އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 4

ޔޫސުފު ނާއިބު އަވަހާރަވުން

ޔޫސުފު ނާއިބު އަވަހާރަވީ މީލާދީން 1168 ވަނަ އަހަރު މީދޫގައެވެ. އޭރު އުމުރުފުޅުން 64 އަހަރެވެ. އަވަހާރަވީ މުޅި ދެކުނުގެ ހުރިހާ ރަށަކުން ފަސް ވަގުތު ބަންގީގެ އަޑު އިވޭން ފެށިތާ ސޯޅަ ވަރަކަށް އަހަރު ފަހުންނެވެ. ހަނގުރާމަތައް ނިމުނުތާ ސޯޅަ ވަރަކަށް އަހަރު ފަހުންނެވެ. އެކަލޭގެފާނުގެ އުމުރުގެ ފަހު ދިހަ އަހަރު މުޅިންވެސް ހޭދަކުރެއްވީ މީދޫ މާމިސްކިތުގައި ދީނީ އިލްމު ކިޔަވައިދެއްވުމުގެ މަސައްކަތުގައެވެ.

ޔޫސުފު ނާއިބު އަވަހާރަވީ އެކަލޭގެފާނުގެ އުސްތާޒު އަދި ސޫފީ ތަރީގާގެ ބާނީ އަބްދުލްގާދިރު ޖީލާނީ އިރާގުގެ ބައުދާދުގައި އަވަހާރަވިތާ ދެ އަހަރު ފަހުންނެވެ. މިޚަބަރު ޔޫސުފު ނާއިބަށް ލިބިވަޑައިގަތް ކަމަށް ބެލެވެނީ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭރު ހަޒުރަމައުތާއި އައްޑޫއާއި ދެމެދު ދަތުރުފަތުރުގެ ވާފަށެއް އޮތީ ގާއިމު ކުރެވިފައެވެ. އަދި ޔޫސުފު ނާއިބުގެ އަރިހުން އިލްމު އުގެނިގެން އެއަށްވުރެ މައްޗަށް ދީނުގެ ކަންކަން އޮޅުން ފިލުވުމަށް ޔަމަނުގެ ޒަބީދަށް ދިއުންވެސް އޮތީ ފެށިފައެވެ.

ޒަބީދަކީ ޔަމަނުގެ އެންމެ ހުޅަނގު ދެކުނު ބިތުގައި އޮންނަ ރަށެކެވެ. އޭރު މިއީ ތައުލީމުގެ މުހިއްމު މަރުކަޒެކެވެ. އެއީ ހަޒުރަމައުތަށް ވުރެވެސް މާ ހުޅަނގެވެ. އެހެންވީމާ ވީހާވެސް ދުރަށް ދިއުމޭ ބުނުމުގެ މާނައިގައި ޒަބީދަށް ދިއުމޭ ބުނެ އުޅެއެވެ. އަދި ތަނެއްގެ ދުރުކަން ބަޔާންކޮށް ދިނުމަށް ޒަބީދެ ކޮޅުގައޭ ކިޔައި އުޅެއެވެ. މިއީ މިހާރުވެސް އައްޑޫ ފުވައްމުލަކުގައި ބޭނުންކުރާ ބަހެކެވެ. މިބަސް ފެށިފައި އޮތީ ޔޫސުފު ނާއިބުގެ ޒަމާނުގައި އިލްމު އުގެނުމަށް ޒަބީދަށް ކުރި ދަތުރުތަކުގެ ތެރެއިންކަމަށް ގަބޫލު ކުރެވެއެވެ.

މީދޫގައި އެންމެ ފުރަތަމަ ކިޔުނު ފާތިހާއަކީ އަބްދުލްގާދިރު ޖީލާނީ އަވަހާރަވި ޚަބަރު ލިބުމާއި ގުޅިގެން އެކަލޭގެފާނުގެ މައްޗަށް ޔޫސުފު ނާއިބު ވިދާޅުވި ފާތިހާއެވެ. މިފާތިހާ އެކަލޭގެފާނާއި ހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް އަންނަނީ ކިޔަމުންނެވެ. އެ ފާތިހާގައި ثم الي روح سيدناالقطب الرباني والغوث الصمداني الشيخ سلطان الاولياء محى الدين عبد القادر الجيلاني މިތަންކޮޅު ހިމެނިގެންވެއެވެ. އަދި ثم الي ارواح سداتناالصوفيةاولياءالله تعالى من مشارق الارض މިހެންވެސް އޮވެއެވެ. ހަމައެޔާއިއެކު ثم الي روح سيدناالفقيه المقدم محمدابن على باعلوى މިހެންވެސް އޮވެއެވެ.

މި ޖުމްލަތަކުގެ މާނައަށް ވިސްނާއިރު އަބްދުލްގާދިރު ޖީލާނީއަކީ އަހަރެމެންގެ ސާހިބާ އަދި އުސްތާޒުކަމަށް އެބައޮވެއެވެ. އަދި އެއީ ވަލީވެރިންގެ ސާހިބާ އަދި ރަސްގެފާނު ކަމަށްވެސް އެބައޮވެއެވެ. ހަމައެހެންމެ ސޫފީ ތަރީގާގެ ވާހަކަވެސް އެބައާދެއެވެ. ބާއަލަވީންގެ އިމާމުގެ ވާހަކަވެސް އެބައާދެއެވެ. މިޖުމްލަތަކުން ސާބިތުވެ ޔަގީންވަނީ އަބްދުލްގާދިރު ޖީލާނީއަކީ ޔޫސުފު ނާއިބުގެ އުސްތާޒެއްކަމާއި ޔޫސުފު ނާއިބަކީ ސޫފީ ތަރީގާ ފެތުރުމުގައި އަބްދުލްގާދިރު ޖީލާނީގެ ވާގިވެރިއެއްކަމެވެ. ހަމައެޔާއެކު ޔޫސުފު ނާއިބަށްފަހު ވެސް ޔަމަނުގެ ހަޒްރަމައުތާއި އައްޑޫ ފުވައްމުލަކާއި މުއާމަލާތު ހިގަމުން އައިކަމެވެ. މުގައްދިމް މުހައްމަދު ބިން އަލީ ބާއަލަވީއަކީ ގާދިރީ ތަރީގާއަށްފަހު ހަޒްރަމައުތުގައި އުފެދުނު މިފަދަ އެހެން ތަރީގާއެއްގެ ބާނީއެވެ.

ފާތިހާގެ ބޮޑުބައި ފެށިފައި މިއޮތީ ޔޫސުފު ނާއިބާއި ހަމައިންނެވެ.   އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގައި  މި ފާތިހާ ކިޔަމުން އައިސް މުޅިރާއްޖޭގައި ކިޔޭ ފާތިހާއަކަށް ބަދަލުވީ އަފްޒަލުލް މަރާބިހި ފީ ކައިފިއްޔާތިލް ފަވާތިހި މިނަމުގައި ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ނާއިބު ތުއްތު އެކުލަވައިލެއްވި ފާތިހާ ފޮތުގެ ސަބަބުންނެވެ. މި ފާތިހާތައް ނާއިބު ތުއްތު ދަސްކުރެއްވީ އޭނާގެ އުސްތާޒު މީދޫ އަލްގާޒީ އިބްރާހިމް މަޖްދުއްދީނުގެ އަރިހުންނެވެ. މަޖުދުއްދީނު ދަސްކުރެއްވީ އިހުއްސުރެ މީދޫގައި ކިޔަމުން އައި ފާތިހާތަކުންނެވެ. ނައިބު ތުއްތުގެ މިފޮތުގެ ކުށްފިލުވައި އިސްލާހު ކުރައްވާފައިވަނީ ފަހުން ހުސައިން ސަލާހުއްދީނެވެ.

ޔޫސުފު ނާއިބު ފަސްދާނުލެވިފައިވަނީ ކޯގަންނު މެދުޒިޔާރަތުގައެވެ. އެކަލޭގެފާނުގެ މަގުބަރާގެ މަތީގައި ޒިޔާރަތެއް ހެދީ މާފަހުންނެވެ. އަދި އެޒިޔާރަތުގެ ކައިރީގައި މިސްކިތެއް ބިނާކޮށް އެއީ ޒިޔާރަތް މިސްކިތް ނުވަތަ ކޯގަންނު މިސްކިތްކަމުގައި ނަންދިނީވެސް މާފަހުންނެވެ.

މެދުޒިޔާރަތާއިމެދު ދެތިން ބަހެއް
މެދުޒިޔާރަތުގައި ޔޫސުފު ނާއިބުގެ އިތުރުން ތިން ބެއިކަލަކާއި ދެ އަންހެން ކަނބަލަކު ފަސްދާނު ލެވިފައިވެއެވެ. މި ޒިޔާރަތުގެ ހުޅަނގުފަރާތު ދޮރު ކައިރީގައި ވަނީ ދެ ފިރިހެން ބެއިކަލެކެވެ. ދެން އަންހެން ކަނބަލެކެވެ. އެއަށްފަހު އަނެއްކާވެސް ދެ ފިރިހެން ބެއިކަލެކެވެ. ދެން އަންހެން ކަނބަލެކެވެ. މިއީ ޔޫސުފު ނާއިބާއި އެކަލޭގެފާނުގެ އައުލާދުގެ ބޭފުޅުންނެވެ. ކަޅިހާރު ފަސްދާނުލެވިފައިވަނީ ބޯދާ މިސްކިތުގެ ކައިރީގައެވެ.

ޔޫސުފު ނާއިބުގެ އައުލާދުގެ ބޭފުޅުން ފަސްދާނުލުމަށް ފަހުން ބޭނުން ކުރެވުނީ މި ޒިޔާރަތާއި ޔޫސުފު ނާއިބު ކޯގަންނުގައި އެންމެ އިހަށް ބިނާކުރެއްވި ބޯދާ މިސްކިތް ނުވަތަ ގާދިރީ މިސްކިތާއި ދެމެދުން ތަންކޮޅެއް ހުޅަނގުގައިވާ އޭރިޔާއެކެވެ. ކަޅިހާރުގެ ކުދީންނާއި އެއައުލާދުގެ މީހުން ފަސްދާނުލުމަށް ބޭނުން ކުރެވުނީ ކޯގަންނުގެ އެންމެ އުތުރުކޮޅެވެ. އެ އޭރިޔާގައި ފަހުން އެއުލާދުގެ މީހުން މިސްކިތެއް ބިނާކޮށް އަތަހަރާ މިސްކިތޭ ކިޔައި ނަންދިނެވެ. މި އަތަހަރާގެ އަސްލަކީ ޔޫސުފު ނާއިބުގެ އަނބި އެޅެދިހަރާގެ މަންމަ އަތަހަރާއެވެ. އޭނާގެ ނަމަށްވެސް މިސްކިތެއް ބިނާކުރީއެވެ. ދޮން އީސާކަލޭގެފާނާއި މާވަޑިތަކުރުފާނާއި ދެ ބޭކަލުން މި މިސްކިތް ބިނާކުރުމަށްފަހު މި މިސްކިތުގެ ބޯގަ ބަހައިލީ ބާރަ ބަޔަށެވެ.

ޔޫސުފު ނާއިބުގެ މަހާނަ ވަށައިގެން ހިރިގަލުން ފާރެއް ރާނުއްވައި ބިސްތާނެއްގެ ސިފަ އެންމެ ފުރަތަމަ ގެންނެވީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ ދަރިކަލުން މަހުމޫދު ނާއިބެވެ. މިކަމެއް ކުރެވުނީ މީލާދީން 1210 ގައެވެ. މިސިފަޔަށް މިތަން ހުންނަތާ އެތައް ސަތޭކަ އަހަރެއްފަހުން މި ބިސްތާނުގެ ފާރު އާކޮށް ބޮޑުކުރެވުނީ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދޮން ފާތިމާގެ ދޮން މުހައްމަދު އެދުރު ތަކުރުފާނުގެ އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރު ތަކުރުފާނުގެ ދޮން ހުސައިން ޚަތީބު ތަކުރުފާނުގެ ދޮން މުހައްމަދު ޚަތީބު ތަކުރުފާނުގެ ދޮން އަލީ އެދުރު ތަކުރުފާނުގެ ދޮން މަހުމޫދު ނާއިބު ތަކުރުފާނުގެ ދޮންބުބޫގެ ދޮންފާތުމާގެ ކެއުޅާރި ހައްވާބީގެ ދިޔަރެހިގެދަރު ސަންފާބީގެ މީދޫ މުހައްމަދު ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދައުރުގައި 1638 ގައެވެ. އެފަހަރު އާކުރުމަށްފަހު ބޮޑުރަސްގެފާނު ފަތްތޫރަ ހިންގެވިކަމަށް އެގިގެންވެއެވެ. މާލޭގައި ހުންނަ މެދުޒިޔާރަތް ފަދައިން މީދޫ ޒިޔާރަތަކީވެސް ދައުލަތުން ބަލަހައްޓާ އަދި ހުރުމަތްތެރިވެގެންވާ ތަނެކެވެ.

މި އާކުރުމަކަށްފަހު ޒިޔާރަތެއްގެ ސިފަ ގެނެސް ވަށައިގެން ދިދަޖަހައި ގަދަރުބޮޑު ސިފަޔަކަށް ގެންނެވީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ އެންގެވުމަކަށް 1888 ގައެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނު މިއެންގުމެއް އެންގެވީ އަދި މިކަމަށް ޚަރަދުވެސް ކުރެއްވީ މަޝްހޫރު ބޮޑު ހުޅާއި ގުޅިގެން އެކިލެގެފާނު އައްޑޫ ހުޅުދޫއަށް އަރުވާލެވިފައި ހުންނެވި ދުވަސްވަރު ޔޫސުފު ނާއިބުގެ ބިސްތާނުގެ ކައިރިއަށް ވަޑައިގެން ވިދާޅުވި ނަދުރެއް ފުއްދެވުމުގެ ގޮތުން ކަމަށް ކިޔައި އުޅެއެވެ. އެނަދުރަކީ އަވަސްގޮތަކުން ސަލާމަތްވެ އިހު ހުންނެވި މަގާމަށް ވަޑައިގެންނެވިއްޖެނަމަ ޔޫސުފު ނާއިބުގެ މަގުބަރާއަށް މާލޭގައި ހުންނަ މެދުޒިޔާރަތުގެ ދަރަޖަ ދެއްވުމުގެ ނަދުރެކެވެ. މިނަދުރެއް ވިދާޅުވިތާ ސާޅީސްވަނައަށް ވީދުވަހު އިނގިރޭސި މަނަވަރެއް އައްޑޫއަށް ގޮސް އެކިލެގެފާނު މިންޖުކޮށްގެން މާލެދާން ފުރިއެވެ.

މި ޒިޔާރަތް ހިޔައުކޮށް އިމާރާތެއްގެ ސިފަ ގެންނެވީ 1950 ގެ އަހަރުތަކުގެ ތެރޭގައި ހިތަދޫ އެޅެދީދީގެ އަލި ދީދީގެ އަބްދުﷲ އަފީފެވެ. މީނާއަކީ ޔޫސުފު ނާއިބުގެ އައުލާދުގެ ބެއިފުޅަކަށްވެފައި އެދުވަސްވަރު މިކަހަލަ ކަމެއް ކުރުމުގެ ފޯރުންތެރިކަން ހުރުމުގެ ސަބަބުން މިކަމަށް އިސްނެންގެވީ ކަމަށް ހީކުރެވެއެވެ.

މެދުޒިޔާރަތާއި ގުޅުވައިގެން ދެކެވޭ ވާހަކައެއް އޮވެއެވެ. ޒިޔާރަތުގެ ކުރިމަތީގައި މިހާރު ޖަހާފައިވާ ހައިވަކަރު ދިދަ ދަނޑިއަކީ އެ ޒިޔާރަތާ ދިމާލުން ކޯގަންނު އަތިރިމައްޗަށް ލެއްގި ދަނޑިއެއް ކަމަށް ބުނެވެއެވެ. މިއީ އެ ޒިޔާރަތުގެ ކަރާމާތުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ވެސް ބުނެވެއެވެ. ދޫދޫ މަތިން ކިޔެމުން އަންނަ ގޮތުގައި އެ ދިދަ ދަނޑިއަކީ މެދުޒިޔާރަތަށް ދިދަ ދަނޑިއެއް ހަދާން ވެގެން ނިރޮޅުން ދިދަ ދަނޑިއެއް ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ހަމަ ކުއްލިއަކަށް ލެއްގި ދަނޑިއެކެވެ، މިކަމެއް ހިގާފައިވަނީ މީގެ ތިންސަތޭކައެއްހައި އަހަރު ކުރީންނެވެ.

މިކަހަލަ ވާހަކަތަކާއި ގުޅިގެން ރަށު މީހުން އިހު ކޯގަންނަށް ވަދެ ނިކުމެ ހަދަނީ ވަރަށްވެސް ބޮޑު ހުރުމަތެއް ބަހައްޓައިގެންނެވެ. ރާއްޖޭގެ ވެރިކަމުގައި މުހައްމަދު އަމީނު ހުންނެވި ދުވަސްވަރު މީދޫއަށް ވަޑައިގެންފައި ހުދުކުލައިގެ ސޯޓެއް ތުރުކުރައްވައިގެން މުހައްމަދު އަމީނު ކޯގަންނަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ރަށު މީހުން އެކަމަށް ހުރަސްއެޅިކަމަށް ކިޔައެވެ. ފަހުން މުހުއްމަދު އަމީނު ކޯގަންނަށް ވަޑައިގަތީ މުންޑެއް ތުރުކުރައްވައިގެންނެވެ. ހަމައެގޮތަށް ރަށު މީހުންގެ ތެރޭގައި ފަޓުލޫނު އާއްމުވުމުގެ ކުރިން ފަޓުލޫނެއްގައިވެސް މީހަކު ކޯގަންނަށް ނުވައްދާ ކަމަށްވެއެވެ. ފަޓުލޫނުގައި ވަންނަން އުޅުނު ރަށު މީހުން ބޭރު ކުރި ވާހަކައެއްވެސް ކިޔައި އުޅެއެވެ. އެކަމަކު މިއީ މިހާރު އޮންނަ އާދައެއް ނޫނެވެ.

ޔޫސުފު ނާއިބުގެ ތަރިކަ
ޔޫސުފު ނާއިބު މީދޫއަށް ލެއްގުމަށްފަހު އަވަހާރަވުމާއި ހަމައަށް ދުނިޔޭގައި ހޭދަކުރެއްވި ސާޅީސް ތިން އަހަރުގެ ތެރޭގައި އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫއަށް މައިގަޑު ފަސް އެއްޗެއް އެކަލޭގެފާނުގެ ތަރިކައިގެ ގޮތުގައި ދޫކުރެއްވިއެވެ. ފުރަތަމަ އެއްޗަކީ މާތްވެގެންވާ އިސްލާމް ދީނެވެ. އެއްކައުވަންތަކަމުގެ ދީނެވެ. ދެވަނަ އެއްޗަކީ ދީނުގެ އިލްމެވެ. ޚާއްސަކޮށް ފިގުހު އިލްމެވެ. ތިންވަނަ އެއްޗަކީ އެކަލޭގެފާނުގެ އައުލާދެވެ. އެކަލޭގެފާނުގެ އާއިލާއެވެ. ހަތަރު ވަނަ އެއްޗަކީ ނަސަބުގެ އިލްމެވެ. ފަސްވަނަ އެއްޗަކީ އެކަލޭގެފާނު ތައާރަފު ކުރެއްވި ބައެއްކަހަލަ އާދަތަކެވެ.

ޔޫސުފު ނާއިބަކީ ޔަމަނުގެ ބޭފުޅަކަށްވިޔަސް އަދި ފިލާގަޑެއްގެ މަތީގައި ލެއްގި ބޭފުޅަކަށް ވިޔަސް އެކަލޭގެފާނަކީ ނަސަބުގެ އިލްމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި ބޭފުޅެކެވެ. މިކަމުގެ ހެއްކަކީ އެކަލޭގެފާނުގެ މަތިފުށް ޔަމަނުގެ ސުލައިމާނު ގާދިރީ އާއި ހަމައަށް ނުވަތަ އެއަށްވުރެވެސް މައްޗަށް ގެންދަވާތީއެވެ. އެކަލޭގެފާނުގެ މި އިލްމުގެ ސަބަބުން އެކަލޭގެފާނަށް ތަބާވީ މީހުންވެސް ހިމެނުނީ ނަސަބުގެ އިލްމަށް ލޯބިކުރާ ބަޔަކު ކަމުގައެވެ. މިއަދާއި ހަމައަށްވެސް މީދޫގައި ނަސަބުގެ އިލްމު ނުވަތަ ދަރިކޮޅުތައް ލިޔެ ރައްކާކޮށްގެން ގެންގުޅުމުގެ އާދަ ފެށިފައި އޮތީ މިގޮތުންނެވެ.

ޔަމަނުގެ ބެއިކަލަކަށްވާތީ ޔޫސުފު ނާއިބުގެ އުނަގަޑުގައި ވަޅިއެއް (ޖަންބިޔާއެއް) އަބަދުވެސް ގެންގުޅުއްވިއެވެ. މިޒާތުގެ ވަޅިއަށް އަރަބީންވެސް ކިޔަނީ ޖަންބިޔާއެވެ. ރާއްޖޭގެ ދެކުނުގައި ވެސް ކިޔަނީ ޖަންބިޔާއެވެ. މިއީ މިއަދުވެސް ޔަމަނާއި އޮމާނުގެ އާދައެކެވެ. ޔޫސުފު ނާއިބު މިކަން ކުރެއްވުމުގެ ސަބަބުން އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގައި ވަރަށް ފަހަކާއި ޖެހެންދެން އުނަގަނޑުގައި ވަޅި ގެންގުޅުމުގެ އާދަ ބައެއް މީހުން ދެމެހެއްޓިއެވެ. އަދި އެއީ ކުރީ ޒަމާނުގެ ފެޝަނެކެވެ. ފަގުޑި އެޅުމުގެ އާދަވެސް ފެށިފައި އޮތީ ޔޫސުފު ނާއިބާއި ހަމައިންނެވެ. މިއީވެސް ޔަމަނާއި ހަޒުރަމައުތުގެ އާދަކާދައިގެ ތެރެއިން ޔޫސުފު ނާއިބު ގެންނެވި އާދައެއްކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ.

ޔޫސުފު ނާއިބޭ ކިޔަން ފެށުނުގޮތް
ދުވަސްވަރަކީ ބުދު ދީނުގެ ދުވަސްވަރެވެ. އަރަބި ކަލާމުގެ އަސަރުވެސް ހުރި ޒަމާނެއް ނޫނެވެ. އެހެންވީމާ ހަމަ ކުއްލިއަކަށް މީހަކު ނާއިބަކަށެއް ނުވާނެއެވެ. އެނަމުން މުޚާތަބެއްވެސް ނުކުރާނެއެވެ. މީދޫއަށް ލެއްގީ އަރަބި ޒުވާނެކެވެ. ނަމަކީ ޔޫސުފު ގާދިރީ އެވެ. މިކަލޭގެފާނުގެ އަތްޕުޅު މައްޗަށް މީސްތަކުން އިސްލާމްވެ އިސްލާމީ ހުކޫމަތެއް ގާއިމް ކުރެވުނީމާ އެކަލޭގެފާނު އަމިއްލަފުޅަށް އިޚުތިޔާރު ކުރެއްވި ނަން ނުވަތަ ލަގަބަކީ ނާއިބެވެ. މިއީ އޭރު ރާއްޖޭގެ އެއްވެސް ބަޔަކު ދަންނަ ދަރަޖައެއް އަދި ލަގަބެއް ނޫނެވެ.

ޔޫސުފު ގާދިރީގެ އައުލާދުގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ނަމުގެ ފަހަތަށް ނާއިބު މިނަން އިތުރު ކުރެވިފައިވެއެވެ. އެކަލޭގެފާނަށް ކާފަ ވިދާޅުވާ ބޭފުޅުންގެ ތެރޭގައިވެސް ޔޫސުފަކު ހުންނެވިއެވެ. އަދި އެޔޫސުފުގެ ފަހަތަށް ނާއިބު އިތުރުކޮށްގެން ޔޫސުފު ނާއިބޭ ލިޔެވިގެންވެއެވެ. މިހެންވުމުން ދެ ޔޫސުފު ނާއިބު އޮޅި ތާރީޚު ލިޔާމީހުންގެ ތެރޭގައިވެސް ޚިލާފުތަކެއް އުފެދުނީއެވެ. މީދޫގެ އިހުގެ ލިޔުންތަކުގައި ޔޫސުފު ނާއިބު މިގޮތަށް ލިޔެފައި ވަނީ މަދުތަނެއްގައެވެ. ގިނައިން ލިޔެފައި ހުންނަނީ އަލްއާލިމް ޔޫސުފް އެވެ.

ޔޫސުފު ނާއިބުގެ ނަމާއިމެދު އަރާ އޮޅުން
ޔޫސުފު ނާއިބަށް މީދޫގެ އަނބިކަނބަލުން އެޅެދިހަރާ ނުވަތަ ހައްވާގެ ބަނޑުން ލިބިވަޑައިގަތީ އެންމެ ބޭފުޅެކެވެ. އެއީ ޔަހުޔާ ނާއިބެވެ. އެޅެދިހަރާ ނޫން އެހެން އަނބިކަނބަލަކު ނެތެވެ. އަދި ޔަހުޔާ ނާއިބު ފިޔަވައި ދަރިކަލަކު ދަރިކަނބަލަކުވެސް ނެތެވެ. މި ޔަހުޔާ ނާއިބު ފުރަތަމަ ކައިވެނި ކުރެއްވީ މީދޫ ކަނބަލަކާއެވެ. އެއީ އުހުނިޔަރު ފާތިންބޫ އެވެ. ލިބިވަޑައިގަތީ ދޮން ޚަދީޖާބޫ އެވެ. ދެވަނައަށް ކައިވެނި ކުރެއްވީ ފުވައްމުލަކު ބެއިކަނބަލަކާއެވެ. އެއީ ހޯދަޑު ބީފާނެވެ. އެބަނޑުން ލިބިވަޑައިގެންނެވީ ކުޑަ ޔޫސުފު ނާއިބެވެ.

ކުޑަ ޔޫސުފު ނާއިބު ކައިވެނި ކުރެއްވީ ފުވައްމުލަކު ހޯދަޑު ދޮންބުޅަލި ކަނބުލޭގެފާނާއެވެ. އެ ބަނޑުން ލިބިވަޑައިގަތީ އުމަރު ނާއިބާއި އަބޫބަކުރު ނާއިބާއި ހަސަން ޚަތީބާއި ދޮން އައިސާ ކަނބުލޭގެއެވެ. އުމަރު ނާއިބަށް ބޯދާ އަލްގެދަރި ނާއިބު ކަލޭގެފާނު އަދި އަބްދު ނާއިބާއި ނާއިބުކަލޭގެއޭ ވެސް ކިޔައެވެ. މިކަލޭގެފާނު މުލަކުގައި އުޅުއްވި ގޭގެ ނަމަކީ އަލްގެދަރެވެ. އެއީ މިހާރު މިސްކިތްމަގު އަވަށުގައި ހުންނަ ގެއެކެވެ. އުމަރު ނާއިބު ނުވަތަ އަބްދު ނާއިބު ޝަހީދުވީ އެކަލޭގެފާނު ދިގުވާނޑު ވޭރެގަމިގޭ މަގުން ވަޑައިގަންނަވަނިކޮށް ދުޝްމަނުންގެ މީހަކު ރުކެއްގައި އޮވެފައި މަޑަޔަކުން ދިން ނުރައްކާތެރި ހަމަލައެއްގައެވެ. މިކަލޭގެފާނު ފަސްދާނު ލެވުނީ ދިގުވާނޑުގައިވާ ޒިޔާރަތުގައެވެ.

އަބޫބަކުރު ނާއިބުކަލޭގެފާނާއި ދޮން ހަސަން ޚަތީބު ތިއްބެވި ގެއަށް ކިޔަނީ ހޯދަޑިގެއެވެ. އަބޫބަކުރު ނާއިބުކަލޭގެފާނު އަވަހާރަވެގެން ފަސްދާނު ލެވިފައިވަނީ ދަޑިމަގު އަވަށުގެ ގެއްމިސްކިތުގެ އިރުމަތީ ފަރާތުގައިހުރި ބިސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ.

މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވި ފުވައްމުލަކުގެ ވަނަވަރާއި ބެހޭ ލިޔުއްވުމުގައި ޔޫސުފު ނާއިބުގެ މަންމަޔާއި ބައްޕަޔަކީ ފުވައްމުލަކު ދެމަފިރިއެއްކަމުގައި ލިޔުއްވާފައިވެއެވެ. މިގޮތް ގޯހެއް ނޫނެވެ. އެހެނީ މިއީ ކުޑަ ޔޫސުފު ނާއިބެވެ. އަސްލު ޔޫސުފު ނާއިބުގެ ކާފަ ދަރިކަލުންނެވެ. މަންމަޔަކީ ފުވައްމުލަކު ބެއިކަނބަލެކެވެ. ފުވައްމުލަކު އިބްރާހިމް ސައީދު ލިޔުއްވި ފުވައްމުލަކުގެ ތާރީޚާއި ބެހޭ ލިޔުއްވުމެއްގައި ޔޫސުފު ނާއިބުގެ ބައްޕަޔަކީ މީދޫ ޔަހުޔާ ނާއިބޭ ލިޔުއްވާފައިވެއެވެ. މިގޮތްވެސް ރަނގަޅެވެ. އެހެނީ ކުޑަ ޔޫސުފު ނާއިބަކީ މީދޫއަށް އުފަން ޔަހުޔާ ނާއިބުގެ ދަރިކަލުންނެވެ. ކޮންމެއަކަސް ޔޫސުފުތައް ގިނަވެގެން އިހަށް ލިޔެވުނު ދެ ޔޫސުފު ނާއިބު އޮޅުމުގެ ނަތީޖާއެއްގެ ގޮތުން ކުޑަ ޔޫސުފު ނާއިބުގެ ހަތަރު ބޭފުޅުންވެސް ބޮޑު ޔޫސުފު ނާއިބުގެ ބޭފުޅުންގެ ގޮތުގައި ލިސްޓު ކުރެވި ބޮޑު ޔޫސުފު ނާއިބު ފުވައްމުލަކުން ކައިވަންޏެއް ކުރެއްވި ކަމަށް ނިންމައި ހަގީގަތެއް ނެތް ވާހަކަތަކެއް ލިޔެވިގެން ގޮސްފައިވެއެވެ.

އެންމެ އިހަށް ލިޔުނު ލިޔުންތަކުގައި ބޮޑު ޔޫސުފު ނާއިބާއި ކުޑަ ޔޫސުފު ނާއިބު މިގޮތަށް ނުލިޔުމަކީ މި އޮޅުމެއްގެ އަސްލެވެ. މުހައްމަދު އިބްރާހިމް ލުތުފީ އާއި އިބްރާހިމް ސައީދު ލިޔުއްވާފައިވަނީ ކުޑަ ޔޫސުފު ނާއިބުގެ ވާހަކައެވެ. މީދޫގެ ތާރީޚީ ލިޔުންތަކާއި މި ލިޔުމުގައި މިލިޔަނީ ބޮޑު ޔޫސުފު ނާއިބުގެ ވާހަކައެވެ. ބޮޑު ޔޫސުފު ނާއިބާއި ކުޑަ ޔޫސުފު ނާއިބު މިގޮތަށް އިހުގެ އެއްވެސް ލިޔުމެއްގައި ނެތެވެ. މީގައި މިގޮތަށް މިލިޔަނީ އަލަށެވެ. ބޭނުމަކީ ފަހުން ވެސް މިޒާތުގެ އޮޅުމަކަށް ފުރުސަތު ނުދިނުމެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!