މީދޫ ގަންބުރި – ގަމު މީހުންގެ ވަގުތީ ހިޔާ

ގަންބުރި މަގޭ ކިޔުނު މަގެއް މީދޫގެ އިރުމަތީ ފަރާތުގައި އޮތެވެ. އެ މަގަކީ އަރުބެ މިސްކިތާއި ފަޅަގަނޑިގެ އާއި ދޭތެރެއިން ފެށިގެން ދެކުނަށް މަތިކެޑެ މިސްކިތާއި ހަމައަށް އޮތް މަގެކެވެ. އޭރު އެމަގަކީ ސީދާ މަގެއްނޫނެވެ. ނަމަވެސް މިހާރު އެމަގުވަނީ ސީދާ ކުރެވިފައެވެ. މިހާރު އެ މަގަށް ކިޔާނަމަކީ ނިކަގަސް މަގެވެ.

ގަންބުރިއޭ ކިޔުނު ސަރަހައްދަކީ ގަންބުރި މަގުގެ އިރުމަތީ ފަރާތު ގެ ވަކި ސަރަހައްދެކެވެ. އެއީ ގަމުގެ ރަށްވެހީންގެ ތިބި ސަރަހައްދެވެ. މި މަގުގެ ހުޅަނގު ފަރާތުގައި މަގާއި ޖެހިގެން ބައެއް މީހުންގެ ގޭގެ ވެސް ހުއްޓެވެ. މާވަޑިކޮއްޔައްކަލޯގެ ޙުސޭނާގެ ހުރިތާގައި މިހާރު ހުރި ގެއަކީ ހިރުނދުގަސްދޮށުގެ އެވެ. ހުސޭނާގެ ކުދީންނަކީ މަރްޔަމް ހުސްނާ އާއި މުލަކު ފާތިން ދިޔަ އެވެ.

މިތަނަށް ގަންބުރި އޭ ކިޔުނީ އައްޑޫ ގަމުގެ ރަށްވެހީންގެ ބަޔަކު އެސަރަހައްދުގައި ވަގުތީ ގެ އަޅައިގެން އުޅުމުންނެވެ.

އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިންގެ އަސްކަރީ މަރުކަޒު ގަމުގައި ހެދުމަށްޓަކައި ގަމުން މީހުން ބޭލިއިރު އޭގެތެރެއިން ބައެއް އާއިލާ ތަކެވެ.

މިމީހުން ދިރި އުޅެން ހެދި ގެ ތަކަކީ، ދަނޑި ފަނުންނާއި ގޯނި ޖަހައިގެން ހެދި ފަރމް ހައުސް ތަކެކެވެ. މިދެންނެވި ގެ ތަކުގައި ގަމު މީހުން އުޅެމުން ދަނިކޮށް އެމީހުންގެ ތެރޭން މީދޫ އަށް އުފަންވީ ބައެއް މީހުން މިހާރުވެސް ފޭދޫގައި ތިބޭނެ ކަމަށް ލަފާ ކުރެވެއެެވެ. ގަމު މީހުން މީދޫ ގައި އުޅުނު ދުވަސްވަރު މީދޫ މީހުންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދީގެން ވަރަށް ވަރަށް އެކުވެރިކޮށް އުޅެފައިވާ ކަމަށް ވެއެވެ. ދަނޑުވެރިކަން ކުރަންވެސް އުޅުނީ މީދޫގެ ދަނޑު ވެރިންނާއި ގަމުގެ ދަނޑުވެރިން ގުޅިގެންނެވެ.

ގަމުގައި އަސްކަރީ މަރުކަޒެއް ހިންގުމަށްޓަކައި، ދާއިމީ ގޮތަކަށް ގަމު މީހުން ފޭދޫ އަށް ބަދަލު ކުރަން ހަމަޖެހުނެވެ. މިގޮތުން ފޭދޫ ރަނގަޅު ފެންވަރަކަށް ބިނާ ކުރުމަށްޓަކައި ، އޭރު ފޭދޫގެ އަސްލު ރަށްވެހީން މަރަދޫގެ އެއްބަޔަށް ފޮނުވާ ލެވުނެވެ. އިދާރީ ގޮތުން ވަކި ރަށެއްގެ ގޮތުގައި މަރަދޫ-ފޭދޫ އުފެދުނީ ، މިދެންނެވި ގޮތަށް އަސްލު ފޭދޫގެ ރަށްވެހީން މަރަދޫގެ ބައެއްގައި އުޅެން ފެށުމުންެނެވެ. ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރު ތަކާއި ހަމަށް އަށް ވެސް ފޭދޫ އަށް ގަން-ފޭދޫ އޭ ކިޔާ އުޅުނެވެ. އެއީ އެމީހުންނަކީ، ގަމުގެ އަސްލު ރަށްވެހީން ކަމަށް ވާތީއެވެ.

ގަމަކީ ޒަމާނުއްސުރެ ދަނޑުވެރި ރަށެއް ކަމުން ގަމުގެ ރަށްވެހީން ބޭނުންވީ، އެމީހުންނަށްޓަކައި ފޭދޫ ބިނާކޮށް ނިމެން ދެންވެސް ގޮވާން ކުރެވޭނެ ރަނގަޅު ބިން އޮތް ތަނަކަށް ދިއުމަށެވެ. އެގޮތުން ގދ. ގަންވެސް އެމީހުންނަށް ދޭން ސަރުކާރުން ހުށަހެޅިއެވެ. އެހެން ނަމަވެސް އަމިއްލަ އަތޮޅު ދޫކޮށް އެހެން އަތޮޅަކަށް ދިރިއުޅެން ދިޔުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެމީހުންގެ ގިނަ މީހުން ދިޔައީ ހިތަދޫ މާމެންދޫދޫ ސަރަހައްދަށެވެ. ދެން ތިބި މީހުން ބަދަލުވީ މީދުއަށެވެ. މީދޫ ގަންބުރީގައި ތިބި މީހުންވެސް ފަހުން ހިތަދޫ-މާމެންދޫ ސަރަހައްދަށް ބަދަލުވީއެވެ. ހިތަދޫގައި ތިބި މީހުންނާއި އެކުގައި ދިރިއުޅުމަށާއި ހިތަދޫގެ ދަނޑުބިން ގޮވާން ކުރާން ރަނގަޅު ކަމަށް ވުމުންނެވެ.

މީދޫ ގަންބުރި މިހާރު ފެންނާކަށް ނެތެވެ. އެއީ މިހާރު ހުސް އޭރިއާއެއް ނޫނެވެ. ރަށު މީހުން އާބާދުވަމުން ގޮސް މިހާރު ގަންބުރީގައި ވެސް އާބާދުވެ ގަންބުރި ފަހަނަޅައި އެއަށްވުރެ މާ އިރުމައްޗަށް ޖެހި ދަޑޮމަތިއޭ ކިޔުނު ހިސާބަށް ވެސް ފޯރައިފިއެވެ. އެހެންވީމާ މިހާރުގެ ކުދީންނަށް ގަންބުރިއަކީ ކޮބައިކަމެއް ނޭގޭނެއެވެ.

You may also like...

1 Response

  1. Ganburi Kaloa says:

    mah engei gun buri

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!