ގާފަރު ކަޅުއުނބުށޭމު އައްޑޫގައި ހިންގި ވެރިކަމުގެ ވާހަކަ 2
ކާންޒީކަމަނާ ގޮވައިގެން އަދި ނަވުގެ ހުރިހާ މުދަލެއް ހިފައިގެން ކަޅުއުނބުށޭމު ދިޔައީ ކުރިންވެސް ބަޔާންކުރެވުނު ގޮތަށް ހިތަދޫ އަށެވެ. ހިތަދޫ އެންމެ އުތުރުކޮޅުން ކޯއްޓޭ ސަރަހައްދަށް ފައިބައި އެތާގައި މަރުކަޒު ގާއިމުކޮށްފިއެވެ. މިކަމަށް ކޯއްޓޭ ސަރަހައްދު ޚިޔާރުކުރީ އެއީ އުތުރުން އަންނަ އޮޑިފަހަރުގެ ހަރަކާތްތަކަށް ފާރަލައި ދިފާއީގޮތުން އެންމެ ފަސޭހައިން ފިޔަވަޅުއެޅޭނެ ހިސާބުކަމަށް ވުމުންނެވެ. ގޯއާގައި އުޅުނު ދުވަސްވަރުވެސް ކާންޒީ ކަމަނާއަށް ކަޅުއުނބުށޭމުގެ ހިތްކިޔައިފައި އޮތުމާއި މިފަހަރު މީނާ ހިތަކަށް ކާންޒީކަމަނާ ލިބުމުން މީނާ ހިތުލީ ދެން ދުވަހަކުވެސް މާލެ ނުގޮސް މިކަމަނާޔާއެކީ ވަކިވެރިކަމެއް ގާއިމުކޮށްގެން ހިތަދޫގައި ދެމިހުރުމަށެވެ.
މިހެންވެގެން އެހެން ރަށްރަށުން މީހުން ގެނެސްގެން ހިތަދޫގައި ގަނޑުވަރުތަކާއި ކޯއްޓޭތައް ބިނާކޮށްފިއެވެ. މަސައްކަތަށް ގެންނަ މީހުން ހިތަދޫގައި ވަޒަންވެރި ކުރުވައިފިއެވެ. ހިތަދޫގައި ތިން ގަނޑުވަރެއް ބިނާކުރިއެވެ. އެއީ ކޯއްޓޭ ގަނޑުވަރާއި މެދުގަނޑުވަރާއި އެއްގަމު ގަނޑުވަރެވެ. ދުވާލުގަޑީގައި ކަޅުއުނބުށޭމު އުޅެނީ އެއްގަމު ގަނޑުވަރުގައެވެ. ރޭގަނޑު ކޯއްޓޭ ގަނޑުވަރުގައެވެ. ވަކިޚާއްސަ ދުވަސްތަކުގައި މެދުގަނޑުވަރުގައެވެ.
ހިތަދޫ ދިފާއު ކުރުމަށްޓަކައި ދެ ކޯއްޓޭއެއް ބިނާކުރިއެވެ. އެއީ މައިކޯއްޓޭއާއި އެއްގަމު ކޯއްޓޭއެވެ. މައިކޯއްޓޭ ހުރީ ހިތަދޫގެ އުތުރުކޮޅުގައެވެ. އެއްގަމު ކޯއްޓޭ ހުރީ ހިތަދޫ މެދުތެރެއިން މިހާރުގެ މެދުވަލު ސަރަހައްދުގައެވެ. އެކޯއްޓޭ ހުރިތާގައި މިހާރު ހުރީ އައްޑޫސިޓީ ކައުންސިލް އިދާރާއެވެ. ހިތަދޫގައި ކޯއްޓޭތައް ބިނާކުރުމަށްފަހު އެކޯއްޓޭތަކަށް ސިފައިން އައްޔަންކުރިއެވެ. މިހުރިހާ ކަމަކަށް ޚަރަދުކުރީ ކާންޒީ ކަމަނާގެ ނަވުން ފޭރުނު މުދަލުންނެވެ. ހިތަދޫ އަލުން އާބާދުކޮށް ބައިގިނަކުރުމަށްޓަކައި މީދޫގެ އިތުރުން ފުވައްމުލަކުންނާއި ހުވަދޫ ދެކުނުބިތުގެ ރަށްރަށުންވެސް މީހުން ގެންދިޔައެވެ.
ކާންޒީކަމަނާއާއި ކަޅުއުނބުށޭމުގެ ރަސްމީ ގަނޑުވަރު ހުރީ ކޯއްޓޭއަށް ވުރެ ތަންކޮޅެއް އުތުރުގައެވެ. އެގަނޑުވަރު ހުރިތަނަކީ ވަރަށްބޯކޮށް ކުރެދިގަސް ހެދިފައިވާ ތަނެކެވެ. ކޯއްޓޭ ރާނާފައި ހުރީ ކުދިގަލުން ވަރަށްވެސް ނަލަކޮށެވެ. މިހާރުވެސް ކޯއްޓޭގެ ބިންގަލުގެ އަސަރު އެބަހުއްޓެވެ. އައްޑުއަތޮޅުގައި އިނގިރޭސިން އުޅުނު ދުވަސްވަރު އެމީހުންވެސް ކޯއްޓޭ ބޭނުންކުރިއެވެ. އެދުވަސްވަރު ގަދީމީ ކޯއްޓޭގެ ބައެއް ތަންތަން އިނގިރޭސިން ނައްތާލިއެވެ. ނަމަވެސް ކޯއްޓޭގެ އިމާރާތުގެ ބިންގާ މިހާރުވެސް ފެންނަން އެހެރީއެވެ. ކޯއްޓޭގެ އަސްލު ފާރުތައް އޭގެގޮތުގައި ދުށް ބައެއްމީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.
ކޯއްޓޭ ސަރަހައްދުގައި ގިނައަދަދެއްގެ މަހާނަ އެބަހުއްޓެވެ. އެމަހާނަތަކަކީ އެވޭލާ ދުވަސްވަރުގެ މަހާނަތަކާއި ފަހުގެ މަހާނަތަކެވެ. ފަހުގެ މަހާނަތަކަކީ މަސްވެރިކަމުގައި އުޅެނިކޮށް މަރުވި މީހުންގެ މަހާނަތަކެވެ. މީގެ 70 ވަރަކަށް އަހަރު ކުރިއާހަމަޔަށް ކަނޑުމަތީގައި މަރުވާ މީހުން އެއްގަމަކަށް ނާރުވައެވެ. އެވޭލާޒަމާނުގެ މަހާނަތަކާއި ބެހޭ މައުލޫމާތެއް ނެތެވެ. އެމަހާނަތައް ފާހަގަކުރެވޭނެ ގޮތެއްވެސް ނެތެވެ. ތާރީޚަށް ލޯބިކުރާ މީހުންނާއި އާސާރީ ތަންތަނަށާއި ތަކެއްޗަށް ލޯބިކުރާ މީހުން މަދުވުމުގެ ނަތީޖާއަކަށްވީ އެފަދަ ތަންތަން ނުބެލެހެއްޓުމާއި ނެތިގެންދިއުމެވެ.
ކޯއްޓޭ ސަރަހައްދުގައި ކާންޒީކަމަނާއަށް ނިސްބަތްވާ ފެންގަނޑެއް އޮވެއެވެ. އެފެންގަނޑުގެ ނަމަކީ ރަނިޔަ ހަނާ ފެންގަނޑެވެ. މީގެ މާނަޔަކީ ރަނިން ނާނޭފިއްލަވާ ފެންގަނޑެވެ. ގިނަބަޔަކަށް އެފެންގަނޑު އޮޅުން އަރާފައިވެއެވެ. ބައެއް މީހުން ހީކުރަނީ އެއީ ކޯއްޓޭއަށް ދާއިރު ކަނާއަތްފަރާތުން މަގުގެ ކާރީގައި އޮންނަ ފެންގަނޑު ކަމުގައެވެ. އެއީ ރަނިޔަ ހަނާ ފެންގަނޑެއް ނޫނެވެ. އެއީ ދިއްވާ ފެންގަނޑެވެ. ރަނިޔަ ހަނާ ފެންގަނޑު އޮތީ ބޭދެ ދެކުނު ފަރާތުގައެވެ. އެއީ މާބޮޑު ފެންގަނޑެއްނޫނެވެ. އެފެންގަނޑުގެ ބޮޑުމިން އެޒަމާނުގެ ވެވަކަށް ވުރެ ތަންކޮޅެއް ބޮޑެވެ. ރަނިޔަ ހަނާ ފެންގަނޑު އޮތީ ކޯއްޓޭއާއި ގުޅިފައިވާ ބެދި ކިޔާ ބޮޑުކުޅީގެ ދެކުނުފަރާތު ކަންމައްޗާއި ދިމާލުން ފަނަރަ ވަރަކަށް މީޓަރު އެއްގަމުގައެވެ.
ހިތަދޫ ކޯއްޓޭ ބަލާލަން މީގެ ތިރީހަކަށް އަހަރުކުރިން އަޅުގަނޑު ދިޔައީމެވެ. އެދަތުރުގައި ކޯއްޓޭއާ ބެހޭގޮތުން އަޅުގަނޑުމެންގެ ޓީމުގައި ހިމެނުނު ސްރީލަންކާގެ ނީލް ސްޓީވަން ސުވާލުތަކެއް ކުރިއެވެ. އޭނާ އެންމެ އަޅައިގަތް ކަމަކީ އެތަނުގައި ރާހުސްކުރި ގިނަ އަދަދެއްގެ ފުޅި ހުރުމެވެ. މިހާރުވެސް އެއިގެތެރެއިން ބައެއް ފުޅި ވަޅުލެވިފައި ހުރުމަކީ އެކަށީގެންވާކަމެކެވެ. އެފުޅިތަކަކީ އިނގިރޭސިވިލާތުގެ އުފެއްދުމެއްތޯ ނޫނީ އިންޑިޔާ ގޯއާގެ އުފެއްދުމެއްތޯ ނުވަތަ ޕޯޗްގީީޒުންގެ އުފެއްދުމެއްތޯ ބަލައި ނުލެވުނެވެ.
އެެގޮތް ބަލައިލެވުނުނަމަ އިތުރު ދިރާސާތަކަށް ފަސޭހަވީސްކަން ކަށަވަރެވެ. އަޅުގަނޑުގެ އަމިއްލަ ރައުޔަށް ބުރަވާއިރު ބުރަވެވެނީ އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ކޯއްޓޭ ސަރަހައްދުގައި އިނގިރޭސިން ތިބިތިބުމުގެ އަސަރު ކަމަށެވެ. މިގޮތަށް ބުރަވާންޖެހޭ ސަބަބަކީ މިހާރު މިގެންގުޅޭ ޒާތުގެ އަދި އެސައިޒުގެ ފުޅިތަކަކީ ގަދީމީ ޒަމާނަށްވުރެ މާފަހުން ބޭނުންކުރަން ފަށައިގެން އާއްމުވެފައިވާ ފުޅިތަކެއްކަމަށް ވުމެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް