ހަނދާނާއި ތާރީޚުގެ ތެރެއިން މީދޫ ބޯނުގެ

މީދޫގައި ތަންކޮޅެއްކުރިން ބޯނުގެ ކިޔާ ތަނެއް ހުއްޓެވެ. އެއީ ކުށްވެރިން ބަންދުކޮށްގެން ބޭތިއްބުމަށްޓަކައި އިމާރާތް ކުރެވުނު ތަނެކެވެ. އެއީ ޒާތެއްގެ ޖަލެކެވެ. މިތަނުގައި އާއްމުކޮށް ބަންދުކުރެވުނީ ވަގުރުކު އަޅާމީހުންނެވެ. ދެން ގޭގޭގެ ފޮށިތައް ފަޅާ މީހުންނާއި އެނޫންވެސް ގޮތްގޮތުން ވައްކަން ކުރާ މީހުންނެވެ. ބައެއް މީހުން ބޯނުގެއަށް ލައިއުޅުނީ އަދަގޮނޑި ޖަހައިފައެވެ. އެހެންނޫނީ ދުއްރައިން ތަޅައި ތައުޒީރުކޮށްފައެވެ. އެންމެ ނުރައްކާތެރި ވަގުން ބޯނުގެއަށް ލަނީ ބިޑިއަޅުވައިފައެވެ. މިބިޑިއަކީ މީދޫގައި ތައްޔާރުކުރާ ރަށު ބިޑިއެކެވެ. ބިޑި ތައްޔާރުކުރަނީ ކޮއްކޯގެ ބެއްޔާއޭ ކިޔުނު މީހެކެވެ.

ބޯނުގެ ހުރީ މިހާރުގެ ކާޑުގޭ ޕާރކް ހުރި ތާގައެވެ. މިތާގެ ދިގުމިނަކީ އިރުން ހުޅަގަށް 60 ފޫޓެވެ. ފުޅާމިނަކީ އުތުރުން ދެކުނަށް 25 ފޫޓެވެ. މިތާގެ އެންމެ އުސް މިނަކީ 12 ފޫޓެވެ. އެއީ ބޯނުގެ އުތުރުން ދެކުނަށް މެދަށްވާ ހިސާބެވެ.

ބޯނު އުތުރާއި ދެކުނު ފާރަކީ ތެޅިގަލުން 2 ފޫޓަށް ރާނާފައިވާ ފާރެކެވެ. މި ފާރުގެ މަތީގައި ދަގަނޑު ފްރޭމް ގަނޑެއް ހުރެއެވެ. މި ފްރޭމް ހަދާފައިވަނީ އެންގަލް ދަގަޑުންނެވެ. ފްރޭމްގަނޑާއި އެއްގޮތަށް މިތާގައި ޓިނު ޖަހާފައިވެއެވެ. ޓިނު ޖަހާ ފައިވަނީ ދަގަނޑު އިސްކުރާއި ނަޓާއި ވަށަރު ބޭނުން ކޮށްގެންނެވެ. ބޯނުގޭގެ އިރުމަތީ ފާރާއި ހުޅަނގު ފާރު ރާނާފައިވަނީ އެ ފްރޭމާއި ގުޅުވާފައެވެ. ބޯނުގޭގެ ފާރުތައް ރާނާފައިވަނީ އުވައާއި ތެޅިގަލުން ނެވެ. ބޯނުގެ އެތެރެއިން ފެންނައިރު އެތަން އެންމެ ވައްތަރީ ޓަނަލް އަކާއެވެ. މިތާގައި ކުށްވެރީން ގެންގުޅުނީ މުހައްމަދު އަމީނުގެ ދައުރުގައެވެ.

ބޯނުގޭގައި ކުށްވެރިން ބަންދުކުރުން ހުއްޓާލީ 1960ގެ ކުރީކޮޅުގައެވެ. އޭގެފަހުން މިތަން ބޭނުންކުރީ އޮޑި އޮޑީގެ ވާވެލާވެއްޔާއި އެކި ސާމާނާއި ލަކުޑިފަދަ ތަކެތި ގުދަން ކުރުމަށެވެ. އެއަށްފަހު ޒަމާންވެ މިތަން ވީރާނާވެފައި ވަނިކޮށް މުޅި އިމާރާތް ތަޅާލައި ބިން ސާފުކުރީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

ބޯނުގެ މައިދޮރު  ބެހެއްޓި ފައިވަނީ ބޯނުގެ ހުޅަގު ފަރާތުގައެވެ. އެއީ ކާޑުގެއާ ވީފަރާތެވެ. މި ދޮރު ބަހައްޓާފައިވަނީ ބިމުން ފެށިގެން 2 ފޫޓް އުސް މިނުގައެވެ. މި ދޮރަކީ އުސް މިނުގައި 4 ފޫޓް، ފުޅާމިނުގައި 3 ފޫޓް ހުންނަދޮރެކެވެ. މި ދޮރުގެ ދެކުނު ފަރާތާއި އުތުރު ފަރާތަށް ހުރަސްވާގޮތަށް ދޮރުގެ ކަނީގައި އަރަގޯލާ އެއް ހަރުކުރެވިފައި ހުރެއެވެ. މި އަރަގޯލާގައި ބައި އިންޗީގެ ފަލަ ދަގަނޑެއް ހަރުކުރެވިފައިވެއެވެ. މި ދަގަނޑަކީ ދޮރުބަންދު ކުރުމާއި ހުޅުވުމުގައި ބޭނުންކުރާ އެއްޗެކެވެ. ބޯނުގެ ތަޅުލާންވީމާ މި ދަގަނޑު ހިއްލާ ލުމަށްފަހު އުތުރު ފަރާތުގައިވާ ދޮރުކަނީގެ އަރޮގޯލާގެ ތެރެއަށް މި ދަގަނޑުގައިވާ އަރަގޯލާ ވައްދަނީއެވެ. އެއަށްފަހު އަރަގޯލާ އާއެކު ތަޅުލަނީއެވެ. މަތިކެޑެގޭ އާ ދިމާލުން ބޯނުގޭ ގެ ދެކުނު ފަރާތުގައި ތޭރި ޖަހާފައި ހުންނަ އާނގައެއް ހުރެއެވެ.

ބޯޯނުގެ އިމާރާތް ކުރެވިފައިވާ ސާމާނަކީ އައްޑުއަތޮޅު ގަމުން ލިބުނު ތަކެއްޗެވެ. މިއީ ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު އިގިރޭސިން ގަމުގައި އުޅުނުއިރު އަޅާފައި ހުރި ގެތައް ރޫޅާލުމަށްފަހު އަތޮޅުގެ ކޮންމެ ރަށަކަށް ދިން ސާމާނުގެ ތެރެއިން މީދޫއަށް ލިބުނު ތަކެއްޗެވެ. ކޮންމެ ރަށެއްގައި ވެސް ބޯނުގެ އެއް އެޅިއެވެ. މީދޫ ބޯނުގޭ އެޅިއިރު ކާޑުގެ އަދި ރާނަން ނުފަށައެވެ.

އެއީ ވަރަށް ތަދު ދުވަސްވަރެކެވެ. ދެވަނަ ބޮޑުހަގުރާމައިގެ ދުވަސް ވަރެވެ. އޭރު މީދޫގެ ރަށު ވެރީންނަކީ މުހައްމަދު ފެންނާމަނިކުފާނާއި އޭނާގެ ކޮއްކޮ ދެށިނާގެ އިބްރާހިމް ދީދީއެވެ. މި ދެ މީހުން އަންގާ ގޮތެއްގެ މަތީން ބޯނުގޭ ބެލެހެއްޓުމާއި ހަވާލުވެ އުޅުނީ ކުދު އަލި ދީދީ އާއި ކުދުރަހާގެ އަލި ދީދީ އެވެ. ދުއްރަ ހިފައިގެން އެންމެ ފުރަތަމަ އުޅުނީ މުހައްމަދު ރަހާގެ ހަސަން މަނިކުފާނާާއި ބަނޑިހިގޭ އިބްރާހިމް ދީދީ އެވެ. މިއަށްފަހު ދުއްރައާއި ހަވާލުވެ ތިބީ ކުދު އަލިދީދީ އާއި ކުދުރަހާގެ އަލި ދީދީ އެވެ.

އެދުވަސްވަރުގައި މީހުން ކުރާ އާއްމު ވައްކަމަކީ ވަގު ރުކުއެޅުމެވެ. ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ބައެއް މީހުން ބަންޑާރަ ރުކުން ކުރުނބާ އަޅައިގެން ބޮއި ހަދައެވެ. އޭރު މީހުން ދިރިއުޅުނީ ކުފުރާ ތަޅައިގެން އެތަކެތި މާލެ އަށާއި ސިލޯނަށް ފޮނުވައިގެން ލިބޭ ފައިސާ ކޮޅަކުންނެވެ. ގިނައިން ކުރުނބާ އަޅާނަމަ ކޮފުރާ ތަޅާނެ އެއްޗެއް ނުހުންނާނެއެވެ. އެހެންވެ މިކަން އޮތީ ވަރަށްވެސް ބޮޑު ކުށެއްގެ ގޮތުގައެވެ.

ވަގުރުކު އެޅުމާއި ގޭގައި ހުންނަ ކެޔޮ ގަސްތަކުން ކެޔޮ ކެނޑުމާއި ގަސްދޮށަށް ވެރޭ ބަނބުކެޔޮ ނެގުން ފަދަ ކަންކަމަކީ ވެސް މަނާކަންކަމެވެ. އަދި ވަލުތެރޭގައި ހުންނަ ކުދި ރުއްރުކުގެ ކުރި އުފުރާލައިގެން ކެއުމަކީ ވެސް ކުށެކެވެ. މި ކުށްކުށުގެ އަދަބަކީ ކުޑަ ބޮޑުމިނަށް ބަލާފައި ބޯނުގެއަށް ލުމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *