ހުޅުދޫ އެޅެހިށިގޭ އަހުމަދު ސާލިހާއި އޭނާގެ އޮޑީގެ ނިމުން 5

ދަތުރާއިމެދު ތަފާތު ދެވާހަކައެއް

އަހުމަދު ސާލިހާއި އޭނާގެ އޮޑި ގެއްލި އެންމެން ކަނޑުވެ ނިމިގެންދިޔައީކަމަށް ޔަގީން ކުރެވުމާއެކު ވަރަށް އެހެންކަހަލަ ވާހަކައެއް ހުޅުދޫގައި ދެކެވުނެވެ. އެވާހަކަޔަކީ އެއްވެސް އަސްލެއްނެތް ދޮގު ވާހަކައަކަށްވިއަސް އަދި ސައްހަ ވާހަކައަކަށްވިޔަސް މިޒާތުގެ ވާހަކައެއް ލިޔެ ނިންމައިލާއިރު ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ހިމަނަންޖެހޭ ވާހަކައެއްކަމަށް ފެނެއެވެ. އަހުމަދު ސާލިހުގެ ދިރިއުޅުމާމެދު އިންސާފުކުރާ ބަޔަކަށް އެއީ ވަރަށްވެސް މުހިއްމު ވާހަކައަކަށް ވެދާނެއެވެ. އެވާހަކައިގެ ތެދުދޮގާއިމެދު ގޮތެއް ނިންމުމަކީ އަހަރެންގެ ގަސްތެއް ނޫނެވެ.

އެވާހަކައިގެ ޚުލާސާއަކީ މިއެވެ. އަހުމަދު ސާލިހުގެ ޒަވާޖީ ހަޔާތަށް ގުޑުމެއް އަރައިފާނެ ކަމަށް ހީވެގެން އަހުމަދު ސާލިހާއި ކޮންމެވެސް ކުއްޖަކާ ދުރުކުރުވަން ކޮންމެވެސް ގާތްމީހަކު ފަންޑިތައެއް ހެދީޔޯލައެވެ. އޮޑިއަށް ވީގޮތެއްވެ އަހުމަދު ސާލިހާއި އެތައްބަޔަކު ކަނޑުވެ ނިމިގެންދިޔައީ މި ފަންޑިތައެއް ނުވަތަ ސިހުރެއްގެ ސަބަބުންނޯލައެވެ. ސިހުރުގެ ނަތީޖާ މާބޮޑަށްވެސް ގޯސްވީޔޯލައެވެ. ކޮންމެއަކަސް މިކަމުގެ ތެދުދޮގު ދެނެވޮޑިގެންވަނީ ކަލާނގެއެވެ. އެއާއިލާގެ ތެރޭގައިވެސް މިވާހަކަ ގަބޫލުކުރާމީހުން ތިބިކަމަށް ބައެއް މީހުން ބުނެއެވެ. އެކަމުގެ ހިތްހަމަނުޖެހުން ތަހައްމަލުކުރުން އޮތްކަމަށްވެސް ބުނެއެވެ.

އޮޑި ގެއްލުމަށްފަހު އަދިއެހެންވާހަކައެއްވެސް އާއްމުވެފައިވެއެވެ. އެވާހަކަޔަކީ އަހުމަދު ސާލިހުގެ އޮޑި ކޮޑަކަނޑުން ނުކުތީ ހިޔަރަކާތް ދުވަހެއްގައި ކަމަށާއި އެދުވަސް ފާއިތުވާންދެން މަޑުކުރާށޭ ބުނީމާ އަހުމަދު ސާލިހު ދިންކަމަށް ބުނެވޭ ޖަވާބެވެ. ހިޔަރަކާތް މިފަހަރު ފޮނުވައިލާނީ އޮޑީގެ ދިރުބާކޮޅުގެ މައްޔަލުގެ ދެފަރާތުންނޭ ބުުނިކަމަށް ބައެއްމީހުން ކިޔައެވެ. އެކަމަކު މިއީ ދޮގުވާހަކައެކެވެ. އަތޮޅުން އޮޑި ބޭރުވީ އެކަހަލަ ޚާއްސަ ދުވަހެއްގައެއް ނޫނެވެ.

މައްޔަލުގެ ދެފަރާތުން ފޮނުއަރުވަމުން ދުވަސް ފޮނުވައިލުމުގެ ވާހަކަޔަކީ ގަބޫލުކުރެވޭގޮތުގައި އެހެން އުޅަނދެއްގެ ވާހަކައެވެ. އަހުމަދު ސާލިހުގެ އޮޑި ގެއްލުމުގެ ހަތަރު އަހަރުފަހުން 1969 ގައި ގެއްލުނު އެހެން އުޅަނދެއްގެ ވާހަކައެވެ. އެއީ ހިތަދޫ ބޯޓެކެވެ. މުޅިރާއްޖެއަށްވެސް މަޝްހޫރު މާލިމީ ސަގަރު އަލިތައްޚާނުގެ ސަގަރުބޯޓެވެ. އެ ބޯޓުވެސް އަތޮޅުން ބޭރުވީ ކޮޑަކަނޑުންނެވެ. އައްޑޫކަނޑު ހުރަސްކޮށް ހުވަދުއަތޮޅަށް ވަދެފައި ހުވަދޫކަނޑުގައި ނުކުތީ ރަބީއުލްއައްވަލު މަހުގެ ބާރަވަނަ ދުވަހުއެވެ. އެދުވަސް ނިމޭންދެން މަޑުކުރަން އެދުނީމާ ސަގަރު އަލިތައްޚާނު ބުނިކަމަށް މީހުން ކިޔައިއުޅެނީ މައްޔަލުގެ ދެއަރިމަތިން ދުވަސް ފޮނުވައިލާނެ ކަމުގައެވެ. އެހެން ބުނެފައި އޮޑިޔާއިގެން ނިކުތްގޮތަށް އޭގެ ޚަބަރެއް ނުވެއެވެ. ގެއްލުނީއެވެ. މިއީވެސް ތެދުދޮގު މުޅީން ޔަގީން ނުކުރެވޭ ވާހަކައެކެވެ.

ނިންމައިލުން

އަހުމަދު ސާލިހުގެ އޮޑީގެ ވާހަކަޔަކީ ވަރަށް ކުޑައިރުން ފެށިގެން ޝައުގުވެރިކަމާއެކު އަހަރެން އަޑުއަހަމުން އަންނަ ވާހަކައެކެވެ. އަހުމަދު ސާލިހެއް ނުދެކެމެވެ. އަހަރެން ދުނިޔެއަށް އައުމުގެ މާކުރިން އަހުމަދު ސާލިހު ގެއްލިއްޖެއެވެ. އެކަމަކު އެއީ މާދުރުނޫން ތިމާގެ ބޭބެއެކެވެ. އަހުމަދު ސާލިހުގެ ހުވަފަތް އަންހެނުން އައިސައިދި ދުށީމެވެ. އެއީ އަދިއެއަށްވުރެވެސް މާތިމާގެ ދައްތައެކެވެ. އެހެންވީމާ ކޮންމެވެސް ދުވަހަކުން މިވާހަކަ ލިޔުމުގެ ޝައުގުވެރިކަން ހިތުތެރޭގައި އޮވެއެވެ. މިވާހަކަ ލިޔުމުގެ ކުރިން އެއާއިލާގެ ވަރަށް ގިނަ މީހުންކުރެން އަހައި އޮޅުންފިލުވައި މައުލޫމާތު އެއްކުރީމެވެ. އޮޑީން ދަތުރުކުރި އެހެން މީހުންގެ ގާތްތިމާގެ މީހުންކުރެންވެސް މައުލޫމާތު އެއްކުރެވިފައިވާނެއެވެ. އެހެންނަމަވެސް މައުލޫމާތުގެ ފުށުއެރުންތަކެއް ހުރެދާނެއެވެ. އުނިކަމެއް ހުރެދާނެއެވެ. އެކަމަށްޓަކައި އެދެނީ މައާފެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!