ސައްޔާޙެއްގެ ޔައުމިއްޔާއިން

އެއީ ވެސް މުސްލިމުންނެވެ. އަޅުގަނޑުމެންގެ މިރާއްޖޭގައި ތިބީ ވެސް މުސްލިމުންނެވެ!
މީގެ ދެތިން ދުވަސްކުރިން، ބައްދަލު ނުވާތާ ދުވަސްކޮޅެއްވެފައިވާ ރައްޓެއްސަކާ ބައްދަލުވިއެވެ. ދުވަސްކޮޅެއް ވެފައި ބައްދަލުވީތީ ޙާލު އަހުވާލު އަހައި، ބައްދަލުނުވެ އެހާ ދުވަސްވީ ކީއްވެގެންތޯ އަހާލީމެވެ. އޭނާ އައީ ރާއްޖެއިން ބޭރުގައި އުޅެފައެވެ. ބައްދަލުނުވެ ދުވަސްކޮޅެއްވީ އެހެން ވެގެންނެވެ.

އޭނާ ރާއްޖެއިން ބޭރަށް ދިޔައީ އަލަކަށް ނޫނެވެ. އޭނާ ވަނީ ދުނިޔޭގެ ތަފާތު 25 ޤައުމަކަށް ދަތުރުކޮށްފައެވެ. އެހެން ނަމަވެސް އެހެން ފަހަރުފަހަރާ ޚިލާފަށް އޭނާގެ މިފަހަރުގެ ދަތުރުގެ ވާހަކަ ވަރަށް ތަފްޞީލުކޮށް ކިޔައިދޭން ފެށިއެވެ. އޭނާގެ މިފަހަރުގެ ދަތުރުގެ މަންޒިލަކީ ކްރޮއޭޝިޔާއެވެ. އެއީ ދެކުނު މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ޤައުމުގެ އާބާދީގެ %92.8 މީހުންނަކީ ކްރިސްޓިޔަނުންނެވެ. ކްރޮއޭޝިޔާގެ މުސްލިމުން ޙިއްޞާކުރަނީ އެ ޤައުމުގެ އާބާދީގެ އެންމެ %1.3 އެވެ.

ކްރޮއޭޝިޔާއަށް އިސްލާމްދީނުގެ އަލިކަން ފޯރާފައިވަނީ ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރުއެވެ. މީލާދީން 15 ވަނަ ޤަރުނާއި 19 ވަނަ ޤަރުނާ ދެމެދު، ކްރޮއޭޝިޔާގައި އިސްލާމްދީނަށް ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ. ބޯހިމެނުން 2001 ގައިވާ ގޮތުން ކްރޮއޭޝިޔާގެ އާބާދީއަކީ 4.44 (ހަތަރެއް ޕޮއިންޓް ހަތަރެއް، ހަތަރެއް) މިލިޔަން މީހުންނެވެ. މީގެތެރެއިން މުސްލިމުންގެ އާބާދީއަކީ 57687 އެވެ.

މިއަދު މުޅި ޔޫރަޕުގައި ވެސް ހުރި އެންމެ ބޮޑެތި އަދި އެންމެ ރިވެތި އައު މިސްކިތްތައް ހުރި އެއް ތަނަކީ ކްރޮއޭޝިޔާގެ ވެރިރަށް ޒަޣުރަބެވެ. ޒަޣުރަބުގެ މުފްތީކަމުގައި ހުންނަވާ ބޭކަލަކު އެއީ ކްރޮއޭޝިޔާގެ މުސްލިމުން ތަމްސީލުކުރައްވާ އިމާމެވެ. ކްރޮއޭޝިޔާގެ މުސްލިމުންގެ އިޚްލާޞްތެރި ދަޢުވަތުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ކްރިސްޓިޔަން ދީން ދޫކޮށް އިސްލާމްވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ ކްރޮއޭޝިޔާއަށް ޒިޔާރަތްކުރީ މިފަދަ އައު މުސްލިމެއްގެ ރަޙްމަތްތެރިކަމުގައެވެ. އެއީ މީގެ 18 ވަރަކަށް އަހަރު ކުރީއްސުރެ ކޮންމެ އަހަރަކުހެން ރާއްޖެއަށް އައި ކްރޮއޭޝިޔާގެ ފަތުރުވެރިއެކެވެ. މިހާރު އެއީ މުޙައްމަދު ރާމިޒުއެވެ.

އަޅުގަނޑުގެ ރަޙްމަތްތެރިޔާ ކްރޮއޭޝިޔާއަށް ދިޔައީ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައެވެ. އޭނާ ކްރޮއޭޝިޔާއަށް ގޮސް އެތަނުގެ ހޮޓަލެއްގައި އޭނާގެ ފޮށިތަންމަތި ބެހެއްޓުމަށް ފަހު ނުކުތީ ޢަޞްރު ނަމާދުގެ ބަންގީގެ އަޑަށެވެ. އޭރު އޭނާގެ ރަޙްމަތްތެރިޔާ މުޙައްމަދު ރާމިޒު އަދި އެ ޝަހަރަކަށް ނާދެއެވެ. އެހެންކަމާއެކު ބަންގީގެ އަޑު އައީ ސީދާ ވަކި ދިމާއަކުން ކަން ނޭނގޭތީ، އޭނާއަށް ލަފާކުރެވޭ ދިމާއަކަށް ހިނގަންފެށިއެވެ. ހިނގަމުން ގޮސް ބަސް ސްޓޮޕެއް ކައިރީގައި ހުރި މީހަކަށް ސަލާންގޮވާލުމަށް ފަހު، މިސްކިތެއް ހުރީ ކޮންތާކުތޯ އެހިއެވެ. ބަސް ސްޓޮޕް ކައިރީގައި ހުރި މީހާ އޭނާގެ ގަޑިޔަށް ބެލުމަށް ފަހު، އޭނާއާއެކު އައުމަށް ބުނެ ހިނގައިގަތެވެ. އެތަނުގެ ގޯޅިއެއްގެ ތެރޭގައި ހުރި މިސްކިތެއް ދެއްކުމަށް ފަހު އެމީހާ ބުންޏެވެ. “އަހަރެން ވެސް ޖަމާޢަތުގައި ނަމާދުކުރަން ބޭނުމެވެ. އެހެން ނަމަވެސް މި ބަހުން މިވަގުތު ދާން ވަރަށް މުހިއްމެވެ. އިންޝާﷲ މަޣުރިބު ނަމާދު ވަގުތުގައި މި މިސްކިތަށް ނަމާދަށް އަންނާނަމެވެ.” އަޅުގަނޑުގެ ރަޙްމަތްތެރިޔާ ވުޟޫ ކުރުމަށް ފަހު މިސްކިތަށް އަރައި “ދިވެހި ސްޓައިލަށް” ވަރަށް އަވަސް އަވަހަށް ނިތްތަޅާލިއެވެ. ދެން އޭނާ އިށީނީ ޤުރުއާނުން ދެތިންގަނޑު ކިޔަވާލާށެވެ. އެ މިސްކިތުގައި އޭނާ ނޫނަސް އެހެން މީހުން ވެސް ޤުރުއާން ކިޔަވަން ތިއްބެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަނި އިންދައެއް ނުފެނެއެވެ. އެންމެން ވެސް ތިބީ ކުޑަކުޑަ ދައުރާތަކެއްގައެވެ. އޭގެ ތެރެއިން ރީއްޗަށް ކިޔަވާ އެކަކު ބާރަށް ކިޔެވުމުން އެހެން މީހުން ކިޔަވަމުންދަނީ އޭނާގެ އަޑުދަށުންނެވެ. އިރުކޮޅަކުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ގާތަށް ވެސް މީހަކު އަތުވެއްޖެއެވެ. އޭނާ ގާތުގައި އިށީނަސް އެންމެ ރަނގަޅުތޯ އަހާފައި އިށީނެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ ކިޔަވަމުންދިޔައީ ހިތުންނެވެ. އެހެންކަމުން އެއައިސް އިށީން މީހާ “ސައުންޑް” އޭ ބުނެލިއެވެ. އެހިސާބުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ބާރަށް ކިޔަވަން ފެށިއެވެ. އެއައި މީހާ އޭނާގެ އަޑު ދަށުން ކިޔަވަންފެށިއެވެ. ކުޑައިރުކޮޅަކުން އެމީހުންގެ ދައުރާވެސް ފުދޭ ވަރަކަށް ބޮޑުވެއްޖެއެވެ. ދެތިންގަނޑު ކިޔަވާލާފައި ފައިބަން އުޅުނު އަޅުގަނޑުގެ ރަޙްމަތްތެރިޔާއަށް މަޖްބޫރުވީ ދެ ފޮތެއް ވަރު ކިޔަވައިލަން މަޑުކުރާށެވެ. މިސްކިތުން ފައިބައިގެން ގޮސްލާފައި މަޣުރިބު ނަމާދު ވަގުތުވުމުގެ ތަންކޮޅެއް ކުރިޔަށް ވަގުތު އޮއްވާ އަނެއްކާ ވެސް އޭނާ އައީ މިސްކިތަށެވެ. މިފަހަރު ވެސް ވުޟޫކޮށްގެން މިސްކިތަށް އަރައި ކިޔަވަންފެށިއެވެ. އިރުކޮޅަކުން ކުރީ ފަހަރުހެން އައިސް މީހުން އިށީނދެ ދައުރާއެއް ހަދާލިޔެވެ. މިފަހަރު އިމާމުވެ ކިޔެވުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ އެ ތަނުގެ މީހަކާ ޙަވާލުކުރިއެވެ. އެއީ މަޣުރިބު ނަމާދަށް އެމީހުން ކިޔެވުން ހުއްޓާލާނީ ކޮން އިރަކުކަން ވެސް ނޭނގޭތީއެވެ.

އިރުކޮޅަކު ކިޔަވަން ތިބެފައި އޭނާއާއެކު ދައުރާގައި ތިބި މީހުން މިސްކިތުން ފައިބަން ފެށުމުން އެމީހުންނާއެކު އޭނާ ވެސް މިސްކިތުން ފޭބިއެވެ. މިސްކިތުން ފޭބިއިރު، ރާއްޖޭގައި ގެންގުޅޭ ލަންޗްބޮކްސްއަށް ވުރެ ކުދި ބޮކްސްތަކެއްގައި ރޯދަ ވީއްލާނެތަކެތި ބަހަމުން ދިޔައެވެ. އެއާއެކު ލިބެނީ ތިން އޮށް، ނުވަތަ ފަސް އޮށް، ނުވަތަ ހަތް އޮށް ކަދުރެވެ. ރޯދަ ވީއްލާ ވަގުތު މާގިނައިން އެކަކަށް ލިބޭ ގޮތެއް ނޯވެއެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ ހުރީ އޭނާއަށް ލިބުނު ޕާރްސަލް ހިފަހައްޓައިގެންނެވެ. އެހެން ނަމަވެސް އޭނާއަށް ފެނުނީ އެތަނުގެ ކޮންމެ މީހަކު ވެސް އެމީހަކަށް ލިބޭ ޕާރްސަލް އެހެން މީހަކަށް ދިއްކޮށްލާ ތަނެވެ. އެހެން ކަމުން އޭނާ ވެސް އޭނާގެ ޕާރްސަލް އެތަނުން މީހަކަށް ދިއްކޮށްލިއެވެ. އެހެން ހުއްޓާ އަނެއްކާ ވެސް މީހަކު އޭނާއަށް ޕާރްސަލެއް ދިނެވެ. އެ ގޮތަށް ޕާރްސަލްތައް ބަހަބަހައި ތިއްބާ ބަންގި ގޮވުމުން ކޮންމެ މީހަކު ވެސް އެވަގުތު އެމީހެއްގެ އަތުގައި އޮތް ޕާރްސަލުން ރޯދަ ވީއްލިއެވެ. އެތަނުން އޭނާއަށް މިސްކިތް ދެއްކި އެކުވެރިޔާއާ ވެސް ބައްދަލުވެއްޖެއެވެ. މިސްކިތަށް އަރަމުން އޭނާއާއެކު ދާން މަޑުކުރާށޭ ބަސް ސްޓޮޕް ކައިރިން ދިމާވި އެކުވެރިޔާ ބުންޏެވެ. އެހެންވެ ނަމާދުކޮށްގެން ފައިބައިގެން ހުރީ އޭނާގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ އިރުކޮޅަކުން މިސްކިތުގެ އަނެއް ފަރާތުން އޭނާ އައިސް، ދެން ދާނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން، ކާން ކޮންމެވެސް ރެސްޓޯރެންޓެއް ވެސް ކައިރިން ހޯދާލަން ބޭނުންކަމުގައި ބުންޏެވެ. އެހެން ބުނުމުން މިތަނަށް އައީ އަލަށްތޯ އެކުވެރިޔާ ސުވާލުކުރިއެވެ. އަލަށް ކަމަށް ބުނުމުން ގޮވައިގެން މިސްކިތުގެ އެއް ފަރާތުން ހިނގައިގަތެވެ. އެތަނުން ނުކުމެވުނީ ހުސް މައިދާނަކަށެވެ. އެތަނުގައި ޖަހާފައި ހުރި ފޭލިގެ ތަކުގައިވަނީ ސުފުރާތައް އަތުރާފައެވެ. ޙަލާލު ކާ އެއްޗެހީގެ ތެރެއިން އެތަނުގައި ނެތީ ކޮން އެއްޗެއްބާވައޭ ހިތަށް އަރާވަރަށް އެތަނުގައި ކާ އެއްޗެހި ހުށްޓެވެ. ބަސް ސްޓޮޕުން ދިމާވި އެކުވެރިޔާއާ ވަރަށް ގިނަ މީހުން އައިސް ސަލާންކޮށް ހަދައެވެ. އޭނާގެ ގާތުގައި އިނީމާ ނޫންކަމެއް ވެސް ނޭނގެއެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާއާ ވެސް އެ އެންމެން އޯގާވެރިކަމާއެކު ސަލާމްކުރަމުންދިޔައެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާއަށް އުނދަގޫވީ ސުފުރާމަތީގައި އިށީނދެގެން، އެއް ތަށްޓަކުން ކާންވީމައެވެ. އެހެން ނަމަވެސް ބަސް ސްޓޮޕުން ދިމާވި އެކުވެރިޔާއާ އެކު ކައިގެން، ދެން ގޮސް ދެމީހުން އެކުގައި ޢިޝާ ނަމާދަށް ވުޟޫކުރިއެވެ. މަޣުރިބު ނަމާދަށް ކުރި ވުޟޫ ނުގެއްލޭކަމުގެ ޔަޤީންކަން އޮތުމާއެކު ވެސް އެހެން މީހުން ވެސް ވުޟޫކުރާތީއެވެ. ވުޟޫކޮށްގެން އެ އެކުވެރިޔާ އެތަނުގައި ހުރި ބިއްލޫރި ޝޯކޭހަކުން އަތަރު ނަގައިގެން އަތަރުލަމުން، އަޅުގަނޑުގެ އެކުވެރިޔާ ކުރެން އަތަރު ނުލަންތޯ ސުވާލުކުރިއެވެ. މީގެކުރިން ވެސް އަޅުގަނޑުގެ ރަޙްމަތްތެރިޔާއަށް ވަނީ މީހުން އެތަނުން އަތަރުލާތަން ފެނިފައެވެ. އެހެން ނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫންކަމަށްވާތީ ނުލަނީއޭ އޭނާ ގާތު ބުންޏެވެ. އެމީހާ ހިނިތުން ވެލާފައި ބުނީ އެއީ މިސްކިތަށް އަންނަ މީހުންނަށް ޓަކައި ވަޤުފުކުރެވިފައިވާ ތަކެތިކަމުގައެވެ. ވަކި މީހެއްގެ އެއްޗެއް ނޫންކަމުގައެވެ. ދެން އެތަނުން އަތަރުލައިގެން، އެރީ މިސްކިތަށެވެ. ޢިޝާ ނަމާދަށް ފަހު ތަރާވީޙުގައި ކުރީ އަށް ރަކްޢަތެވެ. ދެން ވިތުރީގެ ތިން ރަކްޢަތެވެ. އެކަމަކު ކިޔެވުން ވަރަށް ދިގެވެ. ކިޔެވީ ފޫހިނުވާފަދަ ރިވެތި ރާގަކަށެވެ.

ނަމާދުކޮށްގެން ފޭބުމުން، ބަސް ސްޓޮޕުން ދިމާވި އެކުވެރިޔާ، އަޅުގަނޑުގެ އެކުވެރިޔާ ކުރެން އޭނާ ސިނގިރޭޓް ބޮއިހޭ ސުވާލުކުރިއެވެ. އާނއެކޭ ބުނުމުން ސިނގިރޭޓް ބޮވޭ ތަނަކަށް ހިނގާށޭ ކިޔާފައި ގޮސް އެރީ އޭނާގެ ކާރަށެވެ. އެންމެ އަގު ބޮޑު ބެންޒު ކާރެކެވެ. މި ހިސާބުން އޭނާއަކީ އާދައިގެ މީހެއް ނޫންކަން އެނގިއްޖެއެވެ. ކާރުގައި ގޮސް މަޑުކޮށްލި ރެސްޓޯރެންޓުން ކޮންމެވެސް އެއްޗަކަށް އޯޑަރުދޭށޭ ބުނުމުން އެޔަށް އަރާނެ އަގެއް ވެސް ނޭނގޭތީ އޯޑަރު ކުރަން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ފަސް ޖެހުނެވެ. އެހެން ނަމަވެސް އޭނާގެ އެދުމުގެ މަތީން ޙަލްވާއަކަށް އޯޑަރުކުރިއެވެ. އެތަނުގައި ތިބިއިރު އެއެކުވެރިޔާ އަޅުގަނޑުގެ ރަޙްމަތްތެރިޔާ އެތަނަށް އައި ބޭނުމާއި ކޮން ޤައުމެއްގެ މީހެއްތޯ ފަދަ ސުވާލުތައް ކުރިއެވެ. މޯލްޑިވްސްއޭ ބުނުމުން ނޭނގުމުން ދެން ބުނަން ޖެހުނީ އިންޑިޔާ ނަސްލުގެ މީހެއްކަމަށާއި އިންޑިޔާގެ އަވަށްޓެރި ޤައުމެއްގެ މީހަކު ކަމުގައެވެ. ދެން ދެމީހުން ސިނގިރެޓް ބޮއިގެން އެ ރެސްޓޯރެންޓުން ނުކުތް އިރު ވެސް ޙަލްވާއަކަށް ފައިސާއެއް ވެސް ނުނަގައެވެ. ހަމައެކަނި ބިލްހަދާފައި، ބިލުގައި ސޮއިކޮށްލީއެވެ. އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި މަޣުރިބު ނަމާދާއި ފަތިސް ނަމާދާ ދެމެދު، ބަރަކާތްތެރި ރަމަޟާން މަހުގައި އެތަނުގެ ހުރިހައި ރެސްޓޯރެންޓަކުން ވެސް ކާންދެނީ ހިލެއެވެ.

ކޮންފަދަ ދީލަތިކަމެއްތޯއެވެ. އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ މުސްލިމު ޤައުމުގައި ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގު ކުރަނީ ބޮޑެވެ. އޭނާގެ ކާރުގައި އަޅުގަނޑުގެ ރަޙްމަތްތެރިޔާ ހޮޓަލަށް ލައިދޭނެކަމަށް ބުނުމުން، ގިނަތަންތަން ފެންނާނީ ހިނގާފައި ދިއުމުން ކަމަށް އަޅުގަނޑުގެ ރަޙްމަތްތެރިޔާ ބުންޏެވެ. ދެން ކުޑަގަނޑުކޮޅެއްގައި ބަސް ސްޓޮޕުން ދިމާވި އެކުވެރިޔާ އޭނާގެފޯން ނަންބަރު ނޯޓުކޮށްލާފައިދީފައި، ކަމެއް ދިމާވެއްޖެނަމަ، ގުޅުމަށް އެދުނެވެ. އަދި ދަމުނަމާދަށް އަންނާނެތޯ ސުވާލުކުރުމުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ބުނީ ދަމު ނަމާދަށް ނާދެވޭނެ ކަމަށާއި ފަތިސް ނަމާދަށް އަންނާނެކަމުގައެވެ.

ފަތިސް ނަމާދުން އަނެއްކާ ވެސް ބަސް ސްޓޮޕްގެ އެކުވެރިޔާއާ ބައްދަލުވިއެވެ. ދުވަހުގެ ޕްރޮގްރާމް އޮތީ ކިހިނެއްތޯ ސުވާލުކުރުމުން މުޙައްމަދު ރާމިޒު ނާންނަންޏާ ބިޒީ ނުވާނެކަމަށް ބުނުމުން ހެނދުނު ގުޅާނެކަމަށް ބުނެފައި ބަސް ސްޓޮޕް އެކުވެރިޔާ ދިޔައީއެވެ. ދެން ރާމިޒަށް ގުޅުމުން ރާމިޒު ބުނީ އާދެވޭނީ ރޭގަނޑުކަމުގައެވެ. އެހެން ހުއްޓާ ބަސް ސްޓޮޕް އެކުވެރިޔާ ގުޅާފައި އަތުވެއްޖެއެވެ. ދެން ދިޔައީ އޭނާގެ ބެންޒް ކާރުގައި ރަށުތެރެ ބަލާލާށެވެ. ކުއްލިއަކަށް އޭނާއަށް މުހިއްމުކަމެއްގައި އޮފީހަށް ދާންޖެހިއްޖެއެވެ. އޮފީހަށް ދިޔައީ އަޅުގަނޑުގެ ރަޙްމަތްތެރިޔާއާއެކުގައެވެ. އެއީ އާދައިގެ މީހެއް ނޫނެވެ. މަލްޓި މިލިޔަނަރެކެވެ. އެ އޮފީހުގެ ވެރިޔަކީ އޭނާއެވެ. މި މަންޒަރު ފެނުމުން އަޅުގަނޑުގެ ރަޙްމަތްތެރިޔާ ފެންކަޅިވިއެވެ. މި ރާއްޖެއިން ވެސް ނުފެންނަވަރުގެ ބޮޑު މުއްސަންޖަކު ކިބުރުވެރިކަމެއް ނެތި ބަހުގައި ދަތުރުކުރި ގޮތާއި، މިސްކިތް ދައްކަން ހިނގާފައި ދިޔަ ގޮތާއި، ޑްރައިވަރަކު ވެސް ނުލައި ބީރައްޓެއްސަކު ގޮވައިގެން ރަށުތެރޭގައި ދުއްވުމާއި، އެއް ސުފުރާމަތިން އެއް ތަށި މަތިން ކެއި ގޮތް ހިތަށް އަރާފައެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާގެ އެކުވެރި މުޙައްމަދު ރާމިޒަކީ ވެސް ޕްރައިވެޓް ޔޮޓުގައި ރާއްޖެއަންނަ މުއްސަންޖެކެވެ. ރާމިޒުވެސް ބުނި ގޮތުގައި ބަސް ސްޓޮޕްގެ އެކުވެރިޔާއަކީ އޭނާއަށް ވުރެވެސް ބޮޑު މުއްސަންޖެކެވެ. މަލްޓިމިލިޔަނަރއެކެވެ. އެކަމަކު އެއީ މުސްލިމެކެވެ. އެންމެންނަކީ ހަމަހަމަކަމަށް ޤަބޫލުކުރާ މަތިވެރި ދީނަށް ތަބާވާ އިޚްލާޞްތެރި މުސްލިމެކެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާގެ މުޅި ޙަޔާތުގައި ވެސް އަޅުކަމުގެ ފޮނިކަން ފުރިހަމައަށް އިޙްސާސްވި ރޯދަމަހަކީ ޔޫރަޕުގެ ކްރޮއޭޝިޔާގައި ހޭދަކުރި ރޯދަމަހެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!