ލޯތްބަށްޓަކައި ބުރަކިރަނިން ކުރި ހަނގުރާމަ 2

ގޯއާގެ ރަސްކަމުގައި ހުންނަވަނީ ފުށެތިކާލީންގެ ވައިސްރޯއިއެކެވެ. ގޯއާ އޮންނަނީ ފުށެތިކާލުގެ ވެރިކަމުގެ ދަށުގައެވެ. ކޮންމެއަކަސް މިވައިސްރޯއިއާ ބައްދަލުކޮށް ހިތްއުފާވާނޭ މަގުން ވާހަކަ ދައްކައި އޭނާގެ މެހުމާންދާރީ ލިބިގެން ދުވަސްތަކަކަށް ބުރަކިރަނިން އާއި ގާފަރު ކަޅުއުނބުށޭމު ވަރަށް އުފަލުގައި އެރަށުގައި ތިބެއްޖެއެވެ. އެހެންނަމަވެސް ބުރަކިރަނިންގެ ހިތަށް އަބަދުމެ ދަތިކުރާ އިޝްގުގެ ފުރޭތަ އަނެއްކާވެސް އޭގެ މަސައްކަތް ފަށައިގަތީމާ ކަޅު މުހައްމަދު މަނިކުފާނުގެ މަތިން މާބޮޑަށް ހަނދާންވެ ކޮއްކޯފުޅު ދޮންބުޅާފާށަނާގެ ކިބައިން ބަދަލުހިފުމުގެ ޖޯޝު އާވެގެންފިއެވެ. އެހެންވެގެން ކަޅުއުނބުށޭމު މެދުވެރިކޮށް ރާއްޖެ ދިއުމުގެ އިޒުނައަށް އެދިއްޖެއެވެ. މިއިޒުނަ ގޯއާގެ ވައިސްރޯއި ދެއްވައިފިއެވެ. ވައިސްރޯއިގެ ހުކުމުގެ ދަށުގައިވާ އަރުމާޒުގެ ތެރެއިން ތިންކުނބުގެ ނަވެއް ތައްޔާރުކޮށްދެއްވީމާ ގޯއާއިން ފުރައިގެން މާލޭގެ ބަނދަރަށް އަތުވެއްޖެއެވެ.

މާލޭގައި ބަނދަރު ކުރުމަށްފަހު ބުރަކިރަނިން އެންގިއެވެ. ގާފަރު ކަޅުއުނބުށޭމާއެވެ. މާލެފައިބައި ކޮއްކޯފުޅު ދޮންބުޅާފާށަނާ މަރައިފައި އަންނަން އަވަހަށް ދާށެވެ. ކަޅުއުނބުށޭމު ކަނޑިއައްޑަނަ ހިފައިގެން ބައްތެއްޔެއްގައި ކަބާއްޖާއާ ދިމާލުން މާލެ ފައިބައިފިއެވެ. އެންމެފުރަތަމަ ދިޔައީ އޭނާގެ ގެއަށެވެ. ގެއަށް ދިޔަތަނުން މީނާގެ ދޮންބައްޕަ ހުޅުދެލީ ދޮންޔޫސުފާ ދިމާވެއްޖެއެވެ. މި ޔޫސުފަކީ ދޮންބުޅާފާށަނާގެ ނުހަނު އަރިސް މީހެކެވެ. ކަޅުއުނބުށޭމު ބުންޏެވެ. ދޮންބަފާއެވެ. ދޮންބުޅާފާށަނާ މަރައިދީފިނަމަ ރާއްޖޭގެ ބޮޑުބަނޑޭރިކަން ދޮންބަފާއަށެވެ.

މިއަޑު އިވުމުން ބޮޑުބަނޑޭރިކަމުގެ ހުވަފެނުގައި އަނގައިން ސޮނިފައިބައި މިކަލޭގެ ހަރުކޮށް ހިނގާފައިގޮސް ރަސްގެފާނުގެ ގަނޑުވަރަށް ވަދެ ތަޅުމުގައި ފައި ކާރުވާލިއެވެ. ދޮންބުޅާފާށަނާ ވިދާޅުވިއެވެ. ކާކުހެއްޔެވެ. ދޮންޔޫސުފު ދެންނެވިއެވެ. ނިކަމެތި އަޅަކީމެވެ. ގޭދޮށަށް ދަނިކޮށް އަތިރިޔަކަށް ދާންޖެހިގެން ކަބާއްޖާއާ ދިމާއަށް ނިކުތްއިރު ތިންކުނބުގެ ނަވެއް ގާދޫކޮލުން ވަދެގެން އައިސް ބަނދަރުކުރާތީ ފެނިގެން އެވާހަކަ ދަންނަވައިނުލައި ގޭދޮށަށްދާން ނުކެރިގެން މިހިސާބަށް އާދެވުނީއެވެ.

ހުޅުދެލީ ދޮން ޔޫސުފު މިވާހަކަ ދެންނެވީމާ ހަނގުރާމައިގެ ދަހަނާ ތުރުކުރައްވައި ކަނޑިއައްޑަނަ ހިއްޕަވައިގެން ދޮންބުޅާފާށަނާ ނިކުމެވަޑައިގެންފިއެވެ. ދޮން ޔޫސުފުވެސް މުނާފިގުކަން ފޮރުވައިގެން ހުރެ ކަނޑިއައްޑަނަ ހިފައިގެން ދޮންބުޅާފާށަނާގެ ފަހަތްޕުޅުން ނުކުމެއްޖެއެވެ. ބޭރު ދޮރޯއްޓަށް ނުކުމެވަޑައިގެން ދޮންބުޅާފާށަނާ ބެއްލެވިއިރު ސައްކަރަންޏާ ދޮރޯއްޓާ ދިމާލުގައި މީހަކު ހަމަލާއަށް ތައްޔާރުވެގެން އެބަހުއްޓެވެ. ކަނޑިއައްޑަނަ އަނބުރައިލައްވާފައި ގުޅަކުޅޭ ފަސްގަނޑަށް ނިކުމެވަޑައިގެން ދޮންބުޅާފާށަނާ ބައްލަވައިލެއްވިއިރު މިމީހަކީ ގާފަރު ކަޅުއުނބުށޭމެވެ.

ގުޅަކުޅޭފަސްގަނޑަށް ނިކުމެވަޑައިގެންނެވިތަނުން ކަޅުއުނބުށޭމު ހަމަލަދީފިއެވެ. ނަމަވެސް ދޮންބުޅާފާށަނާގެ ގައިކޮޅުގައި ޖަހާނޭ އެންމެ ގޮތެއްވެސް މީނާއަކަށް ނުފެނުނެވެ. ކަޅުއުނބުށޭމުގެ އައްޑަނަ ވައަތްފަރާތަށް މަހާލައި ކަނާއަތްފަރާތަށް ކަނޑި މަހާލައިގެން އެބަހުރެއެވެ. އޭރު ދޮންޔޫސުފު ހުރީ ދޮންބުޅާފާށަނާގެ ފަހަތްޕުޅުގައި ކުރުމަގު ހިނގުމެއްގައެވެ. މިހެންހުރެފައި ދޮންޔޫސުފު ހެދިވަޑާމަކީ އޭނާގެ ކަނޑި ކަންފަތް މައްޗަށް އުފުލާލައިފައި ދެފައިކުރިއަށް ބާރުލާފައި ދުވެގޮސް އަތުކުރިއަށް ބާރުލާފައި ދޮންބުޅާފާށަނާގެ ފައިންޕުޅުގެ މައިނާރުގައި ޖެހިޖެހީނުން ބުރިކޮށްލައިފިއެވެ.

ދޮންޔޫސުފަށް އަދި ފަހަތަށް ސޮއްސައިނުލެވެނީސް ދޮންބުޅާފާށަނާ ފަހަތަށް ފޯރުކޮށްލެވި ކަނޑިން ދޮންޔޫސުފު ހަމައަށް ދެފަޅިކޮށް ވައްޓާލައްވައިފިއެވެ. ކުރިމައްޗަށް ފޯރުވާލެއްވި ކަނޑި ކަޅުއުނބުށޭމަށް އަމާޒުކުރެއްވިއެވެ. ކަޅުއުނބުށޭމުގެ ފައިގެ މާކަޅުވާމަސް ކޮށާލެއްވިއެވެ. ކަޅުއުނބުށޭމު ކޮރުޖަހަމުން އަވަސްއަވަހަށް ބައްތެއްޔާއިގެން ނައުދޮށަށް ހިނގައްޖެއެވެ. މީނާގެ ޒަޚަމުގައި ބޭސް އަޅައިދިނީ ބުރަކިރަނިންއެވެ. ކަޅުއުނބުށޭމު ބުންޏެވެ. ކުރިމައްޗަށް އަރައި ދޮންބުޅާފާށަނާގެ ގައިގައި އެތިފަހަރެއް އަޅާކަށް ފުރުސަތެއް ނުލިބުނެވެ. ރާއްޖޭގެ ބޮޑުބަނޑޭރިކަމުގެ ހުވަފެން ދައްކައިގެން ދޮންބަފާ ލައްވައި މަސައްކަތް އޮންނާނީ ނިންމައިފައެވެ. ކަތިލައިފައި ގުޅަކުޅޭފަސްގަނޑަށް އޮންނާނީ ވައްޓައިލައިފައެވެ. މަގުއޮތީ އަމާންވެފައެވެ.

މިއަޑުއިވިފައި އަނހާ އަނހާ މިރެއަކީ އަހުރެންގެ ރޭތާއޭ ބުނެފައި ނަވުގެ ފަޅުވެރިންނަށް ބުރަކިރަނިން އެންގިއެވެ. ގޯއާގެ ވައިސްރޯއި ކަލޭމެންނަށް އަމުރުކުރައްވާފައިވަނީ ދިވެހިރާއްޖެ އައިސްފައި ތިމަން ބުނި ކަމެއް ބުނި ގޮތަކަށް ކޮށްފައި ތިމަން ފޮނުވި ދުވަހަކުން ނޫނީ ކަލޭމެންނަށް ގޯއާއަށް ނުދެވޭނެކަމުގައެވެ. ވީމާ މިރޭ އިރުއެރުމުގެ ކުރިން މާލެއަށް އަރައި ނިކަން ހެޔޮކޮށް މާލެ ތަޅާލާފައި އަންނަން އަވަހަށްދާށެވެ. ފަޅުވެރިން ބައްތެލިތައް މޫދަށްލައި މާލެއާއި ދިމާއަށް މިސްރާބުޖަހައިފިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!