އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 4

ވިލިގިލީ ޖަލާއި ހަންނާނުގެ ތަހުގީގު

ތަހުގީގެއް ކުރުމުގެ ނިޔަތުގައި  އަހަރެމެންނާއި ސުވާލު ކުރެއްވި ފުރަތަމަ ބޭފުޅަކީ ހަންނާނެވެ. އަހަރެމެންގެ މައްޗަށް ކުރެވިފައިވަނީ ވަރަށް ބޮޑު ތުހުމަތެކެވެ. ކުށަކީ ވަރަށް ބޮޑު ކުށެކެވެ. ދައުލަތާ ދެކޮޅަށް ބަގާވާތެއް ކުރިކަމަށް އޮތީ ރިޕޯޓުކޮށްފައެވެ. އަތޮޅުވެރިޔާ މަރާލަން އުޅުމުގެ ތުހުމަތު އޮތީ ކުރެވިފައެވެ. ދައުލަތުގެ ބާރު ކަނޑުވާލައި އާރޭފެ ހުސައިނަށް ބާރު ހޯދައިދީ ސުވާދީބު އަލުން ރުޖޫއަކުރަން އުޅުމުގެ އިލްޒާމު އޮތީ އެޅުވިފައެވެ. މިހެންގޮސް ހައްތާވެސް ހުރީ ހަގީގަތާ ޚިލާފު ކަންތައްތަކެވެ. އަހަރެމެން އެކަމެއްގައި ޝާމިލްނުވާ އަދި ޚަބަރުވެސް އެނގިފައިނުވާ ކަންތައްތަކެވެ.

މިއީ ހައްތާވެސް އަހަރެމެން ގޮޅިގޮޅިޔަށް ފައްތައި އަތޮޅުވެރިންގެ އަމަލުތަކުގައި މަތިޖެހުމުގެ ގޮތުން އުފައްދާފައިވާ އިލްޒާމުތަކެކެވެ. އެހެންވީމާ އަހަރެމެން ދެންނެވީމެވެ. މައްސަލައިގެ އަސްލަކީ އައްޑޫ ޓްރޭޑިން ކޮމްޕެނީގެ ހިއްސާގެ މައްސަލައެވެ. ރައްޔިތުންގެ ފައިސާ އޭގެ ހައްގުވެރީންނަށް ބަހަން އަތޮޅުވެރިން ދެކޮޅުހެދީމާ އުފެދުނު މައްސަލައެކެވެ. މިކަމަށް ގޮވައިލި ބަޔަކު ނުހައްގުން ހައްޔަރުކޮށް އަދަބުދިނީމާ އެމީހުންގެ ދިފާއުގައި ކުރި މަސައްކަތެއްގެ ނަތީޖާއެވެ.

މިކަމުގައި އިނގިރޭސީންގެ ބައިވެރިވުމެއް ހިތްވަރުދިނުމެއް އޮތްކަން އަހަރެމެންނަށް އެނގިގެނެއް ނުވެއެވެ. އަތޮޅުވެރިޔާ މަރާލާކަށްވެސް ބަގާވާތެއް ކުރާކަށްވެސް އަދި ސުވާދީބު ރުޖޫއަކުރާކަށްވެސް އެއްވެސް ކަމެއް ނުކުރަމެވެ. ހޯދާން އުޅުނީ އަހަރެމެންގެ އަމިއްލަ ފައިސާއެވެ. ނުދޭން ގަދަ ދައްކައި ބާރު ދައްކާން އުޅުނީމާ އަތޮޅު އޮފީސް ދޮށަށް އެއްވީމެވެ. ހިއްސާގެ ފައިސާޔާއި އޭގެ ފައިދާ ބަހަން ގޮވީމެވެ. ތިޔަކަން ހިނގާފައިވާ ގޮތަކީ މިއީއެވެ.

ދެން އަބްދުލް ހަންނާނުގެ ކުރިމަތީގައިވާ ފައިލެއް ހުޅުވައިގެން އޭގައި ހުރި ކަރުދާސްތަކަށް ބައްލަވާފައި އަތޮޅު އޮފީހުން އަހަރެމެންގެ ކުށް ކަމަށް ބަޔާންކޮށް ލިސްޓުކޮށްފައިވާ އެކިކަންކަމާއި މެދު އެކަންކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ވަކިވަކިން ސުވާލު ކުރެއްވީމާ އެމީހަކަށް އެނގިހުރި އެއްޗެއް ދަންނަވައިފިއެވެ. އެއްވެސް މީހަކު ދޮގެއްހަދައި އަނެކަކު ކުށްވެރިކުރާން ވާހަކަތަކެއް ނުދައްކައެވެ. ދެން އަހަރެމެން ދެންނެވި ވާހަކަތަކުން ބައެއް ނޯޓުތައް ލިޔުއްވައިފައި ދެން ދިޔަޔަސް ހެވޭ ވިދާޅުވެފައި ސިފައިންގެ ބަޔަކާއެކީ އަނެއްކާވެސް ފޮނުވައިލީ އިހުވެސް ތިބި ގޮޅިޔަށެވެ. އަބްދުލް ހަންނާނަކީ ބަސްމަދު އެހެނަސް ބުނާ ބަހުގައި ހަރުކަށިކަން ހުންނަ ބޭފުޅެކެވެ.

އަބްދުލް ހަންނާނުގެ ސުވާލުތަކަށްފަހު އަހަރެމެން ގޮޅިއަށް ފޮނުވައިލިއިރު އެންމެންވެސް ތިބީ ވަރަށް ބޮޑަށް ނިދި އައިސްފައެވެ. ދެން ނިދާނީ ކޮންތާކުހޭ މިތާގައި އައްޓެއްކަހަލަ ތަނެއްވެސް ނެތެއްނޫންހޭ ބުނެ ސިފައިންގެ މީހަކާ ސުވާލުކުރީމާ އޭނާ ދެއްކީ ބިންމައްޗެވެ. ދެން ހަމްދުކޮށްފައި އެންމެންވެސް ބިންމަތީގައި ހަށިގަޑު ދަމާލައި ނިދޭތޯ އުޅެގެންފީމެވެ. އެކަމަކު މަދިރިޔާއި ސެއްޅީގެ ތުރާތައް ބޮޑުކަމުން ނިދޭގޮތެއް ނުވިއެވެ. ބިންމަތީގައި އުޅޭ ފަނިފަކުސަޔާއި އެބާވަތުގެ ސޫފާސޫފިވެސް ދުވަނީ ގައިގެ މަތިންނެވެ. މީން އެއްޗެއް އަނގަޔަށް ނޫނީ ކަންފަތަށް ވަނުމުގެ ބިރުވެސް ނުހަނު ބޮޑެވެ.

މިހާލުގައި ތެޅިތެޅި ތިއްބައި އެރޭ ފާއިތުވެ ފަތިސްވެ އަލިވެއްޖެއެވެ. ނިދުނު މީހުންނަށްވުރެ ގިނައީ ނުނިދޭ މީހުންނެވެ. އިރުއަރައި އަލިވީމާ މޫނުދޮވެގެން ތިއްބައި ސައިގެނެސްފިއެވެ. ކޮންމެ މީހަކަށް ސައިލާއްސަކާއި ދެޖޯޑު ފާރޮށްޓެވެ. ހާންތިކަން ފިލިމީހަކު ފިލިއެވެ. ނުފިލާމީހަކު ނުފިލައެވެ. އިތުރު އެއްޗެއް ނުދެއެވެ. ކޮންމެދުވަހެއްގެވެސް ހެނދުނުގެ ނާސްތާޔަކީ އެއީއެވެ. މިނާސްތާޔަކަށް ފަހު ނެރެގެންދިޔައީ ރަށުތެރޭގެ މަސައްކަތަށެވެ. ވަރަށް ގިނަ މަސައްކަތްތައް އޮވެއެވެ.

އުވަދެވުމާއި ރުއްކެނޑުމާއި ރުއްކީހުމާއި ވަޅުކޮނުމާއި ފަސް އުފުލުމާއި އަކިރިނެގުމާއި ވަޅުދިޔަހިއްކުމާއި ރޭނުމާއި ގާފެޅުމާއި މިހެންގޮސް ހައްތާވެސް ބުރަ މަސައްކަތެވެ. ގައިދީންގެ ތެރޭގައި މިޒާތުގެ މަސައްކަތް ކުރުމަށް ކުޅަދާނަނޫން ބަލި މީހުން ތިބި ކަމަށްވިޔަސް އެއިން މީހަކުވެސް އިސްތިސްނާއެއް ނުކުރެއެވެ. މަސައްކަތް ކުރުވަން ތިބެނީ ސިފައިންނެވެ. ވަރަށް ހަރުކަށިވެފައި ބަސްމަގު ނުބައެވެ. މަސައްކަތުގައި ތިއްބައި މެންދުރުވީމާ ކާން ގެންގޮއްސިއެވެ. ކެއުމަކަށް ހުރީ ހަނޑޫލާއްސެއްގެ ބަތާއި ޒާތެއްގެ ރިހަޔެކެވެ. ކޮންމެދުވަހަކުވެސް މެންދުރުގެ ނާސްތާޔަކީ އެއީއެވެ. މިނާސްތާޔަކުން ނިމުނީމާ އަނެއްކާވެސް ގެންދަނީ މަސައްކަތަށެވެ.

އިރުއޮއްސޭންދެން މަސައްކަތް ކުރުވައިފައި އަނދިރިވީމާ ރޭގަނޑުގެ ނާސްތާ ދީފައި ނިދާން ފޮނުވާލައެވެ. ރޭގަނޑުގެ ނާސްތާޔަކީ ބައިލާހި ހަނޑުލުގެ ބަތާއި ގަރުދިޔައެވެ. ކޮންމެދުވަހަކުވެސް ކުރާންޖެހޭ މަސައްކަތް ވަނީ ގިނައެވެ. އެއްދުވަހުން އަނެއްދުވަހަށް މަސައްކަތުގެ ބުރަކަން ދިޔައީ އިތުރުވަމުންނެވެ. ޖަލުގައި ލިބޭ ނާސްތާޔަކީ މިޒާތުގެ ބުރަ މަސައްކަތް ކުރާ ބަޔަކަށް އެކަށީގެންވާ މިންވަރާ ގާތްކުރާ ނާސްތާއެއްވެސް ނޫނެވެ. އެންމެން ތިބެނީ ބަނޑުހައިކަންމަތީ ލޯބޮޑުވެ ނޭވާ ކުރުވެފަައެވެ. އެކަމަކު ޝަކުވާނުކޮށް ސިފައިން ދައްކާ ހުރިހާ މަސައްކަތެއް އަހަރެމެން ދިޔައީ ބަރާބަރަށް ކުރަމުންނެވެ.

ކިތަންމެ ބުރަކޮށް މަސައްކަތްކުރުވި ކަމަށްވިޔަސް އަހަރެމެން އެންމެންވެސް ވަގުތުން ވަގުތަށް ނަމާދުކުރަމެވެ. އެކަކުވެސް ނަމާދެއް ނާޅައެވެ. އަހަރެމެންގެ އަމިއްލަ ކަމަކަށް އޮންނަނީ ނަމާދެވެ. ހެއްދެވި އިލާހުގެމަތިން ހަނދުމަކޮށް ނުލަފާ ޖައްބާރު ވެރީންގެ އަނިޔާތަކުން މިންޖުކުރައްވައި ކެތްތެރިކަން ދެއްވައި އަނބިދަރީންނާއި މައިންބަފައިން އަދި އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުން ހެޔޮހާލުގައި ލެއްވުންއެދި ދުއާ ދެންނެވުން ވަރަށް ގިނައެވެ.

މިގޮތްމަތީން ވިލިގިލީ ޖަލުގައި އެގާރަމަސް ފާއިތުވެދިޔަ ފަހުން އެއްދުވަހަކު އެންގީ ބޮލާއި ތުނބުޅިމަތިމަސް ކޮށައި ތުނިކޮށް މޫދަށް އެރި ރަގަޅަށް ފެންވަރައި ތާހިރުވެގެން އައުމަށެވެ. އޭރު އަހަރެމެން ކޮންމެ މީހެއްގެ ބޮލާއި ތުނބުޅި ދިގުކަމުން އިހަށް އަހަރެމެން ދެކިއުޅުނު މީހުންނަށް އަހަރެމެން ވަކިކޮށް ދެނެގަންނާކަށްވެސް ފަސޭހައެއް ނުވާނެއެވެ. ދެން ތާހިރުވެގެން އިންސާނުންގެ ސިފަޔަށް ބަދަލުވެގެން މިމަގުން ކަންތައްކޮށްގެން އައީމާ ޖަލަށް ވެއްދި ދުވަހު އަހަރެމެން ލައިގެން ތިބި ހެދުން ދީފައި އަންގައިފިއެވެ. ޖަލުހެދުން ބާލާފައި ކަލޭމެންގެ އަމިއްލަ ހެދުން އަޅާށެވެ.

އަހަރެމެން ހީކުރީ މިއުޅެނީ މިނިވަންކުރާން ކަމަށެވެ. އެހެންވެ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ކޮންމެއަކަސް ޖަލުހެދުން ބާލައި އަމިއްލަ އަންނައުނު ގަޔަށް މަހައިލިތަނުން އެންމެން ގޮވައިގެންގޮސް އެރުވީ ސިފައިންގެ ބޯޓަކަށެވެ. މިބޯޓުގައި ގެންދިޔައީ މާލެއަށެވެ. މާލެއަށް ބާލައިގެން ސަފަކަށް އަތުރާލައިގެން ދެކޮޅުގައި ސިފައިން ތިބެގެން އަހަރެމެން ގޮވައިގެންގޮސް ވެއްދީ ރާއްޖޭގެ އަމަނާއި ސަލާމަތާއި ބެހޭ ވުޒާރާއަށެވެ.

މިތާގެ ފެންޑާއެއްގައި އިރުތަކެއް ވާންދެން ބޭތިއްބުމަށްފަހު ވެެރިޔަކު ނުކުމެ އެންގީ ސަރުކާރަށާއި މި ވުޒާރާއަށް މިވަގުތު ފެންނަނީ ވިލިގިލީ ޖަލުން ކަލޭމެން ނެރެގެން އުތުރުގެ ކޮންމެވެސް ރަށަކަށް އަރުވައިލުމަށެވެ. އެހެންވީމާ އެންމެ އުތުރުގެ ރަށްތަކުގެ ތެރެއިން ބޮޑުތިލަދުންމަތީ ނޮޅިވަރަންފަރަށް ކަލޭމެން އަރުވައިލާން ނިންމައިފީމެވެ. މިނިވަންވާނެ ކަމުގެ ޚިޔާލުގައި ހިޔަންޏަށް މުޑިނަގައިގެން އުފަލުން ތިއްބާ މިއިވުނު ވާހަކަޔަކުން އެންމެންގެ ލޮލުން ކަރުނަ ހިލުނެވެ. ބޮޑެތި ފިރިހެނުންވީމާ ބާރަށް ރޮއިނުގަތެއްކަމަކު އެންމެންވެސް ތިބީ ރޮވިފައެވެ.

އެހެންނުވާނީވެސް ކީއްވެގެންހެއްޔެވެ. އަހަރެމެންގެ މައްޗަށް ކުށެއް ސާބިތުވީއެއް ނޫނެވެ. ފަނޑިޔާރުގޭގައި ސަރިޔަތެއް ނުހިންގައެވެ. ނިޔާއެއް ނީއްވައެވެ. އަހަރެމެންގެ ނަޒަރުގައި ކުރި ކުށެއްވެސް ނެތެވެ. އެކަމަކު ވެރީން ބޭނުންވީމާ ރަށުގައި ތަޅައި އަނިޔާކޮށް އެވަރުން ނުފުދިގެން މާލެ ފޮނުވައި އަނިޔާވެރި ޖަލެއްގައި އެއްއަހަރު ބައިތިއްބައި ބުރަ މަސައްކަތް ކުރުވައިފިއެވެ. ޖަލުގައި ތިބިއިރު ކިރިޔާ ބަނޑުފުރާނަ މުއްތިވާވަރަށް ކާންދީ ހެދިއެވެ. މިހާރު މިއުޅެނީ އެޚަރަދުންވެސް ބޯދަމައިގަނެ އަހަރެމެން ބަނޑަށް މަރާށެވެ.

ފޮނުވާން މިއުޅެނީ އަހަރެމެން ދަންނަ ތާކަށް ނޫނެވެ. ދަންނަބަޔަކު އުޅޭ ތާކަށްވެސް ނޫނެވެ. ގާތްތިމާގެ ބަޔަކު އަމްދުން ނެތް ރަށެކެވެ. ރާއްޖޭގެ ރަށަކަށްވިޔަސް އަހަރެމެން ވިހައިބޮޑުވި ރަށާއި އެންމެ ދުރު އެބައެއްގެ އުޅުމާއި އަޚުލާގާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ޚަބަރު އަހަރެމެންނަށް އެއްވެސްގޮތަކުން އެނގިގެންނުވާ ރަށެކެވެ. ކާންބޯން ޖެހޭނީ އަމިއްލަޔަށެވެ. ހުރިހާކަމެއްވެސް އަމިއްލަޔަށެވެ. އަނިޔާގެ މައްޗަށް އަނިޔާއެވެ. އެހެންވިޔަސް ކުރެވޭނޭ ކަމެއް ނެތެވެ. އެހެންވެ ހަމްދުކޮށްލައިގެން ކަލާނގެ ކިބަޔަށް ވަކީލުކޮށްގެން އެއްވެސް ޝަކުވާއެއް ނުކޮށް ހިމޭނުން ތިބީއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!