ކުދުބެއްޔާ އާއި އައިހާއްކަލޯ ގެނބުނު ހާދިސާގެ ވާހަކަ
މިއީ މީދޫގެ ތިން މީހަކު އިސްމެހެލާ ހެރައަށް ދިއުމަށް ފަހު އެނބުރި ރަށަށް އައި މަގުމަތީގައި ގެނބިގެން އޭގެ ތެރޭން ދެ މީހުން ނިޔާވި ހިތާމަވެރި ހާދިސާގެ ވާހަކައެވެ. ރަށުގެ ނިސްބަތުން އަދި ރާއްޖޭގެ ނިސްބަތުންވެސް އޭރުގެ ހާލަތަށް ރިއާޔަތް ކުރާއިރު އެއީ ބޮޑު ހާދިސާއެކެވެ. އެހެންކަމުން ފަހު ތިބީންނަށް ދޭހަވާ ގޮތަށް އެ ހާދިސާއަށް ލިޔުމެއްގެ ސިފަ ގެންނަން ގަސްތު ކުރީއެވެ.
އެއީ 1981 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހެވެ. ހުޅަނގު މޫސުމުގެ އަދަ ނަކަތުން ފަސް ވަނަ ދުވަހެވެ. އޭރު ރަށާއި އިސްމެހެލާ ހެރަ އެއްގަމުން ގުޅިފައެއް ނޯވެއެވެ. އެ ދެމެދުގައި އޮންނަނީ ތިލަ ފަޅެކެވެ. މި ފަޅުގެ ދެބައިކުޅަ އެއްބައި ހާ ހިސާބުގައި އޮންނަނީ ކޮންމެވެސް ވަރަކަށް މޫދުވިނަ ހެދިފައެވެ. އެއީ ބޮޑަށް ރަށާއި އަދި ފާލަމާއި ކާރި ހިސާބެވެ. މޫދުވިނަ ނިމޭ ހިސާބުން ދެން އޮންނަނީ ހުދު ދޮންވެލީގެ ފުން ސަރަހައްދެކެވެ. އެތަނަށް ރަށު މީހުން ކިޔަނީ އެޑެގޮނޑެވެ. މި ދޭތެރޭގައި ފަޅުތެރެއިން އާއްމުކޮށް މީހުން އައިސްގޮސް ވުމަށް މަގެއް އޮވެއެވެ. އެމަގަށް ކިޔާނަމަކީ ކުދުބެއްޔާ މަގެވެ. މި މަގަކީ އަބަދު މީހުން ހިނގާބިނގާ އުޅުމުގެ ސަބަބުން ވިނަ ސާފުވެ ވެލިގަނޑު ފެންނަ ގޮތަށް ސާފުކޮށް އޮންނަ ރޮނގެކެވެ. ފުޅާ މިނުގައި ގާތްގަޑަކަށް ދެ ފޫޓެވެ. ދިޔަވަރު ހިކުނީމާ އެންމެ ފުންތަނުގެ ފުންމިން އާދައިގެ މީހެއްގެ ކަކުލަށް ވުރެ މައްޗެއް ނުވާނެއެވެ. ދިޔަވަރު ބޮޑުވީމާ މޭ މައްޗަށް ލޮނުގަނޑު އަރާނެއެވެ. ދިޔަވަރު ބޮޑުވީމާ ކުރުމީހުންގެ އިސްކޮޅު ނުޖެހޭ ތަންކޮޅެއްވެސް އޮވެއެވެ.
މީދޫ މީހުން ތަފާތު ބޭނުންތަކަށް އާއްމުކޮށް އިސްމެހެލާ ހެރައަށް ގޮސް އުޅުނީ ފަޅުތެރޭން ހިނގާފައެވެ. އެއީ ގާތްގަޑަކަށް ބާރަ ސަތޭކަ ފޫޓުގެ ހިނގުމެކެވެ. މަގު ފެށިފައި އޮންނަނީ ފާލަމަށް އަރައިގެން ފަންސާސް ފޫޓަށް ދެވޭ އިރު ފާލަމުގެ ހެރައާއި ވީ ފަރާތުން މޫދަށް ފައިބާ ޕޮއިންޓުންނެވެ. އެ ދުވަސްވަރު އިސްމެހެލާ ހެރަ ވަރުވާއަށް ނަގައިގެން އުޅުނީ ހުޅުދޫ މުހައްމަދު މަނިކުގެ އިބްރާހީމް ދީދީ އެވެ. ރަށް ބަލަހައްޓާން ހަވާލު ކޮށްފައިވަނީ މީދޫ ކުދުބެއްޔާއާ އެވެ. ކުދުބެއްޔާ އަކީ މީދޫ އެޅެބެއާގެ މުހައްމަދު ފުތާއެވެ. އެއީ މަސްދޯނި ފަހަރު ގެންގުޅުނު ތަނަވަސް މީހެކެވެ.
އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެއްގައި ކުދުބުއްޔާ އާއި އިތުރު ދެ ރަހްމަތްތެރިން އެކުގައި އިސްމެހެލާ ހެރައަށް ދިޔައެވެ. އަނެއް ދެ މީހުންނަކީ އިސާފުޅުގޭ މުހައްމަދު ދީދީ (އީސާފުޅުގޭ ބޭބޭ) އާއި އިބިރިހިމް މަނިކުފާނުގެ މުޙައްމަދު މަނިކުފާނު (އައިހާއް ކަލޯ) އެވެ. މި ތިން މީހުން ހެރައަށް ދިޔައީ ކަނޑާފައި އޮތް ރުކަކުން ވަކަރު ކީހުމަށެވެ. އެއީ ހަސަންބެއާގެ ގޭގެ ކޮންމެވެސް ތަނެއް ހަދާން ވަކަރު ބޭނުން ވެގެންނެވެ.
އެދުވަސްވަރު ބޮޑެތި ވަކަރު ކީހާ ހަދާނީ ބޮޑު ކީހުންނެވެ. ބޮޑު ކީހަކީ ދިގު މިނުގައި ގާތްގަޑަކަށް ހަފޫޓް ހުންނަ އަދި އެއިގެ ދަތްތައް ބޮޑު ކީހެކެވެ. މިޒާތުގެ ކީހުން ކީހާ އިރު މަދުވެގެން ތިން މީހުން ބޭނުން ވެއެވެ. އެއީ ކީސް ދެކޮޅަށް ދަމަން ދެ މީހުންނާއި އަބު ޖަހާނެ މީހެކެވެ. މި ތިން މީހުން ހެރައަށް ގޮސްގެން ހަތަރު ބެރި ވަކަރު ކީހައިފިއެވެ. މި ކީހުމެއް ކީހައި ނިމުނުއިރު ހަވީރު ފަހެއް ޖަހައިފިއެވެ. ކީހާ ނިމިގެން ކުދުބެއްޔާ ބުނެފިއެވެ. ސައި ބޮއިގެން މައުރިބް ނަމާދު ވަގުތު ފާއިތުވުމުގެ ކުރިން ރަށަށް ދެވެތޯ ބަލަމާ ބަހީއެވެ.
ތިން އެކުވެރިން އެނބުރި ރަށަށް ދާންވެގެން މޫދަށް ފައިބާފައި ކުދު ބެއްޔާ އަހައިފި އެވެ. ކީހަން އުއި ޖަހަން ގެންގުޅުނު ކަޅޫ ނެގިންހެއްޔެވެ. އިސާފުޅުގޭ މުހައްމާދި އާއި އައިހާއް ކަލޯ ވެސް ބުނީ ހަނދާން ނެތިގެން ކަޅޫ ނުނަގާ އާދެވުނު ކަމަށެވެ. ދެން މުހައްމާދި ކާރީގައި ކުދުބެއްޔާ ބުނެފިއެވެ. އަވަހަށް އެއްގަމަށް ގޮސް ކަޅޫ ނަގައިގެން އަންނާށެވެ. ތިމަން ދެމީހުން ކުރިއަށް ދާނަމެވެ. މުހުއްމާދި އެއްގަމަށް ގޮސް ކަޅުލާއި ދެލިއުނބު ނަގައިގެން ރަށާ ވީ ކޮޅުން ހެރައިގެ ގޮނޑު ދޮށަށް ފޭބި އިރު، އިރު އޮއްސި އަނދިރިވަނީއެވެ. ނަގަން ފެށި ވިއްސާރަ ވިލާގަނޑެއްގެ ސަބަބުން އަދި އެއަށް ވުރެވެސް ދުނިޔެމަތި އޮތީ އަނދިރިކޮށެވެ. އެއިރު ކުދުބެއްޔާއާއި އައިހާއް ކަލޯ ފެންނާކަށް ނެތެވެ. މުހައްމާދި މޫދަށް ފައިބަމުން ކުދުބެއްޔާ މެންނަށް ތިންހަތަރު ފަހަރަކު ގޮވި އެވެ. އެކަމަކު ޚަބަރެއް ނުވިއެވެ. މުހައްމާދި މޫދަށް ފައިބައިގެން ހިނގައިގަތް ތަނާ ފާލަމުގެ ބޭރުކޮޅާވީ ފަރާތުން މީހެއްގެ އަތް ކިރިޔާ ފެންނަ ވަރު ވެއެވެ. އެއީ އަމިއްލަ ބާރެއް ނެތި އޮޔާއެކު ބޭރަށް ދަމަމުން ދާ މީހެއް ކަން އޭނާއަށް ވިސްނިއްޖެއެވެ. އަދި އެވާނީ ކުދު ބެއްޔާ އާއި އައިހާއް ކަލޯއާ ދެމީހުން ކުރެ ކޮންމެވެސް އެކަކަށް ކަންވެސް އެގިއްޖެއެވެ.
އަނދިރިވަނީއެވެ. އެހީއަށް އެދި ގޮވާނެ އިތުރު މީހަކު ފެންނާކަށް ނެތެވެ. ވައި ބާރުވުމާއި އެކު އޮއިވަރު ވެސް އެހާ ބާރެވެ. މިދޭތެރެ އަކީ މޫސުމް ގޯސް ދުވަސްވަރު ވަރަށް ބާރު އޮއިވަރެއް އޮންނަ ތަނެކެވެ. މި އޮއިވަރު ދެމިގެން ދާނީ ސީދާ ރަށު ފާލަމުގެ ބޭރު ކޮޅުން ނެއްޓި ފުން ވިލަށެވެ. މުހައްމާދި ވަރަށް ހިތްވަރުކޮށްފައި ރަށާއި ވީ ކޮޅުން ހިކަހެރައިގެ ބަނޑު ދަށުން ކުރިއަށް ހިނގައިގެން ފިއެވެ. ދިޔަވަރުވެސް ބޮޑުވުމާއި އެކު އެދެމެދުގައި އޮންނަ ފުން ހިސާބުގައި ބައެއްްފަހަރު އިސްކޮޅު ނުޖެހެއެވެެ. ފާލަން އަތުލުމަށްވުރެ މުހައްމާދި ބޮޑަށް ބެލީ ހިކަހެރައިގެ ބަނޑުދޮށުން ގޮސް ރަށުގެ ލޮނޑިކެޑެ ފަންނޭ ކިޔުނު ސަރަހައްދުން ގޮނޑުދޮށަށް އެރުމަށެވެ. މުހައްމާދިއަށް ކިރިޔާ ރަށަށް އެރުނީއެވެ. ލޮނޑިކެޑެފަންނުގެ ގޮނޑު ދޮށަށް އާދެވުނުއިރު މީހާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ހިނގާފައިގޮސް ފާލަމަށް އަރައި ދެން ބެލީ ދޯންޏެއް ފެނޭތޯއެވެ.
ފާލަމުގެ ދެކުނު ފަރާތުގައި ދޯންޏެއް އަޅާފައި އޮތެވެ. އެއީ ސައިގޭ ޝާކް ދޯންޏެވެ. އެއީ މަހަށް ފުރާ ސައިޒުގެ ބޮޑު ދޯންޏެކެވެ. އެކަނި ހައްޓާ އެދޯނި ނެގުމަކީ އުނދަގޫ ކަމެކެވެ. އެހެނަސް އެދޯންޏަށް އަރައިގެން ގޮސް ބެހެމުންދާ މީހާއާއި މުހައްމާދި ކާރި ކޮށްފިއެވެ. އަދި ވަރަށް މަސައްކަތުން އެމީހަކު ދޯންޏަށް ވެސް ނަގައިފި އެވެ. އެއިރު އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ. އަތް ހުރީ މައްޗަށް އުފުލިފައެވެ. ފެންފައިވާނޭ މިކިޔާ ޒާތުގެ ފައިވާނުގެ ދެކިބައިގައި ހިފެހެއްޓިގޮތަށް އަތުން ދޫނުވެ ހުއްޓެވެ. މަރުވެފައި ވަނިކޮށް ފެނުނީ ކުދުބެއްޔާ އެވެ. އެއިރު މުޅިން އަނދިރި ވެއްޖެއެވެ. ކުރިއަށް ވުރެ ބާރު ވަޔާއިއެކު ގަދަ ވިއްސާރަ ވިލާގަނޑެއް ބޯމަތިވެ ވާރޭ ވެސް ވެހެން ފަށައިފިއެވެ. ފާލަމުގެ ދެކުނު ފަރާތުން ކުޑަކޮށް މަޑު ލިބޭ ހިސާބަކަށް ދޯނި ވައްދާފައި ހަމައެދިމާލުން ގޮނޑުދޮށަށް އަރައިގެން ބާރަށް ދުވެފައި މުހައްމާދި ދިޔައީ އެއްގަމަށެވެ. އަމިއްލަ ގޭމީހުންނާއި ރަށު މީހުންނަށް މިހާދިސާގެ ޚަބަރު ދިނުމަށްޓަކައެވެ.
މުހައްމާދި އަށް އެއްގަމަށް އާދެވުނީ މައުރިބު ނަމާދުން މީހުން ފޭބި ވަގުތުއެވެ. އޭނާގެ އަމިއްލަ ގެ އީސާފުޅުގެ އަށްް ދިއުމުގެ ކުރީން ހަސަންބެޔާގެ ދޮށަށް ހުއްޓި މި ޚަބަރު ދީފިއެވެ. ޚަބަރު ދިން އިރުވެސް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. ބުނި އެއްޗެއް ބުނީވެސް ވަރަށް ކުރުކޮށެވެ. މިވަރުން ހަސަންބެޔާގެ މީހުންނަށް އެއްޗެއް އޮޅުން ފިލިކަމެއް ނޭގެއެވެ. އެެއަށް ފަހު ދިޔައީ އަމިއްލަ ގެއަށެވެ. އަންހެނުން އާމިނާދި އާއި ދަރިފުޅު އަބްދުﷲ ދީދީ އަށް މިހާދިސާ ކިޔާދޭން އުޅުމުންވެސް ވާހަކަ ދެއްކޭ ވަރެއް ނުވިއެވެ. މުޅި މީހާ ފިނިވެފައިވާ ވަރުންނާއި ގެންފައިވާ ބިރެއްގެ ބޮޑު ކަމުންނެވެ. ވިއްސަކަށް މިނިޓް ފަހުން މި ހާދިސާ އާ ބެހޭ ގޮތުން ފުދޭ މިންވަރެއް ސާފުވާ ވަރު ވެއްޖެއެވެ.
އޭރު އަޅުގަނޑު ވަރަށް ކުޑައެވެ. މުހައްމާދިއަކީ އަޅުގަނޑުގެ މާމަޔާ އެއްބަނޑު ބޮޑު ބޭބެއެވެ. އަޅުގަނޑަށް އެންމެ ފުރަތަމަ މި ޚަބަރު ލިބުނީ ސައިގޭ ދޮންބެއްޔާ ރޮމުން ކަހަލަ ގޮތަކަށް ބާރަށް ގޮވަމުން ދިޔަ އަޑު އިވުމުންނެވެ. އެއިރު ދޮންބެއްޔާ ކިޔާ އެއްޗެއްވެސް ސާފުވާ ގޮތެއް ނުވެއެވެ. އެކަމަކު ދޮން ބެއްޔާގެ ބައްޕަ އަށް ބޮޑު ކަމެއް ވެގެން އުޅެނީ ކަން އެނގުނެވެ. އެހިސާބުގަނޑުގެ ގިނަ ބަޔަކު ބިގަރު ދިއްލައިގެން އަތިރި މައްޗަށް ގޮސް ދޯނި ތެެރެ ބެލި އިރު އެއިގެ ތެރޭގައި އޮތީ ކުދުބެއްޔާއެވެ. ރަނގަޅަށް ބަލާލީމާ ކުދުބެއްޔާ ވަނީ މަރުވެފައިކަން އެނގުނެވެ. ދެން އެއް ގަމަށް ގެނައީއެވެ.
ދުވަސްވަރަކީ މިފަދަ ހާދިސާއެއް ދިމާވިޔަސް މިހާރު މިއޮންނަ ފަދައިން ކޯސްޓް ގާޑާއި ފުލުހުންނާއި ސިފައިންގެ ޚިދުމަތެް ލިބެން އޮންނަ ޒަމާނެއް ނޫނެވެ. ކުދު ބެއްޔާ ފެނުނަސް އޭރުވެސް އައިހާއް ކަލޯއެއް ނުފެނެއެވެ. އެހެން ކަމުން ރަށު މީހުން އައިހާއް ކަލޯ ހޯދުމަށްޓަކައި ދޯނިފަހަރުގައި ބިގަރު ދިއްލައިގެން ނިކުތީއެވެ. އެރޭ ވަރަށް ދަންވަންދެން ވިލުތެރޭން ވަރަށް ބޮޑު ސަރަހައްދެއް ހޯދިއެވެ. ދަންވަރު މަސައްކަތް ހުއްޓާލާފައި އަނެއް ދުވަހު ހެނދުނު އަނެއްކާވެސް މަސައްކަތް ފެށީއެވެ. އައިހާއް ކަލޯގެ ހަށިގަނޑު ފެނުނީ ހެނދުނު ދިހައެއް ވެސް ޖެހިފަހުންނެވެ. އޭނާ ފެނުނީ ފާލަމުގެ އުތުރު ފަރާތުން އިސްމެހެލާހެރައިގެ ބަނޑު ދޮށުން ވިލުތެރޭގައި އޮންނަ ގާގަނޑެއްގެ ތެރޭންނެވެ.
އައިހާއް ކަލޯ ފެނުނީ މޫދުގެ އަޑި ހޯދަމުންދިޔަ ބަޔަކަށެވެ. މިކަމުގައި އިސްކޮށް އުޅުނީ ސޭފުގޭ އަލި ދީދީއެވެ. ޑައިވިން ފުޅި ނޭޅިޔަސް އެއީ އަޑިއަށް ދެވޭ ހިސާބު ވީމާ ހަމަ އެކަނި މާސްކާއި ފިންސްގެ އެހީގައި މައްޔިތާގެ ހަށިގަނޑު މައްޗަށް ނެގީއެވެ. އޭރު އައިހާއްކަލޯގެ ހަށިގަނޑު ހުރީ ހަމަ ދެންމެ ދެންމެ ފެނުން މައްޗަށް އަރައިދާނެހެން ހީވާ ގޮތަށް ހެލިހެލި އެވެ. އެއް އަތް މައްޗަށް އުފުލިފައި ގޮނޑިއެއްގައި އިށީންނަން ތިރިވާ ކަހަލަ ޕޮޒިޝަނެއްގައެވެ. ނެގިއިރު ހަށިގަނޑުގައި ޒަޚަމްތަކެއް ނެތެވެ. އެކަމަކު ފައިތިލަ ކޮންމެވެސް ވަރަކަށް މަށައިގެންގޮސްފައި ހުއްޓެވެ.
އައިހާއް ކަލޯގެ ހަށިގަނޑު އެެއްގަމަށް ގެނައި ވަގުތު ރަށުގެ ފާލަމާއި އެއްގަން ގުޅުނުތާގައި އަކަ ކުރަހައި ކިޔެވެލި ތަކެއް ކިޔެވިއެވެ. އެކަމުގައި އުޅުނީ މުދިން ބޭބެ ފަދަ ބޭކަލުންނެވެ. އެއީ ކަނޑުވެގެން މަރުވާ މައްޔިތާ ނަގައިގެން ރަށަށް އަރުވާ އިރު ކަނޑުފުރޭތަ ރަށަށް އަރާފާނެތީ އެކަން މަނާ ކުރުމަށްޓަކައި ކުރި ކަމެކޯލައެވެ.
ޒުހުރީ ބެނަން އެއްތަކާއު. މީހަމަ ލެތުން ލަހަސް ވެގޭ ވާހަކާއް. އަދި ޒުހުރީ ލޭނައް ޖެހޭ ދެ ވާހަކަ ތެބޮއް. އެކެއްތަކީ ހަސަންރަހާގެ ބޭބޭ ބެހިގެން އޮޅުދޫ ކަރާއް ގޭ ވާހަކަ. އެނައް ވާހަކާކީ އިހުގެ ހަސަން ރަހާގެ މަތިކެޑެ މިސްކިތާއި ދިމާއް އިރިމައްތެ ކެޑެ ހިށިވޭލެއި ޖުމްހޫރިއްޔަތާއި ގަޑުވަގެން ކަންކެޑެގޭ ކަވެރިއަށް ހުޅަނގޮމައްތެ ކެޑަށް ބަދަލުވީ ގޮތުގެ ވާހަކަ.
ހަސަންރަހާގެ ބޭބޭ ބެހިގެން އޮޅުދޫ ކަރާއް ގޭ ވާހަކީ ވަރަށް މަޝްހޫރު ވާހަކާއް. އެވާހަކަ ލެތުމަކީ ކޮންމެހެން ކެރާއްޖެހޭވަަރުގެ ކަމައް. ގްރީން ޝޮޕް ގައި މަސައްކަތް ކެޑެ ދުވަސްވަރި ގެން ނުކުމެގެން ގްރީން ޝޮޕަށް އޭ މަގުމަތިނަސް ސިންގަޅަ ލަވަކޭހެއް.