އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 5

މީދޫ ފަޅުވުން

އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫއަށް އިސްލާމްދީން ފެތުރުމަށް ޔޫސުފު ނާއިބު ކުރެއްވި މަސައްކަތުގައި ހަނގުރާމަތަކެއް ކުރެވުނު ވާހަކަ އިސްވެހިގާއްޖެއެވެ. އެހަނގުރާމަތަކުގެ ނަތީޖާއެއްގެ ގޮތުން މީދޫގެ އާބާދީ އޮތީ ވަރަށް ތުނިވެފައެވެ. އައްޑޫގެ ރަށްރަށާއި ފުވައްމުލައް އަދި ހުވަދޫގެ ރަށްރަށް އިސްލާމްވުމަށްފަހު އެރަށްރަށުގެ މީހުންނަށް ދީނުގެ ހުކުމްތައް ދަސްކޮށްދޭން ޔޫސުފު ނާއިބު ފޮނުއްވީވެސް މީދޫ މީހުންނެވެ. އެފަދަ މީހުން އެހެން ރަށްރަށުގައި ވަޒަންވެރިވީ އަނބިދަރީންނާވެސް އެކީގައެވެ. ޚާއްސަކޮށް ފުވައްމުލަކާއި ހުވަދުއަތޮޅު ވާދޫ އާއި ފިޔޯރީއަށް ހިޖުރަކުރި މީހުން ގިނައެވެ. އައްޑު އަތޮޅުގެ އެހެން ރަށްރަށުގެ ތެރެއިން މަރަދޫ އާއި ގަން އަދި ހިތަދޫއަށް ވެސް ބަޔަކު ބަދަލުވިއެވެ. މިހެންވުމުން މީދޫގައި މީސްކޮޅު އަދިވަކިން ބޮޑަށް މަދުވާގޮތް މެދުވެރިވިއެވެ.

ކުރީގެ ބާބެއްގައި ބަޔާން ކުރެވުނު ފަދައިން މި ތިން އަތޮޅުގެ ނާރެހަކީ މީދޫ އާއި ފުވައްމުލަކާއި ވާދޫއެވެ. ފުވައްމުލަކުގެ ދެކުނުން އެރަށާއި އެންމެ ގާތުގައި އޮތީ މީދޫއެވެ. އުތުރުން އެންމެ ގާތުގައި އޮތީ ވާދޫއެވެ. އެދުވަސްވަރު މި ތިން ރަށް އެއްކޮށްލައިގެން ކިޔަނީ ދެދޫމުލައް މިހެންނެވެ. މި ތިން ރަށުގެ މީހުންވެސް ބާރު ލިބިގަންނަނީ އެއްބަޔަކު އަނެއް ބައެއްގެ ކިބައިންނެވެ. ފަޅުވާން ދިމާވެއްޖެނަމަ ދަނީ އަނެއް ދެ ރަށަށެވެ. އަލުން އާބާދުކުރަނީވެސް އަނެއް ދެރަށުން މީހުން ގޮސްގެންނެވެ. މި އުސޫލުން މީދޫ ފަޅުކޮށްފައި މީސްކޮޅު ދިޔައީ ފުވައްމުލަކަށާއި ވާދޫއަށެވެ. އަލުން އާބާދުކުރީވެސް އެދެރަށުން މީހުން ގޮސްގެންނެވެ.

ޔޫސުފު ނާއިބު 1168 ގައި އަވަހާރަވިތާ ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނުރައްކާތެރި ބަލިމަޑުކަމެއް މީދޫގައި ފެތުރުނެވެ. މިއީ ގަބޫލު ކުރެވޭ ގޮތުގައި ނުރައްކާތެރި ރޯގާއެކެވެ. މި ރޯގާއެއްގެ އަސްލުކަމަށް ބުނެވެނީ ހަޒްރަމައުތުން އައި އޮޑިއެކެވެ. އެދުވަސްވަރު ގޮތްނޭގޭ ރޯގާއެއް ފެތުރިއްޖެނަމަ ހަދާނެ ގޮތެއް ނޯވެއެވެ. މި ރޯގާއެއް ފެތުރި ހިސާބަކަށް މީހުން މަރުވެ ރޯގާ ފިލައިގެން ދިއުމުގެ ކޮޅުމަތި ފެންނަގޮތް ނުވީމާ ޔޫސުފު ނާއިބުގެ ދަރިކަލުން ޔަހުޔާ ނާއިބުގެ އެންގެވުމަށް މީދޫ ފަޅުކޮށްފައި ބާކީތިބި ބަޔަކު ފޭބީއެވެ.

ގިނަ މީހުން ދިޔައީ ފުވައްމުލަކަށެވެ. އަނެއްބަޔަކު ވާދޫއަށެވެ. ބައެއް މީހުން އައްޑޫގެ އެހެނިހެން ރަށްރަށަށެވެ. މީދޫ ފަޅުވީ މީލާދީން 1171 ގައެވެ. އެއީ ޔޫސުފު ނާއިބު އަވަހާރަވިތާ ތިން އަހަރު ފަހެވެ. ޔަހުޔާ ނާއިބުގެ އަނބިކަނބަލުން މީދޫ އުހުނިޔަރު ފާތިންބޫ އަވަހާރަވީވެސް މި ރޯގާއެއްގެ ތެރޭގައެވެ. އަނބިކަބަލުން އަވަހާރަވީމާ ތުއްޕުޅު ދަރިކަނބަލުން ދޮން ޚަދީޖާބޫ ގޮވައިގެން ޔަހުޔާ ނާއިބު ވަޑައިގަތީ ފުވައްމުލަކަށެވެ. ފުވައްމުލަކުގައި ފަހުން ޔަހުޔާ ނާއިބު ކައިވެނި ކުރެއްވީ ހޯދަޑު ބީފާނާއެވެ. އެބަނޑުން ލިބިވަޑައިގަތީ ޔޫސުފެވެ. ކުޑަ ޔޫސުފު ނާއިބަކީ މިދަރިކަލުންނެވެ. މީދޫ އަލުން އާބާދުވުމަށްފަހުވެސް ޔަހުޔާ ނާއިބު ހުންނެވީ ފުވައްމުލަކުގައެވެ. ޔަހުޔާ ނާއިބު ފަސްދާނުލެވިފައިވަނީ ފުވައްމުލަކު ގެއްމިސްކިތުގެ ބިސްތާނުގައެވެ.

މީދޫ ފަޅުވިއިރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ތީމުގޭ މުތެއި ކަލަމިންޖާއެވެ. މިއީ ފުރަތަމަ އިސްލާމް ރަސްގެފާނު ދަރުމަވަންތަ ރަސްގެފާނަށްފަހު ތަޚުތަށް ވަޑައިގެންނެވި ރަދުންނެވެ. މީދޫ ފަޅުވެފައި އޮތް ކަމަށް ތާރީޚުން ހެކި ލިބެނީ ގާތަގަޑަކަށް ނުވަ އަހަރުއެވެ. އެ މުއްދަތުގެ ތެރޭގައި މީދޫގައި އެއްވެސްބަޔަކު ދިރިނޫޅެއެވެ. ނާމާން ރަށެއްގެ ގޮތުގައި ދޫކޮށްލެވިފައި އޮތީއެވެ. އޭގެ ނުވަ އަހަރުފަހުން އަލުން މީދޫ އާބާދުވީއިރުވެސް ތަޚުތުގައި އިންނެވީ ތީމުގޭ މުތެއި ކަލަމިންޖާއެވެ.

ފަޅުވުމާއި މެދު އެހެނިހެން ވާހަކަތައް
މީދޫ އެންމެ ފުރަތަމަ އިސްލާމްވުމަށްފަހު ހިގައިދިޔަ ހަނގުރާމަތަކުގައި އައްޑޫ ގަމުގައި ހުންނަ ބޮޑު ހާމުދުރު މަހާސުވާމީ މީދޫއާ ދެކޮޅަށް ވަރަށް ނުރައްކާތެރި މަންތަރެއް ހަދާފައިވާ ކަމަށް ބުނެވެއެވެ. މި މަންތަރަކީ ނުރައްކާތެރި ދެޔޯއިންނާއި ހާމުންޑިން މީދޫއަށް ފާކުރުމުގެ މަންތަރެކެވެ. މިވާހަކަ އޭރު ވަރަށް މަޝްހޫރެވެ. އެހެންކަމުން ބަލިމަޑުކަމެއް ފެތުރުނަސް އަދި ރަށުތެރެއިން ގޮތްނޭގޭ އެއްޗެއް ފެނުނަސް އެއީ މި މަންތަރާއި ގުޅިގެން ދިމާވި ކަމެއްކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ރަށް ނާމާންވުމާއި ގަމުގެ ބޮޑު ހާމުދުރު މަހާސުވާމީގެ އިންޒާރުގެ މަތިން ހަނދާން އާވުމަށް މެދުވެރިވާ އެހެން ސަބަބެއްވެސް އޮވެއެވެ. އެއީ ރަށުގެ އެކި އޭރިއާތަކަށް ޚާއްސަވެފައި ތިބޭ ރޫހާނީ މަޚުލޫގުންތަކެވެ. ލޮނޑިކެޑެ އޭރިއާގައި ވަކި އެއްޗެއް، ދޮހޮވާގެ ކައިރީގައި އެއްޗެއް، ކަޅޮދަރިޔަގެ ކައިރީގައި އެއްްޗެއް، މަތިގެޑެ ނިކަގަސް ދޮށުގައި އެއްޗެއް، ފަތްކަމަނާ ވަލުގައި އެއްޗެއް މިހެންގޮސް ރަށުގެ ހަމަ ކޮންމެ އޭރިއާކަށް ޚާއްސަ ކޮންމެވެސް ދެއްވަކު ހުންނަ ކަމަށްވެއެވެ.

ފަހަކަށް އައިސް މިފަދަ ގިނަ ތަކެއްޗަކީ ކޮންމެވެސް މަޝްހޫރު ފަންޑިތަވެރިޔަކު އެމީހެއްގެ ފަންޑިތައިގެ ބާރުގައި ކިޔަމަންކޮށް ޚާދިމަކަށް ހަދާފައި ހުންނަ އެއްޗެއް ކަމަށް ކިޔައި އުޅެއެވެ. އެ ފަންޑިތަވެރިޔަކު މަރުވީމާ ދެން އެ ދެއްވަކު ހުންނަނީ އެފަންޑިތަވެރިޔާގެ މުޅި އައުލާދުގެ ހިމާޔަތުގައެވެ. އެއައުލާދު ނޫން މީހުން އެސަރަހައްދުތަކަށް ވަނީމާ ދުއްޕާންކޮށް ޖެއްސުން ކުރާކަމަށްވެއެވެ. އެއްވެސް ފަންޑިތަވެރިޔަކަށް ބާރު ނުފޯރުވޭ މާނުލަފާ ކާފަރު ދެވިންވެސް އުޅޭކަމަށް ކިޔައެވެ. މިއީވެސް ރަށް ނާމާންވުމާއި ގުޅޭގޮތުން އިހު ދެކެވެމުން އަންނަ ވާހަކަތައް ގަބޫލުކުރާ މީހުންގެ ވިސްނުމާއި ގުޅިފައި ހުންނަ ކަންކަމެވެ.

ނާމާންވުމުގެ ތަފާތު ހާދިސާތައް
މީދޫ އަލުން އާބާދުކުރީވެސް މަހާސުވާމީގެ މަންތަރު ބާތިލުކުރުމަށް ލައްކަ ފަންޑިތަ ހަދައި ކިޔެވެލިތައް ކިޔެވުމަށްފަހުގައެވެ. އެވާހަކަ އަދި ފަހުން އަންނާނެއެވެ. އާބާދު ކުރުމަށްފަހުވެސް ރަށުތެރެ ދޭތެރެ ދޭތެރެއިން ނާމާންވި ދުވަސްވަރު އައިކަމަށް ބުނެވެއެވެ. މީގެ ތެރެއިން ތާރީޚުން އަލިކަމެއް ލިބޭ ހާދިސާތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

މީދޫ ބޮޑު ފަނޑިޔާރު މުހައްމަދު ޝަމްސުއްދީނުގެ ދައުރަށްފަހު އެފަނޑިޔާރަށް ކާފަވިދާޅުވާ ގަޑުވަރު ބޮޑުފުތް ތަކުރުފާނު ނުވަތަ ވަޒީރުލްކަބީރު މުހައްމަދު ބޮޑުފުތް ތަކުރުފާނުގެ ހަޔާތުގައި 1701 ގައި ވަރަށް ބޮޑު ނާމާންކަމެއް ކުރިމަތިވި ކަމަށް ކިޔައެވެ. މިބޮޑުފުތް ތަކުރުފާނަކީ އޭރު ދިވެހި ރަސްކަމުގައި ހުންނެވި މަޝްހޫރު ދެއްވަދޫ ރަސްގެފާނުގެ ދެބޭންގެ ދަރި ބޭފުޅެކެވެ. ދެއްވަދޫ ރަސްގެފާނަކީވެސް ބޮޑުފަނޑިޔާރުގެ ކާފަ ދަރިކަލެކެވެ.

އެދުވަސްވަރު މީސްތަކުންނަށް މަގުމަތީގައި ހިގާބިގާވެ ނޫޅެވޭ ވަރަށް ނާމާންވެ ސަންދޯކުގެ ކުޅިވަރު ބޮޑުވިކަމަށް ކިޔައެވެ. މިކަހަލަ ސަންދޯކެއް ބޮޑުފުތް ތަކުރުފާނާއި އެތަކުރުފާނުގެ ކާފަ ދަރިކަލަކު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ފެނިގެން ކާފަދަރިކަލުންނަށް ލޯމަރައިލާށޭ ވިދާޅުވެ ދެން އެހެއްދެވި ފަންޑިތައެއް ހައްދަވާފައި ސަންދޯކުގެ މަތިން ފުންމާވަޑައިގަތް ވަގުތު އޭގެ މަތީގައި އޮތް ފޮތިގަނޑު ނެންގެވި ވާހަކައެއްވެސް އޮވެއެވެ. މިފޮތިގަނޑު ވަރަށް ފަހަކާ ޖެހެންދެން މީދޫ ގަނޑުވަރުގައި އޮތް ވާހަކަވެސް އިހު މީހުން ކިޔައެވެ.

ދިވެހިރާއްޖޭގެ ރަސްކަމުގައި ސުލްތާނު މުހައްމަދު މުއީނުއްދީނު އެއްވަނަ ހުންނަވަނިކޮށް 1811 ގައި މީދޫ ވަރަށް ބޮޑަށް ނާމާންވެގެން އޭރު މީދޫގައި އިސްކޮށް ހުންނެވި ފަންޑިތަވެރިޔާ އެދުރުގޭ ދޮން އަލީ ޚަތީބު ކިޔެވެލިތަކެއް ކިޔަވައި ފިލާ އަޅައިގެން ރަށުގެ މެދަކީ ކޮބައިތޯ ބައްލަވައި މެދު ފާހަގަކުރައްވައި އެތަނުގައި ނިކަގަހެއް އިންދަވައި ފަންޑިތަ ހެއްދެވިކަމަށް ކިޔައެވެ. މި ނިކަގަސް ވަރަށް ފަހަކާ ޖެހެންދެން ހުއްޓެވެ. މަޝްހޫރު މަތިކެޑެ ކިރިގެހާ އަކީ މި ނިކަގަހެވެ. މިގަސް ކަނޑައިލީ 1990ގެ އަހަރުތަކުގެ ތެރޭގައެވެ.

މި ނިކަގަހެއް ހުރީ ރަށުގެ ކޮންމެ ފަރާތަކުން ދިމާކުރިޔަސް ސީދާ މެދަށްވާ ގޮތަށެވެ. ދެކުނު ފަރާތުން ރަށުގެ އިންކަމަށް ބަލާފައި ވަނީ އެދުވަސްވަރު ހުޅުދޫއާއި މީދޫވަކިކުރާ އާރު ނުވަތަ ކާނެވެ. މިގަސް އިންދަައި އެފަހަރު ރަށް އަމާންކުރި އެދުރުގޭ ދޮން އަލީ ޚަތީބަކީ މަޝްހޫރު އެދުރުއްތައްޚާން ނުވަތަ އަލްފަގީހު މޫސާގެ ބައްޕައެވެ. އަދި ގާޒީ އިބްރާހިމް މަޖުދުއްދީނުގެ ކާފައެވެ.

ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި 1895 ވަނަ އަހަރުވެސް މިޒާތުގެ ނާމާންކަމެއް ކުރިމަތިވިއެވެ. އެފަހަރު ކޮންމެވެސް ނުރައްކާތެރި ރޯގާއެއް ފެތުރި ދުވާލަކު ތިން މީހުން ހަތަރު މީހުން މަރުނުވާ ދުވަހެއް ނާންނަ ކަމަށް ވެއެވެ. މިގޮތުގައި ދެތިންމަސް ފާއިތުވެ މީހުން ވަޅުލުންވެސް ދަތިކަމަކަށްވާ ހިސާބަށް ދިޔައެވެ.

މިކަމެއްދިމާވިއިރު ރަށުގެ ފަންޑިތަވެރި އިލްމުވެރިންގެ ތެރެއިން އައްނާއިބު އެޅެގޭ އަބްދުﷲ ދީދީ ހުންނެވީ މާލޭގައެވެ. އޭނާ ރަށަށް ވަޑައިގެންނެވިއިރު މިކަންތައް ދިމާވެފައި އޮވެގެން ވަރަށް ބޮޑު ކިޔެވެއްޔެއް ކިޔަވައި ކޯގަންނާއި ދިމާލުން ފުއްޓަރު ފަރާތަށް ދުންއަޅައި އެހެއްދެވި އެއްޗެއް ހެއްދެވުމަށްފަހު އެދުވަހުން ފެށިގެން އަލުން ރަށް އަމާންވެ މީހުން މަރުވުން ހުއްޓުނުކަމަށް ކިޔައެވެ.

މި ޒާތުގެ ބޮޑެތި ކިޔެވެލިކިޔަވާނަމަ ރަށުތެރޭގައި ކޮޅޮއަނާމު ކިޔާ އެއްޗެއްވެސް ބޭނުން ކުރެއެވެ. މިއީ ލަކުޑި ފަތިގަޑެއްގެ ކޮޅުގައި އިސްމުތަކެއް ލިޔެފައިވާ ފޮތިގަޑެއް އައްސައިގެން ގޭގެއާއި އަށިއަށްޓާއި އެނޫންވެސް ހަނި ދޭތެރެއަށް ވައްދައިގެން އެތަންތަނުން ނުބައި ރޫހުތައް ނެރެލުމަށް ބޭނުންކުރާ ހަތިޔާރެކެވެ.

އޭގެ ފަންސާހަކަށް އަހަރުފަހުން 1946 ގައި އަނެއްކާވެސް ހިސާބެއްގެ ނާމާންކަމެއް އައިސްގެން ފެންނާމަނިކުފާނުގެ ވެރިކަމުގައި ރަށުތެރެއަށް ފަންޑިތަވެރިން ނުކުމެ ދުންއަޅައި ކިޔެވެލި ކިޔަވައިގެން ކޮޅޮއަނާމު ވެސް ބޭނުންކޮށްގެން ރަށް އަމާންކުރި ވާހަކައެއް އޮވެއެވެ. އެފަހަރުވެސް ހިސާބަކަށް މީހުން މަރުވިކަމަށްވެއެވެ.

މައުލޫދުތަކާއި ދުއާތައް
އަލްގާޒީ އިބްރާހިމް މަޖްދުއްދީނުގެ ޒަމާނުގައި ތަފާތު ނުބައި ރޫހުތައް ގިނަވެ ރަށް ނާމާންވެގެން ފަންޑިތަ ހެދިކަމަށް ކިޔައެވެ. ރަބީއުލްއައްވަލު މަހު ކިޔައި އުޅޭ ބާރަ މަހުގެ ދުއާ އެކުލަވާލައްވައި އެމަހުގެ އެއްރޭ ދުއާ، ހަތަރުވަނަ ދުވަހު ދުއާ، އަށްރޭ ދުއާ އަދި ބާރަ ވަނަ ދުވަހުގެ ދުއާ އާއި ބޮޑު މައުލޫދު ކިޔުމުގެ އާދަ ހިޖުރައިން 1272 މީލާދީން 1856 ގައި ފައްޓަވައިދެއްވީ އިބްރާހިމް މަޖުދުއްދީނެވެ. މިކަމުގެ އަސްލަކީ ރަށް އަމާންކުރުން ކަމަށް ގަބޫލުކުރެވިފައިވެއެވެ. މިއީ ސުލްތާން މުހައްމަދު އިމާދުއްދީނު ހަތަރެއްގެ ރަސްކަމުގައެވެ. މީދޫ އެދުރުގޭ އަލްފަގީހު މޫސާ އެދުރު ތަކުރުފާނުގެ ދަރިކަލުން އަލްގާޒީ އިބްރާހިމް މަޖްދުއްދީނު އަވަހާރަވީ ސުލްތާނު މުހައްމަދު އިމާދުއްދީނު ހަތަރެއްގެ ރަސްކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ހިޖުރައިން 1287 ވަނަ އަހަރު މީލާދީން 1871 ގައެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައެވެ.

މީގެ އިތުރަށް ރަބީއުލްއައްވަލު މަހުގެ ބާރަ ވަނަދުވަހު އެހެން ދުއާއެއްވެސް ކިޔާން ފެށުނެވެ. އެއީ ހިންޏާއި ތަތްމަކުނާއި މަދިރީގެ އާފާތުން މިންޖުވުމުގެ ދުއާއެކެވެ. މި ދުއާ ދޫކޮށްލައިފިނަމަ ޖެހިގެން އަންނަ އަހަރު މިދުވަސް އަންނަ އިރު ހިންޏާއި މަކުނާއި މަދިރީގެ އުނދަގޫ ބޮޑުވެގެން އުޅެން އުނދަގޫވާނެ ކަމަށް އޮންނަނީ ގަބޫލު ކުރެވިފައެވެ.

މީދޫ ފަޅުވުމަށްފަހު އަލުން އާބާދުކުރުމުގެ ތެރޭގައި ދޮންސީދިކަލޭގެ ފަށައިދިން ލައްބު މައުލޫދަކީވެސް ރަށް އަމާންކުރުމާއި އެއަމާންކަން ދެމެހެއްޓުމުގެ ގޮތުން ކުރަމުން އައިކަމެކެވެ. މި މައުލޫދެއް ކިޔަނީ ކޮންމެ އަހަރެއްގެވެސް ރަޖަބު މަހުގެ 27 ވަނަ ދުވަހުއެވެ. އައިސާދަރު ދޮންބެއްޔާގެ އަރިހުގައި ތައުލީމު ހާސިލުކުރެއްވުމަށް ހުސައިން ސަލާހުއްދީނު ހުންނެވި ޒަމާނުގައި މިމައުލޫދު ކިޔަމުން އައިކަން ސަލާހުއްދީނުގެ ލިޔުއްވުންތަކުން އެގެއެވެ. ފަހުން ކޮންމެވެސް ސަބަބަކާއި ހެދި މި މައުލޫދުގެ ނަން އަންހެނުންގެ މައުލޫދަކަށް ވަނީ ބަދަލުވެފައެވެ. ކޮންމެ ހޯމަވިލޭރެއަކާއި ހުކުރުވިލޭރެއަކު ގޭގޭގައި ތުންޖީނާ ސަލަވާތް ކިޔެވުމަކީވެސް ނުބައި ރޫހުތަކުން ގެދޮރާއި ރަށް އަމާންކުރުމުގެ ގޮތުން ދޮންސީދިކަލޭގެ ފަށައިދިން ކަމެކެވެ.

މަތީގައި ބަޔާން ކުރެވުނު މައުލޫދުތަކާއި ދުއާވެރިކަމުގެ އިތުރަށްވެސް ޚާއްސަ ދުވަސްތަކުގައި މައުލޫދު ކިޔުން އޮވެއެވެ. މުހައްރަމް މަހުގެ ފުރަތަމަ  ހުކުރު ދުވަހު ކިޔައި އުޅުނު މުހައްރަމް މައުލޫދާއި މުހައްރަމް މަހުގެ ދިހަ ވަނަ ދުވަހު އާޝޫރާ ފާހަގަކޮށް ކުޑަކުދިން ފޮރުވުމާއި މުހައްރަމް ބާރަ ވަނަ ދުވަހު ހުޅުދޫ އާއި މީދޫގެ ރައްޔިތުން އެއްތަންވެ ކިޔައި އުޅުނު ދެރަށު މައުލޫދު މީގެ ތެރޭގައި ހިމެނިގެންވެއެވެ. ރަބީއުލްއައްވަލު ހަތާވީހުގައި ރައިވެރިން މައުލޫދު ކިޔައިފައި ޖެހިގެން އަންނަ ދުވަހު ވަގުފު މައުލޫދުގެ ނަމުގައިވެސް މައުލޫދެއް ކިޔައެވެ.

ރަބީއުލްއައްވަލު މަސް ފެށުމަށްފަހު ނިމެންދެންވެސް ކޮންމެވެސް މައުލޫދަކާއި ދުއާވެރިކަމެއް ނުގެންނަ ދުވަހެއް މަދެވެ. މިގޮތުން ރަބީއުލްއައްވަލު މަހުގެ ދެވަނަ ދުވަހު ހަސަންދީދީ ފާތިހާގެ ނަމުގައި ރަށު އެންމެންވެގެން ފާތިހާއެއް ވެސް ގެނެއެވެ. ބުނެވޭ ގޮތުގައި މިއީ ގިޔާސުއްދީނު ރަދުންގެ އިބްރާހިމް ފާމުދޭރިކިލެގެފާނުގެ ކަރައްޔެ ހަސަން ދީދީގެ ފާތިހާއެވެ. މި ފާތިހާ މުޅިރަށުގެ ފާތިހާއަކަށް ވެފައި އޮތީ ކޮންގޮތަކުންކަން އޮޅުމެއް ނުފިލައެވެ.

ޝައުބާން މަހުގެ ފަނަރަ ވިލޭރޭ ހިޔަރަކާތް ރޭ ގެނައުމާއި ފަނަރަވަނަ ދުވަހު ހިޔަރަކާތް ދުވަސް ފާހަގަކޮށް ދުއާތައް ކިޔަވައި މަރުވެފައި ތިބޭ ގާތްތިމާގެ މީހުންގެ މަހާނަތަކަށް ދޮންވެލިލައި މަރު ހަނދާންކުރުން ގިނަކުރުމަކީވެސް މީގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ރޯދަމަހުގެ ސަތާރަ ވަނަ ދުވަހު ބަދުރު މައުލޫދު ކިޔުމާއި ރޯދަމަހުގެ ހަތާވީސް ވަނަ ދުވަހު ހަތާވީސް މައުލޫދު ކިޔުމަކީވެސް މައުލޫދު ސިލްސިލާގެ ބައެކެވެ. ސަފަރު މަހުގެ ވިހިވަނަ ދުވަހު ކިޔައި އުޅުނު ސާޅީސް މައުލޫދާއި މީގެ އިތުރުން ކިޔައި އުޅުނު މަދަރުސާ މައުލޫދުގެ ވާހަކަވެސް މި ސިލްސިލާއަށް ގެންނާން ޖެހެއެވެ. މަދަރުސާ މައުލޫދަކީ އިލްމު ދެމެހެއްޓުމާއި ފެތުރުމުގައި މީދޫގެ ދައުރު ފާހަގަ ކުރުމުގެ ގޮތުން ކިޔައި އުޅުނު މައުލޫދެއް ކަމަށް ބުނެވެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!