ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -1

01ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ދެވަނަފަހަރަށް އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ޙައްލުކުރުމުގެ ދަތުރުގައި ދިވެހިސަރުކާރުގެ އުޅަނދު “ސިލްވަރކްރެސްޓް” ހަވަރުތިނަދޫއަށް ދިޔުމާއި އޭގެފަހުން ހިނގިކަމެއް ހިނގައި ނުހިނގިކަމެއް ނުހިނގުމަށްފަހު އެރަށުން މީހުންބޭލުމާއި މިދެމެދުގެ ކަންކަން ހިނގައިދިޔަގޮތް ބަޔަކުލިޔުނުނަމަ، ލިޔެފައިވީ ނަމަވެސް އެލިޔުންތައް ޢާއްމުކޮށް ގިނަބަޔަކަށް ނުފެނި މިހާރު ބައިޤަރުނަށްވުރެ ގިނަ ދުވަސްވަނީއެވެ. މިކަމާއެކުމެ، އެފަހަރު ހިނގި ބައެއްކަންކަން ކައިރިންދެކިވަޑައިގަތް ބައެއްބޭފުޅުންގެ ހަނދުމަފުޅުންވެސް އެކަންކަން ފަނޑުވަމުންދަނީއެވެ. މީގެތެރެއިން ބައެއްބޭފުޅުންނަކީ ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ފުރަތަމަފަހަރަށް އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ޙައްލުކުރުމުގެ ދަތުރުގައި ދިވެހިސަރުކާރުގެ އުޅަނދު “މޯލްޑވްސްޓާރ”ގައި ވެސް ހަވަރުތިނަދޫއަށް ވަޑައިގެންނެވި ބޭފުޅުންނެވެ.

ދުވަސްވީ ބައެއް ކަންކަމަކީ އެކަމެއްހިނގާއިރު އެކަމެއް ދުށްމީހެއްގެ ހަނދާނުގައި އެކަމެއް ރަނގަޅަށް ހުރުމަށްވުރެ، އެކަމަކުން މޮޅެއް، ނުވަތަ ދެރައެއް، ނުވަތަ އެހެންވެސް ސީދާ ޙިއްޞާއެއް އޮތް މީހެއްގެ ހަނދާނުގައި އެކަމެއް ރަނގަޅަށްހުރުން ގާތް ކަމެކެވެ. މިހެންވީމާ، ހަމައެކަނި ކަމެއް ދުށްމީހެއްގެ ހަނދާނުން އެކަމެއް ފަނޑުވެގެންދިޔުމަކީ ވެދާނެކަމެކެވެ. އަދި ޚާއްޞަކޮށް ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ދެފަހަރަކަށް ހަމަނުޖެހުން އުފެދި ކަންތައްތަކެއް ހިނގައިފައިވާތީ އެދެފަހަރުގެ ބައެއްކަންކަން ހަމައެކަނި ދުށްމީހެއްގެ ހަނދާނުން އެދެފަހަރުގެ ކަންކަން އެއްފަހަރު އަނެއްފަހަރާ ފުށުއަރައި އޮޅޭގޮތްވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހަނދާނުގެ ނިސްބަތުގައި މާބޮޑުކަމެއްނޫނެވެ. އެހެންނަމަވެސް ޙަޤީޤަތާއި ތާރީޚުގެ ނިސްބަތުގައި އެހާ ކުޑަކަމެއްވެސް ނޫނެވެ.

ހަވަރުތިނަދޫއަށް “ސިލްވަރކްރެސްޓް” ދިޔުމާއި އެރަށުން މީހުންބޭލުމާއި މިދެމެދު ހިނގި ބައެއް ކަންކަމުގެ ވާހަކަ ބައެއް ލިޔުންތަކުން ފެންނަނީ އެކަންކަން ހިނގިގޮތުގެ ޙަޤީޤަތާއި މުޅިން އެއްގޮތަކަށްނޫނެވެ. ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް ކަމެއް ހިނގިގޮތަކަށް އެކަމެއް ހާމަކޮށްގެންނޫނީ ކަން ހިނގިގޮތުގެ ޙަޤީޤަތާއި އެއްގޮތަށް އެކަމެއްނޭނގޭނެއެވެ.

ހަވަރުތިނަދޫއަށް “ސިލްވަރކްރެސްޓް” ދިޔުމާއި އޭގެފަހުން ހިނގިކަމެއް ހިނގައި ނުހިނގިކަމެއް ނުހިނގުމަށްފަހު އެރަށުން މީހުންބޭލުމާއި މިދެމެދުގައި ހިނގި ގިނަ ކަންކަމެއް ހިނގައިފައިވަނީ އެރަށުންބޭލި އެރަށުގެ ކޮންމެވެސް އެއް ބަޔެއްގެ ޙާޟިރުގައެވެ. ނުވަތަ ފެންނަފަށުގައެވެ. އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބި ބަޔަކު އެވާހަކަތައް ކިޔައިދެމުންދަނީ ވެސް އޭރެކޭ މިހާރެކޭ އެއްވެސް ތަފާތެއްނެތި ކަންހިނގިގޮތާއި އެއްގޮތަށެވެ. މިވާހަކަތަކުގެ ވަރަށްބޮޑުބަޔަކީ މީގެ ސާޅީހަކަށް އަހަރުކުރިން ފެށިގެން އަޅުގަނޑުވެސް ލިޔެފައިވާ ވާހަކަތަކެވެ. ސިލްވަރކްރެސްޓްގެ އެ ޙާދިސާ ހިނގިއިރު އަޅުގަނޑުގެ ޢުމުރަކީ ބާރަ ވަރަކަށް އަހަރުވީ ނަމަވެސް އެ ޙާދިސާގެ ބައެއް ކަންކަމަކީ އަޅުގަނޑުގެ އަމިއްލަ ލޮލަށްފެނި ކަންފަތަށް އަޑުތަކެއްވެސް އިވިފައިވާ ކަންކަމެކެވެ.

1950މ. ގެ އަހަރުތަކުގެތެރޭ ދެކުނުގެ ތިން އަތޮޅުގައި ދިވެހިދައުލަތާމެދު އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ހަމަޖެއްސެވުމުގެ އިސް ބޭފުޅަކަށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު ހަމަޖެހިގެން ދިޔައީ ދެކުނުގެ ތިން އަތޮޅުފިޔަވައި އެހެން އަތޮޅުތަކުގެ ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހާއި، އޭރުގެ ރަދުން އެގޮތަށް ނިންމެވުމުންކަމަށް ލިޔުންތަކުން އެނގެއެވެ. މިގޮތުން 16 ފެބްރުއަރީ 1959މ. ގައި ހުވަދުއަތޮޅުގައި ފެށުނު ހަމަނުޖެހުން ޙައްލުކުރެއްވުމަށް ބޮޑުވަޒީރު އިބްރާހިމް ނާޞިރު މޯލްޑިވްސްޓާރގައި ހުވަދުއަތޮޅު ގައްދޫއަށް ވަޑައިގަތުމަށްފަހު، ހަވަރުތިނަދޫއަށް ވަޑައިގަތީ 17 ޖުލައި 1959މ. ގަ އެވެ. އެދުވަހު އެކަން ހަމަޖައްސަވައި ދިވެހިދައުލަތުގެ ބާރުގެ ދަށުގައި ހުވަދުއަތޮޅު ވަނިކޮށް، ދެވަނަފަހަރަށް 15 ޖޫން 1961މ. ގައި އެއަތޮޅުގައި ދިވެހިދައުލަތާއި މެދު ހަމަނުޖެހުން އުފެދުނެވެ. މިހެންވުމުން މިކަން ހަމަޖެއްސެވުމަށްޓަކައި ބޮޑުވަޒީރު އިބްރާހިމް ނާޞިރު “ސިލްވަރކްރެސްޓް”ގައި ހަވަރުތިނަދޫއަށް ވަޑައިގަތީ 30 ޖެނުއަރީ 1962މ. އަންގާރަ ދުވަހުއެވެ.

ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ދެވަނަފަހަރަށް އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ހަމަޖެއްސެވުމަށްޓަކައި ބޮޑުވަޒީރު އިބްރާހިމް ނާޞިރު “ސިލްވަރކްރެސްޓް”ގައި ހަވަރުތިނަދޫއަށް ވަޑައިގަތުމުގެކުރިން 20 ސެޕްޓެމްބަރ 1959މ. އާދީއްތަ ދުވަހުވެސް އެމަނިކުފާނު “ސިލްވަރކްރެސްޓް”ގައި ހަވަރުތިނަދޫއަށް ވަޑައިގެންފައިވެއެވެ. ހަވަރުތިނަދޫގައި ފުރަތަމަ ބައިސްކޯފް ފިލްމެއްދެއްކީ އެދަތުރުގައެވެ. 1951މ. ގައި ރިލީޒްކުރި ބަގްވާންއާއި ގީތާބާލީ ލީޑްރޯލްކުޅެފައިވާ އަލްބޭލާ އެވެ. އޭރު ދިވެހިސަރުކާރުގެ ޖަނަރޭޓަރަކުން ހަވަރުތިނަދޫގެ ބައެއް ޢިމާރާތްތަކަށާއި އިޖްތިމާޢީ ބައެއް ސަރަޙައްދުތަކަށް ކަރަންޓްގެ އަލިކަންލިބެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!