ލޯތްބަށްޓަކައި ބުރަކިރަނިން ކުރި ހަނގުރާމަ 3

ދޮންބުޅާފާށަނާ ޝަހީދުކުރި ވަގުތު ކޯއްޓޭ ބުރުޒުމަތީގައި ކަޅިޖަހާނުލައި މިމަންޒަރު ދެކޭން އެރޭ މެންދަމު ހުރި މީހަކީ ދަތިޖަހާ ހަސަނެވެ. ދޮންބުޅާފާށަނާ ގުޅަކުޅޭ ފަސްގަނޑަށް ވެއްޓިވަޑައިގަތް މަންޒަރު ބަލަންހުރެފައި މިކަލޭގެ ތެޅެމުންފޮޅެމުން ރަށުތެރެއަށް އަރައި ގޮވަންފެށިއެވެ. މި މާލޭގައި ދޮންބުޅާފާށަނާގެ ހެޔޮފުޅުކަމުން ލިބޭ ބަނޑުބަތާ މުސާރަ ކައިގެން ސަރުބީޖަހައި ފަލަވެ ކަންނެތްވެފައި މިތިބޭ މީހުންނަށްވުރެ އެތަކެތި ކުކުޅުހާލާއި ގެރި ބަކައްޓަށް ދިނުމުގެ ހެޔޮކަންވެސް ބޮޑެވެ. ކުކުޅެއް ކަތިލައި ހަންނޮޅައިލާ ބީދައިން ދޮންބުޅާފާށަނާ އެއޮންނެވީ ގުޅަކުޅޭފަސްގަނޑުގައި ކަތިލާފައެވެ. އެކަމަކު މިކަންދެނަހުރި މީހަކު ނެތެވެ. ދިފާއުގައި އަތްއުފުލާލި މީހަކުވެސް ނެތެވެ. އެންމެން މިތިބީ ކައިކައިގެން ލޮޑުވެ ނިދައިފައެވެ.

ދަތިޖަހާ ހަސަނު މިފަތިވަރު އަމުނަމުންގޮސް ލޯޖެހިގަނޑުވަރާއި ހަމަވިތަނުން ދޮއްތަޑަފި އެދުރުއަލިމަނިކުފާނަށް މިއަޑު އިވިގެން ދުވެފައި ބޭރަށް ނުކުމެ ބުނެފިއެވެ. މީގެ އެކޮޅަށް ތިޔަހެން ގޮވަމުން ނުދުވާށެވެ. ބަނޑުބަތާ މުސާރަ ކައިގެން ތިބި މީހުންގެ ތެރޭގައި ހިތްވަރުހުރި ކެރޭ ކުޅަދާނަ މީހުން ތިބިކަން މިރޭ ދައްކައިލާނަމެވެ. މިހެން ބުނެފައި ގެއަށް ވަދެ މީނާގެ ކުރުއްޕި ލައިގެން ބޮންތިއާ އައްޑަނަ ހިފައިގެން ދުވެފައި ގޮސް ކަބާއްޖާ ދިމާއަށް ނިކުތްއިރު އެތަނުގައި ފަތަރާސީކަން ފައުޅުކޮށް ހެވިދިލިފައި ބުރަކިރަނިން ހުއްޓެވެ. ދޮއްތަޑަފި އެދުރުއަލިމަނިކުފާނަކީ ކުޅަދާނަ އެދުރެއްކަން އެނގޭތީއާއި މިދަނޑިވަޅުގައި ހަދިޔާބަދިޔާގެ ވާހަކަ ނުދައްކައިފިއްޔާ ކަންތައް ގޯސްވެދާނެކަން ޔަގީންވާތީ ބުރަކިރަނިން އަވަސްއަވަހަށް ބުންޏެވެ. ދޮއްތަޑަފި އެދުރު އަވަހަށް ގެޔަށް ވަޑައިގަންނަވާންވީއެވެ. މާތްކަލާގެ ރުއްސެވިއްޔާ މަނިކުފާނަށް މިރެއިން ފެށިގެން ދޮށިމޭނާކަމެވެ. މިއަޑުއިވުމާއެކު އާދޭހޭ އާދޭހޭ، ދޮންބުޅަލަކަށްވުރެ ބުރެއްކެއްވެސް ވަކިދެރައެއް ނުވާނެޔޭ، ރުހެމޭ ރުހެމޭ ކިޔަމުން އައިކޮޅަށް އަނބުރާލާފައި ހިނގާއްޖެއެވެ.

ދޮއްތަޑަފި އެދުރުއަލިމަނިކުފާނު އައިސް ގެއަށް ވަނީ އިހުހުރި ގޮތަށް ނޫންކަން ވިސްނިގެން ދަތިޖަހާ ހަސަނު އެގެއިން ނިކުމެގެން ކުރިންވެސް ގޮވި ގޮވެލިފަތި ގޮވަމުންގޮސް މާފަންނު ދިއްގާގަސްދޮށުގެ އާއި ހަމަވިތަނާ ފަހާފަށަވާޅު ކޮއި ނުކުމެ ބުނެފިއެވެ. މީގެ އެކޮޅަށް ތިޔަހެން ގޮވަމުން ނުދާށެވެ. ދޮންބުޅާފާށަނާއަށް އިޚުލާސްތެރިން ތިބިކަން ކަލެއަށް މިރޭ ދައްކާނަމެވެ. މިހެން ކިޔާފައި ގެއަށް ވަދެ ކުރުއްފި ލައިގެން ބޮންތިއާއި އައްޑަނަ ހިފައިގެން ބޭރަށް ނުކުމެ ދެފައިކުރިއަށް ބާރުލާފައި އަޅާދުވެފައިގޮސް ކަބައިދި މައްޗަށް ހުއްޓިއްޖެއެވެ. ބުރަކިރަނިން އެތާގައި ހުރެފައި ބުންޏެވެ. އަސްތާ ފަހާފަށަވާޅުކޮއި ދޮތައެވެ. ރެއްކަގެ ދި ބުރެއްކާއަކީ ހިތްވަރުގަދަ މީހުންގެ ހިތްވަރުގެ އަގު ވަޒަންކުރާ މީހަކީމެވެ. މާތްކަލާގެ ރުއްސެވިއްޔާ ދިވެހިރާއްޖޭގެ ހަނދޭގިރިކަން މިރެއިން ފެށިގެން ފަހާފަށަވާޅުކޮޔަށެވެ. މިއަޑުއިވިފައި އާދޭހޭ އާދޭހޭ، ދިވެހި ރަސްކަމަށް އެންމެ ހެވީ ބުރަކިރަނިންއޭ ގޮވަމުން މިކަލޭގެވެސް އައިކޮޅަށް އަނބުރާލައިފިއެވެ.

ފަހާފަށަވާޅުކޮއި އަނބުރާ އައިސް ގެއަށް ވަނީ ކުރިން ހުރި ގޮތަށް ނޫންކަން ވިސްނިގެން ދަތިޖަހާ ހަސަނު އެގެއިންވެސް ނުކުމެ އެއްކަލަ ފަތިވަރު ގޮވަމުން ދުއްވައިގަތެވެ. މީނާ ގޮސް ގަލޮޅު މައިޒާންދޮށުގެއާ ހަމަވިތަނާ އުއްޅަވައްކައިރު އެދުރުއިބްރާހިމްތަކުރުފާނަށް މިއަޑު އިވިގެން އައިސް ބުންޏެވެ. މީގެ އެކޮޅަށް ތިޔަހެން ގޮވަމުން ނުދާށެވެ. މިހެން ކިޔާފައި ގެއަށް ވެދެ ކުރުއްޕި ލައިގެން ބޮންތިއާއި އައްޑަނަ ހިފައިގެން ދޮރުމައްޗަށް ނުކުމެ އެތަކެތި ބޯމަތީގައި ދެފަހަރަކު އަނބުރާލައިފައި ދިޔައީ ގުޅަކުޅޭ ފަސްގަނޑަށެވެ. ދޮންބުޅާފާށަނާ އެތަނަށް ވެއްޓިވަޑައިގެން އޮންނަވަނިކޮށް ފެނިގެން އަރިއަހަށް އައިސް ހުއްޓިފައި މީނާ ދެންނެވިއެވެ. މަނިއްޕުޅާއެވެ. ތިޔައީ ކާކު ކުރިކަމެއް ހެއްހެވެ. ދޮންބުޅާފާށަނާ ވިދާޅުވިއެވެ. އެދުރުކަލޭގެފާނެވެ. މި ކަމުގެ ކުރިމަތީގައި ހުރީ ގާފަރު ކަޅުއުނބުށޭމެވެ. ފަހަތުގައި ހުރީ ހުޅުދެލީ ދޮންޔޫސުބު ކަލޭގެއެވެ. ދައިތާ ކަމަނާ ބުރަކިރަނިން ގޮވައިގެން އަސޭގައި ތެޅިތެޅިފައި އައިސް މިރޭ ކުރިކަމަކީ މިއީއެވެ.

ދޮންބުޅާފާށަނާ އުރުވަޑުވައިގެން އުއްޅަވައްކައިރު އެދުރުކަލޭގެފާނު ގަނޑުވަރަށް ގޮސް ބިލިގާއަކަށް ފެން އަޅައި ނާނޭފުޅު ފިއްލަވައި ދާނެއްގައި ވަޑުވާފައި ދެންނެވިއެވެ. މަނިއްޕުޅާއެވެ. މިވަގުތު ހުރެވޭކަށް ނެތެވެ. މިހެން ދަންނަވާފައި ކަބާދިމައްޗަށް ދިޔައިރު ބުރަކިރަނިން އެތާގައި ހުއްޓެވެ. ހަމަފެނުނުތަނުން ބުނެފިއެވެ. ކޮއްކޯފުޅު ޝަހީދުވީމާ ޝަހީދުނުވާކަމަކަށް ނުވާނެއެވެ. މާތްރަސްކަލާގެ ރުއްސެވިއްޔާ މިރެއިން ފެށިގެން އެދުރުކަލޭގެފާނަށް މިރާއްޖެ ސެއްލަ އެވެ. މިބަހުގެ މުރާދަކީ ހިތަކަށް ދީފީމެވެ. ކުރާނެ ކޮންމެ ކަމެއް ކުރުމުގެ ބާރު ދީފީމެވެ. މިހެން ބުނެފައި ފޯރުވާލި ރަންތަބުގައި އެދުރުކަލޭގެފާނު އަތުގައިއޮތް ބޮންތިން ޖެހިޖެހީނުން ތަބާއި އޭގައިވާ ސާމާނުތައް މޫދަށް ބުރުއްސާލައިފިއެވެ. އެއަށްފަހު އެދުރުކަލޭގެފާނު ގަނޑުވަރަށް ގޮސް ދޮންބުޅާފާށަނާއަށް ހެޔޮތަކެތި ކިޔައިދީ ޝަހާދަތް ލައިދިނެވެ. ޝަހާދަތް ވިދާޅުވެ ނިމުނުތަނާ ދޮންބުޅާފާށަނާ އަވަހާރަވެއްޖެއެވެ.

ދޮންބުޅާފާށަނާ އަވަހާރަވުމުން އުއްޅަވައްކައިރު އެދުރުތަކުރުފާނު ނާބުސްޚާނަށް އަރައި ދެބައި ލަޝްކަރަށް ބެރުޖަހައި ދެބައި ލަޝްކަރީން އެއްކޮށްފިއެވެ. ލަޝްކަރީން އެއްކޮށްފައި ދޮންބުޅާފާށަނާ ސަންދޯއްޕުޅުގައި ވަޑުވައިފައި އެދުރުކަލޭގެފާނު ބުންޏެވެ. ރަސްކަމަށް ލާއިގުކަމަށް ދައުވާކުރާ މީހާ މިރޭ އެހެރީ ކަބާއްޖާގައި މިވަގުތުގެ އިންތިޒާރީގައެވެ. އެމީހަކީ ލޯބޮޑު ބުރެއްކާއެވެ. އާބަކުރު ރަސްގެފާނުގެ ރެއްކާގެ ބުރަކިރަނިންއެވެ. އޭނާ ގޮވައިގެން އަންނާށެވެ. ބުރަކިރަނިން ގޮވައިގެން އައިމާ އެކަމަނާ ރަސްކަމުގެ ދާނުގައި ބައިންދައިފިއެވެ. ރަސްކަމުގެ ދާނުގައި ބުރަކިރަނިން ބޭންދުމަށްފަހު ބޮޑުގަލު މިސްކިތުގެ ހަރިއްމަތެރޭގައި ކާފާފުޅު އާބަކުރު ރަސްގެފާނާއި އެއްބިސްތާނެއްގައި ދޮންބުޅާފާށަނާ ފަސްދާނުލައިފިއެވެ.

ދިވެހިރަސްކަމަށް ބުރަކިރަނިން އިސްވުމަށްފަހު އެންމެ ފުރަތަމަވެސް ކުރިކަމަކީ ފަތެއް ތައްޔާރުކޮށް އެފަތުގެ ހަތަރު ކަނުގައި ސިއްކަ ޖަހައި ހުވަދޫ ވާދޫއަށް ފޮނުވުމެވެ. އެފަތަކީ ބުރަކިރަނިންގެ ލޯބިވެރިޔާ ރައްދެބައިމަގު ކަޅު މުހައްމަދު މަނިކުފާނު މާލެ ގެނައުމުގެ އަމުރެވެ. ރަސްކަމާއިތޮޅި ކޮއްކޯފުޅު މަރައި ރަސްކަންފޭރި މިހުރިހާ ސަކަރާތެއް ޖަހަން މިޖެހުނީވެސް ލޯބިވެރިޔާއަށްޓަކައެވެ. ކޮންމެއަކަސް ކަޅު މުހައްމަދު މަނިކުފާނު މާލެގެނެސް ބުރަކިރަނިން އޭނާއާ ކައިވެނިވެސް ކޮށްފިއެވެ. އެއަށްފަހު ބުރަކިރަނިން ރަސްކަމުގެ ތަޚުތުން ފައިބައި ކަޅު މުހައްމަދު މަނިކުފާނު ރަސްކަމުގެ ދާނުގައި ބައިންދާފައި ކަޅުމުހައްމަދު ބަންޑާރައިންނޭ ކިޔައި ފަތްތޫރަ ހިންގައިފިއެވެ. އެއަށްފަހު ގާފަރު ކަޅުއުނބުށޭމަށް ފާށަނާތަކުރު ކަމަށް ކޮލިލައި ހެންވޭރު ކެޔޮގޯތި އޭނާއަށް ދީފިއެވެ. ދޮއްތަޑަފި އެދުރު އަލިމަނިކުފާނު ދޮށިމޭނާކަމަށް ކޮލިލައި ދޮށިމޭނާކަމުގެ އަސާ ދީފިއެވެ. ފަހާފަށަވާޅުކޮއި ހަނދޭގިރިކަމަށް ކޮލިލައި ހަނދޭގިރިކަމުގެ އަސާ ދީފިއެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!