމަށެވެ. އަހަރެންވެސް އެތަނަށް ގޮސް އައިސްވަމެވެ. ބުދަ ދުވަހު ބަޑިޖަހާދޯނި ރޯޝަނީމަގާއި ދިމާލުން އެތާނގައި އޮވެގެން ބަޑިޖަހަމުންދިޔައިރު ވަގުތުގެ ނާޒުކްކަމާއި ވަމުންދާކަންކަމާއި އިތުރަށް ވެދާނެކަންކަމަށް ވަރަށްބޮޑަށް އަމިއްލައަށް ވިސްނަމުން ގެންދިޔައީމެވެ. ނަމަވެސް ބަޑިޖަހާދޯނި އޮތް ދިމާލުގެގޮތުން އެވަގުތު ދިދަބޭލުމަށް ދިދަދަނޑިކައިރިއަށް ދެވޭނޭގޮތެއް ނުވީ އަހަރެން އެ ޢިމާރާތެއްގެ ކައިރީ ހުރި މަދަރުސަތުލް އަމީރު އިބްރާހީމްގެ ޢިމާރާތާއި ދިދަދަނޑިއާ ދޭތެރެއިން ބަޑީގެ ގިނަ ވަޒަންތައް ދަތުރުކުރަމުންދާކަން ޔަޤީންކުރެވޭތީއެވެ. މިހެންވީމާ ބަޑިޖަހާދޯނި އެހެންދިމާލަކަށްގޮސް ފުރުޞަތުލިބުމާއެކު މިކަންކުރީ ހަވަރުތިނަދޫގެ ވެރިންގެ ނުވަތަ ރައްޔިތުންގެބަޔެއް އެދިގެންނޫނެވެ. މިއީ އެދުވަހު ހަވަރުތިނަދޫގައި ހުރި އެރަށުގެ ކޮންމެ މީހެއްގެވެސް ފަރުދީ އަދި ޤައުމީ ވާޖިބެއްކަމަށް ދެކިގެންނެވެ. އަދި މިކަމަކީ މަތިވެރި ﷲ ގެ ރަޙުމަތްފުޅާއި އޯގާވަންތަކަމުގެ ބޮޑުކަމުން މެދުވެރިކޮށްދެއްވި ވަރަށް ރަނގަޅުކަމަކަށްވާތީ އެކަމަށްޓަކައި މަތިވެރި ﷲ ގެ ޙަޟްރަތަށް ޝުކުރުކުރުން މަތީ ދެމިހުރީމެވެ.” މިހެންނެވެ.
ހަވަރުތިނަދޫ އަތިރިމަތީގައި ހުރި ދިދަޑިން ސުވައިދީބު ސަރުކާރުގެ ދިދަ ބާލައި ދިވެހިދައުލަތުގެ ދިދަ ނެގިއިރު އެތަނާއި ސާޅީހަކަށް ފޫޓު ކައިރީ އިރުމަތީގައި ބަޑިޖަހާދޯނި އޮތެވެ. އޭރުވެސް ބަޑިޖަހައެވެ. އޭގެފަހުން ގިނައިރެއްނުވެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ހަވަރުތިނަދޫއަށް ފައިބައިވަޑައިގެން ވާރުގޭ (އަތޮޅުއޮފީސް) ކައިރިއަށް ވަޑައިގެން “އިރުއޮއްސުމުގެކުރިން ރަށުގެ އެންމެން ރަށުންފައިބައިގެން ދާން” އަމުރުނެރުއްވީއެވެ. އެއާއިގުޅިގެން ރަށުތެރޭގެ އެކި ހިސާބުގައި އަޑުގަދަކުރާ އާލާތްތައް މެދުވެރިކޮށް ރަށުގެ އެންމެންނަށް އެއަމުރުއިއްވައި އެކަން ތަންފީޛުވެސް ކުރީއެވެ. އަދި އޭގެފަހުން 04 ފެބްރުއަރީ 1962މ. ގައި ހަވަރުތިނަދޫއަކީ ފަޅުރަށެއްކަމުގައި ދިވެހިދައުލަތުން އިޢުލާންކުރެއްވިއެވެ.

“ސިލްވަރކްރެސްޓް” ޙާދިސާއާއި ގުޅިގެން ނިޔައުވިމީހުންނާއި ޒަޚަމްވިމީހުން:

1- ހަވަރުތިނަދޫ ލައިނޫފަރުމާގޭ ސަންފާ، ހައިހޯޕް/ ތިނަދޫ
(ސަންފާ ނިޔައުވީގޮތް މިލިޔުމުގެ ކުރީބައިގައި ލިޔެފައިވާނެއެވެ.)

2- ހަވަރުތިނަދޫ ޢަބުހަރީގޭ ޙުސައިން ތަކުރުފާނު، ޢަބްހަރީގެ/ ތިނަދޫ

Huvadhoo 17(ޙުސައިން ތަކުރުފާނު ނިޔައުވީ ބޮޑުއަށިގެ ނުވަތަ މަދަރުސަތުލްއަމީރު އިބްރާހީމް ކައިރީ ހުންނަވަނިކޮށެވެ. ތިރީގައިވާ ފޮޓޯތަކުން ފޮޓޯ A އަކީ ޙުސައިންތަކުރުފާނު ހުންނެވި ހިސާބެވެ. އެހިސާބުގައި ޙުސައިންތަކުރުފާނު ހުންނަވާއިރު އޭނާއަށް ބަޑީގެ ޙަމަލާއެއް އަމާޒުވާނީ ފޮޓޯ C ގައިވާ ޕޮޒިޝަނުން ދޭ ޙަމަލާއަކުންނެވެ. މިއީ އޭރު ބަޑިޖަހާ ދޯނިއޮތް ރޯޝަނީމަގާއި ދިމާލުން ދޯނިނުބީހޭ ހިސާބެވެ. މިޙަމަލާ ފޮނުވައިލެވިފައިވަނީ ފޮޓޯ B އިން ފެންނަ ފަސްބާޑީގެ އެންމެދެކުނުން ބޮޑުއަށިގެ ނުވަތަ މަދަރުސަތުލްއަމީރު އިބްރާހީމްގެ އިރުދެކުނު ކަނަށެވެ. މަރުޙޫމް ޙުސައިންތަކުރުފާނު ވަޅުލެވުނީ ހަވަރުތިނަދޫން މީހުން ފައިބަމުންދިޔަ ވަގުތުއެވެ. މިޖަނާޒާގައި އިސްކޮށްހުންނެވީ ވެސް ހަވަރުތިނަދޫގެ މަޝްހޫރު ކުޑަކަތީބު ޤާސިމް ރަޝާދެވެ.)

3- ހަވަރުތިނަދޫ ފަހާގޭ ސަޢުދިއްޔާ މުޙައްމަދު، ވައިލެޓްވިލާ/ ތިނަދޫ
(ސަޢުދިއްޔާ ނިޔައުވީ ބަޑިޖެހުމާއި ރަށުންފައިބައިގެން ދިޔަ ބިރުވެރި ހިތްދަތިކަމުގެތެރޭ ހޮޑުލައި އެދުވަހުގެ އިރުއޮއްސުނުފަހުން މާގޮޑެރެހާގައެވެ. އޭނާ ވަޅުލެވުނީ އެފަޅުރަށުގައެވެ.)

4- ހަވަރުތިނަދޫ ހުދުވިލާގޭ ޙުސައިން ޙަސަންދީދީ، ފީރޯޒުގެ/ ތިނަދޫ
(ޙުސައިން ޙަސަންދީދީ ނިޔައުވީ ބަޑިޖެހުމާއި ރަށުންފައިބައިގެން ދިޔަ ބިރުވެރި ހިތްދަތިކަމުގެތެރޭ ހޮޑުލައި އެދުވަހުގެ އިރުއޮއްސުނުފަހުން މާގޮޑެރެހާގައެވެ. އޭނާ ވަޅުލެވުނީ އެފަޅުރަށުގައެވެ.)

5- ހަވަރުތިނަދޫ އަތަމާގޭ މަރިޔަމްދިޔެ، ޕާޕަލް/ ތިނަދޫ
(މަރިޔަމްދިޔެ ނިޔައުވީ ހަވަރުތިނަދޫއަށް ބަޑިޖެހުމާއި އެރަށުންފައިބައިގެން ދިޔަ ވަގުތުގެ ބިރުވެރި ހިތްދަތިކަމުގެތެރޭ ހޮޑުލައި ހާލުދެރަވުމާ ގުޅިގެން އެހީތެރިވާނެ އަޅާލާނެ ފިރިހެނަކުނެތި ކާޑެއްދޫގައެވެ. އޭނާ ވަޅުލެވުނީވެސް އެފަޅުރަށުގައެވެ. މަރިޔަމްދިޔެ ނިޔައުވެ އެތައްގަޑިއެއްވީ އިރުވެސް މަންމަ އެވަނީ ހާލުދެރަވެފައި ކަމެއް ނިޔައުވެފައިކަމެއް އޭނާގެ ކުޑަކުޑަ ކުދިންނަކަށްވެސް ނޭނގެއެވެ. އޭރުވެސް ޢުމުރުން އެންމެ ހަތަރުމަސްވީ ތުއްތު ދަރިފުޅު މަންމަގާތުން ބުއްބޯންވެސް އޮތެވެ. މަތިވެރި ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. އޭގެ ހަޔެއްކަދުވަސް ފަހުން އެ ތުއްތުދަރިފުޅު ވެސް ނިޔައުވީއެވެ.)

6- ހަވަރުތިނަދޫ ޢަބުދުﷲ ޔޫސުފު (ވިލުވާނު ޔޫސުފުބޭގެ)
(ޢަބުދުﷲ ޔޫސުފު ޒަޚަމްވީ ހަވަރުތިނަދޫން މީހުން ބޭލިދުވަހު ބަޑިޖަހަނިކޮށް ވައިލެޓްމަގާއި ރޯޝަނީމަގާ ގުޅޭ ހަތަރުއަނގޮޅިންނެވެ. މިޒަޚަމް ފަސޭހަވިއެވެ.)

7- ހަވަރުތިނަދޫ ޙުސައިންފުތު، އައިލަކްސް/ ތިނަދޫ
(ޙުސައިންފުތު ޒަޚަމްވީ ހަވަރުތިނަދޫން މީހުން ބޭލިދުވަހު ބަޑިޖަހަނިކޮށެވެ. މިޒަޚަމް ފަސޭހަވިއެވެ.)

8- ހަވަރުތިނަދޫ ޢުސްމާނުބެ(މާކަޑަމަތި)
(ޢުސްމާނުބެ ޒަޚަމްވީ ހަވަރުތިނަދޫން މީހުން ބޭލިދުވަހު ބަޑިޖަހަނިކޮށް އަތިރިމައްޗާއި ކައިރި ހިސާބެއްގައި ހުންނަވިކޮށެވެ. މިޒަޚަމް ފަސޭހަވިއެވެ.)

މަތިވެރި ﷲ ، ސަންފައާއި، ޙުސައިން ތަކުރުފާނާއި، ސަޢުދިއްޔާ އާއި، ޙުސައިން ޙަސަންދީދީ އާއި، މަރިޔަމްދިޔެގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތްލައްވާށިއެވެ. އާމީން!

ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ދެވަނަފަހަރަށް އުފެދުނު ހަމަނުޖެހުން ޙައްލުކުރުމަށް 1962މ. ގައި “ސިލްވަރކްރެސްޓް” ކުރި ދަތުރުގެ ފޮޓޯތައް ކަމަށް ބަޔާންކޮށް އެކި ދިމަދިމާލުން ފެންނަ ފޮޓޯތަކުގައި އެފަހަރު މާލެ ގެންދެވި ބައެއްބޭފުޅުން ފެނުނު ނަމަވެސް އެއީ ހަވަރުތިނަދޫގައި ނަގާފައިވާ ފޮޓޯތަކެއްނޫނެވެ. “ސިލްވަރކްރެސްޓް”ގެ 1962މ.ގެ ދަތުރުގައި ހަވަރުތިނަދޫގައި ނަގާފައިވާ އެއްވެސް ފޮޓޯއެއް އަދި މިހާތަނަށް ޢާއްމުވެފައި ނުވެއެވެ. މިހެންމެ، މިލިޔުމުގައިވާ “ސިލްވަރކްރެސްޓް” ފެންނަ ފޮޓޯފިޔަވައި، އެހެން ފޮޓޯތަކަކީ ވެސް “ސިލްވަރކްރެސްޓް”ގެ 1962މ.ގެ ހަވަރުތިނަދޫ ދަތުރުގެ ފޮޓޯތަކެއްނޫނެވެ. މިލިޔުމުގައިވާ ފޮޓޯތަކަކީ ލިޔުމުގައި ގެނެސްދޭކަމަކާއި ގުޅިގެން އެކަމެއް ހިނގި ސަރަޙައްދު ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ހުވަދުއަތޮޅުގެ ފުރަތަމަ ހަމަނުޖެހުން ޙައްލުކުރުމަށް 1958މ.ގައި “މޯލްޑިވްސްޓާރ” ހަވަރުތިނަދޫއަށް ކުރި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި އެހެނިހެން ބައެއް ފޮޓޯތަކެވެ. ނަމަވެސް “ސިލްވަރކްރެސްޓް”ގެ 1962މ.ގެ ދަތުރުގައިވެސް ފޮޓޯނެގިކަމާއި ފިލްމާއެކީ ފޮޓޯކެމެރާވަނީ ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އަތްޕުޅުގައިކަމަށް މަޢުލޫމާތުލިބިފައިވެއެވެ. (ނިމުނީ)
———————————————-

ލިޔުނީ: ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ/ ގދ. ތިނަދޫ

މަޢުލޫމާތުގެ ޙިއްޞާ:
ޢަލީ ރަޝީދު ޑައިމަންޑްވިލާ/ތިނަދޫ، އަލްމަރުޙޫމް ޒަކަރިއްޔާ މޫސާ(ބެރުގެ) މަދޮށިމާގެ/ތިނަދޫ، އަލްމަރުޙޫމް ޢަބުދުލްވައްހާބު(ބާންސަރީގެ) ދޯދިލް/ތިނަދޫ، މުޙައްމަދު ޙުސައިން މާބަނޑޭރިގެ/ތިނަދޫ، އިބްރާހީމް ރާޝިދު މުޖުމަރާގެ/ތިނަދޫ، ޢަލީ ޙުސައިން ރަންގަލް/ތިނަދޫ، ފާޠިމަތު ރަޝީދާ ލައިޓްރޯސް/ތިނަދޫ، އާދަމްތަކުރުފާނު ޓޯކިޔޯވިލާ/ތިނަދޫ، އާމިނަތުފާއިޒާ ހަލަވެލި/ތިނަދޫ، މުޙައްމަދު ޒުހައިރު ޖޭނެސްޓް/ތިނަދޫ، އިބްރާހީމް ޝާކިރު ދުންތަރި/ތިނަދޫ، މުޙައްމަދު ނިޒާރު ލާޓް/ތިނަދޫ، ޢަބުދުﷲ ކަލޯ ޕާޕަލް/ތިނަދޫ

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!