އައްޑޫ މީދޫ ކާޑުގޭ

ތަޢާރަފު
އައްޑޫ އަތޮޅު މީދޫ އަކީ، ރަށްވެހި ކަމުގެ ގަދީމީ ތާރީޚެއް އޮތް ތަފާތު އާސާރީ ތަންތަންހުރި ރަށެކެވެ. އެގޮތުން މީދޫ ކާޑުގޭ އަކީ މީދޫގެ ދުވަސްވީ ބިނާތަކުގެ ތެރެއިން ވަރަށް މުހިންމު ބިނާއެކެވެ.

ކާޑުގޭ ތަކަކީ ގާތްގަޑަކަށް މީގެ 70 ވަރަކަށް އަހަރު ކުރީން ރާއްޖޭގެ އެކި އަތޮޅު ތަކުގައި، ވަކި ޚާއްސަ ރަށް ތަކެއްގައި ބިނާ ކުރެވުނު އިމާރާތް ތަކެކެވެ. އެ ތަންތަން ބިނާ ކުރެވިފައި ވަނީ، ދިވެހިރާއްޖެ ތަޖްރިބާ ކުރި އެންމެ ތަދު ދުވަސްވަރު ކަމަށްވާ ދުނިޔޭގެ 2 ވަނަ ބޮޑު ހަނގުރާމައިގެ ވިލާގަނޑު ބޯމަތިވެ، އެތަދު މަޑުކަމުން ރާއްޖެއަށް އަވަހަކަށް އަރައި ނުގަނެވޭނެ ކަމުގެ ބިރު އިހްސާސް ވުމުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާޑުގެ ބާވަތްތައް ގުދަންކޮށް ރައްކާކޮށް ކޮންޓްރޯލް އުސޫލުން ރައްޔިތުންނަށް ދޫކުރުމުގެ ގޮތުންނެވެ.

ސަރުކާރުގެ ފަރާތުން އަތޮޅު ތަކާއި ރަށް ރަށުގެ ވެރިންނަށް އަންގަވައިގެން، ރައްޔިތުންގެ މަސައްކަތުން، މި ކާޑުގޭ ތައް އިމާރާތް ކޮށްފައިވަނީ 1944 މ. ވަނަ އަހަރާއި 1946 މ. ވަނަ އަހަރާއި ދެމެދުގެ ދުވަސް ވަރެއްގައެވެ. މި ދެންނެވި ކާޑުގޭ ތަކުގެ ތެރެއިން، އައްޑޫ މީދޫގެ ކާޑުގޭ އަކީ ދިވެހިރާއްޖޭގައި މިއަދާއި ހަމައަށް ފެންނާން ހުރި ވަރަށް މަދު ކާޑުގޭ ތަކުގެ ތެރެއިން، އެއިގެ އަސްލު ނުގެއްލޭ ގޮތައް އަންނަން އޮތް ޖީލު ތަކަށް ފޯރުކޮށް ދެވޭނޭހެން އެންމެ ރަނގަޅަށް ހިމާޔަތް ކުރެވިފައިވާ ތާރީޚީ ބިނާއެވެ.

ކާޑުގޭ ތަކަކީ ދާދީ އެއްގޮތަކަށް އެއްބުރި އަށް އިމާރާތް ކުރެވުނު އިމާރާތް ތަކެކެވެ. އައްޑޫ އަތޮޅު ހިތަދޫ އަދި ގ.ދ ތިނަދޫ ފަދަ ރާއްޖޭގެ މައި ރަށް ރަށުގައި ބިނާ ކުރި ކާޑުގޭ ތަކަކީ ވެސް އެއްބުރި އަށް އަޅާފައިވާ ތަން ތަނެވެ. އެހެން ނަމަވެސް އައްޑޫ މީދޫ ކާޑުގޭ އަކީ 2 ބުރިއަށް ހަދާފައިވާ އިމާރާތެކެވެ. މިއިމާރާތް ބިނާކޮށްފައިވަނީ ދެށެނާގެ އިބްރާހީމްދީދީގެ ކަތީބު ކަމުގެ ދުވަސްވަރުގައެވެ. އިމާރާތް ރޭނުމުގެ އިސް މޭސްތިރިއަކީ މާލޭގެ މަޝްހޫރު ރާނާ ދޮންބެއެވެ. އިމާރާތުގެ ފާރުތައް، އުވައިން، ރާނާފައިވަނީ އާދަޔާ ޚިލާފު ބޯ މިނެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ފާރުތައް ބާރުގަދަ ކުރުމަށްޓަކާ ރާނާފައިވަނީ ފަނިހަކުރު އަޅައިގެން އުވަ ގަށައިގެންނެވެ. ކޯރު މަށިން ނުވަތަ އުވަ ފަދަ ތަކެތިން، ކުރީ ޒަމާނުގައި، އިންޑިއާ އަދި ސްރީލަންކާ މީހުންވެސް އިމާރާތް ރާނާ އިރު މާމުއި އަޅައިގެން އުވަ ގަށާ ކަމަށް ވެއެވެ. ވީމާ ދިވެހިން ފަނި ހަކުރު އެޅައިގެން އުވަގަށާފައިވަނީ އެތަން ތަނުން ދަސްކޮށްގެން، މާމުއިގެ ބަދަލުގައި ކަމަށް ބެލެވެއެވެ.

ކާޑުގޭ ގައި ހިމެނޭ ބައިތައްKaaduge-New
މީދޫ ކާޑުގޭ ތިރީ ބުރި ހުންނަނީ 3 ބަޔަކަށެވެ. މެދު ބަޔަކީ ބޮޑު ސްޓޯރ އެވެ. އޭގެ ފަހުން އެއީ މރ. ސްޓޯރ އެވެ. އިރުމަތީފަރާތު ބަޔަކީ ބޮޑުގުދަނެވެ. ހުޅަގު ފާރާތު ބަޔަކީ އިދާރާ އެވެ. މި އިދާރާ ހުރިބަޔަކީ ފަހުން ނާއިބު އޮފީސް ހިންގިތަނެވެ. އެއަށްފަހު އެތަނުގައި ހިންގީ މީދޫ ކޯޓެވެ. އެންމެފުރަތަމަ މީދޫ ކޯޓް ހުޅުވި، އެ ކޯޓުގެ މަސައްކަތް 13 އަހަރު ދުވަހު މިބައިގައި ހިންގުނެވެ. ކާޑުގޭ އިދާރާގައި މީދޫ ކޯޓް ހިންގާފައިވަނީ 1981 ވަނައަހަރުން ފެށިގެން 1994 ވަނައަހަރާއި ދެމެދުގައެވެ. ކާޑުގެއަކީ ދިގުމިނުގައި 42 ފޫޓް، ފުޅާމިނުގައި 24 ފޫޓް ހުންނަ އިމާރާތެކެވެ.

ކާޑުގޭ މަތީ ބުރީގައި ހިންގަމުން އައީ މީދޫ އޮފީހެވެ. އެހެންނަމަވެސް އިބްރާހިމް ނާސިރުގެ ރައީސް ކަމުގައި ހުޅުދޫ އާއި މީދޫ އެއްރަށެއްގެ ގޮތުގައި ހަމަޖެއްސެވުމާއިގުޅިގެން މީދޫ އޮފީހެއްނެތެވެ. އެގޮތުން ކާޑުގޭ މަތީބައިގައި އެއްވެސް ކަމެއް ނުހިންގާ ތަނެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. ހުޅުމީދޫ އޮފީސް ހިންގީ ހުޅުދޫ ގައެވެ. ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު ކާޑުގޭ މަތީބައިގައި، މަދުރަސަތުލް ހިދާޔާގެ ނަމުގައި މަދުރަސާ އެއް ހިންގަން ފެށުނެވެ. އެއީ ބޮޑުކަތީބު އަލްފާޟިލް ޢަބްދުﷲ ނާފިޒުގެ ނާޒިރުކަމުގެ ދަށުންނެވެ.

ހުޅުދޫ އާއި މީދޫ އެއްރަށެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން ދެރަށުގެ މަސްލަހަތު ގެއްލި ބޮޑެތި ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުން ތަކެއް ފެށުނެވެ. މިކަމުގެ ސަބަބުން އަލުން ހުޅުދޫ އާއި މީދޫ ދެ ރަށަކަށް ހަމަޖެހިގެން ދިޔައެވެ. ނަތީޖާއަކަށްވީ ކާޑުގޭ މަތީބަޔަކީ މީދޫ އޮފީސް ހިންގާތަންކަމުގައި ހަމަޖެހިގެން ދިއުމެވެ. މިހާރުގެ އޮފީސް އިމާރާތަށް ބަދަލު ވުމާއި ހަމައަށް ވެސް މީދޫ އޮފީސް ހިންގަމުން އައިސްފައިވަނީ ކާޑުގޭ މަތީބައިގައެވެ.

ކާޑުގޭގެ ފެންޑާ ޚާއްޞަވެފައި އޮންނަނީ މަސްވެރީން ބާނާމަސް ހިއްކައިގެން ގެނެސް އެތަކެތި ކިރުމާއި ބަންދު ކުރުމާއި، ބީވާ ތަކުން ގެންނަ ކާއްޓާއި ކަށިކޭލާއި ބަނބުކެޔޮފަދަ ތަކެތި ކޮންޓްރޯލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ތަނެއްގެ ގޮތުގައެވެ. މީގެ އިތުރުން ކާޑުގޭ ގޯތި ތެރޭގައި ކުށްވެރިން އަނދަގޮނޑި ޖަހައި ބަންދުކޮށްގެން ބައިތިއްބުމަށް ބޯނުގެ އެއްވެސް ހަދާފައި ހުއްޓެވެ.

ކާޑުގޭ އަކީ ބޭނުން ނުކުރާ އިމާރާތަކަށްވެ ފަޅުވުންKaaduge-Meedhoo
މީދޫ ކާޑުގޭ އެންމެ ފަހަކާ ޖެހެން ދެންވެސް ބޭނުން ކުރަމުން އައީ މީދޫ ރަށު ކޯޓާއި އަދި ރަށު އޮފީސް ހިންގުމަށެވެ. ކާޑުގޭ މަތީ ބުރީގައި ހިންގަމުން އައި ރަށު އޮފީސް  1992 ވަނަ އަހަރު، އާ އޮފީސް އިމާރާތައް ބަދަލު ވިއެވެ. އަދި ތިރީބައިގައި ހިންގަމުން އައި މީދޫ ރަށު ކޯޓް  1994 މ. ވަނަ އަހަރު، މީދޫ ކޯޓް ވެސް އާ އިމާރާތައް ބަދަލު ވުމާއި ގުޅިގެން ކާޑުގޭ އެއްކޮށް ބޭނުން ނުކުރާ ފަޅު އިމާރާތަކަށް ވިއެވެ. މިދެންނެވި ރަށު އޮފީހާއި ރަށު ކޯޓް އާ އިމާރާތައް ބަދަލުވީ އިރުވެސް ކާޑުގޭ ވަނީ ވަރަށް ބޮޑަށް ބާވެ މަރާމާތު ކުރަން ޖެހިފައެވެ.

ކާޑުގޭ ވީރާނާވެ ނެތި ދިއުމުގެ ބިރު ހީވެފައި އޮތުން
މަތީގައި ދެންނެވި ފަދައިން މީދޫ ކާޑުގޭ އިމާރާތުގެ ބޭނުން ކެނޑި އަޅާނުލާ ފަޅު އިމާރާތެއްގެ ގޮތުގައި 12 ވަރަކަށް އަހަރު ވަންދެން ދޫކޮށްލެވިފައި ހުއްޓެވެ. ދަގަނޑު ޓީނުން އޮތް ފުރާޅު އެއްކޮށް ފޫ ގޮސް، ހިޔާކޮށްފައިވާ ވަކަރުތައް ފީވެ އަދި ފަންގިފިލާވެސް ހަލާކުވެފައި ވަނިކޮށް އޭރުގެ ރަށުގެ ވެރިންގެ ވިސްނުމަށް އައީ އިމާރާތް މުޅިން ރޫޅާލާ ފަންގި ފިލާ އަޅާފައިވާ ވަކަރު ބެރި ތަކާއި ދެންވެސް ނީލަމުން ވިއްކޭނެ އެއްޗެއް ހުރިއްޔާ ވިއްކާލުމަށްފަހު އިމާރާތްވެސް ތަޅާ ބިން ސާފު ކޮށްލުމަށެވެ.

ކާޑުގޭ ހިމާޔަތް ކުރުމުގެ މަސައްކަތުގެ ފެށުން
މީދޫ އަށް ހެޔޮއެދޭ މީދޫގެ ތިން ހަތަރު ދަރިއަކު އިސްނަގައިގެން 2006 ވަނަ އަހަރު ތެރޭގައި، މީދޫ އޮފީހުގެ ވެރިންނާއި މަޝްވަރާ ކޮށްގެން ކާޑުގޭ މަރާމާތު ކޮށްގެން ބޭނުން ކުރުމަށްޓަކާ އިންތިޒާމު ތަކެއް ހަމަ ޖެއްސިއެވެ. މި ބުނި އިންތިޒާމުގެ ދަށުން އެމީހުން ހަވާލުވެގެން، ފުރަތަމަވެސް އިމާރާތުގެ ފަނާވެފައިވާ ފުރާޅު އެއްކޮށް ބަދަލު ކުރިއެވެ. މުޅިން އާ ޓިނު ޖަހައިގެން ކާޑުގޭ ހިޔާ ކުރުމާއި ދޮރުތައް ބަދަލު ކުރުމަށް ގާތްގަޑަކަށް 50،000 ރުފިޔާ ޚަރަދުވިއެވެ. މިމަސައްކަތަށް އެންމެ ބޮޑު ޚަރަދެއް ކޮށްދެއްވީ،  އިބްރާހީމް ޝިހާބާއި އަހްމަދު ހާމިދެވެ.  އިމާރާތުގައި އާ ފުރާޅެއް ޖަހާ ހިޔާކޮށް އާ ދޮރުތައް އަރުވާ، އާބާތުރަ ފިލުވުމުގެ މަސައްކަތް ނިންމިއެވެ.  ގިނަ ދުވަސް ތަކެއް ނުވަނީސް، ރަށުގައި އިޖްތިމާއީ ކަން ކަން ކުރުމަށް ޝައުގުވެރިވާ އެހެން ފަރާތް ތަކުގެ ލޯތައް ކާޑުގޭ އަށް އަމާޒު ވާން ފެށިއެވެ. އެކިފަހަރު އެކި ބޭނުމަށް އިމާރާތް ހޯދުމަށް މަޝްވަރާތައް ކުރެވުނެވެ. އެގޮތުން ގައުމީ ކުތުބުޚާނާއާއި ގުޅިގެން ލައިބްރަރީއެއް ހެދުމަށްޓަކާ މީދޫ ރައްޔިތުންގެ ބަޔަކު މަސައްކަތް ކުރެއްވިއެވެ.  އެއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސް ވަރުއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އެއިރު އެ މަޝްރޫޢު ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

ކާޑުގޭ ގޯތި ތެރޭގައި ޕާކެއް ތައްޤީ ކޮށް ހުޅުވުން
ކާޑުގޭ ހިމާޔަތް ކުރުމުގެ ޕްލޭންގައި ތަރައްގީ ކުރަން ހިމާނާފައިވާ އެއް ކޮމްޕޯނެންޓް ކަމަށްވާ ކާޑުގޭ ޕާކު ތަރައްޤީ ކޮށް ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތް ކޮށްފައިވަނީ މީދޫ  ޗެއިން ޖަމްއިއްޔާ އިސްނަގައިގެން ޝަންގްރިލާ ރިޒޯޓްގެ ފަރާތުން ފައިސާގެ އެހީގެ ލިބިގެންނެވެ. ޝަންގްރިއްލާ ރިޒޯޓްގައި މަސައްކަތް ކުރާ މީދޫ މުވައްޒަފުންނާއި މީދޫގެ ޒުވާނުން އަދި ޖަމިއްޔާތައް ގުޅިގެން ތަރައްޤީ ކުރި މި ޕާކަކީ ރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ތަރައްޤީ ކުރި ޕާކެކެވެ. ޕާކުގެ ބޭނުން އުމުރުން ދުވަސްވީ ބޭފުޅުން އަންނަނީ ހިފަމުންނެވެ.

ކާޑުގޭ ހިމާޔަތް ވާނޭހެން އިމާރާތުގެ ބޭނުން ހިފަން ފެށުން
މީދޫގެ އަންހެން ކަނބަލުންގެ ބަޔަކު އިސް ނަގައިގެން އުފެއްދި ޖަމްއިއްޔާއެއް ކަމަށްވާ ޗެއިން ޖަމްއިއްޔާގެ އޮފީސް ހިންގުމަށްޓަކައި ކާޑުގޭ އިމާރާތް ހޯދި އިރު ފުރާޅާއި ދޮރުތައް އާކުރެވިފައި ވީ ނަމަވެސް، ކާޑުގޭ ތަރައްގީ ކުރުމަށްޓަކާ ކުރަން ޖެހޭ ގިނަ މަސައްކަތް ތައް ވަނީ ނުކުރެވިއެވެ. މިގޮތުން ކާޑުގޭ ތަރައްގީ ކުރުމުގެ މަސައްކަތް 2010 މ. ވަނަ އަހަރު ތެރޭގައި ފެށުނެވެ. އެންމެ ކުރީންވެސް ކާޑުގޭ ތަރައްގީ ކޮށް ހިމާޔަތް ކުރާން އިސް ނެގި މީހުންގެ މެދުގައި މަޝްވަރާ ކުރެވެމުން އައި ކޮންސެޕްޓާއި އެއްގޮތައް، ޕާކަކާއި ، ތާރީޚީ މިއުޒިއަމް އަކާއި ޕަބްލިކު ލައިބްރަރީ އަކާއި އަދި އޮފީސް ބައެއް ހިމެނޭ ގޮތަށެވެ. އަދި މީގެ އިތުރަށް ރަށަށް ޒިޔާރަތް ކުރާ މެހުމާނުން ބޭނުން ކުރުމަށްޓަކައި 2 ފާޚާނާ ވެސް ހިމެނެއެވެ. ކާޑުގޭ ގެ ތަރައްގީގެ ތަސައްވަރާއި އެއްގޮތައް މުޅީން މަސައްކަތް ނިމިގެން ކާޑުގޭ ހުޅުވުނީ 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. މި މަސައްކަތައް އެކިފަހަރު މަތީން، ފައިސާގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދީފައިވަނީ އައްޑޫ އަތޮޅުގައި ހިންގާ ޝަންގްރިލާ ވިލިގިލި ރިޒޯޓްގެ ފަރާތުންނެވެ. އެހެން ކަމުން ޝަންގްރިލާ އަށާއި ޗެއިންޖަމްއިއްޔާއަށާއި އަދި މި މަސައްކަތައް އެކި މަރުހަލާ ތަކުގައި އެކި ދުވަސްވަރު ކޮންޓްރިބިއުޓް ކުރި ހުރިހާ ފަރާތް ތަކަށް ނިހާޔަތައް ޝުކުރު ދަންނަވަމެވެ. ޝައްކެތް ނެތް ގޮތުގައި، އައްޑޫ އަތޮޅުގެ އެހެން އެއްވެސް ރަށެއްގައި މިފަދަ ތާރީޚީ ބިނާއެއް މިހާ ފުރިހަމަ އަށް ތަރައްގީކޮށް ހިމާޔަތް ކުރެވިފައި ނެތެވެ. މުޅި ދިވެހިރާއްޖޭގެ ނިސްބަތުން ބެލި ނަމަވެސް، ތާރީޚީ ބިނާއެއް އެއިގެ އަސްލު ނުގެއްލޭ ގޮތައް، ތަރައްޤީކޮށް ހިމާޔަތް ކުރުމުގައި، މިހާރު ފެންނަންހުރި މީދޫ ކާޑުގޭ އަކީ ނަމޫނާ މަސައްކަތެއް ކަމުގައި ވާނެ ކަން ކަށަވަރެވެ. މީދޫގައި ހުރި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ލިކަވިލިއްސަ ގަހުގެ ރީތި ފެހިކަމާއި އެކު ފެންނަން އޮތް ފެހި ކުލައިގެ ޕާރކާއި އެކު ކާޑުގޭ ފެންނަ އިރު އަދި ވަކީން ހިތްގައިމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *