އާރޭފެ ހުސައިނު ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 3
ލިބުނު އަނިޔާތަކާއި މާލެ ފޮނުވުން
މިގޮތްމަތީން އެތައް ބަޔަކު ހައްޔަރުކޮށް އަދަބުދިނުމުގައި ވަރަށް ގިނަ މީހުންނަށް ވަރަށް ބޮޑެތި އަނިޔާ ލިބިފައިވެއެވެ. އޭގެތެރޭގައި މުޅި އުމުރަށްވެސް ދެމިގެންދާ ޒާތުގެ ގެއްލުން ހިމެނެއެވެ. މިއެންމެން ހައްޔަރުކޮށްގެން ދެން އޮތީ މާލެއަށް ޚަބަރުކޮށްގެން ގައިދީން މާލެއަށް ފޮނުވުމެވެ. މިކަމަށް ދުވަސްކޮޅެއް ނެގިއެވެ. ގައިދީން މާލެއަށް ފޮނުވީ އެކިއެކި އުޅަނދުތަކުގައި އެކިދުވަސްމަތީންނެވެ. ބައެއް މީހުން އަތޮޅުން ވަކިކޮށް ފޮނުވައިފިއްޔާ އަތޮޅުވެެރިޔާ މޫސައިދިއަށް އިތުރު ގޮންޖެހުމެއް ކުރިމަތިވެދާނެތީ ނުފޮނުވާން ނިންމި މީހުންވެސް ތިއްބެވެ. ޖަގަޑާގައި ބައިވެރިނުވިޔަސް މޫސައިދި އާއި އޭނާގެ ފަރާތަށް ތިބޭ އިސް މީހުންނާ ދެކޮޅު މީހުންވެސް މި ޖަމާއަތުގެ ތެރޭގައި ހިމަނާފައި މާލެ ފޮނުވިއެވެ.
މިކަން ކުރާން ތިބި މީހުން އެބަޔަކަށް ނެގޭން އޮތް ފައިދާޔަކާއި މަންފާއެއް ހާސިލްކުރިއެވެ. އާޚިރުގައި ގެއްލުން ލިބުނީ ހިތަދޫ ރައްޔިތުންނަށެވެ. ހިތަދޫން 79 ޒުވާނަކު މާލެއަށް ފޮނުވިއެވެ. އެކަމަކު ރަސްމީ ލިޔުންތަކުން ފެންނަނީ 71 މީހުން ކަމުގައެވެ. މިއީ ހިތަދޫގެ ތާރީޚުގައިވެސް އެންމެ ގިނަބަޔަކު އެއްފަހަރާ ރަށުން ވަކިކުރެވުނު ހާދިސާއެވެ. މިއެންމެން މާލެއަށް ފޮނުވައިލެވުނީ 1964 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
މިހިސާބުން ދެން ލިޔާނީ މިހާދިސާގައި އަނިޔާލިބި ރަށުން ވަކިކުރެވުނު މީހުންގެ ތެރެއިން ހިތަދޫ ފަތިސްހަނދުވަރުގޭ މުހައްމަދު ހަސަންދީދީ ލިޔެފައިވާ އޭނާގެ ޑައިރީއެވެ. އޭގެ އަސްލަށް މާބޮޑު ބަދަލެއް ގެނައުމަކާނުލައެވެ. އެހެންވީމާ މީގެ ފަހަށް އަންނާނީ މުހައްމަދު ހަސަންދީދީއާއި އޭނާއާއެކު ތިބި މީހުންގެ ވާހަކައެވެ. ހިތަދޫން ފޮނުވައިލެވުނު މީހުން ބެހިގެންވަނީ އެކި ގްރޫޕުގެ މައްޗަށެވެ. މިއީ މުހައްމަދު ހަސަންދީދީ ހިމެނުނު ގްރޫޕަށް ކަންތައްތައް މެދުވެރިވި ގޮތްތަކެވެ.
އާރޭފެ ހުސައިނުގެ ޖަގަޑާއަށްފަހު 1964 ވަނަ އަހަރު އަހަރެމެން ލޯބިވާ ވަޒަނާއި ގާތްތިމާގެ މީހުން ދޫކޮށްލާފައި ފުރާން ޖެހުނީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަ ކުރަމުންނެވެ. އެއީ އަހަރެމެންނާމެދު ތަގުދީރު ނިޔާކުރި ގޮތެވެ. އެކަމާމެދު ޝައްކެއްވެސް ނެތެވެ. އަތޮޅުވެރިޔާ މޫސާއަލިދީދީއާއި އޭނާގެ ބައިވެރިން އަހަރެމެންނަށް އަނިޔާކުރީ އެމީހުން ދީފައިވާ ފުރާނައެއްނަމަ އެފުރާނަ އަހަރެމެންގެ ހަށިތައް ދޫކޮށްފައިދާހާ ވަރަށެވެ. އެވަރަށް އަނިޔާކުރިއެވެ. ތަޅައި އަނިޔާކުރަމުން އަހަރެން ގެންގޮސްލީ މަރަދޫ ވެންބޮޅަފިށީގައި ހުންނަ ބޮނޑޮގެއޭ ކިޔުނު ހުރަގެއަށެވެ. ވަރަށް ގިނަ މީހުން އެތަނަށް ލިއެވެ.
އަހަރެމެންނަށް ކާންދެނީ ދުވާލަކު ދެއިރުއެވެ. މިކެއުމެއް ކާންދެނީ ބަނބުކެޔޮފަތަށް އަޅައިފައެވެ. ކުކުޅުހާލަށްވެސް ކާންދޭ ބީދައިންނެވެ. މިގޮތްމަތީން އެތާގައި ފަނަރަ ދުވަސްވީތަނާ އެއްދުވަހު ބަޔަކު އައިސް އަހަރެމެން އެންމެންގެ އަތުގައި ޒާތެއްގެ ބިޑިއެއް އަޅުވައި އޭގެ މަތިން ހިމަރޯނުން ބަނދެފިއެވެ. މިކަމެއް ކުރުމަށްފަހު ބޮނޑޮގެއިން ނެރެގެން ގެންދިޔައީ ބަނދަރުގައި ހުރި ބޯޓުފަހަރަށެވެ. ވަރަށް ގިނަ ބަޔަކު މިމަންޒަރު ދެކޭން އަތިރިމައްޗަށް ޖަމާވިއެވެ. އަހަރެމެން އެންމެންގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެއެވެ.
ބާރު އޮތީ އަތޮޅުވެރިޔާގެ ފަރާތަށެވެ. އަހަރެމެންގެ ގައިގައި ސައްޕު ޖަހަމުން ބޯޓަށްލިއިރުވެސް އަތޮޅުވެރިޔާގެ ފަރާތު މީހުން ބުނެއެވެ. ކަލޭމެން ދެން ދެކޭނޭ ބަޔަކު މިއަތޮޅުގައި ނެތެވެ. ކަލޭމެންނާއި އަހަރެމެން ދެން ބައްދަލުވާނީ މަހުޝަރުގެ މައިދާނުންނެވެ. އެރޭ ދަންވަރު އަތޮޅުން ފުރައިގެން އަހަރެމެންނާއިގެން ބޯޓަށް މާލެ ދެވުނީ ތިން ދުވަހުންނެވެ. ދަތުރުމަތީގައިވެސް އަހަރެމެންގެ ހާލު ވަރަށް ދެރައެވެ. ހަމްދަރުދީވުމެއް އެހީވުމެއް ނެތެވެ. އަތްފައި ބަނދެފައި ތިބޭ ބަޔަކު ބޯޓުތެރޭގައި އުޅޭނޭ ގޮތް އޮތީ ހިތަށް ގެނައުމެވެ. ފާޚާނާކުރުމާއި ތާހިރުވުމާއި ކެއުމާއި ބުއިންފަދަ ކަންކަން އޮތީ ގާތްގަޑަކަށް މުޅިން ބަންދުވެފައެވެ.
މާލެ ދެވުމާއެކު ބޯޓުގެ ކެޕްޓަން އެއްގަމަށް ފައިބައިގެންގޮސް ބަނޑޭރިގެޔަށް ވަދެ އައްޑޫ ބަގާވާތުގެ ބައިވެރިންގެ ވަރަށް ގިނަ ބަޔަކު ގެނެސް ބޯޓުގައި އެބަތިއްބޭ އަންގައިފިއެވެ. އިރުކޮަޅަކުން މާލޭގެ ވަރަށް ގިނަ ބަޔަކު ބޯޓު ދޮށަށް އައިސް ބާގީން ކޮބައިހޭ ބަގާވާތް ކުރާ މީހުންގެ އަދަބަކީ މެރުމޭ ކިޔައިފައި ބޯޓަށް އަރާން ދިމާކޮށްފިއެވެ. އަނިޔާވެރިންގެ ކިބައިންނާއި މިނުބައިވެގެންވާ ރޭވުމުން އަހަރެމެން މިންޖުކުރައްވާތޯ ކަލާނގެ ހަޟްރަތުގައި ދުއާ ދެންނެވުންމަތީގައި އަހަރެމެން ތިބީއެވެ. އެނޫންކަމެއް ކުރެވޭކަށް ނެތެވެ.
އެމީހުން ބޯޓަށް އެރުމުގެ ކުރިން ސިފައިން އައިސް އެމީހުން ދުރަށް ޖައްސައި ސިފައިންގެ ކުޑަވަރެއްގެ އުޅަނދަކަށް އަހަރެމެން ބާލައިގެން ދެން ގެންދިޔައީ މާލެއާ ކައިރީގައި އޮންނަ ވިލިގިއްޔަށެވެ. އެދުވަސްވަރު ރާއްޖޭގެ އެއްނަންބަރު ޖަލު ހުންނަނީ ވިލިގިލީގައެވެ. މުޅި ރަށަކީވެސް ޖަލެވެ. ވަރަށް ބިރުވެރި ތަނެކެވެ. ވިލިގިއްޔަށް ބާލައި ސިފައިންގެ ބެލުމުގެ ދަށުގައި ބޭތިއްބިތާ އިރުކޮޅަކުން ސިފައިންގެ ބޮޑެތި ސަރުދާރުން އަތުވެއްޖެއެވެ. އެމީހުންގެ އަތުގައި ބަޑިވެސް ހުއްޓެވެ. އައީ ފުރިހަމަ ހަތިޔާރާއެކުގައެވެ.
އަހަރެމެން ހީކުރީ އަހަރެމެންގެ ގަޔަށް ބަޑިޖަހާނޭ ކަމަށެވެ. އަޖަލުއައިސް ޖެހުނީ ކަމަށެވެ. އެހެންވެ ސިއްރުސިއްރުން ދަންނަހާ ހެޔޮއެއްޗެއް ކިޔަވައިލަކިޔަވައިލަ ތިބީއެވެ. ނަސީބަކުން އަހަރެމެންގެ ގަޔަކަށް ބަޑިއެއް ނުޖަހައެވެ. ބިރުވެރިފާޑަކަށް އަހަރެމެންގެ މޫނުތަކަށް ބަލަބަލައިފައި ހުތުރު އެއްޗެތި ކިޔައިފައި ބޭތިއްބީއެވެ. މިހެން ބައިތިއްބާފައި އިރުގަނޑަކުން އަހަރެމެން ބަނދެފައިވާ ރޯނުތައް ކަނޑައި އަތްފައި ހަރަކާތް ކުރެވޭނެ ގޮތް ހަދައިދީފިއެވެ. ދެން އެންމެން ގޮވައިގެން ގެންގޮސް ޒާތެއްގެ ގުދަނެއް ދައްކާފައި ސާފުކުރާށޭ އަންގައިފިއެވެ. ސާފުކޮށް ނިމުނީމާ އެންގީ މޫދަށް އެރި ފެންވަރައިގެން ތާހިރުވެގެން އައުމަށެވެ. ފެންވަރައިގެން އައުމުން ކޮންމެ މީހެއްގެ އަތަށް ދިނީ ޖަލު ނަމްބަރު ޖަހައިފައި އޮތް ޖަލު ހެދުމެކެވެ.
އަހަރެންގެ އަތަށް ދިން ހެދުމުގައި ޖަހާފައިއޮތް ނަމްބަރަކީ 83 އެވެ. އަހަރެންނަކީ 83 ނަމްބަރު ގައިދީއެވެ. ޖަލު ހެދުން އަޅުވައިގެން ދެން ގެންދިޔައީ އަނެއްކާވެސް ގުދަން ޒާތުގެ ތަނަކަށެވެ. އެތާގައި ބައިތިއްބާފައި ސައިދީފައި ދެން އެންގީ އެތާގައި ތިބުމަށެވެ. އެއްވެސް ބޭނުމެއްގައި އެއްވެސްއިރަކު ބޭރަށް ދެވޭނީ ޖަލުބަލަހައްޓާ ސަރުދާރުގެ އިޒުނަ ލިބިގެންނޭވެސް ބުންޏެވެ. މިގޮތްމަތީން ޖަލުގައި ތިއްބާ އިރުއޮއްސި އަނދިރިވެއްޖެއެވެ. އިރުކޮޅަކުން ކާތަކެތި ގެނެސް ކާންވެސް ދީފިއެވެ.
ކައިނިމިގެން އިރުކޮޅަކުން ނިދާންކަމަށް ގަސްތުކުރިއިރު ނިދާނޭ ވަކި ޚާއްސަތަނެއް ފެންނާކަށް ނެތެވެ. އޮތީ ކަޅުކިލާ ބިންމައްޗެވެ. ދެން މިކަމާ ފިކުރުކުރާން ތިއްބާ ސިފައިންގެ މީހަކު އައިސް އަހަރެމެން ނެރެގެން ގެންދިޔައީ ޖަލާއި ވަކިން ހަދާފައި ހުންނަ ސިފައިންގެ އޮފީހަކަށެވެ. އެތަނުގައި އިންނެވީ ސިފައިންގެޔާއި ރާއްޖޭގެ އަމަނާއިބެހޭ ވުޒާރާ އޭރު ހިންގަވަމުން ގެންދަވާ ވެރިޔާ އަބްދުލް ހަންނާނު ހަލީމެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް