މާގަލުމަތީ ބޮޑުދޫންޏާއި މޭލިޔަގެ ހަތްބެއިން

މިއީ ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގައި އިހު ކިޔައި އުޅުނު ވާހަކައެކެވެ. މިއީ އެވޭލާ ޒަމާނުގެ ޓޮމް އެންޑް ޖެރީ އެވެ. ހުރިހާ ކުޑަކުދިންވެސް މިވާހަކަ ދަނެއެވެ. އެކަމަކު މިއީ ކޮން ރަށެއްގައި ކޮންގޮތަކަށް ކީއްވެގެން ފެށުނު ވާހަކައެއް ބާވައެވެ. މިއީ ޖަވާބު ނޭގޭ ސުވާލެކެވެ. އެކަމަކު މިވާހަކަ ވިހެއީ މީދޫގައި ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އޭގެ ސިއްރަކީ ވާހަކައިގައި ޝާމިލްވާ މީހުންނާއި ތަންތަނުގެ ތެރެއިން މޭލިޔަގެ ހަތް ބެއިންނާއި މީދޫ ގުޅިފައި އޮތުމެވެ. ކޯގަންނު ގަބުރުސްތާނުގެ އެންމެ އުތުރުކޮޅުން އަތަރާ މިސްކިތުގެ ހުޅަނގު އުތުރުގައި ވަރަށް ފަހަކާ ޖެހެންދެން ބިޔަ މަހާނަގާތަކެއް ހުއްޓެވެ. ކިޔައި އުޅެނީ އެއީ މޭލިޔަގެ ހަތް ބެއިންގެ މަހާނަ ކަމުގައެވެ.

މޭލިޔައަކީ ވަރަށް ހީވާގި މުރާލި އަންހެނެކެވެ. މެދުއުމުރަށް ދިޔައިރު މީނާގެ ހަތް ފިރިހެން ދަރީން ތިބީ ބޮޑެތިވެ ފުރާފުރިހަމަވެފައެވެ. ހުކުރު ދުވަހެކެވެ. މި ހަތްބެއިން އެކުއެކީގައި ދިޔައީ ހުކުރަށެވެ. ހުކުރުން ފައިބައިގެން އަންނަންވާއިރަށް އަމާ މޭލިޔަ މަސައްކަތްކުރަމުން ދިޔައީ ރިހަޔާއި ބަތުގެ ސުފުރާއެއް ތައްޔާރުކޮށްލެވޭތޯއެވެ.

ކާންތިބެފައި އެންމެ ދޮށީ ދަރި ބުންޏެވެ. އަމާ އަމާ މިކެއުން ސަކަރާތެވެ. މީގައި ދެނީ ގުއިރަހައެވެ. މޭލިޔަ ހަމަ އަނގައިންވެސް ނުބުނެ އިންދައި ދެވަނަ ދަރިވެސް ހަމަ މިހެން ބުނެފި އެވެ. އަމާ އަމާ މީގައި ދެނީ ގުއި ރަހައެވެ. އުމުރުގެ ތަރުތީބުން ފަހަރަކު ކުއްޖަކު މިހެން ކިޔަމުން ގޮސް އެންމެ ހަގަށް ހުރި ދަރި ވެސް މިހެން ކިޔައިފިއެވެ. މިހިސާބަށް ދިޔައިމާ އަމާ މޭލިޔަ ބުންޏެވެ. ތިޔަވީގޮތަކީ ރިހަކައްކާންވެގެން ހަވާދު ފުނޑާން އިންދައި މާގަލުމަތީ ބޮޑުދޫނި އުދުހެމުން އައިސް ދައިގެ ކުނބަށް ގުޔެއް ވައްޓައިލައިފައި ދިޔައީއެވެ. ދޮވެދޮވެ އެ ގުޔެއް ނުފިލިއެވެ. ލޮއެލޮއެ ވެސް ވަހެއް ރަހަޔެއް ނުފިލިއެވެ.

ހަތްބެއިން ކެއުން ހުއްޓާލައިފައި ތެދުވެ މާގަލުމަތީ ބޮޑު ދޫނި މަރައިފައި ނޫނީ ދެން ބަނޑަށް އެއްޗެއް ނުލާންކަމަށް ހުވައިކޮށްފިއެވެ. ދުނިދަނޑި އާއި ތީރު ހިފައިގެން ނުކުމެ ހޯދަމުން ހޯދަމުން ދަނިކޮށް ބޮޑު ދޫނި ފެނުނީ ރަށުގެ އެންމެ ބިޔަ ނިކަގަހުގެ ކުރިންނެވެ. ދުނިދަނޑިން އެންމެ ފުރަތަމަ ދުންޏެއް ފޮނުވައިލީ އެންމެ ދޮށީ މީހާއެވެ. ހަމަ ފޮނުވައިލުމާއެކު ދޫނީގެ އަނގަޔަށް ގެނައި ހަރަކާތަކުން އެސޮރު ދިރުވާލައިފިއެވެ. ފަހަރަކު މީހަކު މިހެން ދިރުވަމުން ގޮސް ގިނައިރުތަކެއް ނުވަނީސް ހަތް ބެއިން ވެސް ދިރުވާލައިފިއެވެ.

ހަތް ބެއިންގެ ޚަބަރެއްވޭތޯ އަމާ މޭލިޔަ ހުރެ ހުރެ ޚަބަރެއް ނުވުމުން ހުރިހާ ކުދީންގެ ދުވަސް ދިޔައީކަން ދެނެގެންފިއެވެ. މިކަމާވީދެރައިން ރޯން ފަށައިފިއެވެ. ހުއްޓާނުލައި ހަތް ރޭ ހަތް ދުވާލު ރޮއެގެންވެސް މީނާގެ ލޮލުން ފޭބީ އެންމެ ކަރުނަ ތިއްކެކެވެ. ދެން މިތިކި ހިކި ކެޔޮފަތެއްގައި ގޮށްޖަހައި އެފަތުގައި ރައްކާކޮށް މަތާރަންފިލާ މަތީގައި ބާއްވައިފިއެވެ. މަތާރަންފިލާ ގުޑާވަރުން އެތަނުން ނަގައި އެނދުގެ ބާލީސް ދަށުގައި ފޮރުވައިފިއެވެ. ބާލީސް ގުޑާވަރުން އެތަނުން ނަގައި ގޭގެ ބޮޑު ފޮށީގެ އަޑީގައި ފޮރުވައިފިއެވެ. ބޮޑުފޮށި ގުޑާވަރުން އެންމެފަހުން ނަގައިބެލިއިރު ކެޔޮފަތްކޮޅު ފަޅައިލައިފައި މިހިރަގެން ނުކުންނަނީ ކުޑަކުޑަ ފިރިހެން ކުއްޖެކެވެ.

މިކުއްޖާ ބޮޑުވަމުން އައީ ކުޅިއެއްގެ އަޑީގައި ހުރި ބޭންގެއް ފަދައިންނެވެ. ބަދަބަދަ ޖެހި އުއްދަނޑިއެއް ފަދައިންނެވެ. އެހާވެސް އަވަހަށް އައީ ބޮޑުވަމުންނެވެ. ނަމަކަށް ކިޔަން ފެށީ ކަރުނަފުޅެވެ. ކަރުނަފުޅު ބޮޑުވެ ނިމުނުއިރުވެސް މޭލިޔަގެ ރުއިން މުޅިއަކުން ނުހުއްޓެއެވެ. ކަރުނަފުޅު ސުވާލުކުރިއެވެ. އަމާ އަމާ ރޮނީ ކީއްވެގެން ހެއްޔެވެ. މޭލިޔަ ބުންޏެވެ. މަގޭ ކަރުނަފުޅާއެވެ. ބަނޑުގައި އަޅައި ހަތް ދަރީން ވިހެއިމެވެ. އެހުރިހާ ދަރީންވެސް މާގަލުމަތީ ބޮޑުދޫނީގެ ކާނާކަމުގައިވެއްޖެއެވެ. އެހެންވެ ރޮވެނީއެވެ.

މާގަލުމަތީ ބޮޑުދޫނި ފެނޭތޯ ކަރުނަފުޅު ނުކުމެއްޖެއެވެ. މިނުކުމެއް ނުކުތީ އަމާ މޭލިޔަގެ ރުހުމާ މުޅިން އިދިކޮޅަށެވެ. މޭލިޔަ ބުންޏެވެ. މަގޭ ކަރުނަފުޅާއެވެ. ދޫނި ކައިރިއަށް ނުދާށެވެ. މަގޭ އަނެއް ހަތް ދަރިން ދިޔަ މަގުން ތިޔަ ކަރުނަފުޅު ދާކަށް ނޭދެމެވެ. ތިޔައީ ވޭނަކާއި ނުލައި ކަރުނަ ތިއްކަކުން ލިބުނު ދަރިއެކެވެ. އެހެންވިޔަސް ތިޔަ ދަރިޔާއި ނުލައި މި އަމަޔަށް ދެން ދުނިޔޭގައި ނުހުރެވޭނެއެވެ. އަމާ މޭލިޔަ މިބީދައިން އާދޭސްކޮށްކޮށް ހުއްޓައި ކަރުނަފުޅު ނުކުމެގެން ހިގާއްޖެއެވެ.

މިހެން ނުކުމެގެން އުޅެނިކޮށް އެންމެ ފުރަތަމަ ދިމާވީ ވަޅުފުންކަމުން ފެންބޮވޭނެ ގޮތެއް ނެތިގެން ވަޅެއްގެ ދޮށުގައި ތިބި ބަޔަކާއެވެ. ކަރުނަފުޅު އެދިޔަގޮތަށްގޮސް ވަޅު އަރިކޮށްފައި އެންމެނަށް ފެންބޯންދީފައި ބާކީހުރި ފެން މީނާ ބޯލައިފިއެެވެ. ދެން ދިމާވީ ރުކަށް އެރޭނެ ގޮތެއްނެތިގެން ކުރުނބާ ނުބޮވި ރުކެއްގެ ދަށުގައި ތިބި ބަޔަކާއެވެ. މީނާ ގޮސް ރުއް ލަންބާލައި މިއެންމެން ބަނޑުބޮޑުވަންދެން ކުރނބާ ބޯން ދީފިއެވެ. މިކަމެއްކޮށްފައި ހިގައިގަތްތަނާ ދިމާވީ އޮލާލައިގެން ގޭގެ ފުރާޅު ހިޔާނުކުރެވިގެން އުޅުނު ދެމަފިރިޔަކާއެވެ. މިތަން ފެނިގެން ކައިރިއަށްގޮސް ބިންމަތީގައި ހުރެފައި ފުރާޅަށް އޮލާތައް އުކައި ހުންނަންވާ ގޮތަށް އެތަކެތި އަތުރައި ހިޔާކޮށްދީ ނިންމައިފިއެވެ.

މިކަމަކުން ނިމިގެން ހިގަމުން ހިގަމުންދަނިކޮށް އެންމެފަހުން މާގަލުމަތީ ބޮޑުދޫނި ފެނުނީ ބޮޑު ނިކަގަހުގެ ކުރިންނެވެ. ކަރުނަފުޅު ފެނުނީމާ ދޫނި އުޅުނީ އެސޮރު ދިރުވައިލަން ކަމަށެވެ. ކަރު ތިރިކޮށްލިތަނުން ކަރުނަފުޅު ހެދިގޮތަކީ ކަރުގައި ހިފައި ވައިނޮޅި ފިތަައިލައި ދޫނި މަރައިލީއެވެ. ދެން ދޫނީގެ ބަނޑު ފަޅައިލައިފައި ބެލިއިރު މޭލިޔަގެ ހަތް ބެއިން ތިބީ ކުދި ބިސްތަކާއި ބޮޑެތި ބިސްތަކުން ޓޭބަލް ޓެނިހާއި ފުޓުބޯޅަ ކުޅުމުގައެވެ.

ހަތް ބޭބެއިން ގޮވައިގެން ކަރުނަފުޅު ގެޔަށް ދިޔައިރު އަމާ މޭލިޔަ އޮތީ ވަރަށް ބަލި ހާލުގައި މަރުވާން ކައިރިވެފައެވެ. ހަތް ބެއިންނާއި ކަރުނަފުޅު ފެނުމުން މޭލިޔަ ބުންޏެވެ. އަމާ ވަރަށް އުފާކޮށްފީމެވެ. އަމާގެ އުމުރުގައި ދެން ބާކީ ތަނެއް ނެތެވެ. ތިޔަކުދީންނަށް ރިހަކައްކައިދޭން ހުރެވޭކަށެއް ނެތެވެ. އެހެންވީމާ ދެން ތިޔަ ހަތް ބެއިންނާއި ކަރުނަފުޅު އެކަށީގެންވާ އަންހެންކުދިން ހޯދައިގެން ކައިވެނި ކުރަންވީއެވެ. މިހެން ބުނެވުނުތަނުން މޭލިޔަ މަރުވެއްޖެއެވެ.

You may also like...

1 Response

  1. Naseera says:

    Aafirin keynee meyliyage 7 bein naai Maagalimsathe bondo dheenaa. Bondo galaki maththe hinna bondo dheenka. Mi dheenaah key ehen namah ovei. Mizamaaani ekahalei dheeni nithibeneeyaa

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!