ދޭތިން އެކަތި

ދޭތިން އެކަތިކަމަށް ބުނުމުން ހީވާންއުޅޭނީ އެހެންބުނެއުޅޭ ޢާއްމުގޮތަށެވެ. ދޭތިން އެކައްޗަށް ހިފުމަށެވެ. އެކަމަކު މިލިޔުމުގެ ސުރުޚީއަކަށް ދޭތިން އެކަތި ލިޔުމުގެބޭނުމަކީ އެއްކަމެއް ހިނގިގޮތް ދެ ފޮތެއްގައި ދެ ގޮތަކަށް ލިޔެފައިވުމުން އެކަން ހިނގިގޮތް ރަނގަޅަށް ލިޔެފައިވަނީ އޭގެތެރެއިން ކޮން ފޮތެއްގައިކަން މިލިޔުންވިދާޅުވާ ބޭފުޅުންނަށް އެނގިވަޑައިގަތުމެވެ. މި ދެ ފޮތަކީވެސް އަޅުގަނޑުމެންނަށް ނުހަނު ބޭނުންތެރި ދެ ފޮތެކެވެ. “ދިވެހިތާރީޚު” ފޮތާއި، “މާލޭ ހުކުރުމިސްކިތް” ފޮތެވެ.

ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުން ރަސްކަމަށް އިސްވެވަޑައިގަތީ 22 ޝަޢުބާން 1116ހ. ހުކުރުވިލޭރޭކަމަށް ދިވެހިތާރީޚުފޮތުން އެނގުމަށްފަހު، އެރަދުންގެ ރަސްކަމުގެ ދުވަސްވަރުގެ ވާހަކަ ލިޔަމުންގޮސް އެފޮތުގެ 125 ވަނަ ޞަފުޙާގައި ލިޔެފައިވެއެވެ. “ދެން އެރަސްގެފާނުގެ ރަސްކަމުން ދެވަނައަހަރުގައި އިހަށް އެރަސްގެފާނު ވަރިކުރެއްވި އައިމިނާ ކަބާފާނާއި ކައިވަނިބައްލަވައިގެންނެވިޔެވެ. މިބުނި އައިމިނާ ކަބާފާނުގެ މަންމައީ ފެންފުށީ ކުރަހާ ޙަސަން ވެލާނާ ޚަޠީބުގެ ދި މަރިޔަމް ކަބާފާނެވެ. އައިމިނާ ކަބާފާނުންގެ ބައްޕައީ ގޮއިދޫ ޢަލީ ދޮށިމޭނާތަކުރުފާނެވެ. ފަހުންފަހަރު ރަސްގެފާނު އައިމިނާ ކަބާފާނާއި ކައިވަނިބައްލަވައިގަންނަވައިފައި ކަބާދިކިލެގެފާނެވެ ކިޔައި ނަންދެއްވިއެވެ.”

ދިވެހިތާރީޚުފޮތުގެ 126 ވަނަ ޞަފުޙާއިން ފެށިގެން ލިޔެފައިވާ ވާހަކަތަކުގެތެރޭ ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންނާއި އާމިނާ ކަބާދިކިލެގެފާނަށް ކުޑަދުވަސްކޮޅަކުން ފިރިހެންދަރިކަލަކު ލިބިވަޑައިގަތުމަށްފަހު އެދަރިކަލުން އަވަހާރަވީކަމާއި، އޭގެފަހުން 26 ޖުމާދިލްއާޚިރު 1120ހ. ގައި ލިބިވަޑައިގަތް ފިރިހެންބޭފުޅަކީ އިބްރާހީމް ކަމާއި، އެއަށްފަހު 04 ޛިލްޙައްޖާ 1123ހ. ގައި ލިބިވަޑައިގަތް އަންހެންބޭފުޅާގެ ނަންފުޅަކީ ޢާއިޝާ ކަނބާފާނު ކަމާއި، އަދި 01 ޞަފަރު 1129ހ. ގައި ލިބިވަޑައިގަތް ފިރިހެންބޭފުޅެއްގެ ނަންފުޅަކީ ޢަލީ ކަމަށްވާތީ، ދިވެހިތާރީޚުފޮތުގައި ލިޔެފައިއެވަނީ އިބްރާހީމް ރަސްގެފާނު(2) އާއި، ޢާއިޝާ ކަނބާފާނާއި، މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންނާއި މި 3 ބޭފުޅުންގެ ވާހަކަކަން އެނގެއެވެ. އަދި މިބޭފުޅުންގެ މަންމާފުޅަކީ ގޮއިދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުގެ އައިމިނާ ކަނބައިދި ކިލެގެފާނު ކަމަށް ގިނަ ލިޔުންތަކުންވެސް އެނގެއެވެ.

ދިވެހިތާރީޚުފޮތުގެ 126 ވަނަ ޞަފުޙާގެ ފަހަތުން އެހެން ޞަފުޙާއެކެވެ. 133 ވަނަ ޞަފުޙާއެވެ. އެޞަފުޙާގައި ލިޔެފައިވަނީ “ދެން ކުޑަދުވަސްކޮޅަކަށްފަހު މިރަސްގެފާނުގެ ދޮށީ އަބިކަބަލުން އާމިނަތު ކަބާފާނު އަވަހާރަވިޔެވެ. އެއީ 1129 ހާހާއި އެއްސަތޭކަ އޮނަތިރީސްވަނަ އަހަރު ޙައްޖުމަހުގެ ހަޔެއްވީ ބުދަދުވަހުއެވެ. ދެން ހުކުރުމިސްކިތުގެ ހުޅަގުގައި އެކަމަނާޔަށްޓަކައި ހެއްދެވިފައިހުރި ގުއްބުގައި އެކަމަނާ ފަސްދާނުލެއްވެވިޔޭ” މިހެންނެވެ.

ދިވެހިތާރީޚުފޮތުގެ 140 ވަނަ ޞަފުޙާއެވެ. “ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުން އަވަހާރަވީ ވާހަކައެވެ. “ހިޖުރައިން 1133 ހާހާއި އެއްސަތޭކަ ތިރީސް ތިންވަނަ އަހަރު ޙައްޖުމަހު އޮނަތިރީސްވީ ބުދަ ދުވަހު މިރަސްގެފާނު އަވަހާރަވެއްޖެއެވެ. ދެން މިރަސްގެފާނު އަވަހާރަވީމާއި ޙަސަން ތާޖުއްދީން، އެރަސްގެފާނު އަވަހާރަވީ ތާރީޚުލައްވައިގެން ޅެންބަޔެއް ހައްދަވައިފައި އެރަސްގެފާނު ފަސްދާނުލެއްވި ގުއްބުގެ ފައުރުގައި ލިޔުއްވެވިއެވެ.”

ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރެވެ. ދިވެހިތާރީޚުފޮތުގެ 160 ވަނަ ޞަފުޙާގައި ލިޔެފައިވެއެވެ. “1157 ހާހާއި އެއްސަތޭކަ ފަންސާސް ހަތްވަނަ އަހަރު މުޙައްރަމް މަހު ހަތާވީސްވީ ބުރާސްފަތި ވިލޭރެއި މިރަދުންގެ މައި އާމިނަތު ކަބައިދިކިލެގެފާނު އަވަހާރަވިޔޭ މިކަބާދި ކިލެގެފާނު ދުނިޔޭގައި އިންނެވީ ފަންސާސްފަސް އަހަރެއްހައި ދުވަހުއެވެ. މިކަމަނާ ފަސްދާނުލެއްވީ ދިޔަމިގިލީ ރަދުން ފަސްދާނުލެއްވި ގުއްބުތެރޭ އެރަސްގެފާނުންގެ މަހާނަފުޅުކައިރީގައެވެ.”

ދިވެހިތާރީޚުފޮތާއި ޙަވާލާދީ މަތީގައިލިޔެފައިވާ ކަންކަމަށްބަލާއިރު، ދިޔަމިގިލީ ރަދުންނާއި އެރަދުންގެ އަނބިކަނބަލުން އާމިނާ ކަނބައިދިކިލެގެފާނު (އިބްރާހީމް ރަސްގެފާނުގެ މަންމާފުޅު) ފަސްދާނުލެވިފައިވަނީ އެއްގުއްބެއްގައެވެ.” ދިޔަމިގިލީ ރަދުން ފަސްދާނުލެއްވި ގުއްބުތެރޭ އެރަސްގެފާނުންގެ މަހާނަފުޅުކައިރީގައެވެ. ނަމަވެސް ދިޔަމިގިލީ ރަދުން ފަސްދާނުލެއްވި ގުއްބުގެތެރޭގައި ވަނީ އެރަދުންގެ އަނބިކަނބަލުން ކަނބާ އާމިނާ ކަމަށް “މާލޭ ހުކުރުމިސްކިތް” ފޮތުގެ 290 އަދި 341 ވަނަ ޞަފުޙާގައިވާ މުޙައްމަދު ޢިމާދުއްދީން ދިޔަމިގިލީ ރަދުންގެޒިޔާރަތުގެ ފޮޓޯ ލިޔުމާއި، އެ ޒިޔާރަތުގައިވާ މަހާނަފުޅުތަކުގެ ގައުތަކުގެ ލިޔުމުގައި އެބަވެއެވެ.
Ziyaaraiy 111މުޙައްމަދު ޢިމާދުއްދީން ދިޔަމިގިލީރަދުންގެ ޒިޔާރަތުގެތެރޭ މަހާނަފުޅުވަނީ (ކަނާތުންވާތަށް) ފުރަތަމަ ދިޔަމިގިލީރަދުންގެ އަނބިކަނބަލުން ކަނބާ އާމިނާއެވެ. ދެން ދިޔަމިގިލީރަދުންގެ މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުން ރަސްކަމަށް އިސްކުރުމުގެ ކުރީގެ އަނބިކަނބަލެއްކަމަށްވާ އާމިނަތު ބިންތި އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނެވެ. (އިބްރާހީމް ރަސްގެފާނުގެ އަނބިކަނބަލުން ޢާއިޝާ ކަނބާފާނު އަކީ ވެސް އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނުގެ ބޭފުޅެކެވެ.) އާމިނަތު ބިންތި އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނު އާއި ޖެހިގެންވަނީ ދިޔަމިގިލީ ބަންޑާރައިންގެ ދަރިކަނބަލުން ޢާއިޝާކަނބާ އެވެ. ދެން ދިޔަމިގިލީރަދުންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ސަންފާ ރަންދިކަނބާފާނުގެ އާމިނާދީދީގެ ޢާއިޝާ ރަނިކިލެގެފާނު(ކަކާގޭ ގޮމާ) އެވެ. ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން(ކަޅުބަންޑާރައިން)ގެ ދަރިކަނބަލުންނެވެ. ކަކާގޭ ގޮމައާއި ޖެހިގެން ދިޔަމިގިލީރަދުން މުޙައްމަދު ޢިމާދުއްދީނެވެ. މިރަދުންނާއި ޖެހިގެން ދެންހުރި މަހާނައިގެތެރޭ ލިޔުމެއްނެތްކަމަށް “މާލޭ ހުކުރުމިސްކިތް” ފޮތުގައިވެއެވެ.

 

Ibrahim Rasgefaanދިޔަމިގިލީ ރަދުންގެ އަނބިކަނބަލުން އާމިނާ ކަނބައިދިކިލެގެފާނު (އިބްރާހީމް ރަސްގެފާނުގެ މަންމާފުޅު) ވަނީ އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގައި ކަމަށް “މާލޭ ހުކުރުމިސްކިތް” ފޮތުގެ 291 އަދި 342 ވަނަ ޞަފުޙާގައިވާ އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގެ ފޮޓޯ ލިޔުމާއި، އެ ޒިޔާރަތުގައިވާ މަހާނަފުޅުތަކުގެ ގައުތަކުގެ ލިޔުމުގައިވެއެވެ. މިޒިޔާރަތުގައި އިބްރާހީމް ރަސްގެފާނުގެ މަންމާފުޅު އާމިނާ ކަނބައިދިކިލެގެފާނާއި ޖެހިގެންވަނީ އިބްރާހީމް ރަސްގެފާނެވެ. ދެން އިބްރާހީމް ރަސްގެފާނުގެ އަނބިކަނބަލުން ޢާއިޝާ މަނިކުފާނު(ޢާއިޝާ ކަނބާފާނު) އެވެ. ދެން ސުލްޠާން ޣާޒީ ޙަސަން ޢިއްޒައްދީނެވެ.

ދިޔަމިގިލީ ރަދުންގެ އަނބިކަނބަލުން އާމިނާ ކަނބައިދިކިލެގެފާނު (އިބްރާހީމް ރަސްގެފާނުގެ މަންމާފުޅު) ފަސްދާނުލާފައިވާ ތަނެއް ރަނގަޅަށް ލިޔެފައިވަނީ “ދިވެހިތާރީޚު” ފޮތާއި، “މާލޭ ހުކުރުމިސްކިތް” ފޮތާއި ދެފޮތުންކުރެ ކޮން ފޮތެއްގައިތޯ މިލިޔުންވިދާޅުވާ ބޭފުޅުންނަށް އެނގިވަޑައިގެންފިނަމަ މިލިޔުމުގެ ބޭނުންފުދުނީއެވެ. މިދެންނެވި ކަންތައް ރަނގަޅަށް ލިޔެފައިވަނީ އޭގެތެރެއިން ކޮންމެ ފޮތެއްގައި ކަމަށް ވިއަސް މި ދެ ފޮތަކީވެސް އަޅުގަނޑުމެންނަށް އެހާމެ ބޭނުންތެރި ފޮތްތަކެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *