ގާފަރު ކަޅުއުނބުށޭމު އައްޑޫގައި ހިންގި ވެރިކަމުގެ ވާހަކަ 1

އެއީ ދިވެހިތާރީޚުގައި މަޝްހޫރު ބުރަކިރަނިންގެ ލޯބިވެރިޔާ ކަޅުމުހައްމަދުގެ ރަސްކަމުގެ ދުވަސްވަރެވެ. ކޮއްކޯފުޅު ދޮންބުޅާފާށަނާ ޝަހީދުކޮށް ބުރަކިރަނިންގެ ހިތަށް ފިނިކަން ގެނައުމަށްޓަކައި ގެނެވުނު އިންގިލާބުގެ ކުރީދުވަސްކޮޅެވެ. އެއީ އިންޑިޔާގެ ގޯއާގައި ހުންނެވި ޕޯޗުގީޒް ވައިސްރޯއި އަލްފޮންސޯ ޑިއަލްބަކާ އިސްލާމުންނާއި ދެކޮޅަށް އޭޝިޔާގައި ވަރުގަދަ ހަނގުރާމައެއް ކުރި ދުވަސްވަރެވެ. ރާއްޖޭގެ ރަށްރަށުގެ ފަރުމައްޗަށް ނައުފަހަރު އުރުން ގިނަ ދުވަސްވަރެކެވެ.

ރަސްކަމުގެ ތަޚުތުގައި ކަޅުމުހައްމަދު ބޭންދުމަށް އެންމެބޮޑަށް މަސައްކަތްކުރީ ގާފަރު ކަޅުއުނބުށޭމު ކަމުގައިވިޔަސް މިއުނބުށޭމަކު ހުންނަނީ އެހެލައިފައި ވަކިމަސައްކަތެއް ނެތިއެވެ. ފާށަނާތަކުރުކަމަށް ކޮލިލައިފައި ހެންވޭރު ކެޔޮގޯތި ދީފައި އެގޯތީގައި ފައްކާ ގެއެއް އަޅައިފައި މީނާ އެގޭގައި އަރާމުކުރަން ހުންނަނީއެވެ. ކެޔޮގޯއްޗަކީ މިހާރު އެހެރަ ސޯސަންގެއެވެ. ކަޅުއުނބުށޭމަކީ ފަރުފަރަށް އުރޭ ނައުޒޯގުފަހަރު އަތުލައިގަތުމަށް ނިކަން ކެތްމަދު މީހެކެވެ. އެއިން އެއްވެސް ނަވަކާއި ހަނގުރާމައަށް މީނާ ދިޔުމުގެ އިޒުނަ ރަސްގެފާނުގެ ފަރާތުން ނުލިބޭތީ މީނާ ހުންނަނީ ހިތް ހަމަނުޖެހިފައެވެ. ރަސްގެފާނުގެ ފަރާތުން މިއިޒުނަ ނުލިބުމުގެ ސިއްރަކީ ކަޅުއުނބުށޭމަކީ ހަނގުރާމައެއްގައި ވިއްޔާ ހަމައެއްލަމައެއް ގެންގުޅޭ މީހަކަށް ނުވުމާއި މީހުން ގަތުލުކުރުމަށް މީނާގެ ދެވިހިފުން ބޮޑުކަމުންނެވެ.

ކެޔޮގޯތީގައި ވަކިޒިންމާއެއް ނެތި ކަޅުއުނބުށޭމު މިހެންހުރި ހުރުމުގައި އެއްދުވަހަކު މާތިލައިން ވަދެގެން މާލެ އައި ދެކުނުގެ އޮޑިއެއްގެ މީހުންނާ މީނާޔާ ދިމާވެއްޖެއެވެ. އޮޑީގެ މީހުން ބުންޏެވެ. އައްޑުވަށް ޕޯޗްގީޒުންގެ ނަވެއް ވަދެގެން ވަރަށް ކަންތައް ބޮޑެވެ. ދިވެހީންނަށް ރާބޯންދީ ރަށްތައް ލޫޓުވައި މީހުންމަރައި ހަދާތީ އެވާހަކަ ރަދުންނަށް ދަންނަވާން އައި އޮޑިއެކެވެ. އޮޑީގެ މީހުންނަށް ކަޅުއުނބުށޭމު އެންގިއެވެ. ތިޔަ ވާހަކަ އިތުރު އެއްވެސް ބައެއްގެ ކާރީގައި ބުނާނެކަމެއް ނެތެވެ. ކޮންމެހެން ރަދުންނަށްވެސް އަންގާނެ ކަމެއްނެތެވެ. އަހުރެން ތިޔަކަމާ މިއުޅެނީއެވެ.

މިހެން ބުނެފައި އަވަސްއަވަހަށް ކެޔޮގޯއްޗަށް ގޮސް ހަނގުރާމައިގެ ދަހަނާ އަޅައި ކަނޑިއައްޑަނަ ހިފައިގެންގޮސް ފަޅުގައިއޮތް ފާށަނާ ބޮޑުއޮޑިއަށް އަރައި އަމުރުކޮށްފިއެވެ. ހަމަމިހާރު ފުރަންވީއެވެ. އޮޑި ފުރައިފިއެވެ. މީނާ މާލެއިން ފުރީ ކަޅުމުހައްމަދު ރަސްގެފާނާއި ބުރަކިރަނިންއަށް އަންގާވެސް ނުލައެވެ. އޮޑި ދަތުރުކޮށްފައި ދިޔައީ އައްޑުއަށެވެ. އޭރު ޕޯޗުގީޒުންގެ ނަވެއް އައްޑޫ ގަމުގެ ދެކުނުފަރާތުން ފުއްޓަރަށް އުރިފައިވެއެވެ. ނައު އުރުނުތަނަށް އައްޑޫ މީހުން މިހާރުވެސް ކިޔަނީ ނައު އުރުނު ހަޖަރެވެ.

ގަމުގެ ފަރުމައްޗަށް އުރުނު ނަވަކީ ޕޯޗްގީޒު ރަސްކަމުގެ އަންހެންސާހިބަކު ހުންނެވި ނަވެކެވެ. ކާންޒީކަމަނާގެ ނަމުން މަޝްހޫރު މި އަންހެންސާހިބަކީ ނަސްލުގެ ކޮންމެވެސް ހިސާބަކުން ރާއްޖެއާ ގުޅުންހުރި މީހެއްކަމަށްވެއެވެ. އައްޑޫއާއި ގާތްވެފައި ނަވުގެ ފަޅުވެރިންނަށް މިކަމަނާ އެންގިއެވެ. މިއީ ތިމަން ކަމަނާގެވެސް ރާއްޖެއެވެ. ކަލޭމެން ރަށްރަށަށް އަރައި ކުރާނެކަމެއް ކުރިއަސް އެންމެރަނގަޅެވެ. މިއިޒުނަ ލިބުމުން ފަޅުވެރީން ރަށްރަށަށް އަރައި ލޫޓުވައި ހިތްއުފާކޮށް ހަދަންފަށައިފިއެވެ. މި މުސީބާތް ބޮޑުވެގެން އައްޑޫ މީހުން ދުއާއެއް ކޮށްފިއެވެ. މި ދުއާއެއް ކުރިތާ ދުވަސްކޮޅެއްފަހުން އައި ބޮޑުވިއްސާރައެއްގައި މިނައު ގަމުގެ ދެކުނުފަރާތުން އޮންނަ ހުރާގަނޑެއްގެ މައްޗަށް އުރުނީއެވެ.

ކަޅުއުނބުށޭމު ދަތުރު ހަދައިގެން އައްޑުވަށް ދިޔައިރު ކާންޒީކަމަނާގެ ނައު ހުރީ މިބީދައިން ފަރުމަތީގައެވެ. މީނާ ތަންކޮޅެއްކުރީގައި ބުރަކިރަނިންއާއެކު އައްޑުވަށް ދިޔަ ވާހަކަ ކުރީގެ ބާބެއްގައި ބަޔާންކުރެވިއްޖެއެވެ. އެފަހަރު ދިޔައިރުވެސް ހިތަދޫ އޮތީ ފަޅުވެފައެވެ. އެއީ ހިތަދޫ ފަޅުވި ހަވަނަ ފަހަރެވެ. ހިތަދޫ ކޯއްޓޭއަށް ފައިބައި އެހެން ރަށްރަށުން މީހުން ގެނެސްގެން ދިވެހިރަސްކަމާ ތޮޅޭނެ ގޮތާއިމެދު ކުރީފަހަރު އޮތީ ސައްލާވެސް ކުރެވިފައެވެ. މިފަހަރު ދިޔައިރުވެސް ހިތަދޫ އޮތީ ފަޅަށެވެ. އެހެންވީމާ ކަޅުއުނބުށޭމު އެންމެ ފުރަތަމަ ފޭބީ މީދޫއަށެވެ. ކުރީފަހަރު މީނާޔާއި ބުރަކިރަނިންއަށް ބައިއަތު ހިފައިގެން އަހުދުކަށަވަރުކަންމަތީގައި ތިބީވެސް މީދޫ މީހުންނެވެ.

ކަޅުއުނބުށޭމު މީދޫއަށް ފައިބައި ޚަބަރުދަބަރު އޮޅުންފިލުވައި ހަދައިގެން ފަންސާހަކަށް މީހުންގެ ލަޝްކަރެއް އެރަށުން ނަގައިގެން މިސްރާބުޖެހީ ގަމަށެވެ. މި ލަޝްކަރު ފުރިހަމަ ހަތިޔާރާއެކު ނަވަށް އަރައި ވަކިގޮތެއް ނުބަލައި ހިތުހުރިގޮތަކަށް މީހުން ގަތުލު ކޮށްފިއެވެ. ނަވުގެ އެކިތަންތަން ބަލައި ފާސްކުރަމުން ދަނިކޮށް ތަޅުލާފައި ހުރި ކޮޓަރިއެއް ކަޅުއުނބުށޭމަށް ފެނިގެން ދޮރުގައި ފައިން ޖެހިޖެހީނުން ދޮރު ވައްޓާލައިފައި އެތެރެޔަށް ވަދެއްޖެއެވެ. މީނާއަށް ކޮޓަރިތެރެއިން ފެނުނީ ވަރަށްވެސް ރީތި އަންހެނެކެވެ. އެއީ މީނާ ދަންނަ އަންހެނެކެވެ. ބުރަކިރަނިން ގޮވައިގެން ގޯއާއަށް ގޮސް ގޯއާގެ ވައިސްރޯއިގެ މެހުމާންދާރީގައި ތިބިދުވަސްވަރު ވައިސްރޯއިގެ ދަރުބާރުން ނިކަން ގިނައިން ފެނިފައިހުރި އަންހެނެކެވެ. ވައިސްރޯއީއާ ތިމާގެ އަންހެނެކެވެ.

މިކަމަނާ ފެނުމާއެކު އެއީ ގޯއާގެ ވައިސްރޯއިގެ ކޮއްކޮ ޚާދުޒީދި ކަމަނާކަން ކަޅުއުނބުށޭމަށް އެނގިއްޖެއެވެ. ތަފާތު ގޮތްގޮތަށް މިކަމަނާގެ ނަން ދިވެހީން ކިޔައި އުޅެއެވެ. އެގޮތުން ޚާންޒީގެދި ކަމަނާ، ކާންޒީގެދި ކަމަނާ ނުވަތަ ޚާދުޒީދި ކަމަނާއޭވެސް ކިޔައެވެ. ކަޅުއުނބުށޭމުގެ އަތުގައި އޮތް ކަނޑި ކަންފަތް މައްޗަށް ދަމާލާފައި ބުންޏެވެ. ކަމަނާއެއްކަމަކު މަށަށް މައްސަލައެއްނެތެވެ. އިސްލާމްވެގެން މަށާއެކީ އުޅެން އެއްބަސްނުވާނަމަ ކަމަނާވެސް މަރައިލާނީއެވެ. މިކަމަނާގެ ފިރިމީހާވެސް ކަޅުއުނބުށޭމުގެ ކަނޑިން ގަތުލުކުރި މީހުންގެ ތެރޭގައި ވަނީ ހިމެނިފައެވެ. މިކަމަނާގެ ބަނޑަށް އޭރު ފަސްމަހެވެ. ކޮންމެއަކަސް މިކަމަނާ ގަންނާކުރެއްވި ބިރަކުން ރުހެމޭރުހެމޭ، އަހަރެން ނުމަރާށޭ ބުނެފިއެވެ.

ގަތުލުކުރެވުނު އެންމެން ފޭދޫގެ ހުޅަނގު ފަރާތުގައިވާ ދިގިހެރަ ކިޔާ ފަޅުރަށުގައި ވަޅުލާފައި ކާންޒީކަމަނާ ގޮވައިގެން ކަޅު އުނބުށޭމު ދިޔައީ ހިތަދޫއަށެވެ. މީނާ ގަސްތުކޮށްގެން ހުރީ ހިތަދޫ ކޯއްޓޭގައި މަރުކަޒު ގާއިމުކޮށް ހިތަދޫ އަލުން އާބާދު ކުރުމަށެވެ. ނަވުން ގަތުލުކުރެވުނު މީހުން ދިގިހެރައިގައި ވަޅުލުމަށް އެހީތެރިވެދިނީ ކަޅުއުނބުށޭމާއެކު ދިޔަ ލަޝްކަރީންނެވެ. ދާދިފަހުން ފޭދޫ ބޮޑުކުރުމަށްޓަކައި ބިންހިއްކި އިރު ދިގިހެރަ ވަނީ ފޭދޫއާއި ގުޅާލެވިފައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!