ގާފަރު ކަޅުއުނބުށޭމު އައްޑޫގައި ހިންގި ވެރިކަމުގެ ވާހަކަ 3

ކާންޒީކަމަނާ ގޮވައިގެން ގާފަރު ކަޅުއުނބުށޭމު ހިތަދޫ ކޯއްޓޭއަށް ފޭބިއިރު އެކަމަނާ ބަނޑުބޮޑު ވާހަކަ ބަޔާންކުރެވިފައިވާނެއެވެ. އަދި އެކަމަނާގެ ފިރިމީހާ ގަތުލުކުރެވުނު ވާހަކަވެސް ބަޔާންކުރެވިއްޖެއެވެ. ކާންޒީކަމަނާ ނުމަރައި ބެހެއްޓީ އެކަމަނާޔާ ކަޅުއުނބުށޭމު ވަރަށް ކުރީއްސުރެ ހިތާވާތީ އާއި ކަޅުއުނބުށޭމާއެކު ހަޔާތުގެ ބާކީބައި ހޭދަކުރަން އެކަމަނާ އެއްބަސްވުމުންނެވެ. ކޮންމެއަކަސް ކާންޒީކަމަނާ ވިހެއީ ފިރިހެން ކުއްޖެކެވެ. އެކުއްޖާއަށް މުހައްމަދު ކިޔައި ނަންދިނީވެސް ކަޅުއުނބުށޭމެވެ. އައްޑޫމީހުން ކިޔާގޮތުން އެއީ ބޮޑުމުހައްމަދެވެ. ދިވެހިންގެ ތެރޭގައި ފަހުން އޭނާ މަޝްހޫރު ވެގެންދިޔައީ އަނދިރިއަނދިރިންގެ ނަމުންނާއި ގޯވާ ކަޅުފަރަންޖީގެ ނަމުންނެވެ. ބޮޑު މުހައްމަދަށްވުރެ ދޮށީ އެހެންދަރިއެއް ކާންޒީކަމަނާގެ ހުރިކަން އެނގިފައެއް ނެތެވެ.

ކާންޒީކަމަނާ ވިހައި ގަދަވުމުން ކަޅުއުނބުށޭމު އެކަމަނާޔާ އިނދެފިއެވެ. މާލެނުގޮސް އައްޑޫގައި އުޅެން ދިމާކުރީވެސް މިކަމަނާގެ ރީތިކަމުންނާއި މާލެ އަރައިފިނަމަ އެހެންމީހުންގެ ލޯވެސް މިކަމަނާއަށް އަމާޒުވެ ފަހަރުގައި ކާޅު ނާށިޖަހަައިގަތުން ފަދަކަމެއް ކުރިމަތިވެދާނެތީއެވެ. ކޮންމެއަކަސް އައްޑޫއާއި ފުވައްމުލައް އަދި ހުވަދޫ ހިމެނޭގޮތުން ކަޅުއުނބުށޭމު ވެރިކަން ހިންގާން އެތައް އަހަރަކު އުފަލުގައި ހުރެއްޖެއެވެ. ކަޅުމުހައްމަދު ރަސްގެފާނާއި ބުރަކިރަނިންއަށް ކަޅުއުނބުށޭމުގެ މިހަރަކާތްތަކުގެ ޚަބަރު ލިބުނަސް މީނާގެ ފަރާތުން މާލެއަށް ތުރާލެއް ނުފޯރާނެތީއާއި މިއީ ބުރަކިރަނިންގެ ޚާދިމަކަށްވާތީ އޭނާ އެދޭ ގޮތަކަށް ދޫކޮށްލީއެވެ. އަދި ފަހުން ރަސްމީ ފަތެއްލިޔެ މުޅި ދެކުނު ކަޅުއުނބުށޭމަށޭ ކިޔައިފައި ސިއްކަވެސް ޖަހައިދީފިއެވެ.

ކާންޒީކަމަނާޔާއި އިނދެގެން ކަޅުއުނބުށޭމަށް އެކަމަނާގެ ބަނޑުން ލިބުނީ ދެދަރިންނެވެ. އެއީ ތުއްކަލާ އާއި މަތުއްކަލާއެވެ. ވިހޭއިރުވެސް ތުއްކަލާ ވަނީ މަރުވެފައެވެ. އައްޑޫގައި މަތުއްކަލާގެ ނަމަކީ ހިތަދޫ މަނިއްކަލާއެވެ. ބޮޑުމުހައްމަދާއި މަތުއްކަލާ ބޮޑުވީ ކަޅުއުނބުށޭމުގެ ބެލުމުގެ ދަށުގައި އައްޑޫ ހިތަދޫގައެވެ. މިތަނުން މަތުއްކަލާއަކީ ފަހުން މާލޭގެ ރަސްކަމުގެ ކޮއިލުތެރޭގައި ވަރަށް އިސްދައުރެއް އަދާކުރި މީހެކެވެ. އެވާހަކަ އަދި ފަހުން އަންނާނެއެވެ. ބޮޑުމުހައްމަދުގެ ވާހަކަވެސް ފަހުން އަދި އަންނާނެއެވެ.

ކަޅުއުނބުށޭމުގެ ވެރިކަމުގެ ބޮޑު ކިއްލާއަކީ ހިތަދޫ ކޯއްޓޭއެވެ. މީނާގެ ވެރިކަމުގެ އެންމެ ގާތް އެހީތެރިންނަކީ މީދޫ ކެއުޅާރު ހަތަރު ބެއިންނެވެ. އެއީ ހަނދެއިގިރިތަކުރާއި ވަތަބަނޑޭރިތަކުރާއި ބޮޑުރަނަހަމާދިތަކުރާއި ހުސެންތަކުރެވެ. ކަޅުއުނބުށޭމުގެ ހަތަރު ތަނބަކީ މި ހަތަރުބެއިންނެވެ. ފަހުންފަހުން މާލެއިން މިވެރިކަން ގަބޫލުކޮށް ސިއްކަޖަހައިދިނީ އަހަރަކު އެއްފަހަރު ވާރު އޮޑިއެއް މާލެ ފޮނުވައިދިނުން ޝަރުތުކޮށްފައެވެ. ބައެއް އަހަރުއަހަރު ވާރުއޮޑިޔާއިގެން ކަޅުއުނބުށޭމުވެސް މާލެ އަރަން ޝަރުތުކޮށްފައެވެ. މިގޮތުން ވާރު އޮޑިޔާއިގެން ކަޅުއުނބުށޭމު މާލެފޭބި ފަހަރެއްގައި ބުރަކިރަނިން ބުންޏެވެ. އުނބުށޭމާއެވެ. މާނަލަ އަންހެނަކާއި އިނދެގެން އެމީހެއްގެ މޫނުވެސް އަހަރެމެންނަށް ދައްކައިލަނީއެއް ނޫނެވެ. ދަރިޔަކުވެސް ދައްކައިލަނީއެއް ނޫނެވެ. އުނބުށޭމުގެ އަނބިދަރިން ދެކިލަން އަހަރެމެންވެސް ބޭނުންވާނެ ނޫންހެއްޔެވެ. ވީމާ އަނބިދަރިން ގޮވައިގެން މާލެ އަންނާން އުޅޭށެވެ. ކަޅުއުނބުށޭމު އާދޭހޭ ބުނެފައި ބަންޑާރައަށް ގެނައިތަކެތި ހަވާލުކުރުމަށްފަހު ވިޔަފާރިކޮށްގެން އެނބުރި އައްޑޫއަށް ހިނގައްޖެއެވެ.

އައްޑޫއަށް ދިޔަގޮތަށް ދެ އަހަރަށްވުރެ ގިނަދުވަހު އައްޑޫގައި ހުރެފައި ދެންވެސް ކަޅުއުނބުށޭމު މާލެ ދިޔައީ އަނބިދަރިންނާ ނުލައެވެ. މިކަމާ ބުރަކިރަނިން ވަރަށް ރުޅިގަދަވެއްޖެއެވެ. ބުރަކިރަނިން އެވަރަށް ރުޅިއައިމާ ކަޅުއުނބުށޭމު ބުންޏެވެ. ލަހެއްނުވެ އަނބިދަރިން ގޮވައިގެން މާލެ އަންނާނަމެވެ. މިހެން ބުނެފައި އައްޑުއަށް ދިޔަގޮތަށް މާލެ ދަތުރުކުރުން ހުއްޓާލައިގެން އެތައްޒަމާނަކަށް ހުރެއްޖެއެވެ. މިހެންހުއްޓައި ކާންޒީކަމަނާ މަރުވެއްޖެއެވެ. އެކަމަނާ ވަޅުލީ ހިތަދޫ މާމެންދޫގައެވެ. އެކަމަނާގެ މަހާނައިގައި ވަރަށް ބޮޑު ދެ ގާޖަހައި މަހާނަ ކައިރީގައި މިސްކިތެއް ބިނާކުރިއެވެ. އެމިސްކިތް މިހާރަކު ނެތެވެ. އެސަރަހައްދުވެސް މިހާރުވަނީ ގޯތިދެވި އާބާދު ކުރެވިފައެވެ.

ކާންޒީކަމަނާ މަރުވުމުން ކަޅުއުނބުށޭމު އައްޑޫގައި ދެމިހުރުމުގެ ބޭނުން ނެތިއްޖެއެވެ. އެކަނިވެރިވެއްޖެއެވެ. ހިތާމަވެރިވެއްޖެއެވެ. މީނާގެ އުފަންދަރި މަތުއްކަލާ އާއި ދޮންދަރި ބޮޑުމުހައްމަދު ގޮވައިގެން މާލެދިއުން އެންމެ ރަގަޅުކަމަށް ވިސްނެން ފަށައިފިއެވެ. ދަރީންގެ ކުރިމަގަށް އެންމެ މޮޅުވެގެންވަނީ ދިރިއުޅުން މާލެއަށް ބަދަލުކުރުންކަމަށް ފެންނަން ފަށައިފިއެވެ. އޭރު ބޮޑުމުހައްމަދާއި މަތުއްކަލާވެސް ތިބީ ބޮޑެތިވެފައެވެ. ކާންޒީކަމަނާ މަރުވުމަށްފަހު ވަކި ގޮތެއް ނުނިންމި މިވިސްނުމުގައި ކަޅުއުނބުށޭމު ތިން އަހަރު ހޭދަކުރިއެވެ. މިހެންހުއްޓައި ކޮންމެގޮތެއް ހަދާފައިވެސް ކަޅުއުނބުށޭމާއި ބޮޑުމުހައްމަދާއި މަތުއްކަލާ މާލެ އައުމަށް ބޮޑުވެގެންވާ އަމުރަކުން އަމުރުކޮށް ހަތަރު ކަނުގައި ސިއްކަ ޖަހައިފައި ބުރަކިރަނިން ފަތެއް ފޮނުވައިފިއެވެ.

މިފަތް ކަޅުއުނބުށޭމަށް ލިބުމުން ދެ އޮޑި ތައްޔާރުކޮށް ދެ އޮޑިއަށް މުދާ އަރުވައިގެން މާލެދާން ތައްޔާރު ކޮށްފިއެވެ. އެއީ ބޮޑު އޮޑިޔަކާއި ކުޑަ އޮޑިއެކެވެ. ކަޅުއުނބުށޭމުގެ ތިން ބަފައިން ދަތުރުކުރުމަށް ހަމަޖެހުނީ ބޮޑު އޮޑީގައެވެ. ފުރަން ތައްޔާރުވުމުން ބޮޑުމުހައްމަދު ބުންޏެވެ. ބައްޕާއެވެ. ތިންބަފައިން އެއްއޮޑީގައި ތިބެގެން ކަމަކު ނުދާނެއެވެ. ކުޑަ އޮޑީގައިވެސް ލައްކަ ގިނަ މުދާ އެބަހުއްޓެވެ. ފަހަރުގައި ކަމެއް ގޯސްވެދާނެއެވެ. އެހެންވީމާ ކޮއްކޯ މަތުއްކަލާ އާއި ބައްޕަ ބޮޑު އޮޑިން ދާށެވެ. އަހަރެން ހުންނާނީ ކުޑަ އޮޑީގައެވެ. މިހެން ހެދީމާ ކަމެއް ގޯހެއް ނުވާނެއެވެ. މިހުށައެޅުމަށް ކަޅުއުނބުށޭމު ވަރަށް ދެކޮޅުހެދިއެވެ. އެކަމަކު ބޮޑުމުހައްމަދު ކުރުނުކޮށް އާދޭސްކުރަން ފެށުމުން އޭނާ އެދޭގޮތަށް ދޫކޮށްލީއެވެ.

ބޮޑުމުހައްމަދާއި މަތުއްކަލާ ބޮޑެތިވަމުން އައިއިރު ކާންޒީކަމަނާގެ ކައިރީގައި ގިނައިން އުޅުނީ ބޮޑު މުހައްމަދެވެ. މަތުއްކަލާ ގިނައިން އުޅުނީ ބައްޕަ ކަޅުއުނބުށޭމުގެ ފަހަތުގައެވެ. ކާންޒީކަމަނާ ބޮޑަށް ލޯބިވީވެސް ބޮޑުމުހައްމަދު ދެކެއެވެ. އެހެންވެ މަތުއްކަލާއަށް ކިޔައިނުދޭ ކިތަންމެ ވާހަކައެއް ބޮޑު މުހައްމަދަށް އޮތީ ކިޔައިދީފައެވެ. އެގޮތުން ބޮޑުމުހައްމަދުގެ ބައްޕަޔަކީ ގޯއާގެ ވައިސްރޯއިގެ ލަޝްކަރީންގެ ތެރެއިން ކޮމާންޑަރެއްކަމާއި އޭނާ ގަތުލުކުރީ ކަޅުއުނބުށޭމުކަންވެސް އޮތީ ކިޔައިދީފައެވެ. ކަޅުއުނބުށޭމަކީ ރާއްޖޭގެ ރަސްގެފާނު ކަޅުމުހައްމަދުގެ ޚާދިމެއްކަމާއި ބުރަކިރަނިން އާއި ކަޅުއުނބުށޭމަށް ގޯއާގެ ވައިސްރޯއި އަދާކުރި މެހުމާންދާރީގެ ވާހަކަޔާއި އޭގެ އަގުވަޒަންނުކޮށް ޕޯޗުގީޒު ނަވުގެ ފަޅުވެރިން ކަޅުއުނބުށޭމު ގަތުލުކުރި ވާހަކަވެސް ކިޔައިދީފިއެވެ. އަދި ކަޅުއުނބުށޭމާއި އިނީ މަރުން ސަލާމަތްވާންވެގެން އެނޫން ގޮތެއް ނެތިގެންކަންވެސް އޮތީ ކިޔައިދީފައެވެ. ކާންޒީކަމަނާއަކީ ގޯއާގެ ވައިސްރޯއިގެ ކޮއްކޮއެއްކަންވެސް އޮތީ ކިޔައިދީފައެވެ.

ކޮންމެއަކަސް މާލެދާންވެގެން ބޮޑު މުހައްމަދު އެރީ ކުޑަ އޮޑިއަށެވެ. ކަޅުއުނބުށޭމާއި މަތުއްކަލާ އެރީ ބޮޑު އޮޑިއަށެވެ. މިދަތުރުގައި ބައިވެރިވާންވެގެން މީދޫ ކެއުޅާރުގެ ހަނދެއިގިރިތަކުރާއި ވަތަބަނޑޭރިތަކުރާއި ބޮޑުރަނަހަމާދިތަކުރު އެރީވެސް ބޮޑު އޮޑިއަށެވެ. މީން އެކަކު ކުޑަ އޮޑިއަށް އެރުމުގެ ފުރުސަތެއްވެސް ބޮޑު މުހައްމަދު ނުދެއެވެ. ކެއުޅާރު ހަތަރު ބެއިންގެ ތެރެއިން އައްޑޫ މަސަލަސްކޮށްގެން ވެރިކަން ހިންގުމަށް އަތޮޅުގައި ބެހެއްޓީ ހުސެންތަކުރެވެ.

ދެއޮޑި އެކީގައި ދަތުރުކޮށްފައިގޮސް ހުވަދޫކަނޑަށް ނުކުމެފައި ބޮޑު މުހައްމަދު ހެދިވަޑާމަކީ އޮޑީގެ މިސްރާބު ކުޑައިކޮށް ދަށްކޮށްފައި އިރުމައްޗަށް ބެހެއްޓީއެވެ. މިހެން ހެދުމުން ކުޑައޮޑި ބެހިއްޖެއެވެ. އޭގެ ޚަބަރެއް ބޮޑުއޮޑީގެ މީހުންނަކަށް ނޭގުނެވެ. ބޮޑުއޮޑިޔާއިގެން ކަޅުއުނބުށޭމާއި މަތުއްކަލާ ދަތުރުކޮށްފައިގޮސް މާލެ އަތުވެއްޖެއެވެ. މާލެގޮސް ގަނޑުވަރަށް ވަދެ ކަޅުމުހައްމަދު ބަންޑާރައިންނާއި ބުރަކިރަނިންއާ ބައްދަލުކޮށް އަބަދަށްޓަކައި ދިރިއުޅުން މާލެއަށް ބަދަލުކުރީކަމުގައި ބުނެފިއެވެ. ބޮޑުމުހައްމަދު ދަތުރުކުރި އޮޑި ބެހިގެން އޭނާ ގެއްލުނީއޭވެސް ބުނެފިއެވެ.

ދުވަސްކޮޅަކު މާލޭގައި މަޑުކުރިތަނާ ކަޅުމުހައްމަދު ބަންޑާރައިންގެ އެދުމަކަށް ރާއްޖޭގެ އުތުރުގެ ރަށްރަށުގެ ހާލުއަހުވާލު ބަލައިލުމުގެ ދަތުރެއްކުރާން ކަޅުއުނބުށޭމަށް ޖެހިއްޖެއެވެ. މިހެންވެ މަތުއްކަލާ މާލޭގައި ބަހައްޓާފައި ކަޅުއުނބުށޭމު އުތުރުގެ އަތޮޅުތަކަށް ފުރައިފިއެވެ. އެދަތުރުގައި ކަޅުއުނބުށޭމު އެކިރަށްރަށަށް އަރަމުންގޮސް ބޮޑުތިލަދުންމަތިން ހަތިފުއްޓަށް ގޮސް އެރަށުން ފުރައިގެން ހަނިމާދޫއަށް ގޮސް އެރަށުގައި ހުއްޓައި ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. މިިބަލިން މިންޖުނުވެ އެރަށުގައި ކަޅުއުނބުށޭމު މަރުވެއްޖެއެވެ. އޭނާގެ މަހާނަ ހުރީ ހަނިމާދޫގައެވެ.

ބޮޑުމުހައްމަދު ދަތުރުކުރި ކުޑައޮޑި ހުވަދޫ ކަނޑުން ބައްސައިލީމާ އެތައްދުވަހެއް ފަހުން ދެވުނީ އިންޑޮނީޝިޔާގެ އަސޭކަރައަށެވެ. އެއްގަމުގައި ފައިޖެހުމާއެކު އަސޭގެ ސާދާގަރަކަށް އޮޑިއާއި އޮޑީގައި ހުރި މުދާ ވިއްކާލައިފައި ލިބުނު ފައިސާކޮޅު ހިފައިގެން މީނާ މިސްރާބުޖެހީ އިންޑިޔާއަށެވެ. އިންޑިޔާގެ ހުޅަނގުބިތަށް ފައިބައި މީނާ ބޭނުންވީ ހެވިކަމާއި އެނޫންވެސް އިލްމު އުނގެނުމަށް ބޭދާޅީއަށް ދިއުމަށެވެ. މިހެންވެ ބޭދާޅިއަށް ގޮސް ބޭދާޅި ބޮޑު އެދުރުކަލެގެފާނު ގާތުން ކިޔަވާންފަށައިފިއެވެ. ބޮޑު މުހައްމަދު ކިޔެވީ ހެވިކަމާއި އަމާޒަށް ބަޑިޖެހުމާއި ހަނގުރާމައިގެ ހުނަރުތަކެވެ. މިކިޔެވުމެއް ކިޔަވައިނިމިގެން ބޭދާޅީ ބޮޑުއެދުރުކަލޭގެފާނަށް ލައްކަގިނަ ފައިސާ ދީފައި ހިތްހަލާލު ހޯދައިގެން މީނާ ދިޔައީ ގޯއާއަށެެވެ.

ގޯއާއަށް ގޮސް ގޯއާގެ އޭރުގެ ވައިސްރޯއި ފްރެންސިސްކޯ ބަރޭޓޯއާ ބައްދަލު ކޮށްފިއެވެ. ވައިސްރޯއިއަށް މީނާއަކީ ކާންޒީކަމަނާގެ ދަރިއެއްކަން ބުނެދީފިއެވެ. ކާންޒީކަމަނާގެ ދަރިއެއްކަން އެނގުމުން ވައިސްރޯއިވެސް ބޮޑުމުހައްމަދާ ވަރަށް ގަޔާވެއްޖެއެވެ. އެހިސާބުން މީނާގެ އިސްލާމްކަން ނިމި ނަސްރާނިއްޔަގޮތް އިޚުތިޔާރުކޮށް މުހައްމަދުގެ ނަންދޫކޮށް އަންދުރޭ އަންދުރެއާގެ ނަން ބޭނުންކުރަން ފަށައިފިއެވެ. ގޯއާގެ ވައިސްރޯއިގެ ލަޝްކަރީންގެ ތެރޭގައި މީނާއަކީ ޚާއްސަ މީހަކަށްވެ ކަނޑުގެ ގުރާބުތަކާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މީނާޔާ ހަވާލުކޮށްފިއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *