ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް 7
ވެލާނާގެ އާއި އަތިރީގޭގެ ކޯޅުންތައް ފެށުން
ހުރަވީ ޚާންދާނަކީ ބަގާވާތުގެ ޚާންދާނެވެ. ބަގާވާތަކުން ރަސްކަން ފޭރިގަނެ އެރަސްކަން އެކި ބައްޓަމަށް ފެއްތުމަށްވެސް އެ ޚާންދާނުން ކޮށްފައިވަނީ ބަގާވާތެވެ. އެއީ ބަގާވާތުގެ އަމާ ހާލިހަދައިގެން އެ އަމާގެ ދަރިންގެ ގައިގައި ތުޅާކި ބައްދައިގެން ކަލޭނޭ ކަލޭނޭވޭ ކޮންމެވެސް ކޮންމެވެސް ބަގާވަތެއްކޮށްފައި ނޫނީ ތިޔައިން އެންމެކުއްޖެއްވެސް ލޮލުފިޔަ ޖަހައި ހަމަ ނިންޖެއް ނިދައިގެން ނުވާނެޔޭ ނުނިދަހަރޭ ކެނޑިނޭޅި ހުއްޓުމެއްނެތި ގޮވަމުންދާ ޚާންދާނެވެ. އެކަން ކުރީގެ ބާބުތަކުގައި ވަރަށް ތަފްސީލުކޮށް ބަޔާން ކުރެވިއްޖެއެވެ.
ކޮންމެ އެއްޗެއްވެސް ހަލާކުކުރާ ފަނި އުފެދޭނީ އެ އެއްޗަކުންނޭ ބުނެވޭގޮތަށް ހުރަވީ ޚާންދާނު ހަލާކުވުމުގެ ފަނި އުފެދުނީވެސް ހަމަ އެ ޚާންދާނުގެ ތެރޭގައެވެ. ލިޔަމުންމިދާ ބާބުތަކުގެ ފަހުބައިން އެކަން ޔަގީންވާވަރުގެ ހެކިވެސް ފެންނާނެއެވެ. އަތިރީގެ އާއިލާ އާއި ވެލާނާގޭ އާއިލާ މުޑިއަރައި އާ ބަގާވާތެއްގެ ހުޅު ފަޅައިގެންދިޔުމަކީ މިފަނި އޭގެ ވާޖިބު އަދާކުރަން ފަށައިގެންފިކަން ދޭހަވެގެން ދިޔަ ހާދިސާއެކެވެ. މިބައިގައި ލިޔާން މިއުޅެނީ މަޝްހޫރު ގޯދީ ރާޖާގެ ބަގާވާތެވެ.
ގޯދީރާޖާގެ ނަމުން މަޝްހޫރުވެފައިވަނީ ހުރަވީ ޚާންދާނުގެ ގޮތްޕެއް ކަމަށްވާ ވެލާނާގެ އާއިލާގެ ބޭފުޅުންގެ ތެރެއިން ވެލާނާގޭ މުހައްމަދު ދީދީއެވެ. ވެލާނާގޭ އާއިލާގެ ފެށުމަކަށް ބަލަނީ މަލިންގޭ ހަސަން ދީދީ އެވެ. އެއީ މަޝްހޫރު ވެލާނާ މަނިކުފާނެވެ. މި ވެލާނާ މަނިކުފާނު ކައިވެނި ބައްލަވައިގެން ހުންނެވީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ އެއްބަނޑު އެއްބަފާ ކަނބަލަކާއެވެ. ވެލާނާ މަނިކުފާނުގެ ދޮށީ ދަރިކަލުން ވެލާނާގޭ މުހައްމަދު ދީދީ ކައިވެނި ބައްލަވައިގެން ހުންނެވީ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދަރިކަނބަލަކާއެވެ. ދެ އާއިލާއޮތީ މިހާވަރަށް ގުޅިފައެވެ. ބޮޑު ހުޅު ހިންގެވީވެސް އިބްރާހިމް ދޮށިމޭނާކިލެގެފާނާއި ވެލާނާމަނިކުފާނު ގުޅިވަޑައިގެންނެވެ.
މި ދެ އާއިލާ މުޑިއަރަން މެދުވެރިވީ ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި އެރަދުން ކުރެއްވި ކައިވެނިފުޅެއްގެ ސަބަބުންނެވެ. އެވާހަކަ ކުރީ ބާބެއްގައި ބަޔާން ކުރެވިއްޖެއެވެ. ކޮންމެއަކަސް އެދުވަހަށްފަހު ދެ ގޭގެ މެދުގައި އިތުބާރެއް ދެނެގަތުމެއް ކުލުނެއް ނޯވެއެވެ. މިހެންވުމުން ޝަމްސުއްދީނު ތިންވަނައިގެ ރަސްކަމުގައި ވެލާނާގޭ އާއިލާއަށް އެއްވެސް ހައިސިއްޔަތެއް ގަދަރެއް ނޯވެއެވެ. މިއީ ވެލާނާމަނިކުފާނާއި އެމަނިކުފާނުގެ ބޭފުޅުންނަށް ހަޖަމު ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ތަބައީގޮތުންވެސް އެއީ ބިރުކުޑަ ހިތްވަރުގަދަ ކެރޭ ބޭފުޅުންތަކެކެވެ. ބަޔަކު ހެދިހާ ގޮތަކަށް ރުހިގެން ތިބެން ތައްޔާރެއް ނޫނެވެ.
ވެލާނާ މަނިކުފާނާއި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނާއި ދެމެދު މައްސަލަތައް ފެށި އިތުބާރު ގެއްލުމާ ގުޅިގެން ވެލާނާގޭ ކުދިން ދެރަކޮށްލުމަށް އިބްރާހިމް ދޮށިމޭނާކިލެގެފާނު ވިދާޅުވިކަމަށް ވަރަށް ގިނަ މީހުން ބުނާ ވާހަކައެކެވެ. އަހަރެންގެ ދަރީން އިނގިރޭސި ކިޔެވިޔަކަސް ކަލޭގެ ދަރީންނަށް އިނގިރޭސިއެއް ނުކިޔެވޭނެއެވެ. އަހަރެންގެ ދަރީން ވެރިކަން ކުރިޔަސް ކަލޭގެ ދަރީންނަށް ވެރިކަމެއް ނުކުރެވޭނެއެވެ. އަތިރީގެއާއި ވެލާނާގެ ހަމަހަމައެއް ނުވާނެއެވެ. އިބްރާހިމް ދޮށިމޭނާކިލެގެ އާއި ވެލާނާކަލޯ އެއްވަރެއް ނުވާނެއެވެ.
އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ މި ވިދާޅުވުމަކީ ވެލާނާގޭ އާއިލާ ކުރިއަރައި ދިއުމަށް ހިތްވަރު ކުރުމަށް އެއާއިލާގެ ބޭފުޅުންނަށް ހިތްވަރު ލިބިވަޑައިގަތުމުގެ މައިގަޑު ސަބަބުކަމަށް ނިންމިދާނެއެވެ. އަތިރީގޭ ބޭފުޅުންނަށްވުރެ ހުރިހާ ގޮތަކުން ވެސް ގަދައީ ވެލާނާގޭ ބޭފުޅުންކަން މާގިނަ އަހަރުތަކެއް ނުވެ އެބޭފުޅުން އޮތީ ދައްކަވައިފައެވެ. ހުރަވީ ޚާންދާނާއި އަތިރީގޭ އާއިލާގެ ވެރިކަން ނިމުމަކަށް ގެންނަވައި އެބޭފުޅުންގެ ކަންތައް ކޮޅެއްގައި ޖެއްސެވީ ވެލާނާގޭ ބޭފުޅުންނެވެ. އެވާހަކަތައް އަދި ފަހުން އަންނާނެއެވެ.
ގޯދީރާޖާގެ ބަގާވާތް
އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީން ރަދުންނާއި ދެކޮޅަށް ވެލާނާގޭގައި އެކިކަހަލަ ރޭވުންތައް ރާއްވަވާކަމަށް މާލެތެރޭގައި ވާހަކަ ދެކެވޭން ފެށުމުން ވެލާނާ މަނިކުފާނާއި އޭނާގެ ދެބޭފުޅުން ކަމަށްވާ މުހައްމަދު ދީދީ އާއި އިބްރާހިމް ދީދީ 1904 ގައި ހައްދުންމައްޗަށް އަރުވާލައިފިއެވެ. އަރުވައިލީ ހާޖީ އިމާދުއްދީނާއި އެއްބައިވެގެން ޝަމްސުއްދީން ރަދުންނާއި ދައުލަތާ ދެކޮޅަށް ބަގާވާތް ކުރައްވަން އުޅުއްވާކަމުގެ ތުހުމަތުގައެވެ. މި ތިން ބަފައިން މާގިނަދުވަހު އެ އަތޮޅުގައި ތިއްބަވާކަށް ނުހައްދަވައެވެ. އޮޑިއެއް ކަނޑުއްވައިގެން ތިން ބޭފުޅުންވެސް ދަންވަރު ސިއްރިޔާތުގައި ސިލޯނަށް ފުރާވަޑައިގެންފިއެވެ. ސިލޯނަށް ވަޑައިގެން 1905 ގައި އެބޭފުޅުން އުޅުއްވީ އިނގިރޭސިންގެ މަދަދު ހޯއްދެވުމަށެވެ. އެކަމަކު އިނގިރޭސިން ތިބީ އަތިރީގޭ ބޭފުޅުންގެ ފަރާތަށެވެ. އިނގިރޭސިން ބުނީ ރާއްޖޭގެ މަސްލަހަތު ނަގައިލުމުގެ ކަންކަން ކުރާނަމަ ފިޔަވަޅުވެސް އެޅިދާނެ ކަމަށެވެ.
އިނގިރޭސިންގެ އެހީ ނުލިބުނީމާ ވެލާނާގޭ ބޭފުޅުންނަށް މަޖުބޫރުވީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންނަމަވެސް ވެރިކަން ފުރޮޅާލައި އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީން ރަދުން ސައިޒު ކުރުމަށެވެ. މިހެންވެ އިންޑިޔާގެ ހުޅަނގުބިތުގެ ޕަޓާނުންނާ ވާހަކަ ދައްކަވައި ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް އެމީހުންގެ އެހީތެރިކަމަށް އެދިވަޑައިގެންފިއެވެ. ވެލާނާގޭ ބޭފުޅުން އުޅުއްވާ ނޫޅުއްވާގޮތް އިބްރާހިމް ދޮށިމޭނާކިލެގެފާނުވެސް ގެންދެވީ ބައްލަވަމުންނެވެ. މިހެން ބައްލަވަމުން ގެންދަވަނިކޮށް ޖަފުނާއޭ ކިޔުނު އާގުބޯޓެއް ކުއްޔަށް ހިފައިގެން އާމިރު ޚާންއޭ ކިޔުނު ޕަޓާނެއްގެ ކޮމާންޑަރުކަމުގެ ދަށުގައި ހަތިޔާރާއެކު ޕަޓާން ކުލީ ސިފައިން ގޮވައިގެން ވެލާނާ މަނިކުފާނު މާލެއަށް އަރާވަޑައިގަތުމަށް އުޅުއްވާ ވާހަކަ އިވިވަޑައިގެންފިއެވެ.
މިކަމާއި ގުޅިގެން އިބްރާހިމް ދޮށިމޭނާކިލެގެފާނު ވަގުތުން އިނގިރޭސިންނަށް މިމައުލޫމާތު ދެއްވައި ވެލާނާގޭ ކުދިން ހައްޔަރު ކުރުމަށް އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގަތުމުން މެޑްރާސްގެ ފުލުހުން މެދުވެރިކޮށް ޓަމިލްނާޑޫގެ ބަނދަރުގައި އޮތް ޖަފުނާ ބޯޓު ފާސްކުރިއިރު އިނގިރޭސިންނަށް އެޔަކުން ހަތިޔާރެއް އަދި ޕަޓާނު މީހަކު ނުފެނުނެވެ. ދެން މިކަން ހުއްޓާލައިގެން ތިބީއެވެ. މިހެން ތިއްބާ ހާޖީ އިމާދުއްދީނަށް ވަފާތެރި މީހުންގެ ތެރެއިން އަރުވާލެވިފައި ތިއްބެވި އެއްގަމުގޭ ދެބެއިފުޅަކުވެސް އޮޑިކަނޑުއްވައިގެން ސިލޯނަށް ވަޑައިގެން ވެލާނާގޭ ބޭފުޅުންނާ ގުޅިވަޑައިގެންފިއެވެ. އެއްގަމުގޭ ބޭފުޅުންވެސް ޝަމްސުއްދީން ރަދުންނާއި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ އަނިޔާވެރިކަމުގެ ވާހަކަ އިނގިރޭސިންނަށް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އިނގިރޭސިން ތިބީ އަތިރީގޭ ފަރާތަށެވެ.
ޕަޓާނުންނާއެކު ރާއްޖެ އައުމުގެ ރޭވުން މުޅިން ނިމި މިކަން އަދި ތަންފީޒު ނުކުރެވިގެން އުޅެނިކޮށް ވެލާނާ މަނިކުފާނު ކޮލަމްބޯގައި 1907 ގައި އަވަހާރަވެއްޖެއެވެ. ވެލާނާ މަނިކުފާނު އަވަހާރަވިޔަސް ދަރިކަލުން ވެލާނާގޭ މުހައްމަދު ދީދީ އާއި އިބްރާހިމް ދީދީގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. މުހައްމަދު ދީދީ އާއި އިބްރާހިމް ދީދީ އިންޑިޔާގެ ކާލިކަޓަށް ވަޑައިގެން އެތަނުން ދެތިން ބަނގަލާއެއް ހޯއްދަވައި ޕަޓާނުންގެ ބަޔަކާއިގެން މަލިކަށް ވަޑައިގެންފިއެވެ. މަލިކުގައި ތިއްބަވާފައި ރާއްޖޭގެ އުތުރުގެ ދެތިން ރަށަކަށް ވަޑައިގެން އުތީމު މުހައްމަދު ތަކުރުފާނު ކަޅުއޮށްފުންމީގައި ކުރެއްވި ކަހަލަ ހަނގުރާމައެއް ކުރައްވަން ދިމާކުރައްވައިފިއެވެ. މިކުރައްވާކަމަކީ ދަނޑިވަޅު ހޯއްދަވައިގެން ރަށްރަށަށް ފައިބާވަޑައިގެން ކުޑައިކޮށް ދިވެހިންނާ ތޮޅެ ހައްދަވާފައި ފުރާވަޑައިގަންނަވަނީއެވެ.
މިޚަބަރު މާލެއަށް ލިބުމުން ވަރުގަދަ އަރުމާދެއްް ތައްޔާރުކޮށް އުތުރަށް ފޮނުވައިފިއެވެ. މިއަރުމާދު އުތުރަށް ގޮސް ވެލާނާ ލަޝްކަރާއި ބައްދަލުވާގޮތްވެ ދެބައިމީހުންގެ މެދުގައި މާވަރުގަދަ ކުރިމަތިލުމެއް އަދި ނުހިގަނީސް ވެލާނާ ލަޝްކަރު މައިދާންދޫކޮށް އަނެއްކާވެސް މަލިކަށް ހިގައްޖެއެވެ. މިކަމެއް ހިގީ 1907 ގެ އޮކްޓޫބަރު މަހުގައެވެ. މިއަށްފަހު ދެއަހަރެއްހާ ދުވަސް މެދަށް ދޫކުރައްވައި ވެލާނާގެ ދެބެއިންނާއި އެއްގަމުގޭ އަބްދުﷲ ދީދީ ކަރާޗީއަށް ވަޑައިގެން ޕަޓާނުންގެ އައު ބަޔަކު ހޯއްދަވައި ހަތިޔާރުވެސް ހޯއްދަވައިގެން އަނެއްކާވެސް ރާއްޖެއަށް ވަޑައިގެންފިއެވެ. މިފަހަރު އެންމެ ފުރަތަމަ ލައްވައިލީ ފާދިއްޕޮޅު ހިންނަވަރާއެވެ. އެރަށުގައި ތިއްބެވުމަށްފަހު ދެން ވަޑައިގަތީ މާލެއަތޮޅު ކަގި ކިޔާ ފަޅުރަށަށެވެ. އެރަށުން ދެން ވަޑައިގެންނެވީ މާލެއާ ކައިރިން ބަނޑޮހަށެވެ. މިކަމެއް ހިނގީ 1910 ގެ ޑިސެމްބަރު 23 ވަނަ ދުވަހުއެވެ.
ބަނޑޮހުގައި ޕިޗޯރީ ފައުޖު ކޭމްޕު ކޮށްގެން ތިއްބާ ސަރުކާރަށް މިކަން މޭރުންވެގެން މީރުބަހުރު އިސްމާއިލް ދީދީ ހަނގުރާމައިގެ ގާފިލާއެއް ތައްޔާރު ކުރައްވައިގެން ބަނޑޮސް ކައިރިއަށް ވަޑައިގެން ހަމަލަ ދެއްވީމާ އިސާހިތަކު ޕިޗޯރީން ބަލިވެ އަމާން ދީފިއެވެ. މާލޭގެ ލަޝްކަރު އެތަނަށް ގޮސް ވިހިތިރީސް ބަޑިއެއް ގޮއްވައިލިތަނުން ޕިޗޯރީން އަމާންދީފިއެވެ. ސިފައިންގެ އެންމެ އިސް ވެރިޔަކީ އަތިރީގޭ ބޭފުޅުންނަށް އިޚުލާސްތެރިކަމުގައި ދެގޮތެއް ނުވާ މީރުބަހުރު އިސްމާއިލް ދީދީއެވެ. މި އިސްމާއިލް ދީދީއަކީ އާއިލީ ގޮތުން އައްޑޫ މަރަދޫ މީހުންނާއި ވަރަށް ތިމާގެ ބޭފުޅެކެވެ. މީނާއަކީ މަރަދޫ މުދިންގޭ ބޮޑުކަތީބުގެ މަރަދޫ އައިމިނާފާނުގެ ދޮންމަނިކުގެ ބޭފުޅެކެވެ. މި އިސްމާއިލު ދީދީ އާއި އަތިރީގެއާ ދޭތެރޭ އޮންނަ ގުޅުމުގެ ބިންގަލަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނަކީ މީނާޔާ ދެބެއިންގެދަރި ބޭފުޅަކަށް ވުމެވެ.
މި ހަނގުރާމައިގައި ޕިޗޯރީން ބަލިވެ ވެލާނާގޭ ދެބެއިން ހައްޔަރުވުމުން މިކަމުގައި އެންމެ އިސްކޮށް ހުންނެވި ވެލާނާގޭ މުހައްމަދު ދީދީއަށް އަދަބު ދިނީ ވަކިވަރަކަށް ނޫނެވެ. ހިލިހިލާ ޖަހައިފައި އެތައް އަހަރަކު މާލޭގައި ބޭއްވިއެވެ. އެއަށްފަހު އަރުވައިލީ ފުވައްމުލަކަށެވެ. ޕިޗޯރީ ކުލީސިފައިންތައް އަލުން އިންޑިޔާއަށް ފޮނުވައިލާން ނިންމައި އެވެރިން އޮޑިޔަކަށް ލައިގެން މީރުބަހުރު އިސްމާއިލް ދީދީގެ ވެރިކަމުގެ ދަށުގައި ސިފައިންނާއެކު ފުރުވައިލީއެވެ. ތިން ހަތަރު ދުވަހަކަށްފަހު މީރުބަހުރު އިސްމާއިލް ދީދީ މާލެ ވަޑައިގެންފައި ވިދާޅުވީ މިއައީ ޕިޗޯރީން އިންޑިޔާއަށް ބާލައިފައި ކަމަށެވެ. އެކަމަކު ދަތުރު އަވަސްކަމާއި ބަސްމަގު ހުރިގޮތުން އެއީ ތެދެއްކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ގިނަ މީހުން ބުނަނީ ރާއްޖެއާ ދިމާލުން ބޭރަށް ނުކުމެފައި ޕިޗޯރީންތައް ކަނޑު ފެއްތީ ކަމުގައެވެ. ކޮންމެއަކަސް މިކަމުގެ ހަގީގަތް ފާޅެއް ނުވެއެވެ.
ވެލާނާގެ އާއި ދިޔަމިގިލީ ޚާންދާނު ގުޅުން
ވެލާނާގޭ މުހައްމަދު ދީދީ އޭރު ހުންނެވީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދަރިކަނބަލަކާ ކައިވެނި ކުރައްވައިގެންނެވެ. އެކަމަކު މިހިސާބަށް ކަންތައް ދިޔުމުން އިބްރާހިމް ދޮށިމޭނާ ހުންނެވީ މުހައްމަދު ދީދީ މަރައިލުމަށް ވެސް ބޭނުންފުޅުވެފައެވެ. ފުވައްމުލަކަށް އަރުވައިލީމާ މުހައްމަދު ދީދީ ކުރެއްވި ކަމަކީ ފުވައްމުލަކުން ކަނބަލަކާ ކައިވެނި ބެއްލެވީއެވެ. މިކައިވެންޏެއްގެ އެއްބޭނުންފުޅަކީ އަތިރީގޭ ބެއިފުޅުންނާ ދެން އަބަދަށް ވަކިވީކަން ދެއްކެވުމެވެ. ވެލާނާގެ މުހައްމައިދި ކައިވެނި ބައްލަވައިގަތީ ދިޔަމިގިލީ ޚާންދާނުގެ ގިޔާސުއްދީން ރަދުންގެ ދަރިކަލުން ކިލެގެފާނުގެ އައުލާދުގެ ކަނބަލެއް ކަމުގައިވާ މުލަކު ފުނާޑު ގަނޑުވަރު އައިޝަތު ދީދީ އާއެވެ. އެއީ ކިލެގެފާނުގެ ހުނިބޮލިއެ ހުސައިން ދީދީގެ ފުނާޑު ގަނޑުވަރު އަހުމަދު ދީދީގެ އައިޝަތު ދީދީއެވެ.
މިބަނޑުން ވެލާނާގޭ މުހުއްމައިދިއަށް ލިބިވަޑައިގެންނެވި އެއްބޭފުޅަކީ އަބްދުލް މަޖީދު މާހިރެވެ. މާހިރު އުފަންވީވެސް ފުވައްމުލަކުގައެވެ. މާހިރު ފަހުން އަތިރީގޭ މުހައްމަދު އަމީނުގެ އަމީނާއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި އަމީން ފައިސަލާއި އިބްރާހިމް ފައިސަލާއި ފަރަހަނާޒް ފައިސަލް ދިޔަމިގިލީ ޚާންދާނާއި ގުޅެނީ މި ރޮނގުންނެވެ.
ވެލާނާގޭ މުހައްމައިދި ފުވައްމުލަކަށް އަރުވާލެވިފައި ވަރަށް ގިނަ ދުވަހު ހުންނެވިއެވެ. މިގޮތަށް ހުންނެވިއިރު މުހުއްމައިދިގެ ދޮށީ ދަރިކަލުން ވެލާނާގެ އަހައްމައިދި ވެސް ފުވައްމުލަކަށް ވަޑައިގެން ބައްޕާފުޅުގެ އަރިހުގައި އެރަށުގައި ވަޒަންވެރިވެވަޑައިގަތެވެ. މި އަހުމަދު ދީދީއަކީ އިބްރާހިމް ދޮށިމޭނާކިލެގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމުގައިވިޔަސް ނާރުތަކުގައި ދައުރުވަމުންދިޔައީ ވެލާނާގޭ އާއިލާގެ ލެޔެވެ. އެހެންވެ އަތިރީގެ އާއި ހުރަވީ ޚާންދާނަށް މެސެޖެއް ދެއްވުމުގެ ގޮތުން އަހައްމައިދިވެސް ފުވައްމުލަކުން ދިޔަމިގިލީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ކަނބަލަކާ ކައިވެނި ބައްލަވައިގެންފިއެވެ. އެއީ ގިޔާސުއްދީން ރަދުންގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ހަސަން ދީދީގެ މާދަޑިގޭ ހުސައިން ދީދީގެ މަރިޔަމް ދީދީގެ މޫސައިދީގެ މުލަކު ނަޔާގޭ އައިޝަތު ދީދީ އެވެ. މިބަނޑުން ވެލާނާގޭ އަހައްމައިދިއަށް ލިބިވަޑައިގެންނެވި ބޭފުޅަކީ ވެލާނާގޭ މަޝްހޫރު އިބްރާހިމް ނާސިރެވެ. މިހެންވެ ނާސިރަކީ ދިޔަމިގިލީ ޚާންދާނުގެ ވެސް ބޭފުޅެކެވެ.
ވެލާނާގެ މުހައްމައިދި އާއި އެދީދީގެ ދަރިކަލުން ވެލާނާގެ އަހައްމައިދި އަތިރީގޭ ބޭފުޅުންނަށް ކަމެއް ދެއްކެވުމުގެ ގޮތުން ދިޔަމިގިލީ ޚާންދާނުގެ ގިޔާސުއްދީން ރަދުންގެ ދަރިކޮޅާއި ގުޅިވަޑައިގެންނެވުމުގެ ކުރީގައިވެސް ވެލާނާގޭ ބޭފުޅުން ދިޔަމިގިލީ ޚާންދާނާއި ގުޅެއެވެ. އެހެނީ ވެލާނާމަނިކުފާނު ނުވަތަ މަލިންގޭ ހަސަން ދީދީއަކީ ގިޔާސުއްދީނުގެ ބަފައިކަލުން ދިޔަމިގިލީ އިބްރާހިމް ރަސްގެފާނުގެ ސަންފާ ރަންދި ކަނބާފާނުގެ ކީހި އިބްރާހިމް ދީދީގެ ވީރު ހަސަން ދީދީގެ އަލީ މަލިން މަނިކުފާނުގެ ބޭފުޅެކެވެ. އަދި އެހެން ލައިނަކުންވެސް މަލިންގޭ ހަސަން ދީދީ މި ޚާންދާނާއި ގުޅެއެވެ. އެއީ ދިޔަމިގިލީ އިބްރާހިމް ރަސްގެފާނުގެ ފާތިމާ ރަނިކިލެގެފާނުގެ ގާޒީ އިބްރާހިމް ސިރާޖުއްދީނުގެ ޒައިނަބު ދީދީގެ މަލިންގޭ ހަސަން ދީދީ އެވެ. ވީމާ ވެލާނާ މަނިކުފާނަކީ ގިޔާސުއްދީނާއި އެއްބަނޑު އެއްބަފައި ދެ އަންހެން ކަނބަލުންގެ ފަރާތުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. ވެލާނާމަނިކުފާނުގެ ވެލާނާގޭ މުހައްމަދު ދީދީ އާއި އޭނާގެ ދަރިކަލުން ވެލާނާގޭ އަހައްމައިދި ގިޔާސުއްދީނުގެ ދަރިކޮޅާއި ގުޅިވަޑައިގަތުމުން ދިޔަމިގިލީ ޚާންދާނުގެ ގާތްގަޑަކަށް ހުރިހާ ކޮޅަކާއި ގުޅި އެބޭފުޅުންގެ ހުރަވީ ވަންތަކަމަށްވުރެ ދިޔަމިގިލީ ވަންތަކަން ވަނީ ބޮޑުވެފައެވެ. މިއީ ހަގީގަތެކެވެ.
އަތިރީގޭ ޚާންދާނުގެ އާރާއި ބާރު އެންމެ ފަހުން ނިމުމަކަށް ގެންނެވީ ވެލާނާގޭ ބޭފުޅުންނެވެ. މުހައްމަދު އަމީނުގެ ވެރިކަން 1953 ގައި ނިމުމަކަށް ގެނައުމުގެ މޭސްތިރިއަކީ ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީއެވެ. އެއީ ގޯދީރާޖާގެ މާލޭ ބަނޑުގެ ދަރިކަލެކެވެ. އިބްރާހިމް މުހައްމަދު ދީދީއަކީ މުހައްމަދު އަމީނުގެ ނާއިބު ރައީސެވެ. އަމީނުގެ ވެރިކަން އިންގިލާބު ކުރައްވައި އަމީނު ވިހަމަނާފުއްޓަށް އަރުވައިލެއްވީ އޭނާއެވެ. އޭރު ވެލާނާގޭ އަހައްމައިދިގެ ދަރިކަލުން އިބްރާހިމް ނާސިރަކީ ސިފައިންގެ ވެރިޔާއެވެ. އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމަށް ވަޑައިގަތީ 1957 ގައެވެ. ބޮޑުވަޒީރު ކަމަށް ވަޑައިގެންފައި ހުރަވީ ޚާންދާނުން ކުރަމުން އައި ހުރަވީ ރަސްކަން 194 އަހަރާއި ހިސާބުން އަބަދުގެ އަބަދަށް ނިންމައިލެއްވީ ނާސިރެވެ.
އެރަސްކަން ނިމުނީ 1968 ގައި ނާސިރު ޖުމްހޫރިއްޔަތެއް އިއުލާން ކުރައްވައި ރައީސުލް ޖުމްހޫރިއްޔާކަމަށް ވަޑައިގަތުމުންނެވެ. ރަސްކަން އުވައިލެވުނު އިރު ތަޚުތުގައި އިންނެވީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދޮށީ ދަރިކަލުން މުހައްމަދު ފަރީދެވެ. ދިޔަމިގިލީ ޚާންދާނަށް ހަރާންކޯރުވެ ހުރާގޭ މުހައްމަދު މަނިކުފާނު ފަށައިދިން ހުރާގޭ ރަސްކަން އެންމެފަހުން ނިމުމަކަށް ގެންނެވީ ދިޔަމިގިލީ ޚާންދާނުގެ ބޭފުޅެކެވެ. މިހެން ލިޔާއިރު ނާސިރަކީ ހުރަވީ ޚާންދާނުގެ ވެސް ބޭފުޅެއްކަން ހަނދާނެއް ނުނެތެއެވެ. އެކަމަކު ޝައުގުވެރި ކުރަނިވި ނުގުތާއެއްވީމާ ލިޔެލީއެވެ. ފަހުން އަދި މިއާގުޅޭ އިތުރު ބައިތައް އަންނާނެއެވެ.
ފަހުގެ ޚިޔާލުތައް