އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 14

ސުލައިމާނު އެދުރު ތަކުރުފާނުގެ ވާހަކަ

މީދޫ އަލުން އާބާދުވުމާއެކު އިލްމު ފެތުރުމުގެ އާ ސިލްސިލާއެއް ފެށުނު ވާހަކަޔާއި އިލްމުގެ އެދުމުގައި ހަޒުރަމައުތުގެ ތަރީމަށާއި ޔަމަނުގެ ޒަބީދަށް ދަތުރުކުރުމުގެ އޮއިވަރެއް ފެށުނު ވާހަކަ ކުރީގެ ބާބެއްގައި ބަޔާން ކުރެވިއްޖެއެވެ. އީސަލް ޔަމަނީއޭ ކިޔުނު ޔަަމަނުގެ ބެއިކަލަކަށް މިދުވަސްވަރު ކޮންމެވެސް ގޮތަކުން މީދޫއަށް އޮތީ ވަޑައިގެންނެވިފައެވެ. މި ބެއިކަލަކު ކައިވެނި ބައްލަވައިގަތީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދޮން ފާތިމާއާ އެވެ. މިތަނުން އީސަލް ޔަމަނީއަށް ލިބިވަޑައިގެންނެވި ދަރިކަލަކީ މުހައްމަދު އެދުރު ތަކުރުފާނެވެ. މީނާއަށް އެދުރު ތަކުރުފާނޭ ކިޔުނީ ހަޒުރަމައުތަށް ވަޑައިގެން އަރަބި ކަރައިން ހެވިކަން ދަސްކުރައްވައިގެން ހުންނެވި ހެވިކަމުގެ އެދުރަކަށް ވުމުންނެވެ. މީނާ ހެވިކަމުގެ އިތުރުން ދީނީ އިލްމު އުގެނިވަޑައިގެން އެ އިލްމު ފެތުރުމަށް މީދޫގައި އާބާރަކާއިއެކު މަސައްކަތް ފައްޓަވައި ކިޔަވައި ދިނުމުގެ ފަންނު އާ އުސްމިނަކަށް ގެންދެވިއެވެ.

މުހައްމަދު އެދުރު ތަކުރުފާނު ވެސް މަދަރުސާއަކަށް ބޭނުން ކުރެއްވީ ހަމަ އެންމެ އިހަށްވެސް ދީނުގެ އިލްމުތައް ކިޔަވައިދިނުމަށް މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރެވުނު މާމިސްކިތެވެ. ކިޔަވައިދިނުމުގައި ހުރިހާ ވަގުތެއް ހުސްކުރެއްވިކަމަށްޓަކައި މުއައްލިމް މިނަމުން އެންމެ ފުރަތަމަ މުޚާތަބު ކުރެވެން ފެށި ބެއިކަލަކީވެސް މި މުހައްމަދު އެދުރު ތަކުރުފާނެވެ. މި ތަކުރުފާނަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ އެދުވަސްވަރު މުޅިރާއްޖޭގައިވެސް އިލްމުވެރިކަމަށް އެންމެ އަރައި ހުންނެވި ކަމަށް ތާރީޚުން ސާބިތުވާ އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރު ތަކުރުފާނެވެ. މި ތަކުރުފާނު ހަޒުރަމައުތާއި ޒަބީދަށް ވަޑައިގެން އެތަންތަނުން އިލްމު ހޯއްދެވިއެވެ. އެއަށްފަހު ހިޖާޒަށް ވަޑައިގެން މައްކާ އާއި މަދީނާގައިވެސް ކިޔަވައި ވިދާޅުވިއެވެ. އެންމެ ގިނަ ދުވަހު ހުންނެވީ މަދީނާގައެވެ. އެނބުރި މީދޫއަށް ވަޑައިގަތުމުން މަދީނާ އެދުރު ތަކުރުފާނޭ ވެސް ކިޔަން ފެށުނެވެ. ސުލައިމާނުލް މަދަނީއޭ ދިވެހި ބައެއް ލިޔުންތަކުން ފެންނަނީ މި ސަބަބަށްޓަކައި ކަމަށް ހީކުރެވެއެވެ.

އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރުތަކުރުފާނުގެ އަރިހަށް އިލްމުގެ އެދުމުގައި ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުން ޒުވާނުން އައެވެ. އޭގެ ތެރެއިން ދަންނަ މުހައްމަދު ރަސްގެފާނުގެ ވާހަކަ އިސްވެ ހިގާއްޖެއެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ދޮއްތަޑަފި އެދުރު ތަކުރުފާނު ނުވަތަ އަލްވަޒީރު ސައީރު އަލްހާއްޖު އިބްރާހިމް ޝަހީދުލް މުކައްރަމް އަކީވެސް ހަމައެދުވަސްވަރު ކިޔަވައި ވިދާޅުވުމަށް މީދޫއަށް ވަޑައިގެންނެވި މާލޭގެ ޒުވާނެކެވެ. މީނާ ނިސްބަތްވަނީ އޭރު ރާއްޖޭގައި ރަސްކަން ކުރަމުން އައި ތީމުގޭ ޚާންދާނަށެވެ. ދޮއްތަޑަފި އެދުރު ތަކުރުފާނު މީދޫގައި ކިޔަވައި ވިދާޅުވީ ސުލްތާނު މުހައްމަދު އެއްވަނަ މިރަދުން ތަޚުތުގައި އިންނެވި ދުވަސްވަރުއެވެ. އެއީ މީލާދީން 1380ގެ އަހަރުތަކެވެ.

ދޮއްތަޑަފި އެދުރު ތަކުރުފާނުގެ ވާހަކަ

ދޮއްތަޑަފި އެދުރު ތަކުރުފާނު މީދޫގައި ކިޔަވައިވިދާޅުވާން ހުންނެވުމުގެ ތެރޭގައި ފުވައްމުލަކަށް ވަޑައިގެން އެރަށު ދަޑިމަގު އަވަށު ހައްދިންމަތީގޭ ފާތިމާ ކިޔުނު ބެއިކަނބަލަކާއި ކައިވެނި ބައްލަވައިގަތެވެ. އެއަށްފަހު ދުވަސްތަކަކަށް ހުންނެވީ ފުވައްމުލަކުގައެވެ. މިބަނޑުން ލިބިވަޑައިގެންނެވި ދަރިކަލަކީ އަލްވަޒީރުއް ސައީރު އަލްއުސްތާޒު އަބްދުއްސަލާމް އެދުރު ދޮންތަކުރުފާނެވެ.

ހަޒުރަމައުތަށް ފުރި އޮޑިއެއްގައި ހައްޖުވުމުގެ އެދުމުގައި ދޮއްތަޑަފި އެދުރު ތަކުރުފާނު މުކައްލާއަށް ވަޑައިގެން އެތާގައި ހުންނެވުމަށްފަހު ޖިއްދާއަށް ވަޑައިގެން އެތަނުން މައްކާއާއި މަދީނާއަށް ވެސް ވަޑައިގެން ހައްޖުވެ މަދީނާވެވަޑައިގަތެވެ. ހައްޖަށްފަހު އަނެއްކާވެސް އެނބުރި މުކައްލާއަށް ވަޑައިގެން ރާއްޖެއަށް ވަޑައިގެންނެވުމުގެ ގޮތުން އެތަނުން މަލާބާރު ކަރަޔަށް އަރަބި ނަވެއްގައި ފުރާވަޑައިގަތެވެ. މަލާބާރުކަރައިގެ ކާލީކޯޓުގައި ހުންނަވާފައި ހެވިކަން ދަސްކުރެއްވުމުގެ އެދުމުގައި ދެން ވަޑައިގެންނެވީ ބޭދާޅީ ކިޔުނު ރަށަށެވެ. މި ބޭދާޅީއަކީ ބެންގަލޫރާއި މައިސޫރާއި ދޭތެރޭގައި އޮންނަ އަވަށެކެވެ. އޭރުވެސް އަދި ވަރަށް ފަހަކާ ޖެހެންދެންވެސް މިއީ މާޝަލް އާޓްސްއޭ ކިޔުނު ހެވިކަމުގެ ފަންނުގައި މަޝްހޫރު ރަށެކެވެ. މިރަށް އޮންނަނީ ކަރްނާޓަކާ ސްޓޭޓުގެ އިރު ދެކުނު ބިތުގައެވެ.

ބޭދާޅީގައި ދެއަހަރެއްހައި ދުވަހު ހުންނަވައި ވަރަށް މަތީ ފެންވަރަށް ހެވިކަން ދަސްކުރައްވައިގެން ދޮއްތަޑަފި އެދުރު ތަކުރުފާނު އަނެއްކާވެސް މަލާބާރަށް ވަޑައިގެން އެތަނުގެ ބޭޕޫރުން ފުރި އޮޑިއެއްގައި ވަޑައިގެންނެވީ މާލެއަށެވެ. އޭރު ރަސްކަމުގައި ހުންނެވީ ހިލާލީ ދަރިކޮޅުގެ ސުލްތާން ޔޫސުފު ދެވަނައެވެ. މާލެވަޑައިގެން ފުރަތަމަ ކުރެއްވިކަމަކީ ފުވައްމުލަކުގައި ހުންނެވި ދަރިކަލުން އަބްދުއްސަލާމް އެދުރު ދޮންތަކުރުފާނު މާލެއަށް ނެންގެވުމެވެ.

ސުލްތާން ޔޫސުފު ދެވަނަ އަވަހާރަވެ އެ ރަދުންގެ ދަރިކަލުން ސުލްތާނު އަބޫބަކުރު އެއްވަނައިގެ ރަސްކަމުގައި ޕޯޗުގީޒުންގެ ގުރާބެއް 1443 ގައި މާލެއައިސް ކުރެވުނު ހަނގުރާމައިގެ ތެރޭގައި ސުލްތާނު އަބޫބަކުރު އަވަހާރަވެއްޖެއެވެ. އަދި ލަޝްކަރީންގެ އިސްމީހެއްގެ ގޮތުގައި ހުންނެވި ވަޒީރު ދޮއްތަޑަފި އެދުރުތަކުރުފާނުވެސް ޝަހީދުވެއްޖެއެވެ. ޝަހީދުލް މުކައްރަމް މިގޮތަށް ދޮއްތަޑަފީގެ މަހާނަ ގަލުގައި ލިޔެވުނީ މިހެންވެގެންނެވެ. ދޮއްތަޑަފި ޝަހީދުވިޔަސް އެހަނގުރާމައިގައި ވަރަށް ހިތްވަރު ކުރައްވައި މީސްތަކުން އަޖައިބުވާހާ ހުނަރު ދެއްކެވި ކަމަށް ދޫދޫމަތިން ކިޔެމުން އައިސްފައިވެއެވެ.

އަބްދުއްސަލާމް އެދުރު ދޮން ތަކުރުފާނުގެ ވާހަކަ

ސުލްތާނު އަބޫބަކުރު ޝަހީދުވުމުން ދެން ރަސްކަމަށް އިސްވެވަޑައިގަތީ އެރަދުންގެ ދަރިކަލުން ސުލްތާން ހަސަން ތިންވަނައެވެ. މިރަދުން އިސްވެވަޑައިގެންފައި ދޮއްތަޑަފި އަދާކުރެއްވިހައި ވަޒީފާއެއް ދޮއްތަޑަފީގެ ދަރިކަލުން އަބްދުއްސަލާމަށް ދެއްވައިފިއެވެ. އޭގެފަހުން އަލްވަޒީރުއްސައީރު އަލްއުސްތާޒު އަބްދުއްސަލާމް އެދުރު ދޮންތަކުރުފާނުގެ ނަމުން މަޝްހޫރުވެއްޖެއެވެ. މި އެދުރު ދޮންތަކުރުފާނު ކައިވެނި ބެއްލެވީ ސުލްތާނު ހަސަން ތިނެއްގެ ކޮއްކޯ ކަމަނާއާއެވެ.

އެދުރު ދޮންތަކުރުފާނަށް މި ކަމަނާގެ ބަނޑުން ލިބިވަޑައިގަތީ ދެ ފިރިހެން ބޭފުޅުންނެވެ. އެއީ އެދުރު ހަސަން ތަކުރުފާނާއި އެދުރު އަލީ ތަކުރުފާނެވެ. ސުލްތާނު ހަސަން ތިނެއްގެ ރަސްކަމުގެ މެދުތެރޭގައި ރަސްކަމުގެ ކޮއިލުތެރޭގައި ވަރަށް ބޮޑު ކޯޅުމެއް ހިގައިފިއެވެ. ސުލްތާނު ހަސަން ތިނެއް ތަޚުތުން ބޭލުމަށް ރަދުންގެ ކޮއްކޯކަމަނާގެ ދެބޭފުޅުން މަސައްކަތް ކުރެއްވިކަމަށް ތުހުމަތު ކުރެވި އެދެބޭފުޅުންނާއި އެދެބޭފުޅުންގެ ބައްޕަ ވެސް އަރުވައި ލެވިއްޖެއެވެ. ހަސަން ތަކުރުފާނު އޭރު ކައިވެނި ބައްލަވައިގެން ހުންނެވީ ތިލަދުންމަތީ ބައުރަށު ބެއިކަނބަލަކާ ކަމަށްވާތީ އެދުރު ހަސަން ތަކުރުފާނު ފޮނުވައިލެވުނީ ބައުރަށަށެވެ. އެދުރު އަލީ ތަކުރުފާނާއި މިތަކުރުފާނުގެ ބައްޕާ އަބްދުއްސަލާމް އެދުރު ދޮންތަކުރުފާނު އަރުވައިލެވުނީ އަބްދުއްސަލާމުގެ އުފަން ރަށް ކަމުގައިވާ ފުވައްމުލަކަށެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!