ޖަގަޅާގެ ތެރެއިން ދުށްތަނާއި އިވުނު އަޑުތައް 1
ހުޅުދޫ-މީދޫ ބޮޑު ޖަގަޅާގެ ވާހަކަ މި ސައިޓުގައި ކޮއްކިރެއި އެދުރުތަކުރުފާނު ލިޔުއްވާފައިވަނިކޮށް ފެނިއްޖެއެވެ. ހިތަށް އަރައިފިއެވެ. ވަރަށް ފައްކަލެވެ. މުހިއްމީ ލިޔާ މީހާގެ ނަމާއި ލިޔާ ސައިޓުގެ ނަމެއް ނޫނެވެ. މުހިއްމީ ތާރީޚެވެ. ލިޔެފައި އޮތީ ތާރީޚެވެ. ތާރީޚަކީ މާޒީވެގޮސްފައިވާ ހާދިސާތަކެވެ. އެތަކެތި ލިޔެ ރައްކާކުރަނީ ފަހުތިބީންނަށް ފިލާވަޅަކަށެވެ. މުސްތަގުބަލުގެ މޫނުބަލާލޯގަނޑަކީ ތާރީޚެވެ.
ކޮއްކިރެއި އެދުރުތަކުރުފާނަށް ޝުކުރިއްޔާއެވެ. އެލިޔުން ކިޔާފައި މަގޭ ހަނދާންތައްވެސް އާވެގެންފިއެވެ. އެހެންވީމާ ހުޅުދޫ-މީދޫ ބޮޑު ޖަގަޅާގެ ތެރެއިން މަށަށް ފެނުނު މަންޒަރާއި އިވުނު އަޑުތައް މަސްހުނިކޮށްގެން ތަސްވީރެއް ކުރަހައިލަން ކަމަށް ނިންމައިފީމެވެ. ކުރިއަށް ބާރަށް ކުރިއަށް ދަމާބަހީއެވެ.
ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ ފެށުމުގެ ސަބަބަކަށްވީ ބޮސްނިޔާގެ ސަރަޔޭވޯގައި އޮސްޓްރިއާގެ ވަލީއަހުދު ފްރޭންޒް ފާޑިނާންޑް އަވަހާރަކޮށްލުމެވެ. ހަމައެގޮތަށް ހުޅުދޫ-މީދޫ ފުރަތަމަ ބޮޑު ޖަގަޅާ ނުވަތަ ހަނގުރާމަ ފެށުމުގެ ސަބަބެއްވެސް އޮތެވެ. އެއީ ހުޅުދޫ ކޮންމެވެސް ގާޑިޔަލެކެވެ. ގާޑިޔަލާއި ގާޑިޔާ ކޮއްޕަމުން ދަމަމުން އައި ހުޅުދޫ ބަޔަކަށް މީދޫގެ ތެރެއިން ކޮންމެވެސް ބަޔަކު ހަމަލަދިނީއެވެ. އެއޮތީ ހަނގުރާމަ ފެށިފައެވެ.
ކޮންމެއަކަސް ގާޑިޔަލުގެ މިހާދިސާ ތަމްސީލުވީ އެއްރެއެއްގެ އިރާކޮޅު ސީދާ އަހަރެމެންގެ ކުރިމަތީގައެވެ. އެހެންވީމާ މަންޒަރު ފެނުނެވެ. އަޑުވެސް އިވުނެވެ. އަހަރެން ވަރަށް ކުޑައެވެ. އިރުއޮއްސުމަށްފަހު މިސްކިތް ނޫންތާކަށް ދިޔުމުގެ އިޒުނައެއް ނޯވެއެވެ. އެދިޔުމެއް ދެވެނީވެސް މިސްކިތުގެ ބޮޑު މުދިންބެޔާއެކީގައެވެ. މިބުނާ ރެޔަކު ކުއްލިއަކަށް ހަޅޭއްފަޅޭކުގެ އަޑާއެކު އަހަރެމެންގެ ދޮރާށިން އެތެރެއަށް ދޮޅުޑަޒަނެއްހައި މިސައިލު އަރައިފިއެވެ. ގެ ހުންނަނީ ތަންކޮޅެއް އެތެރޭގައި ކަމުން މީން މިސައިލެއް ގެޔަކަށް ނާރައެވެ.
އަހަރެމެން ގޭގައި ބޮޑު ފިރިހެނަކު ނޫޅެއެވެ. ބައްޕަ އުޅެނީ ދޮންމަންމަގެ ގޭގައެވެ. ބޭބެ ހުންނަނީ އިންޑިޔާގެ ޑާބީލުގައެވެ. ދެންތިބެނީ މަންމަޔާއި މާމަޔާއި ދައްތައާއި މަށެވެ. އެހެންވީމާ ކުރިމަތިވެފައިމިވާ މިސައިލުގެ ވާރެޔާ ކުރިމަތިލާން ގޭގައި ހުރި ޕެޓްރިއޮޓް މިސައިލަކީ މަށެވެ. ދެވަނަ އެހެން ފިރިހެން ސޫރައެއް ނެތެވެ. މިބުނެވުނީ އަދި މުޅިޔަކުން ރަނގަޅު ވާހައެއް ނޫނެވެ. މަޝްހޫރު ދަރިޔާ އުޅެނީ އަހަރެމެން ގޭގައެވެ. އެކަމަކު އެވަގުތު ދަރިޔާ ގެޔަކު ނެތެވެ. މަހަށް ގޮސްފައި އަދި ނާންނަނީއެވެ.
ކިތަންމެ ކުޑަޔަސް މަށަކީ ނިކަން ހަލަނި ސޮރަކީމެވެ. ހިތަށް އެރުމާއި ކަމެއް ކުރުމާއި ދެމެދު ނަގާނީ ސިކުންތެކެވެ. ގޭކުރިމަތީގައި މިފެށުނު ހަނގުރާމަޔަކީ އަހަރެން ނިކަން ގަޔާވެގެން ބައިވެރިވާނެ ހަނގުރާމައެއްކަން ވަރަށް އަވަހަށް މާމަ ދެނެގެންފިއެވެ. އިސާހިތަކު ގޭތެރޭގައި އަހަރެން ހައްޔަރުކޮށްފިއެވެ. ބޭރަކަށް ނުނިކުމެވުނެވެ. އެވަގުތު ގޭތެރޭގައި އޮތީ ބޭރަށް ނިކުންނަންވެގެން އަހަރެން ކުރަމުންދިޔަ ހަނގުރާމައެވެ. ގެއިން ބޭރުގައި އޮތީ ގާޑިޔަލުގެ ހަނގުރާމައެވެ. ބޭރުގައި ތަމްސީލުވަމުންދިޔަ ހަނގުރާމައިގެ މަންޒަރުތައް އަހަރެންނަށް ނުފެނުނީ މިހެންވެގެންނެވެ.
މަގުމަތީގެ ތަޅާފޮޅުންތައް ދެމިއޮތީ ބައިގަޑިއެއްހާއިރަށެވެ. މިހެން މިބުނީ އޭގެފަހުން އަޑެއްބަޑެއް ނީވޭތީއެވެ. ހަނގުރާމައިގެ މައިދާން ސާފުވެއްޖެއޭ ހީވިތަނުން އަހަރެމެންގެޔަށް ދެމީހަކު އަތުވެއްޖެއެވެ. އެކަކީ ޓިއުޝަން ޓީޗަރެކެވެ. އެމީހަކީ ދުންބުރިދަޑިގޭ ވާފިރެވެ. ވާފިރު އައީ ދައްތަޔާއި މަށާއި ދެމީހުންނަށް ޓިއުޝަންދޭންވެގެންނެވެ. އަނެކަކީ އާމިނަގެ ދަރިޔާއެވެ. އޭނާ އައީ މަހުންނެވެ.
ދަރިޔާ ގެނައި މަސްތައް ބަދިގެދޮށުގައި ބަހައްޓާފައި މީނާ ނެގީ ފުނޑާދައިގެ ފޮއެވެ. ނިކަން ބަރުގޮލައެކެވެ. މީތި ކޮނޑަށް ލައިގެން ނިކަން ބާރަށް ހިނގާފައި ނިކުމެގެންގޮސްފައި މާކަގިނައިރުތަކެއް ނުވެ އަތުވެއްޖެއެވެ. ފަހުން އެނގުނު ގޮތުގައި މީނާ ހަމަލަދިނީ ހުޅުދޫ ކޮންމެވެސް ހަސަން ތައްކާނުކިޔާ މީހެއްގެ ބޮލަށެވެ. ވަރަށް އަނިޔާވިއެވެ. ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކޮށްފައި އެކިމީހުންނަށް އެކިވަރުގެ ހުކުމްއައެވެ. ދަރިޔާއަށްވެސް ވަރުގަދަ ހުކުމެއް އައެވެ. މީނާ އޮތީ ޖަލުގައެވެ. ޖަލުން މިނިވަންވެގެން އައިސް އެތަނުގެ ވާހަކަ ނިކަން ހެވިފައިހުރެގެން ކިޔައިދޭނެއެވެ. ޖަލަށް މީނާ ކިޔައި އުޅެނީ ޗައިނާ ބަގީޗާއެވެ.
ވާފިރުގެ ކައިރީގައި އަހަރެމެން ޓިއުޝަނުގައި ތިއްބައި އަހަރެންނާއި ދެބޭންގެދެދަރި ބޭބެޔަކުވެސް އައެވެ. ނަމެއް ނުލިޔާނަމެވެ. އޭނާ އެދިޔަގޮތަށްގޮސް ގިފިއްޔަށްވަދެ ނަގައިގެން ނުކުތީ ކޮޅު ތޫނުކޮށްފައި އޮންނަ ބަރު ދަނގަޑެކެވެ. އެއީ ގޭގެ ހަނޑަސްބުރީގައި ވަޅުޖަހާން ގެންގުޅޭ އެއްޗެކެވެ. މީތި ހިފައިގެން މީނާ ދިޔައީ ޖެހިގެން ހުރި ގެއަށެވެ. އޭރު އެގޭގެ އެނދެއްގެ ދޮށުގައި ހުޅުދޫ މީހަކު ފިލައިއެބައޮތޭ ބައެއް މީހުން ކިޔައެވެ. ކޮންމެޔަކަސް މީނާ އެނދުމައްޗަށް ކޮޅަށް ތެދުވެހުރެ ހަތަރު ފަސްފަހަރަކު އެދަގަނޑު ހަރައިލިކަމަށްވެއެވެ. ނަސީބަކުން މިކަމެއް ހިނގިއިރު އެނދުތަންދޮށުގައި މީހަކު ނެތެވެ. އަހަރެންނަށް ޝައްކުކުރެވޭ ގޮތުގައި މިކަމެއްކުރީ ހަމަ އާޓުދެއްކުމުގެ ގޮތުންނެވެ.
ޓިއުޝަން ޓީޗަރުގެ ވާހަކަ ދަންނާށެވެ. މީނާއަށްވެސް ހުކުމެއް އައެވެ. ވާފިރު ކުށްވެރިވީ ހުޅުދޫ ކަޅުމައިގޭ ޒުބައިރު ކުރި ޝަކުވާއަކުންނެވެ. އެ ޝަކުވާއަކީ މަސްމަރާބަޑިޔަކުން ޒުބައިރަށް ހަމަލަދީފާނަމޯ ބުނިކަމުގެ ޝަކުވާއެވެ. މީދޫ ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުވީ ކޮންމެހެން ހެއްކާއި ގަރީނާޔަކުން ނޫނެވެ. މިވެނި މީހަކީ ކުށްވެރިޔެކޭ ހުޅުދޫ ކަތީބު ބުނަންވީއެވެ. އެއޮތީ ކުށްވެރިވެފައެވެ. އޭނާ އޮތީ ސަޖިދައިގަތޯ ނޫނީ ނިދާފައިތޯ ބެލުން މުހިއްމެއް ނޫނެވެ.
އަހަރެމެންގޭގެ ހަނޑަސްބުރިން ހަތިޔާރު ގެންދިޔަ ބޭބެގެ ވާހަކަ ދަންނާށެވެ. އޭނާއަށްވެސް ހުކުމެއް އައެވެ. ދެ އަހަރު ދުވަހަށް އޭނާ އަރުވައިލީ އަރިއަތޮޅު ދަނގެއްޗަށެވެ. މީނާގެ ފުށުން އަނިޔާލިބުނީ ހުޅުދޫ މިވެނި މީހަކަށޭ ބުނާކަށް ނޭގެއެވެ. ކޮންމެއަކަސް މިބޭބެޔަކީ އެރޭ ވަރަށް ހަރަކާތްތެރިކޮށް އުޅުނު ފަހުލަވާނެކެވެ. ހީވާގޮތުން ކޮންމެވެސް ޔުނިޓް ކޮމާންޑަރެކެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް