އައްޑޫ ވަލުތެރޭން އުފަންކުރުވި އިނގިރޭސި ދިފާއީ މަރުކަޒު

މިއީ 1945 ޖުލައިގައި އިނގިރޭސި ކަނޑުގެ ސިފައިން ހާމަކޮށްދީފައިވާ ހަނގުރާމައިގެ ވާހަކައެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރިކަމުގެ ތެރޭގައި އިނގިރޭސި ސިފައިން އައްޑު އަތޮޅު ގަމުގައި ގާއިމު ކުރި އަސްކަރީ މަރުކަޒު ޕޯޓް–ޓީ ގެ ވާހަކައެވެ. މި މަރުކަޒު ގާއިމު ކޮށްފައިވަނީ އައްޑު އަތޮޅު ރަށްރަށުގެ ވަލުތެރެ ސާފުކޮށްގެންނެވެ. މި މަރުކަޒަކީ ކޮލަމްބޯ އާ 590 ނޯޓިކަލް މޭލު އަދި އޮސްޓްރޭލިޔާ އާއި 3000 ނޯޓިކަލް މޭލު ދުރުގައި ގާއިމް ކުރެވުނު ތަނެކެވެ.

ޕޯޓް–ޓީ އަކީ މުލްބެރީ، ޕްލޫޓޯ، އަދި ފިޑޯ ކަހަލަ ސިއްރު އަސްކަރީ މަރުކަޒެކެވެ. މި މަރުކަޒުގެ ސިއްރު ހިފަހައްޓަން ޖެހުނު އެންމެ މުހިންމު ސަބަބަކީ އޮސްޓްރޭލިއާއި ދެމެދު އެކި ކަންކަމުގައި ބޭނުންކުރުމަށް ސަލާމަތީ މަގަކަށް ވާތީއެވެ. އަދި އެކިއެކި އަސްކަރީ އޮޕަރޭޝަންތައް އިންޑިއާ ކަނޑުގައި އިނގިރޭސި ސިފައިން އޭރު ހިންގާތީއެވެ. މިއީ ޖަޕާނުގެ ސިފައިން ޕާލް ހާބަރ އަށް ހަމާލާދިނުމަށް ރާވަމުން ދިޔަ ދުވަސްވަރު އައްޑޫގައި އިނގިރޭސި ސިފައިން ގާއިމް ކުރި އަސްކަރީ މަރުކަޒެއްގެ ވާހަކައެވެ. އަދި އެމީހުން ތަޖްރިބާކުރި ކަންތަކުގެ ވާހަކައެވެ.

އިނގިރޭސި ސިފައިން އައްޑު އަތޮޅުގެ އައްސޭރިފަށަށް އެންމެ ފުރަތަމަ ފޭބީ 1941 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ. އެމީހުން ކުރަންޖެހޭ މަސައްކަތަކީ ކޯސްޓަލް ބެޓެރީއާއި ސާޗް ލައިޓް ހަރުކުރުމެވެ. ސިގްނަލް ޓަވަރު ތަކާއި މަގުތައް ހެދުމެވެ. ނާވަލް ބޭސް އަށް އަށް ބޭނުންވާ ކޭމްޕް ތަކާއި ފާލަންތައް ހެދުމެވެ. މިކަމަށް އެމީހުން އަދާކުރަން ޖެހުނު އަގާއި ވާން ޖެހުނު ގުރުބާނީ ވަރަށް ވެސް ބޮޑެވެ. މިމަސައްކަތްކުރި ފައުޖުގެ 23 އިން ސައްތަ ޖެހުނީ ފުރަތަމަ ތިން މަހަށް ފަހު ބަލިވެގެން އަނބުރާ ގެންދާށެވެ. އެއީ އިތުރަށް އެއްވެސް މަސައްކަތެއް ކުރުމަށް ވުރެ އެމީހުން ބަލިވެ ހާލު ދެރަވުމުންނެވެ. ޖަޕާން ސިފައިން އިންޑިޔާ ކަނޑަށް ފެތުރިގަތް އިރު މި ނޭވަލް ބޭސް ވަނީ ގާތްގަޑަކަށް ނިމިފައެވެ.

މި އޮޕަރޭޝަންގައި އެމީހުންނަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމަކީ އެތަނަށް ދިޔަތާ 3 މަސްދުވަހުގެ ތެރޭގައި އެމީހުންގެ ގިނައަދަދެއްގެ މީހުން ވަރަށް ބޮޑަށް ބަލިވުމެވެ. މިމީހުން ފަރުވާދެވޭވަރަށްވުރެ ބޮޑަށް ބަލިވުމުން ވީޓާ ނަމަކަށް ކިޔާ ހޮސްޕިޓަލް މަނަވަރަކުން އެމީހުން ފޮނުވާލަން ޖެހުނެވެ. ސަބަބަކީ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭވަރަށްވުރެ އެމީހުންގެ ހާލު ދެރަވުމެވެ. ކަންތައް އެހެން ދިމާވިކަމުގައިވިޔަސް ޖަޕާނުން ހަނގުރާމަ އިއުލާން ކުރި އިރު މި ނޭވަލް ބޭސް ވަނީ ގާތްގަޑަކަށް ނިމިފައެވެ.

މިއަތޮޅުގައި ދިފާޢީ ބާރު ވަރުގަދަ ކުރުމަށްޓަކައި ގަމާއި ހިތަދޫއާއި މީދޫ އަދި ވިލިގިލީގައި ބޮޑުބަޑިތައް ހަރުކުރެވި ސާޗްލައިޓް ބެހެއްޓުނެވެ. މިމީހުންގެ މައި މަރުކަޒެއްގެ ގޮތުގައި ހެދީ ގަމެވެ. އެހެންނަމަވެސް މި ރީތި ޖަޒީރާ ރަށްތަކުގައި ޤާއިމްވެ ތިބުން އެމީހުންނަށް ފަސޭހަކަމަކަށް ނުވިއެވެ. ތަނުގެ މޫސުން ހޫނުވުމާއި ވައިގެ ތެތްކަން ބޮޑުވުމަކީ މީގެ އެއް ސަބަބެވެ. ތަނުގައި މެހި، މަދިރި އަދި މީދާ އެހާ ގިނައެވެ. ސާފު ބޯފެން ޖެހެނީ ބޯޓުފަހަރުގައި އަތޮޅަށް ގެނެސް އަތިރިމަތިން ރަށުތެރެއަށް އުފުލުމަށެވެ. އެއްޗެހި ދޮންނަން ބޭނުން ކުރާ ސާމާނު ލިބެނީ ހަމަ އެހާމެ މަދު ފަހަރެއްގައެވެ.

އިނގިރޭސި ސިފައިންނަށް ދިމާވި އަނެއް ކަމަކީ ގައިގެ ތަންކޮޅެއްގައި ހިރުވާލިޔަސް ދުޅަވެ ފިތް ނަގައި ކުޑަހިނދުކޮޅެއްތެރޭ ފާރުވެ ހަލާކުވެދިޔުމެވެ. ވައިގެ ތެތްކަމާއި މޫސުން މިހެން ހުރުމުން ފާރުތައް ފަސޭހަނުވެ ލޮލަށް ނުފެންނަވަރު ޖަރާސީމް އަދި ބެކްޓީރިޔާ އުފެދުމަށް މަގުފަހިވެއެވެ. ތާޒާ ތަރުކާރީ އާއި މޭވާ ނުކައި ހުސް ދަޅުކާނާ ކައިގެން އުޅުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެއެވެ.

މީދަލުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ސްކްރަބް ޓައިޕަސް ގެ ބަލިމަޑުކަމެއް މިމީހުންގެ ތެރޭގައި ފެތުރުނެވެ. މި ބަލިޖެހުމުން ކުއްލިއަކަށް ހޭނެތިގެން ވެއްޓިދާނެއެވެ. ބަލިކަމުގެ އެއްވެސް އަސަރެއްނެތީސްވެސް މިހެން ވެދެއެވެ. އެއަށް ފަހު ދެހަފްތާ ވަންދެން އަންނަ ވަރުގަދަ ހުމެއް އައިސް މީހާގެ ހަށިގަނޑު ބަލިކަށިކޮށް ނިކަމެތިކޮށްލައެވެ. މެލޭރިއާ ވެސް އެމީހުންގެ ތެރޭގައި އާއްމުވިއެވެ. ގިނަދުވަސްވުމުގެ ސަބަބުން ދަޅުކާނާ ހަލާކުވެ ކާނާވިހަވެ އިތުރަށްވެސް މީހުން ބަލިވެދާނެކަމަށް ސިފައިންގެ ކުއާޓަރމާސްޓަރ ވެސް ހާމަކުރިއެވެ.

ކަންމިހެން ހުރިނަމަވެސް އިގިރޭސިން ކުރި މަސައްކަތަކަށް ބުރުލެއް ނާރައެވެ. ކުރަންޖެހޭ މަސައްކަތް ގިނަވި ކަމުގައި ވިޔަސް ލަސްނުކޮށް އެ މަސައްކަތެއް ނިންމަން ޖެހުނެވެ. އެންމެ މުހިއްމު އެއްކަމަކީ ގޮވާތަކެތި ބޭނުންކޮށްގެން މުރަކަ ތައް ގޮއްވައި ދަތުރު ކުރެވޭނެ ނެރުތައް ހެދުމެވެ. އެއީ އުޅަނދުތަކަށް ދަތުރު ކުރެވޭނެ ގޮތްހެދުމަށެވެ. އޭގެއިތުރުން ކޭމްޕް ޖެހުމަށްޓަކައި ޖަންގަލި ސާފު ކުރިއެވެ. ބޮޑު ބަޑި ފަދަ އިކުއިޕްމެންޓްތައް ބެޓެރި ސައިޓްތަކަށް ގެންގޮސް ހަރުކުރުމުގެ ކުރިން މަގުތައް ސާފުކުރިއެވެ. މިމަސައްކަތުގައި ރަށު މީހުންވެސް ކޮންމެވެސް ވަރަކުން އެހީތެރިވިއެވެ.

އެމީހުންގެ ޕްރޮގްރާމްގައިވާ ގޮތުން ހުރިހާ ބަޑިތައް ހަރުކޮށް ނިންމަން އޮތީ 6 ހަފްތާ ތެރޭގައެވެ. ނަމަވެސް ހިތަދޫ އާއި މީދުގައި މަސައްކަތް ކުރަމުން ގެންދިޔަ މީހުން ބަލިވުމުގެ ސަބަބުން މިކަން ލަސްވިއެވެ. ގާތްގަނޑަކަށް އެރަށްތަކުގައި ތިބި މީހުންގެ އަދަދު 50 އަށް ދަށްވިއެވެ.

ހިތަދޫގައި ލޭންޑިން ސަރަހައްދުން ބެޓެރި ސައިޓަށް ދާން އޮންނަ 4 މޭލު ދުރު މަގު ހަދަން ޖެހުނީ ޗަކަފެންގަނޑެއް އޮންނަ ސަރަހައްދެއްގައެވެ. އެފެންގަނޑުގައި ބޮޑު ކަކުނިވެސް އާލާވަމުންދިޔައެވެ. މީދޫގައި ވެސް ހަމަ އެކަނި ކޯޕްރަލް އަކާއި އެންމެ 6 ސިފައިން އެއްބައިވެގެން 2 މަސް ތެރޭގައި މެދުކެނޑުމެއްނެތި ބުރަމަސައްކަތް ކޮށްގެން މަގެއް ހެދިއެވެ.

ތޫފާންތަކުގެ ސަބަބުން ރަށްތަކުގެ މަގުތައް ސާފުވެއެވެ. އަދި ބަޑިތައް ހަރުކޮށްފައި ހުންނަ ސަރަހައްދުތަކުގައި ފެންބޮޑުވެއެވެ. ދިޔަވަރު ހުންނަ ގޮތަކުން މަނަވަރުތަކުން މުދާ ބޭލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންކަމުން މުދާބާލަން ކޮންމެ 24 ގަޑި އަކުން ދެ ޝިފްޓުގެ 6 ގަޑިއިރު މަސައްކަތް ކުރަންޖެހެއެވެ.

އެމީހުން ކުރި ބުރަމަސައްކަތުގެ ސަބަބުން ރަށްތަކުގެ ދިފާޢީ ބާރު ވަނީ ވަރަށް ވަރުގަދަވެފައެވެ. ޖަޕާނު ސިފައިން އިންޑިޔާ ކަނޑަށް ނުކުމެގަތް އިރު ޕޯޓް ޓީގެ ނުނިމިހުރީ ދާދި ކުޑަ މަސައްކަތެކެވެ. އެމަސައްކަތްތަކަކީ ކެމަފްލާޖިންގ އާއި، އިދާރީ ބައެއް ހަމަޖެއްސުމާއި ހަނގުރާމައިގެ ސިގްނަލްތަކެވެ.

ކޮމިއުނިކޭޝަން ސިސްޓަމްތައް ވަރުގަދަ ކުރުމަށްޓަކައި މީދޫއާއި ހެރަ ދޭތެރޭގައި ބްރިޖުތަކެއްވެސް އެޅިއެވެ. އަދި ވިލިގިލި ގައިވާ މަދިރި އާލާވާ ކުޅި ކަހަލަ ފެންގަނޑެއްގައި މަދިރި މަދުކުރުމަށްޓަކައި ކާނެއް ކޮނެ އެކާނު ރަށުގެ ގޮނޑުދޮށަށް ފޫވައްޓައިލިއެވެ. މީގެ ސަބަބުން މަދިރި ފަނި މަރުވެ މަދިރި އާލާވުން މަދުވާން ފެށިއެވެ. ދުވަސްތަކެއް ފަހުންވެސް މިރައްތަށް ކޯޒްވޭ އަކުން ގުޅާލެވުނެވެ. ހަމަ އެއަހަރުގެ ފަހުކޮޅު އައްޑޫ އަތޮޅަށް ރޯޔަލް އިންޖިނިއަރުންގެ ޓީމެއް އެއަރޕޯޓެއް ގަމުގައި އަޅަން ދިޔައެވެ. މިޓީމް އައީ ކުއީން މޭރީ ނަމަކަށް ކިޔުނު މަނަވަރަކުންނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!