ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 8

ހާޖީއޭ ގޮވަންޏާ ހުކުރޭއޭ ވެސް ގޮވަން ޖެހޭނެ
ދައުލަތުން އަންގަވައިގެން ރަސްމީ ކޮންމެވެސް ކަމެއްގައި ފެންނާމަނިކުފާނު މާލެ އައިސް އުޅުނު ދުވަސްކޮޅެކެވެ. މާލެ އަރައިފިއްޔާ ފެންނާމަނިކުފާނު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ކަމަކީ އެއްތާކުން އަނެއްތާކަށް، އެއްގެއިން އަނެއް ގެޔަށް ހިނގުމެވެ. މިހެން އުޅެނިކޮށް ދާޚިލިއްޔާއިން ފެންނާމަނިކުފާނު ހޯދާން ބޭނުންވެއްޖެއެވެ. ފެންނާމަނިކުފާނު ފެނޭތޯ ދާޚިލިއްޔާގެ ދޭވާންޏަކު ހެނދުނު ނިކުމެގެން ތަންތަން ބަލަމުން ދަނިކޮށް ފެންނާމަނިކުފާނާއި ދިމާވީ ހަވީރުވެސް ވީފަހުން އޯކިޑްމަގުން ފާމުދޭރިގެއާ ހިސާބުންނެވެ. ހަމަފެނުމާއެކު ބަލަ ހާޖީއޭ ކިޔައި ނިކަން ހަރުކޮށް ތިން ހަތަރު ފަހަރަކު ގޮވައިފިއެވެ. ހަމައިވޭކަމަށްވެސް ނުހަދައި ފެންނާމަނިކުފާނު އެބަހަރަ ކުރިއަށްދެއެވެ.

އެންމެފަހުން ދޭވާނި ކަލޭގެ ފެންނާމަނިކުފާނަށްވުރެ ބާރަށް ހިގާފައިގޮސް މީނާގެ ކުރިމައްޗަށް އަރައި އޭބަލަ ހާޖީއޭ މިހާރު ކިތައް ފަހަރު ގޮވައިފިންހޭ މި ހޯދަނީ ދާޚިލިއްޔާއިން އަންގަވައިގެންނޭ ބުނެފިއެވެ. ފެންނާމަނިކުފާނު ނިކަން ނުރުހި ހުރެ މިމީހެއްގެ މޫނަށް ބަލާފައި ބުންޏެވެ. މަގޭ ނަމަކީ ހާޖީއޭ ކަލޭގެ ކައިރީގައި ބުނީ ފަހެ ކާކުހެއްޔެވެ. ދޭވާނި ބުންޏެވެ. ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ކޮންމެ މުސްލިމަކީ ހާޖީއެކެވެ. އެހެންވީމާ ތިޔަ ބެއިފުޅާވެސް އެއަޅުކަން އަދާކޮށްފައިވާތީ ހާޖީއޭ ގޮވީއެވެ. އެއީ މީހަކު ބުނެގެން ގޮވި ނަމެއް ނޫނެވެ. ފެންނާމަނިކުފާނު ބުންޏެވެ. އެހެންވިއްޔާ ކަލެއަކީ ހުކުރޭ އެވެ. ކަލެއަކީ ނަމާދޭ އެވެ. މިދެކަންތައް ކަލޭ ނުކުރަމު ހެއްޔެވެ. ބަލަގަ މިހިރަ ގަމާރާއެވެ. ކަލާނގެ ފަރުޒުކުރެއްވި ކަންކަން އަދާކުރީމާ އެމީހެއްގެ ނަމުގެ ފަހަތަށާއި ކުރިއަށް ނަންނަން ގެންނާކަށް ނުޖެހެއެވެ. އެހެންނޫނިއްޔާ ހަމަ ކޮންމެ މީހެއްގެ ނަމުގެ ފަހަތަށް ނަމާދޭ، ހުކުރޭ ފަދަ ނަންނަން ކިޔަން ޖެހިދާނެއެވެ. ދޭވާނި ބުންޏެވެ. އާދޭހޭ ތިޔައީ ތެދެކެވެ. މިހެން ކިޔާފައި ބުނަން އައި ވާހަކަތައްވެސް ނުބުނެ ހިނގާއްޖެއެވެ.

އިނގިރޭސި ކޮމާންޑަރަށް ދުނިޔެ ބުނެދިނުން
ފެންނާމަނިކުފާނަށް ދައުލަތުގެ ފަރާތުން ކޮލިލައިފިއެވެ. އަތޮޅުތެރޭގެ އެކި ނާއިބުންނާއި ކަތީބުންގެ ތެރެއިން ހަތް މީހަކު މާލެ ގެނެސް މިމީހުންނަށް ކަންގަތިކޮލި ކިޔުނު ކޮއްޔެއްލީއިރު ފެންނާމަނިކުފާނު ވެސް ހިމެނުނީ މި ޖަމާއަތުގެ ތެރޭގައެވެ. ދިއްދޫ މުދިންކަލޭގެ އާދަނަށް ދިން ލަގަބަކީ އާދަމް ދާންނާކަލޭގެފާނެވެ. ހޮޅުދޫ ކަތީބު ކަލޭގެ އިބްރާހިމް ހާޖީއަށް ދިން ލަގަބަކީ ހާޖީ މޭނާކަލޭގެފާނެވެ. ނައިފަރު ކަތީބު ދޮންކޮއްކޮއަށް ދިން ލަގަބަކީ އަބްދުލްހަކީމު ކާންނާކަލޭގެފާނެވެ. ތިމަރަފުށީ ނާއިބު ކަލޭގެ އާދަނަށް ދިން ލަގަބަކީ އާދަމް ގަދަހަމައިދިކަލޭގެފާނެވެ. ގައްދޫ ކަތީބު އިސްމާއިލް ކަލޯއަށް ދިން ލަގަބަކީ އިސްމާއީލް ވަތަބަޑޭރިކަލޭގެފާނެވެ. ތިނަދޫގައި ދިރިއުޅުނު އައްޑޫ ހުޅުދޫ މޫސާ މަނިކުފާނަށް ދިން ލަގަބަކީ މޫސާ ހިރިހަމައިދިކަލޭގެފާނެވެ. މީދޫ ދެށިނާގެ މުހުއްމައިދިއަށް ދިން ލަގަބަކީ މުހައްމަދު ފެންނާމަނިކުފާނެވެ.

ކޮލިލެވުނު ހަތް މީހުންގެ ތެރެއިން ހަ މީހުންގެ ކޮލިނަމުގެ ފަހަތަށް އައީ ކަލޭގެފާނެވެ. އެކެއްގެ ކޮލިނަމުގެ ފަހަތަށް އައީ މަނިކުފާނެވެ. މިހެންމިވީ ސަބަބަކީ ދެށިނާގެ މުހުއްމައިދިއަކީ ދީދީއަކަށް ވުމާއި ދިޔަމިގިލީ ރަސްކަމުގެ ޚާންދާނުގެ ބެއިފުޅަކަށް ވުމެވެ. އެ ޚާންދާނުގެ މީހަކާ ދިމާލަށް ކަލޭގެފާނޭ ކިޔަން މުހައްމަދު އަމީނަށް ވެސް ނުކެރިގެން މަނިކުފާނޭ ކިޔަން ފެށީއެވެ. މިހެންވުމުން ކޮލި ލެވުނު ހަތް މީހުންގެ ތެރެއިން އެންމެ އިއްޒަތްތެރި ލަގަބެއް ލިބުނު މީހަކަށްވީ ފެންނާމަނިކުފާނެވެ. މިއީ މީނާވެސް ނިކަން ފަޚުރުވެރިވެ އެހެންމީހުންގެ މައްޗަށް ލިބުނު ބާރެއްކަމުގައި ބަލައިގެންފިއެވެ.

ދައުލަތުން މިދިން ލަގަބަށްފަހު ފެންނާމަނިކުފާނު އެނބުރި އައްޑުއަތޮޅަށް ދިއުމުން ގަމުގައި ހުންނަ އިނގިރޭސި ސިފައިންގެ ކޮމާންޑަރަށް މި ޚަބަރު ލިބިއްޖެއެވެ. މިވަރުގެ ބޮޑު ލަގަބަކާއެކު އައްޑޫ މީހަކު ދިއުމުން އެމީހަކާ ބައްދަލުކުރަން ވެސް ކޮމާންޑަރު ބޭނުންވެއްޖެއެވެ. ކޮމާންޑަރަށް އެނގިފައި އޮތީ ފެންނާކަމަކީ އެހެންމީހުންނަށް ނުފެންނަ ކަންކަން ފެންނަ ބުއްދިއިސް މުޝީރުންނަށް ދޭ ލަގަބެއް ކަމުގައެވެ. އެހެންވީމާ މިވަރުގެ ފެންނަ ބޭކަލަކު އަތޮޅުގައި ހުއްޓައި އެމީހަކާއި ބައްދަލު ކުރުމަކީ ކޮމާންޑަރަށް ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. މިހެންވެ އާރްއޭއެފްގެ ދުންބައްތެލި މީދޫއަށް ފޮނުވައިގެން ފެންނާމަނިކުފާނު ގަމަށް ގެނެސްގެން ކޮމާންޑަރު މީނާއާ ބައްދަލުކޮށްފިއެވެ.

ކޮމާންޑިން އޮފިސަރަށް އާއްމުގޮތެއްގައި ކިޔަނީ ސީއޯއެވެ. އައްޑޫ މީހަކާ ވާހަކަ ދައްކާން ސީއޯ ބޭނުންވެއްޖެނަމަ އެކަން ކުރަނީ ތަރުޖަމާނެއްގެ އެހީގައެވެ. މިތަރުޖަމާނަކީ ހިތަދޫ މުހައްމަދު ސައީދެވެ. ސީއޯގެ އޮފީހަށް ފެންނާމަނިކުފާނު ގެންގޮސް މުހައްމަދު ސައީދުގެ ކައިރީގައި ސީއޯ ބުންޏެވެ. މިއިންނެވި ފެންނާމަނިކުފާނު ކުރެން އަހައިބަލާށެވެ. ތިޔަހާބޮޑު ލަގަބެއް ދިވެހި ދައުލަތުން ތިބާއަށް ތިޔަ ދިނީ އަޅެ އެހެން މީހުންނަށް ނުފެންނަ ކޯޗެއް ތިބާއަށް ފެންނާތީ ހެއްޔެވެ. ތިޔަ ފެންނަފެނުމެއް އަހަރެމެންނަށް ވެސް ކިޔައިދީބަލާށެވެ. ފެންނާމަނިކުފާނު ނިކަން އިއްޒަތްތެރި ވައްތަރެއް މޫނުމައްޗަށް ގެނެސްފައި މުހައްމަދު ސައީދަށް ބުންޏެވެ. މީނދަ ފަރަންޖީ ކަލޭގެ ކައިރީގައި ބުނާށެވެ. ކަލޭ ފޫހަރާލައިގެން ތިޔައިން ގޮނޑި އާއި އެގޮނޑީގެ އަޑިން ހަތް މޭލާއި އޭގެ މަތިން ހަތް މޭލުވެސް ތިމަންނާއަށް އެބަފެނެއެވެ.

މިއަޑު އިވިފައި ސީއޯ ބުންޏެވެ. ދިވެހި ދައުލަތުން ކުރިއެއްކަމަކު ތިޔަ ލަގަބު ދީފައި އޮތީ މުޅިން ބަރާބަރަށެވެ. އަހަރެން ދޭ އެއްޗެއްކަމުގައިވީނަމަ ދޭނީ އެންމެ ލަގަބެއް ނޫނެވެ. ތިޔަކަހަލަ ލަގަބުގެ ފައްޗެއް ދިނީމުހެވެ. މިހެން ބުނެފައި ފެންނާމަނިކުފާނަށް ވަރަށް ހެޔޮކޮށް ހިތާފައި ގަމުގެ ބައެއް އަސްކަރީ ތަންތަންވެސް ދައްކައި ލަފާވެސް އަހައިފައި މީދޫއަށް ފޮނުވާލައިފިއެވެ.

You may also like...

1 Response

  1. Aminath says:

    Asathaa, mi manikafaan akee hama fennaa kamah ves adhi ehen kankamah ves varah molhi himaiytheri beyfulheh. Mimanikfaan co vee size kuravvaifithaa

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!