ޔާހުންބަރާހާއި ދާންދޫ އޮޑިއަށް ލިބުނު ބަދަލަށް ވީގޮތުގެ ވާހަކަ
އައްޑުއަތޮޅުން ފުރައިގެން ސިލޯނަށް ދަތުރުކުރަނިކޮށް ޖަޕާނު ސިފައިން ހަމަލަދީ ފައްތާލި ޔާހުންބަރާސް އޮޑީގެ ވާހަކަ ވަރަށް ގިނަމީހުން ދަންނާނެއެވެ. އެއޮޑިއަކީ ހިތަދޫ އެޅެދީދީގެ އަލިދީދީގެ އަމިއްލަ އޮޑިއެވެ. އޮޑިން ދަތުރުކުރި މީހުންގެ ތެރެއިން ސިއްކަގޭ މުހައްމަދު މަނިކުފާނާއި ހިތަދޫ އައްބެޔާގެ އިބްރާހިމް ދީދީ ފިޔަވައި އެހެން އެންމެން މަރައިލީ އެވެ. އެދެމީހުން ޖަޕާނުގެ ސަބްމެރީނެއްގައި ސިންގަޕޫރަށް ގެންގޮސް އެތާގެ ޖަލެއްގައި ބަންދު ކުރީއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ފަހު މަރުހަލާގައި އިނގިރޭސި ސިފައިން އަލުން ސިންގަޕޫރު ހިފައި ޖަޕާނު ސިފައިން ފައްސާލުމަށްފަހު އައްބެޔާގެ އިބްރާހިމް ދީދީ އާއި ސިއްކަގޭ މުހައްމަދު މަނިކުފާނު މިނިވަންކޮށް ރާއްޖެއަށް ފޮނުވާލިއެވެ. އަދި ޔާހުންބަރާސް އޮޑިއަށް ވީގޮތާއި މަރުވިމީހުންނާއި ލިބުނު ގެއްލުންތަކުގެ ތަފްސީލު ލިޔެ މުޅި އެކައުންޓް ހިމެނޭ ލިޔުމެއްވެސް މި ދެމީހުންނާ ހަވާލުކުރިއެވެ. މިލިޔުމަކީ ހަނގުރާމަ ނިމުމަށްފަހު ޖަޕާނު ސިފައިންގެ ފަރާތުން ގެއްލުން ލިބުނު މީހުންނަށް ޖަޕާނުން ބަދަލު ނަގައިދިނުމުގެ ވިސްނުމެއްގައި ތައްޔާރުކުރި ލިޔުމެކެވެ.
ޔާހުންބަރާސް އޮޑި ފައްތާލި ފަހަރު ހަމަ އެދުވަސްވަރު ދިވެހި އެހެން އޮޑިއެއްވެސް ފައްތާލިއެވެ. ސިލޯނުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަނިކޮށް ފައްތާލި އޮޑިއަކީ ހުވަދު އަތޮޅު ދާންދޫ އޮޑިއެކެވެ. އެއީ ދާންދޫ ދޮންހޮއްކޮ ކަލޭގެފާނުގެ ދޮންތައްކާނުގެ އޮޑިއެވެ. އެއޮޑިން ދަތުރުކުރި އެކަކުވެސް ސަލާމަތެއް ނުވެއެވެ. އެއިން ދަތުރުކުރި މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި ދެންތިބީ މުޅިންވެސް ހުވަދޫ މީހުންނެވެ. ހުވަދޫ ނޫންމީހަކަށް ހުރީ މީދޫ އަލިބެއްޔާގެ އަހައްމައިދި އެވެ. މި އޮޑިން މީހަކު ސަލާމަތް ނުވިޔަސް މިއޮޑިއާ ބެހޭ މައުލޫމާތު އެއްކޮށް މިއީ ޖަޕާނު ސިފައިންގެ އަނިޔާއެއްކަމަށް ރިކޯޑުކޮށް އިނގިރޭސި އެޑްމިރަލްޓީގެ ފަރާތުން މިމައްސަލަ އޮތީ ފައިލްކޮށްފައެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ޖަޕާނު ސިފައިންގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް ބަދަލު ނަގައިދިނުމުގެ ހަރަކާތް ފެށިއްޖެއެވެ. އިނގިރޭސިން ހުށައެޅި ޕެކޭޖުގެ ތެރޭގައި ރާއްޖެއަށް ލިބުނު ގެއްލުންތައްވެސް ހިމެނެއެވެ. އޭގެތެރޭގައި ޔާހުންބަރާސް އޮޑި އާއި ދޮންތައްކާނުގެ އޮޑިން ދަތުރުކުރި މީހުންގެ މަރުގެ ދިޔައާއި އޮޑީގެ އަގާއި މުދަލުގެ އަގުވެސް ހިމެނެއެވެ. މިކަންކުރީ އޭރު ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައިވާ ގައުމަކަށްވާތީއެވެ.
މައްސަލައިގެ އެއްކޮޅުގައި އޮތީ އިނގިރޭސިވިލާތް ކަމުގައިވާތީ އިސާހިތަކު މިކަން ހަމަޖެހިއްޖެއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މިބަދަލު ރާއްޖެއަށް ދިނީ އިނގިރޭސިންނެވެ. މިބަދަލު ހަވާލުކުރީ ދިވެހި ދައުލަތް އޭރު ހިންގަވަން ހުންނެވި އަތިރީގޭ މުހައްމަދު އަމީނުއާއެވެ. އިނގިރޭސި ސަރުކާރުން 1947 ގައި މުހައްމަދު އަމީނަށް ފަސް ލައްކަ ސްޓާރލިން ޕައުންޑް ހަވާލުކުރިއެވެ. އެއީ ޔާހުންބަރާސް އޮޑިން ދަތުރުކުރި މީހުންނާއި އެމީހުންގެ އާއިލާތަކަށް ތިން ލައްކަ ޕައުންޑާއި ދޮންތައްކާނުގެ އޮޑިން ދަތުރުކުރި މީހުންގެ އާއިލާތަކަށް ދެ ލައްކަ ޕައުންޑެވެ.
ބައި މިލިޔަން ޕައުންޑަކީ އެދުވަސްވަރު ވަރަށްވެސް ބޮޑު އަދަދެކެވެ. މީގެ ތެރެއިން އެންމެ ލޯ ލާރިއެއްވެސް އޭގެ ހައްގުވެރިންނަށް ނުދިނުމަށްޓަކައި މުހައްމަދު އަމީނު ކުރެއްވިކަމަކީ ސިއްކަގޭ މުހައްމަދު މަނިކުފާނާއި އައްބެޔާގެ އިބްރާހިމް ދީދީ ދާޚިލިއްޔާއަށް ހާޒިރުކޮށް އިނގިރޭސިން އެދެމީހުންނަށް ދީފައި އޮތް ލިޔުން އަތުލީއެވެ. އެލިޔުން އަތުލީމާ އެދެމީހުންނަށް ފަހުންވެސް މި ފައިސާ ހޯދުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތް ނެތުނީއެވެ.
މިހުރިހާ ފައިސާތަކަށް މުހައްމަދު އަމީނު ކުރެއްވީ ކޮންކަމެއް ބާވައެވެ. ދުވަސްވަރަކީ މުހައްމަދު އަމީނު އިންޑިޔާގެ ބޮމްބޭއަށް ވަރަށް ގިނައިން ވަޑައިގެން އުޅުއްވި ދުވަސްވަރެކެވެ. އެދުވަސްވަރު ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން ޝީލާއޭ ކިޔުނު އަންހެނަކީ ވަރަށްވެސް ރީތި އަންހެނެކެވެ. ފިލްމީ ދާއިރާގައި އެންމެ ފުންނާބު އުސް ނޫންނަމަވެސް މަޝްހޫރު ތަރިއެކެވެ. މި ޝީލާއަކީ މުހައްމަދު އަމީނުގެ ކޮންމެވެސް މިންވަރެއްގެ ލޯބިވެރިޔެކެވެ. އެދުވަސްވަރު ޝީލާ އާއި އެނޫންވެސް ފިލްމީ ތަރިންނަށް ބޮމްބޭގެ އަގު ބޮޑު ހޮޓާތަކުގައި މުހައްމަދު އަމީނު ޖާފަތް ދެއްވައި އުޅުއްވިއެވެ. އަދި ނުވިތާކަށް ތާޖް ހޮޓެލް ފަދަ ހޮޓާތަކުން ފިލްމީ ތަރިންނަށް ކޮޓަރި ހަމަޖައްސަމުން ގެންދެވިއެވެ. ބުނެވޭ ގޮތުގައި ޔާހުންބަރާސް އޮޑި އާއި ދޮންތައްކާނުގެ އޮޑިއަށް ލިބެން ޖެހޭ ބަދަލު މުހައްމަދު އަމީނު ޚަރަދު ކުރެއްވީ މިމަގުންނެވެ.
ދިވެހި ދައުލަތަށް ފުރަތަމަ ފަހަރަށް އިންޖީނު އެޅި އާގުބޯޓެއް ބައްލަވައިގަތީވެސް ހަމައެދުވަސްވަރު މުހައްމަދު އަމީނެވެ. އެބޯޓުގެ ނަމަކަށް ހެއްދެވީވެސް ޝީލާ އެވެ. އެއީވެސް ފިލްމީތަރި ޝީލާގެ ޝަރަފާއި ހަނދާނުގައި ކުރެއްވި ކަމެކެވެ. އެބޯޓަކީ ވަރަށް ބާވެފައި އޮތް ކުޑަވަރެއްގެ ބޯޓެކެވެ. އެއަކުން ދިވެހި ދައުލަތަށް ކުރި ފައިދާއެއް ނެތެވެ. ބޯޓު ބައްލަވައިގަތް ކަމަށްވަނީ ދައުލަތުގެ ފައިސާއިންނެވެ.
މާލޭގައި އެދުވަސްވަރު ރީތިކަމަށް މަޝްހޫރު އަންހެން ބޭފުޅުންނަށް މުހައްމަދު އަމީނު އަމިއްލަފުޅު ޚަރަދާއި ސަރުކާރުގެ ބައިތުލްމާލުންވެސް ނަންގަވައިގެން ރީތި ގެތަކެއް ބިނާ ކޮށްދެއްވިއެވެ. މިގޮތުން އާމިނަތު ހުސައިނަށް ބިނާކޮށްދެއްވީ ސޯސަންގެ އެވެ. ފަހުން ނާސިރުގެ ވެރިކަމުގައި އެގެ ދައުލަތަށް ނެންގެވީއެވެ. ހަމައެގޮތަށް ފާތިމަތު އަބްދުލްވައްހާބަށް ބިނާކޮށްދެއްވި ބިއްލޫރި ޖެހިގެވެސް ފަހުން ދައުލަތަށް ނެގުނީއެވެ. މުހައްމަދު އަމީން ވަނީ ޒުބައިދާ މުހައްމަދު ދީދީ އާއި ފާތިމަތު އިބްރާހިމް ދީދީއަށް ވެސް ގެ އަޅުއްވައިދެއްވައިފައެވެ. އޯކިޑްމާގެ އަކީ ފާތިމަތު އިބްރާހިމް އަށް އަޅުއްވައި ދެއްވި ގެއެވެ.
މި ހުރިހާ ޚަރަދުތަކަށް ބަލާއިރު ޔާހުންބަރާހާއި ދޮންތައްކާނު އޮޑިން މަރުވި މީހުންގެ މަރުގެ ދިޔައިގެ ބަދަލުގައި ޖަޕާނުން ލިބުނު ބައި މިލިއަން ޕައުންޑް ހޭދަވެގެންދާކަށް މާގިނަ ދުވަހެއް ނުނަގާނެކަން ކަށަވަރުވެއެވެ. މިވަރުގެ ކަމެއް މުހައްމަދު އަމީން ކުރައްވަފާނެ ކަމަށް ގަބޫލު ނުކުރެވޭ މީހުން ތިބުން އެކަށީގެންވެއެވެ. އެފަދަ މީހުންނަށް ދޭން އޮތް ޖަވާބަކީ މިއެވެ. ބޮޑު ހަނގުރާމައިގެ ތެރޭގައި ބަނޑަށް ދިވެހިން މަރުވަމުން ދިޔައިރު ކާޑު ގަންނަން ދައުލަތުން ފައިސާ ނަންގަވައިގެން ސިލޯނަށް ވަޑައިގެންނެވި ހަސަން ފަރީދު ކުރެއްވިކަމަކީ އެފައިސާއަށް ކެންޑީން ރީތި ގެއެއް ބައްލަވައިގަތުމެވެ. އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނަވަނީ މިސްރުގައެވެ. ދިވެހި ރައްޔިތުން ބަނޑަށް މަރުވިއަސް އެކިލެގެފާނަށް ދައުލަތުގެ ބައިތުލްމާލުން މަހަކު ފަންސަވީސް ހާސް ރުފިޔާ ދިޔައީ ފޮނުވަމުންނެވެ. އެހެންވީމާ އަތިރީގޭ ޚާންދާނުގެ ބޭފުޅުންގެ ކަންކަން މިމަގުން ހުރިއިރު މުހައްމަދު އަމީނު ވަކި ސަހަލުވެދާނެ ކަމަށް ބެލުމުގެ ފުރުސަތެއް ނެތެވެ.
ފަހުގެ ޚިޔާލުތައް