އިސްމެހެލި މަނިކާ ރަށުގެ ހަންޑި ރާނީ
އިސްމެހެލި މަނިކާ ރަށުން ހަންޑި ކުއްޖަކު ފެންނަ ވާހަކަ އަކީ ވަރަށް ބޯދާ ވާހަކައެވެ. އިސްމެހެލި މަނިކާ ރަށަކީ މީދޫގައި ވަކި ރަށެއްގެ ނަމުން ހަމައެކަނި ނަން ކިޔާ ސަރަހައްދެވެ. އެއީ މަތިކިޅި ސަރަހައްްދުގައި އޮންނަ ތަނެކެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރީން އެއީ ފުއްޓަރު ފަރާތުން ފަޅުތެރޭގައި ވަކިން އޮތް ކުޑަ ރަށް ގަނޑެކެވެ. ފަޅު ހިކެމުން ހިކެމުން ގޮސް އެއްރަށެއްގެ ގޮތުގައި ގުޅުނީއެވެ. 80އިގެ އަހަރުތައް ފެށުނު އިރުވެސް މަތިންދާ ބޯޓުން މީދޫ މަތީން އެސަރަހައްދު ބަލާ އިރު ވަކި ރަށެއްގެ ސިފައިގައި އިސްމެހެލިމަނިކާ ރަށޭ މި ކިޔާ ތަން ފެނެއެވެ.
މިހާރު މި ވާހަކަ ހަނދާން ހުރި ބަޔަކު މަދުވާނެއެވެ. އިސްމެހެލިމަނިކާ ރަށުން ފެންނަނީ އަންހެން ހަންޑިއެއް ކަމަށް ކިޔާއުޅެއެވެ. މިގެނެސްދެނީ އެންމެ ކައިރިން ފެނުނު ކަމަށް ވާހަކަ ކިޔާ މީހުންގެ ތެރެއިން އެކަކަށް ދިމާވި ހާދިސާ އެވެ.
މުސާ ބެއްޔާ އިސްމެހެލި މަނިކާ ރަށަށް ދިޔައީ ބޮޑު ކަނބިއްޔެއް ހިފުމަށެވެ. ކުޅީގެތެރެއިން ހިނގާފައި ގޮސް އެރަށަށް އަރައި ތަންކޮޅަކަށް ދެވުނު ތަނާ މޫސާ ބެއްޔާ އަށް ފެނުނީ މަރުވެ ހިކިފައިވާ ކަށިކެޔޮ ގަހެއްގެ ބުޑު މަތީގައި އިށީދެގެން އިން މީހެކެވެ. ތަންކޮޅެއް ކާރީވީމާ އެއީ އަންހެން ކުއްޖެއްކަން އެނގުނެވެ. ލައިގެން އިނީ ދިވެހި އަންހެން ކުދިން އާދަވެ ލައިގެން މިއުޅޭ ކަހަލަ ހެދުމެކެވެ. ގައިގެ ކުލަ ދޮން ކަމާއި ސިފަ ރީތި ކަމުގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާއެވެ. ބޮލުގައި ރީތި ހުދު މަލެއް ޖަހާފައި ހުއްޓެވެ. މޫސާ ބެއްޔާ އެދިޔަގޮތަށް ގޮސް ކާރިއަށް ޖެހިލައިފައި ކޮން ކުއްޖެއްތޯ އަހައިފިއެވެ. އެކަމަކު އަނގަޔަކުން ނުބުންޏެވެ. މޫސާ ބެއްޔާ ހެދި ގޮތަކީ ކުރިއަށް ވުރެވެސް ބޮޑަށް ކާރިވެފައި ކުޑަކޮށް ގުދުވެފައި ކޮން ކުއްޖެއްތޯ އަނެއްކާވެސް އެހީއެވެ. މިފަހަރު ނޫނެކޭ ބުނާ ގޮތަށް މިކުއްޖަކު ބޯ ހަލުވައިލިއެވެ.
ކުރިއަށް ވުރެވެސް ބޮަޑަށް މޫސާބެއްޔާ މިކަނބުލޮއާ ކާރިއަށް ޖެހިލައިފިއެވެ. ގައިގެ ވަސް ޖެހޭހާ ކާރިއަށެވެ. އެހެރަ ދުވި މީރުވަހެކެވެ. އެއީ މޫސާ ބެއްޔާއަށް އެންމެ ކަމުދާ ކަށިމާ ވަސް ނޫން އެހެން ވަހެއް ނޫން ކަން ޔަގީންވީ ދެވަނަ ފަހަރަށް ބޮލުގައި ޖަހާފައި އިން މަލަށް ބަލާލީމައެވެ. މިހާ ކައިރިވެފައި މޫސާ ބެއްޔާއަށް ބަލާލެވުނީ އެނާގެ ދެލޮލަށެވެ. ލޯ ހުރީ އިންސާނުންގެ ލޯ ހުންނަ ފާޑަކަށް ނޫނެވެ. އެކަމަކު އޭރު މާލަސްވެއްޖެއެވެ. މާބޮޑަށްވެސް ލަސް ވެއްޖެއެވެ.
ކައިރިވީވީނުން އެއިރު މޫސާ ބެއްޔާއަށް ހުރެވުނީ ވަރަށް ކާރީގައެވެ. ފޫޓަކަށް ވުރެވެސް ކައިރީގައެވެ. ގައިގައި އަތްލާން ވެސް ހިތަށް އެރިއެވެ. އެކަމަކު ނަސީބަކުން އަތެއް ނުލެވެއެވެ. އަތް ނުލެވުނީ ކޮން ކުއްޖެއްކަން ނޭގޭތީއާއި އަތް ލައިފި ނަމަ ހަދާފާނެ ގޮތެއް ވެސް ނޭގޭތީއެވެ. ކޮންމެއަކަސް ދެލޯ ހުރި ގޮތް ފެނިފައި މޫސާ ބެެއްޔާ ބިރު ގެންފިއެވެ. އެކަމަކު ބިރު ނުގަންނަ ކަމަށް ހެދިގެން ހުރެ ކުޑަކޮށް ދުރަށް ޖެހިލައިފިއެވެ. އަދި ބުންޏެވެ. ނުބުއްޏަސް ތިޔައީ ކާކުކަން އެނގިއްޖެއެވެ. ތިމަން އަމްދުން ނުވެސް އުޅެމެވެ. މިހެން ހަމަ ބުނެވުމާއެކު ޕަސްލާފައި ކީ އަޑަކާއި އެކު އެކުއްޖާ އެރީ މައްޗަށެވެ. މައްޗަށް އެރި އިރު ދެ އަލިފާން ބޯޅަ ފެނުނެވެ. އިރު ކޮޅެއް ނުވަނީސް ވޭރާނޑާއިވީ ފަރާތުން މާ ކަނޑަށް ގޮސް ގެއްލުނީއެވެ.
ފަހުގެ ޚިޔާލުތައް