ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 19

ތިޔައީ ކަލޭގެ އުނިކަމެވެ
ހުޅުދޫ ކުދުބޭބެ އަކީ ދޭތެރެއަކުން ކޮޅުނބަށް ވިޔަފާރިކަމުގޮސް އުޅޭ މީހެކެވެ. އަތްމަތި ތަނަވަސް ގޮތްހުރި މީހެއްމެއެވެ. އެއްފަހަރަކު ކޮޅުނބަށް ނުދެވި ގިނަދުވަސްވުމުގެ ސަބަބުން ގޭގައި ހުރި ކާޑުކޮޅު ހުސްވެއްޖެއެވެ. މީދޫ ފެންނާމަނިކުފާނަކީ ކުދުބޭބެއާ އަބަދުވެސް ވަރަށް ގާތް މީހެކެވެ. އެހެންވެގެން ފެންނާމަނިކުފާނުގެ ކައިރިއަށްގޮސް ފަހުންދޭންކަމަށް އެއްބަސްވެ ހަނޑުބަސްތާއެއް އަތުލައިފިއެވެ. ދެމީހުންގެ އެއްބަސްވުމަކީ ދެންއެންމެ އަވަހަށް ކޮޅުނބަށް ގޮސްފައި އަންނަމުން ފެންނާމަނިކުފާނަށް ހަނޑޫބަސްތާއެއް ގެނައުމެވެ. ދެމީހުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ސަބަބުން މިދަރަންޏަށް އެއްވެސް ރިބާއެއް ނެތެވެ. އޮތްހާވެސް ކަމަކީ ހަނޑުބަސްތާއަކަށް ހަނޑޫބަސްތާއެކެވެ.

ގިނަދުވަސްތަކެއް ނުވެ ހުޅުދޫ އެޅެހިށިގޭ އޮޑިން ކުދުބޭބެ ކޮޅުނބަށް ފުރައިފިއެވެ. ކޮޅުނބުން ވިޔަފާރިކޮށްގެން މިއޮޑި އެނބުރިއައިސް ހުޅުދޫގައި ބަނަދަރުކުރުމުގެ ކުރިން ފެންނާމަނިކުފާނަށް މި ޚަބަރުލިބިއްޖެއެވެ. މިޚަބަރު ހަމަލިބުމާއެކު ބަނޑިހިގޭ ސަރުދާރަކަށް އުޅޭ ދޮންއައްލާ ގޮވައިގެން ހަނޑޫ މިނާ ނާޅިއަކާއި ބޮޑު ރުނބައަކާއި ގާޑިޔަލަކާއިގެން ފެންނާމަނިކުފާނު ހުޅުދޫ ބަނދަރަށް ގޮސް ކުދުބޭބޭގެ އިންތިޒާރުގައި އެބަހުރެއެވެ. މިހެން ހުއްޓައި ތިންހަތަރު ހަނޑޫބަސްތާއާއެކު ކުޑަބޮއްކުރައަކުން ކުދުބޭބެ އައިސް ބަނދަރު ތޮށްޓާއި ގާތްކޮށްލައިފިއެވެ. ހަމަގާތްކުރުމާއެކު ދޮންއައްލާއަށް އަންގައިގެން މިތަނުން ބަސްތާއެއް ފެންނާމަނިކުފާނު ނަގައިގެންފިއެވެ.

ކުދުބޭބެ ސުވާލުކުރިއެވެ. ބަލަބަލަ ތިޔަކުރަނީ ކީއްހެއްޔެވެ. އަހަރެން ދެންމެ މިއައީއެވެ. ތިޔަދަރަނި އަދި އަދާނުކުރެވި ލަސްވީއަކީވެސް ނޫނެވެ. ތިޔަކަން ހުއްޓާލާފައި ހިނގައިދާށެވެ. ވަގުތެއްވިއިރަކުން އަހަރެން ހަނޑޫބަސްތާއެއް ހިފައިގެން ބަނޑިހިގޭ ދޮށަށް އަންނާނަމެވެ. ފެންނާމަނިކުފާނު ބުންޏެވެ. މިތަނަށް މިއޮތީ އާދެވިފައެވެ. އެހެންވީމާ ބަނޑިހިގެއަށް ދިޔުމުގެ ބުރަ ކުދުބޭބެ އުފުލާނެކަމެއް ނެތެވެ. މިބަސްތާ ދެން އަހަރެން ގެންދަނީއެވެ. މިހެން ކިޔާފައި ދޮން އައްލާއަށް އަމުރުކުޅައެވެ. ހަނޑޫ މިނާފައި މިއޮތް ނާޅިން ރުނބަޔަށް އަޅައިބަލާށެވެ.

ހަނޑޫ މިނެފައި ރުނބަޔަށް އެޅިއިރު މިބަސްތާގައި ހުރިކަމަށް ވަނީ ސައްބީސް ނާޅި ހަނޑުލެވެ. ފެންނާމަނިކުފާނު ބުންޏެވެ. މުޅިން ސަކަރާތެވެ. އަހަރެން ކުދުބޭބެއަށް ދިން ބަސްތާގައި ތިރީސް ނާޅި ހަނޑޫ ހުންނާނެއެވެ. އެހެންވީމާ އަދި އިތުރު ހަތަރު ނާޅި ހަނޑޫ ބަނޑިހިގެއަށް ގެންނަންވާނެއެވެ. މިއަޑުއިވިފައި ކުދުބޭބެ ބުންޏެވެ. އަހަރެން ފެންނާމަނިކުފާނު އަތުން އަތުލީ ހަނޑޫބަސްތާއެކެވެ. މިއީވެސް ހަމަ އެވަރުގެ ބަސްތާއެކެވެ. އެހެންވީމާ ބަސްތާއަކަށް ބަސްތާއެއް ދެވުނީއެވެ. ތިޔަބުނާ ނާޅިއެއް އަހަރެން ނުބަލަމެވެ. ފެންނާމަނިކުފާނު ބުންޏެވެ. ބަސްތާ ނެގިއިރު އެއީ ކިތައްނާޅިކަން ނުބެލުމަކީ ކަލޭގެ މައްސަލައެކެވެ. އެއީ ކަލޭގެ އުނިކަމެވެ. އޭގެ އަގު އަދާކުރުމަކީ މަގޭ ޒިންމާއެއް ނޫނެވެ. އެހެންވީމާ މާދަމާ އިރުއޮއްސުމުގެ ކުރިން އިތުރު ހަތަރުނާޅި ހަނޑޫ ބަނޑިހިގެއަށް ގެންނަންވާނެއެވެ. މިހެން ކިޔާފައި ހަނޑޫ ރުނބާ ގާޑިޔަލަށް ލައިގެން ދޮންއައްލާއާއެކު މީދޫއަށް ނައްޓާލައިފިއެވެ.

ސައްކިރާ އާއި ކެޔޮދޯރާ ސައިންސް
ކެޔޮދޯރާއަކީ ތަންކޮޅެއް ކުރީގައި އައްޑޫ މީހުން ތައްޔާރުކުރާ ޚާއްސަ ކެއުމެކެވެ. މިއެއްޗެއް ތައްޔާރުކުރަނީ ތާޒާ ރުކުރަލުގެ ތެރެއަށް ފަތްކެޔޮ ކޮށާފައި އަޅައިގެން މަޑުގިނީގައި ހައެއްކަމިނިޓު ކައްކައިގެންނެވެ. ދެން ތަށިތައްޓަށް އަޅާފައި ހައެއްކަގަޑިއިރު ބެހެއްޓީމާ އެއޮތީ އެންމެމަތީ ކޮލިޓީގެ މީރު ކެޔޮދޯރާއަށް ވެފައެވެ. މިއެއްޗަކީ ރާއްޖޭގެ އެހެން ހިސާބެއްގެ ބަޔަކު ތައްޔާރުކުރާ ކަމަށް އެގިފައިވާ އެއްޗެއް ނޫނެވެ. އެހެންވެ މިއަށް ކިޔާނެ އެހެން ނަމެއްވެސް ނޯވެއެވެ. މިއީ ކުޑަކުދިންނަށް ވަރަށް މީރު ކެއުމެއްކަމަށް ބުނެވެއެވެ.

ކެޔޮދޯރާ ތައްޔާރުކުރަނީ އާއްމުގޮތެއްގައި ވައްފަލަ ކޭލުންނެވެ. ވައްފަލަ ކޭލަކީ އެހެންކަންކަމަށްވެސް އެންމެ ޑިމާންޑު ބޮޑުކޭލެވެ. ދޮންކޮށްގެން ދޮންކޭލުގެ ގޮތުގައިވެސް އަދި ފެނުގައި ކައްކައިގެން ފަލަމަޑީގެ ގޮތުގައިވެސް ބޭނުންކުރަނީ ވައްފަލަ ކޭލެވެ. ކެޔޮގަނޑުގެ އެންމެ ކޮޅުގައި ބޯއްޓާއި އެންމެކައިރިއަށް ހުންނަ އެންމެ ވައް ކުދި އަރިއަކީ ކެޔޮދޯރާ ހެދުމަށްވެސް އަދި އެހެންކަމަކަށް ވެސް ބޭނުންކުރާ އަރިއެއް ނޫނެވެ. އެއަރިއަށް އައްޑޫ މީހުން ކިޔައިއުޅެނީ ސައްކިރާއެވެ. މާލޭގައި އެއަށް ސައްކިރިވެސް ކިޔައި އުޅެއެވެ.

އައްޑޫގައި ގިނަމީހުން ހަދާގޮތަކީ ސައްކިރާ ކަނޑައި އެއްލާލަނީ އެވެ. މިހެން ހެދުމުން ކެޔޮގަނޑުގެ ދެން ހުންނަ އަރިއަރީގެ ވައްތައް އިހުނަށްވުރެވެސް ބޮޑުވެފައި ވަރުގަދަވާކަމަށް ބުނެވެއެވެ. މިހެން މިކަން އޮންނާތީ ސައްކިރާއަކަށް ހަމައެއްވެސް މަގާމެއް ނޯވެއެވެ. ބަނޑިހިގޭގައިވެސް ސައްކިރާ އެއްލައިލަނީއެވެ. ބަނޑިހިގޭ ކުދިންނަށް ކެޔޮދޯރާއަކީ ވަރަށްވެސް މީރު އެއްޗެކެވެ. ކޮންމެ ދުވަހަކުހެން މިއެއްޗެއް ތައްޔާރުކުރަން ޖެހެއެވެ. އެގޭގައި ވެސް ކެޔޮދޯރާ ތައްޔާރުކުރަނީ ވައްފަލަ ކޭލުންނެވެ.

ފެންނާމަނިކުފާނަކީ ދަހިކަމާއި މުށްބާރުކަމުގައި އެފަދަ ދެވަނައެއްނެތް އިންސާނެކެވެ. އެއްވެސް ބޭނުމެއް ނެތި ސައްކިރާ އެއްލައިލާތީ އަމިއްލަ ދަރިންނަށް ކާންދީގެންވެސް ސައްކިރާގެ ބޭނުން ހިފައި ވައްފަލަ ކެޔޮ ސަލާމަތްކުރަން ފެންނާމަނިކުފާނު ބޭނުންވެއެވެ. އެކަމަކު މީނާގެ އަންހެނުން އެޅެގޭ އައިމިނާދި މިކަމަށް އެއްބަސްނުވާތީ ނުކުރެވެނީއެވެ. އައިމިނާދި ބުނެއެވެ. އެއްވެސްބަޔަކު ނުކުރާކަމެއް އަހަރެމެންކުރީމާ މީހުން ދެން ކިޔާނީ ފަހެ ކީކޭ ހެއްޔެވެ. މީހުން ކިޔާނެއެވެ. ދަހިކަމުގައިވެސް އެތިބީ ހައްދުފަހަނަޅާފައެވެ.

އެހެންމީހުން ލައްވައި ސައްކިރާއިން ކެޔޮދޯރާ ތައްޔަރުކުރުވަން ނުފަށާހާ ހިނދަކު ބަނޑިހިގޭގައި މިކަން ނުކުރެވޭނެކަން ފެންނަމަނިކުފާނު ޔަގީންކޮށްފިއެވެ. ހުޅުދޫ ކުދުބޭބޭއަކީ އާއްމުގޮތެއްގައި މިޒާތުގެ އާ އުފެއްދުންތައް އުފެއްދުމުގައި މަޝްހޫރު މީހަކަށްވުމާއި އާކަންކަން ތައާރަފްކޮށްފައި އެއަށް ހުއްޖަތް ދެއްކުމަކީވެސް ކުދުބޭބޭ ވަރަށް ކުޅަދާނަ ކަމަކަށްވާތީ ކުދުބޭބޭ ހައްލާލައިގެން ސައްކިރާ މާކެޓް ކުރުމަށް ފެންނާމަނިކުފާނު ނިންމައިފިއެވެ.

މިކަމަށް ގަސްތުކޮށްގެން އެއްދުވަހެއްގެ ނިކަން ހެނދުނު ހެނދުނާ ހުޅުދޫއަށް ގޮސް ކުދުބޭބޭމެންގެއަށް ފެންނާމަނިކުފާނު ވަދެއްޖެއެވެ. އަސްތާ މިހާ ހެނދުނާ ފެންނާމަނިކުފާނު ކޮން ވަޑާމެއްހޭ ކުދުބޭބޭ ސުވާލު ކުރީމާ ބުންޏެވެ. މިއައީ ވަރަށް މުހިއްމު ވާހަކައެއް ބުނަންވެގެންނެވެ. ވަރަށްވެސް މުހިއްމު އެއްޗެއް ދަސްކޮށްދޭން ވެގެންނެވެ. ކުދުބޭބެއަކީ އެއްވަރެއްގެ ކުޑަކުދިން ގޮވައިގެން އުޅޭ ތެދުވެރި މީހެއް ވީމާ މިވާހަކަ އަންގާނުލައި ގިނައިރު ކުރާން ނުކެރިގެން އިރުއެރުމާއެކު މިގެއަށް އައީއެވެ. އެއީ އަޅެ ކޮންވާހަކައެއްހޭ ކުދުބޭބޭ ސުވާލުކުރީމާ ބުންޏެވެ. އެއީ ސައްކިރާ އެއްލާނުލައި އެއިން ކެޔޮދޯރާ ތައްޔާރުކޮށްގެން ކުދިންނަށް ކާންދިނުމުގެ ވާހަކައެވެ.

ފެންނާމަނިކުފާނު ބުންޏެވެ. ސައްކިރާ އެއްލާލާކަށް ނުވާނެއެވެ. ސައްކިރާއާ ޖެހިގެން ހުންނަ ބޯއްޓަކީވެސް ސަޓަނި ހެދުމާއި ރިހަކެއްކުމާއި އަދި އެނޫންވެސް ކަންކަމަށް ހާދަ ފައިދާބޮޑު އެއްޗެކެވެ. އެހެންވީމާ ސައްކިރާގެ ބޭނުންވެސް ހިފަން ޖެހޭނެއެވެ. އޭގެ ވައްތައް ކުދިވިޔަސް އޭގައިވެސް ކޭލުގައި ހުންނަ ހުރިހާ މާއްދާތައް ހުންނާނެއެވެ. ކުދިވެއްޖިއްޔާ އެ މާއްދާތައް އިތުރުވުންވެސް ގާތެވެ. މިރުހުގެ ތެރެއިންވެސް އެންމެ ކުޅިކަން ގަދައީ ކުދި މިރުހެވެ. އެހެންވީމާ ކޭލުގެ ތެރެއިންވެސް އެންމެ ފައިދާބޮޑުވެގެންވާނީ ސައްކިރާގައި ހުންނަ ކުދި ކޭލެވެ. އަހުރެންނަށް ޔަގީންވާގޮތުން ސައްކިރާގެ ކޭލަކީ ކެޔޮދޯރާ ތައްޔާރު ކުރުމަށް އެންމެ އެކަށީގެންވާ ކޭލެވެ. އެހެންވީމާ ދެން މިގޭގައިވެސް ކެޔޮދޯރާ ހަދަންވާނީ ސައްކިރާއިންނޭ ބުނެ އަންގާފައި ފެންނާމަނިކުފާނު ނުކުމެގެން ހިގާއްޖެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!