މީދޫގައި އެންމެ ފުރަތަމަ ގެންގުޅުނު އިންޖީނު ބައްތެލި ސޯމާގެ ވާހަކަ

މިއީ މީދޫގައި އެންމެ ފުރަތަމަ ގެންގުޅުނު އިންޖީނު ބައްތެލީގެ ވާހަކައެވެ. އިންޖީނު ބައްތެއްޔާއި ލޯންޗު ފަހަރަކީ މިހާރު އާއްމު ތަކެތި ކަމަށްވިޔަސް ކުރީގައި ދަތުރުފަތުރުކޮށް އުޅުނީ ރިޔަލު ދޯނީގައެވެ. އެހެންވީމާ ރިޔަލު ދޯނިން އިންޖީނު ބައްތެއްޔަށް ބަދަލުވި ގޮތުގެ ވާހަކަ އާއި އެކަމަށް މަގުފަހިވި ސަބަބުތަކަކީ ތާރީޚީ ގޮތުން ފަހުތިބީންނަށް އެނގުން ލާޒިމުކުރާ ކަންކަމެވެ. މީދޫގައި އެންމެ ފުރަތަމަ ގެންގުޅުނު އިންޖީނު އެޅި ބައްތެއްޔަކީ ސޯމާ އެވެ. އެ އުޅަނދު ބޮޑަށް މަޝްހޫރުވެގެންވަނީ ސޯމާ ބޯޓުގެ ނަމުންނެވެ.

އިނގިރޭސި ސިފައިން އައްޑުއަތޮޅު ގަމުގައި ތިބިދުވަސްވަރު ދެ ބޭނުމެއްގައި އައްޑުއަތޮޅުގެ ރައްޔިތުން ގަމަށް ދާން ޖެހެއެވެ. ފުރަތަމަ ބޭނުމަކީ މަސައްކަތު ދިއުމެވެ. ދެވަނަ ބޭނުމަކީ ބޭސް ފަރުވާއަށް ދިއުމެވެ.

ގަމުގައި ދިވެހީންގެ ތެރެއިން ތިންސަތޭކައާ ގާތްކުރާ އަދަދެއްގެ މީހުން ވަޒީފާ އަދާކުރިއެވެ. އެދުވަސްވަރު އަތޮޅަށް އާމްދަނީ ލިބޭ ހަމައެކަނި ވަސީލަތަކީ އެއީއެވެ. ދިވެހީންނަށް ގަމުގައި ރޭކުރުމެއް ނޯވެއެވެ. ގަމަށް މަސައްކަތު ދާނީ ދޯނިފަހަރުގައި ހެނދުނާއެވެ. ހަވީރުވުމުން ދޯނިފަހަރުގައި އަނެއްކާވެސް ރަށަށް ދަނީއެވެ. ގަމުގައި ހަސްފަތާލެއް ހުންނާތީ ކޮންމެ ރަށަކަށްވެސް ކަނޑައެޅިފައި އޮންނަ ކޯޓާއެއްގެ ދަށުން ބޭސްފަރުވާއަށް ގަމަށް ދެވެއެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދީންނަށް ވެސް ދެވެއެވެ. މިއެންމެންވެސް ދަތުރުފަތުރުކޮށް އުޅުނީ ދޯނިފަހަރުގައެވެ.

ޒަމާން ބަދަލުވަމުން އައިސް 1960 ގެ އަހަރުތަކުގެ ފަހުކޮޅު ފޭދޫ އާއި މަރަދޫ އަދި މަރަދޫފޭދޫ އާއި ހިތަދޫ މީހުން ދޯނިފަހަރު ދޫކޮށްލައި އިންޖީނު ބައްތެލީގައި ދަތުރުކުރަން ފަށައިފިއެވެ. ލަސްތަކެއް ނުވެ ހުޅުދޫ މީހުންވެސް އިންޖީނު ބައްތެލި ގެންގުޅެން ފަށައިފިއެވެ. އެހިސާބަށް ދިއުމުން މީދޫ މީހުންނަށް ވެސް އިންޖީނު ބައްތެއްޔާ ދޭތެރޭ ވިސްނަން މަޖުބޫރު ވެއްޖެއެވެ. އޭރު މީދޫންވެސް ގާތްގަޑަކަށް ސާޅީހަކަށް މީހުން ގަމަށް މަސައްކަތުދެއެވެ. އަދި ހަފުތާއަކު މީދޫގެ ވިއްސަކަށް މީހުން ބޭސްފަރުވާއަށް ގަމަށް ދިއުމުގެ ކޯޓާ ވެސް އޮވެއެވެ.

ހުޅުދޫ މީހުން އިންޖީނު ބައްތެލީގައި ގަމަށް ދަތުރު ކުރަން ފެށުމުން ރިޔަލު ދޯނީގައި މީދޫ މީހުން ކުރި ދަތުރު ހުއްޓާލަން މަޖްބޫރުވެއްޖެއެވެ. އޭރު މީދޫގައި އިންޖީނު ބައްތެއްޔެއް ނެތަސް ނާލު ދީފައި ހުޅުދޫ ބައްތެލި ފަހަރުން ގަމަށް ދާން ފެށީމާ ރިޔަލު ދޯނީގައި ދާނެ މީހަކު ނުހުރެއެވެ. ރިޔަލު ދޯނީގައިނަމަ ގަމަށް ދެވޭނީ ގިނަ ދުވަސް ދުވަހު ދެގަޑިއެއްހާއިރުންނެވެ. އެއީ ވައިމަޑުނަމަ ފަލި ބޭނުން ކުރަން ޖެހޭތީ އާއި އެހެންވެސް ސަބަބުތަކާ ހެދިއެވެ. އިންޖީނު ބައްތެލިން ނަމަ ގިނަވެގެން ގަޑިއެއްހާއިރު ތެރޭގައި ގަމަށް ދެވެއެވެ. އެކަމަކު މީދޫ މީހުންނަށް ޖެހެނީ ފަތިސްވުމުގެ ކުރިން ހޭލައިގެން ހިނގާފައި ހުޅުދޫއަށް ދިއުމަށެވެ. ހަސްފަތާލަށްދާ އަންހެނުންނާއި ކުޑަކުދީންނަށް ވެސް އޮންނަނީ މިގޮތެވެ. މީން ކޮންމެ މީހަކަށްވެސް ދެވޭނީ ކަނޑައެޅިފައި އޮންނަ އަގެއް ދީގެންނެވެ.

މިހިސާބަށް ކަންތައް ދިއުމުން މީދޫގެ ފަސްމީހަކު އެއްބައިވެގެން އިންޖީނު ބައްތެއްޔެއް ގަންނަން ނިންމައިފިއެވެ. އެ ފަސް މީހުން ވެސް ހަމަހަމައަށް ހިއްސާވާ ގޮތަށެވެ. އެ ފަސް މީހުންނަކީ އެޅެބެއްޔާގެ ހަސަންދީދީ، ފައްކެނޑިގޭ ސައީދު، އެޅެގޭ މަޖީދު، ސަންރޭ ޝާކިރު އަދި ކުދުބެޔާގެ ޚަލީލު އެވެ. މި އެންމެންނަކީވެސް އޭރު ގަމަށް މަސައްކަތުދާ މީހުންނެވެ. އެއްބަސްވެވުނީ ބަޔަކު މާލެ ގޮސް ރަނގަޅަށް ބަލާފައި އެކަށީގެންވާ ލޯންޗެއް ގަނެގެން މީދޫއަށް ގެނައުމަށެވެ. މާލެ ދާން ހަމަޖެހުނީ އެޅެބެއްޔާގެ ހަސަން ދީދީ އާއި ޚަލީލެވެ. މި ދެމީހުން މާލެ ދިޔައީ 1969 ވަނަ އަހަރުއެވެ.

ލޯންޗު ގަންނަން ދިޔަ ދެ މީހުންނަކީވެސް ކަމުގެ ތަޖުރިބާ ލިބިފައިވާ ބައެއް ނޫނެވެ. ދެ މީހުންވެސް އިންޖީނު ދަނެއެވެ. ފަންނީ މަސައްކަތް ދަނެއެވެ. އެކަމަކު ލޯންޗުގެ މޮޅުދެރަމިނާއި ކަނޑުފަޅަށް މޮޅުދެރަ ދެނެގަތުމުގައި ދެ މީހުންގެވެސް ހުނަރެއް ނެތެވެ. މި ދެމީހުން މާލޭގައި ނިކަން ލޮނު ހެޔޮވަރުކޮށް ޗުއްޓީއެއް ހެދުމުގައި އުޅެނިކޮށް ޝަބުނަމީގޭ އިބްރާހިމް ދީދީއޭ ކިޔުނު ވިޔަފާރިވެރިޔަކު ޒާތެއްގެ ލޯންޗެއް ގެންގުޅޭ ވާހަކަޔާއި އެ ލޯންޗު ވިއްކާލަން އޭނާ ރުހިދާނެ ކަމުގެ ޚަބަރު ލިބިއްޖެއެވެ.

ޝަބްނަމީ އިބްރާހިމް ދީދީއަކީ މިހާރުގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް ދީދީގެ ބައްޕައެވެ. އެދުވަސްވަރު އައްޑޫ އާއި ފުވައްމުލަކާއި ދޭތެރޭ ދަތުރުކުރި ކިޔާހުވާ ނަމަކަށް ކިޔުނު ބޯޓަކީ ވެސް މި އިބްރާހިމް ދީދީ ވިއްކި ބޯޓެކެވެ. އެހެންކަމުން މީނާ ބޯޓު ޑީލަރެއްގެ ގޮތުގައި މަޝްހޫރުވެފައިވެ އެވެ. މީނާގެ ކައިރިއަށް ގޮސް ލޯންޗު ވިއްކާނުތޯ އެހުމުން އާނއެކޭ ބުނެފިއެވެ. ދެން މީގެ ދެމީހުން ގޮވައިގެން މީނާ ގޮސް ލޯންޗު ދައްކައި ހަދައިފިއެވެ. މިވެރިން ބެލިއިރު އިންޖީނެއް ހުއްޓެވެ. އިސްޓާޓުވެސްވެއެވެ. ލޯންޗު އޮތީ ފަޅުގައެވެ. ފެންނަ ފެނުމުގައި ސާޅީހަކަށް މީހުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެއެވެ. ލޯންޗަކީ ސައްކެޔޮ ވަކަރުން ސިލޯނުގައި ބަނދެފައި އޮތް ލޯންޗެކެވެ. އިންޖީނަކީ އެއް ސިލިންޑަރު އެގާރަ ހޯސްޕަވަރުގެ ޔަންމާ ޑީސަލް އިންޖީނެކެވެ.

ލޯންޗުގެ ނަމަކީ ސޯމާ އެވެ. ޝަބްނަމީ އިބްރާހިމް ދީދީ އެއްބަސްވި އަގަކީ ހަތްހާސް ރުފިޔާ އެވެ. މިއަގަކީ އޭރު ކިތަންމެ ބޮޑު އަގެއްކަމުގައި ވިޔަސް އަގު ކުޑަކުރުމުގެ އެއްވެސް ވާހަކައެއް ހަސަންދީދީ ވެސް އަދި ޚަލީލުވެސް ނުދައްކައެވެ. އަގުދީފައި މިލްކުވެރިކަން ބަދަލުކޮށް ލޯންޗު ރަޖިސްޓްރީ ކުރީ ހަސަން ދީދީއަށެވެ. މިލްކުވެރިކަން ބަދަލުކުރިއަސް އުޅަނދުގެ ނަން ބަދަލެއް ނުކުރެއެވެ. ރަޖިސްޓަރީގެ ކަންކަން ނިންމުމަށްފަހު ދެ މީހުންވެސް އަވަސްވެގަތީ މާލޭ ފަޅުގައި ލޯންޗު ބާއްވާފައި ރަށަށް ދިއުމަށެވެ. މި ދެމީހުން ވެސް ސުވާސާ ނަމަކަށް ކިޔުނު ބޯޓެއްގައި އައްޑޫއަށް ފުރީ ބަޔަކު އައިސް ލޯންޗު ނަގަންދެން އޭތި ބަލަހައްޓައިދޭނެ ކަމަށް ޝަބްނަމީ އިބްރާހިމް ދީދީ އެއްބަސް ކުރުވައިފައެވެ.

ހަސަން ދީދީ އާއި ޚަލީލު ރަށަށް ގޮސް ދެން ބެލީ ލޯންޗު އައްޑޫއަށް ގެންނަން ކުރޫއެއް ހަމަޖެއްސުމަށެވެ. މިގޮތުން އަގުދީފައި މިކަމަށް ހަމަޖެއްސީ ފުވައްމުލަކު މީހަކާއި މީދޫއަށް އަރުވާލާފައި ފަހުން މިނިވަންވެފައި ހުރި ކުޅުދުއްފުށީ މީހެކެވެ. އެއީ ދޮރޮބައިގެދަރު އަހައްމައިދި އާއި މުހައްމަދު ގާސިމެވެ. މި ދެމީހުން މާލެއަށް ފުރުވާލެވުނީ ހަތަރު ފަސް މަސް ފަހުންނެވެ. އެ ދެމީހުން މާލެ ގޮސް ސޯމާ އާއި ހަވާލުވެ އެންމެ ފުރަތަމަ ގަސްތުކުރީ އަމިއްލައަށް ދުއްވާފައި އައްޑޫއަށް ދިއުމަށެވެ. މި ވިސްނުމުގައި މާލެއިން ފުރައިގެން އަރިއަތޮޅު ބަނޑުދޮށާ ހަމައަށް ދެވުނުތަނާ ލޯންޗުގެ ޝާފްޓް ބިންދައިގެން ހިގައްޖެއެވެ. ދެން އެހިސާބުން މަސްދޯނިފަހަރަށް އާދޭސްކޮށްގެން ދޯންޏެއްގެ ކަފު ޖަހައިގެން ވެއްދީ އަރިއަތޮޅު ހަންޏާމީދޫ ބަނދަރަށެވެ. އެ ބަނދަރަށް ވައްދާފައި ފަޅުވެރިން ދިޔަތާކަށް ގޮސް އަވަދިވެއްޖެއެވެ. ފަހުން މިކަމަކާ އެމީހުންނެއް ނޫޅެއެވެ.

އަރިއަތޮޅުގައި އަހަރެއްވާންދެން ސޯމާ އޮތެވެ. އެއީ ކަފުޖަހައިގެން އައްޑުއަތޮޅާ ހަމައަށް ގެނެސްދޭނެ ބޯޓެއް ނުފެނިގެންނެވެ. އެދުވަސްވަރަކީ ސުވާސާއޭ ކިޔުނު ބޯޓެއް އައްޑުއާއި މާލެއާ ދޭތެރޭ ދަތުރު ކުރި ދުވަސްވަރެވެ. އެއީ މާލޭ މީހެއްގެ ބޯޓެކެވެ. އެބޯޓު ދުއްވުމާއި ނިޔަމިކަމާއި ހަވާލުވެގެން ހުރީ މީދޫ އެޅެބެއްޔާގެ އަބްދުﷲ ދީދީއެވެ. މި އަބްދުﷲ ދީދީއަކީ ސޯމާ ލޯންޗުގެ ފަސް ހިއްސާދާރުންގެ ތެރޭން ފައްކެނޑިގޭ ސައީދުގެ ބައްޕައެވެ. އަދި އެޅެބެއްޔާގެ ހަސަން ދީދީގެ ބޭބެ އެވެ. މި ދެމީހުން އާދޭސްކޮށްގެން ސުވާސާ ބޯޓު ދެން މާލެ ދާ ފަހަރެއްގައި ކަފު ޖަހައިގެން ސޯމާ ގެނެސްދޭނެ ކަމަށް އަބްދުﷲ ދީދީ ވައުދުވެއްޖެއެވެ. އެއީ އެކަމަށް ހިނގާނެ ޚަރަދު ސޯމާގެ ހިއްސާދާރުން ދޭ ގޮތަށެވެ.

މީދޫ ބަނދަރަށް ސޯމާ ގެންގޮސް މަރާމާތު ކުރަން ޖެހުނީ ހަމައެކަނި އިންޖީނެއް ނޫނެވެ. މުޅި ލޯންޗު މަރާމާތުކުރަން ޖެހުނެވެ. ލޯންޗުގެ ފަށަނުން ފެށިގެން ބޮޑުބައެއްގައި ހުރީ ސިމެންތި ޖަހައި ލޮނު ނުވަންނަ ގޮތް ހަދައިފައެވެ. މިހެންގޮސް ކިތަންމެ މަކަރެއް ހަދާފައި ހުއްޓެވެ. މަރާމާތުގެ ތެރޭގައި ސޯމާގެ އެއް އަރިމަތީގައި ޖަހާފައި ހުރި ލޮއި ނައްޓާލައިގެން އެޅެބެއްޔާގެ ހަސަންދީދީ ވަރަށް ނުރުހިގެން ވާހަކަ ދެއްކުމުން އަނެއްފަރާތުގައި ހުރި ލޮއި ނުނައްޓާ ބަހައްޓައިފި އެވެ. މިހެންވުމުން ލޮއި ހުރީ އެއްފަޅީގައެވެ. މިސަބަބާ ހެދި މީދޫ މީހުންނަކީ އެއްފަޅިން ކަންކުރާ ބައެކޭ ބުނެ އެހެން ރަށްރަށުގެ މީހުން ހަޖޫވެސް ކިޔާފައިވެއެވެ. މިހުރިހާ މަރާމާތަކަށް ފަހު އިންޖީނުވެސް ރަނގަޅުކޮށް ޝާފްޓުވެސް އާކޮށްގެން މީދޫއާއި ގަމާއި ދޭތެރޭގައި ދަތުރުކުރެވޭ ވަރުވީ 1971 ގައެވެ. ލޯންޗުގެ އިންޖީނާއި ގުޅޭ ހުރިހާ ކަމެއްގެ އިސް މީހަކީ ޚަލީލެވެ. އިންޖީނުގެ ސްޕެއަރ ގެންނަނީ ގަމުގެ ވަސީލަތްތައް ބޭނުންކޮށްގެން ބޭރުންނެވެ.

ސޯމާގައި ހުރި އިންޖީނަކީ ވަރަށް ބާ އިންޖީނަކަށް ވުމާއި އިންޖީނުގެ ކެޕޭސިޓީވެސް ކުޑަކަމުން ލޯންޗުގެ ސްޕީޑު ވަރަށް ލަހެވެ. މިގޮތުގައި ދަތުރުކުރެވުނީ ހައެއްކަ މަސް ދުވަހުއެވެ. އަނެއްކާވެސް އިންޖީނު ހަލާކުވެއްޖެއެވެ. މި އިންޖީނުގެ އަޑުގަދަކަމާއި ވައިބްރޭޝަނުގެ ގަދަކަމުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ސޯމާ ޕަޓަޕަޓަ ކިޔުނީ މިހެންވެގެންނެވެ. އިންޖީނު ސްޓާޓުވަނީ އޭގައިވާ ބިޔަ ޑިސްކު އަނބުރާލައިގެންނެވެ. އޭގައިވާ ހެންޑެއްޔަކުން އިންޖީނު ސްޓާޓްކުރަން ބޭނުންވާ މިންވަރަށް މި އެނބުރުމެއް އަނބުރާލެވޭ ތިބީ ދެ މީހެކެވެ. އެއީ ޚަލީލާއި ދޮންއައިސާގެ އަބްދުﷲ އެވެ. އެހެން މީހަކަށް މިކަމެއް ނުވެއެވެ. ދެން މިކަމާ ދޭތެރޭ ހަދާނެ ގޮތަކާއި ދޭތެރޭ ފަސް ހިއްސާދާރުން ސައްލާކުރުމަށްފަހު ނިންމީ އާ އިންޖީނެއް ގަތުމަށެވެ. އާ އިންޖީނެއް ލިބޭތޯ އުޅުމުގެ ތެރޭގައި ފޭދޫ ކުއްބަގޭ މުހައްމަދު ނަމަކަށް ކިޔުނު މީހެއްގެ އަތުގައި އިންޖީނެއް ހުރެގެން އޭނާގެ ކައިރިއަށް ހިގައްޖެއެވެ. މި އިންޖީނަކީ މެރީން އިންޖީނެއް ނޫނެވެ. އެއީ ގަމުގައި ދުއްވި އެއްގަމު އުޅަނދަކުން ނަގާފައިވާ އިންޖީނެކެވެ. ޕެޓްރޯލް އިންޖީނެކެވެ. އެހެންވިޔަސް މިހެންވިޔަސް ވަރިހަމަކަމަށް އެއްބަސްވެފައި ވިއްސަކަށް ޕައުންޑަށް މިވެރިން އެ އިންޖީނު ގެންފިއެވެ. އެ އިންޖީނު ސޯމާގައި ބެހެއްޓީ ވަރަށް ބޮޑަށް މޮޑިފައި ކޮށްގެންނެވެ. އެއީ ހަތަރު ސިލިންޑަރު ސާޅީސް ފަސް ހޯސްޕަވަރުގެ އިންޖީނެކެވެ.

މި އިންޖީނު ސޯމާގައި ބެހެއްޓީމާ ސްޕީޑުގެ ގޮތުން ރަނގަޅެވެ. ގަމުން އިނގިރޭސިން ފައިބަންދެން ގަމާއި މީދޫއާ ދޭތެރޭ ދަތުރުކުރުމުގައި ސޯމާ ދެމިއޮތެވެ. އެންމެ ފުރަތަމަ މީދޫ އެންމެން ގަމަށް ދިޔައީ ސޯމާގައެވެ. ފަހުން ދޮންއަހައްމަދާގެ އިބިރާ އާއި އޫގެހާގެ އަހައްމައިދި ގުޅިގެން ހުޅުދޫ ހަސަން އަޒީޒު އަތުން ލޯންޗެއް ގަނެގެން މީދޫގައި ދުއްވިއެވެ. އެ ލޯންޗަށް ކިޔަނީ ރޫލަރ އެވެ. އެހެންވީމާ އިނގިރޭސިންގެ ދައުރުގެ ފަހުކޮޅު މީދޫގައި ދެ ލޯންޗު އޮތެވެ. މީގެ ތެރެއިން ބޮޑަށް ޑިމާންޑް އޮންނަނީ އަދި ބޮޑަށް މަޝްހޫރީ ސޯމާއެވެ.

ސޯމާ އަކީ ވިޔަފާރީގެ ގޮތުން ނަފާވި އުޅަނދެކެވެ. އެއިން ގަމަށް ދަތުރުކުރެވެނީ ނާލު ދީގެންނެވެ. ސޯމާ ދުއްވަން އޭގެ ފަޅުވެރިއެއްގެ ގޮތުގައި ފުލްޓައިމް މުވައްޒަފަކު ގެންގުޅުނެވެ. އެއީ ދޮންއައިސާގެ އަބްދުﷲ އެވެ. ފަޅުވެރިޔާއަށް މުސާރަ ދީފައި އިންޖީނުގެ ތެލާއި ސްޕެއަރ އަށް ޚަރަދުކޮށްފައި ވެސް ފުދޭވަރެއްގެ ބޮޑު އެއްޗެއް ހިއްސާދާރުންނަށް ލިބެއެވެ. ސޯމާއަކީ އެންމެ ފުރަތަމަ ވޯކީޓޯކީ ގެންގުޅުނު ލޯންޗުވެސްމެއެވެ. މި ވޯކީޓޯކީ ފަހުން އޮތީ ފައްކެނޑިގޭގައެވެ.

އިނގިރޭސިން ގަމުން ފޭބީމާ ސޯމާގެ ދަތުރުތައްވެސް ހުއްޓިއްޖެއެވެ. ސޯމާ އެހެލާފައި އަހަރުތަކެއް ވަންދެން ހުއްޓެވެ. އެއީ ހުޅުދޫގައި ތިމަރަފުށީ މުހައްމަދުފުޅު ވަރަށް ބިޔަ ބޯޓެއް ބަންނަމުންދިޔަ ދުވަސްވަރެވެ. އެބޯޓަކީ ފަހުން ނޫރާނީ ކުއީންގެ ނަމުން މަޝްހޫރުވެގެންދިޔަ ގައްދޫ ޒާހިރުގެ ސަފާރީ އެވެ. އެ ބޯޓު ބަންނަމުންދިޔަ ދުވަސްވަރު މުހައްމަދުފުޅު އެދިގެން ސޯމާ އޭނާއަށް ވިއްކައިލީއެވެ. މި ވިއްކުމެއް ވިއްކައިލީ ފަސްހާސް ރުފިޔާއަށެވެ. އެ ފަސްހާސް ރުފިޔާ ފަސް ހިއްސާދާރުންގެ މެދުގައި ހަމަހަމައަށް ބަހައިލީއެވެ. ސޯމާގެ ރަޖިސްޓްރީ އޮތީ އެޅެބެއްޔާގެ ހަސަން ދީދީއަށް ކަމުން މި ވިޔަފާރިއެއް ކުޅައީ އޭނާއެވެ. އެކަމަކު މިކަމާ ހިތްހަމަނުޖެހިގެން ފަސް ހިއްސާދާރުންގެ ތެރެއިން އެޅެގޭ މަޖީދު ކޯޓުގައި ދައުވާކުރިއެވެ. ގިނަ ދުވަސްތަކަކަށް ޝަރީއަތް ދިގުދެމިގެން ދިއުމަށްފަހު ނިންމީ ހަސަން ދީދީގެ ނަމުގައި ރަޖިސްޓްރީވެފައިވާ އުޅަނދަކަށްވާތީ އޭނާއަށް އެ އުޅަނދު ވިއްކޭނެ ކަމަށާއި އެ ވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމަށެވެ.

You may also like...

2 Responses

  1. ހާމިދު says:

    ތިޔަ މަޖީދަށް ގަދަކަމުން ވިޔަސް ގާނޫނީ ވަކީލުކަމުގެ ސެޓިފިކެޓް ދޭން ވެއްޖެއެވެ. އާނފަހެ ތިމީހާގެ ކަމަކީ އަބަދު ކޯޓުތަކަށް ދުވުމެވެ. އެންމެފަހުން ކެރެޓު ނަޖީބުވެސް އަމިއްލަ ކަރަށް ވަޅިއެއް ހަރާލައިގެން މަރުވާން އުޅުނީ ތިޔަ މަޖީދުގެ ކޭސްއެއްގައި ވަކާލާތުކުރަން ޖެހިގެންނެވެ.

  2. Hassan Didi says:

    ޝަބްނަމީ ދީދީ އަކީ ބޯޓު ޑީލަރެކެވެ. މަކަރުވެސް ހަދާ މީހެކެވެ. ކިޔާހުވާއަކީ ވެސް އެދީދީގެ ބޮޑު އޮޅުވާލުމެކެވެ. ކިޔާހުވާގައި ހުރި އިންޖީނަކީ ހަމަ ސޯމާގައި ހުރިކަހަލަ ޔަންމާ ޕަޓަޕަޓަ އެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!