އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 15
ދޮއްތޮޑަފި އެދުރު ތަކުރުފާނުގެ ދަރިކޮޅުގެ ފުވައްމުލަކު ގޮފި
އަބްދުއްސަލާމް އެދުރު ދޮންތަކުރުފާނާއި އެތަކުރުފާނުގެ ދަރިކަލަކު ފުވައްމުލަކަށް ފޮނުވައިލެވުނީމާ މިދެބަފައިން ދެން އުޅުއްވީ ފުވައްމުލަކުގައެވެ. މާގިނަ ދުވަސްތަކެއް ނުވެ އަބްދުއްސަލާމް އަވަހާރަވެއްޖެއެވެ. އެތަކުރުފާނު ފަސްދާނުލެވިފައިވަނީ ފުވައްމުލަކުގައެވެ. ދަރިކަލުން އެދުރު އަލީ ތަކުރުފާނު ފުވައްމުލަކުން ކައިވެންޏެއް ކުރައްވައިގެން އެބަނޑުން ލިބިވަޑައިގަތީ ސަންފާބީފާނެވެ. މި ސަންފާބީފާނު ބޮޑުފުޅުވެގެން ފުވައްމުލަކު ދޮރޮބައިގެދަރު ބެއިކަލަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތީ އެދުރު އިސްމާއީލް ތަކުރުފާނާއި އަހުމަދު އެދުރު ތަކުރުފާނެވެ. މި އަހުމަދު އެދުރު ތަކުރުފާނުގެ ދަރިކޮޅަކީ އައްޑޫ މީދޫ އެދުރުގޭ ދަރިކޮޅެވެ. އެދުރު އިސްމާއީލް ތަކުރުފާނުގެ ދަރިކޮޅަކީ ފުވައްމުލަކު ދޮރޮބައިގެދަރު ދަރިކޮޅެވެ.
އެދުރު އިސްމާއީލް ތަކުރުފާނުގެ ބޭފުޅުންނަކީ ދޮރޮބައިގެދަރު ހަސަން އެދުރު ތަކުރުފާނާއި ދޮރޮބައިގެދަރު ފާތިމާބީފާނެވެ. މި ބީފާނު މަޝްހޫރުވެފައިވަނީ ދޮރޮބައިގެދަރު ބީފާނުގެ ނަމުންނެވެ. މިއީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރުތަކުރުފާނުގެ މުންނައެވެ.
ވާދޫ ދަންނަ ތަކުރުފާނު
ދޮރޮބައިގެދަރު ހަސަން އެދުރުތަކުރުފާނު ހުވަދޫ ވާދޫއަށް ވަޑައިގެން ވާދޫ މުދިންގޭ ހައްވާފާނާއި ކައިވެނި ބައްލަވައިގަތެވެ. މި ހައްވާފާނަކީ ވާދޫ މުދިންގޭ އިސްމާއީލް ތަކުރުފާނު ނުވަތަ އަލްގާޒީ އިސްމާއީލް ޝަރަފުއްދީނުގެ ކޮއްކޮއެވެ. މި ބަނޑުން ދޮރޮބައިގެދަރު ހަސަން ތަކުރުފާނަށް ލިބިވަޑައިގެންނެވީ މުހައްމަދެވެ. ފަހުން މި މުހައްމަދު މަޝްހޫރުވެފައިވަނީ ވާދޫ ދަންނަ ތަކުރުފާނުގެ ނަމުންނެވެ. މި މުހައްމަދު އުމުރުން ފަންސަވީހަކަށް އަހަރުގައި އިލްމުގެ އެދުމުގައި ހަޒުރަމައުތަށް ވަޑައިގެންނެވިއެވެ. އެއީ މަޝްހޫރު ކަޅު މުހައްމަދު ރަސްގެފާނުގެ ދަރިކަލުން ސުލްތާން ހަސަން އަށްވަނައިގެ ރަސްކަމުގެ ދައުރުގައި މީލާދީން 1541 ގައެވެ. އެނބުރި ރާއްޖެ ވަޑައިގަތީ ގާތްގަޑަކަށް ތިރީހަކަށް އަހަރުފަހުން އުތީމު ބޮޑުތަކުރުފާނުގެ ވެރިކަމުގައެވެ.
އުތީމު ބޮޑު ތަކުރުފާނު ނުވަތަ އައްސުލްތާނުލްއާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމަކީ ވާދޫ ދަންނަ ތަކުރުފާނުވެސް އެ އާއިލާއަކަށް ނިސްބަތްވާ ދޮއްތޮޑަފި އެދުރުތަކުރުފާނުގެ ދަރިކަލުން އެދުރު ދޮންތަކުރުފާނުގެ ދަރިކަލުން އެދުރު ހަސަން ތަކުރުފާނުގެ (މާލޭ ހަސަން ކަލޭގެ) ދަރިކަލުން ބައުރަށު ކަޅު އަލީ ޚަތީބު ތަކުރުފާނުގެ ދަރިކަލުން އުތީމު ހުސައިން ޚަތީބު ތަކުރުފާނުގެ ދަރިކަލުން އުތީމު މުހައްމަދު ތަކުރުފާނެވެ. އެދުރު ހަސަން ތަކުރުފާނު ބައުރަށަށް ފޮނުވައިލެވުނު ގޮތުގެ ވާހަކަ އިސްވެ ހިގާއްޖެއެވެ.
އަނދިރި އަނދިރިން މަރުއްވައި ޕޯޗުގީޒުން ފައްސަވައިލައްވައި މުހައްމަދު ތަކުރުފާނު ރާއްޖޭގެ މިނިވަންކަން އަލުން އިއާދަކުރެއްވިއިރު މާލޭގައި ކިރިޔާވެސް ދީނުގެ މަގުތައް ދަންނަ މީހަކަށް ހުރީ ވާދޫ އިސްމާއީލް ޝަރަފުއްދީން ފަނޑިޔާރުތަކުރުފާނުގެ ކޮރު އަލީ ފަނޑިޔާރު ތަކުރުފާނުގެ (ކޮރަލި ތަކުރު) އަބޫބަކުރެވެ. މި އަބޫބަކުރުގެ ބައްޕަ ކޮރަލިތަކުރާއި ވާދޫ ދަންނަ ތަކުރުފާނަކީ، ދަންނަ ތަކުރުފާނުގެ މަންމަ ވާދޫ މުދިންގޭ ހައްވާފާނުގެ ފަރާތުން ދެބެއިންގެ ދެދަރިންނެވެ.
ވާދޫ މުދިންގޭ އިސްމާއީލް ތަކުރުފާނު ނުވަތަ އިސްމާއީލް ޝަރަފުއްދީން ފަނޑިޔާރު ތަކުރުފާނު އައްޑޫ މީދޫއަށް ވަޑައިގެން ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދޮން ފާތިމާގެ ދޮން މުހައްމަދު އެދުރު ތަކުރުފާނުގެ އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރު ތަކުރުފާނުގެ ދޮން ހުސައިން ޚަތީބު ތަކުރުފާނުގެ ދޮން މުހައްމަދު ޚަތީބު ތަކުރުފާނުގެ ދޮން އަލީ އެދުރު ތަކުރުފާނުގެ ދޮން މަހުމޫދު ނާއިބު ތަކުރުފާނު ގެ އަރިހުން މީލާދީން 1470ގެ އަހަރުތަކުގައި އިލްމު ހާސިލު ކުރެއްވި ވާހަކަ އިސްވެ ހިގާއްޖެއެވެ.
އިސްމާއީލް ޝަރަފުއްދީނުގެ ދަރިކަލުން އަލީ ފަނޑިޔާރު ތަކުރުފާނަށް ކޮރަލިތަކުރޭ ނުވަތަ ކޮރު އަލީ ތަކުރޭ ކިޔައި އުޅުނީ މީނާގެ ހިނގުމުގައި ކޮރުކަމެއް ހުންނަ ކަމުންނެވެ. އެޒަމާނުގައި މީހެއްގެ ޖިސްމާނީ އުނި ސިފަޔަކުން އެމީހަކަށް މުޚާތަބު ކުރުމަކީ ހުތުރު ގޮތެއް ކަމަށް ނުބަލައެވެ. ދިވެހި ތާރީޚުގައި ދިޔަމިގިލީ ދަރިކޮޅުގެ ސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީނަށް ކޮރު ބަންޑާރައިންނޭ ކިޔުމާއި ހުރަވީ ދަރިކޮޅުގެ ހާޖީ އިމާދުުއްދީނު ރަދުންގެ ބައްޕާފުޅު އަލްއަމީރު ހަސަން އިއްޒައްދީނަށް މާންދޫގޭ ލޯފަން މަނިއްޕުޅޭ ކިޔައިފައިވަނީ މިކަން ހުތުރު ކަމަކަށް ނުވާތީއެވެ. އެހެންނަމަވެސް މިހާރު މީހެއްގެ ނުކުޅެދުންތެރިކަމަކަށް ނިސްބަތްކޮށްފައި ނަންކިޔުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ.
މާލޭގައި އެކަށީގެންވާ ފެންވަރުގެ ދަންނަ ބޭކަލަކު ނެތްވަގުތެއްގައި ވާދޫ ދަންނަ ތަކުރުފާނު ވަޑައިގެންނެވުމުން އުތީމު ބޮޑުތަކުރުފާނު ވަރަށް އުފާ ކުރައްވައި ފަނޑިޔާރު ކަމުގެ މަގާމު ހުށައެޅުއްވިއެވެ. ނަމަވެސް މި މަގާމު ދަންނަ ތަކުރުފާނު ގަބޫލު ނުކުރެއްވިއެވެ. ދެން އުތީމު ބޮޑު ތަކުރުފާނު އެދިވަޑައިގެންނެވީ ފަނޑިޔާރުކަން ކުރާނޭ މީހަކަށް ކިޔަވައި ދެއްވުމަށެވެ. މިކަން ގަބޫލު ކުރައްވައި ކޮރަލި ތަކުރުގެ އަބޫބަކުރަށް ފިގުހާއި ޝަރުއީ އިލްމު އުގަންނަވައި ދެއްވައި ތިމަންނާއަށް އެގިގެންވާ އިލްމެއް މި އަބޫބަކުރަށް ކިޔަވައިދީފީމޭ އުތީމު ބޮޑުތަކުރުފާނުގެ އަރިހުގައި ވިދާޅުވެ އަމިއްލަފުޅު ރަށް ކަމުގައިވާ ހުވަދޫ ވާދޫއަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ. އަބޫބަކުރަށް ކިޔަވައިދެއްވީމާ އެކަމުގެ އަގު ވަޒަން ކުރައްވައި މި ދަންނަ ތަކުރުފާނަށް ޝައިޚު މުހައްމަދު ޖަމާލުއްދީނުގެ ލަގަބު ބޮޑު ތަކުރުފާނު ދެއްވިއެވެ.
އުތީމު ބޮޑު ތަކުރުފާނުގެ ހުއްދަޔާއި އެކު ވާދޫއަށް ވަޑައިގެން ވާދޫގެ ވެރިއަކަށް ހުންނެވި މުހައްމަދު ފަޑިއްތަކުރުގެ އެހީތެރިކަމާއެކު ދަންނަ ތަކުރުފާނު ހުންނަވާނޭ ގެއެއް އަޅުއްވައި ވަރަށް އަވަހަށް ދީނީ އިލްމު ކިޔަވައިދޭން ފައްޓަވައިފި އެވެ. އެންމެ ފުރަތަމަ ކިޔަވާދޭން ފެއްޓެވީ މުހައްމަދު ފަޑިއްތަކުރުގެ ދަރިކަލުން ވާދޫ ފަޑިއްގޭ އަލީ ނާއިބު ތަކުރުފާނަށެވެ. މި ކިޔަވައިދިނުމެއްގެ ތެރެއިން ފުވައްމުލަކަށާއި އައްޑޫ މީދޫއަށް ވަޑައިގެން ދަންނަ ތަކުރުފާނުގެ ތިމާގެ ދެތިން ކުއްޖަކު ހޯއްދަވައިގެން އަލުން ވާދޫއަށް ވަޑައިގެން މިހުރިހާ ކުދީންނަށް ވަރަށް ފުރިހަމައަށް ކިޔަވައި ދެއްވިއެވެ.
މިގޮތުން ދަންނަ ތަކުރުފާނުގެ އަރިހުގައި ގެންދެވި ބޭފުޅުންނަކީ މީދޫ ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނާއި ފުވައްމުލަކު ދޫނޑިގަމު އެދުރުތަކުރުފާނާއި ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުހައްމަދު އެދުރު ކަލޭގެފާނެވެ. މީގެ ތެރެއިން ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނަކީ ވާދޫ ދަންނަ ތަކުރުފާނުގެ ބައްޕަ ފުވައްމުލަކު ދޮރޮބައިގެދަރު ހަސަން އެދުރު ތަކުރުފާނުގެ ކޮއްކޮ ދޮރޮބައިގެދަރު ބީފާނާއި މުހައްމަދު އިބްނު ސުލްތާނު މިސްރީ (ދޮރޮބައިގެދަރު ފެހެލާނޑާ) ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް އަލްހިބްރުލް ފައްހާމާ އެދުރު ހަސަން ނާއިބު ރަނަހަމާދި ތަކުރުފާނު މީދޫ ކެއުޅާރި ދިޔަރެހިގެދަރު ސަންފާބީއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލެކެވެ.
ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުހައްމަދު އެދުރު ކަލޭގެފާނަކީ ގާރީވެރިކަމާއި ފިގުހުގެ ރޮނގުން އަރައިހުންނެވި ބޭފުޅެކެވެ. މިކަލޭގެފާނުގެ ދަރިކަލުން ފުވައްމުލަކު ދަޑުފީށި އަލީ ތައްޚާނުގެ މައިގޭ މުހައްމަދު ތައްޚާނުގެ މައިގޭ އަލީ ތައްޚާނުގެ މައިގޭ މުހައްމަދު ތައްޚާނުގެ މައިގޭ ހުސައިން ތައްޚާނުގެ މައިގޭ މުހައްމަދު ތައްޚާނަކީ ރިވެތި އަރަބިއަކުރުން އަމިއްލަޔަށް ގިނަ މުސްހަފު ލިޔުއްވި ބޭފުޅެކެވެ. މި މުހައްމަދު ތައްޚާނު ލިޔުއްވި މުސްހަފެއް ދާދި ފަހަކާ ޖެހެންދެންވެސް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ބޭއްވިފައި އޮތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ވާދޫ ދަންނަ ތަކުރުފާނު ކުރެއްވި ދުއާއެއްގެ ވާހަކަ މަޝްހޫރުވެގެން އައިސްފައިވެއެވެ. އެ ދުއާގައި އެތަކުރުފާނު އެދިވަޑައިގެންނެވީ ދިވެހިރާއްޖެ ދެމިއޮތްހައި ދުވަހަކު މާލޭގައި ދިވެހިރާއްޖޭގެ ވެރިކަން، ފުވައްމުލަކުގައި ގާރީވެރިކަން އަދި އައްޑޫ މީދޫގައި ފިގުހުވެރިކަން ލެހެއްޓެވުމަށެވެ.
ވާދޫ ދަންނަ ތަކުރުފާނު ނުވަތަ ޝައިޚު މުހައްމަދު ޖަމާލުއްދީނު އަލްވާދުވީ އަވަހާރަވީ މީލާދީން 1583 ގައި ބޮޑު ތަކުރުފާނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އަވަހާރަވި ސަބަބެއްކަމުގައި ބުނެވެނީ ވާދޫ ހުކުރު މިސްކިތް ދޮށަށް ފެންބަލައި ދިޔަ އަންހެނުންގެ ތެރެއިން ތަންކޮޅެއް ނިވާކަން ކުޑަކޮށް ހުރި އަންހެނަކާ ބޭއިޚުތިޔާރުގައި ހަތަރުކަޅި ހަމަކޮށްލެވުމުގެ ހިތާމައިގައެވެ. ޖަމާލުއްދީން އަވަހާރަވުމުން ފަސްދާނު ލެވުނީ އަޅުކަން ކުރައްވަން އިންނެވި ދާލައިގެ އިރުއުތުރުން ދާލަޔާއި ފަނަރަ ފޫޓެއްހައި ދުރުން މިސްކިތުގެ ގޯތިތެރޭގައިވާ ބިސްތާނެއްގައެވެ.
އަރާފައިވާ އޮޅުމެއް ފިލުވައިލުން
ރާއްޖޭގައި އިހަށް މާލިކީ މަޒުހަބަށް މީހުން އުޅެމުން އައިސް ޝާފިއީ މަޒްހަބަށް އެނބުރުނީ ވާދޫ ދަންނަ ތަކުރުފާނު ޝާފިއީ މަޒްހަބު އޮންނަ ހަޒުރަމައުތުން ގެންނެވި އިލްމެއްގެ ސަބަބުން ކަމަށް ދިވެހި ތާރީޚުގައި މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވަނީ ހަގީގަތާއި ޚިލާފަށެވެ. އެކިލެގެފާނު މިހެން ލިޔުއްވީ މޮރޮކޯގެ އިބުނި ބަތޫތާ ކިޔައިދީގެން މޮރޮކޯގެ ލިޔުންތެރިޔަކު ލިޔުއްވާފައިވާ ލިޔުންތަކަށް މުހައްމަދު އަމީނު ބުރަވެވަޑައިގެން ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅަކީ މޮރޮކޯގެ ޔޫސުފު ބަރުބަރީ ކަމަށް ނިންމެވި ހިސާބުންނެވެ. މޮރޮކޯގައި އޮންނަނީ މާލިކީ މަޒްހަބު ކަމަށް ވުމުން ބަރުބަރީއަކު ގެންނަވާނީ މާލިކީ މަޒުހަބު ކަމަށް ހީކުރައްވައިފައި ކަމަށް ގަބޫލު ކުރެވެއެވެ. މިއީ ދިވެހި ތާރީޚަށް މުހައްމަދު އަމީނު މިގެންނެވި އައު ނަޒަރިއްޔާ އާއި ރާއްޖޭގައި ޝާފިއީ މަޒްހަބު އޮތްއޮތުން ތައާރަޒުވާތީ މި ފުށުއެރުން ހަމަމަގަށް އަޅުވައިލެއްވުމުގެ ގޮތުން މުހައްމަދު އަމީނު ގެންނެވި ފޯމިއުލާއެއް ކަމަށް ގަބޫލު ކުރެވެއެވެ.
އިބުނު ބަތޫތާ ރާއްޖެ ވަޑައިގެން އުޅުއްވި ޒަމާނުގައިވެސް ޔަމަނު ކަރައިގެ ހަޒުރަމައުތުގެ އިލްމުވެރިންނާއި ދިވެހިންގެ ގުޅުން އޮތީ ގާއިމު ވެފައެވެ. މިކަން ޚުދު އިބްނި ބަތޫތާގެ ލިޔުއްވުންތަކުންވެސް ސާބިތުވެއެވެ. އެހެނީ ބަތޫތާ ލިޔުއްވާފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގެންނެވިއިރު ފަނޑިޔާރަކަށް ހުންނެވީ އަލްގާޒީ އީސަލް ޔަމަނީއެވެ.
ވާދޫ ދަންނަ ތަކުރުފާނުގެ އެންމެ އިސް އެއްދަރިވަރު ކަމަށްވާ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ބައްޕަ އަލްހިބްރުލް ފައްހާމާ އެދުރު ހަސަން ނާއިބު ތަކުރުފާނަކީވެސް ވާދޫ ދަންނަ ތަކުރުފާނު ރާއްޖެއަށް ވަޑައިގަތުމުގެ ކުރީގައި ހުންނެވި ބޮޑު އިލްމުވެރިއެކެވެ. މި ހަސަން ނާއިބުގެ ބައްޕައަކީ މިސްރުގެ މަމްލޫކީ ސުލްތާނެއްގެ ދަރިކަލެކެވެ. މަމްލޫކީންގެ ވެރިކަމުގައި މިސްރުގެ ވެރިކަމުގެ ފަރާތުން ގަބޫލުކުރާ މަޒްހަބަކީ ޝާފިއީ މަޒްހަބެވެ.
ރާއްޖެ އިސްލާމް ކުރެއްވިކަމަށް (މާލޭގައި ހުންނެވި ރަސްގެފާނު އެބޭފުޅެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގަތް ކަމަށް) ދިވެހި ތާރީޚުގެ ބައްޕަ ކަމުގައިވާ އަލްގާޒީ ހަސަން ތާޖުއްދީން ލިޔުއްވާފައިވާ އަބުއްރިކާބު ޔޫސުފް އައްތަބުރޭޒީގެ ބަދަލުގައި އިބުނި ބަތޫތާގެ ބަހަށް ބުރަވެ ވަޑައިގެން ރާއްޖެ އިސްލާމްކުރެއްވި ބޭފުޅަކީ މޮރޮކޯގެ ބަރުބަރީއެއް ކަމަށް މުހައްމަދު އަމީނު ނިންމެވި އެއްސަބަބަކީ މުހައްމަދު އަމީނުގެ ދުވަސްވަރަށް އައިއިރު ފާރިސްކަރައިގެ ތަބްރޭޒުގައި އޮތީ ޝިއައީ މަޒުހަބު ކަމުގައި ވެފައި ރާއްޖޭގައި އޮތީ ސުންނީ މަޒުހަބު ކަމަށްވާތީ މިއީވެސް ތާރީޚީ ފުށުއެރުމެއް ކަމަށް ހީފުޅު ކުރެއްވިގެންނެވެ. މިއީ ތަބުރޭޒުގެ ތާރީޚުގެ ތެރެއަށް މުހައްމަދު އަމީނަށް ވަދެވަޑައިގެންނެވިފައި ނުވާތީ ކުރެއްވުނު ހީއެކެވެ.
އެހެނީ ތަބުރޭޒުގައިވެސް އަދި މުޅި އީރާނުގައިވެސް ޝިއައީ މަޒުހަބު ފުޅާ ގޮތެއްގައި އާއްމުވީ ސަފަވީ ޚާންދާނުގެ ވެރިކަމުގައި މީގެ ފަސްސަތޭކައެއްހައި އަހަރު ކުރިންނެވެ. ރާއްޖެ އިސްލާމްވި ދުވަސްވަރުގައި ތަބްރޭޒުގައި ވެސް އަދި މުޅި ފާރިސް ކަރައިގައިވެސް ފުޅާގޮތެއްގައި އޮތީ ޝާފީ މަޒްހަބެވެ. އޭރު ފާރިސްކަރައިގައި ވެރިކަން ކުރަމުން ދިޔައީ ޝާފިއީ މަޒްހަބަށް ތަބާވި ސުންނީ ހުވާރިޒުމީންނެވެ. މިއީ ތުރުކީ މަމްލޫކީންނަށް ނިސްބަތްވާ ދަރިކޮޅެކެވެ. ރާއްޖެ އިސްލާމްވި ދުވަސްވަރު ފާރިސްކަރައިގެ ވެރިކަމުގައި ހުންނެވީ މިދަރިކޮޅުގެ އަލާއުއްދީން އަސްތިޒް އެވެ.
އިބުނި ބަތޫތާގެ ލިޔުއްވުންތަކަށް މުހަމަދު އަމީނު ބުރަވެވަޑައިގެންނެވިއިރު އެ ލިޔުންތަކުގައި ކަނޑައެޅިގެން ދިވެހި ތާރީޚުން އެނގެން ހުރި ސައްހަ މައުލޫމާތުތަކާއި ޚިލާފު ވާހަކަތައް ހުރިކަންވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން އިބްނި ބަތޫތާ ލިޔުއްވާ ގޮތުގައި އޭނާ ކިޔުއްވި މާލޭ ހުކުރު މިސްކިތުގެ ފިލާގައި އޮތް ގޮތުން ރާއްޖެ އިސްލާމްވިއިރު ރަސްކަމުގައި އިންނެވީ އަހުމަދު ޝަނިވިރާޒާ އެވެ. އެހެންނަމަވެސް މިއީ ބޮޑު އޮޅުމެއްކަން ދިވެހި ތާރީޚުން އެނގެއެވެ. ދިވެހިރާއްޖެ އިސްލާމްވީއިރު ރަސްކަމުގައި އިންނެވީ ތީމުގޭ މަހާ ކަލަމިންޖާއެވެ. މިރަސްގެފާނުގެ އަރަބި ނަންފުޅަކީ މުހައްމަދު ބިން އަބްދުﷲ އެވެ. ހުކުރު މިސްކިތުގައި ސުލްތާނު އަހުމަދު ޝިހާބުއްދީނު ބެހެއްޓެވި އަދި އިބުނި ބަތޫތާ އެ ފިލާއެއް ކިޔުއްވި ކަމަށް ވިދާޅުވާ ފިލާގައި ރަސްގެފާނުގެ ނަންފުޅަކަށް އަހުމަދު ޝަނިވިރާޒާއެކޭ ނެތެވެ.
އަނެއް ނުގުތާއަކީ ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅެއްގެ ނަންފުޅު ފިލާގައި އޮތީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އަލް މަޣުރިބީ ކަމަށް އިބުނި ބަތޫތާ ވިދާޅުވާއިރު މިފިލާގައި އަލްމަޣުރިބީ މިލަފްޒެއް ނެތެވެ. ރާއްޖެ އިސްލާމް ކުރެއްވުމުގެ ޝަރަފު މަޣުރިބު ކަރައިގެ އިބުނި ބަތޫތާ ހަމައެކަރައިގެ ބޭކަލަކަށް ދެއްވަން ވެގެން ލިޔުއްވި ލިޔުއްވުމެއްގައި ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ ގޯސްތަކެއް ހުރިއިރުވެސް އެގޮތާއި މުހައްމަދު އަމީނު ތަބާވެވަޑައިގެން މުޅި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް ބަރުބަރީގެ ނަން ގެންނެވިކަމީ ވަރަށްވެސް ބޮޑު ހިތާމައެކެވެ. އިބުނި ބަތޫތާގެ ލިޔުއްވުން މުހައްމަދު އަމީނު ދެކެވަޑައިގެންނެވީ އެ ލިޔުމެއް ލިޔުއްވިތާވެސް ފަސްސަތޭކަ އަހަރު ފާއިތުވެ ދިއުމަށްފަހުގައެވެ. މުހައްމަދު އަމީނުގެ ކުރިން ދިވެހިން އަހަރުމަތިފުޅު ފާހަގަ ކުރަމުން އައީވެސް ތަބުރޭޒީގެފާނުގެއެވެ. މާޅޮސްމަޑުލު ކެންދޫގައި ހުންނަނީވެސް ތަބުރޭޒީގެފާނުގެ މަގާމު ފުޅެކެވެ.
ހުޅަނގު އުތުރު އެފްރިކާގައި އަމާޒީގީ ނުވަތަ ބަރުބަރީ ނަސްލު އޮތްކަމުގައިވިޔަސް އެ ނަސްލުގެ މީހުންގެ ނަމުގެ ފަހަތަށް އަލްބަރުބަރީ ގެނައުމަކީ އާއްމު ކަމެއްވެސް ނޫނެވެ. އަލްބަރުބަރީ މި ނިސްބަތުގެ ނަން މީސްމީހުންގެ ނަމުގެ ފަހަތަށް އާއްމުކޮށް ގެނެސްހަދަނީ އެފްރިކާގެ އިރުމަތީ ބިތުގެ ގައުމެއް ކަމުގައިވާ ސޫދާނުގެ ބަރުބަރު ކިޔާ ޝަހަރުގެ މީހުންނެވެ. ބަރުބަރީއަކު ރާއްޖެ އިސްލާމް ކުރެއްވި ކަމުގައިވާނަމަ އެބޭކަލަކު ސޫދާނުގެ ބަރުބަރަށް ނިސްބަތްވާކަމަށް ގަބޫލު ކުރުންވެސް މާދުރުގައި އޮތް މޮރޮކޯގެ ބަރުބަރީ ނަސްލަށް ނިސްބަތްކުރުމަށްވުރެ އައުލާކަން ބޮޑެވެ. އެހެނީ ސޫދާނުގެ ބަރުބަރުން ދަތުރުކޮށްފައި ރަތްކަނޑަށް ނިކުމެ ޔަމަނާއި ދިމާލުން ދަތުރުކޮށްފައި ރާއްޖެއައުންވެސް އެޒަމާނުގައި މޮރޮކޯއިން ރާއްޖެއައުމަށް ވުރެ މާގާތްކަން ބޮޑެވެ.
މުހައްމަދު އަމީނުގެ ހީކުރެއްވުންތަކުން ދިވެހި ތާރީޚު އޮޅުމުގެ އަނެއް މިސާލަކީ ރާއްޖެ އިސްލާމްވި ދުވަސްކަމަށް 2 ރަބީއުލްއާޚިރު ހަމަޖެއްސެވުމެވެ. މިއީ ރާއްޖެ އިސްލާމްވުމާއި ގުޅޭ ގޮތުން އަރަބި ބަހުން އޮތް ދިވެހި ތާރީޚު ފޮތުގައި ރަސްމީ ގޮތުން ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައި ކަމަށް ލިޔެފައި އޮތް އިރު އަރަބިން أثناء ربيع الآخر މިހެން އޮތުމުން މީގައިމިވާ أثناء އަކީ އަރަބި ބަހުން 2 އަށް ކިޔާ اثنان ކަމަށް ހީކުރެއްވިގެންނެވެ. أثناء ގެ މާނަޔަކީ ދުވަސްވަރު އެވެ. އެހެންކަމުން އެނގެނީ ދިވެހިރާއްޖެ ރަސްމީ ގޮތުން އިސްލާމީ ދައުލަތަކަށްވީ ރަބީއުލްއާޚިރު މަހުގެ ތެރޭގައި ކަމެވެ. ވަކި ދުވަހެއް ކަނޑައެޅިގެން ބަޔާންވެފައި ނެތީސް އެއީ ރަބީއުލްއާޚިރުމަހުގެ ދެވަނަ ދުވަސްކަމަށް ހަމަޖެއްސެވީ މުހައްމަދު އަމީނެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް