ހުޅުދޫ އެޅެހިށިގޭ އަހުމަދު ސާލިހާއި އޭނާގެ އޮޑީގެ ނިމުން 4

ހުޅުދޫން ފުރުން

ހުކުރުދުވަހު އަސުރެއްހައިއިރު ފުރައިގެންގޮސް އިރުއޮއްސުމުގެ ކުރިން އޮޑި ބަނދަރުކުރީ މަރަދޫ ވެންބޮޅަފިށިއޭ ކިޔުނު ހިސާބު ފަޅުތެރޭގައެވެ. އަހުމަދު ސާލިހު އެއްގަމަށް ފައިބައިގެންގޮސް އެރޭ ނިދީ މަރަދޫގައެވެ. މަރަދޫގައިހުރިކަން އެނގިގެން އެރޭ އިޝާނަމާދުން ފައިބައިގެން މަރަދޫ ވަކަރަގޭ ދޮންރަހާޔާއި މިހެންގޮސް އެރަށުގެ ކަމުވޮށިގެންވާ ވަރަށް ގިނަބަޔަކު އަހުމަދު ސާލިހު ހުރި ގެޔަށްގޮސް ބައްދަލުކޮށްފައި މޫސުން ގޯސްކަމުގެ ވާހަކަ ދެއްކިއެވެ. އުޑުމަތީގެ ބަނަކަންފިލައި ވައިމަޑުވާންދެން ދެތިންދުވަހަކަށް މަޑުކުރާންވީ ނޫންހޭ ބުންޏެވެ. މިއިން ވާހަކަޔަކަށް މާބޮޑު އަޅާލުމެއް ނުބަހައްޓައި އަހުމަދު ސާލިހު ބުންޏެވެ. މާދަން ވިއްސާރަ އަލިވެދާނެތޯއްޗެކެވެ. ކޮންމެގޮތެއްވިޔަސް މިރަށުން ފުރާބަޔަކު ތިބިކަމަށްވަންޏާ އެބަޔަކާއެކު މާދަން ހެނދުނު ފުރާނަމެވެ.

އަނެއްދުވަހު ހެނދުނުގެ ނާސްތާކޮށްގެން މަރަދޫން އޮޑި ނައްޓައިލީ މަރަދޫ ދެތިން މީހަކާވެސް އެކީގައެވެ. މަރަދޫން ނައްޓައިލިއިރު މޫސުން ކުރިއަށްވުރެ ކުޑަތަންކޮޅެއް ރަގަޅެވެ. އެހެންނަމަވެސް ވަރަށް ވައިބާރެވެ. ވައިބާރުކަމުން ބޮޑުރިޔާ ކޮށިކޮށްގެން އަތޮޅުގެ އުތުރުކޮޅުން މާކަނޑަށް ނިކުންނާންގޮސްފައި ދިމާކުރީ ކޮޑަކަނޑަށެވެ. ކޮޑަކަނޑަކީ ކަނޑިހެރައިގެ ހުޅަނގުބިތުން އޮންނަ ވަރަށް ހަނި ކަނޑެކެވެ. އެއީ އޮޑިދޯނިފަހަރު އާއްމުގޮތެއްގައި ވަދެނިކުމެވާ ކަނޑެއް ނޫނެވެ. އޮޑިފަހަރު ވަދެނުކުމެ ހަދަނީ ކަނޑިހެރައިގެ އިރުމަތީން މާކަނޑޭ ކިޔުނު ކަނޑުއޮޅީންނެވެ. މަރަދޫ ގޮނޑުދޮށުގައި ތިބި މީހުންނަށް ކޮޑަކަނޑުން އޮޑި ނިކުތްތަން ފެނުނެވެ. އެމީހުންވެސް އޮޑިޔަށް ވާނުވާބަލަން ތިބީ މޫސުން ސަކަރާތްކަމުން އަހުމަދު ސާލިހު ހަދާއެއްޗެއް ދެނެގަތުމުގެ ބޭނުމުގައެވެ.

ދުވަސްވަރަކީ ވޯކީޓޯކީގެ ޒަމާނެވެ. އެއްރަށް އަނެއްރަށާއި ވޯކީޓޯކީ މެދުވެރިކޮށް ވާހަކަ ދައްކާ ޒަމާނެވެ. ގަމުގެ ރަންޒަމާނެވެ. އޭރު މާލެއާއި އައްޑުވާ ދޭތެރޭގައި ގިނައިން ދުއްވަނީ އިންޖީނުއެޅި ބޯޓުފަހަރެވެ. އެކަހަލަ ގިނަ ބޯޓުފަހަރުގައިވެސް ވޯކީޓޯކީ ގެންގުޅެއެވެ. އެކަމަކު އަހުމަދު ސާލިހުގެ އޮޑީގައި ވޯކީޓޯކީއެއް ނެތެވެ. އަދި އެކަންވެފައިނެތީއެވެ. ވޯކީޓޯކީ ނެތީމާ މަރަދޫން ފުރިހިސާބުން ފެށިގެން އޮޑީގައި ތިބިބަޔަކާ މުއާމަލާތު ކުރެވޭނެ ގޮތެއް ނެތެވެ. އޮޑި މަރަދޫން ފުރީމާ ވޯކީޓޯކީ މެދުވެރިކޮށް މަރަދޫއިން އެކަން ހުޅުދޫއަށް އަންގައިފިއެވެ. އެންމެންވެސް ހީކޮށްގެންތިބީ މާކަނޑަށް ނިކުމެފައި އެނބުރި އަތޮޅަށް ވަންނާނީ ކަމަށެވެ. އެހެންވެގެން އޮޑީގެ މީހުން ހަދާނަހަދާއެއް ދެނެގަތުމުގެ އެދުން ހުޅުދޫގައި ވަރަށް ބޮޑެވެ.

އޮޑިޔަށް ވާގޮތެއް ބެލުން

ކޮޑަކަނޑުން އޮޑި ނިކުމެއްޖެއޭ މަރަދޫން އެންގީމާ ހުޅުދޫއާއި މީދޫގެ ގިނަބަޔަކު މީދޫގެ އުތުރުފަރާތުން ކޯގަންނޭ ކިޔުނު ސަރަހައްދުގެ އަތިރިމައްޗަށް ނިކުމެ އޮޑި ފެނޭތޯ ބަލަން ފަށައިފިއެވެ. އަތޮޅުގެ އުތުރުބިތުން ވަދެނިކުމެވާ އޮޑިފަހަރާއި ބޯޓުފަހަރު އެތާގައި ތިބޭއިރު ފެންނާނެއެވެ. އަހުމަދު ސާލިހުގެ އޮޑި އިރުއުތުރުގެ މިސްރާބަކަށް ދުއްވަމުންގޮސް ލޮލަށް ގެއްލިއްޖެއެވެ. ބޮޑަށް ބެލެވުނީ އޮޑި ދަތުރުކުރީ ހުވަދުއަތޮޅު ދެކުނުބިތުން ވާދޫއާ ކައިރިން އެއަތޮޅަށް ވަނުމަށް ކަމަށެވެ.

އޮޑީގައި ނަގާފައިހުރީ ރަތްކުލައިގެ ރިޔަލެކެވެ. ބައެއްމީހުން ބުނާގޮތުގައި އަހުމަދު ސާލިހުގެ ގަސްތަކީ އައްޑުވާއި ފުވައްމުލަކާއި ދޭތެރެއިން އިރުމަތިން ރާއްޖެއާ ފޭއަށްގޮސް ދެން ފައްސިޔަވައިގައި މާލެއަށް މިސްރާބު ޖެހުމަށެވެ. މިފަހަރު ދަތުރުކުރާނީ މިގޮތަށޭ މީދޫ ބައެއް މީހުންގެ ކައިރީގައި އަހުމަދު ސާލިހު ބުނެފައިވެއެވެ. މީދޫ މާދަރިގޭ އަބްދު ﷲ ދީދީ ކައިރީގައިވެސް ދީދީ މިދަތުރުގައި އަހަރެމެންނާއެކު ގޮސްދޭންވީ ނޫންހޭ އަހުމަދު ސާލިހު ބުނިކަމަށްވެއެވެ. މިހާ ވިއްސާރައިރު ދަތުރުކުރާން ޚިޔާލުކުރަނީ ކޮންގޮތަކަށްހޭ އެހީމާ ދަތުރު ރާވާފައިއޮތްގޮތް ކިޔައިދިނުމުގެ ގޮތުން މިވާހަކަވެސް ބުނެފައިވަނީއެވެ.

އަހުމަދު ސާލިހުގެ އޮޑި އައްޑޫކަނޑަށް ނިކުތްތަނާހެން ކުރިއަށްވުރެ ވިއްސާރަވެ ހުޅަނގުފަރާތުން އައިސްބޯމަތިވި ވިލާގަޑުގެ ބަނަކަން ވަރަށް ބޮޑެވެ. ހުޅުދުވާއި މީދޫން ގަމަށް މަސައްކަތުދާ މީހުންނާއިގެން ނުކުތް ދޯނިފަހަރުވެސް ގަމަށް ނުގޮސް އަނބުރާލާފައި އަތުވެއްޖެއެވެ. ވިއްސާރައިގެ ވަރުގަދަކަމުން ބައެއްދޯނިފަހަރު ލެފީ ހެރަތެރޭގެ ކަޅުހެރަޔާއި ގެރަދޫ ގޮނޑުދޮށަށެވެ.

ބިންމަތީގައި ތިބޭ ބައެއްގެ ލޮލަށް އޮޑިގެއްލުނަސް އަތިރިމަތީގައި ހުރި ރުއްރުކަށް އެރީމާ އޮޑީގެ ރިޔާފެނެއެވެ. އޭރު އޮޑިހުރީ ކޯގަންނާ ދިމާލުން ސީދާ އުތުރުގައެވެ. ރުއްރުކަށް އެރިމީހުން ކައިރީގައި ދެން ގެއަށް ހިގާށޭ އޮޑި އަނބުރާލާފައި އަންނާނޭހެން ހިޔެއް ނުވެއޭ ބުނީމާ ރުކުގައި އޮވެފައި ކޮންމެވެސް މީހަކު ޖަވާބުދިނެވެ. ވައިގަދަވެގެން އަހަރެން ރުކުން ވެއްޓުނަސް ފަރުވާލެއްނެތެވެ. މިތާގައި އޮވެގެން ފެންނަ އެއްޗެއް ބަލައިނިމިގެންނޫނީ އަހަރެން ނުފައިބާނަމެވެ. އޮޑީގެ ރިޔާ އަހަރެންނަށް ވަރަށް ރީއްޗަށް އެބަފެނެއެވެ. އޮޑި ހަމަކިރިޔަކިރިޔާ ފެނުންމަތީގައި ހުރީއެވެ. މިހެން ބުނިތާ އިރުކޮޅަކުން އެމީހަކު ހަޅޭލައިގެންފައި ބުންޏެވެ. އޮޑި ގެއްލިއްޖެއެވެ. ގެއްލުނީ ނުފެންނަ ހިސާބުދުރަށް ދެވިގެނެއް ނޫނެވެ. ހަމަކުއްލިއަކަށް ގެއްލުނީއެވެ. މިއީ މިކަންވެގެންވާނެ ގޮތެއް ނޫނެވެ. ކޮންމެވެސް ގޯހެއް ހިގައިފިއެވެ. އޮޑި ފެތުނީއެވެ.

އޮޑި ފެތިއްޖެކަމަށް ނިންމުން

މިއަޑުއިވުނީމާ އެތާގައި ތިބި އެހެން މީހުން އިތުރު ރުއްރުކަށް އަރައި އޮޑީގެ ނިޝާނެއް ފެނޭތޯ އުޅެއުޅެވެސް އެފަދަ ނިޝާނެއް ނުފެނުނެވެ. ދެން މިވެރިން އެއްގަމަށް އަރައިގެންގޮސް ހުޅުދުވާއި މީދޫގެ ވެރީންނަށް މިޚަބަރުދީގެން ދެރަށުގެ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފިއެވެ. ލަސްތަކެއްނުވެ ގަމުގައި ތިބި އިގިރޭސީންނަށް ޚަބަރުކޮށްގެން އެއުރެންގެ ސަމާލުކަމަށްވެސް މިކަން ގެނެސްފިއެވެ. އަހުމަދު ސާލިހުގެ އަންހެނުން އައިސައިދިގެ ބޭބެ ބޮޑު އިބިރިހިންބެއްޔާގެ އަހައްމައިދިއަކީ އިނގިރޭސީންގެ ތަރުޖަމާނެކެވެ. ހުޅުދުވާއި އަތޮޅުގެވެސް ވެރިޔެކެވެ. އެހެންވެގެން އިނިގިރޭސީންނާ ވާހަކަދައްކައިގެން އޮޑީގެ ނިޝާނެއް ފެނޭތޯ ބަލައިދޭން އެދިއްޖެއެވެ. އަދި އަތޮޅުއޮފީސް މެދުވެރިކޮށް ފުވައްމުލަކާއި ހުވަދުއަތޮޅު ދެބުރިޔަށްވެސް ޚަބަރުކޮށްގެން އެއިން ހިސާބަކަށް އޮޑި ހިގައްޖެތޯ ބަލައިދިނުމަށް އެދިއްޖެއެވެ.

އައްޑޫގައި އޮތް ސުވާދީބު ދައުލަތްއުވި ދިވެހިސަރުކާރުގެ ހުކޫމަތު އައްޑޫގައި ގާއިމުވިތާ އޭރު އަދި އަހަރެއްހައި ދުވަހެވެ. އައްޑޫ ރައްޔިތުން ނިކަމެތި ނުކުރާނެކަމަށާއި ޖެހޭ ކޮންމެ ބޮޑުކަމެއްގައި އެހީތެރިވާނެ ކަމަށް އިނގިރޭސި ސިޔާސީ މަންދޫބު ރައުންސްވެއިޓް ވައުދުވިތާ އަދިވީ ކުޑަދުވަސްކޮޅެކެވެ. މި ވައުދުތަކުގެ މަތިން އަހައްމައިދި ހަނދާންކޮށްދިނީމާ އަހުމަދު ސާލިހުގެ އޮޑީގެ ޚަބަރެއްވޭތޯ އެދުވަހާއި އަނެއްދުވަހު އާރްއޭއެފްގެ އެންމެ ބާރަށްދުވާ އެންމެ ބޮޑު ލޯންޗުގައި އިނގިރޭސީން ނިކުމެ އައްޑޫކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް ހޯދައިބަލާފައި ނުފެނުނު ކަމަށް އަންގައިފިއެވެ. ކަނޑުގެ މަގުން އައްޑޫ އުޅަނދެއްފެނޭތޯ އިނގިރޭސިން މިޒާތަށް ހިންގި މިއީ ފުރަތަމަ އޮޕަރޭޝަނެވެ. އެކަމަކު މި އޮޮަޕަރޭޝަނުގައި ވައިގެ ވަސީލަތެއް ބޭނުމެއް ނުކުރެއެވެ.

އަހުމަދު ސާލިހާއި އޭނާގެ އޮޑި ގެއްލުނުތާ ދެތިންދުވަހެއް ފަހުން މީދޫ އިރުއުތުރުފަރާތު ވޭރާނޑޭ ކިޔުނު ހިސާބު ގޮނޑުދޮށާއި ވިލިގިލީގެ ގޮނޑުދޮށަށް އޮޑިއެއްގެ މަޅުކަމަށް ބެލެވޭ ލަކުޑިތަކަކާއި އެނޫންވެސް ބައެއްތަކެތި ލެއްގިއެވެ. މިތަކެތި ބަލައިފައި އަހުމަދު ސާލިހުގެ އޮޑިޔަށް ފަރިތަ ގިނަ މީހުން އެއްބަސްވީ މިއީ އެއޮޑީގެ ތަކެތި ކަމަށެވެ. އެޔާދޭތެރޭ ޝައްކެއްވެސް ނެތްކަމަށެވެ. އޮޑީގެ ބައެއް ތަކެތި އަތޮޅަށް ލެއްގިޔަސް އެއްވެސް ގަބުރެއް ނުލައްގައެވެ. އަދި އެއީ އޮޑިން ދަތުރުކުރި މީހުންގެ ތެރެއިން މިވެނި މީހެއްގެ އެއްޗެކޭ ބުނެ ކަށަވަރުކުރެވޭ ޒާތުގެ މުދަލެއްވެސް ނުލައްގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!