އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 13

ދަރިކޮޅުތަކުގެ ތައައްސުބާއި ޒުއްރިއްޔާތު

އެންމެ ކުރީޒަމާނުން ފެށިގެން މުޖުތަމައު ބައްޓަންވެފައި އޮތީ ދަރިކޮޅުތަކެއްގެ މައްޗަށާއި އިމްތިޔާޒުތަކެއްގެ މައްޗަށެވެ. ހުރިހާ ވަގުފުކުރުންތަކާއި މުޖުތަމައުގެ ގުޅުންތަކާއި ބެހޭ އުސޫލުތައް އަތުރާލެވިފައި އޮތީ މި އިމްތިޔާޒުތަކުގެ މައްޗަށެވެ. އޭގެ ފެށުމާއި ސަބަބުތައް އިސްވެ ބަޔާން ކުރެވިއްޖެއެވެ. އެހެންވީމާ މި ބާބުގައި ލިޔާނީ އިމްތިޔާޒުތަކުގެ ގިންތިތަކާއި މި އުސޫލުތައް ދަމަހައްޓައި އަމަލުކުރެވެމުން އައި ގޮތުގެ މައްޗަށެވެ. ރަށެއްގެ ތާރީޚު ލިޔާއިރު އެރަށެއްގެ އާދަކާދައިގެ އެކޮޅު މިކޮޅަކީވެސް ތާރީޚުގެ މުހިއްމު އެއްބައެވެ.

މީދޫގައި އެންމެ އިހުން ފެށިގެން މީސްތަކުން ދަރަޖަ ކުރެވެއެވެ. އެމީހެއްގެ އިމްތިޔާޒާއި ފުރުސަތުތަކުގެ ބިންގަލަކީ އެމީހެއްގެ ދަރަޖައެވެ. މިދަރަޖައިގައި ދެމިހުރުމަށްޓަކައި ތަބާވުން ލާޒިމު އުސޫލުތަކެއް ހުރެއެވެ. އަޚުލާގީ ގޮތުންނާއި ދުނިޔަވީ ގޮތުން ގިރާކުރަން ނުޖެހޭ އިންތަކެއް ހުރެއެވެ. ގިރާކުރަން ނުޖެހޭ އާއިލީ އުސޫލުތަކެއް ވެސް ހުރެއެވެ. މި އުސޫލުތައް މުގުރައިފި މީހެއްގެ އަދަބު ވަރަށް ބޮޑެވެ. އެ އަދަބަކީ އިމްތިޔާޒުތަކެއް ލިބިގެންވާ ދަރިކޮޅުތަކަށް އޮންނަ ފުރުސަތުތަކުން އެމީހަކު މަހުރޫމުކޮށްލުމެވެ. މިއަށް ކިޔަނީ ޒުއްރިއްޔާތުން ބޭރުކޮށްލުމެވެ. މީގެ މާނައަކީ ދަރިކޮޅުން އެކަހެރިކޮށްލުމެވެ.

ޒުއްރިއްޔާތުން ބޭރުކޮށްލުމަކީ އިހުގެ މުޖުތަމައުގައި ފަރުދަކަށް ދެވޭނެ އެންމެ ބޮޑު އިޖުތިމާއީ އަދަބެވެ. ވާރުތަ މުދަލެއް ނުލިބޭނެއެވެ. އެ ގިންތިއަކުން މުއާމަލާތުކޮށް އުޅޭނޭ ގާތް ބަޔަކުވެސް ނުލިބޭނެއެވެ. އަމިއްލަ މުޖުތަމައުގައި ބީރައްޓެއްސަކަށްވެ އެކަނިވެރިއަކަށް ވެދެއެވެ. މިވަރުގެ އަދަބެއް ލިބުމަށް އޮންނަ މައިގަޑު ސަބަބަކީ އާއިލީ އުސޫލުތަކާއި މުޖުތަމައުގެ އަދަބުތައް މުގުރައިލުމެވެ. މުޖުތަމައުގެ އަދަބުތައް މުގުރައިލުމުގެ ތެރޭގައި ދީނުގައި ހަރާމްކުރައްވާފައި ހުންނަ ބޮޑެތި ފާފަތަކަށް އަރައިގަތުން ހިމެނެއެވެ. އާއިލީ އުސޫލުތައް މުގުރައިލުމުގެ ތެރޭގައި ހިމެނެނީ ގިންތިއަށް ހުރުމަތެއް ނުބަހައްޓައި ދަށްފަންތީގެ މީހުންނާއި ކައިވެނީގެ ގޮތުން ގުޅުމާއި ދަރިކޮޅަށް ހުތުރު ލިބޭފަދަ ކަންކަން ކުރުމެވެ.

ޒުއްރިއްޔާތުން ބޭރުކުރުމޭ ބުނެވޭ ބަސް ފަށްފަށް ކޮށްގެން އެނޫން ގޮތްގޮތަށްވެސް ކިޔައެވެ. އައިރިއްޔާތުން ބޭރުކުރުމާއި އަތިއްޔާތުން ބޭރުކުރުމާއި ޚައިރިއްޔާތުން ބޭރުކުރުމޭވެސް ކިޔައެވެ. މީގެ މާނައަކީ އެންމެހައި ހެޔޮކަންތަކުން ބޭރުކުރުމާއި ފެންނަ ކަންކަމާއި ނުފެންނަ ކަންކަމުންވެސް ބޭރުކުރުމާއި ފުރުސަތުތަކުން ބޭރު ކުރުމެވެ. މީން ކޮންމެ ގޮތަކަށް ކިޔަސް މިބަހުގެ އަސްލަކީ ޒުއްރިއްޔާތެވެ. އޭގެ މާނައަކީ ދަރިކޮޅެވެ. މިއީ މީލާދީން ނަވާރަސަތޭކައިގެ އަހަރުތަކާއި ހަމައަށް ދެމިގެން އައި އާދައެކެވެ.

މިހެން އަރަބި ބަސްބަސް ރަށު ބަހުރުވައިގެ ތެރޭގައި ފަށްފަށްކުރުމަކީ މީދޫގައި އިހު އޮންނަ އާދައެކެވެ. މިގޮތުން ހުވާކުރުމުގައި ވެސް އަރަބިން ބޭނުންކުރާ ހުވާގެ ހުރިހާ ސީގާތަކެއް އެއްފައްޗަކަށް އަމުނައިލުން ފާހަގަކޮށްލެވެއެވެ. މީގެ މިސާލަކީ “މަހުވެއި ބިﷲ ވަﷲ ތަﷲ ބަރާއަތުންމިނަﷲ އުޑުއުސްކަން ބިންތިރިކަން ކަނޑޮފުންކަން ދެނޯ” މި ހުވައި ފައްޗެވެ. މިއީ ހުވައިތަކުގެ ތެރެއިންވެސް އެންމެ ބޮޑު ހުވައެވެ.

ޒުއްރިއްޔާތުން ބޭރުކުރުމުގެ ނިންމުން އެންމެ ފުރަތަމަ ނިންމާނީ އެމީހެއްގެ ބައްޕައެވެ. އާއިލާގެ އެންމެ އިސްމީހާއެވެ. އެއަށްފަހު އެނިންމުމެއް ބަލައިގަންނާނީ ދަރިކޮޅުގެ އެންމެ އިސް މީހާއެވެ. ގަބީލާގެ ސައްޔިދެވެ. އެއަށްފަހު ރަށުގެ ފަންސަވަތިންނެވެ. ފަންސަވަތި ކިޔަނީ ރަށް ހިންގާ މަޖިލީހަށެވެ. މިހާރުގެ ގޮތަށް ނަމަ އެއީ ރަށު ކައުންސިލެވެ. ފަންސަވަތީގައި ތިބެނީ ފަސް މީހުންނެވެ. އެއީ އިދާރީގޮތުން ރަށް ހިންގާން ހުންނަ ޚަތީބަކާއި ރަށުގެ އާއިލީ ހަތަރު ފަންތީގެ ތެރެއިން ކޮންމެ ފަންތިއެއް ތަމްސީލުކުރާ މަންދޫބަކު ހިމަނައިގެން ޖުމްލަ ފަސް މީހުންނެވެ.

އާއިލީ ހަތަރު ފަންތި ބެހިފައިވާ ގޮތަކީ ބޮޑުން، ހެވިކާރުން، މާލިމީން  ދެން ރައިވެރިންނެވެ. ބޮޑުންގެ ތެރޭގައި ހިމެނެނީ ތަކުރުފާނުން ނުވަތަ ތައްކާނުންނާއި މަނިކުންނާއި ދީދީންނާއި މަނިކުފާނުންނެވެ. ހެވިކާރުންގެ ތެރޭގައި ހިމެނެނީ މަނިކާއިންނާއި ތަކުރުންނެވެ. އިސްދޫ ރަސްދަރިކޮޅާއި ގުޅޭ މަނިކުފާނުންނާއި ދިޔަމިގިލީ ރަސްދަރިކޮޅައި ގުޅޭ ދީދީން މީދޫއަށް ތައާރަފުވުމުގެ ކުރީން މީދޫގެ ބޮޑުންނަކީ ތައްކާނު ފަންތިއާއި މަނިކާ ފަންތިއެވެ. މި ދެފަންތިން މަތީ ފަންތިއަކީ ތައްކާނު ފަންތިއެވެ. މާލިމީންގެ ތެރޭގައި ހިމެނެނީ ބޮޑުންނާއި ހެވިކާރުންގެ ތެރެއިން ނުހިމެނޭ އަދި ރައިވެރިންގެ ފަންތީގައި ނުވާ މީހުންނެވެ. ރައިވެރިންނަކީ އާއިލީ ފަންތިއެއް ކަމުން މިފަންތީގައި ހިމެނޭ އާއިލާތަކަށް ނިސްބަތްވާ މީހުންނަކީ ރައިވެރިކަން ނުކުރިޔަސް ރައިވެރިންނެވެ. މިއީ ބޮޑުންނާއި ތަކުރުންގެ ޚާދިމުންނެވެ. މާލިމީންނަކީވެސް އާއިލީ ފަންތިއެއްކަމުން މާލިމީކަން ނުކުރިޔަސް މިފަންތީގެ އާއިލާތަކަށް ނިސްބަތްވާ މީހުންނަކީ މާލިމީންނެވެ.

ފަންސަވަތި އެކުލެވިގެންވުމުގައި ރަށުގެ ނާއިބު މީހާއަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އިސްފަރާތް ކަމުގައިވާތީ ވަކިއަތަކަށް ނުޖެހުމުގެ ގޮތުން ފަންސަވަތީގައި ނާއިބު މީހާ ނުހިމެނޭނެއެވެ. ފަންސަވަތީގައި ހިމެނޭ ކޮންމެ މީހަކަށް އިހު ކިޔަނީ ފަންސަފުރަދާނަ މިހެންނެވެ.

ފަންސަފުރަދާނައިން އެއްތަންވެ ސައްލާކުރާނީ ކޮންމެ ހިޖުރީމަހެއްގެ ފުރަތަމަ ހުކުރު ދުވަހު ޚަތީބު މީހާގެ ގޭގެ ބޮޑު އަށީގައެވެ. މި މަޖިލީހުގައި ސައްލާކުރާނީ ކޮންމެ ދަރިކޮޅަކުން ހުށަހެޅިފައި ހުންނަ މައްސަލަތަކާއި ރަށަށް ކުރިމަތިވެފައި ހުންނަ ތަފާތު މައްސަލަތަކާއި ބެހޭ ގޮތުންނެވެ. ފަންސަވަތީގެ ޖަލްސާތަކުގައި އެޖެންޑާކުރާނީ އާއިލީ ފަންތިތަކުގެ ތެރެއިން ކޮންމެ ފަންތިއެއްގެވެސް ދަރިކޮޅުތަކުގެ އިސްމީހުން އެފަންތިއެއް ތަމްސީލުކުރާ ފަންސަފުރަދާނައިގެ ކިބައިން އެދޭ ކަންތައްތަކާއި ރަށުގެ ނާއިބު މީހާ ހުށަހަޅާ ކަންތައްތަކާއި ސަރުކާރުން އަންގަވާ ކަންތައްތަކާއި ރަށަށް ކޮންމެހެން ބޭނުންވާ މުހިންމު ކަންކަން ކަމަށް ފަންސަފުރަދާނައިންނަށް ފެންނަ ކަންކަމެވެ.

އިމްތިޔާޒުގެ އުސޫލުތައް ބަދަލުވަމުން އައިގޮތް
އެންމެ އިހު ރަށް އާބާދުކުރުމަށްފަހު ދިރިއުޅެން ފެށި ހަތް ދަރިކޮޅަކީވެސް ދާދި އެއްފަންތިއެއްގެ ދަރިކޮޅުތަކެކެވެ. އެހެންނަމަވެސް މީގެ ތެރެއިން ޔޫސުފު ނާއިބުގެ ދަރިކޮޅު އަނެއް ހަ ދަރިކޮޅުގެ މައްޗަށް އިސްވެގެންވެއެވެ. ނާއިބުކަމާއި ޚަތީބުކަން އޮންނަނީ މިދަރިކޮޅަށެވެ. އޭގެ ސިއްރަކީ އިލްމުވެރިކަމުގައި އަރައިތިބެނީ މިދަރިކޮޅުގެ މީހުން ކަމަށް ވުމެވެ. ޚަތީބުކަމާއި ނާއިބު ކަމަކީ އިހު ދައުލަތުން ފަތްކޮޅު ދެއްވީމާ ލިބޭ މަގާމުތަކެއް ނޫނެވެ. މަގާމުތައް ހަމަޖައްސަމުން އައީ ރަށުގެ ފަންސަވަތިންނެވެ. މިކަން މިމަގުން ހިގަމުން އައިސް ދައުލަތުން ދެއްވި ފަތަކާއިގެން އެންމެ ފުރަތަމަ ނާއިބުކަމާއި ޚަތީބުކަން ކުރަން ފެށީ މީލާދީން އަށާރަސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅު އެވެ. ފަތެއް ލިބިގެން މީދޫގައި އެންމެ ފުރަތަމަ ނާއިބުކަން ކުރި މީހަކީ އެޅެގޭ އަބްދުﷲ ދީދީއެވެ.

މި އަބްދުﷲ ދީދީ އަކީ ދިޔަމިގިލީ ދަރިކޮޅުން އެންމެފަހުން ރަސްކަން ކުރެއްވި ގިޔާސުއްދީން ރަދުންގެ އިބްރާހިމް ފާމުދޭރިކިލެގެފާނުގެ ދޮށީދީދީގެ ގަޑުވަރު ހަސަންދީދީގެ ދަރިކަލެކެވެ. މީދޫގެ މުޅި ތާރީޚުގައިވެސް އެންމެ ފުރަތަމަ އަބްދުﷲ މިނަން ކިޔުނު ކަމަށް ސާބިތުވާ މީހަކީ މީނާއެވެ. އޭގެ ކުރިން ތާރީޚުގެ އެއްވެސް ހިސާބަކުން އަބްދުﷲ އެއް ފެންނާކަށް ނެތެވެ. އެޅެގޭ އަބްދުﷲ ދީދީއަށް މިނަން ކިޔައިފައިވަނީ އޭނާގެ މުނިކާފަ، ކިލެގެފާނަށް ނިސްބަތްކޮށްފައި ކަމަށް ގަބޫލު ކުރެވެއެވެ. ކިލެގެކަމަށް ކޮލިލުމުގެ ކުރިން އެއީ އަމީރު އަބްދުﷲ އެވެ. މިނޫނަސް އިހު އާއްމުކޮށް ބޭނުން ނުކުރާ ނަންތައް ހުރެއެވެ. އަބޫބަކުރާއި އުމަރު އަދި އުސްމާނަކީ މިގޮތުން މީދޫގެ އިހުގެ ތާރީޚުގައި އެކަކު ދެމީހަކަށް ނޫނީ ކިޔާފައި ނުވާ ނަންތަކެވެ. މިއާދަ މިގޮތަށް އައްޑޫ އާއި ފުވައްމުލަކުގައި ދާދިފަހަކާ ޖެހެންދެންވެސް ދެމިއޮތެވެ.

އެންމެ އިހުގައި މީދޫގައި މަނިކުފާނުންނާއި ދީދީން ނޫޅެއެވެ. އިހު އުޅުނީ ތަކުރުފާނުންނާއި ބީފާނުންނެވެ. ކަލޭގެއިންނާއި ކަމަނައިންނެވެ. ތަކުރުންނާއި ބީންނެވެ. މަނިކާއިންނެވެ. މީގެ ތެރެއަށް މަނިކުފާނު އިތުރުވީ އިސްދޫދަރިކޮޅުގެ އެންމެ ފަހު ދެރަސްކަލުން ކަމުގައިވާ ސުލްތާނު އިބްރާހިމް މުޒްހިރުއްދީނާއި ސުލްތާނު ހަސަން ދިހައެއް 1704 ގައި ދެކުނަށް އަރުވައިލެވި އެބޭފުޅުންގެ ދަރިކޮޅު އައްޑޫގައި އުފެދި އެ އައުލާދަށް ޚާއްސަ ނަމެއްގެ ގޮތުގައެވެ. މީދޫއަށް މިދަރިކޮޅު އައީ އައްޑޫ ގަމުންނެވެ.

ދީދީ އިތުރުވީ ދިޔަމިގިލީ ޚާންދާނުގެ ރަސްކަން ވައްޓައިލައި 1774 ގައި ހުރަވީ ރަސްކަން ފެށުނު ހިސާބުން ދިޔަމިގިލީ ޚާންދާނުގެ ސުލްތާނު މުުހައްމަދު ގިޔާސުއްދީނުގެ ދަރިކަލުން އިބްރާހިމް ފާމުދޭރިކިލެގެފާނު ފުވައްމުލަކަށް ފޮނުވައިލެވި އެކިލެގެފާނަށް ބޭފުޅުން ލިބިވަޑައިގެން އެ އައުލާދުގެ ބޭފުޅުންނަށް ޚާއްސަ ނަމެއްގެ ގޮތުގައެވެ. ދީދީ ދަރިކޮޅު މީދޫއަށް އައީ ފުވައްމުލަކުންނެވެ. އިސްދޫ ދަރިކޮޅުގެ ބައެއް މީހުންނަށްވެސް މަދުމަދުން ދީދީއޭ ކިޔައި އުޅުނެވެ.

އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅު މީދޫގައި އިހުތިބި މީހުންނާއި މަސްހުނިވެ ބައިގިނަވުމަށްފަހު ހުރިހާ އިމްތިޔާޒުތަކެއްގެ މުގޫ މި ދެދަރިކޮޅުން ވަނީ ލިބިގަނެފައެވެ. އެހެންކަމުން ގަދީމީ މީދޫގައި އިމްތިޔާޒުގެ އުސޫލު ދެމިގެން އައިގޮތަށް މި ދެދަރިކޮޅުގެ ސަބަބުން ވަރަށް ބޮޑު އިންގިލާބެއް އޮތީ އައިސްފައެވެ. އާ އުސޫލުތަކެއް ވަނީ ތައާރަފު ކުރެވިފައެވެ.

ދިޔަމިގިލީ ޚާންދާނުގެ ދީދީންނަށް ލިބިގެންވީ އިމްތިޔާޒުތަކުގެ ތެރެއިން ފާހަގަ ކުރެވޭ ދެ ކަމަކީ ބޭބެ އާއި ދައްތަ އަދި މަންމަ މި ތިންބަސް މިޚާންދާނަށް ނިސްބަތްވާ މީހުން ނޫން އެހެން މީހުން ބޭނުން ނުކުރުމާއި ދީދީއަކީ އިޖުތިމާއީ ދަރަޖަކުރުންތަކުގެ އެންމެ އުސް ކުރިބޯށިކަމުގައި ހަމަޖެހުމެވެ. ދީދީން އެމީހުންގެ ދޮށީ މީހުންނަށް ކިޔަނީ ބޭބެ އާއި ދައްތަ އެވެ. އެނޫން މީހުން އެއުރެންގެ ދޮށްޓަށް ތިބޭ މީހުންނަށް ކިޔަނީ ބެއްޔާ އާއި ދައިތާއެވެ. ދީދީންގެ ތެރޭގައި ހުންނަ ހުސައިން ދީދީއަކަށް ރަށު އެންމެންނަށް ހުސައިންބޭބެއޭ ކީދާނެއެވެ. ދީދީއެއް ނޫންކަމަށްވެއްޖެނަމަ ކިޔަން ޖެހޭނީ ހުސައިން ބެއްޔާއެވެ. ދީދީންތަކަށް އެމީހުންގެ މަންމައިންނަށް މަންމައޭ ކީދާނެއެވެ. އެނޫން މީހުން ކިޔަންވާނީ އަމާއެވެ. ދީދީންނަށް މިދެގޮތްވެސް ހުއްދައެވެ.

އިޖުތިމާއީ ހަރުފަތުގެ އެންމެ ދަށް ފަންތީގެ މީހުންނަށް ފުރިހަމަ ނަމުން މުޚާތަބު ކުރުމެއްވެސް ނޯވެއެވެ. މިސާލަކަށް ހަސަން ކިޔާމީހަކަށް ނަމަ ކިޔާނީ ހަސަނާއެވެ. މުހައްމަދަށް މުހުއްމަދާ އެވެ. އިބްރާހީމަށް އިބިރިހިމާއެވެ. ފާތިމަތަށް ފާތިޔަ އެވެ. އައިޝަތަށް އައިސާއެވެ. މިފަދަ މީހުންގެ ދަރީންނަށް ފުރިހަމަ ނަމުން މުޚާތަބު ކުރެވޭނީ ދަރަޖައިގެ ގޮތުން އެއަށްވުރެ އިސް ދަރަޖައެއްގެ މީހަކާއި އިނދެގެން ލިބޭ ދަރީންނަށެވެ. ނުވަތަ ލިބޭ މަގާމަކާއި ގުޅިގެންނެވެ.

ތަކުރުންގެ ދަރީންގެ ތެރެއިން ފިރިހެން ދަރީންނަށް ކިޔާނީ ތަކުރެވެ. އަންހެންދަރީންނަށް ބީ ނުވަތަ ފާނެވެ. ތަކުރުފާނުގެ ފިރިހެން ދަރީންނަށް ތަކުރުފާނު ނުވަތަ ތައްކާނެވެ. ތައްކާނު އަރަބިން ލިޔާއިރު ލިޔަނީ ތައްޚާނު މިގޮތަށެވެ. ތަކުރުފާނުގެ އަންހެން ދަރީންނަށް ބީފާނު ނުވަތަ ފާނެވެ. މަނިކާއިންގެ ފިރިހެން ދަރިންނަށް މަނިކާ އަދި އަންހެން ދަރީންނަށް ބީ ނުވަތަ ފާނެވެ. މަނިކުންގެ ފިރިހެން ދަރީންނަށް މަނިކު އަދި އަންހެން ދަރީންނަށް މަނިކަ (މަނިކެ) އެވެ. މަނިކުފާނުގެ ފިރިހެން ދަރީންނަށް މަނިކުފާނު ނުވަތަ ރަހާއެވެ. އަންހެން ދަރީންނަށް މަނިކުފާނު ނުވަތަ ރަނާއެވެ. ދީދީންގެ ފިރިހެން ދަރީންނަށް އަދި އަންހެން ދަރީންނަށް ވެސް ދީދީއެވެ.

މަނިކު ނުވަތަ މަނިކެ ކިޔަނީ ތަކުރުފާނު ދަރަޖައިގައި ހުރި މީހަކު އެއަށްވުރެ ގަދަރު ބޮޑުވުމުން ލިބޭ ދަރިންނަށެވެ. މަނިކާ ކިޔަނީ ތަކުރު ދަރަޖައިގައި ހުރި މީހަކު އެއަށްވުރެ ގަދަރު ބޮޑުވުމުން ލިބޭ ދަރީންނަށެވެ.

އާދައިގެ މީހަކަށް ކޮލި ލައިފިނަމަ އެއީ ފިރިހެނަކަށް ވާނަމަ ކިޔާނީ ކަލޭގެފާނު ނުވަތަ ކަލޭފާނެވެ. އަންހެނެއްނަމަ ކަނބުލޭގެފާނެވެ. އާދައިގެ މީހަކަށް ފަނޑިޔާރުކަން ލިބި ކޮލި ލައިފިނަމަ އެއީ ފަނޑިޔާރު ކަލޭގެފާނެވެ. ތަކުރު، މަނިކާ، ތަކުރުފާނު، މަނިކު ދަރަޖައިގެ މީހަކަށް ކޮލި ލައިފިނަމަ ފިރިހެނަކަށް ނަމަ ކިޔާނީ ތަކުރުފާނެވެ. އަންހެނެއްނަމަ ބީފާނެވެ. މި ދަރަޖައިގެ މީހަކަށް ފަނޑިޔާރުކަން ލިބި ކޮލި ލައިފިނަމަ އެއީ ފަނޑިޔާރު ތަކުރުފާނެވެ. މަނިކުފާނު ނުވަތަ ދީދީ ދަރަޖައިގެ މީހަކަށް ކޮލި ލައިފިނަމަ ކިޔާނީ މަނިކުފާނެވެ. މިދަރަޖައިގެ މީހަކަށް ފަނޑިޔާރުކަމުގެ ކޮލި ލައިފިނަމަ އެއީ ފަނޑިޔާރު މަނިކުފާނެވެ.

އާދައިގެ މީހަކު ތަކުރު ދަރަޖައިގެ މީހަކާއި ކައިވެނިކޮށްގެން ލިބޭ ދަރީންނަކީ ތަކުރު ނުވަތަ މަނިކާއިންނެވެ. މި ދަރަޖައިގެ މީހަކު ތަކުރުފާނު ދަރަޖައިގެ މީހަކާ ކައިވެނިކޮށްގެން ލިބޭ ދަރީންނަކީ ތަކުރުފާނު ނުވަތަ މަނިކުންނެވެ. މި ދަރަޖައިގެ މީހަކު ނަސަބުގެ ގޮތުން މަނިކުފާނަކާއި ކައިވެނިކޮށްގެން ލިބޭ ދަރީންނަކީ މަނިކުފާނުންނާއި ރަހާއިންނާއި ރަނާއިންނެވެ. މި ދަރަޖައިގެ މީހަކު ދީދީއަކާއި ކައިވެނިކޮށްގެން ލިބޭ ދަރީންނަކީ ދީދީންނެވެ. މީގެ އިތުރުން ދީދީ ދަރަޖައިގެ މީހަކު ކައިވެނި ކުރަނީ މަނިކުފާނު ދަރަޖައަށް ވުރެ ދަށް ދަރަޖައެއްގެ މީހަކާ ކަމުގައިވާނަމަ މިމީހާއަށް ކައިވެނީގެ ފަހުން ކިޔާނީ މަނިކުފާނެވެ.

މަނިކުފާނުންނާއި ދީދީންގެ މެދުގައި ދަރަޖައިގެ ނުކިއްސަރުކަމެއް އޮންނާތީ ބައެއްފަހަރު ދީދީއަކާއި ކައިވެނިކޮށްގެން މަނިކުފާނަކަށް ލިބޭ ދަރީންނަށް ދީދީއޭ ނުކިޔައި މަނިކުފާނޭ ކިޔައިފައިވެސް ހުރެއެވެ. އެކަމަކު އާއްމު އުސޫލަކީ ދީދީއޭ ކިޔުމެވެ.

ދިވެހިރާއްޖޭގެ ވެރިކަންކުރާ އަދި ބޭފުޅިޒަމް އިންތިހާއަށް އޮތް މާލެއަށް ނިސްބަތްކުރާއިރުވެސް އާއިލީ ދަރަޖަތަކާއި ނަސަބުގެ ދަރަޖަ ހިފެހެއްޓުމުގެ އާދަތައް މީދޫގައި އޮތް މިންވަރު ބޮޑުކަމުން ހައިރާންވެގެން އައްސައްޔިދު ބޮޑު ފެންވަޅުގޭ ސީދީ އާއި ފަޟީލަތުއްޝައިޚު ހުސައިން ސަލާހުއްދީނު ވެސް ވަނީ މިކަން ފާހަގަ ކުރައްވާފައެވެ. ބޮޑުފެންވަޅުގޭ ސީދީއަކީ މީދޫ ގާޒީ އިބްރާހިމް މަޖުދުއްދީނުގެ މާލޭ ބޮޑުފެންވަޅުގޭ ދޮންމަނިކެގެ ދަރިކަލެކެވެ. ސީދީ ތައުލީމު ހާސިލު ކުރެއްވުމަށް މީދޫގައި އުޅުއްވީ އެޅެގޭ އަބްދުﷲ ދީދީގެ އަރިހުގައެވެ. އެއީ ނަވާރަސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅެވެ. ސަލާހުއްދީނަކީ މާލޭ ބޮޑުގަލު މޫސާ ދީދީގެ ބޭފުޅެކެވެ. މީދޫގައި އުޅުއްވީ އައިސާދަރު ދޮންބެއްޔާގެ އަރިހުން އިލްމު އުގެނުމަށްޓަކައި އަށާރަސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅުއެވެ.

ތަފާތު އެހެން އާދައެއް
ދީދީންގެ ތެރޭގައި ހިމެނޭ އަންހެނަކު ރަށްމެދަށް ވިހާ ދަރިޔަކަށް ދީދީއޭ ކިއިދާނެއެވެ. އެކަމަކު އަރަބި ނަމެއް ކުރިޔަށް ގެނައުމެއް ނެތި ކޮންމެވެސް ޒާތެއްގެ އައިބު ނަމެއްގެ ފަހަތަށެވެ. ދީދީ ފަންތި ނޫން ފަންތިއެއްގެ އަންހެނަކު ރަށްމެދަށް ވިހައިފިނަމަ އެދަރިޔަކަށް އަރަބި ނަމެއްވެސް މަނިކެއް މަނިކުފާނެއްވެސް އަދި އެހެން އެއްޗެއްވެސް ނުކިޔައި ކިޔާނީ އައިބު ކޮންމެވެސް ނަމެކެވެ. މިކަހަލަ މިސާލުތައް މިހާރުވެސް ފެންނާން އެބަހުއްޓެވެ. އެކަމަކު ތާރީޚު ލިޔުމުގެ ނަމުގައި އެއީ ބައެއްގެ ޒާތީ ކަންކަމާއި ބެހުމެއްކަމަށް ގަބޫލު ކުރެވޭތީ އެވާހަކަ ކުރުކޮށްލީއެވެ.

އިޖުތިމާއީ ހަރުފަތުގެ އެންމެ ތިރިކަމަށް އިހު ގަބޫލު ކުރެވޭ ރައިވެރިންނަކީ ވަރަށް ގިނަ ބައެކެވެ. ރަށުގެ ގަސްގަހުން ބަނބުކެޔޮ ކަނޑައިދިނުމާއި ރުކު އަޅައިދިނުމާއި ރައިވެރިކަންކޮށް ދިނުމާއި މިފަދަ އެއްގަމުގެ ކަންކަން ކުރާނީ އެގިންތީގެ މީހުންނެވެ. މަސްވެރިކަމަކީ އެންމެ ގަދަރުވެރިންވެސް ކޮށް އުޅުނު ކަމެކެވެ. އެހެންވީމާ މަސްވެރިން މިގިންތިއަކަށް ނާދެއެވެ. ރައިވެރިން ފަންތީގެ މީހުންވެސް މަހަށް ދެއެވެ. ރުކު އަޅައިދިނުމާއި ބަނބުކެޔޮ ކަނޑައިދިނުން ފަދަ މަސައްކަތަށް އުޖޫރަ ދިނުން އޮންނަ ގޮތަކީ ކަނޑައިދޭ ނުވަތަ އަޅައިދޭ ކޮންމެ ހަތަރު އެއްޗަކުން އެކަތި އެމީހަކަށް ދިނުމެވެ. ރައިވެރިއެއްގެ ދަރިއަކަށްވެސް ހަތަރެތިން އެކަތި އޮންނާނެއޭ ބުނެވޭ ބުނުން އައިސްފައިވަނީ މިކަމަށް ނިސްބަތްކޮށްފައި ކަމަށް ގަބޫލު ކުރެވެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!